އަދުގެ ޚާއްސަ

Print

މާތްﷲ ވޮޑިގެންވެ އެވެ. އަދި އެ ކަލާނގެ ކުޅަދުންވަންތަ އެވެ. (2)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


25 އޮކްޓޯބަރ (ހޯމަ) އާ ގުޅޭ...

އަލްއުސްތާޛު އަޙްމަދު މާޖިދު

ސްޓެޓިކް ޔުނިވަރސް މޮޑެލް ޤަބޫލުކުރެއްވި ފަރަންސޭސި ވިލާތުގެ މަޝްހޫރު ފަލްސަފާވެރިއެއް ކަމުގައިވާ ޖޯރޖިސް ޕޮލީޒަރ (Georges Politzer) އޭނާގެ (Principes Fondamentaux de Philosophie) ގައި ވިދާޅުވެފައި ވެ އެވެ.

"ކާއިނާތަކީ ޚަލްޤުކުރެވިފައިވާ އެއްޗެއް ނަމަ އެކަން ކުރެވިފައި ވާން ޖެހޭނީ ކަނޑައެޅިގެންވާ ވަކި ހިނދުކޮޅެއްގެ ތެރޭގަ އެވެ. އަދި ކަލާނގެ ކާއިނާތު އުފައްދަވާފައި ވާން ޖެހޭނީ ނެތުމުގެ ތެރެއިންނެވެ. ކާއިނާތަކީ އުފެއްދެވިފައިވާ އެއްޗެއް ކަމުގައި ޤަބޫލު ކުރާނަމަ، ކާއިނާތު ވުޖޫދުގައި ނެތް ވަގުތެއް ދިޔަކަމާއި، ނެތުމުގެ ތެރެއިން އެއްޗެއް ވުޖޫދަށް ގެނެވުނުކަން ވެސް ޤަބޫލުކުރަން ޖެހޭނެ އެވެ. މިއީ ސައިންސަށް ޤަބޫލު ކުރެވޭނެ ވާހަކައެއް ނޫނެވެ. ސައިންސަށް ހަޖަމުކުރެވޭނޭ ވާހަކައެއް ނޫނެވެ."

މި ދެންނެވި ބަސްތައް ޕޮލީޒަރ ވިދާޅުވީ ސްޓެޓިކް ނަޒަރިއްޔާގެ މައްޗަށް ބުރަވެހުންނަވައިގެންނެވެ. އޭނާ ޤަބޫލުކުރެއްވި ގޮތުގައި ކާއިނާތަކީ ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވިފައިވާ އެއްޗެއް ނޫންކަމަށް، އަދި ނެތުމުގެ ތެރެއިން އެއްޗެއް ނުއުފެއްދޭނެކަމަށް ވިދާޅުވެ އޭނާ ކުރެއްވި ދަޢުވާއަކީ ސައިންޓިފިކް ދަޢުވާއެކެވެ. ސައެންސްގެ ބިންގަލެއްގެ މަތީގައި ބިނާކުރެވިފައިވާ ވަރުގަދަ ދަޢުވާއެކެވެ. ނަމަވެސް ޕޮލީޒަރގެ ވިސްނުންފުޅު ރަނގަޅު ނޫންކަން ވިހިވަނަ ޤަރުނުގެ ސައެންސްގެ ހޯދުންތަކުގެ އަލީގައި ވަނީ ހާމަވެގެން ގޮސްފަ އެވެ. ސްޓެޓިކް ނަޒަރިއްޔާއަކީ ޢިލްމީ ބިންގަލެއް ނެތް ވިސްނުމެއްކަން ވެސް ވަނީ ސާބިތުވެގެން ގޮސްފަ އެވެ. އެކާވީސްވަނަ ޤަރުނުގެ ފިޒިކްސް ވަނީ މި ކައުނަކީ ނެތުމުގެ ތެރެއިން ޚަލްޤު ކުރެއްވިގެން، އުފެއްދެވިގެން ވުޖޫދަށް އައިސްފައިވާ، ފެށުމެއް އޮތް މައުޖޫދެއްކަން މުލާހަޒާ (Observations) އާއި، ތަޖުރިބާ (Experimentations) އާއި، ހިސާބުތަކުގެ  (Calculations)އަލީގައި އިތުރަށް ސާބިތުކޮށްދީފައެވެ. ކާއިނާތުގެ ފެށުމެއް ވާކަމަށް ދުނިޔޭގެ ފަލްސަފާވެރީންނާއި ވިޔަތުރައިގެ ތަޖުރިބާކާރުން މާ އިހުއްސުރެ ދެއްވާފައިވާ ޢިލްމީ ހެކިބަސް އިތުރަށް ވަރުގަދަކޮށްދީފަ އެވެ.   

