އަދުގެ ޚާއްސަ

Print

ފިކުރުގެ ބާޒާރު

ޝާޢިއުކުރީ އިބްރާހީމް ރަޝީދު މޫސާ . ހިމެނޭބަޔަކީ ދުނިޔެ


 އަލްއުސްތާޛު އިބްރާހީމު ރަޝީދު މޫސާ       

މި ޒަމާނަކީ   ފިކުރުތަކުގެ ޒަމާނެވެ. އުފައްދާ އެއްޗެއްސަށް ވުރެ އުފައްދާ ފިކުރުތައް މާގިނަ އެވެ. އަދި މުދާ ބޭރުކުރާގޮތަށް ފިކުރުތައް ވެސް ތަފާތު މަރުކާތައް ޖަހައިގެން، ތަފާތު ލޭބަލްތައް ތަތްކޮށްގެން ޤައުމުތަކަށް އެތެރެ ވެސް ކުރުވަ އެވެ. މުދާ ބަދަލުވާގޮތަށް ފިކުރާއި ވިސްނުން ވެސް ބަދަލުކުރަންޖެހޭނެކަމަށް ގޮވާއަޑުތައް އިތުރުވަމުންދާތަން ވެސް ފެނެ އެވެ. ބޭރުން އަންނައެއްޗެއްސަށް ރޭރުވާގޮތަށް ބޭރުން އެތެރެވާ ފިކުރުތަކުގައި އާވާރާވާތަން ވެސް ފެނެ އެވެ.

އެތެރެވާ ފިކުރުތައް ގިނަކަމުން ކިޔާނީ ކޮންއެއްޗެއްކަމެއް، ހިފާނީ ކޮން ފިކުރެއްގައި ކަމެއް ނޭނގި ތިއްބާ އިތުރު ފިކުރުތައް ވަދެ ސިކުޑިތައް އާޝޯޚުކޮށްލަ އެވެ. ވަގުތު ފާއިތުވެ މި ފިކުރުތައް ބައު ނުވަނީސް އެ އަށްވުރެ އޮފުގަދަ އެއަށްވުރެ ހިތްދަމައިގަތުމުގެ ބާރު ވަރުގަދަ، އެއަށްވުރެ ކުލަގަދަ ފިކުރެއް އުފަންކުރުވަ އެވެ.

މިކަހަލަ ފިކުރުތަކުގެ އަމާޒުތަކުގެ ތެރޭގައި އިސްލާމީ ޤައުމުތައް ހިމެނެ އެވެ. މުސްލިމުންނަކީ  ތަޥްޙީދުގެ ޢަޤީދާއެއްގެ ވެރިބަޔަކަށް ވާތީ އެވެ. އެމީހުންގެ ކިބައިން  އަނެކުން ޤަބޫލުކުރަން ބޭނުން ނުވާ ޚާއްޞަފިކުރުތަކެއް ފެންނާތީ އެވެ.

މިފަދަ ފިކުރުތައް މުސްލިމުންގެ ތެރެއަށް އެތެރެކުރަނީ މުސްލިމުންނާ އެމީހުންގެ އަޞްލު ފިކުރުތަކާ ދެމެދަށް ހުރަސްއެޅޭތޯ އެވެ. މުސްލިމުން އެމީހުންގެ ދީނަށް ބީރައްޓެހިކުރުވޭތޯ އެވެ. މުސްލިމުން ފިކުރީގޮތުން މިނިވަންވެދާނެތީ އެވެ. މުސްލިމުންގެ އަމިއްލަ ވިސްނުމާއި ފިކުރުން ފުދުންތެރިކަން ޙާޞިލުކޮށްފާނެތީ އެވެ.

ފިކުރުގެ ބާޒާރަކީ އެންމެ ނުރައްކާތެރި ބާޒާރެވެ. އެއީ އެންމެ ފާސިދު، ލޭއޮހޮރުވުން އެންމެ ގިނަ ބާޒާރެވެ. މި ފިކުރުތަކަކީ ޖަރާސީމުހަތިޔާރަށްވުރެ މާ ބާރުގަދަ ހަތިޔާރެކެވެ. އެއީ ޖައްވުގެ ތެރޭގައި ވައިފެތުރޭވަރަށް ވުރެ މާބާރަށް ފެތުރެމުންދާ ވިހަތަކެކެވެ.

