އަދުގެ ޚާއްސަ

Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (2)

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ތާރީޚް


8 ނޮވެމްބަރު (ހޯމަ) އާ ގުޅޭ..

{އަސްތާ! އެމަންޒަރު! ވާހް! ވާހް! ތިޔައިން އެއްވެސް ބޭފުޅަކު، ބައިސްކޯފުގެ "މިކީ މައުސް" ފީތާއެއްގައި، ބޮކެއް އަހެއްގެ މައްޗަށް އަރައިގެން، ހަނިކޯރެއްގެ މަތީން ދެފަރާތަށް ފުމެފުމެ އިންދާ، ދެކެވަޑައިގެންނެވި ހަނދުމަފުޅު ހުރިތޯއެވެ؟}

ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީން ދޮށިމޭނާކިލެގެފާނު

އާދެ! "ޑަންގީ" ދުވަމުން ދުވަމުން އެބަދެއެވެ. ކުރީ ރެއިގެ ނިންޖާއި އެދުވަހުގެ ވަރުބަލިކަމުގެ ސަބަބުން، އެރޭގެ ފަތިސްއަތަށް އެޅުމާއިއެކު، ވަރަށް ރަނގަޅަށް ނިދޭގޮތް ވެއްޖެއެވެ. ހޭލެވުނީ، އަނެއްދުވަހުގެ އިރު އުދަރެހުން އަރައަރާ ހުއްޓައެވެ. އެއިރު މާލެއަތޮޅުގެ ބައެއް ރަށްރަށް ފެންނާން ހުއްޓެވެ. އެންމެ ރަނގަޅަށް ބޯޓް ދުވާވަރަށް ވައިރޯޅިޖެހެއެވެ. ވައިޖެހެނީ ދެކުނުންނެވެ. އެދުވަހު މެންދުރުން އަނބުރާ ތިނެއްޖެހިއިރު، ފެލިދިއަތޮޅުގެ ފެލިދުވާއި، ބޯޓް އަރާހަމަވެއްޖެއެވެ. އެއިރު އެއަތޮޅުވެރި، ބަނގުފަޑިއްގޭ އިބްރާހީމްމަނިކު ދޯންޏެއްގައި، "ޑަންގީ" އާ ދިމާއަށް އޮވެއާދެއެވެ. އިބްރާހީމްމަނިކު "ޑަންގީ" ގެ ކައިރިއަށް އައުމުން އޭނާއާއި، އަޅުގަނޑުމެންނާއި ދެމެދުގައި އެކަށީގެންވާ ވާހަކަ ދެކެވުނެވެ. އެފަހުގައި، ފެލިދޫކަނޑުން "ޑަންގީ" އަށް ވަދެވޭނެތޯ "ޑަންގީ" ގެ މާލިމީ އިބްރާހީމްމަނިކާއި ސުވާލުކުޅައެވެ. އިބްރާހީމްމަނިކު ބުނީ، "ޑަންގީ" އަމިއްލަޔަށް ނުވަދެވޭނޭ ކަމުގައި ފެންނަ ވާހަކައެވެ. އެއާއި ޚިލާފަށް މާލިމީއަށް ހީވީ، "ޑަންގީ" އަމިއްލަޔަށް ވަދެވިދާނޭ ކަމުގައެވެ. އެދެމީހުން އެ ޒުވާބުކުޅައަޑާއި، އެމަންޒަރު ނުފެނުނުބައަކަށް އެގެއްލުނީ، ވަރަށްބޮޑު ތަނެކެވެ. އެވާހަކަ މަޖާކަމާއި، ދެފަރާތުން ދެއްކި މަލާމާތުގެ ސިފަތައް ވިސްނާން އެނގޭނީ، ހަމަ އެތަން ދުށްބަޔަކަށެވެ. . . . . އެހެންނަމަވެސް، ދޮން އިސްމާޢީލް މާލިމީއާއި، ބަގުފަނޑިއްގޭ އިބްރާހީމްމަނިކު ދަންނަ މީހުންނަށް، އެދެމީހުންގެ ނިތަށް އަރާނޭ ރޫތަކާއި، ބަސްމޮށުން ހުންނާނޭގޮތް ކުޑަކޮށް ވިސްނޭނެއެވެ. ޒުވާބު އެންމެފަހުން ނިމުނީ "ކަލެއަށް ނޫނަކަސް މިއަތޮޅުގެ ކަނޑުން ވަންނާން އެނގިދާނެއެވެ. މަގޭ އަތުގައި "ކަރުދާސް" (ޔަޢުނީ ޗާޓް) އެބައޮތެވެ." ދޮން އިސްމާޢިލް މާލިމީ ބުނުމުންނެވެ. މާލިމީ މިހެން ބުނުމުން މަލާމާތުގެ ހުނުމަކުން، ހީނލާފައި "ލައްބަ" އޭ ބުނެފައި، އިބްރާހީމްމަނިކު ހިނގައްޖެއެވެ. އެކަމަކު ހިތާމަހުއްޓެވެ! މާލިމީ، "ކަރުދާސް" ބަލައިގެން ވަންނާން އުޅެއުޅެ "ޑަންގީ" އަކަށް އެކަނޑަކުން ނުވަދެވުނެވެ. ދެން އެދުވަހު ހަވީރު، 4:30 ވީއިރު، "ބޮޑުމަސްހުނި ޕާޓީ" ގެ މީހުން، "ޑަންގީ" ގެ ބައްތެލީގައި ފެލިދުވަށްގޮސް، "ޑަންގީ" ވައްދަވައިދިނުމަށް ތިންހަތަރުދޯނި ފޮނުވައިދިނުމަށް އިބްރާހީމްމަނިކު ގާތު ބުނެފީމުއެވެ. މިވާހަކަ ބުނުމުން އިބްރާހީމްމަނިކުގެ މޫނަށް އެވީގޮތީ، ތަސްވީރު ކުރަހާމީހަކަށް އަގުހުރި ފިލާވަޅެކެވެ. "ޑަންގީ" ކައިރިއަށް ދާން ދޯނިތައް ތައްޔާރުކުރާން އެދިޔަ ވަގުތަކީ، އަތޮޅުގެ ރަށްރަށް ބަލައިލުމަށް އަޅުގަނޑުމެންނަށް ލިބުނު، ފުރުޞަތެއް ކަމުގައި، އަޅުގަނޑުމެން ދުށީމުއެވެ. އަޅުގަނޑުމެން އެންމެ ކުރީން ބަލައިލީ، ފެލިދޫއެވެ. ފެލިދޫއަކީ، ތާހިރު ރަށެކެވެ. ރަށުގެ މީހުން ރަށްކުރިއަށް އަރާތޯ، ހިސާބަކަށް މަސައްކަތްކުރާކަމާއި، ކާބޯތަކެތި ހެއްދޭތޯ މިންނަތްކުރާ ކަމުގެ ހެކިތައް އެރަށުން ފެނެއެވެ. ދެން އަތޮޅުވެރީންގެ ގެއިން ސައިބޮއިގެން އަޅުގަނޑުމެން ދިއައީ، ތިނަދުއަށެވެ. އެރަށަކީ، ވަރަށް އާދައިގެ ރަށެކެވެ. އެރަށު މީހުންނަކީވެސް، ހީވާގި ބައެއްކަން އެނގޭމިންވަރަށް އެރަށުންވެސް ޙަރަކާތްފެނެއެވެ. އެރަށް ބެލުމަށްފަހު ދިޔައީ، ކެޔޮދުއަށެވެ. ކެޔޮދުވަކީ، ވަރަށް ބިންގަނޑު ރަނގަޅު ރަށެކެވެ. ކާބޯތަކެތި ހެއްދުމަށް އެރަށުމީހުންވެސް، ވަރަށް މަސައްކަތް ކުރެތެވެ. ބަގުފަޑިއްގޭ އިބްރާހީމްމަނިކަށް ސާބަހެއް ދިނުމަކީ، އެކަށީގެން ނުވާކަމެއްނޫނެވެ. އޭނާގެ އަތްވެސް ފެންނަނީ، އަނގައެކޭ އެއްފަދައިން، ހިނގަމުންދާ ކަމަށެވެ. އެރޭ އިރުއޮއްސުނުއިރު، "ޑަންގީ" ދަމާފައި، ފެލިދޫ ބޭރަށް ގެންގޮސްފިއެވެ. އެރޭ، "ޑަންގީ" އޮތީ، އެތާނގައެވެ. ދެން އަނެއްކާ ފަތިހު، އެރަށުމީހުންގެ ދޯނިއައިސް، ޖަހައިގެން، އެދުވަހު ދަމަކަށް އިރުއެރިތަނާ، ފެލިދޫކަނޑުން "ޑަންގީ" ވައްދައިދީފިއެވެ. އެދުވަހަކީ، ޖުމާދިލްއާޚިރުމަހު 21 ދުވަހެވެ. ވައިޖެހެނީ ވަރަށްމަޑުންނެވެ. އެހެންނަމަވެސް، ބޯޓްއަށް ކުރިއަށްދެވޭވަރު ވެއެވެ. އެދުވަހު ހަވީރު، އަޅުގަނޑުމެންނަށް ފުއްސަރުކަނޑުން ނުކުމެވޭގޮތް ވެއްޖެއެވެ.
       
