އަދުގެ ޚާއްސަ

Print

އަހަރެންގެ ޑޮކްޓަރީ ހަޔާތުން..

ޝާޢިއުކުރީ އިބްރާހީމް ނަޢީމު . ހިމެނޭބަޔަކީ އިޖުތިމާޢީ


އިބްރާހީމް ނަޢީމު

އަހަރެންނަކީ ޑޮކްޓަރެކެވެ. ގައިނަކޮލޮޖިސްޓެކެވެ. ފަސޭހަ ދިވެހި ބަހުންނަމަ، އަންހެނުންގެ ޚާއްޞަ ޑަކުޓަރެކެވެ. މާބަނޑު އަންހެނުންނަށް ފަރުވާކުރުމަކީ އަހަރެން ކޮންމެދުވަހަކުހެން ކުރަންޖެހޭ މަސައްކަތެވެ. މާބަނޑު ދުވަސްވަރު އަންހެނާ އުފުލާ ބުރައާއި ދިމާވާ ދަތިތަކަށް ޑަކުޓަރީ ގޮތުން ފޯރުކޮށްދެވެން ހުންނަ އެހީތެރިކަން ފޯރުކޮށްދީ، ދެވެން ހުންނަ ފަރުވާދިނުމަކީ އަހަރެންގެ ވާޖިބެކެވެ. އަދި މީގެ އިތުރުން ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން މައިމީހާއާއި ކުޑަދަރިފުޅަށް ދެވެން ހުންނަ ތަފާތު ފަރުވާދީ ވިހެއުމުގެ މަރުހަލާއަށް މައިމީހާ އަހުލުވެރިކުރުމަކީ ވެސް އަހަރެންގެ މަސައްކަތުގެ އެއްބަ އެވެ.  ފެޅުމާއި ކެފުމަކީ ހަމަ ކޮންމެ ދުވަހަކުހެން ކުރަންޖެހޭ ކަންކަމެވެ.

އަހަރެންގެ ކުރިމަތީގައި އެތައް މަންމައިންނެއް މިދުނިޔެ ދޫކުރި އެވެ. އެތައް ކުޑަކުދިންނެއްގެ ފުރާނަ އެ ކުދިންގެ ހަށިގަނޑާ ދެތަންވި އެވެ. އެ ވަގުތުތަކުގައި ހިތަށް އަސަރުވެސް ކުރެ އެވެ. ނަމަވެސް އެ ކަންކަމާ ވިސްނަން މާގިނަވަގުތު ހޭދައެއް ނުކުރެވެ އެވެ. ސަބަބަކީތޯ އެވެ؟ އެކަންކަމާ ވިސްނަން ހޭދަކުރާ ކޮންމެ މިނެޓަކީ ކޮންމެވެސް އެހެން ފުރާނައެއްގެ އަޖަލު ހަމަވަމުންދާ ވަގުތެވެ. ވަކިވެފައިވާ ފުރާނައަކަށް ދެވޭނެ ޑަކުޓަރީ ފަރުވާއެއް ނެތެވެ. ނަމަވެސް ބަލި އެނދުގައި އޮންނަ މައިމީހާއަށާއި ހާލުބޮޑު ކުޑަދަރިފުޅަށް ދެވޭނެ ފަރުވާ އަހަރެންނަށް އެނގެ އެވެ. އެ ގޮތުން ކުރެވޭ ވަރަށްގިނަ މަސައްކަތްތަށް މާތްﷲ ގެ އިރާދަފުޅާއެކު ކާމިޔާބީ ވެސް ލިބެ އެވެ. އެ މީހުންނަށް ޝިފާލިބެ އެވެ.

