އަދުގެ ޚާއްސަ

Print

حسن غلآم الدين ސައުދާގަރުގެ ވާހަކަ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


މުޚްތާރު ޢަބްދުއްރަޙްމާނު - ނޫރާނީގެ/ށ. މިލަދޫ

بصرة ގެ حسن غلآم الدين ސައުދާގަރަކީ ވަރަށް ބޮޑު ވިޔަފާރި ވެރިއެކެވެ. ވިޔަފާރީގެ ކަންތައްތަކުގައި ކާމިޔާބީގެ އަހުލުވެރިންކުރެ ނަސީބުވެރި އެކެވެ. އާރެއް ބާރެއް ހުރި ކޮންމެ މީހެއްގެ އެންމެ ބޮޑު އެކުވެރިޔާ އެވެ.  حسن غلآم الدين ސައުދާގަރުގެ އެންމެ ގާތް ރަޙްމަތްތެރިޔަކީ ވަގުންގެ ޖަމާޢަތެކެވެ. ޚާއްޞަކޮށް މުލަވަގުކަލޭގެ އެވެ. މިހެން ކަންތައް ހުރުމުން މި ސައުދާގަރުގެ މުދަލުން ވައްކަން ކުރާނެ މީހަކު ނޫޅެ އެވެ. މުލަވަގުކަލޭގެ ކޮންމެ ދުވަހަކު ވެސް މި ސައުދާގަރަށް ހަދިޔާއެއް ގެނެސްދެ އެވެ. އެއީ އޭނާ ކުރާ ވައްކަމުގެ ތެރެއިންނެވެ.

އެއްދުވަހަކު حسن غلآم الدين ސައުދާގަރު ކުރެއްވި ވިޔަފާރިއެއްގައި ފަސްރުފިޔާ ގެއްލުންވެއްޖެ އެވެ. މިކަމުގެ ހައިޖާނީ ފިކުރުގަނޑުން ހިތުގެ ވައި ބާރުވެ، ފެހުނުވަޅުން ޖަހައިލި މުލަހަޅައަކަށް ވެއްޖެ އެވެ. މޫނުމަތީގައި ދުނިޔެ އަނދިރި ވެއްޖެ އެވެ. މި ފިކުރުގެ ހައިޖާނުގަނޑުގައި އިންދައި މުލަވަގުކަލޭގެ އައިސް ސައުދާގަރަށް އަމޭ ކިޔާފައި ދުވަހުގެ ހަދިޔާ ދީފި އެވެ. ސައުދާގަރު ބަލައިވެސްނުލައި ލިބާހުގެ ޖީބަށް ލައިފި އެވެ. ރަނގަޅަށް ލޯހުޅުވާލާފައި ދުނިޔެމައްޗަށް ބަލައިލިއިރު ޢަޞުރަށް ވުރެ އިރު ތިރިވެއްޖެ އެވެ. ކުއްލިއަކަށް ހަނދާންވީ ޢަޞުރުފަހުން ރަސްގެފާނު ގަނޑުވަރަށް ދިއުމަށް އަންގަވައިފައި ވާކަމެވެ. އެއީ ބޮޑުންނަށް ތައްޔާރުވެފައިވާ ޖާފަތަކަށެވެ. ވަގުތު ފަސްވެފައި ވާތީ އިސްކޮޅު ތެދުކޮށްލައި ދެފައިކުރިއަށް ބާރުލާފައި އަޅައި ދުއްވައިގެންފި އެވެ. އެ ގޮތަކުން މި ގޮތަކުން ދެވުނުއިރު އެންމެންވަނީ ޖަމާވެފަ އެވެ. ކޮންމެ މީހަކު ވެސް ރަސްގެފާނަށް ވެދުމަކަށް އަގުހުރި ހަދިޔާ ގެންދިޔަ އެވެ. ކަންދިމާވި ގޮތުން حسن غلآم الدين ސައުދާގަރަކަށް ރަސްގެފާނަށް ވެދުމަށް އަރުވާނެ ހަދިޔާއެއް ނުގެންދެވުނެވެ. މިކަމާ ދެރަވެގެން ހުއްޓާ ކުއްލިއަކަށް މުލަވަގުކަލޭގެ އޭނާއަށް ދިން ހަދިޔާ މަތިން ހަނދާން ވެއްޖެ އެވެ. ޖީބަށް އަތްލައިފައި ބަލައި ވެސް ނުލައި އެ ހަދިޔާ ރަސްގެފާނަށް ވެދުމަށް އަރުވައިފި އެވެ. ރަސްގެފާނު އެ ހަދިޔާއަށް ވަރަށް ރަނގަޅަށް ބައްލަވައިލެއްވި އެވެ. އެއީ ރަސްގެފާނު މިއަދު މި ޖާފަތް ބޭއްވުމުގެ މަޤުޞަދު ޙާޞިލުވީތީ އެވެ.

