އަދުގެ ޚާއްސަ

Print

ކުނބުރާންގޮވި ކަލޭގެ ވާހަކަ

ޝާޢިއުކުރީ މުޚްތާރު ޢަބްދުއްރަޙްމާނު . ހިމެނޭބަޔަކީ ވާހަކަ


''ދަހި ތާޖިރަކު އަތުން ދަރަންޏެއް ނުނަގާށެވެ.''


މުޚްތާރު އަބްދުއްރަޙްމާން، ނޫރާނީގެ/ ށ.މިލަންދޫ


ކޮންމެވެސް ބޮޑުރަށެއްގައި ކުނބުރާންކޮށައިގެން ކައިބޮއި އުޅުނު ދެމަފިރިޔަކު އުޅުނެވެ. މުޅި މި އަވަށްގަނޑުގައި ވެސް ވަނީ ގާތްގަނޑަކަށް ކުނބުރާންކޮށާ މީހުންނެވެ. މި ވާހަކައިގާ ބުނާ ދެ މަފިރިންނަކީ އެކަކުއަނެކަކުދެކެ ލޯބިވާ ތެދުވެރި ވަފާތެރި ޒުވާން ދެ މަފިންނެވެ. ހީވާގި  މުރާލި ދެމަފިރިންނެވެ. ބައެއްދުވަސްދުވަހު ދެ މަފިރިން ވެސް ދަރުކޮށަން ދެ އެވެ. އެއްދުވަހަކު ޖަންޖަލީގެ ތަންކޮޅެއް ދުރުހިސާބަކުން ހިކި ތޮށި ފައިބައިފައިވާ ހުރި ބިޔަ ގަހެއް ފެނިއްޖެ އެވެ. ދެމަފިރިން ވެގެން ގަހުގެ ތިރީގައިހުރި ބައެއް ގޮފިތަކާ މޫތަކުން ދަރު ކޮށަމުން ގެންގޮސް ދުވަހުގެ މަސައްކަތް ކާމިޔާބު ކޮށްފި އެވެ. ދެން ފިރިކަލޭގެ ކޮންމެ ދުވަހަކު އެ ގަހުގެ މޫތައް ކަނޑައި ބުރިކޮށް ފަޅައި ދަރަށް ހަދައި ގެއަށް ގެންދެ އެވެ.

މި ދެމަފިރިންކުރެ ފިރިމީހާގެ ނަމަކީ عاصم އެވެ. އަންހެން މީހާގެ ނަމަކީ ނަޖުމާ އެވެ. عاصم އެއްދުވަހަކު، އެ ބިޔަ ގަހުގެ ވަރަށް ދުރަށް ދުވެފައިވާ ފަލަމުލެއް ވަރަށް މަސައްކަތުން ކަނޑައިލުމުން މަޑުމަޑުން ގަސް ވެއްޓިއްޖެ އެވެ. ގަސްވެއްޓުނުއިރު، ވަރުވަރުގެ ގިނަ މޫތަކެއް ބިމުން އުފުރައިގެން ދިޔަ އެވެ. ގަހުގެ މޫތަކުގެ ތެރެއިން ލައި މެހިފައިވާ ހިލައިގެ މަތިގަނޑެއް މޫތަކާއެކު ތަންކޮޅެއް ދުރަށް ވެއްޓިއްޖެ އެވެ.  ޢާޞިމަކީ ވެސް ވާހަކަތަކުން މި ކަހަލަ ކަންތައްތަކުގެ މަޢުލޫމާތު އެނގިފައިވާ މީހެއްކަމުން ކުޑައިރުކޮޅަކު ވިސްނާލުމަށްފަހު، ގަހުގެ މުލެއްގައި ވާގަނޑުގެ އެއްކޮޅު އައްސައިލައިފާ (މުޑުތު) ފުންމިން ބަލައިލުމަށްފަހު ވާގަނޑުގެ އެހީގައި އަޑިއަށް ފައިބައި ބެލި އިރު އަނދިރިކަމުން ރަނގަޅަށް އެނގޭވަރު ނުވިނަމަވެސް މަޑުމަޑުން އަލިވަމުން އައިސް ތަކެތީގެ ކުލަ އާ، ވައްތަރު އެނގެން ފަށައިފި އެވެ. ރަނގަޅަށް ލޯ ފުހެލާފައި ބަލައިލައިފައި އެ ތަނުން ތަކެތި ނަގައި ބެލުމުން އެނގުނީ އެއީ އަގުހުރި ޖަވާހިރާ އަލިމަހާ މުތީއާ އެފަދަ މިފަދަ ތަކެތި ކަމެވެ. ދެންعاصم ވިސްނާލާފައި ބައެއް ތަކެތި، ލައިގެންހުރި ހެދުމުގެ ތެރެއަށް ލައިގެން ވާގަނޑުގައި ހިފައިގެން އަރައިފި އެވެ.

