އަދުގެ ޚާއްސަ

Print

ފޭރާމުގެ ރައްކާތެރިކަން (1)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ


ޢަބްދުﷲ ފާރޫޤު ޙަސަން

ސުވާލު:    އިސްލާމްދީން އަންހެނުން ބުރުގާ އަޅުވައި، އެބައިމީހުން ނިކަމެތިކުރަނީ ކީއްވެގެން ހެއްޔެވެ؟

ޖަވާބު:    އިސްލާމްދީނުގައި އަންހެނުންނަށް ލިބިފައިވާ ޙައިޘިއްޔަތަކީ، ސިކިއުލަރ މީޑިޔާއިން ވަރަށް ގިނައިން ޙަމަލަދެމުންގެންދާ ކަމެކެވެ. ބުރުގާ ނުވަތަ އިސްލާމީ ހެދުން މީޑިޔާއިން ސިފަކޮށްދެނީ، ވަރަށް ނާތަހްޒީބު އެއްޗެއްގެ ގޮތުގައެވެ. އިސްލާމީ ޤާނޫނުގައި އަންހެނުންގެ ޙައިޘިއްޔަތު ސިފަކޮށްފައިވަނީ، އަޅުންގެ ދަރަޖަކަމަށް ހީކުރުވާގޮތަށެވެ. އެހެންކަމުން، ބުރުގާގެ އިސްލާމީ ޙުކުމާއި، އޭގެ ޙިކުމަތުގެ މައްޗަށް އަލިއަޅުއްވައިލުމުގެ ކުރީން، އެންމެފުރަތަމަ އަޅުގަނޑު ނަޒަރު ހިންގައިލާނީ، އިސްލާމްދީން ފޮނުއްވުމުގެ ކުރީންއަންހެނުންގެ އިޖްތިމާޢީ ޙައިޘިއްޔަތަކީ ކޮބައިތޯ ބަލައިލުމަށެވެ.

(1)    މާޒީގައި އަންހެނުން ތިބީ ނިކަމެތިކޮށްލެވިފައެވެ. އަންހެނުންގެ ބޭނުންކުރެވެމުން ދިޔައީ، ޖިންސީ ބޭނުންތައް ފުރިހަމަކުރުމަށެވެ.

    ޤަދީމީ ތަހްޒީބުތަކުގައި އަންހެނުން ނިކަމެތިކޮށްލައިފައިވަނީ ކިހައިވަރަކަށްކަން، ދުނިޔޭގެ ތާރީޚުން ވަރަށް ރަނގަޅަށް ފިލާން އެބައޮތެވެ. މާޒީގައި އަންހެނުންނަށް އެންމެ އަސާސީ، އެންމެ އިބްތިދާއީ ފެންވަރުގެ އިންސާނީ އިޙްތިރާމުތަކެއްވެސް ލިބިފައެއް ނުވެއެވެ. ތާރީޚުން ނަގައިފައިވާ އަންނަނިވި މިސާލުތަކުން އެކަން ވަރަށް ރަނގަޅަށް އޮޅުންފިލައިވަޑައިގަންނަވާނެއެވެ.

(ހ)    ބެބިލޯނިޔާގެ ތަހްޒީބު

    ބެބިލޯނިޔާގެ ޤާނޫނުގައި އަންހެނުން ވަނީ ހުރިހާ ޙައްޤުތަކަކުން މަޙްރޫމް ކުރެވިފައެވެ. އަންހެނުން ވަނީ ނިކަމެތި ކުރެވިފައެވެ. މީހަކު، އަންހެނަކު މަރައިލިކަމުގައިވިޔަސް، މަރައިލި މީހާއަކަށް އަދަބެއް ނުދެއެވެ. އޭގެބަދަލުގައި، ޤާތިލުގެ ކުށެއްނެތް އަނބިމީހާ މަރައިލަނީއެވެ.

