އަދުގެ ޚާއްސަ

Print

ކަނޑުން ފިރުކެމުން، ވައިން އުދުހެމުން (4)

ޝާޢިއުކުރީ މޫޙައްމަދު ދީދީ . ހިމެނޭބަޔަކީ ތާރީޚް


ހަވަރުތިނަދޫގެ އަންހެންކުދިންގެ ލޮލުގެ ސިގްނަލަކީ، ވަރުގަދަ ސިގްނަލެކެވެ.


ސުމުއްވުލްއަމީރު އަލްމަރުޙޫމު މުޙަންމަދު އަމީނު ދޮށިމޭނާ ކިލެގެފާނު
                 6ޑިސެމްބަރު(ހޯމާ)އާ ގުޅޭ..

"ވަޑިދޮން" ފުރަތަމަ ކެމެރާއެއްގައި އަތްލީ އެދުވަހުއެވެ. ދެންނެވުމުގެ ބޭނުމެއް އެބައޮތްތޯއެވެ؟ އާދެ! އަޅުގަނޑުމެން އެކުނާވިއްކާތަނަށްވަދެ، ކުނާތައް ބަލާން ފަށައިފީމެވެ. އެތާނގައި ވަރަށްރީތި ކުނާ ހުއްޓެވެ. އަދި ވަކިން ރީތި އެއްކުނާ ހުއްޓެވެ. ތުކި، އޮތެވެ. ކުނާ ވިއްކާން ދެކެވުނު ވާހަކައިގެ ތެރޭގައި، ވަރަށް ހެއްވާގޮތެއް ދިމާވި އެވެ. ކުނާ ވިއްކަންތިބި އެންމެންނާއި، ޕާރޓީގެ އެންމެން ދެއްކި ވާހަކައެއް މުޚާޠަބު ކުރެވުނީ އެއްކުއްޖަކަށެވެ. އިރުކޮޅަކު އުޅެފައި ބަލާލިއިރު، ކަމަކުދާކަށް ނެތެވެ.ޕާރޓީގެ ބައެއްމީހުންނާއި، އެކުނާ ވިއްކާންތިބި ބައެއްކުދީން، މިއޮއް ވާހަކަދައްކާ ނަގަނީ، އެހެންމީހުންނަށް ނުއެނގޭ ބަހަކުންނެވެ! ލޮލުގެ ސިގްނަލުންނެވެ. އަސްތާ! ހަވަރުތިނަދޫގެ އަންހެންކުދިންގެ ލޮލުގެ ސިގްނަލަކީ، ވަރުގަދަ ސިގްނަލެކެވެ. މޯރސް، ކޯޑުންވެސް އެ އަށްވުރެ ވަކީން އަވަހަކަށް، ނުވަތަ އެ އަށްވުރެ ވަކީން ފަރިތައެއްކޮށް ވާހަކައެއް ނުދެއްކޭނެ އެވެ. މޯރސް ކޯޑު ދެނެވަޑައިގަންނަވަމުތޯ އެވެ؟ ޓާ.ޓަ.ޓަ.ޓާ.ޓާ.ޓަ އާދެ! ސިގްނަސް ބައްތީގެ ބިއްލޫރިގަނޑަކީ، ލޮލުގެ އެސްފިޔަކަމަށް ހީފުޅުކޮށްލައްވަނިކޮށް، މި ދެންނެވި ސިގްނަލް ކުޑަކޮށް ލަފާކުރެއްވިދާނެ އެވެ.  މި ގޮތަށް، ހޮއްލާން އެކުދިން ފަރިތަ އެވެ. ވަކީން ފަރިތައީ، "ވެގަނެގެން" ނޫޅޭކުދީންނެވެ. އާދެ! އަޅުގަނޑުމެން އެ ތަނުން އަތޮޅުގެއާއި ދެމެދުގައި ދެތިންފަހަރު ހިނގައިލިތަނާ މީހަކަށް ކުނަލެއް ގަނެވިއްޖެ އެވެ. ކުނަލުގެ އަގުތޯ އެވެ؟ ކުނަލަކަށް ޖެހުނީ ގާތްގަނޑަކަށް ފަސްރުފިޔާތޯ އެވެ؟ މި ދެންނެވި ކުނަލުގެ ނަމޫނާއެއް ފޮނުވީމެވެ! މުޅީން ހުދުކޮށްއޮތީ އެވެ. އެ ބައްލަވާފައި އަގުބޮޑުކަމުން ތިޔަބޭފުޅުން ޢަޖާއިބުފުޅު ވާނޭކަންނޭނގެ އެވެ. އެކަމަކު އަޅުގަނޑުމެންގެ ލޮލުން ނިކަން ބައްލަވާ ބައްލަވާށެވެ. އެވަރު ވެސް އަޅުގަނޑުމެންނަށް ހެވެވެ.
       