ދުވަހަކީ އާދިއްތަދުވަހެކެވެ. އާދައިގެ މަތިން އަހަރެން ހުރީ ބަލިމީހުންބަލާ ކޮޓަރީގަ އެވެ. ރީންގް...ރީންގް.. ފޯނުރިންގުވާން ފެށި އެވެ. އެ ވަގުތު ވެސް އަހަރެން ކައިރީގައި ބަލިމީހަކު އިނެވެ. އަހަރެންނަށް އިސްކަންދެވުނީ ކައިރީގައި އިން ބަލިމީހާއަށެވެ. އެމީހާވެސް އިނީ ދެން ދެން ވިހަން ތައްޔާރުވެފަ އެވެ. އެ މީހާގެ ހަށިގަނޑުގައި އަޅާވޭން އެހެން މީހުނަށް އިހުސާސްކުރަން ވަރަށް އުނދަގޫވާނެ އެވެ. ލޭގެ ޕްރެޝަރު ހުރީ ހުންނަންވާ މިންގަނޑާ މާދުރުގަ އެވެ. ކުޑަދަރިފުޅުގެ ވިންދު ވެސް ހުރީ ހަމައިން ނެއްޓިފަ އެވެ. ދެ މައިން ވެސް ނުރައްކާތެރި ފައްތަރެއް ގިރާކުރަނީ އެވެ. ކައިރީގައި އިން އެހީތެރިޔާގެ ނުތަނަވަސްކަން ދިޔައީ ބޮޑުވަމުންނެވެ. އަހަރެން ނަމަވެސް ވާނީ ހަމަ އެހެންނެވެ. ލިބެންއުޅޭ އަލަތު ދަރިފުޅެވެ. ލޯބިވާ އަނބިމީހާ އެވެ. ވަކިން މުހިންމު އިތުރުކަމެއް އޮންނާނެތޯ އެވެ.

އަހަރެން ފޯނުނެގީމެވެ. ހަމަ އާދައިގެ ފޯނުކޯލެކެވެ. ވަރަށް އަވަހަށް އޮޕަރޭޝަން ތިއޭޓަރަށް ދާންވީ އެވެ. ހާލު ބޮޑުބަލިމީހަކު ތިއޭޓަރަށް ވެއްދީ އެވެ. ކައިރީގައި އިން ބަލިމީހާއަށް އެ ވަގުތަށް ކޮންމެހެން ބޭނުންވާނެ ފަރުވާ ދިނުމަށްފަހު ދެން ހަދަންވީގޮތް ކިޔައިދީފައި އަހަރެން ދިޔައީ ތިއޭޓަރަށެވެ. އޭރުވެސް އެތައްބަޔަކު ކިޔޫގައި އެމީހުންގެ ނަންބަރުގެ އިންތިޒާރުގައި ތިއްބެވެ. އަހަރެން ކޮޓަރިން ނުކުތުމުން އެންމެން ވެސް އަހަރެންނަށް ބެލީ ސުވާލުގެ ނަޒަރަކުންނެވެ. "އަހަރެންގެ ނަންބަރާ ނުޖެހެނީސް ދަނީތޯ އެވެ."އެމީހުންނަށް މުހިންމުވާނީ އެ މީހުންގެ ކަންކަންތަކެވެ. ނަމަވެސް ޑަކުޓަރެއްގެ ހައިސިއްޔަތުން، ހޮސްޕިޓަލުގައި ތިބި ހުރިހާ ބަލިމީހުން ވެސް އަހަރެންނަށް މުހިންމެވެ.