ދެން ޖާފަތުގެ ކަންތަކުން ނިމުމާއެކު حسن غلآم الدين ސައުދާގަރު ހައްޔަރު ކުރެއްވުމަށް ރަސްގެފާނު އަމުރުފުޅު ނެރުއްވުމާއެކު އޭނާ ހައްޔަރު ކުރެވިއްޖެ އެވެ. ހައިރާން ނުވާށެވެ. ޢިއްޒަތްތެރި މާތް ރަސްގެފާނު އެންމެ ފަހުން ކައިވެނި ބައްލަވައިގަތް އަނބިކަނބަލުންނަކީ، ނަލަރީތި އެހައިމެ ލޫޅާފަތި ބިކުރުވެރި ޅަނބާޅަ ބޭފުޅެކެވެ. އެ ކަމަނާގެ މައްޗަށްވާ މަޖުބޫރީއަކުން ރަސްގެފާނާ ކާވެނިވީކަމަކު ރަސްގެފާނާ ދިމާއަށް ބަލައި ވެސް ނުލަ އެވެ. ރަސްގެފާނު ކިތަންމެ ވާހަކަފުޅެއް ދެއްކެވިއަސް އެ ކަމަނާ ރަސްގެފާނާ ދުރުފަރާތަށް ބަލަންއިނދެފައި އޫނ، އަޅުވައިލަނީ ވެސް މަދުފަހަރަކު އެވެ. ރަސްގެފާނަށް އެ ކަމަނާގެ ފަރާތުން ކުޑަވެސް އުފާފުޅެއް ނުލިބުނެވެ.

މިހެންވެ އެ ކަމަނާ ރުހުން ލިބިވަޑައިގެންނެވުމުގެ އެދުންފުޅުގައި އެ ކަމަނާ ރުހޭނެހައި ކަމަކަށް ޚިޔާލުފުޅު ކުރެއްވުމަކީ މިހާރު ރަސްގެފާނުގެ ފިކުރުފުޅެވެ. މިހެން ގޮސް އެ ކަމަނާ ރުހުން ލިބިވަޑައިގަތުމުގެ އެދުންފުޅުގައި ސަރުކާރުގެ ޚަޒާނާގައިވާ ޖަވާހިރުތައް ނަންގަވައި ކުޅަދާނަ މޮޅު ފަންނާނުން ލައްވައި އެ ޖަވާހިރުތަކުން ރީތި ކުލަކުލައިގެ ރޮދިހައްދަވައި އޭގެ އަގުކުރުން ވެސް އުނދަގޫވާވަރުގެ ވަރަށް  ރީތި ހެނދުންކޮޅެއް ތައްޔާރު ކުރެއްވީ އެވެ. ދެން މަސައްކަތު މީހުންނަށް އިނާމުތައް ދެއްވައި އެ މީހުން ފޮނުވާލެއްވީ އެވެ. ދެން ރަސްގެފާނު ހިތްޕުޅުގައި އެ ކަމަނާ ރުހުން ލިބިވަޑައިގަންނަވާނޭކަމުގެ، ދިޔަވަރު ބޮޑުވެ ރަށް ގިރާކަހަލަ ރާޅުތައް ހިތްޕުޅުގައި ޖަހައި، عاشقي غرامي  އޮއިވަރުގަދަވެ عشقي މަސްތީ ފިނޮޅު ވޮޑި ގިރަމުން ދެ އެވެ. جزبات ތަކުގެ ދަމާ އޮއިވަރާ އެކު އެ ފޮޅުވާ ނަލަ މާތަކުގެ އަސަރުގައި ޚިޔާލީ މަސްތީ عشقي ރާ ތަށިން ހައިހޫނުކަން ފިލުވަމުން ދެ އެވެ. އެ ލަޠީފީ އިސްތަށިގަނޑުން މޫނު ފޮރުވިގެން އޮޅުވަމުން ލޮޅުވަމުން އަތްދާނުގައި ފިރުމަމުން ހިތްދާގޮތުން ރޯޅިއެއް ނުވާ ހަނދުވަރީ ރެއެއްގައި ސަރާސަރު ދޮންވެލި ތުނޑީގެ ފިނޮޅެއްގެ ތުނޑިދޮޑުގައި ބޯސާޖަހައިލަން ލިބުމުގެ ނަޞީބުގައި ޚިޔާލީ ޚިޔާލީ އިސްކިރީނަށް އަރައިފައިބަމުންދާ ކުލަ ފޮޓޯތަކުން އެ ހިތްޕުޅަށް ވާނެ ގޮތްތައް ..........

ރަސްގެފާނު އެ ހެދުންކޮޅު ހިއްޕަވައިގެން އެ ކަމަނާ އަރިހަށް ވަޑައިގެންނެވި އިރު، އެ ކަމަނާ ދާންމަތިކޮޅުގައި އިންނެވި އެވެ. ރަސްގެފާނު ވަޑައިގަތުމުން އެ ކަމަނާގެ މޫނުފުޅު އެހެންފަރާތަކަށް އަނބުރާލެއްވި އެވެ. ރަސްގެފާނު މިއީ ކަމަނާއަށް ގެންނެވި ހެދުންކޮޅެކޭ ވިދާޅުވުން އެކަމަނާ އުނ އުނ  އުނ  އެހ އެހ އެހެރަތާ ބާއްވާށޭ. ވިދާޅުވި އެވެ. ރަސްގެފާނު ކުޑައިރުކޮޅަކުން ހުންނަވާފައި ވަޑައިގެންފި އެވެ. އެ ހެދުން ކޮޅަކީ ފައްޖަހައިލުމުން މުށަށް ލެވޭވަރު ކުޑަ، ނިއުޅައިލުމުން ފުދޭވަރެއްގެ ހެދުންކޮޅެކެވެ. އޭގެ އެއްދު ވަސް ފަހުން ބެއްލެވި އިރު އެ ހެދުންކޮޅެއް ނެތެވެ. ވީގޮތެއް ބެއްލެވުމަށް ޖާފަތެއް ބޭއްވެވީ މިހެންވެގެންނެވެ.

ދެންފަހެ غلآم الدين ސައުދާގަރާ ސުވާލުތައް ކުރެވިއްޖެ އެވެ. އެ ހެދުންކޮޅު ލިބުނު ގޮތެއް ބުނަން ނޭނގުނުތާނގައި، ރަސްގެފާނަށް ވެދުމަށް އެރުވުނު ހަދިޔާ އަކީ ހެދުންކޮޅެއްކަމެއް ވެސް ޔަޤީނުން ބުނާކަށް ނޭނގުނެވެ. އެއީ މީގެ ކުރިން ސައުދާގަރު އެ ހެދުން ލޮލުން ބަލައި ދެކިފައި ނުވާތީ އެވެ. ރަސްގެފާނު މި ހެދުމަކީ ތިމަން ރަސްގެފާނަށް ސައުދާގުރު ހަދިޔާކުރި ވެދުމެކޭ، އެ ވިދާޅުވާ ވިދާޅުވުން ފިޔަވާ ސައުދާގަރުގެ ކުށް ސާބިތުކުރެވޭނެ ހެއްކެއް ޤަރީނާއެއް ނެތެވެ. ސައުދާގަރަކަށް ރަސްގެފާނު ވިދާޅުވުމުގެ ކުރީގައި އެކަމާބެހޭ އެއްވެސް މަޢުލޫމާތެއް އެނގިފައި ނުވެ އެވެ.

ކޮންމެއަކަސް ސައުދާގަރަށް އެ ކަމުން ބަޗާނެ ހުއްޖަތެއް ނުދެއްކުމުން، މިފަދަ އަގުބޮޑު ވައްކަމުގެ ތުހުމަތުގައި غلآم الدين ސައުދާގަރު ޤަތުކުރުމަށް ޙުކުމް ކުރެވި، މާދަމާ حسن غلآم الدين ސައުދާގަރު ޤަތުލުކުރެވޭނެކަމުގެ އިޢުލާން ކުރައްވާ ރަށްބޭރުގައި، އެ ލިޔުން ބަހައްޓައިފި އެވެ.  ސައުދާގަރު މިއަދާ މިރޭގެ ކަންތައް ހަމަޖައްސާލުމަށް ފުރުޞަތުދެއްވާ، މާދަމާ ހެނދުނު ދަރުބާރަށް ހާޒިރުވުމަށް އަންގަވައި ފޮނުވައިލެއްވީ އެވެ. ރަސްގެފާނު ހިތްޕުޅުގައި ސައުދާގަރު މިފަދަކަމެއް ނުކުރައްވާނެކަމަށް ޔަޤީންފުޅުވީނަމަ ވެސް މިކަމުގައި ވަރަށްފުން އަޑިއެއް ވާނެކަން ވެސް  ރަސްގެފާނަށް ޔަޤީން ވެވަޑައިގަންނަވަ އެވެ. ރަސްގެފާނު ބޮޑުވަޒީރަށް ވިދާޅުވި އެވެ. ''މިރޭ ސައުދާގަރު އުޅޭގޮތެއް ބެއްލެވުމަށް ފަސްފަހަތުން ފާރަލާން ޖެހޭނެ. އޭރުން ކަމުގެ ދޮގުތެދު އެނގޭނެ''.

ދެން ރޭއަނދިރިވުމުން ރަސްގެފާނު، އަނބިކަމަނާ އަރިހުގައި މިރޭ ގަނޑުވަރަށް ވަޑައި ނުގަންނަވާނެ ވާހަކަ ވިދާޅުވެފައި، ވަޒީރާ ދެކަލުން ވައްތަރެއްގެ ކަޅުހެދުމެއް ތުރުކުރައްވާ ހަތިޔާރު ހިއްޕަވައިގެން ނުކުންނަވައިފި އެވެ.

