އަދުގެ ޚާއްސަ

Print

ﷲ ވޮޑިގެންވެ އެވެ! އަދި އެކަލާނގެ ކުޅަދުންވަންތަ އެވެ! (3)

ޝާޢިއުކުރީ އަޙްމަދު މާޖިދު . ހިމެނޭބަޔަކީ ދިރާސާ


6 ނޮވެމްބަރު (ހޮނިހިރު)އާ ގުޅޭ....

އަލްއުސްތާޛު އަޙްމަދު މާޖިދު

ބިގް ބޭންގް ނަޒަރިއްޔާއާ ސީދާގޮތެއްގައި ގުޅުންހުރި ސައިންސީ ހޯދުމެއް އެންމެ ފުރަތަމަ ފަހަރަށް ހޯދިފައި ވަނީ 1929 ވަނަ އަހަރު އެމެރިކާގެ ކެލިފޯރނިއާގައެވެ. ނުޖޫމީ ދިރާސާގެ ދާއިރާގައި ވަރަށް މަޝްހޫރު އެމެރިކާގެ މަރުކަޒެއް ކަމުގައިވާ މައުންޓް ވިލްސަން އޮބްޒަރވޭޓްރީ (Mount Wilson observatory)  ގައެވެ. އެއިރު މައުންޓް ވިލްސަނުގައި މަސައްކަތްކުރައްވަމުން ގެންދެވި ސައެންސްވެރީންގެ ތެރޭގައި ނުޖޫމީ ޢިލްމުގެ ދުނިޔޭގައި ފަހުގެ ތާރީޚެއްގައި އުފެދިފައިވާ އެންމެ ބޮޑު އެއް ޢިލްމުވެރިޔާ އެޑްވިން ހަބްލް (Edwin Hubble) ހިމެނިވަޑައިގަތެވެ. އެމެރިކާގެ ޖައްވީ ދިރާސާތަކުގައި ބޭނުން ކުރެވިފައިވާ އެންމެ މުހިއްމު އަދި އެންމެ ވަރުގަދަ އެއް ޖައްވީ އާލާތަކީ މި އެޑްވިން ހަބްލްގެ ނަންފުޅަށް ނިސްބަތްކުރެވިފައިވާ ހަބްލް ޓެލެސްކޯޕެވެ.


މައުންޓް ވިލްސަނުގައި ހަބްލް މަސައްކަތްކުރެއްވީ އެއިރު ދުނިޔޭގައި ހުރި އެންމެ ބޮޑު އަދި އެންމެ މޮޅު އެއް ޓެލެސްކޯޕު (Telescope) ގެ އެހީގައެވެ. ތަރިތަކުގެ ޙަރަކާތްތައް ބައްލަވައި ތަޙުޤީޤު ކުރެއްވުމުގެ މަސައްކަތް ކުރައްވަނިކޮށް ހަބްލަށް ފާހަގަކުރެއްވުނީ ތަރިތަކުން ފާއްދާލާ އަލީގެ ދޯދިތައް ޓެލެސްކޯޕުގެ ދުރުމީން ފެންނައިރު، އެ އަލި ވަރަށް ލަސްލަހުން ރަތްކުލަޔަކަށް ފޭދެމުންދާކަމެވެ. މި ދެންނެވި ބީދައިން ތަރިތަކުގެ އަލި ރަތްކުލައަކަށް ފޭދެމުން ނުވަތަ ބަދަލުވަމުން ދިޔުމަކީ ތަރިތަކާއި ދުނިޔެއާ ހުރި ދުރުމިނާ ސީދާ ގުޅިފައިވާ ކަމެކެވެ. ފިޒިކްސްގެ ޔަޤީނީ ޤާނޫނުތައް ބުނާގޮތުގައި އެ އެއްޗަކުން އައްޔެއް ފާޅުވާ އެއްޗެއް، 'މުލާހަޒާގެ ނުކުތާ' ނުވަތަ ޕޮއިންޓް އޮފް އޮބްޒަރވޭޝަން (Point of Observation) އާ ގާތަށް އަންނަނަމަ، ލޯތަކަށް ފެންނާނީ އެ އެތީން ނިކުންނަ އަލި ވައިލެޓް ކުލަޔަށް ބަދަލުވަމުންދާ ކަމުގައެވެ. މިފަދަ ޙާލަތުުގައި އެ އެއްޗަކުން ފާޅުވާ އަލިކަން ރަތްކުލަޔަށް ބަދަލުވަމުން ދާކަމަށް ލޮލަށް ފެންނާނީ އެ އެއްޗެއް މުލާހަޒާގެ ނުކުތާއާ ދުރަށް ދަތުރުކުރާ ނަމައެވެ. އެހެންކަމުން، ތަރިތަކުގެ އަލި މަޑުމަޑު ރަތްކުލައަކަށް ފޭދެމުން ދާކަމަށް ހަބްލަށް ފެނިވަޑައިގަތުމުގެ މާނައަކީ ތަރިތައް ދުނިޔެއާ ދުރަށް ދަތުރުކުރަމުންދާ ކަމެވެ. އިންސާނާގެ ހަމަ ލޮލަށް ފާހަގަވެސް ނުކުރެވޭފަދަ ގޮތަކަށް، އެކަމަކު ހުއްޓުމެއްނެތި، މަޑުވުމެއްނެތި، ދުރަށް ދަތުރުކުރަމުންދާ ކަމެވެ.  

