އަދުގެ ޚާއްސަ

Print

ވޭނީ އަސަރު (2)

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ ވާހަކަ


މަރިޔަމް ސަނާ                                             06 ޖެނުވަރީ (ބުރާސްފަތި)އާ ގުޅޭ....

..... ބައްޕަ އޮތް ކޮޓަރިތެރެ ވަރަށް ރީތިކޮށް މަންމަ ސާފު ކުރިއެވެ. އެދުވަހުގެ ފަހުން ބައްޕަގެ އެއްވެސް އެއްޗެއް، އަދި ބައްޕަ އާއި ގުޅުންހުރި އެއްޗެއް ވެސް އަހަރެމެން އުޅޭ ގެއަކު މަންމައެއް ނުބެހެއްޓިއެވެ.
 
ބައްޕަ އޮންނަ ގެގަނޑު ތެރެއަށް ވަނުން  އަހަރެމެންނަށް ވަނީ މަނާ ކޮއްފަަ އެވެ. އެހެންނަމަވެސް ބައްޕަ އޮތް ހާލު ދެކެލަން އަހަރެން ވަރަށް ދާހިތްވެ އެވެ. އެކަމަކު ދާކަށް ނުކެރެ އެވެ. މަންމަދެކެ ބިރުންނެވެ. އެއްދުވަހަކު ކޮއްކޮ އެތަނަށް ދިޔަކަން އެނގިގެން މަންމަ އޭނާގެ ކަންފަތުގައި ހިފިތަން އަހަރެން ދުށީމެވެ. ބަދިގެ ފުރަގަހުގައި އޮންނަ ހުސްތަނުގައި ކުޅެން އުޅެފައި ބައެއްފަހަރު އަހަރެން އެގެގަނޑު ކައިރިއަށް ދަމެވެ. ނަމަވެސް އަހަންނަކަށް ބައްޕައެއް ނުފެނެއެވެ. ގޭބިތުގައި ޖަހާފައި ހުންނަ ފަންގަނޑުގައި ކަންފަތް ޖައްސައިގެން އަހަރެން ހުންނަމެވެ. ބައެއް ދުވަސް ދުވަހު ބައްޕަ ގިސްލާ އަޑު އިވޭނެ އެވެ. އަނެއްބައި ދުވަސް ދުވަހު އެއްވެސް އަޑެއް ނީވޭނެ އެވެ. ބައްޕަ އެ ގެގަނޑަށް ބަދަލު ކުރިފަހުން ބައްޕަގެ ހިޔަނި ފެންނަ ހިސާބަށް ވެސް މަންމައެއް ނުދެ އެވެ. ބައްޕައަށް ކާން ގެންގޮސްދެނީ ވެސް މާމަ އެވެ.

"މަރުނުވެ ދުނިޔޭގައި އޮންނަންޏާ ކޮންމެވެސް އެކަކު މިކަންވެސް ކުރަން ޖެހޭނެ އެއްނު!" ބައްޕަ އަށް ކާން ގެންގޮސްދޭން ޖެހޭތީ ބޮޑުކަމަކަށް ވެގެން މާމަ ބުންޏެވެ.
 
މާމަ އެހެން ބުނި އަޑު ބައްޕަ އަށް އިވޭނެކަން އަހަންނަށް ޔަގީނެވެ. މާމަމެން އެކަހަލަ ވާހަދައްކާ އަޑު އިވުމުން ބައްޕަގެ ހިތަށް ކިހާ އަސަރެއް ކުރާނެ ހެއްޔެވެ؟ ކިޔަން ބޭނުންވާ އެއްޗެހި ބައްޕައަށް އަޑުނީވޭ ހަމައިގައި ކިޔާނަމަވެސް...