ކާއިނާތަކީ ފެށުމެއްވާ މައުޖޫދެއް ނަމަ އޭގެ މާނައަކީ އެ ފެށުން އައި ދަނޑިވަޅެއް ވެސް ވުމެވެ. އެ ފެށުން އައުމުގެ ކުރީން މި ކައުނު ވުޖޫދުގައި ވުމަކީ، ނުވަތަ އޮތުމަކީ މަންޠިޤީ ހަމަތަކުން ބަލާއިރު މުސްތަޙީލު ކަމެކެވެ. އެހެންކަމުން ކައުނަކީ ނެތުމުގެ ތެރެއިން ޚަލްޤުކުރެއްވިގެން ވުޖޫދަށް ގެނެވިފައިވާ އެއްޗެކެވެ. ޚަލްޤުކުރެއްވިފައިވާ މަޚްލޫޤެކެވެ. ޚަލްޤުކުރެއްވިފައިވާ، ނުވަތަ އުފެއްދިފައިވާ ކޮންމެ އެއްޗެއް އުފެއްދި ފަރާތެއް ވެސް ވާން ޖެހޭނެ އެވެ. ނެތް އެއްޗެއް އަމިއްލަޔަށް އެ އެއްޗެއްގެ ޚުދީޒާތު އުފެއްދިއޭ ބުނެވޭ ބުނުމަކީ އިންސާނީ ބުއްދި އެ ބުނުމަކަށް ކަނޑައެޅިގެން އިންކާރުކުރާ ބުނުމެކެވެ. މަންޠިޤީ ހަމަތަކުން ބަލާއިރު ހަމަނުޖެހޭ ބުނުމެކެވެ. ވުޖޫދުގައި ނެތް ކޮންމެ އެއްޗެއްވެސް ވުޖޫދަށް އަންނާނީ އެ އެއްޗެއް ވުޖޫދަށް ގެނައި ފަރާތެއް، އެ އެއްޗެއް އުފެއްދި އެހެން ފަރާތެއް ވުޖޫދުގައި ހުރެގެންނެވެ.

ބައެއް ބޭފުޅުން ވިދާޅުވެ އެވެ. "ކާއިނާތާއި ކާއިނާތުގައި ވާ ތަކެއްޗާއި ކަންކަމާއި އަދި ކާއިނާތުގެ ޤާނޫނުތައް އުފެއްދި ފަރާތެއް ވާން ޖެހޭނެ ނަމަ، އެ އުފެއްދި ފަރާތެއްވެސް ވާން ޖެހޭނެ އެވެ. އިލާހަކު ވޮޑިގެންވާކަމަށް އިންކާރުކުރައްވާ ބައެއް ބޭފުޅުން ވެސް މި ޒުވާބު ތަކުރާރުކުރައްވަ އެވެ. އެފަދަ ބޭފުޅުންގެ ނަޒަރުގައި ކާއިނާތު އުފެއްދެވި ފުރަތަމަ ޚާލިޤަކު ވޮޑިގެންވާން ޖެހޭ ނަމަ އެ ފުރަތަމަ ޚާލިޤު އުފެއްދެވި ދެވަނަ ޚާލިޤެއް ވެސް ވާން ޖެހޭނެ އެވެ. އެއަށްފަހު ދެވަނަ ޚާލިޤު އުފެއްދެވި ތިންވަނަ ޚާލިޤަކު ވެސް ވޮޑިގެންވާން ޖެހޭނެ އެވެ. މިގޮތަށް ޚާލިޤުންގެ ސިލްސިލާ ނިމުމެއް ނެތި ދެމިގެން ދާނެ އެވެ. ނަމަވެސް ޚާލިޤުންގެ މިފަދަ ސިލްސިލާއެއް އޮތުމަކީ ފަލްސަފީ ނަޒަރަކުން ބަލާއިރު މުސްތަޙީލު ކަމެކެވެ. އަދި ކީއްތޯ އެވެ! އެފަދަ އެއްވެސް ސިލްސިލާއެއް ނިމުމެއްނެތި ދެމިގެން ދާނެ ކަމަކަށް ފަލްސަފީގޮތުން ޤަބޫލުކުރެވޭ އެއްވެސް ހަމަޔަކުން ނުދައްކަ އެވެ.