ހަބްލްގެ މި ދެންނެވި ހޯދުން ވެގެން ދިޔައީ ސައެންސްގެ ދުނިޔެއަށް ބޮޑު އިންޤިލާބެއް ގެނުވި ހޯދުމަކަށެވެ. އެ ހޯދުމަށްފަހު މާގިނަ ދުވަސްތަކެއް ނުވަނީސް ހަބްލް އޭނާގެ މުހިއްމު ދެވަނަ ހޯއްދެވުން ހޯއްދެވިއެވެ. އެ ހޯދުމަކީ ތަރިތައް ހަމައެކަނި ދުނިޔެއާއި ދުރަށް ދަތުރު ކުރަމުންދަނީ ނޫންކަމާއި، އެއްތަރި އަނެއް ތަރިއާވެސް ދުރަށް ދަތުރު ކުރަމުންދާ ކަމެވެ. ކާއިނާތުގެ ބިޔަ ސަރަޙައްދުގެ ކަންކޮޅުތަކުގައި ހިމެނޭ ތަރިތަކާއި ޕްލެނެޓްތަކާއި ހަނދުތަކާއި އިރުތަކާއި ގިނިހިލަތަކާއި ދެންވެސް އެފަދަ އެހެނިހެން ތަކެތި، ނުވަތަ ކައުނީ ޖިސްމުތައް (Heavenly Bodies or Celestial Bodies) އެކަތި އަނެކައްޗާ ދުރަށް ދަތުރު ކުރަމުން ފެތުރެމުން ދާ ކަމެވެ. މާނައަކީ މި ކައުނު އޭގެ ޒާތުގައި ފެތުރެމުން ދިޔުމެވެ.  

މި ދަންނަވާ ފެތުރުން އެއީ ކިހިނެއް ވާ ކަމެއްކަން ފަނޑުގޮތަކަށް ނަމަވެސް ތަޞައްވަރު ކޮށްލެއްވުމަށްޓަކައި މައްޗަށް އަރާފައި ގޮވައިގެންދާ ހަވައެއް ހިތްޕުޅަށް ގެންނަވާށެވެ! އޭގެ އެތިކޮޅުތައް ވަށައިގެން ހުރިހާ ދިމާޔަކަށް ފެތުރިގެންދޭ ނޫންތޯއެވެ. ކައުނުގެ ބައިތައް ނުވަތަ އެތިކޮޅުތައް ފެތުރިގެން ދަނީ ގާތްގަނޑަކަށް އެ ކަހަލަ ގޮތަކަށެވެ.