އެރޭ غلآم الدين ސައުދާގަރު ދުރުވީ އޭނާގެ ވަރަށް ގާތް ސައުދާގަރެއްގެ ގެ އަށެވެ. އެ ގެއަށް ގޮސް ގޮވައިލުމުން ބޮޑު ސައުދާގަރުގެ އަޑުކަން އެނގި ތެދުވަންއުޅެ ނުތެދުވެވުނެވެ. ސައުދާގަރު އޮންނެވީ މި ފަހަރު ކުރި ދަތުރުގައި ގެންނެވި ޖާރިޔާއެއްގެ ގާތުގައި ރޭކުރައްވާށެވެ. އެ ޖާރިޔާ އޮޅުލައި ހިފަހައްޓާތީ ނުތެދުވެވުނީ އެވެ. ދެވަނަ ތިންވަނަފަހަރަށް ގޮވައިލުމާއެކު ޚަންޖަރުން ޖަހައި އެ ކަމަނާ ޤަތުލުކޮށް ލައްވާ ވީއްލިގަނެގެން އަތުވެއްޖެ އެވެ. ލެއިން ތިކިތަޅަތަޅާ ހުއްޓެވެ.  ރަސްގެފާނަށް މިތަން ފެނިވަޑައިގަތުމުން ވަޒީރަށް ވިދާޅުވި އެވެ. މިފަދަ މީހުންގާތުގައި ސިއްރެއް އޮތަސް ބުނާނެ އެވެ. ދެން މިތާ ދެކެވުނު ވާހަކައެއް ދެކެވުމަށްފަހު ސައުދާގަރު ދުރުވީ ސިފައިންގެ ވެރިޔާގެ ގެޔަށެވެ. އެގެޔަށް ގޮސް ގޮވާލުމުން ބޮޑު ސައުދާގަރުގެ އަޑުކަން އެނގިގެން ދުވެފައި ނިކުމެ، މި ދަންވަރު ކޮންފަދަ ބޮޑުކަމެއް ޖެހުނީތޯ އައްސަވައިފި އެވެ. ސައުދާގަރު ކަން ހިނގައިގެން އުޅޭ ގޮތް ކިޔައިދިނުމުން އޭގެ ލޭ ހޫނުވެގެން ގޮސް ގުގުމައިގެންފައި ބުނެފި އެވެ. ރަސްގެފާނު ޤަތުނުވެ ސައުދާގަރު ގަތުލެއް ނުވާނެ އެވެ. އެ ބަތާޙަރާމީއަށް  ވާގޮތެއް މާދަމާ ފެންނާނެ އެވެ. އެ ބަތާހަރާމީ ދޭ އެއްޗަކުން މަށަށް ހަމައެއް ނުޖެހެ އެވެ. މަ ދުނިޔޭގައި މިއުޅެނީ ސައުދާގަރު ދޭ އެއްޗަކުންނެވެ. މިހާރު މިދަނީ މަގޭ ސަރުދާރުންނަށް އަންގައި ކަންތައް ހަމަޖައްސާށެވެ.
 
ދެން ސައުދާގަރު ދިޔައީ މުލަވަގުކަލޭގެ ގެއަށެވެ. ގޮސް ގޮވައިލުމާއެކު ވަގުކަލޭގެ އަދި މިރޭ ނުނިދައި އުޅެއެވެ. ކަންވެގެން އުޅޭގޮތް ބުނުމުން ވަގުކަލޭގެ ބުނެފި އެވެ. މިގޭގައި މަޑުކޮށްލާށެވެ. ރަސްގެފާނުންގެ ބޯ ހިފައިގެން އަންނާނަމެވެ. އިރުގަނޑެއްވެފައި ވަގުކަލޭގެ އަތުވެއްޖެ އެވެ. އިސްތަށިގަނޑު އަތަށް އޮޅާލައިގެން ބޮލެއް ގެނެސް ސައުދާގަރުގެ ކުރިމަތީގައި ބާއްވާފައި މިއީ ރަސްގެފާނުގެ ބޮލޭ ބުނެފި އެވެ. ސައުދާގަރު ހަމަ ތިޔައީ ރަސްގެފާނުންގެ އިސްތަށިފުޅު ތޯއެވެ؟  ވަގުކަލޭގެ ބުނެފި އެވެ. އެހެންޏާ ރަސްގެފާނުގެ ލޯބިފުޅުވާ އަނބިކަނބަލުންގެ އަރިހުގައި އޮންނާނީ ރަސްގެފާނު ނޫންތޯ އެވެ؟ އަނބިމީހާ ކައިރީގައި އޮންނާނީ ފިރިމީހާ އެވެ. އެ ކަނބަލުންގެ ފިރިމީހާނޫން މީހަކު އެކަނބަލުންގެ ގާތުގައި އޮތުމަކަށް ތަނެއް ނުދޭނެ އެވެ.

މުލަވަގުކަލޭގެއާ ސައުދާގަރު ސުވާލުކުރަމުން އޮޅުންފިލުވަމުން ގެންދެ އެވެ. މުލަވަގު ކަލޭގެއަށް ނޭނގޭ ސިއްރެއް ގެއެއްގެ ތެރޭގައި ވެސް އޮތްކަމަކަށް ނުވެ އެވެ. މީހުންދައްކާ ވާހަކަތަކަށް ފާރަލުމަކީ ވެސް ވަގުންގެ ކަމެކެވެ.