ޖުމާދިލްއާޚިރުމަހު 22 ! އަސްތާ ! އަދަކީ، އަޅުގަނޑުމެން މާލެއިން ފުރިތާ، ތިންދުވަސްވީ ދުވަހެވެ. ވައިރޯޅި ވަރަށްމަޑެވެ. "ޑަންގީ" އަށް ކުރިއަށް ދެވެނީ، ކިރިޔާއެވެ. ހެނދުނު 8 ޖެހިއިރު، ނިލަންދުއަތޮޅު އުތުރުބުރި ފީއައްޔާއި، ފިލިތެލާއި، ދެރަށް ފެނިއްޖެއެވެ. އެކަމަކު، ވައިޖެހޭލެއް ދަތިކަމުން، އެއަތޮޅަށް ވަދެވޭގޮތްވީ، ވަރަށްވެސް އުނދަގުލުންނެވެ. ވަންނާންވެގެން ކުޅަ ހޭރިޔާގެވެސް ޢަދަދެއްނެތެވެ. ކުރާ ކޮންމެ ހޭރިޔާއަކަށް "ޑަންގީ" ތަންކޮޅެއް ދަށްވާ ކަހަލައެވެ. މިސަކަރާތުގައި އުޅެނިކޮށް، "ޑަންގީ" ގެ ބައްތެލީގައި އަޅުގަނޑުމެން ފިލިތެލަށް ފޭބީމުއެވެ. އަސްތާ! އެއީވާ ފޭބުމެކެވެ. އެފޭބުމަށް އިންސާފުކުރެވުނީހީ، އެތަން ކުރަހާލުމަށް ކުޅަދާނަ ފޮޓޯނަގާމީހަކު ކެމެރާއެއް ހިފައިގެން، ތައްޔާރަށް ހުރިނަމައެވެ. އެކަމަކު އެގޮތް ދިމާވީ ނަމަވެސް އެއިރު އެއިވުނު، އަޑުތައް ފޮޓިގިރާފުން ނުއިވޭނެކަމުގެ އުނިކަން ވަރަށް ބޮޑުވީހެވެ.
       
ރަށްރަށަށް ފަސޭހަ، އަދި ޢަޖާއިބުވާފަދަ ގޮތްގޮތަށް، މީހުން ފައިބާ އުޅެތެވެ. މިދާދުވަހު، ސިސިލީގެ ގޮނޑުދޮށަށް މިހާރު މުޅިދުނިޔެއަށް މަޝްހޫރު އަށްވަނަ ލަޝްކަރު، އެފޭބި ފޭބުމަކީވެސް، އަދި ދުނިޔެ ނުދެކޭފަދަ މިސާލެކެވެ. އެކަމަކު، އަޅުގަނޑުމެން ފިލިތެލަށް ފޭބި ތާރީޚީ ފޭބުމާއި އަޅާބަލާއިރު، ޖަނަރަލް މޮންޓްގޮމަރީގެ ރޭވުންތައްވެސް ދާންޖެހޭނީ، ދެނަންބަރަށްކަން ހަމަކަށަވަރެވެ. އާދެ! ކީއްތޯއޭވީ! އެރަށަށް ފޭބުމަށް، އަޅުގަނޑުމެން އެކަކުވެސް ކުޅަ ކިތަންމެ ކުޑަނަމަވެސް މަސައްކަތެއްނެތެވެ. ބައްތެލި ރާޅަކާއި ގެންގޮސް، އަރިބިތަށް ގޮނޑުދޮށުގައި ޖެހިޖެހުމެއްގައި، އަޅުގަނޑުމެން އެންމެނަށް، ބޭއިޚްތިޔާރުގައި ފޭބުނީއެވެ. އެފޭބުނުއިރު އަޅުގަނޑުމެންގެ ބައެއް މީހުންނަށް ހަތަރެސްފައިޖަހައިގެން ތިބެވުނުކަން، އެއީ އަޅުގަނޑުމެންގެ ނުކުޅަދާނަކަންތޯއެވެ؟ ނުވަތަ ކުޑައިރުކޮޅަކަށްފަހު، މަލިން މަނިއްޕުޅުގެ މުޙަންމަދުދީދީ މާ ދަތިގޮތަކަށް، ވަލުތެރެއަށް ވަދެވަޑައިގަންނަވާން ޖެހިވަޑައިގަތްކަން އެއީ، އޭނާގެ ކުށެއްތޯއެވެ؟ އަޅުގަނޑުގެ ނަޒަރުގައި، އަޅުގަނޑުމެން ކޮންމެ މީހެއްގެ މޭމަތީގައި ވިދަވިދާހުރުން އެކަށީގެންވަނީ ޑީ.އެސް.އޯ ގެ މެޑެލްއެކެވެ.
       
އާދެ! ފިލިތެލުގައި އަޅުގަނޑުމެން އިރުކޮޅަކު އުޅެފައި، އެނބުރި "ޑަންގީ" އަށް އަތުވެއްޖައީމުއެވެ. އެއިރު "ޑަންގީ" ފިލިތެޔޮ – މާވަރުކަނޑުން ވަންނަނީއެވެ. އެރޭގެ އިރު އެހެރަ އޮއްސެނީއެވެ. އެހެންކަމުން "ޑަންގީ" ވަދެ ބިލެއްދޫ ކައިރީގައި ބޭއްވީއެވެ.
       
