އަދުގެ ޚާއްސަ

Print

ސަންދޯއް

ޝާޢިއުކުރީ ޢަބްދުﷲ ނަޢީމު އިބްރާހީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ: ޢަބްދުﷲ ނަޢީމު އިބްރާހީމް

އަޅުގަނޑުގެ މާމަ އަޅުގަނޑު ކުޑަ އިރު ކިޔައިދޭ ވާހަކަ އެއް މިހާރުވެސް ހަނދާން އެބަ ހުއްޓެވެ. އެއީ ﷲ އަށް އީމާން ވުމާއި، ލޯ މަރާލާފައި ކަމެއްގެ މައްޗަށް ތިމާގެ އިތުބާރު ޤާއިމު ކުރުމާއި، މާ އަވަހަށް މާޔޫސް ވުމުގެ މައްޗަށް ބިނާ ވެފައި އޮންނަ ވާހަކަ އެވެ.

ވަރަށް ކުރީގެ ދުވަސްވަރެއްގައި ކޮންމެވެސް ރަށެއްގައި އުޅުނު ވަޑި އެކެވެ. އެއް ދުވަހަކު އޭނާ ގެއަށް ދިޔަ މަގުމަތީގައި ރައްޓެއްސަކާ ދިމާ ވެގެން ވާހަކަ ދައްކައިލާން މަޑު ކޮށްލި އެވެ. ރަޙްމަތްތެރިޔާ އަހައިލި އެވެ.

"ރަޙްމަތްތެރިޔާ- މާ ދެރަ ވެފައި ތިޔަ ހުންނަނީ ކީއް ވެގެން-؟ އަނެއްކާ މާ ދެރަ ކަމެއް ވީތަ-؟"

ވަޑިމީހާ ޖަވާބު ދިނެވެ.

"އަހަރެންނަށް ދިމާވީ ކަހަލަ ކަމެއް ކަލެއަށް ދިމާވީ ނަމަ ކަލޭވެސް ހުންނާނީ ހަމަ މިހެން- ދެރަ ވެފައި- މޮޅި ވެފައި-"

ރަޙްމަތްތެރިޔާ އަހައިލި އެވެ.

"އަނެއްކާ ކިހިނެއް ވީ-؟ ކޮން ކަމަކާ ލައިގަތީތަ-؟"

ވަޑިމީހާ ޖަވާބު ދިނެވެ.

"މި އުޅެނީ ވަރަށް ބޮޑު ކަމަކާ ލައިގަނެގެން- މާދަމާ ހެނދުނު އިރު އަރަންވާ އިރަށް ރަސްގެފާނުގެ އަމުރުފުޅަކަށް ލަކުޑިން ވަރަށް ބޮޑު ހަރެއް ޖަހަން އެބަ ޖެހޭ- އެ ހަރު ނުޖެހިއްޖެއްޔާ އަހަރެން ޤަތުލު ކުރައްވާނޭ ކަމަށް އޮތީ އަންގަވާފައި- ފިކުރު ބޮޑު ވެފައި މި ހުންނަނީ އެހެން ވެގެން-"

"ރަޙްމަތްތެރިޔާ- ތިޔަ ކަމާ މާ ބޮޑަށް ފިކުރު ނުކުރޭ- ގެއަށް ހިނގާ- ގެއަށް ގޮސް ރަނގަޅަށް ކާލައިގެން އަރާމު ކޮށްލާނީ- ތިޔަ ކަހަލަ ކަންތައްތަކުގެ މަތީން ހަނދާން ނައްތައިލާ- ހެޔޮ ހިތުން ދުޢާ ކުރޭ- ﷲ ހުރިހައި ނުތަނަވަސް ކަމެއް ފިއްލަވައި ދެއްވާނެ- އެއަށް ވުރެ ވަކީން މަތީ ފަރާތެއް ނެތް-"

    
ދެ މީހުން މަޑު މަޑުން ގެޔާ ދިމާއަށް ހިނގައިގެންފި އެވެ. ވަޑިމީހާ ގެއަށް ދިޔަ އިރު ކަމަކު ދާކަށް ނެތެވެ. އަނބިމީހާ އަޑުންއަޑު ނަގާފައި ރޮނީ އެވެ. އެކަމަކު ފިރިމީހާ ފެނުމާ އެކު ރުއިން ހުއްޓާލައިފި އެވެ. ރޭޑިއޯގެ އަޑު ބާރު ކޮށްލުމަށް ފަހު ނަށާން ފަށައިފި އެވެ. ރޭޑިއޯ އިން ކިޔާ ލަވަޔާ އެއް ވަރަށް ލަވަ ކިޔާން ފަށައިފި އެވެ. އިރުކޮޅަކު މިހެން ނަށައި، ލަވަ ކިޔައި ހެދުމަށް ފަހު ވަރަށް ބާރަށް ހީނގެންފި އެވެ. ހެމުން ހެމުން ގޮސް ލޮލުން ކަރުނަ އަތުވެއްޖެ އެވެ. އެޔާ އެކު އަނެއްކާވެސް ބާރަށް ރޯން ފަށައިފި އެވެ.