ކާއިނާތަކީ ނެތުމުގެ ތެރެއިން ވަކި ދަނޑިވަޅެއްގައި ވުޖޫދަށް ގެނެވިފައިވާ މައުޖޫދެއްކަން ސައެންސްގެ އަލީގައި، ތިއަރެޓިކަލް (Theoretical) މަރުޙަލާގައި، އެޑްވިން ހަބްލަށް ވުރެ ކުރީންވެސް ވަނީ ހޯދިފައެވެ. އެއީ މިދިޔަ ޤަރުނުގެ ދުނިޔެ ދެކެފައިވާ އެންމެ މޮޅު ސައެންސްވެރިޔާ އަލްބަރޓް އައިންސްޓައިން (Albert Einstein) ތިއަރެޓިކަލް ފިޒިކްސްގައި (Theoretical Physics) ކުރެއްވި ދިރާސާތަކާއި ހެއްދެވި ހިސާބުތަކުންނެވެ. ނަމަވެސް ސްޓެޓިކް ނަޒަރިއްޔާއަށް ހުޅަނގުގެ ސައެންސީ މުޖުތަމަޢުގައި އެއިރު އޮތް ނުފޫޒާއި އިތުބާރުގެ ނަތީޖާއެއްގެ ގޮތުން އައިންސްޓައިނަށް އޭނާގެ ހޯއްދެވުމާމެދު ޔަޤީންކަމެއް ނުދެއްވުނެވެ. އެހެންކަމުން އެއީ އޭނާގެ ޙިސާބުކުރެއްވުމުގެ މައްސަލައެއް ކަމުގައި ބައްލަވާފައި އަޅާނުލައްވައި ދޫކޮށްލެއްވީއެވެ. ފަހުން އައިންސްޓައިން ވަނީ މި ނުކިއްސަރު ފިޔަވަޅަކީ އޭނާގެ ސައެންސްގެ ޙަޔާތްޕުޅުގެ އެންމެ ބޮޑު ގޯސް ކަމުގައި ވިދާޅުވެފައެވެ. ކައުނު ފެތުރެމުންދާކަން ސައެންސްގެ މައިދާނުގައި ސާބިތުކުރެވުނީ އޭގެ ދުވަސްތަކެއްފަހުން، ކުރީންވެސް ދެންނެވިފައިވާނޭ ފަދައިން، ހަބްލްގެ ހޯއްދެވުންތަކަށް ފަހުގަ އެވެ.

ކައުނުގެ ފެތުރެމުންދާ ބައިތައް މާޒީގެ ތެރެއަށް، ފަހަތަށް، ނުވަތަ އައިކޮޅަށް ދާނެގޮތާމެދު ވިސްނާލުމުން ސާބިތުވާނީ އެ ބައިތައް ހުރީ އެކަތިގަނޑެއްގެ ގޮތުގައި، އެއްތަނެއްގައި ކަމެވެ. އެކަތިގަނޑެއްގެ ގޮތުގައި، އެއްތަނެއްގައި ހުރުމަށްފަހު ދެން ގޮވައިގެން، އެކި ފަރާތްފަރާތަށް ފެތުރިގެން ދަނީއެވެ. ހަވައެއް ގޮވައިގެންދާ މަންޒަރު ތަސައްވަރުކުރައްވައިގެން ވިސްނާވަޑައިގަތުމުން މި ދަންނަވާ ބަހުގެ ތެދުކަން ޔަޤީން ކުރެއްވޭނެއެވެ. ހަވާ ގޮވައިގެން ފެތުރިގެންދާ އެތިކޮޅުތައް އައިކޮޅަށް ދާނެ ގޮތާމެދު ވިސްނާލުމުން އެ އެތިކޮޅުތައް އެންމެ ފުރަތަމަ ހުރީ އެކަތިގަނޑެއްގެ ގޮތުގައިކަން ވިސްނިވަޑައިގަންނަވާނެއެވެ. މިއީ ޢަޤުލީގޮތުން ބަލާއިރު މިކަން ވާނޭ ހަމައެކަނި ގޮތެވެ. މިދެންނެވި ޢަޤުލީ ބިންގަލުގެ މަތީގައި ސައެންސްވެރީން ޤަބޫލުކުރައްވަނީ ކައުނު އެންމެ ފުރަތަމަ އޮތީ 'އެކަތިގަނޑެއްގެ' ގޮތުގައި ކަމުގައެވެ. އެގޮތުން އެކަތިގަނޑެއްގެ ގޮތުގައި ކައުނު އޮތް އިރު އެ އެތިގަނޑު ނުވަތަ އެތިކޮޅު އޮތް ގޮތާމެދު ހޯދިފައިވާ ހޯދުމަކީ ސައެންސްގެ އެންމެ ޙައިރާންކުރުވަނިވި އެއް ޙަޤީޤަތެވެ. އާދެ، މިއޮތް ބޮޑު ކައުނުގެ ހުރިހާ މާއްދާއެއް އެ އެތިކޮޅެއްގައި ޖަމާވެފައި އޮތް އެތިކޮޅު ސައެންސްވެރީން ސިފަކުރައްވަނީ 'ޒީރޯ ވޮލިޔުމް' (Zero Volume) ގެ، 'އިންފިނައިޓް ޑެންސިޓީ' (Infinite Density) ގެ އެތިކޮޅެއްގެ ގޮތުގައެވެ. ކައުނު އުފެދުނީ މި ޒީރޯ ވޮލިޔުމްގެ، އިންފިނައިޓް ޑެންސިޓީގެ އެތިކޮޅު ވަރަށް ވަރުގަދަ ބާރަކާއެކު ގޮވުމާ ގުޅިގެންނެވެ. 'ބިގް ބޭންގް' (Big Bang) ނުވަތަ ބޮޑު ގޮވުމުގެ ނަމުން ނަން ދެވިފައިވާ ގޮވުމަކީ މިއެވެ.