ތޭވީސް ދުވަހުގެ އިރު އެރުމާއިއެކު، އަޅުގަނޑުމެން  ފުރައިފީމުއެވެ. އަޅުގަނޑުމެން ތަންކޮޅަކަށް ދިއަތަނާ، ނިލަންދުއަތޮޅު އުތުރުބުރީ އަތޮޅުވެރި، މުޙަންމަދުދީދީ އަޅުގަނޑުމެނާއި ބައްދަލުކުރާން ދޯންޏެއްގައި އަތުވެއްޖެއެވެ. އޭނާގެ ދޯނި ލައްކައިރު އަޅުގަނޑުމެނާއި އެކު ހިފެހެއްޓިއެވެ، އަޅުގަނޑުމެން ނިލަންދޫ ކަނޑުން ނުކުމެގެންގޮސް ވަނީ، މީދޫ ކަނޑުންނެވެ. "ޑަންގީ" މީދޫ ކަނޑުން ވަންނާން ދަނިކޮށް، އަޅުގަނޑުމެން ބައްތެލީގައި، ބަނޑިދުވަށާއި، މީދުވަށް ދިޔައީމުއެވެ. ބަނޑިދުއަކީ ވަރަށް ވިޔާނުވާ މީހުން އުޅޭ ރަށެއްކަމުގައި، އަޅުގަނޑުމެން ދުށީމުއެވެ. ރަށުގެ އެއްވެސްކަމެއް ބެލެހެއްޓުމެއްގެ ކުޑަވެސް އިންތިޒާމެއް ނެތެވެ. ރަށުގެ ހަޑިކަމާއި، ނުތާހިރުކަމުގެ ވާހަކަ، ރަނގަޅީ ނުދެއްކިއްޔާއެވެ. މިހުރިހާ ކަމަކީ، ރަށުގެ ވެރީންގެ މެދުގައި އެއްވެސް އެކުވެރިކަމެއް ނެތްކަމުގެ ހިތި ހިތާމަވެރި ނަތީޖާއެވެ.
       
ބަނޑިދޫގެ ތަދުކަމުގެވެސް ކޮޅެއްނެތެވެ. އަންހެނުންވަނީ އޮރިޔާންވެފައެވެ. ބޮޑަތި ސިންގާ އަންހެނުން ލާނޭ ލިބާހެއް ނެތިގެން، ގޭގޭތެރޭގައި ފިލާތިބޫއެވެ. އެވަރުގެ ނިކަމެތި ޙާލު ދެކިފައި، ލޮލުގައި ކަރުނައިގެ އަސަރު ހިނގާނުލާ މީހާއީ، އެއްވެސް އިންސާނެއްގެ މައްޗަށް ކުޑަވެސް ރަޙްމެއްނެތް، އެކަތައިގެ ހިތެއްވާ މީހާއެވެ. އަޅުގަނޑުމެއް އަރާ ކޮންމެ ރަށެއްގެ މީހުންނަށް ނަސޭހަތްދޭ ފަދައިން އެރަށުގެ މީހުންނަށްވެސް "މަގުގެ ސީދާކަމުގެ ރާސްތާއިން ފިޔަވަޅެއް ކުރިޔަށް އެޅޭތޯ" ބެލުމަށް އަޅުގަނޑު ނަސޭހަތްދީ ހެދީމެވެ. ބަނޑިދޫން އަޅުގަނޑުމެން ދިޔައީ މީދުވަށެވެ. މީދުވަށް އަޅުގަނޑު ދިޔަދިޔުންއެއީ، އަޅުގަނޑުގެ ހިތުން ފަސޭހައެއްކޮށް ފޮހެވިގެންދާނޭ ދިއުމެއް ނޫނެވެ. އެރަށުގެ ގޮނޑުދޮށަށް އަޅުގަނޑު ފޭބުމުން އެރަށުގެ ހަރުމީހުންކުރެ އެކަކު (އެރަށު އިބްރާހީމްފުޅު) އުފަލުން އައިސް އަޅުގަނޑުގެ އަތުމުލައްދަނޑީގައި ހިފާލި ހިފާލުމުގެ ވޭނުން، އަދިވެސް އަޅުގަނޑަކު ސަލާމެއް ނުވެއެވެ! އެފަދަ ހިފައިލުމަކީ، އެރަށަށް ފައިބާ މީހުންނަނަށް އެރަށުމީހުން މަރްޙަބާ ކިއުމުގެ ހޫނުކަން ކަމުގައިވަނީނަމަ، އެރަށަށް ދެވަނަފަހަރަށް ފޭބުމަށް އަޅުގަނޑު ޖެހިލުންވަމެވެ. އޭނާގެ އޯގާވެރި ވަކިތަކުން އަޅުގަނޑަށް ސަލާމަތްވެވުނީ، އަޅުގަނޑާއިއެކު ދިޔަ ބައެއްމީހުން ނުތަނަވަސްކަމުގެ ދާހިއްލާން ފެށިފަހުންނެވެ. މިރަށަކީ، ތަރައްޤީގެ މަގުގައި ފިޔަވަޅުއަޅާން ފަށައިފައިވާ ރަށެކެވެ. ރަށުތެރެ ތާހިރެވެ. ކާބޯތަކެތި ހައްދާން މަސައްކަތް ކުރެއެވެ. . . . . އެރޭ އަޅުގަނޑުމެން ތިބީ ބަނޑިދޫ ބޭރުގައެވެ.
       