ޢީދު ދުވަހެކެވެ. އަހަރެން ރައްޓެހި ކުދިންތަކަކާއެކު މަގުމަތީގައި ކުޅެން އުޅެފައި ފެންބޮވައިގަތުމުން ދުވެފައި ގެޔަށް އައިއިރު ގޭގައި އެކަކުވެސް ނޫޅެއެވެ. ބަދިގެޔަށްވަދެ ބަނޑިޔަލުން ފެންތަށްޓެއް ނަގައިގެން ބޯލުމަށްފަހު އަނެއްކާވެސް ބޭރަށް ދާން ނުކުންނަން އުޅެނިކޮށް އަހަންނަށް ބައްޕަގެ އަޑު އިވުނެވެ. އަހަރެން އަވަސް އަވަހަށް ބައްޕަ އޮތް ގެޔާ ދިމާއަށް ދިޔައީމެވެ. އެއީ ބައްޕަ އެގެޔަށް ބަދަލު ކުރިފަހުން އަހަންނަށް ބައްޕަގެ މޫނު ފެނުނު ފުރަތަމަ ފަހަރެވެ. ބައްޕަގެ ހަށިގަނޑު ވަނީ ހިކި އަނަރޫފަވެފައެވެ. އަބަދު ރޮއެހިތާމަ ކުރުމުގެ ސަބަބުން އެދެލޯވަނީ ފާރުވެފަ އެވެ.

"ކިހިނެއް ހަދާ ދޭންވީ ބައްޕާ؟" އަހަރެން އެހީމެވެ. ނަމަވެސް ބައްޕަ އަނގަޔަކުން ނުބުންޏެވެ.
ބައްޕަ އޮތް އެނދުގެ އެއްފަރާތެއްގައި ހުރި ލަކުޑި ގޮނޑިއެއްގެ މަތީގައި ހެނދުނު މާމަ ގެނެސްދިން ބަތްތަށި ހުއްޓެވެ. އެބަތްތަށީގެ މުޅަވަސް މުޅިތަނަށް ވަނީ ފެތުރިފައެވެ.
"ބައްޕަ އަށް ކާން ގެނެސް ދޭންވީތަ؟ މިއަދު މެންދުރު ކެއްކި ބަތް ގެނެސްދޭންތަ؟" އަހަރެން އެހީމެވެ.

ނޫނެކޭ ބުނުމުގެ ގޮތުން ބައްޕަ ބޯހޫރާލިއެވެ.

"ބައްޕަ ދެކެ ލޯބިވޭތަ؟"  އަހަންނާ ދިމާއަށް އަތްދިއްކޮށްލަމުން ބައްޕަ ބުންޏެވެ. އަހަރެން އެއަތުގައި ހިފުމަށްފަހު "އާނއެކޭ" ބުނީމެވެ. އެވަގުތު ބައްޕައަށް ގިސްލެވެން ފެށުނެވެ.
"އެކަކުވެސް ބައްޕަދެކެ ލޯތްބެއްނުވޭ! މިހާލުގައި، މިތަނުގައި އޮތުމަށްވުރެ އަމިއްލައަށް މަރުވުން ވެސް މާރަނގަޅުވާނެ" ބައްޕަ އެހެން ބުނުމުން އަހަންނަކަށް ދޭނެ ޖަވާބެއް ނޭނގުނެވެ.
އިތުރަށް ބައްޕަ ގާތުގައި ދައްކާނެ ވާހައެއް އަހަރެންގެ ޅަސިކުނޑިއަކަށް ނުވިސްނުނެވެ. މަންމަ އަންނަންވާއިރަށް އަހަރެން އަވަހަށް އެތަނުން ނުކުތީމެވެ. އޭރުވެސް ބައްޕަ ރޮނީ އެވެ. ބައްޕަ ގާތުގައި ހުންނަން ކިތަންމެ ބޭނުން ނަމަވެސް މަންމަދެކެ ގަންނަބިރެއްގެ ސަބަބުން އަހަންނަށް ޖެހުނީ އެތަނުން ދާށެވެ.