ދެން ބާޒާރަށް ގޮސް ތާޖިރުން އަޅާކަހަލަ މޮޅު ހެދުމެއް ގަނެގެން އެ ހެދުން ގަޔަށް މަހައިލައިގެން ހޮޓަލަކަށް ވަދެ ރަނގަޅަށް ކައިބޮއި ހަދައިގެން ޚަޒާނާ ނަގައިދޭނެ މަޖޫރީ ބަޔަކު ހޯދުމަށް ނުކުމެއްޖެ އެވެ. ތަންކޮޅަކަށް ހިނގައިލިތަނާ ޖަމަލުތަކެއް ހިފައިގެން އަންނަ ބަޔަކު ފެނިއްޖެ އެވެ. އެ ޖަމަލުތައް މަތީގައި ގޯނިބޮނޑި ތަކާ ވާގަނޑުތައް ހުއްޓެވެ. ސާޅިސް މީހުން ތިއްބެވެ. ބަނޑުގައި ފުއްޓަކި ޖަހާލީމާ ލޯއަޑުކިޔާކަހަލަ ވަރުގަދަ، ކަންތައް ކުރެވޭކަހަލަ މީހުންނެވެ. މި މީހުންކިބައިން މިކަން ކޮށްދޭތޯ ބުނުމުން އެ ތަނުން ވެރިކުލައިގެ މީހާ ހޭވައްލާ ތައްޔާރޭ ބުނެފި އެވެ. މި މީހުން ގޮވައިގެން އެ ތަނަށް ދިއުމުގެކުރިން އެއީ ކޮންބައެއްތޯ ވިސްނައެއްނުލަ އެވެ. ކޯރާޑި އާ ވާގަނޑު ފެނުމުން މިއީ ކޮން ބައެއްތޯ ވިސްނައެއް ނުލެވުނެވެ. މި ބައިމީހުންނަކީ ލުޓޭރުންގެ ބައެކެވެ. މިބައިމީހުން ޚަޒާނާގައި ހުރިތަކެތި ގޯނިގޯންޏަށް އަޅައި، ތުން ބަންދުކޮށް ބޭރަށް ނެރެމުން ގެންދެ އެވެ. عاصم ދެ އުކުޅުގައި އަތްވިދެލައިގެން ބޮޑުވެލާފައި ހުރެ އެވެ. عاصم ހިތަށް އަރައެވެ. މި ބޮޑު ޚަޒާނާ މި އޮތީ މަށަށް ލިބިފަ އެވެ. ފުރަތަމަ ވެސް ގަނެލާނީ ގަނޑުވަރެކެވެ. ދެން އުސް ހަވޭއްޔެކެވެ. ދެން ގަންނާނީ ރީތި ޖާރިޔާއިންނެވެ.  ޒުވާން ކަނީޒުންނެވެ. އަޅުންނާއި ޖާރިޔާއިންނެވެ. ވާހުވާ.. އެނިކަމެތި ޖިފުޓިގަނޑާ އަނބިކަނބުލޭގެ ނަން ވެސް ހިތަށް އެރުވުމުގެ ބޭނުމެއް ނެތެވެ. އެ ކަނބުލޭގެ ރަނގަޅުވާނީ ކުނބުރާންކޮށައި ކައިގެންއުޅޭ މީހެއްގެ އަތްނބަކަށް އިނުމެވެ.