(ށ) ގްރީކު ތަހްޒީބު

    ޤަދީމީ ތަހްޒީބުތަކުގެ ތެރެއިން އެންމެ މަތިވެރި ތަހްޒީބެއް ކަމުގައި ބެލެވެނީ، ގްރީކު ތަހްޒީބެވެ. [އެ މަތިވެރި ތަހްޒީބުގައި] ވެސް އަންހެނުން ވަނީ ހުރިހާ ޙައްޤުތަކަކުން މަޙްރޫމް ކުރެވިފައެވެ. އަންހެނުންނާމެދު ބެލެވެނީ، އިހާނެތިކަމުގެ ލޮލަކުންނެވެ. ނިކަމެތިކަމުގެ ނަޒަރަކުންނެވެ. އިހުގެ ގްރީކު ވާހަކަތަކުގެ ތެރޭގައި، ޚިޔާލީ އަންހެނެއްގެ ވާހަކަ އޮވެއެވެ. އެ އަންހެންމީހާގެ ނަމަކީ [ޕަންޑޯރާ] (Pandora) އެވެ. އިންސާނުންނަށް ކުރިމަތިވާ ހުރިހާ މުޞީބާތްތަކަކާއި، ނުރައްކަލަކާއި، ހާސްކަމެއްގެ އަޞްލު ސަބަބަކީ، އެ އަންހެންމީހާއެވެ. ގްރީކު މީހުންގެ ނަޒަރުގައި، އަންހެނުންނަކީ ފިރިހެނުންނަށްވުރެ ދަށުދަރަޖައިގެ މަޚްލޫޤެކެވެ. އެއްދުވަސްވަރެއްގައި ގްރީކުގައި އަންހެނުންގެ ޢިޞްމަތްތެރިކަމާއި ޢިއްފަތްތެރިކަމުގެ އަގު ވަޒަންކޮށް، އެކަމަށް އިޙްތިރާމް ކުރެވުނު ކަމުގައިވިޔަސް، ޒަމާނާއެކު ގްރީކުން ވަނީ ޖިންސީ ހަޑިހުތުރު ބަލީގައި ހައްޔަރުވެފައެވެ. އެ ބަލީގައި ހައްދުފަހަނަޅައި ގޮސްފައެވެ. ގްރީކު މުޖްތަމަޢުގެ ހުރިހާ ފަންތިތަކެއްގައިވަނީ ކަސްބީ ބަލި ޢާއްމުވެފައެވެ.

(ނ) ރޫމީ ތަހްޒީބު

    ރޫމީންގެ ތަހްޒީބު، އެ ތަހްޒީބުގެ ބޮންތީގައި އޮތް ދުވަސްވަރުވެސް، ފިރިހެނުންނަށް އެބައިމީހުންގެ އަނބީން ޤަތުލުކޮށްލުމުގެ ޙައްޤު ވަނީ ލިބިދީފައެވެ. ޢައްޔާޝީކަމާއި، އޮރިޔާންކަން އޮތީ ހަފަރާތަށް ފެތުރިފައެވެ. ހުރިހާ ފަންތިތަކެއްގައި ކަސްބީ ބަލި އޮތީ ޢާއްމުވެފައެވެ.



(ރ) މިޞްރީ ތަހްޒީބު

    މިޞްރު މީހުން އަންހެނުންނާމެދު ބަލައި އުޅުނީ، ޝައިޠާނާގެ ޢަލާމާތެއް ކަމުގައެވެ.

(ބ) އިސްލާމްދީން ފޮނުއްވުމުގެ ކުރީގެ ޢަރަބި މުޖްތަމަޢު

    އިސްލާމްދީން ބާވައިލެއްވުމުގެ ކުރިން، ޢަރަބި މުޖްތަމަޢުގައި އަންހެނުންނާމެދު ބަލައިއުޅުނީ، ވަރަށް ނިކަމެތި ބައެއް ކަމުގައެވެ. ޢާއްމުގޮތެއްގައި އަންހެންކުއްޖަކު ލިބުމުން، އެކުއްޖާ ދިރިހުއްޓައި ވަޅުލައެވެ.

