އަދުގެ ޚާއްސަ

Print

ވޭނީ އަސަރު

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވާހަކަ


މަރިޔަމް ސަނާ

އޭރު އަހަރެންގެ އުމުރުން ތޭރަ އަހަރެވެ. މީހުން ދައްކާ ވާހަކަ އާއި، އުޅޭނޫޅޭގޮތް ރަނގަޅަށް އޮޅުންފިލާވަރުވެ އެވެ. އަހަންނަކީ އަހަރެންގެ މަންމަގެ ދެވަނަ ދަރިފުޅެވެ. އަހަރެންގެ ހަގަށްވެސް ދެކުދިން ތިބިއެވެ. އަހަރެންގެ ބައްޕައަކީ ބީރައްޓެއްސެކެވެ.  ބައްޕަގެ އަމިއްލަ ގެދޮރެއް އަހަރެމެންގެ ރަށަކުނުހުރެ އެވެ. އެހެންކަމުން އަހަރެމެން ދިރިއުޅެމުން ގެންދިޔައީ މަންމަފަރާތު މާމަ ގޭގަ އެވެ. ހުރިހާ ދަރިން ދެކެވެސް މަންމަ ވަރަށް ލޯބިވެ އެވެ. ވަރަށް ރަނގަޅެވެ. ބައްޕަވެސް ވަރަށް ރަނގަޅެވެ. ނަމަވެސް ބައްޕަގެ ގައިގައިހުރި އެއްވެސް ރަނގަޅުސިފައެއް، ބައްޕަކުރާ އެއްވެސް ރަނގަޅުކަމެއް މަންމަ އަކަށް ނުފެންނާނެ އެވެ. މަންމަގެ ކަމަކީ އަބަދާއަބަދު ބައްޕަ އާއި ދިމާއަށް ހުތުރު ބަހުން އެއްޗެހިކިޔުމެވެ. ބައްޕަ އާއި ދޭތެރެގައި މަންމަ ކަންތައް ކުރަނީ ގޭގައި ގެންގުޅޭމީހަކާއި ދޭތެރޭގައި ކަންތައްކުރާ ގޮތަށްވުރެވެސް އިހާނެތި ކޮންނެވެ. އެއީ މަންމަގެ ފިރިމީހާކަންވެސް ނުދަނެއެވެ.
 
ބައްޕައަކީ މަސްވެރިއެކެވެ. ހުކުރުދުވަސް ފިޔަވައި އެހެން ކޮންމެ ދުވަހަކުވެސް ފަތިހު މަހައްދާނެ އެވެ. އެނބުރި ގެޔަށް އަންނާނީ އިރުއޮއްސެން ކައިރިވެފައި ހުއްޓައެވެ. އެއްވެސް އަރާމެއްނެތި އަތްވާއި ވަރޭގައި ބައްޕަ މަސައްކަތް ކުރަމުންގެންދިޔައީ އާއިލާ އަށްޓަކައެވެ. ނަމަވެސް އެކަން މަންމަ އަކަށް ނުވިސްނެއެވެ. މަހަށްގޮސްގެން ބައްޕައަށް އަށް ލިބޭ ފައިސާ މަދުކަމުން މަންމަ އަބަދު ޝަކުވާކުރާނެ އެވެ.

މީހުން ބުނާތީ އިވެއެވެ. މަންމަ ބައްޕަ އާއި ކައިވެނިކުރީ ލޯބިންނެއް ނޫނެވެ. އަހަރެންގެ ދައްތަ (މަންމަގެ އެންމެ ދޮށީދަރިފުޅު) އަށް ..... ބަލިވެއިނުމުން ދުނިޔޭގެ ލަދުން ސަލާމަތްވާންވެގެން ބައްޕަ އާއި ކައިވެނި ކުރީއެވެ. މަންމަ އާއި ބައްޕަގެ ކައިވެނި ކުރެވުނުއިރު މަންމަ އިނީ ބަލިވެކަން ބައްޕަ އަށް އެނގޭކަމެއް ނުވަތަ ނޭނގޭ ކަމެއްވެސް އަހަންނަކަށް ނޭނގެ އެވެ.