އޭގެ އެގާރަ ދުވަސްފަހެވެ. އެއްރެއަކު ނިދާފައި އޮވެފައި އަހަންނަށް ހޭލެވުނީ ކުޑަކަމުދާން ޖެހިގެންނެވެ. އަހަރެމެންގޭ ގިފިއްޔަކީ ބޮޑު، ގަސްގިނަ ގިފިއްޔެކެވެ. ރޭގަނޑަށް ގިފިލިތެރޭގައި އެއްވެސް އަލިކަމެއް ނުހުންނާނެއެވެ. އިރުއޮއްސުމައްފަހު ގިފިއްޔަށް ދާންޖެހިއްޖެ ނަމަ އަހަރެމެން ދަނީ މަންމަ ނުވަތަ މާމަ އައި އެކުގަ އެވެ. އަހަންނާއި މާމަ އާއި އެންމެ ކުޑަ ކޮއްކޮ އާއި ނިދަނީ އެއްކޮޓަރި އެއްގައެވެ. އަހަންނަށް ހޭލެވުނު އިރު މުޅި ކޮޓަރިތެރެއަށް ވެރިވެފައިވަނީ ފުޅިބައްތީގެ ފަނޑު އަލިކަމެވެ. އެންމެ ފުރަތަމަ ވެސް ބަލާލެވުނީ މާމަގެ އެނދާ ދިމާއަށެވެ. އެއެނދުގައި އެއްވެސް މީހަކު ނެތެވެ. މާމަ ވާނީ ގިފިއްޔަށް ގޮސްކަމަށްހީކޮށް އަހަރެން ވެސް އެނދުން ތެދުވެގެން މަޑުމަޑުން ކޮޓަރިން ބޭރަށް ނުކުތީމެވެ. ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. ބޭރަށް ނުކުމެވެންހުރި ދަމާދޮރު ހުރީ ކުޑަކޮށް ހުޅުވާފަ އެވެ. މާމަވީ ގިފިލީގައިކަން އަހަންނަށް ޔަގީންވި އެވެ. އެހެންވެ އެއްވެސް ބިރެއްނެތި ގެއިން ބޭރަށް ނުކުތީމެވެ. ގިފިލި ކައިރިއަށްދިޔައިރު ގިފިލީގެ ދޮރުހުރީ ހުޅުވާފަ އެވެ. އެތެރެއިން އެއްވެސް އަލިކަމެއް ފެންނާކަށްނެތެވެ. މާމަ އުޅޭނަމަ ފުޅިބައްތީގެ އަލިކަން ފެންނަން ހުންނާނެ އެވެ. އަދި ވަޅުން ފެންނަގާ އަޑުވެސް އިވުނީހެވެ. އެކަނި ގިފިލިތެރެއަށް ވަންނަން ނުކެރިގެން އެނބުރި ގެޔާދިމާއަށް އަންނަން ހިނގައިގަތް ވަގުތު ވަރަށް ބާރަށް މީހަކު ހަޅޭއްލަވައިގަތް އަޑު އިވުނެވެ. އެއަޑަށް އަހަރެން ދިޔައީ ސިއްސައިގެންނެވެ. އެއީ ބައްޕަގެ އަޑުކަން އަހަންނަށް އެނގުނެވެ. އަދި ބޭއިޚުތިޔާރުގައި ބައްޕަ އޮންނަ ގެއާއި ދިމާއަށް ބަލާލެވުނެވެ. ބިރުންހުރެ އެދިމާއަށްދާން ހިނގައިގަތީމެވެ. ގޭގެ ދެކުނުފަރާތު ބިތްގަނޑު ކައިރީގައި މަޑުކޮށްލިއިރު ބައްޕަގެ ކުކުރުމުގެ އަޑު ކޮންމެވެސް ވަރަކަށް އިވެއެވެ. އެވަގުތު ދެން އިވުނީ މަންމަގެ އަޑެވެ.

"އަވަސްކުރޭ!" ވައި އަޑަކުން މަންމަ ބުންޏެވެ.