މި ފިކުރުތައް ވަންނަނީ ވަރަށްރީތިހެދުމެއްގަ އެވެ. ވަރަށް ރީތި ޝިޢާރެއްގެ ތެރޭގަ އެވެ. ނުވަތަ ވަރަށް އަލިގަދަ ދަންމަރުތަކެއްގެ ގޮތުގަ އެވެ. މި ފޭރާމަކީ، ޝިޢާރަކީ ނުވަތަ ދަންމަރަކީ އޮޅުވާލުމަށްޓަކައި ބޭނުންކުރާ ނިވާފަތްގަނޑެކެވެ.

މިފަދަ އަފްކާރުތަކުގެ އެންމެ ބޮޑު އަމާޒަކަށް އިސްލާމީ ދުނިޔެ ވުމުގެ ސަބަބުން،  މި ފަދަ ޙަމަލާތައް އެ ދުނިޔެއާ ދިމާއަށް މިސްރާބުވެގެންދެ އެވެ. މި ފަދަ ފިކުރުތަކުގެ އަޑީގައިވާ ބާރުތަކަކީ ޒާތީ ތަޢައްޞުބުން ފުރިފައިވާ ނަޞްރާނިއްޔަތާއި ނަސްލީއިމްތިޔާޒުގެ ވެރި ޞިހްޔޫނިއްޔަތެވެ. މި ދެބާރުގެ ދެމެދުގައިވާ ޢަޤީދާގެ ތަފާތުކަމާއެކުގައި ވެސް މުސްލިމުންނާ އިސްލާމްދީނާ ދެކޮޅަށް މަސައްކަތްކުރާއިރު މި ދެބާރަކީ އެކަތިގަނޑަކަށްވެފައިވާ އެއްބާރެވެ. މި ދެބާރާއެކު ވުޖޫދީންނާއި މާއްދީންނާއި އެތީސްޓުންނާއި މާސޫނީން އަތްގުޅާލައިފާވެ އެވެ. އިސްލާމީދުނިޔެއަށް މިފަދަ ފިކުރުތައް އެތެރެކުރުމުގައި އަދި މިފަދަ ވިހަތައް ބުރުއްސުމުގައި އަމާޒަކީ އިސްލާމީ ދުނިޔެ މާޒީއެއްނެތް، ތާރީޚެއް ނެތް ބުރަދަނެއް ނެތް ، ދޯހަޅިބަޔެއްކަމުގައި ހެދުމެވެ.

ހުރިހާ ފަސާދަޔަކާއި ނުބައި ވިސްނުންތަކާއި، ޢަޤީދާތަކާއި، ހެދުމާއި، ސުލޫކާއި ފެޝަންތަކުގެ ފަހަތުގައިވާ ބާރަކީ ޞިހްޔޫނިއްޔަތެވެ. އެމީހުންނަށް ލާބައާއި މަންފާހުރި ހިންގުމުގެ ހަރަކާތްތަކާއި ފިކުރުތަކާއި އިޤްތިޞާދީ ޙަރަކާތްތަކާއި ފިކުރުތަކާއި، އިޖްތިމާޢީ ޙަރަކާތްތަކާއި ފިކުރުތަކުގެ ފަހަތުގައިވާ ބާރަކީ ހަމަ ޞިހްޔޫނިއްޔަތެވެ. އެއިން ފައިދާ ނުލިބޭނަމަ ކިތަންމެ ރަނގަޅު ޚިޔާލަކަށް ވިޔަސް މި ޚިޔާލެއް ހަލާކުކޮށްލުމަށް، ނައްތައިލުމަށް ޞިހްޔޫނީން މަސައްކަތް ވަނީ ކޮށްފަ އެވެ. އަދި ދަނީ ކުރަމުންނެވެ.