ކުނާ ގަނެގެން އަޅުގަނޑުމެން ހަތަރުމީހުން "ޑަންގީ" އަށްދާން އަންނަނިކޮށް، ގެއެއްގެ ފުޅަލީން ނިކުމެގެން ކުއްލިއަކަށް އައިސް، އަޅުގަނޑުމެންގެ ސަފަށް އެވަން އަންހެންކުއްޖެއް...... އަސްތާ! އަސްތާއެވެ! އެކުއްޖާގެ ރީތިކަން ބަޔާންކުރެވޭނޭ ނަމައެވެ! އެކަމަކު، އެކުއްޖާ ނުދެކޭ މީހަކަށް އެކުއްޖާ ބަޔާންކޮށްދޭން އުޅުމެކޭ، ފިނިފެންމަލެއް ނުދެކޭ މީހަކަށް ފިނިފެންމަލެއް ބަޔާންކޮށްދޭން އުޅުމެކޭ ވާނީ އެއްގޮތެވެ. ސޯސަންމަލުގެ ވަސް ނުދެކޭ މީހަކަށް އެމަލުގައި އެދުވާ ހިތްފަސޭހަ ލުއިވަސް ބަޔާންކޮށްދޭން އުޅުމެކޭވެސް ވާނީ އެއްގޮތެވެ. އެހެރަ ދޮން މޫނެކެވެ! އެހެރަ ހިމަ އުނަގަނޑެކެވެ! އެހެރަ ފުރިހަމަ ހަށިގަނޑެކެވެ!  ހިނގައިލާފާ ދާއިރު....! އެކުއްޖަކު ނުލާހިކު ފަރިގޮތެއްގައި ހިނގަމުން އެއައިއިރު، ހަށިގަނޑަށް ލައްވަމުން އެއައި ބަނޑިތަކުގައި، އުނަގަނޑުން އެއަރުވާ ތުރުތުރުން.... އެކުއްޖާގެ ޙަރަކާތްތައް އަޅުގަނޑުމެންގެ ޕާރޓީގެ ބައެއް މީހުންގެ ހިތުގެ ލޮލުގެ ކުރިމަތީގައި މިހާރުވެސް، ކަށްޓާއި، މަހާއި، ލެއިން ފެންނަކަހަލަ ޔޯލައެވެ! ޝައްކެއްނެތެވެ! މަލުގެ ރާނީއަކީ، ފިނިފެންމަލަށްވާ ފަދައިން އެކުއްޖާއަކީ ހަވަރުތިނަދޫގެ އަންހެންކުދީންގެ ރާނީއެވެ. އޭނާގެ ނަން ނުދަންނަވަޔެއް ދެން ނުހުރެވޭނެއެވެ. އޭނާއަށް ކިޔަނީ، "ސިލޯޕިޔާ" އެވެ. ތިޔައިން ބައެއް ބެއިފުޅުން ފަހަރެއްގައި، އޭނާ ދެނެވަޑައިގަތުން އެކަށީގެންވެއެވެ. ހަމަކަށަވަރުންވެސް މ.ނ.މ އާއި އެހެން ނާއިބުބޭކަލުން އޭނާ ދެނެލައްވާނެއެވެ. މިދެންނެވީ އަނެއްކާ އަމިއްލަ ގޮތެއްގައި، ދެނެލައްވާނެ ވާހަކައެއް ނޫނެވެ. ރަސްމީގޮތުގައެވެ. މިދެންނެވި "ޕަރީ" އިރުކޮޅެއްގައި އަޅުގަނޑުމެންގެ ޕާރޓީގެ ބައެއް މީހުންގެ އާރުކާޓީއަކަށްވެސް އުޅުނެވެ.
       
އެދުވަހު ހަވަރުތިނަދޫން އެނބުރި އަޅުގަނޑުމެން "ޑަންގީ" އަށް އައީ މެންދުރުވާން ކައިރިވެފާ ވަނިކޮށްނެވެ. އެއިރު ވައިވަނީ މުޅިން ހިނދިފައެވެ. ވައިޖެހޭން އަވަހަށް ފަށާނޭ ވައްތަރެއްގެ ނިޝާނެއްވެސް ނެތެވެ. މިހެންކަމުން މެންދުރު ބާރަޖެހިއިރު، ހަވަރުތިނަދޫން ދޯނި ގެނުވައިގެން ފިޔަވަރީގެ ބަނދަރަށް "ޑަންގީ" ދަމާފައި ގެންދުވާން ފަށައިފީމުއެވެ. "ޑަންގީ" ގެންދަންފެށުމުން، އެއިރު އޭގާތިބި ޅަތުއްތޫއާއި، ޢަލިދީދީއާއި، ބޮނޑިބަތް އެންމެފަހު ސަލާމްކޮށްފައި، ފައިބައްޖައޫއެވެ. ބޮނޑިބަތާއެކު "ޑަންގީ" ން ލައްކަގިނަ ފުރެއްދެލޮނު ޕާރްސަލް ހަވަރުތިނަދުވަށް ބޭލުނެވެ. އެއީ، ކުނާގަތް މީހުންގެ ވަކިވުމުގެ ހަދިޔާއެވެ.
       
