ފޭރާމުގެ ރައްކާތެރިކަން (2)
ޢަބްދުﷲ ފާރޫޤު ޙަސަން 04 ނޮވެމްބަރ(ބުރާސްފަތި)އާ ގުޅޭ....
(5) ނިބޫ/ ދެބީނުން
މިސާލެއްގެގޮތުން ވިސްނައިލަމާ ހިންގަވާށެވެ. ރީތިކަމުގެ ގޮތުން މުޅީން އެއްގޮތް އެއްމާބަނޑު ދެ އުޚްތުން މަގެއްގެ މަތީން ހިނގައިފައިދަނީއެވެ. އޭގެތެރެއިން އެއްކުއްޖަކު ހުރީ، އިސްލާމްދީނުގައި އަންހެނުން ނިވައިވާން އަންގަވައިފައިވާގޮތަށް ނިވައިވެގެންނެވެ. އަނެއްކުއްޖަކު ހުރީ، ހުޅަނގުގެ ފެޝަނަށް ހެދުން އަޅައިގެންނެވެ. މިނީ ސްކާރޓެއްގައި ނުވަތަ ޓީޝާރޓެއްގައެވެ. އެ މަގުމަތީގައި ނުލަފާ އާވާރާ ފިރިހެނެއް އިށީނދެލައިގެން އިނެވެ. މަގުމަތީންދާ އަންހެންކުދީންނާ ބެހުމުގެ ބޭނުމުގައެވެ. އެކުދިންނަށް އުނދަގޫ ކުރުމަށްޓަކައެވެ. ވިދާޅުވެ ބައްލަވާށެވެ. އެމީހާ ދިމާކުރާނީ މަގުމަތީންދާ ދެކުދިންކުރެ ކޮންކުއްޖަކާތޯއެވެ؟ އިސްލާމީ ބުރުގާ އަޅައިގެންހުރި ކުއްޖާއާތޯއެވެ؟ ނުވަތަ މިނީސްކާރޓް ނުވަތަ ޓީޝާރޓް ލައިގެންހުރި ކުއްޖާއާތޯއެވެ؟ މުޅީން ޠަބީޢީ ކަމެކެވެ. އޭނާ ޖެއްސުންކޮށް އުނދަގޫކުރާނީ ދެވަނަޔަށް މިދެންނެވި ކުއްޖާއަށެވެ. މިނީ ސްކާރޓްގައި ހުރި ކުއްޖާއަށެވެ.
ސަބަބަކީ، އެކުއްޖާގެ ހެދުމަކީ އުނދަގޫކުރުމަށް އިދިކޮޅު ޖިންސަށް ދަޢުވަތުދޭ ހެދުމެއްކަމެވެ. ކީރިތި ޤުރްއާނުގައި އަންގަވައިފައިވަނީ ރަނގަޅު އެންގެވުމެކެވެ. ބުރުގާއަކީ ފިރިހެނުންގެ އުނދަގޫކުރުމާއި ފޮށުމުން އަންހެނުން ޙިމާޔަތްކޮށްދޭ އެއްޗެކެވެ.
