އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (2)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


އަލްމަރުޙޫމު ސައިކުރާ އިބްރާހީމް ނަޢީމު                        05 ޑިސެމްބަރ 2010 (އާދީއްތަ)އާ ގުޅޭ....

ރަތްކާރުގެ ޑުރައިވަރު

ހީވެސް ނުކުރެވޭފަދަ އަވަސް ވަގުތުކޮޅެއްގެ ތެރޭގައި އަޅުގަނޑުމެންގެ ހަމްދަރުދީ އެ މީހަކަށްޓަކައި ހުސްވެފައިވާ އަޙްމަދު އިންޑިޔާގެ މަގުތަކަށް ގިނަވެއްޖެއެވެ. ދާނެވަކި މިސްރާބެއް މަޑުކޮށްލާނެ ވަކި މަންޒިލެއް ނުވިސްނި ބޭއިޚްތިޔާރުގެ ފިޔަވަޅުތަކެއް އަޅަން ފަށައިފި އެވެ.

ހޮޓަލުގައި ތައްޔާރުވެފައިވާ މެންދުރުގެ ކެއުމަށްޓަކައި އޭނާ މޭޒުދޮށުގައި އިށީނެވެ. ނަމަވެސް އޭނާގެ ގަސްދު ނުވަތަ އަޒުމްތައްވަނީ ރޫޅިފައިކަމުން ކެއުމަށްވުރެ ބޭނުންވީ ހޮޓަލުގެ ލިފްޓުގައި އިށީނުމެވެ. އާދެ! ތިރިއަށް ފޭބުމެވެ. ފުނިޖެހިފައިވާ މީހުންތަކުގެ ތެރެއަށް ކޯޓަކާއި ފަޓުލޫނެއް އިތުރުކޮށްލުމުގެ ގޮތުންނެވެ. އެހެންކަމުން އޭނާ ވަރަށް އަވަހަށް، ހޮޓަލުން ފައިބައިފިއެވެ. އަބަދުވެސް ކާރުގައި ދަތުރުކުރާ ވީނަސްރޯޑަށް ދީފައިވާ ގަދައަވީގެ ތެރެއިން ފިހެމުން، ހިނގައިގެންފި އެވެ. ޓެކްސީއެއް ނުވަތަ ބަހެއްގެ ބޭނުމެއް ނުކުރެއެވެ. މެންދުރުން އަނބުރާ ޖަހައިފި އެވެ. ދުވަހުގެ ހަވީރަށްޓަކައި ހޮޓާތަކާއި ކެފޭތައް ތައްޔާރުވަނީ އެވެ. އެ ވަގުތަކީ، އާދަވެގެން އިންޑިޔާގެ ހޮޓާތަކުގައި މީހުން ހިސާބަކަށް މަދުވެލާ ވަގުތެވެ. ކޮންމެ މީހަކުވެސް، ހަވީރުގެ ހިތްފަސޭހަކަން އަތުލައިގަތުމަށްޓަކައި ތައްޔާރުވާ ވަގުތެވެ.

އަޅުގަނޑުމެންގެ އަޙްމަދު އަދިވެސް ހިނގަމުން ދަނީ އެވެ. ދިގު މަގުތައް ހުރިގޮތަށެވެ. ކުދި ގޯޅިތައް ހުރަސްކުރަމުންނެވެ. ބޮޑެތި ބިލްޑިންގު ތަކާއި ޓޭތަރުތައް ފަސްދެމުންނެވެ. އޭނާގެ އިޚްތިޔާރުން ނެއްޓިފައިވާ ދަތުރުގެ ސަބަބުން އެކްސިޑެންޓެއް ވެދާނެކަމުގެ ބިރު އަޅުގަނޑުމެންގެ ހިތަށް (އާދެ! އޭނާގެ ހާލު އެނގޭ ކޮންމެ މީހެއްގެ ހިތަށް) ވަދެއެވެ. ނަމަވެސް ކުރާނެކަމެއް ނެތެވެ.