މި ކަހަލަ ފަތަރާސީ ތެޔޮގުޅައި ޚިލާލުތަކެއްގައި ހުއްޓައި ވަގުންގެ ސާޅިސް މީހުން ޚަޒާނާ ނެރެ ޖަމަލުތަކަށް އަރުވައިފި އެވެ. ދެން ވެރިއަކަށް ހުރި ވަގުކަލޭގެ އިޝާރާތެއް ކޮށްލުމުން عاصم ހިފައިގަނެ އަޅައިގެންހުރި ތާޖިރުންގެ ހެދުން އަތުލައި ވާގަނޑަކުން ރަނގަޅަށް ބަނދެ ޚަޒާނާ ނެގި ވަޅުގަނޑުގައި ބާއްވާފައި ބުނެފި އެވެ. ކަލޭ ކަހަލަ ހިތްހެޔޮ އިސްފަސް ނުވިސްނޭ މީހަކަށް ޙައްޤުވެގެންވަނީ ތިޔަތާ އޮވެ މަރުވެދިއުމެވެ. ކަލޭ އެދުނު ފަދައިން، އަހަރުމެން ކަލޭގެ ކަށް ވަޅު ކޮނެދީފީމެވެ. ملك الموت އާ ޙަވާލުކޮށްފާ އަހަރުމެންނަށް ލިބުނު ޣަނީމާ އާއިގެން މި ދަނީ އެވެ. ކަލޭގައިގައި ތަޅައި އަނިޔާއެއް ނުކުރަމު އެވެ. ހިތްހެޔޮކުރާށެވެ.

ދެން ކަންތައް ވީގޮތް އައްސަވާށެވެ. عاصم ގެ ވަފާތެރި އަނބި (ނަޖުމާ ) ފިރިމީހާ މާބޮޑަށް ލަސްވެ، ގެއަށް ނައުމުން ޢާޞިމު ހޯދުމަށް ހިނގައްޖެ އެވެ. ގޮސް ބެލިއިރު އެ ބޮޑުގަސް އޮތީ ވެއްޓިފަ އެވެ. ވާގަނޑާ ކޯރާޑި ފެނިއްޖެ އެވެ. عاصم ގެ އަޑު ވަޅުގަނޑުތެރެއިން އިވެމުންދެ އެވެ. ނަޖުމާ ވެސް ވާގަނޑެއްގެ އެހީގައި އަޑިއަށް ފައިބައި ފިރިމީހާ ސަލާމަތްކޮށްގެން ގެއަށް އަތުވެއްޖެ އެވެ.

ދެން ނަޖުމާ އެކިގޮތްގޮތަށް މޮށްޓައި ޒުވާބުކޮށްގެން ކަން ހިނގި ގޮތް ކިޔައިދިނުމުން ނަޖުމާ ބުނެފި އެވެ. غيب ދެނެވޮޑިގެން ވާ ކުޅަދުންވަތަ ކަލާނގެ ކަލޭ ހިތުގެ ގޮވެލި އިޖާބަ ކުރައްވައިފި އެވެ. އަހަރެން މިހާރު މިއިނީ ކަލޭ އެދުނުފަދައިން ކުނބުރާންގޮވިކަލޭގެ އަތްނބަކަށެވެ. ފަތަރާސީކަން ބޮޑު ދިރިއުޅުމަކާ އެ ކަހަލަ ގަނޑުވަރަކާ ހަވޭލީއަކަށްވުރެ، އޯގާވެރިކަމާ ލޯތްބާ އިޙްސާންތެރިކަމުގެ ހިޔާވަހިކަން ލިބިގެންވާ މި ކަހަލަ ޖިފުޓިއެއް ވެސް މާރަނގަޅެވެ. ކަލެއަކީ މާތްރަސްކަލާނގެ ނިޢުމަތެއް ދެއްވައިފި ނަމަ އެ އަށް ކާފިރުވެގަންނަ މީހަކީމުތާ އެވެ؟ ނިޢުމަތަށް ޝުކުރުވެރި ވިނަމަ ނިޢުމަތް އިތުރުކުރެއްވީހެވެ. ދެއްވި ނިޢުމަތަށް ކާފިރުވެގަތުމުން އެ ނިޢުމަތް ކަލޭގެކިބައިން ފިލައި ދިޔައީ އެވެ.