ދެން އައްސަވާށޭ ރަސްގެފާނު ކާވެނިބައްލަވައިގެން އެ އުޅުއްވާ ނޫރުޖަހާން އަކީ އެ ރަސްގެފާނު ކާވެނި ބައްލަވައިގެންނެވި އިރު ވެސް ކަށި ނުޖެހޭ ދޮން ލުނބޮއެއް ނޫނެވެ. ހުސް ހިތެއްގެ ވެރި ބޭފުޅެއް ވެސް ނޫނެވެ. محبوب جان ގެ ލޯބީގައި މަންޖޯޅިޖެހިފައިވާ معشوقى އެކެވެ. محبوب جان އަކީ އެ ކަމަނާގެ ލޯބީގައި މަންޖޯޅު ޖެހިފައިވާ އެކަމަނާގެ عاشق އެވެ. މި ދެ ލޯބިވެރިން ވެސް އެހެނިހެން ލޯބިވެރިން ފަދައިން ބުރުޖަހަމުން ދިޔަ އެވެ. ލޯބީގެ ގަނޑުވަރުތައް ބިނާކޮށް ޙަޔާތުގެ ޗާޓްތައް ކުރަހައި ކުލަޖައްސަމުން ގެންދެ އެވެ. ތޫނު ނަލަ ހަނދުވަރުދޭ ރޭތަކުގައި، ހަނދާ ހަނދުވަރު ހެކިކޮށް އަހުދުތައް ކުރަމުން ގެންދެ އެވެ. ކޮކާ ހަނދުވަރުދެ ގަސްގަސް ދަށުގައި، އެ ކޮކާހަނދުވަރު ހެކިކޮށް ވަޢުދުތައް ވަމުން ދެ އެވެ. ރީތި ދޮންވެލި ތުނޑިތަކާ، ކަނޑުގެ ލޮނުގަނޑަށް އެޅިފައިވާ ދޯދިތަކާ، ހަނދުވަރުގެ ރިހި ވިދާލުންތައް ހެކިކޮށް ލޯބީގެ ތަރާނާތައް ކިޔަމުން ދެ އެވެ. މޫދުތެރެއިން ފެންނަ ކުލަކުލައިގެ މަސްމަހާމެހި މި ލޯތްބަށް މަރުޙަބާ ކިޔުމަށް ހިތްގޮވަމުން ދެއެވެ. އެއްގަހުން އަނެއްގަހަށް އެއްމަލުން އަނެއް މަލަށް ފޮނިބޯން އުދުހޭ ބަނޅިދާ މާބުރުތައް، އަޑުރީތި ޢަންދަލީބާއި މަޑު ފެހިކުލައިގެ ތޯތާތައް ލޯބީގެ އަސަރުގަދަ ޣަޒަލުތައް ލަޙުން ތަކުން އުފާކުރަމުން، ލޯބީގެ ޢިޝްޤީ ކިސްތީގެ ރިވެތި ދުވެލީގައި ނޫކަނޑުތަކާއި ރީތިނަލަ އައްސޭރިތަކުގައި ބުރުޖަހަމުން ދެއެވެ. ލޯބީގެ ނާ ނިޔާމަ ދަތުރުކުރަމުންދާއިރު ދެކަންކަށިން ވިއްސާލާ ރާޅުތަކުގެ މިޔުޒިކަށް މަސްތުވެފައި ތިއްބާ !! !! ! އޭ !! ރަސްގެފާނުންގެ ތޫފާނީ ވިލާގަނޑު ބޯމައްޗަށް ނަގައި ރޫޅައިލި ވިލާގަނޑުގެ ވައި ނަވަށް އެރުމާއެކު ލަނބުރާންތަކުން ބުންއަޑު ގޮއްވާލުމާއެކު އަމަރާލި ބިންދައިލައިފި އެވެ. " ނާކޮޅު ކުނބުކޮޅު" ތަޅާލައިފި އެވެ. ނަކުވާއަށް ހުންގާނުގެ ފެނެއް ނުޖެހުނެވެ. ގަދަވަޔާ ރާޅުގައި ތަޅަމުން ގަޅަމުން ގެން ގޮސް ކުމެރީ ފަރުބަދައިގައި ޖެހި ނާގަނޑު ރޫޅި ފިލާތައް އޮޔާ ލައިފި އެވެ. ދެން ފަތަމުން ފީނަމުން ހިނދެމުން ނުހިނދެމުން ދެ އެވެ. ކޮޅިވައި ވިލާގަދަ ނޮޅިވައި ނުހިކެމުން މޮޅިތައް ނުހަނު ގިނަ ގޮޅީގައި ވެގެން ދިޔަކަމުން ޣާލިބު ބުނި ބަސް މިއޮތީ ތެދަކަށް ވެފަ އެވެ. (ލޯބީގެމައްޗަށް އެހެންބާރެއް ނުހިންގޭނެ) ބޭނުންވެގެންއުޅޭ މަޤުޞަދު ޙާޞިލުވެއްޖެނަމަ ތަދުބީރަކީ ސީދާ ފާލެކެވެ. ނޫންނަމަ، ......