ހަވީރުގެ ވަގުތު ކައިރިވަނީއެވެ. އަޙްމަދު މިހާރު ހިނގަމުންދަނީ ވަރަށްހަނި އެހެންނަމަވެސް ދިގުމަގެއްގެ މެދެއްހާ ހިސާބުންނެވެ. ކުއްލިއަކަށް އޭނަގެ ފަހަތުން ވަރަށް މަޑުމަޑުން ދުއްވާފައި އައި ރަތްކާރެއް އޭނާއާ ވަރަށް ކައިރިން އަޅާފައި ކުރިއަރައިގެން ހިނގައްޖެއެވެ. ކާރުގައި އިނީ އެންމެ މީހެކެވެ. އާދެ! ކާރު ދުއްވަން އިންމީހާ އެކަންޏެވެ. އަޙްމަދު އަދިވެސް ހަމައެމަގުން ކުރިއަށް ދަނީއެވެ. އަނެއްކާވެސް ހަމައެއްކަލަ ރަތްކާރު ކުރިމަތިން އެބައާދެއެވެ. މިފަހަރު އަންނަނީ ވަރަށް މަޑުމަޑުންނެވެ. މިފަހަރު އަޙްމަދާއި އަރާހަމަވެފައި ފަސްދިނުމުން ގިއަރު ބަދަލުކޮށްލައިފި އެވެ. އާދައާ ޚިލާފު ބާރުމިނެއްގައި ގޮސް އޮބާލައިފި އެވެ.

ކޮންމެއަކަސް މި ރަތްކުލައިގެ ކާރު މިސްޓަރ އަޙްމަދުގެ ފަހަތުން ރަނގަޅަށް އަޅައިގެންފި އެވެ. އޭނާ އަޅާ ކޮންމެ ގޯޅިއަކުން އެކާރު އަޅައެވެ. ދާކޮންމެ މަގަކުން ފެނެއެވެ. އެހެންކަމުން އެކާރެއް އުނދަގުލުން ސަލާމަތްވުމަށްޓަކައި އަޙްމަދުގޮސް މަޑުކޮށްލީ ވަރަށް އާދައިގެ ކުޑަކުޑަ ހޮޓަލެއްގައެވެ. މޭޒުދޮށުގައި އިށީނދެފައި އޭނާ އެދުނީ ފިނި ލައިމްޖޫސްތައްޓަކަށެވެ. އަދި ސިނގިރޭޓެއް ވެސް ނުލައި ނުކުމެވުނުކަން އެނގިގެން ދެންއެދުނީ އެންމެ ސިނގިރޭޓަކަށެވެ. އޭނާ ކައިރީގައި މަގުމައްޗަށް ހުޅުވިފައިވާ ކުޑަދޮރެއް ހުއްޓެވެ. އެދޮރުން އަންނަ ރީތިވައިރޯޅިން އޭނާގެ ބުރަކަށީގައި ފިރުމާ ފިރުމުންތަކުން އަނެއްކާވެސް އޭނާ ލައިމްޖޫސްތައްޓާއެކު ގެއްލުނީ ހާލުގެ ދުނިޔެއަށެވެ. ލީލާގެ ހަނދާނުގެ ތެރެއަށެވެ.

އިރުގަނޑެއް ވަންދެން އޭނާއަށް އިނދެވުނީ ހަމައެހެންނެވެ. ހަމައެހެންނޭ ދެންނެވުމުން ތިޔަބޭފުޅުން އިހުސާސްކުރައްވަންވީ އަސަރެއް ތަފްސީލު ކުރާނެތްތޯއެވެ.

