އަދުގެ ޚާއްސަ

Print

ދިވެހި ބަހަކީ...

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ މާދަރީބަސް


ދިވެހިބަހަކީ އަމިއްލަ ވަޒަންތަކަކާއި ހަމަތަކަކުން ނެރެވޭ


ދިވެހި އަޑުތަކެކެވެ.

ޑރ. މުޙައްމަދުލަޠީފު

ދިވެހި ބަހަކީ، އަޅުގަނޑުމެންގެ އަމިއްލަ ބަހެވެ. "ޤުދްރަތީ ދިވެހިރާއްޖޭގެ" މީހުން ވާހަކަދައްކާ އުޅޭ އަދި އެނޫންބައެއްގެ މައިދަރީ ބަސްކަމުގައިނުވާ ދިވެހީންގެ އަމިއްލަބަހެވެ. އަދި އަޅުގަނޑުމެންގެ އަމިއްލަކަން ދަލީލުކޮށްދޭ އެންމެ އަލިގަދަ ދަލީލުވެސްމެއެވެ. އަޅުގަނށު ފަހަރެއްގައިވެސް މިދަންނަވަނީ، ވާހަކަ ދައްކާ އުޅޭ އަމިއްލަ ވަކިބަހެއްނެތް ބަޔަކަށް އަމިއްލަ ވަކިބައެއްކަމުގައި ނުވެވޭނެ ވާހަކައެއް ނޫނެވެ. އަދި އެހެންވެފައި ނެތް ވާހަކައެއްވެސް ނުމެނޫންމެއެވެ. އަޅުގަނޑު މިދަންނަވަނީ ޒަމާނުއްސުރެ އުފެދި ހެދެމުން އައިސްފައިވާ ނުވަތަ ހެދެމުންދާ އަމިއްލަ ބަހެއް އޮތުމުން އަޅުގަނޑުމެންނަށް އެލިބިފައިވާ ޘަޤާފީ މުއްސަނދިކަމާއި ފުރިހަމަކަމުގެ ވާހަކައެވެ.
އަޅުގަނޑުމެންގެ ދިވެހިބަސް ލިޔެއުޅޭ އަމިއްލަ އަކުރެއް އޮންނަކަން އެއީވެސް އަޅުގަނޑުމެން ނުހަނު މަތީ ދަރަޖައަކަށް ފަޚުރުވެރިވާ ކަމެކެވެ. އަދި ހަމައެހެންމެ، އެއަކުރު ބޭނުންކުރަމުން އަންނަތާ ހަތަރު ސަތޭކަ އަހަރު ވެފައިވާކަން އެއީވެސް އަޅުގަނޑުމެން ފަޚުރުވެރިވާ ކަމެކެވެ. އަދިވެސް އަޅުގަނޑުމެން ފަޚުރުވެރިވާ އަނެއް ކަމަކީ އަޅުގަނޑުމެންގެ ބަހާއި އަކުރާއި ޒަމާނުއްސުރެ އަޅުގަނޑުމެންގެ ރަސްމީ ބަހާއި ރަސްމީ އަކުރުކަމުގައި ގެންގުޅެ އަޅުގަނޑުމެންގެ މުވާޞަލާތަށް އެބަހާއި އަކުރު ބޭނުން ކުރެވެމުން ދާކަމެވެ. އަދި ބޭނުން ކުރަމުން ދާކަމެވެ. މިއީވެސް ކޮންމެކޮންމެ ބަޔަކަށް ލިބިފައިވާ ފަޚުރެއް ނޫނެވެ.

