އަދުގެ ޚާއްސަ

Print

މުސްލިމް ސައިންސް ދާނުން - 30

ޝާޢިއުކުރީ އަޙްމަދު ފަހުމީ . ހިމެނޭބަޔަކީ ޚާއްޞަ


أَبُوالْقَاسِمُ إِبْنِ عَبَّاسُ اَلزَّهْرَاوِي

 395/1009 ނުވަތަ 1030-1106

އައްޝައިޚް އަޙްމަދު ފަހުމީ


ތަޢާރުފު


اَلزَّهْرَاوِي އަކީ، ބޭސްވެރިކަމުގެ ދާއިރާގައި އޮޕަރޭޝަން ކޮށްގެން ފަރުވާ ދިނުމުގެ ސިސްޓަމް އީޖާދު ކުރެއްވި ޢިލްމުވެރިޔާ އެވެ. އޭނާގެ ކުރިން ޢާއްމު ގޮތެއްގައި ފަރުވާ ކުރެވެނީ ހަމައެކަނި ބޭހުންނެވެ.

ޙަޔާތުގެ ކުރީކޮޅާއި ތަޢުލީމާއި ތަރުބިޔަތު

اَلزَّهْرَاوِي ފަށާ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު ދެން ތަޢުލީމް ކުރިޔަށް ގެންދެވީ ޤުރްޠުބާ ޔުނިވަސިޓީ ގަ އެވެ. އެ ތަނުން މަތީ ތަޢުލީމު ޙާޞިލު ކުރެއްވުމަށްފަހު ދެން ކުރިމަތިލެއްވީ ބޭސްވެރިކަމުގެ ތެރެއިން އޮޕަރޭޝަން ކުރުމުގެ ފަންނާ ދިމާލަށެވެ.އޭނާ މި ފަންނުގައި މާހިރަކަށް ވެ ވަޑައިގެންނެވި އެވެ. އޭގެ ސަބަބުން ﷲ ގެ އަޅުތަކުންނަށް ކޮޅެއްނެތްހައި ފައިދާ ކުރި އެވެ.
 
އަންދަލުސްގެ ވެރިޔާ عَبْدُ الرَّحْمَنُ النَّاصِر އަކީ، ވަރަށް ވިސްނުންފުޅު ތޫނު، ޢިލްމަށް ޤަދަރު ކުރެއްވި ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް ޝައުޤުވެރިވެ ވަޑައިގަތީ ޢިމާރާތް ކުރުމުގެ ފަންނަށެވެ. އޭނާ، އަންދަލުސްގެ ވެރިރަށް قُرْطُبَة އާ ހަތަރު މޭލު ދުރުގައި ވަރަށް ރީތި ގަނޑުވަރެއް ބިނާ ކުރެއްވި އެވެ. އެ ގަނޑުވަރަށް ކިޔާ ނަމަކީ، 'ޤަޞްރުއް ޒަހުރާ އެވެ.' ދުވަސްކޮޅަކުން މި ހިސާބުގައި މީހުން އާބާދުވެއްޖެ އެވެ. އަބުލްޤާސިމް އުފަންވެ ވަޑައިގަތީ މި ތަނުގަ އެވެ. ޒަހްރާވީއޭ އޭނާއަށް ކިޔަނީ މިތަނަށް ނިސްބަތް ކޮށެވެ.

ޒަހުރާވީގެ ޒާތީ މުޠާލަޢާ އާއި މަސައްކަތްޕުޅުން އޭނާގެ ދާއިރާގައި ވަރަށް މޮޅު ވެއްޖެ އެވެ. އަދި އޭނާއަށް ރަސްމީ ހޮސްޕިޓަލުގައި ރަނގަޅު މަޤާމު ލިބިވަޑައި ގަތެވެ. އެއަށްފަހު އޭނަގެ ތަޖުރިބާ އާއި ޢިލްމުގެ ދާއިރާ އަދި ވަކިން ފުޅާވެގެން ދިޔަ އެވެ.

ޢިލްމީ ޚިދުމަތްތައް
 
އަބުލްޤާސިމަކީ، އޮޕަރޭޝަން ކޮށްގެން ފަރުވާ ކުރުން އީޖާދު ކުރެއްވި ޢިލްމު ވެރިޔާ އެވެ. މިއީ މުޅިން ވަކި ފަންނެއް ކަމުގައި އޭނާ ހެއްދެވި އެވެ. މި ފަންނުގައި ބޭނުންވާނެ ހުރިހައި މަޢުލޫމާތެއް އޭނާގެ ތަޖުރިބާއިން ހޯއްދެވި އެވެ. އޮޕަރޭޝަންކުރަން ޖެހޭނެ ބަލިބައްޔާއި އެ ނޫން ބަލިބަލި އޭނާ ވަރަށް ޞަރީހަކޮށް ބަޔާންކުރެއްވި  އެވެ. އޮޕަރޭޝަން ކުރަންޖެހޭ ބަލިބަލީގެ ތެރޭގައި ޓޮންސިލް ދުޅަވުމާއި ލޯ ފުސްވުމާއި މުލިހި ހިމެނެ އެވެ.