ޞިހްޔޫނީން ބުނާގޮތުގައި އެ މީހުންގެ ދަށަށް ދުނިޔެ ގެނައުމަށްޓަކައި އެމީހުން ތިންމީހަކު އުފެއްދިއެވެ. އެއީ ދުނިޔޭގެ އިޤްތިޞާދު ހަލާކުކޮށް ކަލަކުވޮޑިގެންވާކަން ޤަބޫލުކުރުން، މީހުންގެ ވިސްނުމުންބޭރަށްލުމަށްޓަކައި ކާރލް މާރކްސް އެވެ. ﷲގެ ކުޅަދުންވަންތަކަމާއި ޚާލިޤުވަންތަކަމަކީ އޮތްއެއްޗެއްނޫންކަން ބަޔާންކޮށް ދީނީ ޢަޤީދާއިން އެބައި ނައްތައިލުމަށްޓަކައި ޗާރލްސް ޑާރވިނެވެ. ބަދުއަޚްލާޤީޢަމަލުތައް ފެތުރުމަށާއި ޖިންސީ ޝަހްވާތުތައް ރަނގަޅުކަމެއްކަމުގައި ހެދުމަށްޓަކައި ސިގްމަންޑް ފްރޮއިޑެވެ. މި ތިންމީހުންނަކީ ވެސް ޔަހޫދީންނެވެ. އެމީހުން މަޝްހޫރު ކުރުވީ އަދި އެމީހުންގެ ފިކުރުތައް އެއްޗެއްކަމުގައި މީސްތަކުންނަށް ދެއްކުވީ ޞިހްޔޫނީންނެވެ.

ކާރލް މާރކްސް އަކީ ކޮމިޔުނިޒަމްގެ ބާނީ އެވެ. މީނާގެ މި ފިކުރަކީ ދީނާއި އަޚްލާޤު  ހަލާކުކުރުމަށާއި، ދުނިޔޭގައި އޮތް އުންމަތްތައް ހިންގުމުގެ ހަމަހިމޭންކަން ނައްތައިލުމަށާއި، ޤައުމުތަކުގެ އެތެރެ ރޫޅާލުމަށްޓަކައި  އިންޤިލާބުތައް ގެނެއުމަށާއި،  ތަނުގައި އޮންނަ  އެއްބައިވަންތަކަން ނަގައިލުމަށްޓަކައި ގަޑުބަޑުތައް އުފެއްދުމަށް ހިތްވަރުދޭ އެކަމަށް ގޮވައިލާ ފިކުރެކެވެ.

ޔަހުދީ ފިލޯސަފަރެއްކަމުގައިވާ އެމީލް ދޫރުކައިމަކީ ހުޅަނގުގެ ނަޒަރުގައި އިޖްތިމާޢީ ޢިލްމުގެ ބައްޕައެވެ. ނަމަވެސް އޭނާގެ މާކުރިން އިބްނު ޚަލްދޫން ވަނީ މި ޢިލްމުގެ ބިންގާތަކާއި އުޞޫލުތައް ކަނޑައަޅުއްވައިފަ އެވެ. ދޫރުކައިމަކީ ޢާއިލާތައް ރޫޅައިލުމާބެހޭގޮތުން މިޒަމާނުގައި ފެންނަމުންދާ ހުރިހާ ޙަރަކާތްތަކެއްގެ ބާނީ އެވެ.

ޔަހޫދީއެއް ކަމުގައިވާ (ނުވަތަ ދެބައިކުޅައެއްބައި ޔަހޫދީއެއްކަމުގައިވާ) ސާޓަރަކީ ވުޖޫދިއްޔަތުމަޛްހަބުގެ ބާނީ އެވެ. މި މަޛްހަބުގެ ސަބަބުން އިންސާނުން ވަނީ ޙައިވާނުންނަށް ބަދަލުވެފަ އެވެ. މި ޙައިވާނިއްޔަތުގެ ސަބަބުން އިންސާނާގެ ރިވެތިއަޚްލާޤު ވަނީ  މުޅިން ގިރިގެން، ވިރިގެންގޮސްފަ އެވެ. އަދި އިންސާނާ ވަނީ ބޮޑު މާޔޫސްކަމެއްގެ ތެރެއަށް ވައްޓާލައިފަ އެވެ.