އަހަރެން މަޑުމަޑުން ދޮރުކައިރިއަށް ގޮސް އެތެރެ ބަލާލީމެވެ. ފެނުނު މަންޒަރުން ހީވީ މެޔަށް ފެން އެއްޗެއް އަޅާލިހެންނެވެ. ބޭއިޚުތިޔާރުގައި ހަޅޭއްލަވައި ގަނެވުނެވެ. އަހަރެން ހަޅޭއްލަވައިގަތީ ވަރަށް ބާރަށެވެ. ނަމަވެސް ހައިރާންވާން ޖެހުނުކަމަކީ އަހަރެންގެ ހަޅޭކުގެ އަޑު އެއްވެސް މީހަކަށް ނީވުނީތީ އެވެ. ޚުދު އަހަންނަށްވެސް އަހަރެންގެ އަޑެއް ނީވުނެވެ. ދެވަނަ ފަހަރަށް ވެސް ހަޅޭއްލަވައިގަތީމެވެ. އެކަމަކު އަޑެއް ނުނިކުތެވެ. ކަނާއަތުން ލަގޮނޑިވަޅުގައި އަތްލީމެވެ. އަދި އަޑު ނުކުމޭތޯ މަސައްކަތް ކުރީމެވެ. އެވަގުތު އެތަނުން ފިރިހެނެއްގެ އަޑުވެސް އިވުނެވެ. ނަމަވެސް ގަންފައިވާ ބިރެއްގެ ސަބަބުން އެއީ ކާކުގެ އަޑެއްކަމެއް ދެނެގަންނާކަށް ނޭނގުނެވެ. އިރުކޮޅެއްފަހުން ދެން އިވުނީ މަންމަމެން ނުކުންނަން އުޅޭ އަޑުވެ.

"މިކަންވެސް މިނިމުނީ އެއްނު... ހިނގާދާން!" މާމަ ބުންޏެވެ.

މާމަ އެހެން ބުނުމުން އަހަރެން ވަރަށް ބާރަށް ދުވެފައި ގޮސް ގޭތެރެއަށް ވަނީމެވެ. އަދި މާމަ އަންނަންވާއިރަށް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯތީމެވެ. އަހަރެން އޮތީ ބިރުން ތުރުތުރު އަޅާހާލުގަ އެވެ. ހިތް ހީވަނީ މޭތެރޭގައިވާ ކަށިތަށް ފަޅާލާފައި ބޭރަށް ނިކުންނަން އުޅޭ ހެންނެވެ. އެހާވެސް ބޮޑަށް ހިތުގެ ވިންދު ވަނީ އަވަސް ވެފައެވެ. ލޯމަރާލުމުން ފެންނަނީ ބައްޕައެވެ. ބައްޕަ އިން ގޮތެވެ. ލޯހުޅުވާލެވުމާއެކު މަސައްކަތް ކުރެވެނީ ވާހަކަ ދެއްކޭތޯ އެވެ. އަހަންނަށް ވާހަކަ ދެއްކެ އެވެ. ބުނަންބޭނުން ކޮންމެ އެއްޗެއް ބުނަން ދޫހަރަކާތް ކުރެއެވެ. މީހުން ދައްކާ ވާހަކަ އަޑު އިވެ އެވެ. ހަމައެކަނި އަރުތެރެއިން އަޑު ނުނިކުންނަނީއެވެ. މާތްކަލާކޯ އެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަދާނެ ގޮތް ހުސްވެގެން އަހަންނަށް ރޮވުނެވެ. އެ ވަގުތު މާމަ އައިސް ކޮޓަރިއަށް ވަނެވެ. އަހަރެން އޮތީ މާމައަށް މޫނު ނުފެންނާނެ ގޮތަށް އެނދުގެ ބިތްދޮށަށް އެނބުރިގެންނެވެ. ހިތަށްވެރިވެފައިވާ ބިރުވެރިކަމުގެ ސަބަބުން ނުނިދިފައި އެތައްއިރަކު އޮތީމެވެ. އަހަންނަށް ނިދުނީ ފަތިސްވީފަހުންނެވެ. ހެނދުނު ހޭލެވުނީ ގޭތެރޭގައި އަޑުގަދަ ކަމުންނެވެ. ރަނގަޅަށް ލޯހުޅުވާލުމަށްފަހު ބޭރުންއިވޭ އަޑުތަކަށް ސަމާލުކަންދީގެން ކުޑައިރުކޮޅަކު އެނދުގައި އޮތީމެވެ. އެންމެން އެއްފަހަރާ ވާހަކަ ދައްކާތީ މާރަނގަޅަށް ކިޔާނުކިޔާއެއް އޮޅުމެއްނުފިލިއެވެ. އަވަސްއަވަހަށް ތެދުވެގެން ބޭރަށް ނިކުތްއިރު އަވައްޓެރިންނާއި މަންމަގެ ތިމާގެ މީހުންތައް އައިސްވަނީ ގޭތެރެ ފުރާލާފަ އެވެ. އާއިލާގެ އެންމެން ގިސްލާ ރޮނީއެވެ. މަންމަ އާއި މާމަ ވެސް އެވެ.

