އަދުގެ ޚާއްސަ

Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (1)

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ތާރީޚް


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު

މި ފޮތުގައި ވަނީ ސުމުއްވުލްއަމީރު މުޙަންމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކުރައްވާފައިވާ ދެ ދަތުރުފުޅެއްގެ ދަތުރު ނާމާ އެވެ. ދަތުރުގެ ވާހަކަ އެވެ. މި ފޮތުގައިވާ މަޢުލޫމާތުތަކަކީ އެއްގޮތަށް ވުރެ ގިނަ ގޮތުން މުހިންމު މަޢުލޫމާތުތަކެކެވެ. އަދަބީ ގޮތުންނާއި ތާރީޚީ ގޮތުނެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ނުރައްކާތެރި ދަނޑިވަޅުގައި އެމަނިކުފާނު ކުރެއްވި ޚާއްޞަ  ތަޖުރިބާއަކަށް ވުމުން ވެސް މެ އެވެ. މި ފޮތް ފަންވަތުގެ ކިޔުންތެރިންނާ ހަމަޔަށް މި ގެނެސް ދެވެނީ ފޮތުގެ މުޞައްނިފުގެ ކުރު ތަޢާރުފަކާ އެކީގަ އެވެ.
        - ފަންވަތް -  
 

ފޮތްލިޔުއްވި ލިޔުންތެރިޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު

  
މުޙައްމަދު އަމީން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1910 ވަނަ އަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހު އެވެ. ދާދި ޅައުމުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެން ތަޢުލީމު ޙާޞިލުކުރެއްވީ ޝްރީލަންކާ އާއި އިންޑިޔާގެ ކޮލެޖްތަކުންނެވެ. ދިހަވަރަކަށް އަހަރު ރާއްޖެއިން ބޭރުގައި އުޅުއްވި ނަމަވެސް އެ މަނިކުފާނުގެ ހިތްޕުޅުގައި ދިވެހިބަހަށް ދެއްވައިފައިވާ ޤަދަރާއި ޝައުޤަށް ކުޑަވެސް އުނިކަމެއް ނާދެއެވެ. އަމީން ވިދާޅުވަމުން ގެންދެވީ "އަސަރަކާ އަދި ފޮނިކަމެއް އެކި ބަސްބަހުން ހަމަ ފެނުނަކަސް، އަސަރުގަދަ އަދި އެންމެ ފޮނި ބަހަކީ މަށަށް މި ދިވެހިބަހޭ" އެވެ.

ޢުމުރުފުޅުން ނަވާރަ އަހަރުގައި މުޙައްމަދު އަމީން ސަރުކާރުގެ ޚިދުމަތަށް ނުކުމެ ވަޑައިގަންނަވައިފިއެވެ. އޭގެ ހަތަރު އަހަރެއްހާ ދުވަސް ފަހުން އެ މަނިކުފާނު ހުންނެވީ މަޙްކަމާއެއްގެ ވެރިޔާގެ ގޮތުން ވަޒީރުންގެ މަޖްލިސްގެ މެންބަރެއްގެ ގޮތުގައެވެ. އާދެ! ރާއްޖޭގައި އެންމެ ފުރަތަމަ ހިންގުނު ޤާނޫނު އަސާސީގެ ދަށުން އުފެދުނު ސަރުކާރުގެ މަޙްކަމަތުއްތިޖާރާގެ ވެރިޔާގެ މަޤާމުގައެވެ.
        
މުޙައްމަދު އަމީންގެ ޢުމުރުފުޅުގެ އެންމެ ޒުވާން ދުވަސްތައް ހޭދަކުރައްވަން ޖެހިވަޑައިގަތީ ސަރުކާރުގެ މުހިއްމު މަސައްކަތްތައް ކުރެއްވުމުގައެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ދަތިތަކާ ދިވެހި ޤައުމު ކުރިމަތިލަމުން ދިޔަ ދުވަސްވަރު ދިވެހި ޤައުމީ ނަވުގެ ކައްޕިތާނަކަށް ވެސް އަދި ސަރަނގަކަށް ވެސް ހުންނެވީ އެމަނިކުފާނެވެ. ދިވެހި ޤައުމުގެ އެންމެ މަތީ ވެރިޔާ، އާދެ! ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސްކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވިއިރު މުޙައްމަދު އަމީނުގެ ޢުމުރުފުޅަކީ ސާޅީސް ދެ އަހަރުފުޅެވެ. އަވަހާރަވީ 1954 ގެ ޖަނަވަރީ މަހު 19 ގައެވެ.
       
