އަދުގެ ޚާއްސަ

Print

އެބަ ގަބޫލު ކުރެވެ އެވެ.

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ މާދަރީބަސް

              
ކަނީރު ޢަބްދުއްރަޙީމު

ޚިޔާލު ތަފާތުވުމަކީ މައްސަލައެއްނޫނޭ ބުނެ ކިޔާލެއް ގިނަކަމުން ޖެހިލުންވެފައި ހުރެވޭގޮތް މިހާރު ތަންކޮޅެއް ކުޑަވެއްޖެކަމަށް އަމިއްލައަށް އެބަގަބޫލުކުރެވެއެވެ. މިލިޔުން ލިޔެލަން މިކެރެނީ ވެސް އެ ގަބޫލުކުރެވޭ ކުރެވުމުގެ ސަބަބުންކަން ހަމަޔަގީނެވެ.

ދިވެހިބަސް ކުރިއެރުވޭނީ ކިހިނެއްހެއްޔެވެ. ކުރިއެރުވޭނީ ކުރިއަރުވަންވީއޭ ގިނަގިނައިން ލިޔެ ކިޔާ ބުނެހަދައިގެން ބާވައެވެ. އެހެންއެކަންވާނެނަމަ ހާދަހާ ރަނގަޅުވީހެވެ. އެކަމަކު އެވަރަކުން އަދި ނުނިމެއެވެ. އެކަމެއްކުރާއިރު އެކަމަކީ ކޮބައިކަމާއި އެކަމުންވާނެ ކަންކަމަކީ ކޮބައިކަން އެނގެންޖެހެއެވެ. އެހެންނޫނީ ފޫނެތް ތަށްޓަކަށް ފެންއެޅުމެކޭ ތަފާތެއްނުވާނެއެވެ. ވީމާ ފުރަތަމަ މިކަމުގައި ދިވެހިބަހަކީ ކޮބައިތޯ އެނގެން އެބަވެއެވެ. ނުވަތަ ކުރިއަރުވަން މިއުޅޭ ބަހަކީ ކޮބައިތޯ ބަލަންޖެހެއެވެ.

ބުނާމީހަކު ބުނެލާނީ "ދިވެހިބަހަކީ އަހަރެމެން ދިވެހިން  ވާހަކަދައްކާ ލިޔެހަދާ ބަހޭ" ކަމަށްވުން އެކަށީގެން ވެއެވެ. ފުރަތަމަ މައްސަލައަކީ އެބަހެވެ. އެބުނާބަހަކީ މިވެނިބަހެކޭ ނުވަތަ މިވެނި ގަވައިދުތަކެއްގެ މަތީން ބޭނުންކުރާ މިވެނި އެވެނި އަޑުތަކަކާއި އަކުރުތަކެއްގެ މައްޗަށް އެކުލެވިފައިވާ ބަހުރުވަ ކަމުގައި ނިންމެން އެބައޮވޭބާވައެވެ. ނުވަތަ އެގޮތަށް އެއްބަސްވާނީ ކިތަކަށް ދިވެހިން ބާވައެވެ.! މިއަދު މިހާރު މައްދިވެހިބަހުން ވާހަކައެއް ދައްކާލާނެ، ނަސޭހަތެއްދީ ތަގުރީރެއް ކޮށްލާނެ ކިތަކަށް މީހުން އުޅޭނެހެއްޔެވެ.؟     އުފެދޭ މި ސުވާލު ތަކުގެ ޖަވާބުގައި އެގޮތަށް އެއްބަސްވާނެ ދިވެހިން ގެ އަދަދު ކަނާއަތް   ދޫކޮށް  ވައަތުގެ އިނގިލިތަކާ ހަމައަށްވެސް ދާނެކަމަކަށް ނުފެނެއެވެ. ވާހަކަދައްކާލާނެ އެފަދަ މީހުންގެ އަދަދުވެސް ތިންއަކުރުން ޖަހާކަށްޖެހޭނެއެކޭ ހިއެއްނުވެއެވެ.  ދެބަސްވިއަސް ދިވެހިބަހަކީ ނުވަތަ ކުރިއަރުވަންވީބަހަކީ  ކޮބައިކަން ނޭނގި މަސައްކަތް ފަށައިގަންނާނީ ކިހިނެއް އަދި ކޮންހިސާބަކުން ކަމެއްނޭނގޭނެކަމުގައި އެއްމެންވެސް އެއްބަސްވާނެކަންޔަގީނެވެ.

މިވަރުން ހިތްހަމަނުޖެހޭތީ އިތުރަށް ހާމަކޮށްލެވޭތޯބަލާނަމެވެ.  މިއަދުގެހާލަކީ ބޭރުބަސް ބޭނުންނުކޮށް، ވާހަކަދައްކާ  އަހަރެ އަހަރެމެންގެމެދުގައިވެސް ގުޅުންތައް ބޭއްވޭކަށް ނެތެވެ. ކަމެއްވީގޮތް އޮޅުންފިލުވައިދެވޭކަށް ނެތެވެ.