ނޫރުޖަހާން ރަސްގެފާނުގެ ގަނޑުވަރަށް ގެންދެވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި محبوب جان އެ ކަމަނާ އެއިންނަވާ ގަނޑުވަރުގެ ބަގީޗާ ބަލަހައްޓާ މީހަކަށް ހަދައިފި އެވެ. ރަސްގެފާނު محبوب جان އަށް އަންގަވާފައިވަނީ އެ ކަމަނާ ހިތްޕުޅާ ވާކަހަލަ ކުލަރީތި ވަސްމީރު މާމެލާމެލީގެ ގުލްޝަންތަކުން ވެދުންކޮށް އެކަމަނާގެ ހިތްޕުޅު އުފާކުރުވުމަށެވެ. محبوب جان ބިނދެ ވެދުމަށް އެރުވި ކޮންމެ މަލަކުން ކޮންމެ ކުލައަކުން ކޮންމެ ވަހަކުން ވެސް އެ ކަމަނާގެ ހިތްޕުޅާއި ނާރުފުޅުތަކުގައި كهربائي ބާރުފުޅުތަކެއް އުފައްދާނެ! ދޮގެއްތޯ އެވެ. ރަސްގެފާނަށް އޮންނާނީ ހަމައެކަނި އޮޑިމަހާ ޙަވާލުވުން ނޫންތޯ އެވެ. ދިވެހި  މުސްކުޅި މިސާލުބަހެއްގައި ބުނެ އެވެ. " މޮޅު މާވަޑިންނަކީ ނާޅާ ކަލި ދެފުށުގާ އެއްދެއްޔަށް ކަނޑައިލާ ވަކަރުގަނޑު މާޅިހަށް ޖަހައި އިންދާ މީހުންނެވެ." ކޮންމެއަކަސް ނޫރުޖަހާން އުފާފުޅާއި ހިތާމަފުޅުގައި ރަސްގެފާނުގެ ގަނޑުވަރުގައި އުޅުއްވަމުންއައިސް މިރެއަކީ ވަރަށް ޚާޞަ ރެއެކެވެ. ރަބީޢު މޫސުމުގެ ފެހިކުލަ ގަދަ ގަސްތަކުން ބަހާރު މޫސުމުގެ ޢާޝިޤީ މާމެލާމެލިން ހިތްޕުޅު ފުރާލާނެ ރެއެކެވެ. ބިރުވެރިކަމުގެ ކުލަވަރެއް ނެތް އަމާން އަމާން ރެއެވެ. ހަނިހަނިތެރޭން ވަނިވަނިތެރޭން އެންބޮޑިއަޅާ އެއްލާ ކޮންމެ އެން ބޮޑިއެއް ކައިލަން ފެމުނުމިޔަރު އަރައިތިބި ރެއެވެ. ފެމުނު މިޔަރު ކިތަންމެ ބާރު ގަދަނަމަ ވެސް ފުއްޓަރުން ބިންދާ ރާޅު ބިޔަނަމަ ވެސް މުއްޓަރެއް ދޫކޮށްނުލާ ރެއެވެ. ޢާޝިޤީ ފިސްތޯލައިން ދޫކޮށްލި ކޮންމެ ވަޒަނެއް އަމާޒުފަތްގަނޑު ފޫއަޅުވައިލާނެ ރެއެކެވެ. ގޯލަށް ފޮނުވާލާ ކޮންމެ ބޯޅައެއް ކާމިޔާބު ލަނޑަކަށް ހަދައިލާނެ ރެއެކެވެ. އެކަމަނާ އަކީ ވެސް ލޯބީގެ މައިދާނުގައި ކުޅަދާނަ ހެވިކަމުގެ ހުނަރުތަކާ ފަންނުތައް ދަސްވެފައިވާ ބޭފުޅެކެވެ. މައިދާނުގެ މެދުގައި ކުޅިޖަހައި ކުޅިހަމަކޮށް، ދަނޑުގައި ޙަމަލާމަތީގައި ދަން ދެދަން ވިޔަސް ބަލިކޮށް ނުލެވޭނެ ފަހުލަވާނެކެވެ. ޒަމާނުގެ رستم ވަރު ނުވިއަކަސް މައިދާނުގެ އެއްފަރާތުން ތިރިވެލައި، އަނެއްފަރާތުން ޙަމަލާދެއްވާ މުޤާބިލު ކުރެވޭފަރާތުގެ ކަނޑި ލޮންސީގެ އެތިފަހަރު ގުރުޒުން ޖަހައި މަތަކުރުވާ، އަހުގެ ބަނޑުދަށަށް ސޮއްސައިލައްވާ، ހަމަ އެ ނޭވައިގައި އަސްދާނުގޮނޑިއަށް ސަވާރުވެ ގުރުޒުގެ ބާރު އެތިފަހަރު އައްޑަނާގައި ޖައްސަވާ މަތަކުރައްވާއިރު ބިންގަނޑު ގުޑައިގެން ގޮސް ޒަލްޒަލާއެއް އުފެދޭވަރު ވެ އެވެ.