ހުކުރުދުވަހެކެވެ. އަހަރެން ހެނދުނު ހޭލިއިރު ބައްޕަ އުޅެނީ މަހަށްދާ ދޯނިއެހެލަން ދާށެވެ. މާމަ ބުނިގޮތުންނަމަ ދޯނިއެހެލަން އެއުޅެނީ ދޯނިން ފެހިކަހާ، އަދި ބައެއްތަންތަން މަރާމާތުކުރާށެވެ. ހުކުރު ވަގުތު ކައިރިވީއިރު މަންމަ އިނީ ބަދިގެ އޮޅިގަނޑުމަތީގައި ހަނޑޫ ހޮވާށެވެ. ބަދިގެ ކުރިމަތީގައި ހުރި ބަނބުކެޔޮ ގަހެއްގެ ހިޔަލުގައި މާމަ ރޯނުވަށަން އިނެވެ. އަހަރެންވެސް މާމަ ގާތުގައި އިނީމެވެ. އެ ވަގުތު ބައްޕަ މަހައްދާ ދޯނީގެ ފަޅުވެރިއަކު ދުވަމުން އައިސް، ދޯނިއެހެލަން އުޅެނިކޮށް ބައްޕަ ދޯނީގެ ދަށުވި ވާހަކަ މަންމަ ގާތުގައި ބުންޏެވެ. މަންމަ އާއި މާމަ ކުރަންތިބި މަސައްކަތްތައް ހުއްޓާލާފައި ގޮނޑުދޮށާއި ދިމާއަށް ދާން ދުއްވައިގަތެވެ. އަހަރެންވެސް އެމީހުންގެ ފަހަތުން ދިޔައީމެވެ. އަހަރެން ހީކުރީ ދޯނީގެ ދަށުވެގެން ބައްޕަ މަރުވީ ކަމަށެވެ. އަހަރެމެންނަށް އެތަނަށް ދެވުނުއިރު ފަށްޖެހި އެނދަކަށް ލައިގެން ބައްޕަ ގެޔަށް ގެންނަނީ އެވެ. މީހުން ގަނޑު ފުރިފައި އޮތުމުގެ ސަބަބުން އަހަންނަކަށް އެތަނަކަށް ކައިރިއެއް ނުވެވުނެވެ. ބައްޕަ އޮތްހާލެއް ނުފެނުނެވެ. ގެޔަށް އައިސްފައި ވެސް ގޭތެރެގައި މީހުން ގިނަކަމުން ބައްޕަ އޮތް ކޮޓަރިއާއި ހަމައަށް ދާކަށް ނުކެރުނެވެ.

ދިވެހިބޭސްކުރާ މީހުން ބައްޕައަށް ބޭސްހެދުމުގެ މަސައްކަތުގައި އަވަދިނެތި އުޅުނެވެ. އިރުއޮއްސުނުއިރު ގޭތެރެއިން ތަންކޮޅެއް މީހުން މަދުވެއްޖެ އެވެ. އެންމެ ކުޑަ ކޮއްކޮ ފެންބޮވާ ވާހަކަބުނުމުން އަހަރެން އޭނާއަށް ފެންފޮދެއް ދޭންވެގެން ބަދިގެޔަށް ދާން ނުކުތްއިރު ބަދިގެ ކައިރީގައި މާމަ އާއި މޫސާފުޅުބެ ތިއްބެވެ. މޫސާފުޅުބެއަކީ ރަށުގައި ތިބި ދިވެހިބޭސް ވެރިންގެ ތެރެއިން އެންމެމޮޅު އެކަކެވެ. އެމީހުން ދައްކަމުން ދިޔައީ ބައްޕަގެ ވާހަކަ އެވެ.