(2)    އަންހެނުން ކުރިޔަށްނެރެ، އެބައިމީހުންނަށް ހަމަހަމަކަމާއި އެއްވަރުކަމުގެ ދަރަޖަ ހޯދައިދިނީ، އިސްލާމްދީނެވެ. އެ ދީން އަންހެނުންނާމެދު އުންމީދުކުރަނީ، އެބައިމީހުންގެ ދަރަޖަ ހިފަހައްޓާނެ ކަމަށެވެ.

    އިސްލާމްދީން އަންހެނުންގެ ދަރަޖަ މަތިވެރި ކުރިއެވެ. މީގެ ސާދަސަތޭކަ އަހަރު ކުރީން، އަންހެނުންނަށް އެބައިމީހުންގެ ވާޖިބު ޙައްޤުތައް ހޯދައިދިނެވެ. އިސްލާމްދީން އަންހެނުންނާމެދު އުންމީދުކުރަނީ، އެބައިމީހުންގެ މަޤާމާއި ދަރަޖަ ރައްކާތެރިކޮށް ދަމަހައްޓާނެ ކަމަށެވެ.


ފިރިހެނުންގެ ޢައުރަ ނިވާކުރުން

    ޢާއްމުގޮތެއްގައި ޢައުރަ ނިވާކުރުމާ ބެހޭގޮތުން ވާހަކަ ދެކެވެނީ، އަންހެނުންނާ ގުޅުވައިގެންނެވެ. ނަމަވެސް، ކީރިތި ޤުރްއާނުގެ ތަރުތީބުގައި، އަންހެނުންނަށްވުރެ ކުރީން ޢައުރަ ނިވާކުރަން އަންގަވައިފައިވަނީ ފިރިހެނުންނަށެވެ. އާދެ، ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވައިފައިވެއެވެ.
    [މުއުމިން ފިރިހެނުންނަށް އެބައިމީހުންގެ ބެލުންތައް ތިރިކުރުމަށާއި، އެބައިމީހުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އެގޮތް އެބައިމީހުންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން اللّه އީ އެބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] (النّور: 30)

    ފަހަރެއްގައި ފިރިހެނެއްގެ ލޯ އަންހެނެއްގެ މައްޗަށް ހުއްޓުނު ކަމުގައިވިޔަސް، އެމީހަކަށް އޮތީ އެމީހެއްގެ ބެލުން ތިރިކުރުމެވެ.

އަންހެނުންގެ ޢައުރަ ނިވާކުރުން

    ކީރިތި ޤުރްއާނުގެ ނޫރު ސޫރަތުގައި ވަޙީކުރައްވައިފައިވެއެވެ.
    [އަދި މުއުމިން އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައި ނިވާކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރީންނަށް ނުވަތަ އެކަނބަލުންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ބަފައިންނަށް ނުވަތަ އެކަނބަލުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ފިރީންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އަޚުންނަށް ނުވަތަ އެކަނބަލުންގެ އަޚުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ އުޚުތުންގެ ފިރިހެން ދަރީންނަށް ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް ނުވަތަ އަންހެނުންގެ ޢައުރަތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން اللّه އަށް ތައުބާވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.]
(النّور: 31)

ޢައުރަ ނިވާކުރުމަށްޓަކައި ލާޒިމު ޝަރްޠުތައް

    ކީރިތި ޤުރްއާނާއި ކައުސާހިބާގެ ޙަދީޘްފުޅުތަކަށް ވިސްނުން ހިންގާއިރު، ޢައުރަ ނިވާކުރުމަށްޓަކައި ތިރީގައި މިދަންނަވާ ހަ ނުކުތާއަށް ފަރުވާ ބެހެއްޓުން ކޮންމެހެން ބޭނުމެވެ.