ކުއްލިއަކަށް އޭނާގެ މޭޒުމައްޗަށް އައިސްވެއްޓުނީ ސިނގިރޭޓު ފޮއްޓެކެވެ. ފުރަތަމަ އޭނާ ހީކުރީ އެއީ ހޮޓަލުގެ ޚާދިމު ގެނެސްދިން ފޮއްޓެއް ކަމަށެވެ. ޚިޔާލުގެ ފުންކަމުން އިނދެވުނު ހުވަފެނެއްގެ އަސަރުގަދަކަމުން ގެނެސްދިންކަން ނޭނގުނީ ކަމަށެވެ. ކޮންމެއަކަސް ސިނގިރޭޓުފޮށި ހުޅުވާލައިފިއެވެ..... އޭނާއަށް ހީވިހީވުން ދިޔައީ ކުރެވުނު ބޮޑުކުށަކަށް ވެގެންނެވެ. އޭގެތެރޭގައި އޮތީ ކަރުދާސް ކޮޅެކެވެ. ގަދަރަތްކުލައިގެ އޮފުލީ ކަރުދާސް ކޮޅެކެވެ. އެކަރުދާސްކޮޅު ނިއުޅާލިއިރު އެއީ މީހަކު ލިޔެފައިވާ ސިޓީއެކެވެ. ވަރަށްކުރުކުރު ހައެއްކަ ޖުމްލައެވެ.

" މޮޔަޒުވާނާއެވެ! ލީލާއަކީ މީހެއްގެ ޙައްޤެކެވެ. އޭނާ އަތުލައިގަތްކަން އެއީ ކަލޭގެ ފުރަތަމަ ކުށެވެ. ކަލެޔާއި އިނުމަށް ގަސްދުކުރިކަން އެއީ އޭނާގެ ކުށެވެ. އެކުށުގެ ސަޒާ ރޭގާ އޭނާއަށް ދީފީމެވެ..... ޤަތުލުގެ ސިއްރު ހޯދުމަށްޓަކައި މަސައްކަތް ކުރާކަން އެއީ ކަލޭގެ ދެވަނަ ކުށެވެ. އެކަން ކަލޭ  ކޮށްފިނަމަ އަހަރެންގެ ޚަންޖަރުން މިކަމާބެހިގެން ކުރެވޭ ދެވަނަ ޤަތުލަކީ ކަލޭގެ ޤަތުލެވެ."

ހެނދުނުއްސުރެން ހިތާއި ނާރުތައް ނިދާފައިވާ އަޙްމަދަށް ސިޓީ ކިއުމާއެކު ހޭލެވިއްޖެއެވެ. ލެޔަށް އަވަސްކަމާއެކު ނާރުތަކަށް ދިރުމެއް އަތުވެއްޖެ އެވެ. އެހެންކަމުން ހަމައެވަގުތު ހޮޓަލުން ނުކުމެގެން ހިނގައިގެންފިއެވެ.

މިހާރު އަޙްމަދަށް ވިސްނޭގޮތުގައި ހުރެވުނީ ޑިއަރެސްޓޯ ހޮޓަލާ އެތަކެއްމޭލު ދުރުގައެވެ. އާދެވުނީ ފައިމަގުގައެވެ. ހިނގުނީ ރަތްދަކާ އަވީގައެވެ. އެހެންކަމުން އޭނާގެ ގައިގެ އެތަންމިތަނަށް ތަދުވެސްވެއެވެ. ލިބިފައިވާ އެކަނިވެރިކަމުގެތެރެއަށް ވަރުބަލިކަންވެސް ވަނީ އިތުރުވެފައެވެ. އެހެންކަމުން އޭނާ ގަސްދުކުރީ ކުލީކާރެއް ހޯދުމަށެވެ. މި ގަސްދު ހިތުތެރޭގައި ހަމަޖައްސާ ނުލެވިގެން އުޅެނިކޮށް ކުރިމަތިން އަންނަ ކުލީކާރެއް ފެނިއްޖެއެވެ. އެންމެ ފަހަރަކު "ޓެކްސީ" ގޮވާލުމުން ކާރުހުއްޓާލައިފިއެވެ. ވަރަށް އޯގާވެރިކަމާއެކު ޑުރައިވަރު ކާރުގެ ދޮރު ހުޅުވާލަދީފި އެވެ. ވަރުބަލިވެފައިވާ އަޙްމަދު ކާރުގެ ކުރީސީޓުގައި އިށީނދެއްޖެ އެވެ. ޑުރައިވަރު ކާރު ދުއްވާލާފައި ފުރަތަމަ ކުރީ ސުވާލެކެވެ. ދާންވީ ކޮންތާކަށް ހެއްޔެވެ؟ ޑިޔަރެސްޓޯ ހޮޓަލަށެވެ..... އެތަނަށް ދާނެމަގު އަހަންނަށް ދަސްކޮށްދީފާނަންހެއްޔެވެ؟..... ޑުރައިވަރުގެ މިސުވާލަށް ޖަވާބުދޭކަށް ނޭނގެއެވެ. އެހެންކަމުން އަޙްމަދު ވަރަށް ދެރަވެފައި ބުންޏެވެ. މައާފްކުރާށެވެ. އަހަންނަށް މިހާރު މިހުރީ ވަރަށް ދުރަށް އާދެވިފައެވެ. ހޮޓަލަށްދާނެމަގު އެއްގޮތަކަށްވެސް އަހަންނަކަށް ނޭނގުނެވެ. ކަލޭގެ ދީލަތިކަމުން އަހަރެން ގެންގޮސްދީފިނަމަ ކިތަންމެހާވެސް ޝުކުރިއްޔާއެވެ.