ދެން އޮތީ ޒީރޯ ވޮލިޔުމްއާއި އިންފިނައިޓް ޑެންސިޓީގެ މާނަޔާ ބެހޭ ވާހަކައެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ޒީރޯ (Zero) އަކީ އިނގިރޭސި ބަހުން ސުމެކެވެ. ސުމެއްގެ މާނައަކީ އެއްޗެއް ނެތުމެވެ. ވޮލިޔުމް (Volume) ގެ މާނައަކީ އެއްޗެއްގައި ނުވަތަ ތަނެއްގައި ހުންނަ ތްރީ-ޑިމެންޝަނަލް ޖާގައެވެ. ނުވަތަ އޭގައި ތްރީ-ޑިމެންޝަނަލްކޮށް ޖާގަ ހުންނަ މިންވަރެވެ. އެހެންވިއްޔާ 'ޒީރޯ ވޮލިޔުމް' ގެ މާނައަކީ ޖާގައެއް ނެތުމެވެ. ހަމަ އެ ފަދައިން އިންފިނައިޓް (Infinite) މި ބަހުގެ އެއް މާނައަކީ އެއްޗެއްގެ މިންވަރު ދެނެނުގަނެވުމެވެ. ފިޒިކްސްގެ ޢިލްމުގެ އިސްތިލާހުގައި ޑެންސިޓީއަކީ އެއްޗެއްގެ ޖާގައާއި ނިސްބަތްކުރާއިރު އެ އެއްޗެއް މާއްދާއިން ފުރިފައި ހުންނަ މިންވަރެވެ. ޢާއްމުކޮށް އެ މިންވަރު ކަނޑައަޅަނީ ހުރި މާއްދާއެއްގެ ބުރަދަނަށް ނިސްބަތް ކޮށްގެންނެވެ. ކާއިނާތު އުފެދުމުގެ ކުރީން ވުޖޫދުގައި އޮތް ކަމަށް ސައެންސްވެރީންގެ ދިރާސާތަކުން ދައްކާ ޒީރޯ ވޮލިޔުމްގެ، އިންފިނައިޓް ޑެންސިޓީގެ އެތިކޮޅަކީ ނުވަތަ އެއްޗަކީ މަންޠިޤީ ހަމަތަކާ އެއްގޮތަށް އިންސާނީ ސިކުނޑިއަށް ފަހުމު ކުރެވޭ އެއްޗެއް ނޫނެވެ. ދިވެހިބަހުން މި "އެއްޗަށް" ކިޔާނެ އެންމެ ރަނގަޅު ނަމެއް ކަމުގައި އަޅުގަނޑަށް ވިސްނެނީ "ސުންބޯޅަ" އެވެ.

