އުވެމުންދާ ރާއެރިކަން
ފާޠިމަތު ސަޢީދު
އެވޭލާ ޒަމާނުގައި ރާއެރިކަމަކީ ދިވެހިންގެ ތެރޭގައި ތަރައްޤީވެ ކުރިއަރަމުން އައި ވަރަށް ބޭނުންތެރި ފައިދާ ބޮޑު މަސައްކަތެކެވެ. ރުކުރާއިން އުފައްދާ ތަކެތި ބޭނުން ކުރެވެމުން އައީ ކެއުމަށާއި ރާއްޖެއިން ބޭރަށް ގެންގޮސް ވިއްކައިގެން އާމްދަނީ ހޯދުމަށެވެ. މިދެންނެވި މަސައްކަތް އެންމެ ފުޅާދާއިރާ އެއްގައި ކުރަމުން އައީ ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގަ އެވެ. ޚާއްޞަ ކޮށް ފުވައްމުލަކާއި އައްޑު އަތޮޅުގައެވެ.
އެދުވަސްވަރުގައި ދިރިއުޅުމުގެ ފެންވަރާއި ތަނަވަސް ކަމަށްބަލާއިރު ރާއެރިންނަކީ އެއްވަނަ ފަންތީގައި ގުނާލެވޭ ޤަދަރު ހުރި ބައެކެވެ. 1922 ވަނައަހަރުގައި ހަމަ އެކަނި އައްޑުއަތޮޅުގައި 250 ރާއެރީން ތިބިކަމަށް ބުނާތީ އަޑު އިވެ އެވެ. މިހާރު އައްޑުއަތޮޅުގައި ތިބީ ރާއެރިކަން ރަނގަޅަށް ދަންނަ ހައެއްކަ މީހުންނޭ ބުންޏަސް ދޮގަކަށްނުވާނެ އެވެ. އެހެނަސް މި މީހުންނަކީވެސް ރަޖަބު މަހުން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ރާއަރާ މީހުންނެވެ. އާދެ، ރޯދަމަހަށްޓަކަ އެވެ. ތަނުން އުފައްދާ ފަލަމަޑިއާއި ގޮވާމާއި މަސްވެރިކަމާއެކުވެގެން މީހުންގެ ބަނޑު ފުރާނަ މުއްތިކުރުމުގައި އެންމެ ބޮޑު ބައެއް ކުޅެމުން އައީ ރާއެރިންނެވެ.
ޚާއްޞަ ކޮށް ރާލިބޭ އެންމެންނާއި ގަނެގެން ބޭނުންކުރެވޭ ފެންވަރުން އެންމެން މެންދުރުގެ ކާނާއަށް ބޭނުންކުރަނީ ފަތުލި ހަކުރާއި ވަޅޯމަހާއި ކާށްޓެވެ. ހެނދުނުގެ ނާސްތާއަކަށް ބޭނުން ކުރަމުން އައީ ދިވެހި ހަކުރުން ތައްޔާރުކުރާ ބޯކުރި ބަނބުކޭލާއި ކާށްޓާއި ވަޅޯމަހެވެ.
ރާއްޖެއިން ބޭރަށް ވިއްކަން ގެންދަނީ ދިވެހި ހަކުރުން އުފައްދާ، އާރޮހާއި، ކައްޓަލަ ކަލިޔާއާއި ބޮނޑި އެވެ.
ހެޔޮ ވިސްނޭ ކޮންމެ މީހަކު ވެސް ގަބޫލު ކުރާނެފަދައިން ފުރިހަމަ ތަރައްޤީއަކީ، އެބަޔަކު އުޅޭ ތަނަކުން އުފައްދާ ތަކެތި ބޭނުންކޮށްގެން އޭގެ އެހީގައި ހޯދޭ ތަރައްޤީ އެވެ. ތަރައްޤީ އަކީ ފައިސާ ލިބޭނަމަ ތަނުން އުފެއްދެން ހުރި ތަކެތި ދޫކޮށްލާފައި ތައްޔާރީ ތަކެތި ބޭނުން ކުރުމެއް ނޫނެވެ.