އާދެ! "ޑަންގީ" މިއޮށްގެން ދަނީއެވެ. ކުރީގައި ޖަހާފައިވާ ދޯނިފަހަރުގެ މީހުން ފަލިޖަހާލެއް ނުލާހިކު ބާރުވެފައި ރަނގަޅެވެ. އެބައިމީހުން ލަވައާއި، އަންބާ ކިއާލެއް ނުލާހިކު ރީތިމެއެވެ. މިދެންނެވީ ރިނބުދޫ ބަހަކުންނޫނެވެ. ހަމަ ރަނގަޅަށެވެ. އަޅުގަނޑު ހިތުން މެދުރާއްޖެއިގެ ގިނަމީހުންނަށްވުރެން، ހުވަދުއަތޮޅުގެ މީހުންގެ އަޑުމަޚްރަޖަ ރީއްޗެވެ. އަސްތާ! އެހެރަކިޔާ އަންބާ އަންބާއެވެ! ކޮންކަހަލަ ރީތި އަންބާތޯއެވެ؟ ހިތާމަހުރި ކަމަކީ މިސިޓީފުޅުގައި ލިޔެވޭވަރަށްވުރެން، އެއަންބާތަކުގެ މާނައާއި، ބަސްތައް މަތިވެރިކަމެވެ. ގިނަ އަންބާގެ އަޞްލަކީ "ސިލޯޕިޔާ" ފިއަވައި އެހެންމީހެއްނޫނެވެ.
       
އެދުވަހު މެންދުރުން އަނބުރާ ތިނެއްޖެހިއިރު، އަޅުގަނޑުމެންނަށް ހޯޑެއްދުއާއި އަރާހަމަވެވިއްޖެއެވެ. އެއިރުވަނީ ފަލިޖަހާ މީހުންނަށް ކާން ވަގުތަށް ދޭންވެފައެވެ. އެހެންކަމުން "ޑަންގީ" މަޑުކޮށްލިވަގުތު އަޅުގަނޑުމެން ހޯޑެއްދުއަށް ހިނގައްޖައީމުއެވެ. އާދެ! ހަމައެއްކަލަ "ފިއްތިބަރަބޯ" ހޯޑެއްދުއެވެ. އަޅުގަނޑުމެންނަށް އެރަށަށް ފޭބުނީ ވާރޭގަނޑެއްގެ ތެރޭގައެވެ.
       
އަސްތާ! މީން ކޮންމެ ރަށަކަށް ފައިބާވަޑައިގަންނަވާންވީމާ މަލިމް މުޙައްމަދު ދީދީ އެ ތުރުކުރައްވާ ތާކިހާކޮޅެއްގެ ވާހަކަ އަދި ނުދެންނެވޭތޯއެވެ؟ އެ ތާކިހާކޮޅަކީ ހިމަދިގު ފަތްޖަހާ ތާކިހަލެކެވެ. ކުލަޔަކީ، ކައިރުކުލައެވެ. ސިފަ ލިޔެލިއިރު ވަރަށް އާދައިގެ ތާކިހާކޮޅެކެވެ. އެކަމަކު، މުޙައްމަދުދީދީގެ އިސްތަށިފުޅުގައި އެތުރުކުރައްވާފައި، އެގެބޭރުން ފޮށާކޮޅެއް ތުރުކުރެއްވީމާ އެފެންނަ ސިފައެކެވެ. އެސިފައަކީ، ދެތިންއަހަރު ކުރީން މާލޭގެ މަގުމަތީން ވަރަށްގިނައިން ފެންނަ ސިފައެވެ. އެކަމަކު، މިސިއްރުގައި ތިޔަބޭފުޅުން ބައިވެރިކުރެއްވޭކަށް ނެތެވެ. މިހެނީ އެސިފަ ގަލަމުން މިސިޓީފުޅުގައި ބަޔާންކުޅައުމުގެ ބާރެއް އަޅުގަނޑަކު ނެތެވެ. ބައްދަލުވީމައި.....
       