އަހަރެން ކޮޓަރިން ނުކުތުމާއެކު އެ ތާހުރިމީހަކު އަހަރެންގެ ކުރިބެއްދި އެވެ. "ނުދެވޭނެ، ތިޔަހެން ނުދެވޭނެ، އަހަރެން މިތާ ހުންނަތާ ކޮންއިރެއް؟، ނިކަންބަލާބަލަ އަހަރެންގެ އަންހެނުންގެ ހާލު.." އެމީހާ ކުޑަކޮށް ރުޅިގަދަވި އެވެ. އަހަރެން އެ ބަލިމީހާއަށް ބަލާލީމެވެ. ފެންނަ ފެނުމަށް ވަރަށް ވަރުބަލި ވެފަ އެވެ. ނަމަވެސް ކުއްލި ފަރުވާއެއް ކޮންމެހެން ބޭނުންވާ ވަރެއްނޫނެވެ. އެ މީހާއަށް ވިސްނައިދެވޭތޯ މަސައްކަތް ކުރީމެވެ. "ކަލޭ ބުނާނީ ތިޔަހެން.. އަޅާވޭނެއް ކަލެޔަކަށް ނޭނގޭނެ.." ތެދެކެވެ. އަހަރެންމީ ފިރިހެނެކެވެ. ވިހެއުމުގެ ފުރުސަތެއް ފިޠުރީ ގޮތުން އަހަންނަކަށް ލިބިގެން ނުވެ އެވެ. އެހެންވީމައި އަޅާ ވޭނެއް ނޭނގޭނެ އެވެ. އަހަރެންނާ ދިމާއަށް އެހެން އެ ބުނާ މީހާއަކަށް ވެސް މާބަނޑުދުވަސްވަރު އަންހެނާ ތަޙައްމަލުކުރާ ވޭނެއް އިޙުސާސެއް ނުކުރެވޭކަން ޔަޤީނެވެ. އެހެން ނޫންނަމަ ހާލުބޮޑު މަޔަކަށް ފަރުވާދޭންދާ ޑަކުޓަރެއް އޭނާ ނުހުއްޓުވާނެ އެވެ.

އަހަރެންނަށް ތިއޭޓަރަށް ވަދެވުނުއިރު އެ ތާއޮތް ހާލުބޮޑު ބަލިމީހާ އޭނާގެ އެންމެ ފަހުނޭވާ މި ފަޒާއަށް ދޫކުރަނީ އެވެ. ލޯބި ލޯބި ކުޑަ އަންހެން ކުއްޖެއް މިދުނިޔެއާ ހަވާލުކޮށްފަ އެވެ. މި ތާދެވޭ ބޭހަކުން ފަރުވާޔަކުން އެ ހަށިގަނޑަކަށް ދެނެއް ލިބޭނެ ޝިފާއެއްނެތެވެ. އެ އާއިލާގެ މީހުން ގަބޫލުކުރާގޮތުގައި އަހަރެން އައުން ލަސްވީ އެވެ. ފަރުވާ ކުޑައީ އެވެ. ނޫންނަމަ .... އަހަރެންނަކަށް އެކަމަށް ދޭނެ ޖަވާބެއް ނޭނގެ އެވެ.

މިއީ ހަމައެކަނި އަހަރެންނަށް ދިމާވާ ކަމެއްނޫނެވެ. އެހެން އެތައް ޑަކުޓަރުންނަކަށް ވެސް މި ބާވަތުގެ އެ ތައްކަމެއް ދިމާވެފައި އެބަހުއްޓެވެ. މިކަހަލަ ދަނޑިވަޅުތަކުގައި ބަލާ މީހުންގެ ލޮލަށް ފެންނާނީ ޑަކުޓަރުގެ ފަރުވާކުޑަކަމެވެ.

އެ ދުވަހުގެ މެންދުރު ފަހެވެ. އިމަޖެންސީގައި ކޮންމެވެސް ރަށަކުން މާލެ ގެނައި މާބަނޑު އަންހެނެކެވެ. ބަލިމީހާގެ ތިމާގެ މީހުންނާއި ރަށުމީހުން އައިސް މުޅި ސަރަހައްދު އޮތީ ތޮއްޖެހިފަ އެވެ. ވަގުތުން ވެއްދީ ވިއްސާ ކޮޓަރިއަށެވެ. އަހަރެން ވެސް އެތާ ހުރި ވަގުތެކެވެ. މާބަނޑުމީހާގެ ހިސްޓްރީ އަންގައިދޭ ލިޔުންތަކާއި އެ ހާތަނަށް ހެދިފައިވާ ޓެސްޓުތަކަށް ބަލާއިރު ވީހާ އަވަހަކަށް އޮޕަރޭޝަނަކަށް ދިއުން ވަރަށް މުހިންމެވެ. ދެ މައިންގެ ވެސް ރައްކަލަށްޓަކަ އެވެ.