"އަހަރެންގެ ލޯބިވާ ފިރިމީހާ- މާދަމާ މިއީ ކަލޭގެ އެންމެ ފަހުގެ ދުވަސް- ދެ މީހުން އެކީގައި ހޭދަ ކުރެވޭނޭ އެންމެ  ފަހު ދުވަސް- އެހެން ވީމާ އެންމެ ފަހު ދުވަސް ހިތާމައިގައި ވޭތު ކުރާކަށް އަހަރެން ބޭނުމެއް ނޫން- އަހަރެން ބޭނުން ވަނީ އެންމެ ފަހުގެ ވަގުތުކޮޅު އުފަލާއި އަރާމުގައި ވޭތު ކޮށްލާން- ލަވަ ކިޔުމާއި، ނެށުމާއި، މަޖާ ކުރުމުގައި ހޭދަ ކޮށްލާން-"

ވަޑިމީހާ ބުންޏެވެ.

"ތިޔައީ މުޅީން ރަނގަޅު ގޮތެއް ނޫން- ތިޔައިގެ ބަދަލުގައި ﷲ ގެ މަތީން ހަނދުމަ ކޮށް، ޒިކުރު ކޮށް، ދުޢާ ކުރުން މަތީ ހުރެވޭތޯ ބަލާ- ރަނގަޅު ދިރިއުޅުމަކީ އެއީ-"

އަނބިމީހާ އަށް ރަނގަޅު ނަސޭހަތް ދިނުމަށް ފަހު ވަޑިމީހާ އަޅާ ނުލައި ހުރީއެއް ނޫނެވެ. އޭނާ ރޭގަނޑު ހަތަރު ދަމު ހުރީ ހޭލައެވެ. ދުޢާ ކުރުމާއި، ނަމާދު ކުރުމާއި، ޒިކުރު ކުރުން ހުއްޓައެއް ނުލަ އެވެ.

ހެނދުނު އިރު އެރި އިރު ގޭ ތެރެއަށް ފެތުރިފައި އޮތީ ހިތާމައެވެ. ރޯ މީހުން ރޮނީއެވެ. ފާރުގައި ބޯ ތަޅާ މީހުން ބޯ ތަޅަނީއެވެ. ބޮލުން އިސްތަށި އުފުރާ މީހުން އިސްތަށި އުފުރަނީއެވެ.

ވަޑިމީހާ އެއްފަރާތު ކަނުގައި ހުރި ގޮނޑިއެއްގައި އިށީނދެގެން އިނެވެ. އޭނާގެ ލޮލުން ކަރުނައެއް ނުފައިބަ އެވެ. މޫނު މަތީން ހާސް ކަމުގެ އަސަރެއް ނުފެނެއެވެ.

ކުއްލި އަކަށް އެ އިވުނީ ގޭގެ ދޮރުގައި ޓަކި ޖެހި އަޑެވެ.

އަހަރެންގެ އެންމެ ފަހު ވަގުތު އައިސް ޖެހުނީއެވެ. މަރުވާން ތައްޔާރު ވެގެން ދާން ވީއެވެ.

މިހެން ހިތަށް އެރި ނަމަވެސް މަޑު މައިތިރި ކަމާއެކު ގޮސް ދޮރު ހުޅުވައިފިއެވެ. ދޮރުމަތީގައި ހުރީ ރަސްގެފާނުގެ ދަރުބާރުގެ ބޮޑުންގެ މީހެކެވެ. އެ މީހާ ފެނުމާއެކު ގޭ ތެރެއަށް ފެތުރިފައި އޮތް ރުއިމުގެ އަޑު އިހަށް ވުރެ ބާރު ވެގެން ދިޔައެވެ.

އެ މީހާ ވަޑިމީހާ އާ ދިމާއަށް ބަލައިލާފައި ހިނިތުން ވެލާފައި ބުންޏެވެ.

"ރަސްގެފާނު އަވަހާރަ ވެއްޖެ- އަވަހަށް ހަ ފޫޓުގެ ސަންދޯކެއް ޖަހައިދީ-!"
----------------------
(ނިމުނީ)

މި ލިޔުން؛ 

    ލިޔުން:       ޢަބްދުﷲ ނަޢީމު އިބްރާހީމް (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް) 
    ޝާއިޢުކުރުން:    ''           ''
    އަލުން ބެލުން:    "           "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