މުޙައްމަދު އަމީންގެ އަދަބީ ޚިދުމަތްތަކަކީ ސަރުކާރުގެ ގިނަގުނަ ކަންތައްތަކެއް ކުރެއްވުމުގައި ވަރަަށް އަވަދިނެތި އުޅުއްވަމުން ކުރައްވައިފައިވާ މަސައްކަތްޕުޅެއްކަން ޔަޤީނެވެ. އެ މަނިކުފާނު ދިވެހި އަދަބުގެ ތެރެއަށް ދޫކުރައްވައިފައިވާ ބައެއް ތަރިކަތަކަކީ ދައުލަތް ހިންގެވުމުގެ ދާއިރާގައި އެ މަނިކުފާނަށް ކުރެއްވުނު އެކިއެކި ތަޖުރިބާތަކުގެ ގަލަމީ ތަޞްވީރު ތަކެވެ. ދިވެހި ތާރީޚްގެ ފަތްފުށްތަކެވެ. އަނެއް ބަޔަކީ ދިވެހި ބަހުގެ އަދަބިއްޔާތާއި ޤަވާޢިދުގެ ފޮތްތަކެވެ. އަދި އަނެއް ބަޔަކީ................ އާދެ! ކުރުކޮށް ދަންނަވާނަމަ ދެންނެވެން އޮތީ މުޙައްމަދު އަމީން ދިވެހިބަހުން ލިޔުއްވައިފައިނެތް ރޮނގެއް ނެތް ކަމުގައެވެ.

                     - ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު -


" މާލެއިން އައްޑުވަށް...."


ވަކިވުމުގެ އުފަލާއިހިތާމަ! . . . . އާދޭހެވެ! ވަކިވުމަކީ، ހިތާމައެކެވެ. ވަކިވުމަކީ، ދަތިކަމެކެވެ. ވަކިވުމަކީ، ބޮޑުކަމެކެވެ. ވަކިވުމުގައި އުހަލެއްވާނަމަ، އެއީ އަދި އަޅުގަނޑަށް ދަސްނުވެއޮތް ފިލާވަޅެކެވެ. ހޯދާން ނުއެނގޭ އުފަލެކެވެ. ރަހަ ނުދެކޭ ތަޖުރިބާއެއްމެއެވެ. . . . .
       
ކޮންމެއަކަސް، 1363 ހ. ވަނަ އަހަރު ޖުމާދިލްއާޚިރު މަހު 20 ވީ ހޯމަވިލޭރެއި، 10 ޖެހިއިރު، މާލޭގެ ފާލަންމަތީން "ޑަންގީ ރަޙްމާނީ" ގެ ބައްތެއްޔަށް، އަޅުގަނޑު ފޭބީ، ދަތިކަމާއި ހިތިކަމުން ފުރިގެންވާ ހިތަކާއިގެންނެވެ. އެހިނދު އަޅުގަނޑުގެ، ވިސްނުންވަނީ ބަޔާންނުކުރެވޭފަދަ ވިސްނުންތަކެއްގެ މައްޗަށް ދޫވެފައެވެ. އަޅުގަނޑުގެ ހިތްވަނީ، ބަރުދާސްތު ނުކުރެވޭފަދަ ވޭނަކުން އަނދައަނދައެވެ. . . . . . އަޅުގެ . . . . އެރޭ، އެކިއެކި ވަކިވުމުގެ ސަލާމްކުރެވުނުއިރު، ދެފަރާތުން، އެދުމުގެ ދޫ އެގޮވި އަޑުނުއިވޭ ހެޔޮއެދުންތަކާއި، އެބަޔާންކުރި ތެދުވެރި ވަފާތެރި ކަމީ، ދުވަހަކުވެސް އަޅުގަނޑުގެ ހަނދާން ނެތޭނޭ އެއްޗެއްތޯއެވެ؟ އެރޭ . . . .
       