ދިވެހިބަހަކީ، ދިވެހިރާއްޖޭގެ ރަސްމީ އަދި ޢާންމު ބަސް ކަމުގައިވެފައި، ތާނަ އަކުރަކީ އެލިޔާން ބޭނުންކުރާ އަކުރުކަމުގައި ވެގެން އެމައްޗަށް ފަޚުރުވެރި ވަމުންދާއިރު، އަޅުގަނޑުމެން ހަނދާން ކުރަން ޖެހެނީ ބަހެއްގެ އަޞްލަކީ އެބަހެއްގެ އަޑުތައް ކަމެވެ. އަދި ބަހަކަށް ދޮށީ ވެސް އަކުރަށްވުރެ، އެއަޑުތައް ކަމެވެ. މިބަހުން އިސްތިސްނާކުރެވޭނީ އަޅުގަނޑު ހިތުން ހަމައެކަނި މިޒަމާނުގެ ޓެކްނޮލޮޖީއާ ގުޅިގެން އުފެދޭ، އަޑުގެ މީޑިއަމް ބޭނުން ނުކޮށް ކުރެވޭ މުވާޞަލާތަށް ބޭނުންކުރެވޭ ބަސްބަހާއި ޙިއްސަކުން މަރްޙޫމް ވެފައިވާ މީހުންގެ ބަސްފަދަ މަދުބަހެކެވެ. ދިވެހިބަސް ފަދަ ޘަޤާފީ ބަސްބަހަކީ އޭގެ އަޞްލު، އޭގެ އަޑުކަމުގައި ހިމެނިގެންވާ ބަސްބަހެވެ. މާ ފަހަކުން އުފެދިފައިވާ އަކުރުބަޔަކީ، އެއަށްވުރެ ދޮށީ އަޑުތައް ރަމްޒުކޮށްދޭ ވަރަށް އުނި ނިޝާންތަކެކެވެ. ވަރަށް އުންޏޭ މިދެންނެވީ ބަހެއްގެ އަޑުތަކާއި ރާގާއި ހަމަތައް އެކުލެވިގެން މާނައެއް ނެރޭއިރު އަކުރުން އެފުރިހަމަ މާނަ ލިޔެ، ނުދޭކަމަށްޓަކައެވެ. ވީމާ، އަޅުގަނޑުގެ ނުކުތާއަކީ، އަޅުގަނޑުމެންގެ އަމިއްލަ ބަހެއްގެ ވާހަކަ އަޅުގަނޑުމެން ދައްކާއިރު އެބަހެއްގެ އަޑުތަކުގެ މުހިއްމުކަމުގެ ވާހަކައެވެ.
ދެންނެވުމުގެ ބޭނުމެއް ނޯންނާނެފަދައިން ބަހެއްގެ އަޑުތައް ނެރެވެނީ އަނގަޔާ ގުޅިފައިވާ ގުނަވަންތަކާއި ބައިތަކުގެ ޙަރަކާތުންނާއި މިބައިތަކުގެ ޛަރީޢާއިންނެވެ. ވައިނޮޅިން ނުކުންނަވައި އެކި ގޮތްގޮތަށް ކޮންޓްރޯލް ކުރެވި ގޮތްގޮތަށް ބޭރުކުރެވޭ ކުރުމުގައި ދުލާއި ތުންފަތާއި ކޮލުގެ ޙަރަކާތާ އެކުވެގެން ނުވަތަ ވަކިވަކިން ބޭނުންކުރެވިގެން، އެ އަޑެއްގެ ބާވަތުން އަނގަޔާއި ތައްޔާއި ދަތްތަކާއި ނޯށާއި ކުޑަދޫފަދަ ތަންތާނގެ އެހީއާ އެކުގައެވެ. މިތަންތާނގެ ބޭނުންހިފެނީ އެކިއަޑަށް އެކިގޮތަށް އެކި މިންވަރަށެވެ. އެކި އަޑުތައް ނެރެވޭގޮތުގެ ތަފްޞީލަށް އަޅުގަނޑު ދާކަށް ނެތީމެވެ. ކޮންމެ ބޭފުޅަކުވެސް އަމިއްލަފުޅަށް ވިސްނާވަޑައިގަތުމުން ވަރަށް ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ.