(6) ޒިނޭކުރާ މީހުންނަށް މަރުގެ އަދަބު ދިނުން
އިސްލާމީ ޝަރީޢަތުގައިވާގޮތުން، މީހަކާ އިނދެފައިހުރި މީހެއްގެ މައްޗަށް ޒިނޭގެ ކުށް ސާބިތުވެއްޖެނަމަ، އެމީހަކަށް މަރުގެ އަދަބު ދެވޭނެއެވެ. ބައެއް މީހުން އެ އަދަބަކާމެދުވެސް ޙައިރާންކަން ފާޅުކުރެއެވެ. ބައެއް މީހުންގެ ވާހަކަ އެއަށްވުރެ ކުރިޔަށް ގެންދެއެވެ. އިސްލާމްދީނަކީ ވަޙްޝީ ދީނެއްކަމުގައިވެސް ބުނެއުޅެއެވެ. އަޅުގަނޑު އެހެން އެބުނާ ޣައިރު މުސްލިމުންނާ ވަރަށް ސާދާ ސުވާލުކޮށްލާނަމެވެ. މާތް اللّه އެގޮތަށް އިރާދަނުކުރައްވާށިއެވެ. މީހަކު، ކަލާގެ މަންމަޔާ ނުވަތަ ކަލާގެ އުޚުތަކާ ޒިނޭކޮށްފިއެވެ. އެ މައްސަލައިގެ ފަނޑިޔާރަކަށްވީ ކަލާއެވެ. އެ ޒިނޭކުރި މީހާ ކަލާގެ ކުރިފުޅުމައްޗަށް ގެނެވިއްޖެނަމަ، އެ ކުށްވެރިޔާއަށް ކަލާ ދެއްވާނީ ކޮން އަދަބެއްތޯއެވެ؟ ކޮންމެ މީހަކުވެސް ބުނާނީ، އަހަރެން އޭނާއަށް މަރުގެ އަދަބު ދޭނަމޭއެވެ. ބައެއް މީހުން އެއަށްވުރެވެސް ހަރުކަށިވެއެވެ. އެބައިމީހުން ބުނާނެއެވެ. އަހަރެން އޭނާ މަރައިލާނީ އަނިޔާކޮށް ތަޅުވައި ފޮޅުވައިފައެވެ. މި ޖަވާބުދޭ މީހުނާ އަޅުގަނޑު ސުވާލުކޮށްލާނަމެވެ. ޚުދު ކަލާގެ އަނބިކަނބަލުންނާ ނުވަތަ ކަލާގެ އުޚުތަކާ ނުވަތަ މަންމަޔާމެދު އެފަދަ ޢަމަލެއްކުރާ ކުށްވެރިޔާއަށް މަރުގެ އަދަބުދޭން ކަލާ ތިޔަހުންނެވީ ފޫގަޅުއްވައިފައެވެ. އެކަމަކު، ހަމަ އެ ކުށް އެހެންމީހެއްގެ މަޔަކާ ނުވަތަ އުޚުތަކާމެދު ކުރާ މީހާއަށް މަރުގެ އަދަބު ދިނުމަކީ ވަޙްޝީ ނުވަތަ ނާތަހުޒީބު ކަމެކޭ، ކަލާ ވިދާޅުވަނީ ކީއްވެތޯއެވެ؟ މި މައްސަލައިގައި ދެ މިންގަނޑެއް ގެންގުޅުއްވަނީ ކީއްވެތޯއެވެ؟
(7) އަންހެނުން ކުރިއަރުވާކަމަށް، ހުޅަނގުގެ މުޖްތަމަޢު ކުރާ ދަޢުވާއަކީ ދޮގު ދަޢުވާއެކެވެ.
އަންހެނުންގެ މިނިވަންކަމާ ބެހޭގޮތުން ހުޅަނގުން ކުރާ ދަޢުވާއަކީ ހަމައެކަނި އަރުވާ އަޑެކެވެ. އެ އަޑުގެ ޒަރީޢާއިން ހުޅަނގުން ގެންދަނީ އަންހެނުންގެ ކިބައިން ހުއްދަނޫން ފައިދާ ލިބިގަންނަމުންނެވެ. ޖިންސީގޮތުންނާއި ޖިސްމާނީ ގޮތުންނެވެ. އެގޮތުން ހުޅަނގުން ގެންދަނީ އަންހެނުންގެ ރޫޙާނިއްޔަތު ހަޑިމުޑުދާރު ކުރަމުންނެވެ. ޢިއްޒަތާއި ޙުރުމަތް ވެއްޔާ މޮޑެ، އަބުރު ނަގައިލަމުންނެވެ. ހުޅަނގުން ދަޢުވާކުރަނީ، އެބައިމީހުން އިޖްތިމާޢީގޮތުން އަންހެނުންގެ ދަރަޖަ މަތިވެރިކޮށްފައިވާ ކަމުގައެވެ. ނަމަވެސް، ޙަޤީޤަތް އޮތީ އޭގެ އިދިކޮޅަށެވެ. ހުޅަނގުން ކުރިކަމަކީ، އަންހެނުންގެ ގެވެހި ދިރިއުޅުން ނަގައިލުމެވެ. އަންހެނުން ކަސްބީންގެ ތެރެއަށް ވެއްދުމެވެ. އަންހެނުންނަކީ ފިރިހެނުން ހިތްއުފާކޮށްލަން ގެންގުޅޭ ކުޅޭއެއްޗެހިތަކަކަށް ހެދުމެވެ. ހުޅަނގުން ކުރިކަމަކީ، އަންހެނުންނަކީ ހަށިވިއްކާ މީހުންނާއި، ޖިންސީގޮތުން ފެންބޮވައިގެންފައިވާ މީހުންގެ އަތްމަތީގައިވާ ކުޅޭއެއްޗަކަށް ހެދުމެވެ. ޝައްކެއްނެތެވެ. މިހުރިހާ ކަމެއްގައިވަނީ، އާޓާއި ކަލްޗަރުގެ ލޭބަލް ހަރުކޮށްފައެވެ.