24 ދުވަހުގެ ފަޅާލި އިރާ އެކުގައި، އަޅުގަނޑުމެންގެ ދަތުރަށް ފަށްޓައިފީމުއެވެ. އެދުވަހު 10 ޖެހިއިރު، މާއެނބޫދުވާއި، އަރާހަމަވެއްޖެއެވެ. ވައިޖެހޭގޮތުން ކުޑަހުވަދުވާއި ކައިރިއަށް ދެވޭނެ ގޮތެއް ނުވިއެވެ. އެއިރު އަޅުގަނޑުގެ އަތުގާ، ކޮންމެހެން އަވަހަށް މާލެއަށް ފޮނުވާން ބޭނުންވާ ސިޓީއެއް އޮތެވެ. އެހެންކަމުން އެސިޓީ އަތޮޅުވެރި އަޙްމަދުދީދީ އަތްޕުޅަށް ފޮނުވުމަށްޓަކައި، މާއެނބޫދޫ ކައިރީ، ބޯޓް މަޑުކޮށްލާފާ، އަނެއްކާވެސް ދަތުރު ފެށްޓީއެވެ. އަޅުގަނޑުމެން އެއަތޮޅުން ނިކުތީ، ކުޑަހުވަދޫ ކަނޑުންނެވެ.
      
 25 ވިލޭރެޔަކީ، އަޅުގަނޑުމެންގެ ދަތުރުގެ ބަޔާނެއްގައި، ކުލަގަދަ ރަން އަކުރުން ލިޔާންޖެހޭ ރެއެކެވެ. އެރޭގެ ޚާއްޞަކަމީ، އެރޭ "ޑަންގީ" ގައި "ބޮޑުމަސްހުނި ޕާޓީ" ގެ މީހުންކީ މައުލޫދުގެ ޚާއްޞަކަމެވެ. އެ މައުލޫދުގެ ފުރިހަމަކަމާއި، އަޅާބަލާއިރު ޙުސައިން ޞަލާޙުއްދީން، ބޮޑުފެންވަޅުގޭ ސީދީ، މަލިމް މޫސާ ކަލޭފާނު، މިބޭބޭކަލުންގެ "ފުރާވަރުގައި" ވިދާޅުވެފައިހުރި އެންމެ އަގުހުރި މައުލޫދުތައްވެސް ތިންވަނަ ދަރަޖައަށް ފައިބާން ޖެހޭނެކަން ކަށަވަރެވެ. ޙުސައިން ޢަފީފަކީވެސް، މާލޭގައި އެންމެ ރަނގަޅަށް މައުލޫދު ވިދާޅުވާ އެއްބޭފުޅެއް ނޫންތޯއެވެ؟ އެކަމަކު އެރޭ ފަދަ ފުރިހަމަކޮށް، އޭނާ ދުވަހަކުވެސް މައުލޫދު ބުރިއެއް ވިދާޅުނުވާކަން ޔަޤީނެވެ. އެރޭ އޭނާގެ އަޑުފުޅުގައި، އެހުރި "ފުރިހަމަ" ކަމާއި، ރާގުގައި ޖެހެމުން އެދިޔަ ކުނިތަކީ، އަހިވަކާ ޖެހި އަހިވަށް ފާވާކަމުގެ އަލިވެގެންވާ ދަލީލެކެވެ. މައުލޫދު ދެބައިކުރަން ތެދުވެތިއްބާ "ޑަންގީ" އަށް އެރި ލޮޅުމަކުން "ބޮނޑިބަތް" ވެއްޓި އުޅަނބޮށި މަށާލިކަން ފިއަވައި އާދަޔާއި ޚިލާފު މާބޮޑު ކަމެއް އެމައުލޫދު ކިއުމުގެ ތެރެއަކު، ނުހިނގައެވެ.
      