"ގައިގެ އެތަންމިތަނުން ހަންމަށައިގެން ގޮސްފައި ހުރިތަންތަން ވަރަށް އަވަހަށް ރަނގަޅުވެދާނެ. އެކަމަކު އުނަގަނޑުން ތިރީގެ ކަށިތަށް އެވަނީ އެކިތަންތަނުން ބިނދިފައި... ހިޔެއްނުވޭ ދެން ދުވަހަކުވެސް އޭނާ އަށް ހިނގޭނެހެންނެއް!" މާމަ ގާތުގައި މޫސާފުޅުބޭ ބުންޏެވެ.
އޭނާ އެހެންބުނި އަޑު އިވުމުން އަހަރެންގެ ހިތަށް ވަރަށް އަސަރުކުރި އެވެ. ބައްޕަ ނޫނީ އާއިލާގައި އާމްދަނީ ހޯދަން މަސައްކަތްކުރާ އެކަކުވެސްނެތެވެ. ބައްޕައަށް ބަލިއެނދުގައި އޮންނަން ޖެހިއްޖެނަމަ އަހަރެމެން އުޅެންޖެހޭނީ ކޮންފަދަހާލެއްގައި ކަމެއްވެސް ނޭނގެ އެވެ.

އެރޭ އަހަރެން ނިދަންއުޅެފައި ބައްޕަ އޮތް ކޮޓަރިއަށް ވަނީމެވެ. ބައްޕަގެ މޭމަތީގައި ކަފަގަނޑެއް ހިއްޕާއައި އޮތެވެ. އުނަގަނޑުން ތިރިވަނީ ފޮތިގަނޑަކުން ނިވާކޮށްފައެވެ. ބައްޕަ ގާތުގައި ދައްތަ އާއި މަންމަ ތިއްބެވެ. އަހަރެން ފެނުމުން ބައްޕަ ކޮންމެވެސް އެއްޗެކޭ ބުނަން އުޅުނެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އަރުތެރެއިން ހަމައެކަނި ނުކުތީ ވޭނީ އާހެކެވެ. އަހަރެންގެ ދެލޯ ކަރުނައިން ތެމުނެވެ. މަޑުމަޑުން ގިސްލެވެން ފެށުނެވެ.
"ކުޑަކުދިން ނުވާނެ މިތަނަށް އަންނާކަށް... ދެން އަވަހަށް ނިދަންދޭ!" އަހަރެންގެ މޫނަށް ބަލާލާފައި މަންމަ ބުންޏެވެ. ކިޔަމަންތެރިކަމާއެކު އަހަރެން އެތަނުން ނުކުތީމެވެ.
ބައްޕަ ބަލިވުމުން އަހަރެން ހީކުރިވަރަށްވުރެ ބޮޑަށް މަންމަގެ އެހީތެރިކަން ބައްޕައަށް ލިބުނެވެ. ކުރީގައި އަބަދާއި އަބަދު ބައްޕަދެކެ ރުޅިއައިސްގެން ކިޔާ ހަޑިހުތުރު އެއްޗެހިތައް ކިޔުން މުޅިން ހުއްޓުނެވެ. ހަޤީގަތުގައި އެއްޗެހި ކިޔުން ހުއްޓުނީއެއް ނޫނެވެ. އެއްޗެހި ކިޔާނެ ވަގުތު ނުވަނީ އެވެ. އަބަދު ގޭތެރޭގައި މީހުންތަށް އޮންނަނީ ފުރިފަ އެވެ. އަވަށްޓެރިންނާއި، ރައްޓެހި ރަހުމަތްތެރިން ބައްޕަގެ ހާލުބެލުމަށްޓަކައި އަބަދު ގެޔަށް އައިސްއުޅެ އެވެ.
 