(8) ގަދަކަމުން ޒިނޭކުރުމުގެ އެންމެމަތީ އިންސައްތައެއް އުޅެނީ އެމެރިކާގައެވެ.
އެމެރިކާއަކީ ދުނިޔޭގެ އެންމެ ކުރިއަރައިފައިވާ ޤައުމުކަމުގައި ބެލެވޭ ޤައުމެވެ. މި ޙަޤީޤަތާއެކު އަދި އެހެން ޙަޤީޤަތެއްވެސް އެބައޮތެވެ. އާދެ، އެ ޙަޤީޤަތަކީ، ދުނިޔޭގައި ގަދަކަމުން ޒިނޭކުރުމުގެ އެންމެމަތީ އިންސައްތައެއް އުޅެނީ އެމެރިކާގައި ކަމެވެ. 1990 ގެ އެފް.ބީ.އައި. ގެ ރިޕޯޓުގައިވާ ގޮތުން، އެމެރިކާގައި އެއަހަރު ގަދަކަމުން ޒިނޭކުރުމުގެ ދެލައްކަ ދެހާސް ފަސްސަތޭކަ މައްސަލަ ހުށަހެޅުނެވެ. އެ ރިޕޯޓުގައި ބަޔާންކޮށްފައިވާގޮތުން، މިބާވަތުގެ މައްސަލަތަކުގެ ތެރެއިން ރިޕޯޓު ކުރެވެނީ ހަމައެކަނި ސޯޅަ އިންސައްތަ މައްސަލައެވެ.
އެހެންކަމުން، 1990 ވަނަ އަހަރު އެމެރިކާގައި ގަދަކަމުން ކުރެވުނު ޒިނޭގެ ޙަޤީޤީ ޢަދަދު ހޯދުމަށްޓަކައި އެ ޢަދަދު 6.25 އާ ގުނަކުރަންޖެހެއެވެ. އޭރުން ނުކުންނަ ނަތީޖާއަކީ ހަލައްކަ ސާޅީސްހާސް ނުވަސަތޭކަ ފަސްދޮޅަސް އަށެކެވެ. މިގޮތުން ބަލާއިރު އެމެރިކާގައި ދުވާލަކު ގަދަކަމުން ކުރެވޭ ޒިނޭގެ ޢަދަދަކީ 1756 އެވެ.
National Crime Victimization Survey Bureau of Justice Statistics (US of Justice)
އިން ހާމަކޮށްފައިވާ ގޮތުގައި، އެމެރިކާގައި 1996 ވަނަ އަހަރު، ގަދަކަމުން ޒިނޭކުރުމުގެ ތިންލައްކަ ހަތްހާސް މައްސަލަ ހުށަހެޅުނެވެ. އެ ރިޕޯޓުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، އެ ޢަދަދަކީ ޙަޤީޤީ ޢަދަދުގެ ހަމައެކަނި އެއްތިރީސް އިންސައްތައެވެ. އެހެންކަމުން، ޙަޤީޤީ ޢަދަދު ހޯދުމަށްޓަކައި ތިންލައްކަ ހަތްހާހާއި ތިންހާސް ދުއިސައްތަ ސައްބީހާ ގުނަކުރަންޖެހެއެވެ. ނަތީޖާއަށް ބަލާއިރު، އެމެރިކާގައި ކޮންމެ ބައްތިރީސް ސިކުންތަކުން، ގަދަކަމުން ޒިނޭއެއް ކުރެވެއެވެ. އެހެންކަމުން، އެމެރިކާގައި ގަދަކަމުން ޒިނޭކުރާ މީހުންނަކީ ވަރަށް ބިރުކުޑަ ބައެއްކަން އެނގެއެވެ.
