މުސްލިމް ސައިންސް ދާނުން - 29
أَبُوالْقَاسِمُ عَمَّارُ الْمُوصَلِي
388/1005ތަޢާރުފު
عَمَّارُ مُوصَلِي އަކީ، CATARACTބަލީގެ މާހިރެކެވެ. އޭނާއަކީ ލޮލުގެ ސާޖަން އެކެވެ. عَمَّارُ مُوصَلِي CATARACT އޮޕަރޭޝަން ކުރައްވައި ފަސޭހަ ކުރެއްވި އެވެ. މިއީ ލޯ ފުސްވާ ބައްޔެވެ. ވަރަށް ނުރައްކާތެރި ބައްޔެކެވެ.
ޙަޔާތުކެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
عَمَّارُ مُوصَلِي އަކީ މޫޞަލްގެ ބޭފުޅެކެވެ. މީނާއާ ބެހޭގޮތުން ވެސް ޙަޔާތުގެ ކުރީކޮޅާ ބެހޭ މަޢުލޫމާތެއް އެނގޭކަށެއް ނެތެވެ. މީނާ ދުނިޔޭގައި އުޅުއްވީ ވަރަށް މަޝްހޫރު ބޭސްވެރިއެއް ކަމުގައިވާ އަލްޙާކިމް- 996މ ގެ ދުވަސްވަރުގައި ކަމަށް އެނގިފައި ވެ އެވެ. މީނާގެ މަސައްކަތްތައް މަޝްހޫރުވެފައިވަނީ އަލްޙާކިމްގެ ދަރިފުޅުގެ ޒަމާނުގަ އެވެ.
ލޮލުގެ ބަލީގައި އޮޕަރޭޝަން ކޮށްގެން ފަރުވާ ކުރަން ފެށްޓެވީ ޢައްމާރުކަމުގައި ބެލެވެއެވެ. ލޮލުގެ ބަލިތަކުގެ ތެރެއިން ފުސް ނުވަތަ ލޮލަށް ފެންފޭބުމާ ބެހޭގޮތުން މީނާ ވަރަށް ބޮޑަށް ތަޙްޤީޤު ކުރެއްވި އެވެ. މީނާ ލޯ އޮޕަރޭޝަން ކުރާނެ ސާމާނާ އެކަން ކުރަންވީގޮތާ ފަރުވާތެރި ވާންވީ ކަންތައްތައް ބަޔާން ކުރައްވައި "عِلاَجُ الْعَيْنِ" މިނަމުގައި ފޮތެއް އެކުލަވައި ލެއްވި އެވެ. މި ފޮތް އެންމެ ފުރަތަމަ ތަރުޖަމާ ކުރެވުނީ، ޔޫރަޕުގަ އެވެ. އަދި އޭގެ ފަހުން ޖާމަނީގައި 1905 ގައި މި ފޮތް ޝާއިޢު ކުރެވުނެވެ.
-----------------------------------------------------
أَبُوالْقَاسِمُ مَسْلَمَةُ اَلْمَجْرِيْطِي
392/1007ތަޢާރުފު
މީނާ އަކީ، ހިސާބު ޢިލްމާއި ޢިލްމުލް ޙައިވާނާތާއި ކީމިޔާ ޢިލްމުގައި ކުރިޔަށް ވަޑައިގެން ފައިވާ ބޭފުޅެކެވެ.
ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު
أَبُوالْقَاسِمُ اَلْمَجْرِيْطِي އަކީ، އިސްޕޭންގެ މެޑްރިޑްގެ އަހުލުވެރިއެކެވެ. މީނާ ތިން ވެރިއެއްގެ ދައުރު ދެކެވަޑައިގަތެވެ. އެއީ ޢަބްދުއްރަޙްމާން އައްނާޞިރު - 961 ، ޙަކީމުއްޘާނީ - 976 އަދި ހިޝާމުއްޘާނީ -1009 އެވެ. މިއިން ކޮންމެ ރަސްކަލަކީ ވެސް ޢިލްމާއި ޢިލްމުވެރިންނަށް ޤަދަރުކުރެއްވި ބޭފުޅެކެވެ. مَجْرِيْطِي އަށް މިއިން ކޮންމެ ދައުރެއްގައި ވެސް ޝަރަފުވެރިކަން ލިބިވަޑައިގަތެވެ. އަދި ރަސްކަމުގެ ދަރުބާރާ އޭނާގެ ގުޅުން ހުއްޓެވެ.