عاصم ވައްތަރެއްގެ ރަކި ގޮތަކަށް އަނގަހަދައިލައިގެން އިނދެފައި....

عاصم: އަހަރުމެން ދެ މީހުން ދެމެދުގައި  މި އަދު މިކުރެވޭ محاورة ތައް ކުރެވުމުން ހަނދާނަށް އަންނަނީ لقمان حكيم އޭނާގެ ދަރިފުޅަށް ދެއްވި ޙިކުމަތްތެރި ބައެއް ބަސްތަކެވެ.

ނަޖުމާ: އެއީ ކޮންކަހަލަ ބަސްތަކެއް ބާވަ އެވެ. އަނބިމީހާ ބޮލުގައި ތެތްގޯނި އަޅުވާ ފިރިހެނުންގެ ވާހަކަބާ އެވެ.

عاصم: لقمان حكيم އޭނާގެ ދަރިފުޅަށް ވިދާޅުވި އެވެ. އޭ ދަރިފުޅާ އެވެ. ފުލުހުންގެމީހަކާ ރައްޓެހިވެ ރަޙުމަތް ގަނެގެން ނޫޅޭށެވެ. ދަހި ތާޖިރަކު އަތުން ދަރަންޏެއް ނުނަގާށެވެ. އަނބިމީހާގާތު ސިރެއް ނުބުނާށެވެ.

ނަޖުމާ: ދެން لقمان حكيم ގެ ދަރިކަލުން ކަންތައް ކުރެއްވީ ކިހެނަކުންތޯ އެވެ؟ ނަތީއްޖާ ފެނުނީ ކިހެނަކުންތޯ އެވެ؟

عاصم : لقمان حكيم ގެ ދަރިކަލުން ތަޖުރިބާ ކޮށްލެއްވުމުގެ ގޮތުން ބައްޕަ ނުކުރައްވަން ބުނުއްވި ކަންތައް ކުރެއްވީ އެވެ. ފުރަތަމަ ދަހިވެތިކަމަށް މަޝްހޫރު ޔަހޫދީ ވިޔަފާރިވެރިއަކު އަތުން ކުޑަ ދަރަޏެއް ނެގީ އެވެ. އަނެއްރޭ ގިފިލިތެރޭގައި ވަޅުގަނޑެއް ކޮނެގެން އުޅެނިކޮށް އޭނާގެ އަނބިމީހާއަށް ފެނިގެން އަހައިފި އެވެ. ތިޔަ ކުރަނީ ކީއް ހެއްޔެވެ؟ لقمان حكيم ގެ ދަރިކަލުން  ބުނުއްވި އެވެ. މި ވާހަކަ ނުދައްކާށެވެ. މަގޭ ޢަދާވާތްތެރިންގެ ތެރެއިން މީހެއްގެ ބޯކަނޑައިލައިގެން ގެނެސް މި ވަޅުލަނީ އެވެ. ދެން ޖެހިގެން އައި ރޭ އޭނާގެ ރަޙްމަތްތެރި ފުލުހުމީހާގާތުގައި ވަކިގަޑިއަކަށް އައުމަށް ބުނެފައި ގެއަށް އައިސް، އަނބިމީހާ ވެސް ކޮންމެ ވެސް ކަމަކު ގެއިން ފޮނުވައިލައިފި އެވެ. ދެން ފުލުހުމީހާ އެ ބުނި ގަޑިއަށް ގެއަށް އައި އިރު لقمان حكيم ގެ ދަރިކަލުން އުޅުއްވަނީ، ވަޅުގަނޑެއް ކޮނެގެން އެއްޗެއް ވަޅުލާށެވެ. އަތްފައިގެ ބައެއްތަންތަނުގައި ލޭ އުނގުޅިފައި ހުއްޓެވެ. ފުލުހުމީހާ ބުނެފި އެވެ. ތިޔައުޅުއްވަނީ ކޮންވަޑާމެއްގައިތޯ އެވެ؟ لقمان حكيم ގެ ދަރިކަލުން ބުނުއްވި އެވެ.  އަސްތާ! ރަޙްމަތްތެރިޔާ އެވެ. މިރޭ މިއުޅެނީ މަގޭ ދުޝްމަނުކަލޭގެ އަތުޖެހުމުން قتل ކޮށްލައިގެންނެވެ. މި ވަޅުލަނީ އޭނާގެ ބޮލެވެ. މިކަމަށް އިންތިޒާރު ކުރާތާ ވަރަށް ދުވަސް ވެއްޖެ އެވެ.