 މައުލޫދުގެ ކަންތައްގަނޑު ނިމުނުފަހުން، ޕާރޓިގެ ބައެއް މީހުން އެރޭ ފަރިހިކިއެވެ. އެރޭ އިވުނު ފަރިހިތަކުގެ ތެރެއިން، މިހާރު ހަނދާންހުރީ، އެންމެ ފަރިއްސެކެވެ. އެފަރިއްސަކީ، ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނޭ ފަރިއްސެކެވެ. އަލިފުޅު ކޮއި ޙާޖީގެ މ.ދ ހަދާފައިވާ، "ޕްރައިވެޓް ރޫމަކަރް. . . . . !" މިފަރިއްސެވެ. އެފަރިހި ވިދާޅުވީ، މ.ދ ގެ ދޮންދަރިކަލުން، ޙުސައިން ޢަފީފެވެ. ފަރިހީގެ މަޢުނަ ކިޔައިދޭން އިނީ މ.ދ ގެ ދޮންބައްޕާ ދޮން އިސްމާލު މާލިމީއެވެ. އަހާންތިބި މީހުންކުރެ އެކަކީ މ.ދ ގެ އެއްބަނޑު ބޭބެ، ފޮނަދޫ ތުއްތީދީއެވެ.
       
އަޅުގަނޑުމެންގެ ދަތުރު މިހިސާބަށް ދިޔައިރު، ފަސިންޖަރުންގެ ތެރެއިން ދެމީހުން ބޯއަނބުރާތީ ވަރަށް ޙާލުދެރަވެއްޖެއެވެ. އެއީ، ބެރުގޭ ދެބެއިންނެވެ. . . . . . ނޫން! ދެބޭންނޭ މިދެންނެވީ ދޮންތުއްތުއާ، ކުޑަތުއްތުއާ ދެބޭންނަށެވެ! . . . . އެކުދީން ބަލިވެ އުޅޭންޖެހުނަސް، އެކަމަކާއި އެކުދީން މާދެރަވާކަށް ނުޖެހެއެވެ. މިހެނީ އެކުދީންގެ އަމިއްލަ ގޭގައި ބަލިވެއުޅޭ އިރުވެސް "ޑަންގީ" ގައި އެ އެހީވެވުނު ވަރަށް އެހީނުވެވޭނެކަން ހަމަކަށަވަރެވެ. އަޅުގަނޑުމެން "ޕާރޓީ" ގެ ކޮންމެވެސް މީހަކު، އެކުދީން ކައިރީގައި ނުއުޅޭ އިރެއް ދިޔަ ނަމަވެސް ދަނީ ވަރަށް މަދުންނެވެ. އެކަކު ފްރުޓް ސޯލްޓް ސަމުސަލެއް ބޯންދޭއިރަށް، އަނެކަކު ބޮލުގައި ކޯލާވާޓަރް އުނގުޅާދެއެވެ. އަނެކަކު . . . . އެކުދިންނާއި އެހީވުމުގައި، ޕާރޓީގެ މީހުންގެ މެދުގައި ވާދައެއްވެސް އޮންނަ ކަހަލައެވެ! އެކަމަކު،  އެއެހީޔަކީ އެއްގޮތަކަށްވެސް ވަކި ސަބަބަކަށްޓަކައި، ވާ އެހީޔެއް ނޫނެވެ! ފަހުން ފުދިދާނޭ ކަމުގައިވާ އެދުމަކަށްޓަކައި ވާ އެހީޔެއްވެސް ނޫނެވެ! ބަލަ! ބަލަ! އެކުގައި ދަތުރުކުޅައުމަކީ، އެކުވެރިކަމާއި އޯގާވެރިކަން އިތުރުވާކަމެއް ނޫންތޯއެވެ؟ އެހެންނެވެ!
       