ކާރު ދުއްވާލައިފިއެވެ. މިހިސާބުން އަޅުގަނޑުގެ ޤަލަމުގެ އިސްވެދިޔަކުށެއް އިޢާދަކޮށްނުލައި ކުރިޔަށް ދެވޭކަށެއް ނެތެވެ. އާދެ! މިސްޓަރ އަޙްމަދު އިށީނދެއިނީ ކާރުގެ ކުރީސީޓުގައިކަމަށް ދެންނެވުނުނަމަވެސް އެނާއިނީ ފަހަތު ސީޓުގައެވެ.

އާދެ! ކާރު ޑުރައިވަރުގެ އަތް ވަރަށް އަވަދިނެތި ގޮބުތަކާ ސްވިޗުތަކުގެ ތެރޭގައި އުޅެއެވެ. ދެފައިންވެސް ހަމައެފަދަ ކުއްލި ހަރަކާތްތަކެއް ގެނެއެވެ. ދުވެފައިދާ ޓެކްސީގެ ގިއަރު އެހެރަދަނީ މައްޗަށް އަރައިގެންނެވެ. އެއްގިއަރުން އަނެއްގިއަރު ބަލަންއިންދާ މައްޗަށް ޖެހެމުންނެވެ. 15 މިނެޓުއިރުތެރޭގައި  4 ވަނަ ގިއަރުގެ ބޭނުން ހިފައިފިއެވެ.

ކާރުދުއްވާފައިދަނީ ވަށައިގެން ފެންނަ މަންޒަރުތަކުގެ ކުލަވަކިވާވަރަށްވުރެ ބާރަށެވެ. ހިނގައިފައިދާ މީހުންގެ ސިފަ އޮޅުންފިލާވަރަށްވުރެ ހަލުވިކަމާއެކުގައެވެ. ޑުރައިވަރުގެ ނަމެއް ނުވަތަ އޭނާގެ ސިފައެއްވެސް ފަހަތުގައިއިން އަޙްމަދަކަށް ނޭނގެއެވެ. ދުވަހަކުދުށް އަދި ރައްޓެހި މީހެއްވެސް ނުމެނޫންމެއެވެ. އެހެންކަމުން މިހާބާރުމިނެއްގައި ކާރުދުއްވަންކެރޭ ހިތްވަރުގަދަ އަދި ލޯހުޅުވޭ ޑުރައިވަރަކާ ދިމާވިކަމަށްޓަކައި އަޙްމަދު އޭނާއަށް ބަލަންއިނީ ވަރަށް ފަރުވާތެރިކަމާއެކުގަ އެވެ. އޭނާގެ ކުލައަށާ ސިފައަށެވެ. އަވަސް ހަރަކާތްތަކަށާއި ބޮލުގެ އިސްތަށިގަނޑަށެވެ.

މަޑުމަޑުން ޑުރައިވަރު އިސްޖަހާލައިފިއެވެ. ހުންގާނުން އަތްވަނީ ދޫކޮށްލާފައެވެ. ދެއަތުން ކޮންމެވެސް މަސައްކަތެއް ކުރަނީއެވެ. ކޮންމެވެސްކަހަލަ އެއްޗެއް ނިއުޅުންފަދަ ނުވަތަ ކޮންމެވެެސް ފޮތިބޮނޑިއެއް ހޭވުންކަހަލަ މަސައްކަތެކެވެ. މިކަމަށްވެސް އަޙްމަދު ޝައުޤުވެރިކަމާއެކު ބަލަންއިނެވެ.....