އެހެންކަމުން އެންމެ އެކަށީގެންވާ ޚިޔާރަކީ ފެންނަން އޮތް ކާއިނާތު ވުޖޫދުގައިވާކަން ޤަބޫލުކުރުމަށްފަހު، އޭގެ ފަހަތުގައި ފެންނަން ނެތް އެހެން އެއްވެސް ބާރެއް އޮތް ކަމަށް ދަޢުވާ ނުކުރުމެވެ. ބަރޓްރޭންޑް ރުސެލް (Bertrand Russell) ވިދާޅުވިހެން 'ކާއިނާތު ހަމަ އޮތީއޭ، އޭގެ ސަބަބެއް އޮތް ކަމަށް ބެލެވޭނެ ގޮތެއް، އަދި އޭގެ ސަބަބަކާމެދު ދައްކާނެ މާނައެއްހުރި އެއްވެސް ވާހަކައެއް ނެތޭ' ބުނެ ނިންމައިލުމެވެ."  

މި ދެންނެވި ޒުވާބަކީ އިލްޙާދީންގެ ތެރޭގައި ވަރަށް މަޤުބޫލު ޒުވާބެކެވެ. ނަމަވެސް ޙަޤީޤަތުގައި އެ ޒުވާބަކީ ވަރަށް ބޮޑު ބާގަނޑެއް އެ ޒުވާބެއްގައި ހިމެނޭ ޒުވާބެކެވެ. ކާއިނާތުގެ ޚާލިޤެއް ވާން ޖެހޭނެޔޭ އަޅުގަނޑުމެން ބުނަނީ ކާއިނާތަކީ ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވިފައިވާ އެއްޗަކަށް ވާތީ އެވެ. މިއީ ސައިންސާއި ފަލްސަފާއާއި ހިސާބު ޢިލްމުގެ އިއްތިފާޤުން ސާބިތުކޮށްދޭ ޙަޤީޤަތެކެވެ. މުސްލިމުންގެ މަޝްހޫރު ފަލްސަފާވެރިޔާ އިބްނު ސީނާގެ މައުޖޫދާތުގެ ނަޒަރިއްޔާ (Theory of Beings) އާއި އެ ނަޒަރިއްޔާގެ ޝަރަޙައިގައި އިސްލާމީ ދުނިޔެއާއި ހުޅަނގުގެ ފަލްސަފާވެރީން ލިޔުއްވާފައިވާ ލިޔުއްވުންތަކާއި މެޓަފިޒިކްސް (Metaphysics) ގެ ބަޙުޘްތައް ބައްލަވައިލެއްވުމުން އެކަން އެނގިވަޑައިގަންނަވާނެ އެވެ. މި ދެންނެވި މައުޖޫދާތުގެ ނަޒަރިއްޔާއާއި ބަޙުޘްތަކުގެ އަލީގައި އަޅުގަނޑުމެން ހުށަހަޅާ ޒުވާބަކީ، މުމްކިން މައުޖޫދެއް ނުވަތަ އިނގިރޭސި ބަހުން ކިޔާ ގޮތުން ނަމަ 'ކޮންޓިންޖެންޓް ބީންގ' (Contingent Being) އެއް ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވޭނީ އެ އެއްޗެއްގެ ބޭރުން، އެ އެއްޗަކާ މިނިވަން ގޮތެއްގައި، އެއެއްޗަކަށްވުރެ ކުރީން ވުޖޫދުގައިވާ ޚާލިޤަކު އެ އެއްޗެއް ޚަލްޤުކުރުމުންކަމުގެ ޒުވާބެވެ. އަޅުގަނޑުމެން މި ޒުވާބު ހުށަހަޅަނީ އެއްވެސް މުމްކިން މައުޖޫދެއް، އެ މައުޖޫދެއް ވުޖޫދަށް އައުމަށް މެދުވެރިކުރާނެ ސަބަބެއް ނެތި ވުޖޫދަށް ނާންނާނެކަމަށް ފަލްސަފާއާއި މަންޠިޤު ދޭ ހެކިބަހުގެ މައްޗަށް ބުރަވެތިބެ އެވެ. ކާއިނާތަކީ މުމްކިން މައުޖޫދެއް ކަމުގައި ވާ ހިނދު، އަޅުގަނޑުމެން ބުނަނީ ކާއިނާތު އޭގެ ޒާތުގައި އަމިއްލަޔަށް ވުޖޫދަކަށް ނާންނާނެ ކަމަށެވެ. ކާއިނާތު ވުޖޫދަށް އައުމަށް މެދުވެރިކުރި ސަބަބެއް ވާން ޖެހޭނެ އެވެ. ކާއިނާތުގެ ޚާލިޤެއް ވާން ޖެހޭނެ އެވެ. ކާއިނާތަށް އޭގެ ޒާތު ނެތުމުގެ ތެރެއިން ވުޖޫދަށް އަމިއްލައަކަށް ނުގެނެވޭނެ އެވެ.  