އާދެ! ހޯޑެއްދުއަށް އަޅުގަނޑުމެން ފައިބައްޖައީމުއެވެ. އެއިރު ކޮންމެ މީހަކު ހީވަނީ ކަނބިލިތަކެއްހެންނެވެ. އަޅުގަނޑުމެންނާއި ބައްދަލުވާން ގޮނޑުދޮށުގައި އަޅުގަނޑުމެންގެ ކުޑަ ދެއާރުކަޓީން ތިބޫއެވެ. އެކުދީންގެ ވިސްނުމުގެ ތޫނުކަމާއި، ދެނެގަތުމުގެ އަވަސްކަމަށް، އަޅުގަނޑުމެންހިތުން އެދުވަހު ތާރީފުކުރީމެވެ. އެކުދީން އަޅުގަނޑުމެން ގޮވައިގެން، ފުރަތަމަވެސް ހިނގައިގަތީ ޙުސައިން ޢަފީފްގެ "ކޮއްކޮ" ގެ ހުރިމަގުންނެވެ! އެކަމަކު، އެގޭގެ ދޮރު އިއިރުހުރީ ތަޅުލާފައެވެ. އަޅުގަނޑުމެން އެގެފަސްދީ، ތަންކޮޅަކަށް ހިނގާލިތަނާ، ވަލުތެރެއިން ޢާއިޝާމަނިކެ ވަރަށް ހެއްވާގޮތަކަށް ނުކުންނަނިކޮށް ފެނިއްޖެއެވެ. އެގޮތް ބަޔާންކުރުމުގެ ބާރެއްވެސް އަޅުގަނޑުގެ ނެތެވެ. (އެކަމަކު ޢ.ޝ ގެ އަރިއަހުގައި ސިއްރެއްގެގޮތުން އަޅުގަނޑުމެންނަސް ފެނުނު ފެނުމެއް ބެލީ، އ.ޝ އާއިވެސް ލައިގެންކަން ދަންނަވާލާފާނަމެވެ!)
       
އާދެ! އެރަށުގައި، ކުޑައިރުކޮޅަކު އުޅެފައި، އަޅުގަނޑުމެން "ޑަންގީ" އަށް އަތުވެއްޖައީމުއެވެ. އެއިރު އިރުއޮއްސޭން ވަރަށް ކައިރިވެއްޖެއެވެ. ދެން އަނެއްކައި ދަތުރު ފަށްޓައިގެން، އެރޭ 10 ޖެހިތަނާ ނަޑައްލާއާ ހަމައަށް ދެވިއްޖެއެވެ. އެރޭ ފަތިސްވާންދެން ތިބީ، އތާ ނަގިލިލައިގެންނެވެ. އެރެއަކީ، ދަންނަވާން ނުއެނގޭހާ ވިއްސާރަރެއެކެވެ. މުޅި "ޑަންގީ" ގައި، ކަމަރާތެރެ ފިޔަވައި، ވާރޭ ހިޔާވާތަންކޮޅެއް ނެތެވެ. އެކަމަކު ކަމަރާތެރޭގެ "އަރާމު" ބޮޑުކަމުން އެތާކު އޮންނާކަށެއް ނުކެރުނެވެ. އެހެންކަމުން ހުމާފިހިފިހިވެސް، އަޅަށް އޮންނާންޖެހުނީ ބޭރުގައެވެ.
       
29 ދުވަހު ހެނދުނު "ޑަންގީ" ނަގައިގެން، 9 ޖެހިތަނާ ރަތަފަންދުއާއި ހަމަވެއްޖެއެވެ. އެރަށް ކައިރީ، ބޯޓު މަޑުކޮށްލި ވަގުތު އަޅުގަނޑުމެން އެރަށަށް ފޭބީމުއެވެ. އެރަށަކު އާދަޔާ ޚިލާފުކަމެއް ނުހިނގައެވެ. އެރަށަކީ އެންމެރަނގަޅު ރަށެކެވެ. މީހުންގެ ޙާލުވެސް މާނުބައެއް ނޫނެވެ. އެރަށު ބޭރުން ނަގައިގެން މެންދުރުން އަނބުރާ ދޭއްޖެހިއިރު، ފިޔޯރީގެ ބަނަދަރަށް ދެވިއްޖެއެވެ. އަޅުގަނޑުމެންނަށް ފުރޭނޭކަހަލަ ވަޔެއް ލިބޭންދެން، "ޑަންގީ"  ބާއްވާން ކަނޑައަޅައިފައިވަނީ އެތާނގައެވެ. "ޑަންގީ" ދަމާފާ ގެންދިޔަ މީހުންނަށް ސާބަހުގެ ކޮޅެއްނެތެވެ. ފިޔަވަރީގެ ބަނދަރުގައި "ޑަންގީ" އެޅުމަށްފަހު ފަލިޖެހި މީހުންނަށް އިނާމުދީ ހަދާފައި، އެބައިމީހުން ފޮނުވާލީއެވެ. މިކަމުން ނިމިގެންދިޔައީ، ފިޔަވަރިއަށެވެ. އެރަށު މީހުންނަށްވެސް ނަސޭހަތްދީހެދުމަށްފަހު، ރަށުތެރެބަލާން ހިނގީމެވެ. އަޅުގަނޑުމެން އަންނަކަން މާކުރީން ލަފާވެފާވާކަމުން އެރަށްއޮތީ ވަރަށް ވަރުގަދައަށް ތާހިރުކޮށް ކުނިކަހާ ކަށިވެލިލާފައެވެ. ރަށަކީ ތަނަވަސް ރަށެކެވެ. ކާބޯތަކެތި ފުދޭވަރަށް ހައްދާފާ އޮތެވެ. ފިޔޯރީޔަކު އާދަޔާޚިލާފުކަމެއް ނުހިނގައެވެ.
       