އެފް.ބީ.އައި. ގެ 1990 ވަނަ އަހަރުގެ ރިޕޯޓުގައި އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ގަދަކަމުން ޒިނޭކުރާ ކުށްވެރީންގެ ތެރެއިން ހައްޔަރުކުރެވެނީ ހަމައެކަނި ދިހައެއް އިންސައްތަ މީހުންނެވެ. އޭގެތެރެއިންވެސް ފަންސާސް އިންސައްތަ މީހުން ސަރިޔަތަށް ހުށަހެޅުމުގެ ކުރިން ދޫކޮށްލެވެއެވެ. މާނައަކީ، ގަދަކަމުން ޒިނޭކުރާ މީހުންގެ ތެރެއިން ސަރިޔަތް ހިންގެނީ ހަމައެކަނި ސުމެއް ޕޮއިންޓް އަށެއް އިންސައްތަ މީހުންގެ މައްޗަށެވެ. އެހެން ޢިބާރަތަކުން ދަންނަވާނަމަ، މީހަކު ސަތޭކަ ފަންސަވީސް ފަހަރު ގަދަކަމުން ޒިނޭކުރިޔަސް، އަދަބު ލިބެނީ އެންމެ ފަހަރަކުއެވެ. އެހެންކަމުން ވަރަށްގިނަ ބަޔަކު ދެކެނީ މިއީ ރަނގަޅު ޖުވާއެއް ކަމުގައެވެ.
އެފް.ބީ.އައި. ގެ ރިޕޯޓުން އެނގޭގޮތުގައި، ގަދަކަމުން ޒިނޭކުރުމުގެ ކުށަށް އަދަބު ލިބޭ މީހުންގެ ތެރެއިން ފަންސާސް އިންސައްތަ މީހުންނަށް ލިބެނީ އެއްއަހަރަށް ވުރެވެސް ކުރު މުއްދަތެއްގެ އަދަބެވެ. އަނެއްކޮޅުން އެމެރިކާގެ ޤާނޫނުގައިވާ ގޮތުން، މި ކުށަކީ ހަތްއަހަރު ދުވަހުގެ ނިޔާކަނޑައެޅިދާނެ ކުށެކެވެ. ނަމަވެސް، އެންމެފުރަތަމަ ފަހަރު މި ކުށްކުރާ މީހުންނަށް އަދަބު ލުއިކޮށްދިނުމުގެ އިޚްތިޔާރު، ފަނޑިޔާރުންނަށް ލިބިގެންވެއެވެ.
ކުޑަކޮށް ވިސްނާވަޑައިގެން ބައްލަވާށެވެ. ސަތޭކަފަންސަވީސް ފަހަރު ގަދަކަމުން ޒިނޭކުރާ މީހާއަށް އަދަބު ލިބުމުގެ ފުރުޞަތު އޮންނަނީ އެންމެ ފަހަރަކުއެވެ. އޭގެތެރެއިންވެސް ފަންސާސް އިންސައްތަ މީހުންނަށް ފަނޑިޔާރުންގެ އޯގާވެރިކަމުގެ ނަސީބު ލިބެއެވެ. އެހެންކަމުން، ނިސްބަތުން ބަލާއިރު ސަތޭކަފަންސަވީސް ފަހަރު ގަދަކަމުން ޒިނޭކުރާ މީހަކަށް މިލިބެނީ، އެއްއަހަރަށްވުރެވެސް ކުރު މުއްދަތެއްގެ އަދަބެކެވެ. (މިއީ އެމެރިކާގެ އަންހެނުންގެ ހެދުން އެޅުމުގެ މިނިވަންކަމަށް އާދެ، [ބުރުގާ އުނދުނަށްލުމަށް] ދައްކަންޖެހޭ ބޮޑު އަގެވެ. ބިރުން ޙައިރާންވާކަށެއް ނުޖެހޭތޯއެވެ؟)