ކާރުގެ އިންޖީނުގެ ބޫންއަޑުގެތެރެއިން ބަލިބަލިއެހެން އަޑެއް އެބައިވެއެވެ. ކޮންމެވެސް މިހެއްގެ ކުކުރުމުގެ އަޑެވެ. ނުވަތަ ބަލިވެ ހާލެއްނެތިފައި އޮތްމީހަކު ފެންފޮދެއްފަދަ އެއްޗަކަށް އެދޭއަޑެވެ. އަޑު އިވުނީ އެންމެ ފަހަރަކުއެވެ. ކާރުގެ ކުރީސީޓުންނެވެ..... އަނެއްކާވެސް އިވުނީއެވެ. ނުވަތަ އިވުނީ ކަހަލައެވެ.

ކާރުގެ ދުވެލި މިހާބާރުކޮށް ހުރިއިރު އަދިވެސް ޑިޔަރެސްޓޯ ހޮޓަލާހަމައަށް ނުފޯރާކަމުން އަޙްމަދުގެ ހިތުގައި ސުވާލުމާކުތަކެއް އުފެދިގެންއުޅޭތާ އިރުކޮޅެއް ވެއްޖެއެވެ. އެއްފަހަރައްވުރެ ގިނަފަހަރު ދެވެނީ ކޮންއިރަކުތޯ ސުވާލުކޮށްލުމަށްވެސް އޭނާ ގަސްދުކުރިއެވެ. ނަމަވެސް އަދިވެސް މަޑުކޮށްލީއެވެ. ދުވަހަކުވެސް ނުދެކޭ މަގުތަކަކުން ކާރުދުއްވަމުންދަނީ އެންމެފުރަތަމަވެސް ކާރުދުއްވަންފެށި ބާރު މިނުގައެވެ. 4 ވަނަ ގިއަރުގައެވެ. މިހާރު 2 ގަޑިއިރު ވެއްޖެއެވެ. އިރުއޮއްސެން ކައިރިވަނީއެވެ.

ކާރުގެ ކުރީސީޓުން އަނެއްކާވެސް މީހެއްގެ އަޑެވެ. މިފަހަރު އިވުނީ މީހެއްގެ އަޑުކަން ކަށަވަރެވެ. އަދި އެއަށްވުރެވެސް ބޮޑަށް އަންހެނެއްގެ އަޑުކަން ކަށަވަރެވެ. އެހެންކަމުން ކުއްލިއަކަށް އަޙްމަދު ކުރީސީޓު ބަލާލުމުގެ ގަސްދުގައި ތެދުވެއްޖެއެވެ. ނަމަވެސް ވީ ނާކާމިޔާބީއެވެ. ކާރުގެ ދުވެލި ބާރުކަމުން އަޙްމަދުވެސް އަރިއަޅާލިއެވެ. މި އަރިއަޅާލުމުގެ ތެރޭގައި އޭނާއަށް ކުރީގޮނޑީގެ ފައިކައިރިން ބިންމަތީ ގުޅައަކަށްއޮތް އަންހެނަކު ފެނިއްޖެއެވެ. އަދި އެމީހަކު ތެދުވަން މަސައްކަތްކުރާތަންވެސް އެކުޑަކުޑަ ވަގުތުކޮޅުގައި އަޙްމަދަށް ފެނިއްޖެއެވެ.