މީނާގެ ދާއިރާ އަކީ، ހިސާބު ޢިލްމު ކަމުގައި ވިޔަސް ފަލަކީ ޢިލްމާއި ކީމިޔާ އާއި ޢިލްމުލް ޙައިވާނާތު ގައި ވެސް މީނާ އަކީ، މޮޅު ބޭފުޅެކެވެ. އޭނާ ހިސާބު ޢިލްމުގައި އައު ގޮތްޕެއް އީޖާދު ކުރެއްވި އެވެ. އެއީ ވިޔަފާރީގެ ހިސާބު " ކޮމާޝަލް އެރިތުމެޓިކު" އެވެ. އޭނާ މި މާއްދާގެ މައްޗަށް އަސާސީ ބައިތައް ލިޔުއްވި އެވެ.
އެ ޒަމާނުގައި މުސްލިމު ވިޔަފާރިވެރިން ދުނިޔޭގެ އެތަންމިތަނަށް ދަތުރު ކުރި އެވެ. މީލާދީން 750 އިން 1250 އާ ދެމެދު ވިޔަފާރީގައި އެހެން އެއްވެސް ބަޔަކު މުސްލިމުންނަށް ވުރެން ކުރިއަރައިގެން ގޮސްފައެއް ނުވެ އެވެ.
އަބުލް ޤާސިމްއަށް، މި ދާއިރާގައި ޢިލްމީ ފެންވަރުގައި ހިސާބުކިތާބުގެ ކަންތައްތައް ގެންގުޅޭނެ ގޮތްތައް ކުރިއަރުވަން ފެނިވަޑައިގަތް ހިނދު، އެ ކަމާއިގެން ކުރިޔަށް ފިޔަވަޅު އެޅުއްވީ އެވެ. މީނާ އެކުލަވާލެއްވި ކޮމާޝަލް އެރިތުމެޓިކު ފޮތަށް ދެއްވާފައިވާ ނަމަކީ، "اَلْمُعَامَلاَتُ" އެވެ.
މުސްލިމުންގެ ޢިލްމީ ފޮތްތައް ޔުރަޕާ ހަމައަށް ދިޔައީ 14 ވަނަ ޤަރުނުން ފެށިގެންނެވެ. "اَلْمُعَامَلاَتُ" ވެސް ޔޫރަޕުގެ އަހުލުވެރިން ލެޓިން ބަހަށް ތަރުޖަމާ ކޮށް، އެއިން ފައިދާ ޙާޞިލު ކުރި އެވެ.
އަބުލްޤާސިމްގެ ދެވަނަ ދާއިރާ އަކީ ޢިލްމުލް ޙައިވާނާތު އެވެ. މި މަވްޟޫޢުގައި ވެސް މީނާ ފޮތެއް ލިޔުއްވި އެވެ. އެފޮތުގެ ނަމަކީ، "نَسْلُ الْحَيْوَانَاتِ" އެވެ. މި ފޮތް ވެސް ޔޫރަޕުގައި ތަރުޖަމާ ކުރެވުނެވެ.
އަބުލްޤާސިމްގެ ތިންވަނަ ދާއިރާ އަކީ، ކީމިޔާ ޢިލްމެވެ. އޭނާ އެ ޢިލްމުގެ ފޮތެއް ވެސް އެކުލަވައި ލެއްވި އެވެ. އެ ފޮތަށް ކިޔައިފައިވާ ނަމަކީ "غَايَةُ الْحِكَمِ" އެވެ. މި ފޮތް އަންދަލުސްގެ ޢީސާއީ އަކު 1250 ގައި ތަރުޖަމާ ކުރެއްވި އެވެ. އަދި ޔޫރަޕުގެ އަހުލުވެރިން މި ފޮތުން ވެސް ފައިދާ ޙާޞިލު ކުރި އެވެ. މީނާ ލިޔުއްވި ފޮތްތަކުގެ ތެރޭގައި "رِسَالَةٌ فِي الأَسْطُرْلاَبِ" މި ނަންކިޔާ ފޮތް ވެސް ހިމެނެ އެވެ.
(ނިމުނީ)