25 ވީ ހޮނިހިރު ދުވަހަކީ، އަޅުގަނޑުމެންގެ ދަތުރުގެ އެންމެ ވަރުގަދަ ދުވަސް ކަމުގައި މެނުވީ ހަމަ ހިލައި ނުވާނެއެވެ. އެދުވަހު ހެނދުނު 10 ޖެހިތަނާ އަޅުގަނޑުމެން ހައްދޫ ކަނޑު ފަސްދީ، ހުވަދޫ ކަނޑަށް ނުކުތްތަނާ އެޖެހުނު ކޮޅިގަނޑެއްގެ ހަނދާން އަޅުގަނޑުމެން އެކަކުގެ ހިތުންވެސް ފިލުން އެއީ، ވުމަށްވުރެ، ނުވުމާއި ގާތްކަމެކެވެ. އެއީ، ޖޫން، ޖުލައިގެ ވަރުގަދަ ކޮޅިގަނޑެކެވެ. ވަރަށްކުރު އިންޒާރެއް ކުޅައުމާއިއެކު، ކޮޅިގަނޑުގެ ވަޔާއި، ވާރޭ އެކުއެކުގައި އައިސް "ޑަންގީ" އަށް އަރައްޖެއެވެ. ވައި އައީ ދިމާ ހުޅަނގުންނެވެ. ދެންމެއާ ޖެހޭންދެން މަޑުމަޑުން ލުއިލުއިކޮށް ނަށަނަށާ އޮތް ކަނޑު، މިހާރު ގަދަކަމުން ހީވަނީ، އެހެން ފަދަކަމެއް ހެންނެވެ. ނަގަނަގާހުރި ފަރުބަދަފަޅިތަކެއް ފަދަ ރާޅުތަކުގެ  މެދުގައި "ޑަންގީ" ހީވަނީ ދެންމެދެންމެ ފެތިދާނެހެންނެވެ. ރާޅުތައް އެހެރަ އަންނަނީ ރުޅިއައިސް ހޮޅިނަގައިގެން، ކުޑަކުޑަ "ޑަންގީ" އާއި ދިމާއަށެވެ. އެންމެ ކަނަތައް ބޮޑުވީތަނާ "ޑަންގީ" ގެ ބޮޑުރިޔާ، ވަރަށް ނުސިޔާނުގޮތެއްގައި ފަޅައިގެން ހިނގައްޖެއެވެ. ރިޔާ ދޫކޮށްނުލިނަމަ ރިޔާ ކުދިކުދި ކޮށްލާފާނޭކަން ޔަޤީންވެއްޖެއެވެ. އެކަމަކު، އެފަދަ ކޮޅިގަނޑެއްގެ ތެރޭގައި، "ޑަންގީ" ފަދަ ކުޑަކުޑަ އެއްޗެއްގެ ރިޔާ ދޫކޮށްލުމަކީ، ކިހާބޮޑު ކަމަކަށް ވާނޭތޯއެވެ؟ ރިޔާ ތިރިކުރެވޭތޯ ބޯޓުގެ އެންމެން، ނުހަނު މަސައްކަތް އެބަކުރެއެވެ. އެކަމަކު ތަންކޮޅަކަށް ތިރިކޮށްލިތަނާ، ރިޔަލުގައި ވައި އަޅާފައި، ރިޔާ ކަނޑާ ދިމާއަށް ދާން ފަށައިފިއެވެ. ރިޔަލުގެ ދަންމާނުގައި، ނުވަތަ ތިރީ ކުރެވީގައި ހިފައިގެން ރިޔާ އެތެރެއަށް ގެނެވޭތޯ މަސައްކަތްކުރާއިރު، މަސައްކަތް ކުރާމީހުންވެސް ހީވަނީ ދެންމެދެންމެ ރިޔަލާއެކު ކަނޑަށް ހިނގައިދާނޭ ހެންނެވެ. ދެން، އެންމެހުން ރިޔަލުގެ ބޭރުން އެތައް ވަލެއް ލައްވައިގެން، ވާތަކުގައި ހިފާދަމާފައި، ރިޔައު ބޯޓުގެ ތެރެއަށް ގެނައީއެވެ. ދެން އެހެން ރިޔަލެއް އަޅައިގެން އަނެއްކާވެސް، ދަތުރު ފެށްޓީއެވެ. މިކަންތައްގަނޑުން ނިމިގެން މީހަކަށް ހަމަނޭވާ ލެވުނުއިރު، މެންދުރުން އަނބުރާ ދެގަޑިބައި ވެއްޖެއެވެ.
       
ބޯޓުގެ ތެރޭގައި މިހުރިހައި ކަންތައްގަނޑެއް ހިނގިއިރު، "ބޮޑުމަސްހުނި ޕާރޓީ" ގެ މީހުން ހަމަ ދެއަތް އުރާލައިގެން ތިބީތޯއެވެ؟ ކޮޅިގަނޑު އެންމެ ގަދަވީތަނާ، އަޅުގަނޑުމެންވެސް ބޯޓުގެ ފަޅުވެރީންނާއެކު، މަސައްކަތްކުރާން ފަށައިފީމުއެވެ. އެންމެ ފުރަތަމައަށް، އަރުވާޖަހާފާ ނުކުމެ ވާގަނޑެއްގައި ބެއްދީ، ބީރު ޢަލީދީދީއެވެ. ބޯޓުގެ އެންމެ ރަނގަޅު ފަޅުވެރިޔެކޭ އެއްފަދައިން ޢަލީދީދީ މަސައްކަތްކުޅައެވެ. އަޅުގަނޑުގެ ހިތުގައި ޢަލީދީދީގެ މައްޗަށް އެދުވަހު، ނުހަނު ޤަދަރު އިތުރުވިއެވެ. ޢަލީދީދީގެ ފަހަތުން ކަހަލަގޮތަކަށް އ.ގ.އ ނުކުމެ މަސައްކަތުގައި ހިފައިފިއެވެ. "ވަޑިދޮން" ނުކުތީ ލައްކަފަހުންނެވެ. އޭނާ ނުކުތްއިރު އޭނާގެ ލޮލާއި މޫނުގެ އުޖާލާކަންވަނީ ކަނޑައިގެން ގޮއްސައެވެ. އޭނާ އެނިކުތީ ބޯއެނބުރުމާއި، ހަނގުރާމަކޮށްފައިކަން ސާފުކޮށް އެނގޭނޭ ނިޝާންތައް އޭނާގެ މޫނުމަތީން ފެންނާން ހުއްޓެވެ.
       