ތުއްތުދީދީގެ މަޝްހޫރު ފެންރުނބައިން ފެންނުބޮއި، މިފަހަރު ސަލާމަތްވެއްޖެއެވެ. އެދުވަހު ހަވީރު 4.30 މިނެއްޓުވީއިރު ވާދުއަށް ދިއުމަށް އަޅުގަނޑުމެން ފުރައިފީމުއެވެ. ވާދުއަކީ، އަޅުގަނޑުމެން ދާންވީ މަގުގައި އޮތް ރަށެއް ނޫނެވެ. އެކަމަކު، އާދަމް ނަޞީރު މަނިކު، އެރަށުގާ ހުރީތީވެ އޭނާއާއި، ބައްދަލުވުމަށް ކޮންމެހެން ދިޔައީއެވެ. އެރޭ އިރުއޮއްސި އިނދިރިވީތަނާ އެރަށު ބޭރަށް ދެވިއްޖެއެވެ. އެކަމަކު، އެރަށަށް ވަންނަނެރު، ދެނަހުރި އެކަކުވެސް ދޯނީގާ ނެތްކަމުން އެރަށުގެ ގޮނޑުދޮށަށް ފޭބުނީ ލައްކަ ގިނައިރުންނެވެ. އެރަށުގެ ނެރު ދަންނަމީހަކު ދޯނީގާ ނެތްފަދައިން، ނެރު ނުދަންނަ މީހަކުވެސް ދޯންޏަކު ނެތެވެ. އެހެންކަމުން ގޮތްކިޔާނޭ މީހުން މަދެއްނޫނެވެ. އެކަކުގެ ނިޔަމިކަމުގައި ރަށް ވަށާޖަހާއިރަށް، "މަބުނިންތާއޭ" ކިޔާފައި، އަނެކަކު ނަގައިކިޔާން ފަށަނީއެވެ. އެންމެފަހުން، ދޮޅުގަޑިއެއްހާއިރުފަހުން ރަށްވަށާ ދެތިންފަހަރު  ޖެހިފަހުން، ރަށުގެ ގޮނޑުދޮށަށް ފޭބިއްޖެއެވެ. އެގޮނޑުދޮށަށް ފޭބުނީ ކަކޫތާ ފެނަށް ފައިބައިގެންނެވެ. ގޮނޑުދޮށުގާ ހިނގަމުން ތަންކޮޅަކަށް ދިޔަތަނާ ފަހަތުން މާގަދަޔަކަށް ތަކްބީރު ކިޔާއަޑު އިވިއްޖެއެވެ. ފަހަތަށް އެނބުރި ބަލައިލިއިރު، ޙުސައިން ޢަފީފްދީދީ ނަގައިގަނެގެން ގެންނަނީއެވެ. އޭނާގެ ފައެއް ވަރަށްބޮޑަށް ނުބައިވެގެން، ލޮނުގާ ނުޖައްސާ ބާލަނީއެވެ. ރަށަށް ފޭބިފަހުންވެސް، މީހަކު އުޅޭ ހިސާބަށް ދެވުނީ، ހަމަގައިމުވެސް، ބައިގަޑިއިރު ވާންދެން ގޮނޑުދޮށުގައާއި ރަށުތެރޭގައި ހިނގައިގެންނެވެ. މީހުންއުޅޭ ހިސާބަށްދާން ނުއެނގިގެން، ހިނގަނިކޮށް މާދުރުން އައްޔެއް ފެނިއްޖެއެވެ. އެބައްތިއަކީ، އަޅުގަނޑުމެން ދޯނީގާ ތިއްބާވެސް މާދުރުން ފެނުނު އައްޔެކެވެ. އެއައްޔަށްވަނީ، މާހެއްވާ ގޮތެކެވެ، އިރުއިރުކޮޅާ ފެނިފައި، އަނެއްކާ ގެއްލެނީއެވެ. އެއަލި ފެންނާން ފެށުމުން، އެއީ އާދަމް ނަޞީރުބޭގޭ ބައްތިކަމުގައި، އަޅުގަނޑުމެން ކަނޑައަޅައިފީމުއެވެ. އެއަށްވާގޮތަކާމެދުވެސް އަޅުގަނޑުމެން އައީ، އެކިއެކި ރިވާކުރަމުންނެވެ.
       
އަސްތާ! ކުރީން ދަންނަވާން ހަނދާންނެތުނީއެވެ! ފިޔަވަރީ ޚަޠީބު ތުއްތުދީދީގެ ޢާއިޝާދީދީވެސްވީ، ގައިގައި ބޭސްގަނޑެއް އަޅާންވެގެން، އާދަމްބޭ ކައިރިއަށް، ތުކި! ވާދޫ ދޮންތުއްތުދީދީ ގާތަށްގޮސްކަންވަނީ އަޅުގަނޑުމެންނަށް އެނގިފައެވެ. ޢާއިޝާދީދީ ތިޔަބޭފުޅުންވެސް ދެނެވަޑައިގަންނަވާނޭކަން ނޭނގެއެވެ....
       