    (ހ)    ހަށިގަނޑު ފުރިހަމަޔަށް ނިވާކުރުން ލާޒިމެވެ. އަންހެނުންނާއި ފިރިހެނުން ހަށިގަނޑު ނިވާކުރުމުގެ މައްސަލައިގައިވަނީ ތަފާތު ކުރައްވައިފައެވެ. ފިރިހެނުންނަށް ލާޒިމުވެގެންވަނީ، ފޫޅާއި ކަކުލާ ދެމެދު ނިވާކުރުމެވެ. އަންހެނުން ނިވާކުރަންޖެހެނީ، މޫނާއި ދެއަތްތިލަ ފިޔަވައި މުޅި ހަށިގަނޑެވެ. ބޭނުންނަމަ އެ ދެތަންވެސް ނިވާކުރެވިދާނެއެވެ. ފިޤުހުވެރީންކުރެ ބައެއް ބޭކަލުން ވިދާޅުވާގޮތުގައި، އެ ދެ ގުނަވަންވެސް ހިމެނެނީ، ނިވާކުރަންޖެހޭ ތަންތާނގެ ތެރޭގައެވެ.

    މީގެއިތުރަށް، ދެންހުރި ކަންކަމަކީ ފިރިހެނުންނާއި އަންހެނުން ހަމަހަމަ ކަންކަމެވެ.

    (ށ)    ލައިގެން ހުންނަ ހެދުމަކީ، ހަށިގަނޑުގެ ވަނާތައް ނޭނގޭފަދަ ދޫ ހެދުމަކަށްވުން.
    (ނ)    އެތެރެ އެނގޭހާ ތުނި ހެދުމެއްކަމުގައި ނުވަތަ (ފެން ޖެހުމުން ނުވަތަ އެނޫންގޮތަކުންވެސް) އެތެރެ އެނގޭކަހަލަ ކުލަމަޑު ފޮއްޗެއްގެ ހެދުމެއްކަމުގައި ނުވުން.
    (ރ)    އިދިކޮޅު ޖިންސުގެ ބެލުން ތިމާއަށް އަމާޒުވާފަދަ އޮފްގަދަ ނުވަތަ ވިދައި ބަބުޅާ ހެދުމަކަށް ނުވުން.
    (ބ)    އިދިކޮޅު ޖިންސާ ވައްތަރުކުރުވާ ހެދުމަކަށް ނުވުން.
    (ޅ)    އިސްލާމްދީން ފިޔަވައި އެހެން ދީނެއްގެ ރަމްޒެއް ކަމުގައިވާ ހެދުމަކަށް ނުވަތަ އެހެން ދީނެއް ތަމްސީލުކޮށްދޭ ހެދުމަކަށް ނުވުން.
(3)    ބުރުގާއަކީ އެހެނިހެން ކަންތައް ފިޔަވައި އިންސާނާގެ އަޚްލާޤާއި، ޝަޚްޞިއްޔަތުވެސް ހާމަކޮށްދޭ އެއްޗެކެވެ.