ލޯބީގެ ތިލަފުން ހާ ފަރުތަކުން ފީނައި ބޯދިނަގަން ދަސްފުޅުވެފައިވާކަމުން، ދެ ފަށް އުނގުރިއަށް ވަރުވާވަރަށް އޮޑިއަށް އެންދަމައި، "މާކަނޑު މާ ސަމަންދަރޯ" ބަނދިން ތިންފާފެން އަޅާ ކަނޑުބޭރުކޮށްލެވުނީ އައިނުގެ ހިނގާކުރިއަށެވެ. ވަށިވަށިން އަޅައި ފޮޅައިލުމުން، ހަ ރިޔަނުގެ ރީނދޫއުރަހަކަންނެލި ދެފަޑީކޮޅަށް ދެމިއްޖެ އެވެ. އުތުރުންޖެހޭ ހެޔޮވަރުގެ ވައިގައި ދަންމާނުކޮޅަށް ދޫކޮށްލަ ދޫކޮށްލައްވާ ބަނޑުރިޔަލުން ލަނޑިކި ޖަހަމުން ދެކުނު ދަށިނގަ އަށް އޮޑި ދީލައިލައިފި އެވެ. މުޑަނުދޮށްޓެއް ހިފައިގެން ފިލާގަނޑުމައްޗަށް އަރާ މޯހިރު ހުރަސްކޮށް ޖެހުމުން ހަ ރިޔަނު ކަންނެލި ބަޑިއަޅާފައި އައިސް ހިފިކަމަކު ދަތިފުޅުކަމަކާ  ނުލާ ނަގައި އެއްލާ މަސްކަނދުގަނޑުގެ ދާރައިގައި ޖައްސަވާ އުނގުރުވަޅުން ބިންދައިލައްވަ އެވެ. ފިލާގަނޑު ކަނުން ބިންދައިލާ ރާޅުން ދަންމާނާ އެކު މަތިކަނުގެ ދާރަ ދޮވެލަ އެވެ. ކުރުމުޑަނު ދޮށީގައި "ހައްޓަކު ހެޔެއްނެތި ބާނަބާނާ ތިއްބާ" އަސްތާ! އަސްތާ! އޭ އަސްތާ! އައިނުގެ މައިމަސް ތިލަވެއްޖެ އެވެ. ކަޅަވެންބޮޑުމަސް އޮޑިމެދަށްލައި ނަގޫ އަނގައަށް ލައިފި އެވެ.

ކަޅު ނިގާބެއްގެ ތެރެއިން ނެރެވުނު ވިދާލާ ރަހަފޮދެއްކަހަލަ ޚަންޖަރުން محبوب جان ގެބޯ ކަނޑާލައިގެން އެ ހިޔަނި ގެއްލިއްޖެ އެވެ. ނޫރުޖަހާން އަށް މިފަހަރު މި ޖެހުނު ވިއްސާރައިން ސަލާމަތްވާކަށް ހެދޭނެ ޙީލަތެއް މަކަރެއް، ކުރެވޭނެ ތަދުބީރެއް ނެތެވެ. محبوب جان ގެ ބޯ ކަނޑައިލެވިފައިވާ މަސްގަނޑުގައި تقبيل ކުރުމުގެ ޚިޔާލުތަކުން ހުސްވެގެންވާ ހާލު އެ މަސްގަނޑު ފޮރުވުމުގެ ފިކުރު އޮތީ ބޮޑުވެފަ އެވެ. މިހާރު އެކަމާނާގެ ޚިޔާލަކީ:

(ވިއްސާރަ އާ ވިދުމާ ގުގުރި ޙިއްޞާ ކުރާ ލުހި ކޮޅު އުނގުރި
                ރިއްސާ ކަކުލުގައި ވައިއެނބުރި ގިސްލާރޮވޭވަރު ވެއްޖެތާ)

ދެން ރަސްގެފާނުގެ ހާލުކޮޅަށް ބައްލަވައިލެއްވުން ކީއްތޯ އެވެ؟ ރަސްގެފާނުގެ ކުރިފުޅުމަތީގައި މި ފެންނަމުންދާ މަންޒަރު ތަކާ އަޑުތަކާ ރާގުތަކުން، ޖަޕާނުމީހަކު ހަދައި އިސްތިހާރުކޮށްފައިވާ ބުދެއްހެން އަނގަ ހުޅުވި، ދެމިޔަކުން ހަނދު އޮއްސިފައި، މަތީތަލިން ވޮށް ނިވިފައި، ދަށުތަލިން އިރުއޮއްސިފައި، ނޭފަތުކުރިއަށް ކެތިމެދުޖެހިފައި، އަނގައަށް ވައިވައްދަވައްދާ އެބަހުންނެވި އެވެ.
 
غلآم الدين ސައުދާގަރު ދެން ދުރުވީ ޖައްލާދުކަލޭގެ ގެއަށެވެ. މިގެއަށް ގޮސް ގޮވައިލުމުން ޖައްލާދުކަލޭގެ ނުކުންނަވާ، ސައުދާގަރު މި ދަންވަރު ކޮންފަދަ ބޮޑުކަމެއް ޖެހުނީތޯ އައްސަވައިފި އެވެ. ކަންތައް ވެގެންއުޅޭގޮތް އެނގުމުން ޖައްލާދު ރުޅިގަދަވެލާފާ ބުނެފި އެވެ. ރަސްގެފާނެއްކަމަކު غلآم الدين ސައުދާގަރު ޤަތުލުކުރުމަށް އަމުރުކޮށްފިނަމަ ރަސްގެފާނަށް ޖައްލާދު ކަނޑީގެ ރަހަ ދައްކައިލާނަމެވެ.