މިކުރެވޭ ދަތުރުގެތެރޭގައި ވަރަށްބޮޑު ހައިރާންކަމެއް ލިބިފައިވާ އަޙްމަދަށް އަނެއްކާވެސް ކުރިމަތިވީ އޭނާއަށް ތަޙްޤީޤު ނުކުރެވޭފަދަ ބުރަ ހައިރާންމާކެކެވެ. ދުވެފައިދާ ޓެކްސީއެއްގެ ގޮނޑިތަންދޮށުގައި ހާލެއްނެތިފައިވާ އަންހެނަކު އޮންނަންވީ ސަބަބެއް ނޭނގޭކަމުގެ ހައިރާންކަމެވެ. ކުލީކާރެއްގެ ޑުރައިވަރު އާދަޔާ ޚިލާފު މަސައްކަތެއްކުރާކަމުގެ ހައިރާންކަމެވެ. ޚާއްސަކޮށް މިކާރު ފަސްގަޑިއިރުގެ ބާރުދުއްވުމެއްގައި ދުއްވިއިރުވެސް  އަސްލު މަންޒިލަށް ނުދިޔަކަމެވެ. އަދި އަޙްމަދު ކުރެން ދާނެމަގު އޮޅުންފިލުވުމަށްވެސް ޑުރައިވަރު ފުރުސަތުގެ ބޭނުން ނުކުރިކަމެވެ.

ރޭއްސުރެން އަޖާއިބާއި ހައިރާންކަން ކުރިމަތިވަމުން އަންނަ ހިތްދަތި އަޙްމަދު އެކުކުރަނީ ކޮންއަންހެނެއްތޯ ބަލައިލުމަށްޓަކައި އަނެއްފަހަރު ތެދުވެއްޖެއެވެ. މިފަހަރު ތެދުވެ ބަލައިލިތަން ޑުރައިވަރުގެ ކަތިނަޒަރަށް ކިތަންމެ ރީއްޗެއްކޮށްވެސް ފެނިއްޖެއެވެ. ކުއްލިއަކަށް ޑުރައިވަރު އެނބުރި ބަލާލައިފިއެވެ..... ދަންނަވަންތޯއެވެ؟ އެއީ އެންމެ ފުރަތަމަ ކާރަށް އެރިއިރު އަޙްމަދު ދުށް ޑުރައިވަރެއް ނޫނެވެ. މުޅިމޫނުގެވެސް ސިފަ ބަދަލުކޮށްފައިވަނީ، އޭނާގެ ކާރުދުއްވުމުގެ ތެރޭގައި ހަރުކުރި ތުނބުޅިއަކާއި މަތިމަހަކުންނެވެ. ދެލޯ ނިވާކޮށްފައިވަނީ، ރަތްލޮލެއްލީ އަވި އައިނަކުންނެވެ..... އެއްއަތުގައި ހަމަ ތިޔަ ހީފުޅު ކުރެއްވި ކަހަލަ އެއްޗެކެވެ. އެންމެ ނުރައްކާތެރި ފިސްތޯލައެވެ. ކާރު ދާނެ ދިމާއަކަށް ދިއުމަށް ހުންގާނުން އަތް ދޫކޮށްލުމަށްފަހު، ފިސްތޯލަ ދިއްކޮށްލީ، އެއަންހެނަކީ ކާކުތޯ ބެލުމަށް މަސައްކަތްކުރާ އަޙްމަދާ ދިމާއަށެވެ.

"ޒާތްޒާތުގެ ތަޙްޤީޤު ކުރަން ނޫޅޭށެވެ! އިންތާނގައި އިނދެގެން އަދި ދުވަސްކޮޅަކު މަރުނުވެ ހުރެވޭތޯ ބަލާށެވެ! ނޫންނަމަ މި ފިސްތޯލައިން ކަލޭގެ ފުރާނަ އުދުއްސާލުމަށްޓަކައި، ތިޔަބަލަންއުޅޭ އެއްޗެއް ރަނގަޅަށް ބަލާށެވެ!....." ޑުރައިވަރަކަށްއިން ނާމާން އިންސާނާ އަޑުބަދަލުކޮށްގެން ކަރުތެރޭން ބުންޏެވެ.