ކާއިނާތު އުފެދުނީ، އިސްވެ ދެންނެވިފައިވާ ފަދައިން، މި ދަންނަވާ ސުންބޯޅަ ވަރުގަދަ ގޮވުމަކުން ގޮވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އެ ގޮވުމާއެކު ކާއިނާތުގައި މިހާރު ހުންނަ ގޮތަށް ޖާގަ (Space) އާއި ވަގުތު (Time) ގެ އިތުރުން ހަކަތައާއި މާއްދާ އުފެދުނެވެ. އަދި ގޮވި ހަކަތައާއި މާއްދާ އެތައް ހާސް ބިލިއަން އެތިކޮޅުތަކަކަށްވެގެން ހަ ފަރާތުން ހުރިހާ ދިމާޔަކަށް ފެތުރެން ފެށީއެވެ. އެއަށްފަހު ވެއަތުވެގެން ދިޔަ އެތައް ބިލިއަން އަހަރެއްގެ ތެރޭގައި އޭގެ ކޮންމެ އެތިކޮޅެއްވެސް ކައުނީ ޖިސްމެއްގެ ގޮތުގައި ބޮޑުވެގެން ދިޔައީއެވެ. ތަރިތަކާއި ޕްލެނެޓުތަކާއި ދެންވެސް އެ ބާވަތުގެ އެހެނިހެން ތަކެއްޗަށް ވެގެން ދިޔައީއެވެ. އެހެންކަމުން ކާއިނާތުގެ އަޞްލު ކަމުގައި ހިމެނުނު ސުންބޯޅަ އޮތީ އަޅުގަނޑުމެންނަށް މިހާރު ފެންނަން މި އޮތް ކާއިނާތުގެ ބައްޓަމާއި މާއްދީ ސިފަތަކާ މުޅީން ތަފާތު އެއްޗެއްގެ ގޮތުގައެވެ. އިންސާނީ ބުއްދިއަށް ފަހުމުކުރެވޭފަދަ މައުޖޫދީ ސިފަތަކެއް ނެތް އެއްޗެއްގެ ގޮތުގައެވެ. އެއިރަކު ކާއިނާތެއް ނެތެވެ. ދެން، ކަނޑައެޅުނު ވަކި ވަގުތެއްގައި އެ ކާއިނާތު މައުޖޫދުވެގެން ވުޖޫދަށް އައީއެވެ. ވުޖޫދަށް ގެނެވުނީއެވެ. "ނެތުމުގެ ތެރެއިން ހަދައި ނެރުއްވުމުގެ" ކުޅަދުންވަންތަކަން ލިބިވޮޑިގެންވާ ﷲ ގެ އިރާދަފުޅުގެ ބާރުންނެވެ. މި ޙަޤީޤަތާ ބެހޭގޮތުން ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ބަސްފުޅު ވަޙީކުރައްވާފައިވަނީ މީގެ 1400 އަހަރު ކުރީންނެވެ. އެޑްވިން ހަބްލާއި އަލްބަރޓް އައިންސްޓައިން ދުނިޔެއަށް ވަޑައިގަތުމުގެ ސާދަ ޤަރުނު ކުރީންނެވެ.

"އުޑުތަކާއި ބިން އެކަތިގަނޑެއްގެ ގޮތުގައި ވަނިކޮށް ތިމަން ރަސްކަލާނގެ އެ ތަންތަން ވަކިކޮށްލެއްވިކަން ކާފިރުވީ މީސްތަކުންނަށް ފަހެ ނޭނގެނީ ހެއްޔެވެ؟ ..." – ސޫރަތުލް އަންބިޔާއި: 30

މި އާޔަތުގެ ތަފްސީރުގައި ޢައްލާމާ މުޙައްމަދު އަސަދު ވިދާޅުވެފައިވާ ބަސްފުޅުތައް މި މަޤާމުގައި ޒިކުރުކޮށްލާނަމެވެ.