ކޮންމެއަކަސް އިންސާނެއްގެ ހިތަކީ، އަބަދުގައި ސާބިތުކަމާއި ހަމަޖެހުމުން ފުރިގެންވުމުގެ ނަސީބު ލިބޭ އެއްޗެއްނޫނެވެ. އެހެންކަމުން. ދަތިކަމާއި، ނުތަނަވަސްކަމުން ފުރިގެންވާ ހިތަކާއިގެން، އަޅުގަނޑަށްވެސް ފައިބާންޖެހުނީ "ޑަންގީ" ގެ ބައްތެއްޔަށެވެ. ކުރިމަތީގައިވާ ދިގު ދަތުރުގެ ފޫހިފިލުވުމެއް ކަމަށާއި، ކުރިމަތިލާންޖެހުނު ކޮންމެ ދުއްތުރާލެއްގައި އަޅުގަނޑާ އެހީވުމަށް އަޅުގަނޑާއިއެކު ވަރަށް އަގުހުރި، މަތިވެރި އެއްޗެއް މާލެއިން ވަކިވިއެވެ. އަޅުގަނޑުގެ ލޯބިވާ، ގާތްތިމާގެ މީހުންގެޔާއި، ލޯބިވާ ގާތް ރަޙްމަތްތެރީންގެ ހެޔޮދުޢާއާއި ހެޔޮއެދުންތަކެވެ.
       
"ޑަންގީ" ގެ ބައްތެލި މިޔޮއްދަނީ މަޑުމަޑުން، އެކަމަކު ހަމަކަށަވަރުން މާލޭގެ ކަނޑިންމާގެ ބޭރުގައިލާފައި އެވާ ބޮއިގާ އަޅާފާއޮތް "ޑަންގީ" އާ ދިމާއަށެވެ.
       
އުޑުމަތި މާކަސާފެއްނޫނެވެ. ރޭގަނޑުގެ ހަމަހިމޭންކަމާއި، މަޑުމައިތިރިކަން ދުނިޔެ މައްޗަށް، ގަދަވާން ފަށައިފިއެވެ. އުޑުގެ އެތަން މިތަނުން ތަރިތައް ފިޔަޖަހާލެއް ނުލާހިކު ފަރިއެވެ. ވިހިވިލޭރޭގެ ހަނދު އެރުމަށް އެހެރަގެން ފަރިވަނިއްޔެވެ. އެކަމަކު ރަންހާރުތަކެއްގައިވާ މުތީތަކެއް ފަދައިން، އެތުރިފައިވާ ތަރިތައް މިހާރު އެދަނީ، ކެރީގެ އަސަރުން ފަނޑުވަމުންނެވެ. . . . . އަސްތާ! އަސްތާ! ދުވަސްކޮޅަކަށް އަޅުގަނޑުމެންގެ ގެޔެއްކަމުގައިވާނޭ "ޑަންގީ" ޔަށް، މިޔޮއްއެރެނީއެވެ! "ޑަންގީ" ގެ އެތަން މިތަނުން އެތިބަ އުތުރެނީ، އޭގެ ނެވިނިޔަމީންނާއި، ފަޅުވެރީންތޯއެވެ؟ ނޫނެކޭ! ނޫނެކޭ! އެއީ، އަޅުގަނޑުމެން އެރަހައްޓާން މާލެއިން ވަޑައިގެންނެވި ބައެއް ބޭފުޅުންނާއި ބެއިކަލުންނެވެ.
       