ޕާރޓީގެ އެންމެނީ މި މީހުންތޯއެވެ؟ ބަލާލި ކޮންމެ ދިމާއަކުން، އަޅުގަނޑުމެންގެ ޕާރޓީގެ ކޮންމެވެސް މީހަކު، ކޮންމެވެސް ހެއްވާ ސިފައެއްގައި އުޅެނިކޮށްފެނެއެވެ. ބައެއްމީހުން ހޮޑުލަނީއެވެ. އަނެއްބައިމީހުން ހީކަރުވައިގަނެގެން ގުޑުގުޑުލަނީއެވެ. ޙުސައިން ޢަފީފް ކޮބައިތޯއެވެ؟ ކޮޅިގަނޑު އެންމެ ވަރުއަރާފައި ހުރިއިރު، ބޯޓުގެ ކަމަރާމަތީން، އެފެންނަ މަންޒަރު އަޅުގަނޑުގެ ހިތުގައި ބިންވަޅުނަގައި ކުރަހާފައިވާ ކަހަލައެވެ. ރިޔާ އޭރުވަނީ ދޫކޮށްލާފައެވެ. ބޯޓު ރޯލުކުރަނީ، ތިޔަކަހަލަ ދެރަޔެއްކޮށެއް ނޫނެވެ. އެއިރު ކަމަރާމަތީ ހުރި ކަފޭރާއެއްގައި، ބަގުޑިލައިގެން ދެފަރާތަށް ހޮޑު އޮއްސައޮއްސައި ޙުސައިން ޢަފީފް އެއިންގޮތް ބަޔާންކުރާނީ ކިހިނަކުންތޯއެވެ؟ ޙުސައިން ޢަފީފާއި އެކު ކަފޭރާހުރީ، ބޯޓުގެ ދެއަރިމައްޗަށް ރޯލުކޮށްކޮށެވެ. އަސްތާ! އެމަންޒަރު! ވާހް! ވާހް! ތިޔައިން އެއްވެސް ބޭފުޅަކު، ބައިސްކޯފުގެ "މިކީ މައުސް" ފީތާއެއްގައި، ބޮކެއް އަހެއްގެ މައްޗަށް އަރައިގެން، ހަނިކޯރެއްގެ މަތީން ދެފަރާތަށް ފުމެފުމެ އިންދާ، ދެކެވަޑައިގެންނެވި ހަނދުމަފުޅު ހުރިތޯއެވެ؟ އާދެ! މިދެންނެވި ފީތާ ހިތްޕުޅަށް ގެނެވިއްޖެނަމަ، އެފެނިވަޑައިގަންނަވަނީ، "ޑަންގީ" ގެ ކަމަރާމަތީން އަޅުގަނޑުމެންނަށް އެފެނުނު މަންޒަރުގެ ކުޑަކުޑަ ތަންކޮޅެކެވެ! . . . . އާދެ! ކޮޅިގަނޑު ހިސާބަކަށް ހަމަޖެހިއްޖެއެވެ. އަޅުގަނޑުމެން އެންމެން ހީކަރުވައިގަނެގެން ގުޑުގުޑު އަޅަނީއެވެ. އ.ގ.އ ހުން އައިސްގެން ރަތްވަނީއެވެ. ކުޑަކުޑަ އިރުކޮޅެއްފަހުން، ކަމަރާގެ އެތެރޭން ވަރަށް ހެއްވާ މަންޒަރެއް ފެނުނުހެން ހީވިއެވެ. ކަމަރާގެ ތެރޭގައި ހިކިއެއްޗެތި އެޅޭތޯ، ހަތަރެސްފައި ޖަހައިގެން ކަހަލަގޮތަކަށް، މީހަކު މަސައްކަތްކުރެއެވެ. އިރުކޮޅަކުން، "ޑަންގީ" ރާޅަކާ ނަގާފައި ޖެހިޖެހުމެއްގައި އެމީހަކު ނެގިފައި ޖެހިއްޖެއެވެ. މިހާރު އެއިނީ، ހިރިވެސް ނުލެވިފައި ކަހަލައެވެ. ޅިނދުމައްޗަށް އެވީތަދު، ފަސޭހައެއްކޮށް ނުފިލާނޭކަން ކަށަވަރެވެ. އެމީހަކީ، އާދެ! އ.ގ.އ އެވެ. އެކޮޅިގަނޑުގެ ތެރޭގައި ބޯޓުގެ ލައްކަ ގިނަ މީހުންނަށް ހާނީއްކަވިއެވެ.
----------------
(ނުނިމޭ)

ހަވަލާ؛

ސމ. މުޙަންމަދު އަމީނު (2004). މަލަސް (80). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.


މި ލިޔުން:

     ޓައިޕުކުރުން:    މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
     އަލުންބެލުން:       ''      ''
     ޝާއިޢުކުރުން:   އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)

އިދާރާ

ވާހަކަ