"އުޞޫލެއްގެ ގޮތުން، ކީރިތި ޤުރުއާނުގެ ބަސްފުޅުތަކުގެ ތެދުކަމާއި ޙައްޤުކަން ސާބިތުކޮށް، ކީރިތި ޤުރުއާނުގެ އިލާހީ އަޞްލު ހާމަކޮށްދިނުމަށްޓަކައި "ސައެންސްގެ ހޯދުން" ތަކަށް ރިޢާޔަތްކުރުމަކީ މާކަ ބޮޑު ފައިދާއެއް ނުވަތަ މާނައެއް ހުރި ކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންނަށް ލިބިފައިވާ ޢިލްމުގެ އަލީގައި ތެދެއްކަމަށް ބެލެވޭ ސައިންސީ ނަޒަރިއްޔާއަކީ ޙަޤީޤަތާ ޚިލާފު ނަޒަރިއްޔާއެއްކަން މާދަމާ ލިބޭ އައު ޢިލްމެއްގެ އަލީގައި ސާބިތުވެގެން ދިޔުމަކީ ޢާއްމުކޮށް ހިނގާ ކަމަކަށް ވާތީއެވެ. ސައިންސީ ނަޒަރިއްޔާތަކަކީ ސައްތައިން ސައްތަ އިތުބާރު ކުރެވޭނެ އެއްޗިއްސަށް ނުވާތީއެވެ. އެހެންކަމާއެކުވެސް މި އާޔަތުގައި ކާއިނާތު އުފެދުމާމެދު ވަޙީކުރައްވާފައިވާ ބަސްފުޅާއި މި ޒަމާނުގެ ސައެންސްގެ އަލީގައި ހޯދިފައިވާ ހޯދުންތަކާ އަޅައި ބަލައިލުމަކީ ނެތްކަމެއް ނޫނެވެ. އެއްވެސް އޮޅުމެއް ނެތް ގޮތުގައި މި އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައި ވާ ބަސްފުޅަކީ ކާއިނާތުގެ އުފެދުމާ ނުވަތަ އަޞްލާ ބެހޭގޮތުން ވަޙީކުރައްވާފައި ވާ ބަސްފުޅެކެވެ. އަދި އެ ބަސްފުޅުގައި "އުޑުތަކާއި ބިން" މި ޢިބާރާތް ބޭނުންކުރައްވާފައި ވަނީ ކާއިނާތުގެ މާނަ ދޭހަކޮށްދޭ ޢިބާރާތެއްގެ ގޮތުގައެވެ. މި އާޔަތުގައި އަންގަވާފައިވަނީ ކާއިނާތު އުފެދުނީ އެއް އުންސުރެއްގެ މައްޗަށް އެކުލެވިގެންވާ އެކަތިގަނޑެއް (Single Element) ގެ ގޮތުގައި ކަމެވެ. ފާހަގަކުރަން ޖެހޭ ނުކުތާއަކީ މި އާޔަތުގައި މާކުރީއްސުރެ އަންގަވާފައިވާ ފަދައިން، ކާއިނާތު އުފެދުނީ އެކަތިގަނޑެއްގެ ގޮތުގައި އޮތް އެއްޗެއް ވަކިވަކިވެގެން ދިޔަދިޔުމެއްގެ ތެރެއިން ކަމަށް މި ޒަމާނުގެ އެސްޓްރޯފިޒިސިސްޓުންގެ ގާތްގަނޑަކަށް ހުރިހާ ބޭފުޅުންވެސް ވިދާޅުވާކަމެވެ. އެ ބޭފުޅުން ވިދާޅުވާގޮތުގައި ކާއިނާތު އުފެދުނީ އެކަތިގަނޑެއްގެ ގޮތުގައި އޮތް އެއް އުންސުރެއްގެ ގޮތުގައެވެ. އެ އުންސުރަށް ކިޔާ ނަމަކީ ހައިޑްރޯޖަން (Hydrogen) އެވެ.  ދަމާބާރު (Gravity) ގެ ސަބަބުން އެ އެތިގަނޑުގައި ހުރި ހައިޑްރޯޖަން ފައްކާވަމުންގޮސް، އެންމެ ފަހުން ވަކިވެ މަޑިކިލަނބުތަކާއި އިރުގެ ނިޒާމުތަކާއި އަދިވެސް އެހެން ބައިތަކަށް ބަދަލުވެ އޭގެ ތެރެއިން ތަރިތަކާއި ޕްލެނެޓްތަކާއި އެތަކެތީގެ ވަށައިގެން ދައުރުކުރާ ޖިސްމުތައް އުފެދިގެން ދިޔައީއެވެ."