ފަންޑިތަހަދާ މީހުންނާއި ދިވެހިބޭސް ވެރިން އަވަދިނެތި ބައްޕައަށް ބޭސް ހެދުމުގައި އުޅެ އެވެ. އެގޮތުގައި އެއްއަހަރު ފާއިތުވެގެން ދިޔައިރު އެމީހުން ދަންނަ ހުރިހާ ބޭހެއް ހަދައިފި އެވެ. އެމީހުންނަށް އެނގޭ ހުރިހާ ފަންޑިތައެއް ހަދައިފި އެވެ. ނަމަވެސް ބައްޕައަކަށް އެއްވެސް ޝިފާއެއް ނުލިބުނެވެ. ކޮންމެ މީހަކުވެސް ލަފާދެނީ ބައްޕަ އަށް ފަރުވާކުރަން މާލެއަށް ގެންދިޔުމަށެވެ. ނަމަވެސް ބައްޕަ ގޮވައިގެން މާލެއަށް ދެވޭނޭ ވަރަށް ފައިސާ ނެތްކަމަށް މަންމަ ތަކުރާރުކޮށް ބުނަމުން ގެންދިޔަ އެވެ.
ބައްޕަގެ ހާލުބެލުމަށްޓަކައި ގެޔަށް އައިސް އުޅުނު މީހުން މަޑުމަޑުން އައުން ހުއްޓިއްޖެ އެވެ. މަންމަގެ ހިތުތެރޭގައި ރޯވެފައިވާ ނަފުރަތުގެ ހުޅުގަނޑު ފަޅައިގެން ދިޔައީ އެހިސާބުންނެވެ. "ދެން އަހަރެންވީ އަބަދު މިގޮތަށް ކަލޭގެ އަޅަކަށް ވެގެން، ކަލޭ އަށް ހިދުމަތް ކުރަން ހުންނަންތަ؟ ކަލޭ އަށް ތިޔަގޮތަށް މަސައްކަތެއް ނުކުރެވިފައި ގިނަދުވަހު އޮންނަން ޖެހިއްޖެނަމަ އަހަރެމެން އެންމެން ބަނޑަށް މަރުވާނެ... އަހަރެން ވަރިކޮށްފައި ރަށަށްދޭ!" މަންމަގެ ދުލުގެވިހައިން ބައްޕަގެ ހިތް ޒަހަމްކުރަމުން ގެންދިޔަ އެވެ.

އަހަރެމެންގެ ގޭގައި ހެޔޮހިތުން ބައްޕައާއި އަނގައިން ބުނާމީހަކު ވެސް ނޫޅެއެވެ. ބައްޕަ އަށްޓަކައި މަންމަ ކޮށްދޭ ހަމައެކަނި ކަމަކީ ދުވާލަކު ދެއިރު ކާން ގެންގޮސްދިނުމެވެ. އިތުރުއެހެން އެއްވެސް ކަމެއް ނުކޮށްދެއެވެ. މީހެއްގެ އެހީއާއި ނުލާ ބައްޕައަށް އެކަނި އެނދުން ވެސް ނުތެދުވެވެއެވެ. ކުޑަކަމުދާންވިޔަސް ކޮންމެވެސް މީހެއްގެ އެހީތެރިކަން ބޭނުން ވެ އެވެ. ބައްޕަ ކިތަންމެ ވަރަކަށް މަންމައަށް ގޮވިޔަސް މަންމަ އަޅައެއް ނުލާނެ އެވެ. އެންމެފަހުން ކުޑަކަމުދެވޭނީ އޮންނަތަނަށެވެ. ފެންނުވަރާތާ ގިނަދުވަސް ވުމުގެ ސަބަބުންނާއި ނުތާހިރުކޮށް އޮންނަން ޖެހުމުގެ ސަބަބުން ބައްޕަގެ ގައިންނާއި ކޮޓަރިތެރެއިން ނުބައިވަސް ދުވަންފެށި އެވެ. އެހެންކަމުން އަހަރެމެން އެކޮޓަރިއަށް ވަނުންވެސް މަންމަ އޮންނަނީ މަނާކޮށްފަ އެވެ.
"ބަލިމީހުން ތިބޭތަންތަނަށް ކުޑަކުދިން ވަންނާކަށް ނުވާނެ!" މަންމަ ބުނެއެވެ.

މަންމަ އެހެން ބުންޏަސް ގޭގައި މީހުން ނޫޅޭ ވަގުތުތަކުގައި އަހަރެން އެކޮޓަރިއަށް ވަންނަމެވެ. އެތަނުން ކިތަންމެ ނުބައިވަސް ދުވިޔަސް އަހަރެން ކެއްކުރަމެވެ. ބައްޕައާއި ވާހަކަ ދައްކަމެވެ. ކޮށްދޭންވީ ކޮންކަމެއްތޯ އަހަމެވެ. ގިނަފަހަރަށް އަހަރެންގެ ސުވާލުތަކަށް ބައްޕައަކަށް ޖަވާބެއް ނުދެވޭނެއެވެ. ބައްޕަ އަށް ރޮވޭނީއެވެ. އަހަންނަށްވެސް ރޮވެއެވެ. ބައްޕަގެ ގައިގައި އަތްލަން ބޭނުން ވެއެވެ. ނަމަވެސް ބައްޕަގެ ހުއްދައެއް ނުލިބެ އެވެ.