      ރޭގަނޑު ވައިފާއެކު ޝޮޕިންކޮށްލަންގޮސް އަނެއް ފިހާރައިން އެއްކަލައެތި މާ ޗީޕުކޮށް ( ފިފްޓީ ޓޫ ރުފިޔާއަށް) ގަނެނުލައި ނުއެއްނިދެއެވެ. ހެނދުނު އެއިޓްވީއިރު ކޯލްކޮށްލާފައި ލަންޗްބްރޭކް ގައި ދެންހަމަ ސޯ ސޯ އެވެ.

     އަނެއްފަޅިއެއްގައި އައު ގޮތްތަކާ އުފެއްދުންތަކެވެ. ބަހުގެ ގޮތްތަކާއި އުސޫލު ތަކަށް ކުޑަވެސް ފަރުވާލެއްނެތި އެވެ. އުފައްދާނަގަނީއެވެ. ވިކެމުންވެސް ދާނެއެވެ. ހަމައެހެން އަރިމައްޗަކުން މިފެންނަނީ ބޭރުންއައިސް ތިބި މީހުންގެ ގަދަމަސައްކަތެވެ. އެމީހުންނަށް ކޮންމެހެންބޭނުންވާ ވަރަށް ބަސްދަސްކުރަންކުރާމަސައްކަތުގައި އުފެދިގެން އަންނަ ބަހަށް އެއްބަޔަކު ލެނބެމުން ގައިގޯޅިވެ ގަޔާވަމުންދާތަނެވެ.   ކަލޭމިތާދާނީ. މަގޭ ފިރި އަންނަނީ ކަލޭ ދަނީ.   މައްސަލަނެތީ ކަންޔަގީންކުރެވެމުން ކޮށްދެވެމުން ދާތަނެވެ.    ކަންމިހެންހުރިއިރު ދިވެހިބަސް ކުރިއަރުވަން ފުރަތަމަ ކުރަންވީ ކަމަކީ ދިވެހިބަހަކީ މިހާރުކޮބައިތޯ ބެލުމެވެ.
 
މަސައްކަތްފެށީމާ އެނގިދާނެއޭ ބުނެލިއަކަސް އެވާހަކަ މިއަދަކު ގަބޫލެއް ނުކުރެވޭނެ އެވެ. ގާނޫނުގައި ބަހަކީ ދިވެހިބަހޭ އޮވެފައި އޭގެ ތަފުސީލާއި އޮޅުންފިލުވައިދިނުން ތަކުގައި ބޭރުބަސްތައް ބޭނުންކުރަމުންގެންދަން (މަޖުބޫރު ވެގެން ނުވަތަ ނޭނގޭތީ) ޖެހިފައިވާއިރު އެބަހަކީ ކޮބައިކަން ދަނެގަތުމަކީ ހީކުރާހާފަސޭހަ ކަމަކަށް ދެނެއްނުވާނެއެވެ.

ރީއްޗާއި މޮޅާއި ހަރުދަނާ ކަން އަންނަނީ ނުވަތަ ހުންނަނީ ހުޅަނގުންއަންނަ ރޯޅިތަކުގައިކަމަށް ސިކުނޑިގަބޫލުކޮށްފިއްޔާ އިރުމަތިން ޖެހޭ ފިނިރޯޅިތަކުންވެސް ވާނީ ހޫނެވެ. ވަޔާއެކު އަންނަކަމުގައިވާނީ އަންޒަމާނުކަރައިގެ ސަހަރާތަކުގެ ހިރަފުހާއި ކުނިވަހެކެވެ.   ދިވެހިބަސް ކުރިއެރުވުމަށްވުރެ ( މީގެ އަހަރުތަކެއް ކުރީންވެސް ލިޔެހާމަކޮށްލެވުނު ފަދައިން ) ބަހުގެ ނަން ބަދަލުކޮށްލައި އިނގިވެހި، ނުވަތަ ދިވެރޭސި ބަސް ކަމުގައި ހަދާލުމަށްފަހު ވީހާގިނައިން އިނގިރޭސިބަސް ބޭނުންކުރިވަރެއް އެއީ ބަހަށް މޮޅުގޮތްކަމުގައި ނިންމުންނޫން ގޮތެއް އޮތެކޭ ހިއެއްނުވެއެވެ.    އޭރުން ވީކޭން ސްޕީކް، ޓޯކް، އެންޑް ރައިޓް އަވަ ލެންގުއެޖް ވެރީ ހެޕީލީ ދޯއެވެ. ލޯބިވެރިން ވެސް އަލުންއާކޮށްފައި
     އައި ލަވް ކަލާދެކެ އިންތިހާ ޝައި ބަޓް މިހެންލިއެފާ މިތާ
                ބައި ދަޓް މަގޭ މިޙަޔާތުގާ އައިމީ ބަހާރޭ ހިތްއުފާ   
  މި ޅެންބައިތު ކިޔަންފަށާނީ އުފަލުން ހެމުންނެވެ.  

(މިމުނީ)

މި ލިޔުން؛

ފޮނުވުން:   އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
އަލުންބެލުން: ---
ޝާއިޢުކުރުން:
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