އާދެ! ހިނގަމުންދިއައިރު، އަޅުގަނޑުމެންނަށް ހީވި ހީވުން، ވީ ރަނގަޅު ހީވުމަކަށެވެ. އެބައްތިވީ އާދަމްބޭގޭ ބައްތިއަށެވެ. އެގެއަށް އަޅުގަނޑުމެން ވަންއިރު އާދަމްބޭ އޮތީ އަތުގައި ބޭސްގަނޑެއް އަޅައިގެންނެވެ. އަޅުގަނޑުމެނާ ބައްދްލުވީކަމުން، އޭނާގެ ހިތަށް ލިބުނު އުހައުވެރިކަމާއި، ތަނަވަސްކަން ބަޔާންކުލައުމުގެ ބޭނުމެއްވޭތޯއެވެ؟ އާދަމްބޭ ހުންނަނީ އަތިރިމަތީ އަޅާފައިހުރި ގެއެއްގައެވެ. އެގެއަކީ، އާދަމްބެއަށް އަޅާފައިހުރި ތަނަވަސް ގެއެކެވެ. އެރޭ ފަތިންވާންދެން އަޅުގަނޑުމެންތިބީ އެގޭގައެވެ. އެރެއަކީ، އަޅުގަނޑުމެންގެ ދަތުރުގެ އެންމެ އުފައުވެރި އެއްރެއަކަށް ވާނެއެވެ. ހަމަގައިމުވެސް އެރެއަކީ، އަޅުގަނޑުމެންގެ ދަތުރުގައި ހަށިގަނޑަށް އެންމެ ލުއިކަން ލިބުނު ރެއެވެ. އެގޮތަކީ، މިދަތުރު ފެށީއްސުރެން ވާރެޔާއި ވެރުނުފެނެއްފިޔަވައި، ފެންވެރޭނޭ ގޮތެއް ނުވެއެވެ. މާލެއިން ފުރިފަހުން އެންމެ ފުރަތަމައަށް ހިތްގައިމުކޮށް ފެންވަރާލެވުނީ އެރޭއެވެ. ފެންވަރާލުމުން ހަށިގަނޑަށް ލިބޭނޭ އަރާމުގެ ކޮޅެއް އޮންނާނޭތޯއެވެ؟ އެރެއިގެ 10 ޖެހިއިރު އެރަށުމީހުންނަށް ނަޞޭޙަތްދީ ހެދީމުއެވެ.
       
ޙުސައިން ޢަފީފް ފައިވާންފުޅަށް ބޭހެއް ހަދާންވެގެން، ވާދޫ މާމުދިންގެއަށް، ވަރަށް އިރާކޮޅު ވަޑައިގަންނަވައިފިއެވެ. މި މާމުދިންމަނިކު އިނދެގެން އުޅެނީ، ވާދޫ މުދިމްދީދީގެ ދޮންތުއްތު ދީދީ އާއެވެ. އަޅުގަނޑުމެން ވާދުވަށް، އެރިތަނާ، މުދިމް ޢަލިމަނިކު ގޭގައި މާރީތި ފިލްޓަރެއް ހުންނަވާހަކަ އަހައިފީމުއެވެ.
       