ފުލުހުމީހާ ބަޑިއަޅާފާ ދުވެގޮސް ކަމާބެހޭ މަތީފުލުހުންނަށް އަންގައިފި އެވެ. ލަހެއްނުވެ ފުލުހުން އައިސް لقمان حكيم ގެ ދަރިފުޅު ހައްޔަރުކޮށްފި އެވެ. ރަށުތެރެއަށް އަޑުއަރައިގެން ދިއުމާއެކު މީސްތަކުން ޖަމާވެއްޖެ އެވެ. އެ ވަގުތު އޭނާގެ އަނބިމީހާ ބުނެފި އެވެ. އެއީ ހަމަ ތިޔަމީހާ  އުޅޭ ގޮތެވެ. ކުރީރޭ ވެސް އޭނާގެ ޢަދާވާތްތެރިޔާގެ ބޯކަނޑައިގެން ގެނެސް ގިފިލީގައި ވަޅުލާފައި ވެއްޖެ އެވެ. އެ ވަގުތު އެއްވެފައިވާ މީސްތަކުންގެ ތެރެއިން ޔަހޫދީ ވިޔަފާރިވެރިޔާ ނުކުމެފައި ގޮވާލި އެވެ. ތިޔަކަލޭގެ މަގޭއަތުން ދަރަންޏެއް ވެސް ނަގާފައިވެ އެވެ. ކަލޭ މި ފަހަރު މަރުން ސަލާމަތެއް ނުވާނެ އެވެ. ކަލޭ މަރުވުމުގެ ކުރީގައި، އެ ދަރަނި ދައްކާށެވެ. އެހެންނޫނިއްޔާ މަގޭ ވިޔަފާރި ބަނގުރޫޓު ވެދާނެ އެވެ.

ދެން لقمان حكيم ގެ ދަރިކަލުން ޝަރީޢަތަށް ހާޒިރުކުރުވާ ސުވާލު ކުރުމުން ޔަހޫދީ ކަލޭގެ އަތުން ދަރަންޏެއް ނެގިކަމަށް ބުނެފި އެވެ. އެހެން ކަންތައްތަކަށް އިންކާރުކޮށްފި އެވެ. ދެން ފުލުހުން ގޮސް ގިފިލިތެރެ ކޮނެ ބެލިއިރު އެތާ އޮތީ ބުޅަލެއް މަރާލާފައި ވަޅުލާފަ އެވެ. ގޯތިތެރޭގައި ވަޅުލާފައިވާ އެއްޗެއް ކޮނެގެން ނެގިއިރު އެއީ ބަކަރި ބޮލެކެވެ. ޔަހޫދީކަލޭގެ އަތުން ނެގި ފައިސާ، ކޮތަޅެއް ގޭގައި އެ ގެނައިގޮތަށް އޮތެވެ. އެ ވަގުތު އެންމެންގެ ހާޒިރުގައި އެ ޔަހޫދީ ކަލޭގެއަށް އެ ފައިސާ ގުނާފާ ހަމައަށް ދީފި އެވެ. އަޅުގަނޑަށް އެނގޭ ހިސާބަށް މިވާހަކަ މި ކިޔައިދިނީ އެވެ.
----------------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