އެކަމަކު ކާއިނާތުގެ ވެރި ޚާލިޤަކީ ކާއިނާތާ އެއްފަދަ ފަރާތެއް ނޫނެވެ. ކާއިނާތުގެ ޚާލިޤަކީ މުމްކިން މައުޖޫދެއް ނޫނެވެ. ނެތުމުގެ ތެރެއިން ވުޖޫދަށް ގެމަވޮޑިގެންނެވި ފަރާތެއް ނޫނެވެ. އެ ޚާލިޤަކީ ފެށުމެއް ނެތި އިސްވެވޮޑިގެންވާ ފަރާތެކެވެ. ނިމުމެއް ނެތި އަބަދަށް ދެމިވޮޑިގެންވާ ފަރާތެކެވެ. ފަލްސަފާގެ ޢިބާރަތުން، އިބްނު ސީނާގެ ބަސްފުޅުން ދަންނަވާނަމަ، ޟަރޫރީ މައުޖޫދެކެވެ. 'ނެސެސަރީ ބީންގ' (Necessary Being) އެކެވެ. އެ ފަރާތެއް އެއްވެސް އިރެއްގައި ނުވަތަ ޒަމާނެއްގައި ވުޖޫދުގައި ވޮޑިގެންނުވުން މަންޠިޤީގޮތުން މުސްތަޙީލު ފަރާތެކެވެ. ދުނިޔޭގެ ހުރިހާ ފަލްސަފާވެރީން އެއްބަސްވާގޮތުގައި ޟަރޫރީ މައުޖޫދެއް ޚަލްޤުކުރާނެ އެހެން ފަރާތެއް ވާކަށް ނުޖެހޭނެ އެވެ. ޚާލިޤަކުވާކަމަށް އިންކާރުކުރާ ފަލްސަފާވެރީން ވެސް ޟަރޫރީ މައުޖޫދެއް ވުޖޫދަށް އައުމަށް އެހެން ޚާލިޤެއް ބޭނުންވާނެއޭ ވިދާޅެއް ނުވެ އެވެ. އެހެންކަމުން ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވިފައިވާ ކޮންމެ އެއްޗެއްގެ ޚާލިޤަކު ވުން ލާޒިމު ވިޔަސް، ފެށުމެއް ނެތް ފަރާތެއް، ނުވަތަ ޟަރޫރީ މައުޖޫދެއް އުފެއްދި ޚާލިޤަކު ވުމަކީ މުސްތަޙީލު ކަމެކެވެ. އަޅުގަނޑުމެންގެ ޒުވާބަކީ މިއީ އެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ފެށުމެއް ނިމުމެއްނެތި އަބަދަށް ދެމިވޮޑިގެންވާ ޟަރޫރީ މައުޖޫދެކެވެ. އެހެންކަމުން އެކަލާނގެ އުފެއްދެވި ފަރާތެއް ވާކަށް ނުޖެހޭނެ އެވެ.