"ބައްޕަ މިއޮތީ ވަރަށް ހަޑިކޮށް... ބައްޕަގެ ގައިގައި އަތްނުލާތި!" ކޮންމެދުވަހަކު ވެސް ބައްޕައެހެން ބުނާނެ އެވެ. މަންމަގެ ބަސްއަހައިގެން ރަނގަޅަށް އުޅުމަށް ނަސޭހަތްތެރިވާނެ އެވެ. އަދި ބައްޕަގެ ވާހަކަ އެއްވެސް މީހަކުގާތުގައި ނުދެއްކުމަށް ވެސް އެދޭނެ އެވެ.

ހަފުތާއަކު އެއްފަހަރު މާމަ އާއި އެއްބަނޑު ފިރިހެނެއް އަހަރެމެންގެ ގެޔަށް އައިސް ބައްޕަ ގިފިއްޔަށް ގެންދާނެއެވެ. އަދި ގައިދޮވެދީ މުންޑު ބަދަލު ކޮށްދޭނެއެވެ. އޭނާ ބައްޕަ ގިފިއްޔަށް ގެންދަނީ ރަށުއޮފީހުން ބައްޕައަށް ދީފައިވާ ފުރޮޅުލީ ގޮނޑިއަކަށް ލައިގެންނެވެ. އޭނާ ބައްޕަގެ ހަށިގަނޑު ސާފުކޮށްދޭ ނަމަވެސް ކޮޓަރިތެރެ ސާފުކުރާނެ މީހަކު ނޫޅެއެވެ. ގިނަ ދުވަސްވީވަރަކަށް ކޮޓަރިތެރޭގައި ހިފާފައިވާ ނުބައިވަސް މުޅިގޭތެރެއަށް ފެތުރެންފެށިއެވެ. މަދުމަދުން އަހަރެމެންގެ ގެޔަށް ވަދެއުޅޭ އަވައްޓެރިން ވެސް ގޭތެރެއިން ނުބައިވަސްދުވާ ވާހަކަ ދައްކަން ފަށައިފި އެވެ.

"ނުބައިވަސް ދުވާނެއެއްނު! ގިފިއްޔަށް ދާން ބޭނުންވިޔަސް މީހަކަށް ނުގޮވާނެ... ހުރިހާ ހަޑިކަމެއް އެކުރަނީ އޮންނަ ތަނަށް!" އަވައްޓެރިންގެ ގާތުގައި މާމަ ބުނާނެ އެވެ.
އެހެންމީހުންގެ ގާތުގައި ބައްޕަގެ ވާހަކަ ދައްކާއިރު ހީވާނީ މާމައަކީ ބައްޕައަށް ވަރަށް ހެޔޮއެދޭ މީހެއް ހެންނެވެ. ނަމަވެސް މާމަގެ ނުބައިކަންވެސް މަންމައަށްވުރެ އެންމެ ތަންކޮޅެއްވެސް ކުޑައެއް ނޫނެވެ.

"މީހުންނަށް އުނދަގޫވާގޮތަށް ގިނަދުވަސް ވަންދެން ބަލިއެނދުގައި އޮންނަންޖެހޭނީ ދުނިޔެމަތީގައި ނުބައިކޮށް އުޅުނު މީހުންނަށް!" ބައްޕަ އާއި ދިމާއަށް މާމަ ބުނެ އެވެ.
އެއްދުވަހެއްގެ މެންދުރު ވަގުތެވެ. އަހަރެންގެ ދައްތަ ގޭތެރެއަށް ވަދެފައި ހަޅޭއްލަވަންފެށި އަޑު އިވުނެވެ. އަދި އިރުކޮޅަކުން އޯކަށްދެމެމުން ބަދިގެ ފަރާތަށް ނުކުތެވެ.
"ދުވާވަހުން ގޭތެރެއަށް ވަންނަންވެސް ނުކެރޭ! މިހާރު ކަލޭގެ އުނދަގުލާހުރެ މިގޭގައި އުޅެވޭކަށް ވެސް ނެތެއްނު! އަދިވެސް މަރުވާކަށް ނުވޭތަ؟" ބައްޕަ އޮތް ކޮޓަރީގެ ކުޑަދޮރު ކައިރީގައި ހުރެގެން ދައްތަ އެއްޗެހި ކިޔަމުން ގެންދިޔަ އެވެ.
އެދުވަހު ބައްޕައަށް އޮތީ ބޮޑުކަމުދެވިފައެވެ.