ޒަހުރާވީ މި ޢިލްމާއިގެން ވަރަށް ކުރިޔަށް ވަޑައިގަތެވެ.     
ޒަހުރާވީ އޮޕަރޭޝަން ތިއޭޓަރެއްގައި ބޭނުން ކުރަންޖެހޭނެ ވަރަށްގިނަ ސާމާނު ޑިޒައިން ކުރައްވައި އެ ތަކެތި އުފެއްދެވި އެވެ. މި ގޮތުން އުފެއްދެވި ތަކެތީގެ ޢަދަދު 100 އަށްވުރެ ގިނަކަމުގައި ވެ އެވެ. ބޮލުން ފެށިގެން ފަޔާހަމައަށް އެކި ގުނަވަނުގެ އެކި ބަލިބައްޔަށް އެކި ހަތިޔާރު އޭނާ އުފެއްދެވި އެވެ.

ކެންސަރާ ބެހޭގޮތުން ވެސް ޒަހުރާވީ ތަޙުޤީޤު ކުރެއްވި ކަމުގައި ވެ އެވެ. އޭނާ ވިދާޅުވާ ގޮތުގައި ބޭރަށް ފެންނަން ހުންނަ ކެންސަރުގެ ފޮޅު ނުވަތަ ޒަޚަމާ ކުޅޭކަށެއް ނުވާނެ އެވެ. އޭރުން އެ މާ ނުރައްކާތެރި ވެދާނެ އެވެ.

ޒަހުރާވިގެ ބަޔާންތަކުން އެނގޭގޮތުގައި އޮޕަރޭޝަން ކުރުމުގައި ވަގުތަށް ވެސް ބަލަން ޖެހޭނެ އެވެ. އޭނާ ކަށި ކަފާނެގޮތް ބަޔާން ކުރައްވާފައި ވެ އެވެ. ކަފާނެ ވަގުތު ބަޔާން ކުރެއްވި އެވެ. ކަފާނެ ހަތިޔާރަށާ ފަރުވާތެރިވާންޖެހޭނެ މިންގަނޑުތައް ބަޔާން ކުރެއްވި އެވެ.

ޒަހުރާވީ، ބަލިމީހާ އޮޕަރޭޝަންކުރުމަށް ތައްޔާރު ކުރާނެގޮތާއި، އެ ތަނުގައި ހުންނަންވާނެ ތަކެއްޗާއި ހޭނައްތާނެ ގޮތާއި، ބޭނުންކުރުން އެންމެ އެކަށީގެންވާ ބޭހާއި މި ހުރިހައި ކަމެއް އޭނާގެ ފޮތް (ތަޞްރީފު) ގައި ވަރަށް ތަފްޞީލުކޮށް ބަޔާން ކުރައްވައިފައި ވެ އެވެ.  

ތަޞްރީފު އަކީ، ޙަޤީޤަތުގައި ޒަހުރާވީގެ ޑައިރީ އެވެ. މިއީ މި ފަންނުގައި ވަރަށް އިތުބާރު ހުރި ފުރިހަމަ ފޮތެކެވެ. މީގައި ހުޝިޔާރު ޑަކްޓަރަކު ޢަމަލުކުރައްވަންވާނެ ގޮތް ބަޔާން ކުރައްވައިފައި ވެ އެވެ. މި ފޮތުގެ ބޮޑުބައި އޮތީ ކުރިމަތިވެދާނެ ނުރައްކަލާއި ނުރައްކަލެއް ކުރިމަތިވުމުން ކަންތައް ކުރަންވާނެ ގޮތުގެ މައްޗަށެވެ. މީނާގެ ފޮތްތަކުގެ ތެރޭގައި "اَلْمَقَالَةُ فِي عَمَلِ الْيَدِ عَلَي فَنِّ الْجِرَاحَةِ"  އާއި ކުރިން ބަޔާންކުރެވުނު ފޮތް  " اَلتَّصْرِيفُ " ނުވަތަ " اَلتَّصْرِيفُ لِمَنْ عَجَزَ عَنِ التَّأْلِيْفِ"   ހިމެނެ އެވެ.
----------------
(ނިމުނީ)

މި ލިޔުން؛

  ފޮނުވުން:   
އައްޝައިޚް އަޙްމަދު ފަހުމީ (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން: 
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
  ޝާއިޢުކުރުން:    ''         ''


ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