މިކަމާ ގުޅިގެން ފާހަގަކުރަންޖެހޭ މުހިއްމު އަނެއް ނުކުތާއަކީ ނެތުމުގެ ތެރެއިން އެއްޗެއް އުފެއްދުމަކީ، އެހެން އެއްޗެހިތަކެއް އެއްކޮށް ގުޅުވައިގެން ނުވަތަ އެއްޗެހިތަކެއްގެ ސޫރައާއި ސިފައާއި ބައްޓަމާއި ވައްތަރު ބަދަލުކޮށްގެން ނުވަތަ ރޯމާއްދާތަކެއް ބޭނުންކޮށްގެން އެއްޗެއް އީޖާދުކުރުން ނުވަތަ ހެދުން ނުވަތަ ތައްޔާރުކުރުމާ މުޅީން ތަފާތު ކަމެއް ކަމެވެ. އިންސާނާ އުފައްދާ ހުރިހާ އުފެއްދުންތަކަކީ ވެސް ދެވަނަޔަށް މި ދެންނެވި ބަޔަށް ވަންނަ ތަކެއްޗެވެ. އަޅުގަނޑުމެން އެއްވެސް އެއްޗެއް "ނެތުމުގެ ތެރެއިން ހަދައިގެން ނުނެރެމު" އެވެ. އަޅުގަނޑުމެން އުފައްދާ ނުވަތަ ތައްޔާރުކުރާ ކޮންމެ އެއްޗެއް ވެސް އުފައްދައި ތައްޔާރުކުރަނީ އެހެން ތަކެތި ބޭނުންކޮށްގެންނެވެ. އެ ތަކެތި ރޯ ނުވަތަ އަޞްލު ޙާލަތުގައި ހުރި ގޮތް ބަދަލުކޮށްގެންނެވެ. ނުވަތަ އެތައް އެއްޗިއްސެއް އެއްކޮށްލައިގެން އެކި ކަހަލަ ގޮތްގޮތް އެ އެއްޗިއްސަށް ހަދައިގެންނެވެ. އަޅުގަނޑުމެން ގޮނޑިއެއް ޖަހަނީ ގަހަކުން ލަކުޑި ކަނޑައިގެން އެ ލަކުޑީގެ އަޞްލު ސޫރައާއި ބައްޓަމާއި ސިފައަށް ބަދަލުތަކެއް ގެނެސްގެންނެވެ. އަޅުގަނޑުމެން ކުޅި ބޯކިބަލެއް އަޅަނީ ފުށާއި ފެނާއި މިރުހާއި ލޮނާއި ހަވާދުފަދަ ތަކެތި ވަކި ގޮތަކަށް އެއްކޮށްލައިގެން އަލިފާނުގެ ހޫނުން އެ އެއްޗެހީގެ އަޞްލަށް ބަދަލުތަކެއް ގެނެސްގެންނެވެ. ނެތުމުގެ ތެރެއިން އެއްވެސް އެއްޗެއް ނެރެގަތުމުގެ ބާރު އަޅުގަނޑުމެންނަކަށް ލިބިފައެއް ނުވެ އެވެ. ނެތުމުގެ ތެރެއިން އެއްޗެއް އުފެއްދުމުގެ ބާރު ލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާ އެވެ. އެ ކަލާނގެ އެއްޗެއް ޚަލްޤު ކުރެއްވުމަށްޓަކައި ރޯމާއްދާއެއް ބޭނުންވެވޮޑިއެއްނުގަންނަވަ އެވެ! އެ ކަލާނގެ އިރާދަފުޅާއެކު "ވާށޭ" ވަޙީކުރެއްވުމުން ކޮންމެ އެއްޗެއްވެސް ނެތުމުގެ ތެރެއިން ވުޖޫދަށް އަތުވެދެ އެވެ.  