އިސްތަށިފުޅުގާ ބޮލަށް ކޮއްޕީއެއް ތުރުކުރައްވައިގެން "ޑަންގީ" އަށް ކުރީން އަރާތިބި ދެފާސިންޖޯރުންގެ މައްޗަށް މާ އޯގާވެރި ލޯފުޅަކުން ބައްލަވަބައްލަވާ އެހުންނެވީ ކޮން ބެއިފުޅެއްތޯއެވެ؟ އެއީ މީރުބަހުރުގޭ މުޙައްމަދުދީދީ ފިއަވައި އެހެން މީހެއްނޫނެވެ. އެހުންނެވީ ޒުބައިރެވެ. އަތްބުރި ގަމީހެއް ތުރުކުރައްވައިގެން.

"އަރިއަހުން ދުރުވުމަކަށް، ނުއެދެމެ އޭނާ ތެދެކޭ.
     ތަރިތަކެއް ފެންނަވިއަސް، ކަމުފަލަކުން ދެން މިއަރާ"
       
އޭ ހިތްޕުޅަށް އަރައަރާ ހުންފުޅު އަންނާން ހީފުޅުކަރުވަކަރުވާ އެހުންނެވީ، އިބްރާހީމް ޝިހާބުކަން ޔަޤީނެވެ. ކެހެރިލިބާހެއް ލައިގެން ހަށިގަނޑު ހޫނުކަންމަތީގައި ބެހެއްޓޭތޯ، އެހެރަ މަސައްކަތްކުރަނީ، މަލިމްމޫސާ ފަތްލިއާ ކަލޭފާނެވެ. ބޮލުގައި ފޮށައެއް އޮޅައިގެން އެހެރަ ފަލަފަލަ މީހަކީ، އަނެއްކާ ކާކުބާވައެވެ؟ އާދެ! އެނގިއްޖެއެވެ. އެއީ، މާކޮށާރު ބަނޑޭރި ކުޑަދޮންމަނިކެވެ. މާދެރައެއްވެފައި، "ދޮޅިން ދަތް އަތް ނުނެއްޓޭފަދަ" ގޮތެއްގައި އެހެރީ، މާދޫގޭ އަޙްމަދު ކަލޭފާނު . . . . ތުކި- "ހަރުތޯ-މަޑުތޯ" ކެރަފާ މުޙައްމަދުފުޅެވެ. އެހެރީ، މަނިކު މުޙައްމަދު، މައިޒާނެވެ! އެހެރީ . . . . .
       
އަދި ހަމަކަށަވަރުންވެސް އެކަކު މަދެވެ. މުޙައްމަދު ނަޞީރުމަނިކު އަނެއްކާ ކޮބައިތޯއެވެ؟ . . . . މ.ނ.މ ތޯއެވެ؟ އުދަރެހުގާ ވިލާރޮއްޖެއް ދަމާލިތަން ފެނިފާ، ހުންގާނުން ފަހަށް ފަހަށް ޖައްސަމުން، މާނޫންކަމަށް ހަދާފާ، ދެދޮރޯށި ދޭތެރޭން އެއްގަމަށް، ދެންމެއަކު މީހަކު ދަނިކޮށް ދުށީމެވެ. އެމީހަކީ، ނާއިބުމަނިކު ނޫން ކަމުގައި ވަނީނަމަ، އެއީ ދެންފަހެ ކާކުތޯއެވެ؟
       
ގަޑީގެ ކަށި، އެހެރީ، 10 ގަޑި 45 މިނެޓްއާއި ދިމާގައެވެ. އުޑުމަތީގައިވާ ފެންބަރުކައިފައިވާ ވިލާތަކާއި، ހަނގުރާމަކުރަމުން ރޭގަނޑުގެ ރާނީ، ދުނިޔެމަތީގައި ރަނިކަން ކުރެއްވުމަށް އެހެރަ އަރަނީއެވެ. . . .
       