ދެން އޮތީ ކައުނު ފެތުރެމުން (Universal Expansion) ދިޔުމުގެ ވާހަކައެވެ. ކީރިތި ޤުރުއާނުގައި ﷲ ސުބުޙާނަހޫ ވަ ތަޢާލާ ވަޙީކުރައްވާފައިވާ އަންނަނިވި ބަސްފުޅުގައި ކާއިނާތު ފެތުރެމުންދާކަމަށް ކުރައްވާފައިވާ އިޝާރާތެއް ކަމުގައި ބެލެވޭ ޢިބާރާތެއް ވެއެވެ. ބިގް ބޭންގް ނަޒަރިއްޔާއާ ގުޅިގެން ސައެންސްވެރީން ޤަބޫލުކުރާ އެއް ކަމަކީ ކާއިނާތު ފެތުރެމުންދާ ކަމެވެ. ކާއިނާތުގައި ޝާމިލުވާ ނުވަތަ ހިމެނޭ ހުރިހާ މައުޖޫދާތުތަކެއް ކާއިނާތުގެ ދަމާބާރުގެ މަރުކަޒާ (Center of Gravity) ދުރަށް ފެތުރެމުން ދާ ކަމުގައެވެ. މިއީ ތެދަކަށް ވެފައި، ކީރިތި ޤުރުއާނުގެ އަންނަނިވި ޢިބާރާތުން އަޅުގަނޑުމެންނަށް ނެގޭ މާނަ ރަނގަޅު ނަމަ، މިއީވެސް ކީރިތި ޤުރުއާން ބާވައިލެއްވި އިލާހަކީ ކާއިނާތު ޚަލްޤުކުރެއްވި ޙައްޤު އިލާހުކަން ހާމަކޮށްދޭ ދަލީލުތަކުގެ ތެރެއިން ދަލީލެކެވެ.

"އަދި ކާއިނާތު ޚަލްޤުކުރެއްވި ކަމުގައި ވަނީ ތިމަން ރަސްކަލާނގެ ކުޅަދުންވަންތަކަމުން ތިމަން ރަސްކަލާނގެއެވެ. އަދި ހަމަ ކަށަވަރުން ކާއިނާތު ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުއްވަވަނީ ތިމަން ރަސްކަލާނގެއެވެ." – ސޫރަތުއް ޛާރިޔާތު: 47

ބިގް ބޭންގް ނަޒަރިއްޔާއާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް


ކާއިނާތަކީ ޚަލްޤުކުރެއްވިފައިވާ، އަދި ނެތުމުގެ ތެރެއިން ވުޖޫދަށް ގެނެވިފައިވާ މައުޖޫދެއްކަން ސާބިތުކޮށްދޭ ހެކިތަކަށް ބިގް ބޭންގް ނަޒަރިއްޔާގެ ސަބަބުން އިތުރު ބާރެއް ލިބުނެވެ. ކާއިނާތުގެ ޚާލިޤެއް ވާ ކަމުގެ ޢަޤީދާއަށްވެސް މި ނަޒަރިއްޔާގެ ސަބަބުން އިތުރު ހެއްކެއް ލިބުނެވެ. ނަމަވެސް ވަރަށް ގިނަ ބަޔަކަށް ބިގް ބޭންގް ނަޒަރިއްޔާ ޤަބޫލުކުރުން ފަސޭހަ ކަމަކަށް ނުވިއެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ މާއްދީ ފަލްސަފާއަށް (Materialistic Philosophy) ތަބާވެ، ކަލަކު ވޮޑިގެންވުމުގެ ޙަޤީޤަތަށް އިންކާރުކުރަމުން ގެންދިޔަ ނުޖޫމީ ޢިލްމުވެރީންނާއި ސައެންސްވެރީންނާއި ފަލްސަފާވެރީން ފަދަ މީހުންނެވެ. އެހެންކަމުން ބިގް ބޭންގް ނަޒަރިއްޔާ ޢިލްމީ މުޖުތަމަޢަށް ތަޢާރަފް ކުރެވުމާއެކު އެފަދަ ބައެއް ޢިލްމުވެރީން ބިގް ބޭންގް ނަޒަރިއްޔާ ދޮގުކުރުމުގެ މަސައްކަތާއިގެން ތެދުވިއެވެ. އެދުވަސްވަރުގެ މަޝްހޫރު ފިޒިކްސް ޢިލްމުވެރިއެއް ކަމުގައިވާ އާރތަރ އެޑިންގޓަން (Arthur Eddington) ވިދާޅުވެފައި ވެއެވެ. "ފަލްސަފީ ނަޒަރަކުން ވިސްނާލާއިރު، ކާއިނާތުގެ މި ނިޒާމަކީ ކުއްލިޔަކަށް އުފެދުނު ނިޒާމެއް ކަމުގައި ބުނެވޭ ވާހަކައަކީ އަހަރެންގެ ސިކުނޑިއަށް ވަންނަ ވާހަކައެއް ނޫނެވެ."