ކޮންމެއަކަސް، ކައުނަކީ ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވިފައިވާ އެއްޗެއްކަމުގައި ހިމެނޭ ހިމެނުމަކީ މި ކައުނު އުފެއްދެވި ޚާލިޤެއް ވާން ޖެހޭކަމުގެ ވަރުގަދަ ދަލީލެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަށް އެކަން ގަބޫލެއް ނުކުރެވެ އެވެ. ނުވަތަ އެކަން ޤަބޫލުކުރައްވަން އެ ފަދަ ބައެއް ބޭފުޅުން ބޭނުން ފުޅެއް ނުވެ އެވެ. އެއީ ކީއްވެގެންތޯއެވެ؟ މި ސުވާލުގެ ޙަޤީޤީ ޖަވާބު ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. އަޅުގަނޑުމެން އިންސާނުންނަށް ކުރެވޭނެ ކަމަކީ ފެންނަފެނުމާއި ކުރެވޭ ތަޖުރިބާތަކަށް ބަލައި ވިސްނުމަށްފަހު އަޅުގަނޑުމެންނަށް ފެންނަ ގޮތެއް ބަޔާންކުރުމެވެ. އެހެނަސް، އަޅުގަނޑުމެންނަށް އެނގޭ ޙަޤީޤަތަކީ ފެންނާން ހުންނަ ޙަޤީޤަތްތަކުގެ ކުރިމަތީގައި ލޯމަރައިލުމަކީ އިންސާނާ އަލަށް ކުރާ ކަމެއް ނޫން ކަމެވެ. އަމިއްލަ އެދުންތަކަށް އިސްކަން ދިނުމާއި، ގޮތްދޫނުކުރުމާއި، ކަނުޢަޤީދާތަކާއި، ތިމާޔަށް ލިބިފައިވާ ބުއްދިއާއި ބަހުގެ އުނިކަން ޤަބޫލުނުކޮށް އެ އުނިކަމުގެ ސަބަބުން ފޮރުވޭ އަދި އޮޅުންއަރާ ތަންތަންކޮޅުގައި މާބޮޑަށް ހިފައި ދެމުމާއި، ބޮޑާކަމާއި ކިބުރުވެރިކަމަކީ ވަރަށް ގިނަ ފަހަރު އިންސާނާގެ ލޯ ޙަޤީޤަތުގެ ކުރިމަތީގައި ކަނުވެގެންދާ ސަބަބުތަކެވެ.

ބިގް ބޭންގް ނުވަތަ ބޮޑު ގޮވުމާއި ކައުނު ފެތުރުން


ކާއިނާތަކީ ނެތުމުގެ ތެރެއިން ވުޖޫދަށް އައިސްފައިވާ މައުޖޫދެއްކަން ސައެންސާއި ފަލްސަފާއާއި ޙިސާބު ޢިލްމުގެ އަލީގައި ސާބިތުވެ އެވެ. ނެތުމުގެ ތެރެއިން ވުޖޫދަށް ކާއިނާތު އައީ، ނުވަތަ ގެނެވުނީ ކިހިނެއްތޯ މި ސުވާލުގެ ޖަވާބު ހޯދުމަކީ މުޅީން ތަފާތު މައްސަލައެކެވެ. މި މައްސަލައާމެދު ސައެންސްގެ ދުނިޔެ ވަކި ގޮތަކަށް އިއްތިފާޤުވެފައެއް ނުވެ އެވެ. ނަމަވެސް މި ޒަމާނުގެ ގިނަ ސައެންސްވެރީންގެ ނަޒަރުގައި ކާއިނާތު އުފެދުނީ ބޮޑުވެގެންވާ ގޮވުމެއް (Big Bang) ގެ ނަތީޖާއެއްގެ ގޮތުންނެވެ. މި ނަޒަރިއްޔާއަށް ދެވިފައިވާ ނަމަކީ 'ބިގް ބޭންގް ނަޒަރިއްޔާ' (Big Bang Theory) އެވެ.  