ޚިޔާލުގެ އަސް ތަނަވަސް މައިދާނަކަށް ނެރެގެން ދުއްވާލަމާތޯ އެވެ. އަޅުގަނޑުމެންގެ ކާބަފައިންގެ ޒަމާނުގައި ފަލަމަޑީގެ ބާވަތްތައް ކާއިރު ރަހަ ރަނގަޅު ކުރުމަށްޓަކައި ބޭނުން ކުރަނީ ހަވާދާއި ރޯމިރުސް ބޭނުން ކޮށްގެން ކައްކާފައި ހުންނަ ރާހުތެވެ. ކުކުޅު މަސް ފަދަ ތަކެތި މަޑުކުރުމަށްޓަކައި ބޭނުން ކުރަމުން އައީ ރުކުރާއިން އުފައްދާފައި ހުންނަ ރާހުތެވެ. މިހާރު އޭގެ ބަދަލުގައި މި ބޭނުން ކުރަނީ އެ ރަހަ ލައްވާފައި ހަދާފައި ހުންނަ "ވިނެގާރ" ކިޔާ އެއްޗެކެވެ. ހަގީގަތުގައި ރުކުރާގެ ރާހުތުގައި ދޭ ކަހަލަ މީރު ރަހައެއް އެޔަކު ނުހުރެ އެވެ.
އަޅުގަނޑުމެންނަށް ޒަމާނީ ތަޢުލީމު ލިބި ދުނިޔޭގެ އެތަންމިތަނަށް ދަތުރުކުރުމުގެ ފުރުސަތު ލިބި އެތަންތަނުގެ މީހުން އުޅޭގޮތް ފެނުމުން، އަމިއްލަ ކާބަފައިން ކުރަމުން އައި ރަނގަޅު ކަންތައް ދޫކޮށްލާފައި އެތަންތަނުން ފެންނަ ކަންތައްތައް ކޮޕީކުރުމަކީ ތަރައްޤީއެއް ނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައި އެމީހުންގެ ސަގާފަތް ދިރުވައި ހަރުދަނާ ކުރުމަށް ކުރާ މަސައްކަތަކީ ވަންހަނާ ވެގެންވާ ކަމެއް ނޫނެވެ. އަޅުގަނޑުމެންގެ އަވަށްޓެރި ސްރީލަންކާގައި ވެސް ރާއެރުމުގެ މަސައްކަތް ކޮށް އުޅެ އެވެ. ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގެ ޕޭސްޓްރީ ތަކަށް ލަންކާ އިން އެތެރެކުރާ "ޖަގްރީ" އަކީވެސް ރުކުރާއިން އުފައްދާ އެއްޗެކެވެ. ޒަމާން ތަރައްޤީ ވާވަރަކަށް އެމީހުން ދަނީ އެ މަސައްކަތް ތަރައްޤީ ކޮށް ކުރި އަރުވަމުންނެވެ.
ވީއިރު އަޅުގަނޑުމެން، ރާއެރިކަމަކީ ހުތުރު ކަމެއް ކަމުގައި ދެކިގެން އެކަމަށް ފުރަގަސް ދޭންވީ ސަބަބަކީ ކޮބައިތޯ އެވެ. ރާއެރިކަން އަޅުގަނޑުމެންގެތެރެއިން ނެތިދިއުމަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތާމެދު އަޅުގަނޑުމެންގެ އަމިއްލަ ނަފުސުން ވެވޭ ޚިޔާނާތެއް ކަމުގައި ނުވޭބާއޭ އަޅުގަނޑުގެ ހިތަށް އަރަ އެވެ.
ވެހިދި ހަކުރޭ މޮޅީ ހަމަ
ވެހި ކަތުން ކައި އުޅުނުމަށް ދި
ވެހި ހަންހާރަ ކުރުމަށް ދި
---------------
(ނިމުނީ)
މި ލިޔުން؛
ފޮނުއްވުން: އަލްފާޟިލާ ފާޠިމަތު ސަޢީދު
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން: '' ''
ނޯޓު: މި ލިޔުމުގައިވާ ރައިވަރުގައި އެކުލެވިގެންވާ މާނަ ލިޔެލާނަމެވެ.
''ދިވެހިން ކައިބޮއި އުޅުމަށާއި، އެކަކު އަނެކަކުގެ މައްޗަށް ލޯބިވެތިކަން ހިންގައި އުޅުމަށް މޮޅީ، ހަމަ ދިވެހި ހަކުރެވެ.''