މިދެންނެވި ގޮތަށް އަޑުތައް އުފެއްދުމުގައި ކޮންމެހެން ހުރިހާބަހެއްގެ އަޑުތައް އެއްގޮތް ވާކަށް ނުޖެހެއެވެ. އަދި އެކިބަސްބަހުގައި އަނގައިގެ އެއް ހިސާބަކުން ނެރެވޭ އަޑުވެސް އެއްގޮތްވާކަށް ނުޖެހެއެވެ. އަދި އަނގަ ވަކިގޮތަކަށް ބަހައްޓައިގެން ވަކި އަޑުތަކެއް ނެރުމަކީވެސް ހުރިހާ ބަހެއްގެ މައްޗަށް ހިންގޭނެ ޤަވާޢީދެއް ނޫނެވެ. ބަހަކީ، އަމިއްލަކަން ވަރަށްބޮޑު އެއްޗެކެވެ. މިސާލަކަށް، މަތީ ތަލީގެ ވަކިހިސާބެއްގައި ދޫޖައްސައިގެން ނެރޭ އަޑެއް ދެބަހެއްގެ އަހުލުވެރިން ދެގޮތަކަށް ނެރެފާނެއެވެ. އެހެނީ، ވަކިހިސާބެއްގައި ދޫޖެއްސިޔަސް ތުންފަތާއި އަނގައިގެ ޙަރަކާތުންނާއި ވައިފޮނުވާ ބާރުމިނުންނާއި، މިހިރަ މިހިރަ ކަންކަމީ ނެރެވޭ އަށަށް ތަފާތުކަން ގެނެސްދޭ ކަންކަމެވެ. މިހެން ގެނެވޭ ތަފާތު ކަމަކީ، އެއްވެސް ޙާލެއްގައި އެއްބަހެއްގެ ހަމަ އަޅައިގެން އަނެއްބަހެއްގެ އުނިކަން ދެއްކޭނެ ކަމެއް ނޫނެވެ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދެބަހުގެ އަހުލުވެރިން ނެރޭ ދެއަޑުމެ މުޅިން ރަނގަޅެވެ. އެދެއަޑަކީ، އެދެބަހުގެ ދެއަޑެވެ. ކޮންމެހެން އެއްބަހަކުން ވާހަކަދައްކާއިރު އަނެއްބަހެއްގެ އަޑު އެއީ ރަނގަޅުއަޑުކަމުގައި ބަލައިގެން އެއަޑު އެގޮތަށް ނެރެން މަސައްކަތް ކުރާކަށް ނުޖެހެއެވެ. އަދި ކީއްތޯއެވެ. އެއް ބަހަކުން ވާހަކަދައްކާއިރު ބޭރުބަހެއްގެ ލަފުޒެއް އެބަހުގެ ތެރެއަށް ވަންކަމުގައިވިޔަސް އެބޭރު ބަހުގެ އަޑުން އެއެއްޗެއް ކިޔާން މަސައްކަތް ކުރާކަށްވެސް ކޮންމެހެނަކުން ނުޖެހެއެވެ. އަދި ކުރިޔަސް ގިނަފަހަރަށް އެމަސައްކަތަކީ ހުސްމަސައްކަތެކެވެ. މިހިން މިދެންނެވީ އެއްބަހެއްގެ އަހުލުވެރިއަކަށް އަނެއްބަހެއްގެ އަޑު ފުރިހަމަގޮތުގައި ނެރުމަކީ ވަރަށް ނާދިރު ގޮތެއްގައި ނޫނީ ކަނޑައެޅިގެން ނުވާނެކަމެ ކަމަށް ވާތީއެވެ. ބޭރުބަހެއް ކިޔަވަން، ނުވަތަ ބޭރުތަނެއްގައި ދެތިންއަހަރު ނުވަތަ ދިހަބާރަ އަހަރު އުޅުނަސް އެކަން އޮންނާނީ ގިނަ ފަހަރަށް ނުވެފައެވެ. އަމުދުން އެފަދަ ފުރްޞަތެއް ލިބިފައިވާ މީހަކާ ހަމައެކަނި ބައްދަލުވެލައި އުޅޭ މީހަކަށް މިކަން ކިހާ ދަތިކަމަކަށް ވާނެތޯ އެވެ.