"ތައްޔާރު ޖާގަޖާގާ!" . . . . . ޑަންގީގެ ބޮޑުރިޔާކޮށާލައިފިއެވެ. އެއިރު ބޯމަތީގާ ތައްޔާރުވެފައިވާ ވިލާގަނޑުގެ ވަޔާއި ވާރޭ، ވަރަށް ތަނަވަސްކަމާއިއެކު "ޑަންގީ" އަށް ލިބިލިބި ހުއްޓެވެ. ފުނަދޫމަތިން ދޭތޯ އުޅެ ނުގޮސްގެން، "ޑަންގީ" އެދީލާލީ، ފުނަދޫގެ ދަށަށެވެ. މިހާރު ބޯޓު އެދަނީ، ވަރަށް ފިސާރިއަށް ދުވެލާފައެވެ. މާގިނައިރުތަކެއް ނުވަނީސް، ގާދޫކޮލެވެ ކިޔާ ކަނޑުއޮޅިން ނުކުމެވިއްޖެއެވެ. އެއިރުވެސް ވަރަށްބޯކޮށް ވާރޭވެހެއެވެ.
       
މިހުރިހާކަމެއް ވަމުންދާއިރުވެސް، އ.ގ.އ އޮތީ ހުންއައިސްގެން ފައްޖެހި އެނދަކަށް ވެއްޓިފައެވެ. ދިގު ސުފުރާމަތީ ތައްޔާރުވެފައިވާ، ގޮދަންރޮށްޓާއި ކުކުޅުރިހައަށް، އިންސާފުކުރިއިރަކު ނުވަތަ ހަދިއާދަޅުތަކުގެ މަތިތައް އެގޮތްމިގޮތަށް ބުރުވިއިރަކު، އެއިން އެއްވެސް މަޖަލެއްގާ، އަޅުގަނޑަކަށް ބައިވެރިއެއް ނުވެވުނެވެ.
       
މިހާރު، އެނބޫދޫ ފިނޮޅާ ހަމައަށް "ޑަންގީ" ހިނގައްޖެއެވެ. ވަގުތަކީ މެންދަމުން އަލިވެ، އެއްގަޑިބައެވެ. މާލެއިން އަޅުގަނޑުމެން އެރަހައްޓާން ވަޑައިގެންނެވި ބޭފުޅުން ބައްތެއްޔަށް ފައިބާ ވަޑައިގަތުމަށް، އެތިބަ ތައްޔާރުވެވަޑައިގަންނަވަނީއެވެ. ކުރީން އަރާތިބި ދެފަސިންޖަރުންނާއި، ބައެއް ބެއިފުޅުން އާދަޔާއި ޚިލާފު އޯގާތެރިކަމަކާއިއެކު، އެބަ ސަލާމްކުރައްވައެވެ! . . . .
       
އެންމެފަހު ސަލާމްތަކާއި، ހެޔޮދުޢާތައް ބަދަލުކޮށް މިއޮއްނިމެނީއެވެ. "ފީއަމާނި ﷲ" . . . .
       
މާލެއަށްދާ ދޯނި "ޑަންގީ" އިން ދޫކޮށްލައިފިއެވެ. . . . ވާރޭވެހެއެވެ. ދޯނިވަނީ ފުރިފައެވެ. އެމީހަކު އިންތަނުން ގުޑާވެސް ނުލެވިފައި، ކަނބިލިތަކެއް ފަދައިން އޭގާ ތިބިމީހުން އެބަތިބޫއެވެ. މާތްﷲ އެބައިމީހުންނަށް ސަލާމަތް ދަތުރުދެއްވުމަށް އެދޭފަދައިން، އަޅުގަނޑުމެން ހިތުގެ އެންމެ އަޑީން މިއެދެނީ، އަޅުގަނޑުމެން މާލެއިން ވަކިވި ގާތްމީހުންނާއި، ރަޙްމަތްތެރީންނަށް ރަޙްމަތްލައްވައި، އެބައިމީހުން ތަނަވަސްކަމުގެ ރަހަމީރު ކޯރުން ފެންބުއިމަށް އިރާދަކުރެއްވުމެވެ. އާމީން!
       