ބިގް ބޭންގް ނަޒަރިއްޔާއާ ދެކޮޅަށް ތެދުވި މަޝްހޫރު އަނެއް ސައެންސްވެރިޔަކީ ސަރ ފްރެޑް ހޮއިލް (Sir Fred Hoyle) އެވެ. ބިގް ބޭންގް ނަޒަރިއްޔާ ދޮގުކުރައްވަން އޭނާ ކުރެއްވި މަސައްކަތްޕުޅުގެ ތެރޭގައި ކުރީގެ ސްޓެޓިކް ޔުނިވާރސް މޮޑެލް ނަޒަރިއްޔާ ފަދަ ނަޒަރިއްޔާއެއް ފާޅުކުރެއްވިއެވެ. ހޮއިލްގެ ނަޒަރިއްޔާ މަޝްހޫރުވެފައިވަނީ ސްޓެޑީ-ސްޓޭޓް ތިއަރީ (Steady-State Theory) ގެ ނަމުންނެވެ. މި ނަޒަރިއްޔާގައިވެސް ބުނަނީ ކާއިނާތުގެ ބޮޑުމިނުގައި ޙައްދެއް ނެތް ކަމުގައެވެ. އަދި ކާއިނާތަށް ފެށުމެއް ނިމުމެއް ނުވާ ކަމުގައެވެ. މި ނަޒަރިއްޔާއަށްވެސް މައިގަނޑުގޮތެއްގައި ތަބާވީ ކަލަކު ވޮޑިގެންވާކަމަށް އިންކާރު ކުރަމުން ގެންދިޔަ މީހުންނެވެ. އެބައިމީހުން ބިގް ބޭންގް ނަޒަރިއްޔާ ދޮގުކުރެވޭވަރުގެ ސައިންޓިފިކް ޒުވާބެއް ފެންމަތިކުރުމަށްޓަކައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރިއެވެ. އެ މަސައްކަތުގައި އަލިމަގެއް ފެނުނީ 1948 ވަނަ އަހަރު އެބައިމީހުންގެ ޖަމާޢަތަށް ނިސްބަތްވެވަޑައިގަންނަވާ ސައެންސްވެރިޔެއް ކަމުގައިވާ ޖޯރޖް ގެމޮވް (George Gamov) ފާޅުކުރެއްވި ޚިޔާލާ ގުޅިގެންނެވެ.
-----------------
(ނުނިމޭ)


ނޯޓު:
    މިއީ ހާރޫން ޔަޙްޔާ ލިޔުއްވާފައިވާ ލިޔުމަކާއި އަދި ބައެއް އެހެނިހެން ރިފަރެންސްތަކުގެ އަލީގައި ލިޔެވިފައިވާ މަޒުމޫނެކެވެ.
                                       - އަޙްމަދު މާޖިދު -


ފޮޓޯތަކުގެ ތަޢާރުފު؛

   1- މައުޟޫޢުގެ ރަމްޒު
   2- އެޑްވިޑް ހަބްލް
   3- ބިގްބޭންގެ ހާދިސާ ހިނގައިފައިވާ ގޮތް ދައްކައިދޭން މުޞައްވިރަކު ކޮށްފައިވާ މަސައްކަތެއް
   4- މުޙަންމަދު އަސަދު


މި ލިޔުން:

   ފޮނުވުން:    އަލްއުސްތާޛު އަޙްމަދު މާޖިދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:     ''       ''


ހަމަމިގަލަމުން

އިދާރާ

ވާހަކަ