މި ވާހަކަ އާއިލާގެ މީހުނަށް އެންގުމުން ފުރަތަމަ ވެސް އެ މީހުން ރުޅިއައީ އަހަރެން ދެކެ އެވެ. ސަބަބަކީތޯ އެވެ. ވިހާތޯ މަޑު ވެސް ކޮށްނުލާ ފަޅާލަން އުޅޭތީ އެވެ. ކުރީ ފަހަރު އޮތީ އަހަރެންނަށް ފަރުވާ ފެށުން ލަސްކުރެވުނު ކަމުގެ ޝަކުވާ އެވެ. މި ފަހަރު މި އޮތީ މާއަވަސް ކުރީތީވެ އެކަމުގެ ޝަކުވާ އެވެ. ކޮންމެއަކަސް ބަލިމީހާގެ އާއިލާއިން އެކަމާ އެއްގޮތަކަށްވެސް ގަބޫލެއް ނުވި އެވެ. މި މައްސަލައިގައި ހޮސްޕިޓަލުގެ އެންމެ މަތީވެރިންނާ ހަމައަށް އެމީހުން ދިޔަ އެވެ. އަދި ސިޔާސީގޮތުން ބާރުހުރި ފަރާތްތަކަށް ވެސް ޝަކުވާ ހުށަހެޅި އެވެ. ތަފާތު އިންޒާރުތައް ވެސް ވިއްސާކޮޓަރީގެ ދޮރުން އެތެރެވި އެވެ. އެކަމުގައި އެތައް ވަގުތެއް ހޭދަވި އެވެ. އެންމެފަހުން އޮޕަރޭޝަން ކުރީމެވެ. އާއިލާ "ގަބޫލު" ގަ އެވެ.

ހަތަރުދުވަސް ފަހުން ކުޑަދަރިފުޅު ނިޔާވި ދުނިޔެ ދޫކުރި އެވެ. މުޅިއާއިލާއަށް އެތައް ހިތާމައަކާއި ހިތްދަތިކަމެއް ގެނުވާފަ އެވެ. އެ ވެރިންގެ ނަޒަރުގައި މައްސަލައަކީ ފަޅާލުމެވެ. އަހަރެންނާ ބައްދަލުވީ އެ ކުޑަކުއްޖާގެ ކާފައާ އެވެ. އަހަރެން ބުނީމެވެ. ބޭބޭ އެވެ. އެއްވެސް މީހެއްގެ ފުރާނައަކީ ޑަކުޓަރުންގެ އަތްމަތީގައި އޮންނަ އެއްޗެއް ނޫނެވެ. އެ ކުއްޖާފުޅު ނިޔާވީ އޮޕަރޭޝަން ކުރުން ލަސްކުރީމައޭ އަހަރެން ނުބުނާނަމެވެ. ނަމަވެސް އެކަން އަވަސް ކުރެވުނުނަމަ ދެވޭނެ ބައެއް ފަރުވާ ލަސްކުރުމުގެ ސަބަބުން ނުދެވި އެބަހުއްޓެވެ. އަދި ކުރިން އަޅުގަނޑަށް ދިމާވި ބައެއް އެ ކަހަލަ ހާދިސާތައް ކިޔާދިނީމެވެ.

ބޭބެ. "ގިނަމީހުންނަށް ޑަކުޓަރުކަން ކިޔަވާކަށް ފުރުސަތެއް ނުލިބޭ!!. އެކަމަކު އެކަން ކިޔަވައިގެން އަންނަ މީހުން ބުނާގޮތް ހަދާކަށް ވެސް އެއްބަހެއްނުވޭ!!. އަދި ކަމެއް ދިމާވިޔަސް ހަމަ އަންނަން މިޖެހެނީ ޑަކުޓަރުން ކައިރިއަށް! ކުރީޒަމާނުގައި ފަންޑިތަވެރިން ބުނާ ކޮންމެއެއްޗެއް ގަބޫލުކޮށް އެ ގޮތަކަށް އަހަރެމެން ހަދަން!!. އަދި އެމީހުންގެ ހުއްދައާ ނުލައި ބަލިމީހާއަށް ފެންފޮދެއް ވެސް ނުދެން!!."
---------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:    އަލްފާޟިލް އިބްރާހީމް ނަޢީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
   ޝާއިޢުކުރުން:  ''        ''

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