އާހް! އަޅުގަނޑުމެން އެކަނިވީއެވެ! "އަޅުގަނޑުމެން" ނަކީ، ކޮބައިތޯއެވެ؟ އަސްތާ! އަޅުގަނޑުމެންގެ ޕާޓީއަކީ، ވަރުގަދަ ޕާޓީއެކެވެ. މާލޭގައި، ނާޒީ ޕާޓީއެއް އުފެދިފައި ނުވާނަމަ، އަޅުގަނޑުމެންގެ ޕާޓީއަށް އަޅުގަނޑު ނަންދިނީހީ، ނާޒީ ޕާޓީއެވެ. . . . އެކަމަކު، އެނަން ދެވޭކަށް ނެތެވެ. އެހެންކަމުން، ދެން ކިޔާން ފެންނަނީ، "ބޮޑުމަސްހުނި ޕާޓީ" އެވެ. އާދެ! އަޅުގަނޑުމެންގެ ލޮލުގެ އަލިކަން "ބޮޑުމަސްހުނި ޕާޓީ" ގެ މައްޗަށް އަޅުވާލަމާތޯއެވެ؟ އަޅުގަނޑުމެންގެ ޕާޓީ، ބަޔާންކުރާން އަޅުގަނޑު ފަށާނީ ކަކައިގޭ ކަޅުގޮމާ ކުޅިޖެއްސެވިގޮތުގެ މިސާލުޖައްސަވާ މަލިމް މަނިއްޕުޅުގެ މުޙައްމަދުދީދީން އިންނެވެ. ދެވަނައްށް އަންނަނީ، ޙުސައިން ޢަފީފުދީދީއެވެ. ޙުސައިން ޢަފީފު ދީދީ، ތިޔައިން އެއްވެސް ބެއިފުޅަކަށް ތަޢާރަފް ކުޅައުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ ބައެއްބާވަތުގެ ސިޓީ، އެސިޓީގެ ވެރިޔާއަށް ރައްދުވާފަދަ ގޮތެއްގައި، އޭނާއަށް ފޮނުވާން ނުއެނގުނަކަސް، އޭނާއަކީ ވަރަށްގިނަ ކަންކަމުގެ ތަޖުރިބާ ލިބިފައިވާ ކުއްޖެކެވެ. މިދަތުރުގާ ހިނގި ވަރަށް ތާރީޚީ ކަމަކަށްފަހު، އަޅުގަނޑުމެން މިހާރު އޭނާއަށް ކިޔާއުޅެނީ، "ފިއްތި ބަރަބޯ" ޙުސައިންދީދީއެވެ. ތިންވަނައަށް އަންނަނީ، ބީރު ޢަލީދީދީއެވެ. އާދެ! ހަމަ ރަތްލާޖެހި، ބީރު ޢަލީދީދީއެވެ. ގުޅަކުޅޭ ފަސްގަނޑުގާ، އެއްކަލަދުވަހު، މިހާރު މުޅިމާލެއަށް މަޝްހޫރު ތަޤްރީރު ދިން ޢަލީދީދީއެވެ. އާދެ! މިދެންނެވީ، "މިތާނގައޭ، އެތާނގައޭ" ތަޤްރީރުގެ ވާހަކައެވެ. ނުކިޔަމަންތެރި ގޮތެއްގައި އަޅުގަނޑުމެންނާއި، ބަޔަކު ދިމާކޮށްލައިފިނަމަ، އެބަޔަކާއި ދިމާއަށް ޢަލީދީދީ ފޮނުވަނިކޮށް، އޭނާގެ ވާހަކަދެއްކުމުގެ ބާރުން، އެބަޔަކު ހަމަޖައްސާލާނޭކަން ޔަޤީނެވެ! އަސްތާ! އަޅުގަނޑުމެންގެ ތެރޭގައި ހުރި އެންމެ ހިތްވަރުގަދަ މީހާ ހަނދާން ނުނެތުނީ، ހަމަކިރިޔާއެވެ. ޢަލީދީދީއަށް މަތަނުވި ބަޔަކާއި ދިމާއަށް ފޮނުވާންވީ އޭނާއެވެ. ބަޔަކުދެކެ ބިރުން މިސްކިތަކަށް، ޒިޔާރަތަކަށް، ކެޔޮވަޅުލާން ކޮނެފާއޮތް ވަޅުގަނަޑަކަށް އޭނާ ނުވަންނާނެއެވެ. އެމީހަކީ މައުލަވީ މުޙައްމަދު ޙަސަން ފިއަވައި، އެހެން މީހެއް ނޫނެވެ. ލަވަކިޔާން ދިމާކޮށްލިއަސް، އަޅުގަނޑުމެންގެ ޕާޓީ ދެރައެއް ނުވާނެއެވެ. މިހެނީ، ދިވެހިރާއްޖޭގެ ލަވަކިއުމުގެ އުޑުގައި، ހެނދުނުގެ ތަރި ފަދައިން ވިދަވިދާއެހެރަ، މ.ޚ ގެ މަތިވެރި މަޤާމުން އޭނާ ވައްޓާލާނޭ މީހާވާނީ، މިޕާޓީގައެވެ. އަޅުގަނޑުގެ ހިތުގެ އެންމެ އަޑީން މ.ޚ އަށް ހަމްދަރުދީ ރައްދުކުރަމެވެ. އޭނާގެ ފަޚްރުވެރި މަޤާމަށް، ވަކިވުމުގެ ސަލާމް ކުރަންޖެހޭނޭ ދުވަސް މާދުރަކުނެތެވެ.
       