އާދެ! ޙުސައިން ޢަފީފް ވީ އެގެއަށް ބޭސްކޮޅު އަޅުއްވާން ވަޑައިގެންނެވެ. އެރޭ އެފަކީރު އުޅުއްވާނޭ ޙާލުކޮޅު ވިސްނާލާފައި އަޅުގަނޑުގެ ހިތަށް މިހާރުވެސް ދަތިކަން ލިބެއެވެ. ޙުސައިން ޢަފީފް އޮންނެވީ، ބޭސްކޮޅު ތުރުކުރައްވައިގެން، އެގޭ ތަޅަންމަތީގައި ހުރި އުނދޯއްޔެއްގައެވެ. ފިލްޓަރެއް ކިރިޔާ ލޮލުކޮޅަށް ފެންނަ ހިސާބުގައި ހުށްޓެވެ. އެކަމަކު ކުރާނީ ކީއްތޯއެވެ؟ ބައްޕަ، ތުކި، ޢަލިމަނިކު އައިސް، ޙުސައިން ޢަފީފް ކައިރީގައި ހަރުވާހަކަ ދައްކާން ޖައްސާލިގޮތަށް..... ވާންދެން ގުޑައެއް ނުލިއެވެ. ދެންމެ ދެންމެ ޢަލިމަނިކު ހިނގައިދާނޭ ކަމުގައި ހިތްތަވައިގެން، ހިނގައްޖެނަމަ ފެނިދާނޭ މަންޒަރުތައް ހިއްޕުޅަށް ވައްދަވަ ވައްދަވައި، ޙުސައިން ޢަފީފް ފަތިސްވަންދެން އެއުނދޯލީގާ ކެތްކުރެއްވިއެވެ. ޚަޠީބު ތުއްތީދީގެ ފެންރުނބައާއި، ޢަލިމަނިކުގެ ފިލްޓަރާއި، ދޭތީންކުރެ ބާރުދަގަ އެއްޗެއް އެނގޭނީ އާދަމްބޭ މާލެއައިމައެވެ! އަޅުގަނޑުމެން އެރަށުން "ޑަންގީ" އަށް ދާންފުރީ ފަތިހުއެވެ. ކަނޑުމަތީގައި ވަރަށް ވަރުގަދަ ދެކޮޅިގަނޑާ ދިމާވުމަށްފަހު، ތެމިފޯވެގެން، "ޑަންގީ" އަށް އައުދެވުނީ 9 ޖަހާން ކައިރިވީފަހުންނެވެ. އެދުވަސްވީ ނުލާހިކު ގަދަދުވަހަކަށެވެ. އެއީ، ތިންދުވަހެވެ. ފިޔަވަރީ ބަނދަރު ގަދަކަމުން އެތާ "ޑަންގީ" އަށް އޮވެވޭވަރެއްވެސް ނޫނެވެ. އެއް ނަގިލި ކަނޑައިގެން ދިއައެވެ. ފަހުންވެސް ނެގޭނޭގޮތެއް ނުވިއެވެ. (މި ޚަބަރު އަހާފައި، ކެރަފާ މުޙައްމަދުފުޅު ދެލޯ ވައްކުރާތަން އެބަފެނެއެވެ. އެހެންނަމަވެސް އޭނާ ކުރާންވީ ދަޢުވާއެއް ކުރާންވީ މާލިމީއާއެވެ. "ބޮޑުމަސްހުނި ޕާރޓީ" ގެ މީހުންނަކާ ނޫނެވެ!) ދެފަހަރަކު މަތީން "ޑަންގީ" ކަހާލައިގެންގޮސް ފަރުމައްޗަށް ނުއެރީ ކިރިޔާއެވެ.
       
އަދަކީ، ރަޖަބުމަހު އެއްދުވަހެވެ. މާލެއިން ފުރިތާ 15 ދުވަސްވީއެވެ!(1) ދުވަހަކީ، ނުލާހިކު ވިއްސާރަ ދުވަހެކެވެ. އެދުވަހު ހެނދުންކޮޅު ވިއްސާރަޔާހެދި، އެއްތާކަށްވެސް ނުދެވުނެވެ. މެންދުރުފަހުން އަޅުގަނޑުމެން ދެރަށަށް ދިޔައީމުއެވެ. ފުރަތަމަ ދިޔައީ، މާތޮޑާއަށެވެ. އެރަށަށް ގޮސް އެންމެފުރަތަމައަށް ކުޅަކަމަކީ، ރައްޔިތުންނަށް، ނަޞޭޙަތް ދިނުމެވެ. އެފަހުގައި ރަށުތެރެ ބަލާން ހިނގީމުއެވެ. ރަށަކީ ކުޑަކޮށް ތާހިރު ރަށެކެވެ. ރަށުގެ ޙާލު މިތަންވަޅު ރަނގަޅެވެ. އެރަށުން އަޅުގަނޑުމެންނަށް އައު ތަޖުރިބާއެއް ލިބުނެވެ. އެއީ އަންހެނުން ދޯނި އެހެލާތަން ފެނުމެވެ. އެރަށުގައި، މިއަތޮޅުގެ އެެހެން ރަށްރަށް ފަދައިން، ދޯނިފަހަރު އެހެލަނީ މުޅީން އަންހެނުންނެވެ. ދޯނި ގާތްކޮށްލުމުން، އަންހެނުން ވަލުގާ ހިފައިގެން ދަމާ ދޯނި އެއްގަމަށް ލަނީއެވެ. އެބައިމީހުންނަށް އެއްބާރުލާންވެސް ހަމައެންމެ ރަނގަޅަށް އެނގެއެވެ. އެރަށުގައި ދެގަޑިއެއްހާއިރު އުޅެފައި، އަޅުގަނޑުމެން ދިޔައީ ފަރެހަށެވެ. އެރަށަކީ، މާބޮޑު ރަށެއްނޫނެވެ. މީހުންކޮޅު ވަރަށް މަދެވެ. ރަށް މިތަންވަޅަށް މާތޮޑާއަށްވުރެ ތިޔާގެއެވެ.
       