ސިގްމަންޑް ފުރޮއިޑަކީ ނަފްސާނީ ޢިލްމުވެރިއެއްކަމަށް މަޝްހޫރުކުރުވާފައިވާ މީހެކެވެ. އޭނާގެ ނަޒަރުގައި ދީނަކީވެސް، މައިންބަފައިންދެކެ ލޯބިވުމަކީވެސް، އެކަކު އަނެކަކާ އަޅައިލުންފަދަ މަތިވެރި ސިފަތަކުގެ އަމާޒަކީވެސް ޖިންސީ ޝަހްވަތްތެރިކަމެވެ. އޭނާގެ ގޮވައިލުމަކީ ރިވެތިއަޚްލާޤާއި މަތިވެރި އަދަބުތައް ނައްތައިލުމަށް ގޮވައިލާގޮވައިލުމެކެވެ.

ޗާރލްސް ޑާރވިން އަކީވެސް ޔަހޫދީއެކެވެ. އޭނާގެ ނަޒަރުގައި އިންސާނާއަކީ މާތްﷲ ހެއްދެވި މަޚްލޫޤެއްނޫނެވެ. އެއީ ކުދިކުދި ހަތާތައް ތަރައްޤީވެގެން ބަދަލުވެގެންއައިސް އުފެދުނު އެއްޗެކެވެ. އޭނާ އިންސާނާގެ އަޞްލުކަމަށް ބަލަނީ ރާމާމަކުނެކެވެ. ސަމާވީ ހުރިހާދީންތަކެއްގެ ޢަޤީދާ އާއި ތަޢާރުޟުވާ މި ތިޔަރީއަކީ ޢިލްމީގޮތުން ވެސް ބުރަދަނެއް ހުރި ނަޒަރިއްޔާއެއްނޫނެވެ. ނަމަވެސް އިސްލާމީޤައުމުތަކުގެ މަދްރަސީ މަންހަޖުތަކުގެ ތެރެއަށް މި ނަޒަރިއްޔާ ވަނީ ވައްދައިފަ އެވެ. މުސްލިމު ދަރިވަރުންގެ ޢަޤީދާގައި ޝައްކު އުފެއްދުމަށްޓަކަ އެވެ.

މި ފަދަ ފިކުރުތައް  އިސްލާމީޤައުމުތަކަށް އެތެރެކުރުމަށްޓަކައި ބޭނުންކުރި ވަސީލަތްތަކުގެ ތެރޭގައި އިސްތިޢުމާރު ހިމެނެ އެވެ. ހިންގުމުގެ ނިޒާމަށް ނުފޫޒުފޯރުވާ އިސްތިޢުމާރާޢި، އިޤްތިޞާދީ އިސްތިޢުމާރާއި، ފިކުރީއިސްތިޢުމާރާއި އިޖްތިމާޢީ އިސްތިޢުމާރުފަދަ، އިސްތިޢުމާރުގެ ބާވަތްތަކެވެ.

އިސްލާމީޤައުމުތަކަށް އިސްތިޢުމާރު އަތުން މިނިވަންކަން ލިބުނު ނަމަވެސް އިސްތިޢުމާރީ މި ފިކުރާއި ވިސްނުންތަކުން އިސްލާމީޤައުމުތައް އަދިވެސް މިނިވަނެއްނުވެ އެވެ. އިސްލާމީ ކިތައް ޤައުމު އިޝްތިރާކިއްޔަތުގެ އަވާގައިޖެހުނުތޯ އެވެ؟ ކިތައް ޤައުމު މާރކްސިޒަމުގެ އޮއިވަރުގެ ތެރެއަށް ގެނބުނުތޯ އެވެ؟ ކިތައް ޤައުމު ޢަލްމާނީ (ސެކިޔުލަރ) ޚިޔާލުގެ އަޅުންނަށް ވީތޯ އެވެ؟
ޞަލީބީންނާއި ޞިހްޔޫނީންގެ ދަލުގައި ޖެހިފައިވާ ވޭތޯ އެވެ؟ ޑިމޮކްރެސީގެ ރީތިދަޅައެޅި، ޙަޤީޤަތް ވަންހަނާވުމުގެ ސަބަބުން ހުޅަނގުގެ ނިޒާމުތަކަށް ތަބާވަނީ ކިތައް ޤައުމުތޯއެވެ؟ މިޒަމާނުގައި ފެންނަ އައު ޚިޔާލުތަކަކީ  ބަވަނަވަންތަކަމާއި، ދެފުށްފެނުމުގެ ހިންގުމުގެ ނިޒާމުތަކަކާއި ވިޔަފާރި މިނިވަންކުރުމުގެ ވާހަކަތަކެވެ. ދެފުށް ފެންނަ ހިންގުމުގެ ނިޒާމުތަކަށް އިސްލާމްދީން ނޫން ހުރިހާ ޢަޤީދާތަކެއް ފެނެ އެވެ. އިސްލާމްދީނާ ހަމައަށް އަންނައިރު  މި މީހުންނަށް ފެންނަނީ ތަންފީޒުކުރަންޖެހިފައިވާ ޞިހްޔޫނީ ޚިޔާލުތަކެވެ. ވެޓިކަންގެ މަޝްރޫޢުތަކެވެ.