މިހެނީ، ވަޑިދޮންމަނިކުގެ ނަޞީބުގެ ތަރި، އެހެރަ އަންނަނީ ފަލަކުން އަރަމުންނެވެ. އޭނާ "ޑަންގީ" ގައި ފުރަތަމަ "ވިލާރަތްލާ" ކިޔާން ފެށްޓި ދުވަހު، ބޯޓުގެ އެތަންމިތަނުން ދެލޯދިލިވަމުން، އެނުކުތީ، އޭނާގެ ރާގުގެ ރީތިކަމާއި، މަޚްރަޖައިގެ ފުރިހަމަކަމާއި، ހަމައިގެ ބޮޑުކަމުންނެވެ. ވަޑިދޮންމަނިކުގެ ލަވަކިއުމުގެ ކާމިޔާބުގެ ސިއްރަކީ، އޭނާގެ ހަމައިގެ ބޮޑުކަމެވެ. މ.ޚ ގެ އަތުން ފޭހުނު އިލޮށިގަނޑު، އޭނާގެ ލޮލަށް ހެރިއްޖެއެވެ. ޕާޓީގައި ދެން އަންނަނީ، ބޮނޑިބަތް ދޮންތުއްތެވެ. އޭނާއަކީ، މަޙްކަމަތުއްޝަރުޢިއްޔާއިން ވަރަށް އަގުހުރި ފަތްކޮޅެއް ލިބިފައިވާ މީހެކެވެ. އަދަބާއި ޚިލާފުނޫން ގޮތެއްގެމަތީން، "ބޮނޑިބަތް" ބަޔާންކުޅައުމުގެ ކުޅަދާނަކަމެއް އަޅުގަނޑަކަށް ލިބިފައެއް ނުވެއެވެ. ކޮންމެއަކަސް އެއްދޮނުގާ ދެބުޅިޖަހާކަށް، އެވަރެއެއް ނުފެންނާނެއެވެ. ޕާޓީގެ އަނެކަކީ، އ.ގ.އ އެވެ. އ.ގ.އ ބަޔާންކުޅައުމަށް ބޭނުންކުރާނޭ ޢިބާރާތެއް އަޅުގަނޑަކަށް ނުވިސްނެއެވެ. އޭނާ ބަޔާންކުޅައުމަށް، އަޅުގަނޑު ދޫކުރާނީ، މިހާސަރުތައް ކިޔާބައެއްގެ ޚިޔާލުގައި ހުރި ތަނަވަސްކަމެއްގެ މައްޗަށެވެ! . . . . .
------------

(ނުނިމޭ)

ހަވަލާ؛

ސމ. މުޙަންމަދު އަމީނު (2004). މަލަސް (80). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.

މި ލިޔުން:

  ޓައިޕުކުރުން:    މުޙަންމަދު އަޙްސަން (ފަންވަތުގެ އިދާރީ މެމްބަރެއް)
  އަލުންބެލުން:    އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން:    ''          ''


އިދާރާ

ވާހަކަ