އަޙްމަދަށް ޖެހުނީ، އޭނާކުރި ކޮންމެ އަމުރަކަށް ކިޔަމަންވާށެވެ. އޭނާބުނި ކޮންމެ ސިފައެއްގައި ކާރުތެރޭގައި އިންނާށެވެ. އެހެންކަމުން، އާދެ! އެހެންކަމުން އެ އަންހެނެއް ނެނގުނެވެ. މަޑުމަޑުން ގޮނޑީގައި އިށީނީއެވެ. ކާރުތެރޭގައި މިކަންތައްގަނޑު ހިލިގަތުމުން އެމީހެއްގެ ކުކުރުމާއި އެއްޗެއް ބުނުމަށް ކުރާ މަސައްކަތް ދިޔައީ ގިނަގުނަވަމުންނެވެ. ނަމަވެސް އެންމެފަހުން އެއަންހެންމީހާވެސް ޑުރައިވަރުގެ ފިސްތޯލައިގެ މުށްގަނޑުން މައިތިރިކޮށްފި އެވެ. ހިމޭނުން އޮތުމަށް ގަދައަޑުން އިންޒާރު ކުރަމުން ބޮނޑިއެއް އަޅައިފިއެވެ.

އިރުވެސް އޮއްސިއްޖެއެވެ. އަދިވެސް ޓެކްސީގެ ދުއްވުމަކަށް ބަދަލެއް ނާދެއެވެ. ޑްރައިވަރުގެ ނުރައްކާތެރި ޙަރަކާތްތަކަކަށް އަމާންކަމެއް ނުގެނެއެވެ. ނުވަތަ ދާންވީ ހޮޓަލުގެ ކައިރީމަގަކަށްވެސް ނާޅުވައެވެ. ނޫން! މިހާރު ޑުރައިވަރު އަވަސް އަވަހަށް ފަހަތް ބަލަމުން ކާރުގެ ގިއަރުތައް އެބަބަދަލުކުރެއެވެ. ފަހަތުން ނަގާފައިވާ ހިރަފުސްތައް މަޑުވަމުން  އާދައިގެ ފެންވަރަކަށް، ދުވުން ލަސްކޮށްލައިފިއެވެ. ޢިމާރާތެއްގެ ކައިރިއަށް މަޑުކޮށްލައިފިއެވެ. ކާރުން އޭނާ ފޭބުމުގެ ކުރިން ޖީބުންނެގީ ފުޅިއެކެވެ. މަތިގަނޑު ކަނޑާލާފައި، އަޙްމަދުގެ ނޭފަތުގައި ޖައްސައިފިއެވެ. ބާރަށް އެތެރެއަށް ނޭވާދަމާލާށެވެ! ބުންއަޑަކުން ޑުރައިވަރު ބުންޏެވެ.

އަޙްމަދުގެ ކުރިމަތީގައިވަނީ، ހަފަރާތުން ނުވަތަ ހަތްފަރާތުން މަޖުބޫރެވެ. އެހެންކަމުން އޭނާ ނޭވާ ދަމާލައިފިއެވެ.... ކުރިމަތިން އަނދިރިތަކެއްވެފައި މަޑުމަޑުން ޚަބަރުހުސްވެގެންގޮސް އޭނާ ކިތަންމެހާވެސް ރީއްޗެއްކޮށް ކާރުގެ ގޮނޑިމައްޗަށް ދެމިއްޖެއެވެ. އެއީ ކާކުކަން އަދިވެސް އަޅުގަނޑުމެންނަށް ނޭނގޭ ޑުރައިވަރު، އަޙްމަދު އުރާލައިގެން ކާރުން ބޭލުމަށްފަހު، ކުރިމަތީގައިހުރި އުސްގޭގެ ފެންޑާމަތީގައި ބާއްވާފައި އައިސް ކާރަށް އަރައިފިއެވެ. ވަރަށް އަވަސް އިސްޓާޓުކޮށްލުމެކެވެ. އެތަނުން ނުކުމެގެން ގޮސްއޮބާލައިފިއެވެ.

(ނުނިމޭ)
-------------------
މި ލިޔުން:

    ޓައިޕުކުރުން:   މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
    އަލުންބެލުން:     ''           ''
    ޝާއިޢުކުރުން:  އަޙްމަދު ސަމީޢު (
އެޑިޓަރުގެ އެހީތެރިޔާ)

އިދާރާ

އެނގޭތަ؟

ވާހަކަ