މި ފިކުރުތަކާއި ޚިޔާލުތަކާ ކުރިމަތިލުމަށްޓަކައި އިސްލާމީ އުއްމަތަށް މިއަދު މިވަނީ ހޭލަންޖެހިފަ އެވެ. ދީނީހޭލުންތެރިކަމަކަށް މިވަނީ ބޭނުންޖެހިފަ އެވެ. ބޭރުން އެއްޗެހިތަކެއް އެތެރެނުކޮށް ކީރިތިޤުރްއާނުން  ހުރިހާ އެއްޗެއް ލިބެން އެބަހުއްޓެވެ. އަދިކީއްތޯ އެވެ؟ އަޅުގަނޑުމެން މުސްލިމުންނަށް ކީރިތިޤުރްއާނުން ފިކުރުތަކާއި ޚިޔާލުތަކާއި ނަޒަރިއްޔާތުތައް ބޭރު ވެސް ކުރެވެން އެބައޮތެވެ. އިސްލާމީ އުއްމަތަށް ވަނީ ޙަޤީޤީމިނިވަންކަމަށް އަނބުރާދާންޖެހިފަ އެވެ. ޤުރްއާނަށް އަނބުރާދާންޖެހިފަ އެވެ. ޤުރްއާނުން އިޤްތިޞާދީ، އިޖްތިމާޢީ، ތަރްބަވީ، ސަގާފީ، ހިންގުމުގެ ފިކުރުތައް ހޯދުމަށްޓަކަ އެވެ. އަދި މި ފިކުރުތައް އެހެންމީހުންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކަ އެވެ.
 
لاإله إلاالله محمدرسولاللهފަށްފަށްކޮށްކިޔުމަކުން ނުފުދޭނެ އެވެ. މި ދެ ކަލިމައާ އެއްގޮތަށް ޢަމަލު ވެސްކުރަންޖެހޭނެ އެވެ. އެއީ ހަމައެކަނި މުނާސަބާތަކުގައި ތަކުރާރުކުރެވޭ ޝިޢާރަކަށް ވެގެންނުވާނެ އެވެ.

މި އަދުގެ ދުނިޔޭގައި އިސްލާމީ އެއްވެސް ދައުލަތަކަށް އިސްލާމްދީން، ޤާނޫނުއަސާސީގެ މުޤައްދިމާގައި ނުވަތަ މާއްދާއެއްގެ ގޮތުގައި ލިޔެލައިގެން އޮވެވޭކަށް ނެތެވެ. އަޅުގަނޑުމެން އެންމެހާ މުސްލިމުންގެ ޢަމަލުތައް މާތްﷲގެ ޝަރްޢާ އެއްގޮތްކުރެވެންޖެހޭނެ އެވެ.
-------------------
(ނިމުނީ)

ފޮޓޯތަކުގެ ތަޢާރުފު:

      1- ކަރލް މަރކްސް
      2- ސިގްމަން ފުރޮއިޑް
      3- ޗަރލްސް ޑަރވިން


މި ލިޔުން؛

  ފޮނުއްވީ:    އަލްއުސްތާޛު އިބްރާހީމް ރަޝީދު މޫސާ
  އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
  ޝާއިޢުކުރުން:   ''        ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