ކާއިނާތު އުފެދުމާމެދު ފާޅުކުރެވިފައިވާ ނަޒަރިއްޔާތަކުގެ ތެރެއިން ސައެންސްގެ ދުނިޔޭގައި އެންމެ މަޝްހޫރު އަދި އެންމެ މަޤުބޫލު ނަޒަރިއްޔާއަކީ ބިގް ބޭންގް ނަޒަރިއްޔާއެވެ. ނަމަވެސް އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ޙަޤީޤަތަކީ މިއީވެސް އިންސާނީ ހޯދުމާއި ދިރާސާތަކުގެ އަލީގައި ހުށަހެޅިފައިވާ ނަޒަރިއްޔާއެއްކަމެވެ. ބިގް ބޭންގާމެދު ސައެންސްވެރީން މިހާރު ވިދާޅުވެފައިވާ ވާހަކަތަކުގެ ތެރޭގައި ކުށެއް އޮތުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެފަދަ ޢިލްމީ ކުށެއްގެ ސަބަބުން ކާއިނާތަކީ ޚަލްޤުކުރެއްވިފައިވާ މަޚްލޫޤެއްކަމުގެ ޙަޤީޤަތަށް އިންކާރުކުރަން ޖާގައެއް ނުލިބެ އެވެ. ބިގް ބޭންގް ނަޒަރިއްޔާގެ ޣައިރުހާޒިރުގައި ވެސް، ސައެންސާއި ޙިސާބު ޢިލްމާއި ފަލްސަފާގެ އެހެނިހެން އެތައް ހެކިތަކާއި ދަލީލުތަކެއްގެ އަލީގައި ކާއިނާތަކީ ޚަލްޤުކުރެއްވިފައިވާ މައުޖޫދެއްކަން ސާބިތުވެ އެވެ. ބިގް ބޭންގް ނަޒަރިއްޔާގެ ސަބަބުން މި ދެންނެވި ހެކިތަކާއި ދަލީލުތަކަށް އިތުރު ބާރެއް ލިބިދޭކަމާމެދު ޝައްކެއް ނެތެވެ. ކާއިނާތަކީ ޚަލްޤުކުރެއްވިފައިވާ މައުޖޫދެއްކަމުގެ ޙަޤީޤަތަށް އިތުރު ބާރެއް ލިބިދޭކަމާމެދު ޝައްކެއް ނެތެވެ. ހަމަ އެފަދައިން ކާއިނާތު އުފެދުނު ގޮތާމެދު ސައިންސްގެ ދުނިޔޭގައި މިއަދާ ހަމަޔަށް ހުށަހެޅިފައިވާ އެންމެ ބުރަދަން ބޮޑު ނަޒަރިއްޔާއަކީ ވެސް ބިގް ބޭންގް ނަޒަރިއްޔާކަމާމެދަކު ޝައްކެއް ނެތެވެ. ކާއިނާތަކީ ޚަލްޤުކުރެއްވިގެންވާ މައުޖޫދެއްކަން ސާބިތުކޮށްދޭ ސައެންސީ ހެއްކެއްގެ ގޮތުގައި ބިގް ބޭންގް ނަޒަރިއްޔާވެސް ހުށަހެޅޭ ސަބަބަކީ މި އެވެ.
------------------
(ނުނިމޭ)


ހަވާލާ:

    މިއީ ހާރޫން ޔަޙްޔާ ލިޔުއްވާފައިވާ ލިޔުމަކާއި އަދި ބައެއް އެހެނިހެން ރިފަރެންސްތަކުގެ އަލީގައި ލިޔެވިފައިވާ ލިޔުމެކެވެ. 
             - މާޖިދު -       


ފޮޓޯތަކުގެ ތަޢާރުފު:

 1- މައުޟޫޢުގެ ރަމްޒު
 2- އިބްނު ސީނާ
 3- އިންސާނުން ތަކެއްތި އުފައްދަން ބޭނުންކުރާ ބައެއް ރޯ މާއްދާ
.

މި ލިޔުން:

 ފަންވަތަށް ފޮނުއްވުން:  އަލްއުސްތާޛު އަޙްމަދު މާޖިދު
 އަލުން ބެލުން:       އާދަމް ނަޞީރު އިބްރާހީމް
 ޝާއިޢުކުރުން:         ''        ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