ދެންފަހެ މިރޭގެ ދަންފަޅި ހަމަވުމުގެ ކުރީގައި، ރަސްގެފާނު ގަނޑުވަރަށް ވަދެވަޑައިގަތުމުން ވަޒީރު،  ވަޒީރުގެ ގެއަށް ދުރުވެއްޖެ އެވެ. ރަސްގެފާނު އަނބިކަމަނާއަށް ވިދާޅުވި އެވެ. މިރޭ ތިމަން މަނިކުފާނު ވަގުޖަނަވާރު ޝިކާރަކުރަން އުޅެއުޅެ އަވަހާރަފުޅަށް ބޭނުންވެފައިވާތީ، މާދަމާ ޙުކުމުގެ ދާނަށް ކަމަނާ ނުކުމެވަޑައިގަންނަވާށެވެ. އެކަމަނާގެ ހިތްޕުޅަށް އެރި އެވެ. މާދަމާއަކީ ރަށުގައިހުރި ބޮޑު ސައުދާގަރު ޤަތުލުކުރުމުގެ އަމުރާއި ޙުކުމް ކުރެވޭ ދުވަހެވެ. މިފަދަ ބޮޑުދުވަހެއްގައި، އަމުރުގެ ދާން ތިމަންކަމަނާއަށް ދެއްވިކަމީ ރަސްގެފާނު ތިމަންކަމަނާދެކެވާ ލޯބިފުޅާ ހެޔޮކަމެވެ. ދަރުބާރުގެ ވަގުތު ޖެހުމުން އެ ކަމަނާ ނަލަހެދިވަޑައިގެން ނުކުމެވަޑައިގެން އަމުރުގެދާނުގައި އިށީނދެވަޑައިގަތުމުން ދައުލަތުގެ އަމީރުންނާ ވަޒީރުންނާ ދަރަޖަ ވެރިން އެމީހުންގެ މަޤާމުގައި އިށީނދެ ހަމަޖެހިއްޖެ އެވެ.

ދެން އާދައިގެމަތިން ދަރުބާރުގެ ކަންތައްތައް ހިނގަންފަށައިފި އެވެ. މިހެންގޮސް غلآم الدين ސައުދާގަރު ހާޒިރު ކުރެވިއްޖެ އެވެ. ރިޔާސަތުގެފަރާތުން ސައުދާގަރަށް އޭނާގެ ކުށުގެ ރިޕޯޓް އިއްވައިފި އެވެ. ދެން ނޫރުޖަހާން ފަޚުރުވެރިވެލާފައި އިސްކޮޅު ތެދުކޮށްލައްވާ ކަރުފުޅު ދައްމަވައި ވިދާޅުވާން ފެއްޓެވި އެވެ. غلآم الدين މިރަށުގެ ބޮޑުސައުދާގަރު ކުރެއްވި ކުށުގެ އުޤޫބާތަކަށް އެ ސައުދާގަރުގެ ބޯ ކަނޑައިގަތުމަށް ޖައްލާދަށް އަމުރު................. މިހިސާބަށް ވިދާޅުވެލެއްވުމާއެކު ޖައްލާދުގެ ރަހަފޮދެއްކަހަލަ ކަނޑި އޭގެ އުރައިން ނެރެވުމާއެކު ނޫރުޖަހާންގެ ހަށިކޮޅު އަމުރުގެ ދާނަށް ދޫކޮށްލައްވައިފާ، އިސްތަށިފުޅު އުދުހިވަޑައިގެން ދަރުބާރުގެ މެދަށް ޖެހިވަޑައިގެންފި އެވެ. އެ ވަގުތު އެ ތަނަށް ކުޑަވަރެއްގެ ޤިޔާމަތެއް ވެއްޖެކަހަލަ އެވެ. ހޯބޯލެވުމާ ހަޅޭފަޅޭގެ އަޑުން މުޅި ޖައްވު ގުގުމައިގެންދިޔަ އެވެ. އެއްބަކު ކަންބޮޑުވެ ބިރުންނެވެ. އަނެއް ބަޔަކު އުފަލުންނެވެ. ދެންތިބިމީހުން ކޮންމެ ވެސް އެހެން ކަމެއްވެތާ އެވެ.

މި ގަދަ އަޑުފަށްގަނޑާއެކު ރަސްގެފާނު ޢިއްޒަތުގެ ހެދުންކޮޅުގައި ދަރުބާރަށް ވަޑައިގަތުމުން ކަންބޮޑުވެން ތިބެނަމަ ވެސް ހަމަހިމޭން ވެއްޖެ އެވެ. ރަސްގެފާނު އަރިހުގައި ބަސް ދެންނެވޭ ފަދަ ޢިއްޒަތްތެރިން ބަސްދެންނެވުމުން ރަސްގެފާނު ވިދާޅުވި އެވެ. ކަންތައް ހިނގީ ރަނގަޅަށްތޯ ބަލަންވާނެ އެވެ. ރަށްބޭރުގައި ބެހެއްޓި އިޢުލާނު ބަލާށެވެ. ދެން ބަލާމީހުން ބެލުމަށްފަހު އައިސް ދެންނެވި އެވެ. އިޢުލާނުގައި އޮތީ މިއަދު މީހަކު ޤަތުލު ވާނެ ވާހަކަ އެވެ. ރަސްގެފާނު ވިދާޅުވި އެވެ. އެހެންވިއްޔާ މިއަދު މީހަކު ޤަތުވުމުން އެ ޙުކުމް ތަންފީޒުވެ މައްސަލަ ނިމުނީ އެވެ.
-------------------
 (ނިމުނީ)

މި ލިޔުން؛

 ފޮނުވުން:    އަލްފާޟިލް މުޚްތާރު ޢަބްދުއްރަޙްމާނު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
 ޓައިޕުކުރުން:  އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
 އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
 ޝާއިޢުކުރުން:  ''        ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