    ފުރިހަމަ ބުރުގާއަކީ ނުވަތަ ފުރިހަމަޔަށް ޢައުރަ ނިވާކުރުމަކީ، އިސްވެދެންނެވި ހަ ކަންތަކުގެ އިތުރަށްވެސް، އެތައް ކަމެއް ޝާމިލުވާ ކަމެކެވެ. އޭގެތެރޭގައި މީހާގެ ގޮތްފޮތާއި، އަޚްލާޤީގޮތް ބާވަތާއި، ޢަމަލުތައް ބަހައްޓާގޮތާއި، ވިސްނާގޮތްވެސް ހިމެނެއެވެ. އެހެންކަމުން، އިސްލާމީ ހެދުމާ ބެހޭގޮތުން އެއީ ހަމައެކަނި ބުރުގާގެ އުޞޫލާއި މިންގަނޑަށް ޢަމަލުކުރުން ކަމުގައި ބެލުމަކީ ބުރުގާގެ ތަނަވަސް މާނައިގެ ދާއިރާ ހަނިކުރުމެވެ. ހެދުމުގެ ޒަރީޢާއިން ޢައުރަ ނިވާކުރުމުގެ އިތުރަށް، ތިމާގެ ލޮލާއި، ހިތާއި، ފިކުރާއި، ޚިޔާލާއި، ޤަޞްދާއި، ހުރިހާ ކަމެއްގައިވެސް ރައްކާތެރިވެ ނިވާވުން ބޭނުމެވެ. މީގެއިތުރުން، ތިމާގެ ވާހަކަދެއްކުމާއި، ހިނގައިބިނގައި އުޅުމާއި، އެހެންމީހުނާ މުޢާލަމާތް ކުރުންވެސް އޭގެތެރޭގައި ހިމަނާން ޖެހެއެވެ.

(4)    ބުރުގާއަކީ ފިރިހެނުންގެ އުނދަގުލުން އަންހެނުން ޙިމާޔަތްކޮށްދޭ އެއްޗެކެވެ.

    އަންހެނުން ބުރުގާ އަޅަންވީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލުގެ ޖަވާބު، ސޫރަތުލްއަޙްޒާބުގެ އަންނަނިވި އާޔަތުން އަޅުގަނޑުމެންނަށް ސާފުކޮށް ލިބިގެންދެއެވެ.
    [އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި އަދި ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި އަދި މުއުމިނުންގެ އަންހެނުން އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް، ކަލޭގެފާނު އެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެންވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާ ގާތްކަން ބޮޑެވެ. اللّه އީ ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ ރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.] (الأحزاب: 59)

    އާދެ، ކީރިތި ޤުރްއާނުން އަޅުގަނޑުމެންނަށް އިރުޝާދު ލިބޭގޮތުގައި އަންހެނުން ބުރުގާ އެޅުން ލާޒިމު ކަމުގައި ކަނޑައަޅުއްވައިފައިވަނީ، ލަދުވެތި، ޢިއްފަތްތެރި ބައެއްގެ ގޮތުގައި އެބައިމީހުން ފާހަގަވެގެންވުމަށާއި، ވިޔާނުދާ ޒާތުގެ މީހުންގެ ފޮށުމާއި، ބެހުމާއި، އުނދަގުލުން އެބައިމީހުން ސަލާމަތްވުމަށްޓަކައެވެ.
-------------------
(ނުނިމޭ)

ނޯޓު: މިއީ ޑރ. ޒާކިރު ނާއިކު ގެ ތަޤުރީރުތަކެއް ތަރުޖަމާ ކުރައްވައި، އޭގެ މައްޗަށް އަލްފާޟިލް އަބްދުﷲ ފާރޫޤު ޙަސަން ލިޔުއްވާފައިވާ ފޮތެއްގައި އޮތް މަޒުމޫނެކެވެ. ޗާޕުވެގެން ނުކުތް ފޮތުގައި ވަރަށް ރަނގަޅަށް ހަވާލާ ދެއްވާފައިވެ އެވެ. އަޅުގަނޑުމެންނަށް މި ލިޔުން ލިބުނީ ފޮތް ލިޔުއްވަމުން ގެންދެވި ދުވަސްވަރުގައި ކަމަށްވީތީ، ފޮނުއްވި ސޮފްޓުގައި ތަފުސީލީ ރިފަރެންސް ހިމެނުއްވިފައެއް ނެތެވެ.
                                - ފަންވަތް -

މި ލިޔުން:

    ފޮނުވުން:      އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:    އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
    ޝާއިޢުކުރުން:    ''        ''

އިދާރާ

އެނގޭތަ؟

ވާހަކަ