"އެމީހާގަނޑު މިގޭގައި އުޅެންޏާ މަށެއް ނޫޅެން މިގޭގައި އުޅޭކަށް" ދައްތަ ބުންޏެވެ. ދައްތަ ގެއިން ނުކުމެގެން ދާން އުޅެންފެށުމުން މާމަ އޭނާ ހުއްޓުވިއެވެ.
"މިއީ މާމަގެ ގެ... ދަރިފުޅު ނުޖެހޭނެ މިގެއިން ނުކުންނާކަށް." މާމަ ބުންޏެވެ.
މާމަ ބޭނުންވީ ބައްޕަ އަހަރެމެންގެ ގެއިން ނެރޭށެވެ. އެކަމަކު ގެއިން ނެރެފިނަމަ ބައްޕަ ދާނީ ކޮންތަނަކަށް ހެއްޔެވެ؟ އެއީ އަޅާލާނެ މީހަކުނެތް ނުކުޅެދޭ ބީރައްޓެއްސެކެވެ.
އެދުވަހު މަންމަގެ ވިސްނުން މާމަ އާއި ތަފާތުވިއެވެ. ބައްޕަ ގެއިން ނެރެފިނަމަ ރަށުމީހުން މަންމަމެންނާ ދިމާއަށް ކިޔާނެ އެއްޗެހި މަންމަ އަށް ވިސްނުނެވެ. އަދި މަންމަގެ ލަފާގެ މަތިން ގެޔާއި ދުރުގައި ބައްޕަ ބާއްވަން ކުޑަގެޔެއް އަޅަން ނިންމި އެވެ.
 
ޖެހިގެންއައި ދުވަހު ބަދިގޭގެ ހުޅަނގުފަރާތުގައި ދަނޑިފަނުން ކުޑަގެޔެއް އެޅުމުގެ މަސައްކަތް މަންމަގެ ރައްޓެހި ދެފިރިހެނުން ކުރަންފެށި އެވެ. ހަފުތާއެއްގެ ތެރޭގައި އެމީހުން އެމަސައްކަތް ނިންމާލިއެވެ. އަދި ބައްޕަ އެގެޔަށް ބަދަލުކުރިއެވެ. އެގޭގެ ދިގުމިނަކީ އާދައިގެ ރޯނުފުރި އެނދެއްގެ ދިނގުމިނެވެ. ފުޅާމިނަކީ އެއެނދުގެ ފުޅާމިނުގެ އިތުރުން ބައްޕަގެ ފުރޮޅުލީ ގޮނޑި ބެހެއްޓޭ ވަރުގެ ފުޅާމިނެވެ. ބައްޕަގެ ހުރިހާ އެއްޗެއްސެއް އެގެގަނޑު ތެރެއަށް ވެއްދި އެވެ. ކުރިން ބައްޕަ އޮތް ކޮޓަރިތެރެ ވަރަށް ރީތިކޮށް މަންމަ ސާފު ކުރިއެވެ. އެދުވަހުގެ ފަހުން ބައްޕަގެ އެއްވެސް އެއްޗެއް، އަދި ބައްޕަ އާއި ގުޅުންހުރި އެއްޗެއް ވެސް އަހަރެމެން އުޅޭ ގެއަކު މަންމައެއް ނުބެހެއްޓިއެވެ.

(ނުނިމޭ....)

މި ލިޔުން:

 ފޮނުވުން:    އަލްފާޟިލާ މަރިޔަމް ސަނާ (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
 އަލުންބެލުން: 
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
 ޝާއިޢުކުރުން:   "            "

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