ދެން ނިކަން މިދަންނަވާ މަންޒަރު ހިތްޕުޅަށް ގެންނަވައިބައްލަވާށެވެ. އެމެރިކާގެ އަންހެނުން ބުރުގާއަށް ތަބާވާނަމަ، ފިރިހެނަކަށް އަންހެނަކާ ދިމާޔަށް ބަލައިލެވި، ތިމާގެ ހިތުގައި ނުރަނގަޅު ޚިޔާލެއް އުފެދިލާއިރަށް ތިމާގެ ބެލުންތައް ތިރިކުރާނަމަ، ކޮންމެ އަންހެނަކުވެސް އޭނާގެ މޫނާއި ދެއަތްތިލަ ފިޔަވައި އޭނާގެ މުޅި ހަށިގަނޑު ނިވާކުރާނަމަ، ކަންމިހެން ހުރުމާއެކުވެސް، އަންހެނަކާ ގަދަކަމުން ޒިނޭކުރާ މީހާއަށް މަރުގެ އަދަބުދޭނަމަ، ދެން ނިކަން އަމިއްލަފުޅަށް ނިޔާކަނޑައަޅުއްވައިފައި އަޅުގަނޑު ގާތު ވިދާޅުވެ ބައްލަވާށެވެ. މިގޮތަށް ކަންތައް ހުންނަނަމަ، އެމެރިކާގައި ގަދަކަމުން ޒިނޭކުރާ މީހުންގެ ޢަދަދުވާނީ ގިނަތޯއެވެ؟ ނުވަތަ މަދުތޯއެވެ؟ ނުވަތަ އެއްވަރެއްގައި ހިފެހެއްޓިފައި އޮންނާނީތޯއެވެ؟
(9) އިސްލާމީ ޤާނޫނު ތަންފީޒުވާނަމަ، ޒިނޭކުރާ ޢަދަދު މަދުވާނެކަން ކަށަވަރެވެ.
މުޅިންވެސް ޠަބީޢީ ކަމެކެވެ. އިސްލާމީ ޤާނޫނު ޢަމަލީގޮތުން ތަންފީޒު ކުރެވިއްޖެނަމަ، އެކަމުގެ ހެޔޮ ނަތީޖާ ފެންނަމުންދާނެކަމީ ކަށަވަރު ކަމެކެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި އިސްލާމީ ޤާނޫނު ތަންފީޒުވި ކަމުގައިވިޔަސް، އެތަނަކީ އެމެރިކާ ނުވަތަ ޔޫރަޕްގައި ކަމަށްވިޔަސް، އެތަނެއްގެ މުޖްތަމަޢަށް ހިތްހަމަޖެހުމާއި ހަމަހިމޭންކަމުގެ ނޭވާ ލެވޭނެއެވެ. ޝައްކެއްނެތެވެ. ބުރުގާއަކީ އަންހެނުންގެ މަޤާމު ދަށްކުރާ އެއްޗެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ބުރުގާއަކީ އަންހެނުންގެ ދަރަޖަ މަތިވެރިކޮށްދޭ އެއްޗެކެވެ. އޭނާގެ ޢިއްފަތްތެރިކަމާއި، ޢިޞްމަތްތެރިކަން ރައްކާތެރިކޮށްދޭ އެއްޗެކެވެ.
--------------
(ނިމުނީ)
ނޯޓު: މިއީ ޑރ. ޒާކިރު ނާއިކު ގެ ތަޤުރީރުތަކެއް
ތަރުޖަމާ ކުރައްވައި، އޭގެ މައްޗަށް އަލްފާޟިލް އަބްދުﷲ ފާރޫޤު ޙަސަން
ލިޔުއްވާފައިވާ ފޮތެއްގައި އޮތް މަޒުމޫނެކެވެ. ޗާޕުވެގެން ނުކުތް ފޮތުގައި
ވަރަށް ރަނގަޅަށް ހަވާލާ ދެއްވާފައިވެ އެވެ. އަޅުގަނޑުމެންނަށް މި ލިޔުން
ލިބުނީ ފޮތް ލިޔުއްވަމުން ގެންދެވި ދުވަސްވަރުގައި ކަމަށްވީތީ، ފޮނުއްވި
ސޮފްޓުގައި ތަފުސީލީ ރިފަރެންސް ހިމެނުއްވިފައެއް ނެތެވެ.- ފަންވަތް -
މި ލިޔުން؛
ފޮނުއްވުން: އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
ޝާއިޢުކުރުން: '' ''