ކަން މިހެން އޮތުމާއެކު އަޅުގަނޑުމެންގެ ދިވެހިބަސް ކުރިއެރުވުމަށް މަސައްކަތް ކުރެވޭ އިރެއްގައި ބަހުގެ އަޑަށް އެއްވެސް ސަމާލު ކަމެއް ނުދެވި، އަދި ކިއެއްތޯ، އެމީހަކަށް ކުރެވުނު އިހާނާތެއް ކުރަމުން ގެންދިޔުމަކީ ވަރަށްވެސް ދެރަކަމެކެވެ. ދިވެހިބަހުން އެއްޗެއްބުނާއިރު ނުވަތަ ވާހަކަ ދައްކާއިރު ސާފު ދިވެހި އަޑުތަކުން އެއެއްޗެއް ބުނެވޭތޯ ބެލުމަކީ ދެރަގޮތެއް ކަމުގައެއް ނުދެކެމެވެ. އަދި އަޑުއަހަންތިބި މީހުންނަކީ އަމުދުން ދިވެހި އަޑުތަކުގެ އަހުލުވެރިން ކަމުގައިވަނީނަމަ އެމީހުންނަށްވެސް އެކަށީގެންވާ އިޙްތިރާމެއް މުރެވުމަކީ، އެމީހުންނަށް ބީރައްޓިހި އަޑުތަކެއްނެރެ، އެމީހުން އެކަހެރި ކޮށްލުމެއް ނޫނެވެ. އެމީހުންނާ ވީހާވެސް ގާތްގޮތަކަށް އެކަން ކުރެވުމެވެ. އަދި ހަމަ އެހެންމެ، ވާހަކަ ދެއްކުމުގެ އެންމެ މުހިއްމު ބޭނުމަކީ، ދޭހަކޮށްދިނުން ނުވަތަ މުވާޞަލާތު ކުރުން ކަމަށް ވާއިރު، އެވާހަކަ ދެކެވޭ ބަޔަކަށް އަޑުއަހާލަން އެންމެ ފަސޭހަ ގޮތަކަށާއި އެއިވުނު އެއްޗެއް ދެނެގަތުމަށް އެންމެ ލުއިގޮތަކަށް އެވާހަކަ ދެއްކުމަކީ ދިވެހިބަހަށް އެއްވެސް ކުލުނެއް އަދި އެއްވެސް ލޯތްބެއްނެތް މީހާގެވެސް ބޭނުމަކަށް ވާނެކަމުގައި ދެކެމެވެ. އެއީ، އެކަމަކު ބަހުގެ ބޭނުމަކީ، އެއީ ކަން ދަންނަނަމައެވެ. ދިވެހިބަހުން ވާހަކަ ދައްކަން ނުވަތަ އެއްޗެއް ބުނަން ކުރިމަތިލާ މީހާ ދިވެހި އަޑުތަކުން އެއްކިބާވެ، އެހެން އަޑުތަކަކުން އެއްޗެއް ކިޔާފައި ނިންމާލުމުން ދިވެހިބަހުން ވާހަކަ ދެއްކުނީ ކަމުގައި ބެލުމަކީ ވަރަށްވެސް އުނި ގޮތެކެވެ. އެފަދަ މީހަކަށް ދިވެހިއަޑުތައް ހުތުރުވުމަކީ، މުޅިން ތަފާތު މައްސަލަ އެކެވެ. އެގޮތަށް ބައެއްމީހުންނަށް، ހުތުރުވާން ދިމާވަނީ ހަމައެކަނި ދިވެހި އަޑުތަކެއް ނޫނެވެ. ދިވެހިންގެ އެތައްއެތައް ކަމެކެވެ.

------------------
 (ނިމުނީ)

ހަވާލާ:

މުޙަންމަދު ލަޠީފު(1989).ފަތްތޫރަ(121). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.


މި ލިޔުން؛

 ޓައިޕުކުރުން:     ޢާއިޝަތު ނައްޒާ ނަޒީރު
 ފޮޓޯ ހަދިޔާކުރުން:  އަޙްމަދު ނިޒާރު (ކަނީރުމާގެ، ހދ. ކުރިނބި)
 އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް
 ޝާއިޢުކުރުން:      ''       ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