ރަޖަބުމަހުގެ 2 ރޭ ވައިރޯޅި ތަންކޮޅެއް ހެޔޮވެލައިފިއެވެ. މިދެންނެވީ، ޖެހޭ ދިމާ ތަންކޮޅެއް ރަނގަޅުވީ ވާހަކައެވެ. އެހެންކަމުން، ހަވަރުތިނަދޫ ޙަސަން މާލިމީ، އާރުކާޓީއަކަށް ގޮވައިގެން، އައްޑުއަށް ދިއުމަށް، އެރޭ މެންދަމުން އަލިވެ ދޭއްޖެހިއިރު ފުރައިފީމުއެވެ. ވައިޖެހޭލެއް ވަރަށް ހެޔޮވަރެވެ. "ޑަންގީ" ދުވެލާފާ ދާލެއް، ނުލާހިކު ޗާލެވެ. އެކަމަކު... ހިތާމަހުށްޓެވެ! ވައިޖެހޭ ދިމާ ނުރަނގަޅުކަމުން، އައްޑުއަތޮޅު އަތުނުވާނޭކަމަށް ފެނިގެން، އެރޭ ފަތިހު "ޑަންގީ" ޖެހުނީ ހުވަދުއަތޮޅަށް އެނބުރި ވަނުމަށް އަނބުރައިލާށެވެ. ލަސްތަކެއްނުވެ އައްޑުއަށް ދެވިދާނޭ ކަމުގައި އަޅުގަނޑުމެންނަށް ފެނުނު ހުވަފެންތައް، ދިޔައީ ތޮޅިއަށެވެ.
       
"ޑަންގީ" އެއައިގޮތަށް އައިސް އަނެއްދުވަހު މެންދުރުން އަނބުރާ ދޭއްޖެހިއިރު، ހަވަރުތިނަދޫ ބަނދަރުގައި ޖައްސައިފީމުއެވެ. ފިޔަވަރީ ބަނދަރުގައި ނުޖައްސައި، ހަވަރުތިނަދޫ ބަނދަރަށް ދިޔަގޮތަކީ، ފިޔަވަރީ ބަނދަރު ގަދަކަމުންނެވެ. އެތާނގައި "ޑަންގީ" އަށް އޮވެވޭވަރު ނޫންކަމުންނާއި، ވައިޖެހޭ ތަނުގެ ގޮތުން، ކާޑެއްދޫ ކަނޑުން ނުކުމެވުނީމައި ދަތުރަށް މޮޅުވާނޭކަމަށް ފެނިގެންނެވެ.
        އެކަމަކު، "ބޮޑުމަސްހުނި ޕާރޓީ" ގެ ނަޒަރުގައި، ހަވަރުތިނަދޫގެ ބަނދަރަށް "ޑަންގީ" އަށް ދެވުނު ސަބަބަކީ، މިއެއް ނޫނެވެ. އެބައިމީހުންގެ ނަޒަރުގައި އެކަން ހިނގިގޮތް އަޅުގަނޑުގެ ކުރަކި ޢިބާރާތަށްވުރެން މާފުރިހަމަ ޅެންބަހުން "ޕާރޓީ" ގެ ޝާޢިރު ބަޔާންކޮށްފައި އެބައޮތެވެ.
 
އައްސަވާށެވެ:-

1.    ގިނަ ޢާދުކުރަމޭ ގެންއަދައި،
          ތިނަދޫ ހަވަރު ސިލޯޕިޔާ.

2.    އެނބުރޭކަށެއް ހިތެއްމަގޭ،
            ދެވަނަ ފަރާތަކަށް ނެތޭ.

ވެނިމޭއިރަކު ބުނީތެދޭ،
            ފެނުނު ފަހުން ސިލޯޕިޔާ.

3.    މިނިވަންކަމާ އެކީ އަނާ،
              ހިތްހުއްޓުނޭ އެނެތިމަނާ.
                 ހިނިތުންވެ ތަންދެކިފާ ބުނާ،
                        ނަންއަދު ކުރާ ސިލޯޕިޔާ.

4.    ފަރިކަންމަތީ ހިނގައިލުމުން،
         ތަރިއެއް ފަދައިން ވިދާލުމުން.
                ފަރިހިހެދީ ކިޔާހިތުން،
                        ޔަށްއަދު މިމާތް ސިލޯޕިޔާ.

5.    މިންނަތް ކިތަންމެ ކުރިޔަކަސް،
           ހިންމަތް މަގޭ މިހުއްޓަކަސް.
                    ހިތްދެންދަނީ މިދެރަވެގެން،
                         ވާތީ ހަނދާން ސިލޯޕިޔާ.

6.    ދެކެފާލޮލުން އެތައް އަރާ،
         ދާހިނދު އެއުނަގަނޑަށް ހިނގާ.
                  ދެވަނަ ދަތުރުގެ ބާރަކީ،
                        ދުށުމޭ މިބުނި ސިލޯޕިޔާ.
--------------
(ނުނިމޭ)

މި ލިޔުން:

     ޓައިޕުކުރުން:  މުޙަންމަދު އަޙްސަން (އެޑިޓަރުގެ އެހީތެރިޔާ)
     އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
     ޝާއިޢުކުރުން: ''          ''

އިދާރާ

ވާހަކަ