ބައްޕަގެ މަރުގެ މައްސަލަ ތަހުގީގުކުރަން އަތޮޅުއޮފީހުގެ ހަތަރުމީހުން އަހަރެމެންގެ ރަށަށްއަ އެވެ. އެންމެންވެސް އިނގިލި ދިމާކުރީ އަހަރެމެންގެ އާއިލާއަށެވެ. ބައްޕައަކީ އުނަގަނޑުން ތިރީގައި ވާގިނެތް ނުކުޅެދޭ މީހެކެވެ. މީހެއްގެ އެހީތެރިކަމާނުލާ އޮންނަތަނުން ނުވެސް ތެދުވެވޭނެ އެވެ. އެކަމަކު އެންމެންނަށް ވެސް ފެނުނީ ފުރޮޅުލީގޮނޑީގައި ބައްޕަ ދަންޖެހި މަރުވެފައި އިން މަންޒަރެވެ.

އެނދުގައި އޮތް ބައްޕަ އެގޮނޑިއަށްލީ ކާކު ހެއްޔެވެ؟ ބައްޕަ އެގޮތަށް އެތަނުގައި އޮންނާތީ އެކަމުގެ ސަބަބުން އުދަގޫވާނެ ހަމައެކަނި ބަޔަކީ އަހަރެމެންގޭ މީހުންނެވެ. މަންމަމެން ބައްޕަ އާއި ދިމާއަށް ކިޔާއެއްޗެހި އަހަރެމެންގެ އަވަށްޓެރިންނަށްވަނީ އެތަކެއް ފަހަރަކު އަޑުއިވިފަ އެވެ. އެހެންކަމުން އެންމެންވެސް ޝައްކުކުރީ މަންމަމެން ނަށެވެ. އެކަމަކު މައްސަލަ ނިމުނީ އިންސާފުވެރި ގޮތަކަށް ނޫނެވެ. ކުށްކުރި މީހުން ދުރުގައިތިބީ އެވެ. އެއްވެސް އަދަބެއް ނުލިބެއެވެ. ކުށްކުރިކަން ސާބިތެއްވެސް ނުވިއެވެ. ހަޤީގަތުގައި ސާބިތުނުވީކީ ނޫނެވެ. ސާބިތުވާކަމަށް ނުހެދީ އެވެ.
 
ބައްޕަ އެހާލުގައި އެކަނި ދުނިޔޭގައި އޮންނަން ބޭނުންނުވާތީ އަމިއްލައަށް ދަންޖެހި މަރުވީކަމަށް މައްސަލަ ތަހުޤީގުކުރި މީހުން ނިންމި އެވެ. ނަމަވެސް ބުއްދިސަލާމަތުންހުރި އެއްވެސް މީހަކަށް އެކަން ގަބޫލުކުރެވޭނެ ހެއްޔެވެ؟ އެކަނި ނުތެދުވެވޭ މީހަކު ގޮނޑިއެއްގައި އިށީނދެ އިނދެގެން ދަންޖެހޭނީ ކިހިނެއް ހެއްޔެވެ؟ ބައްޕަ ދަންޖެހެން ބޭނުންކޮށްފައިވަނީ އެނދުގައި އަޅާފައި އޮތް ފޮތިގަނޑެވެ. އެފޮތިގަނޑުގެ އެއްކޮޅު އައްސާފައިހުރީ ފަނުން ހަދާފައިވާ ފުރާޅު ހިފެހެއްޓުމަށްޓަކައި ދަނޑިން ހަދާފައިވާ ގިއުގަނޑުގެ ތެރެއިން ފަލަދަނޑިއެއްގަ އެވެ. އެކަންވެސްކުރީ ބައްޕަ އަމިއްލައަށް ހެއްޔެވެ؟

އެދުވަސްވަރު ރަށުއޮފީސް ހިންގުމާއި ހަވާލުވެގެންހުރީ މަންމަގެ ރައްޓެއްސެކެވެ. ރައްޓެއްސެކޭ ބުނުމަށްވުރެ ރަނގަޅުވާނީ ބައްޕަ ބަލިވީފަހުން މަންމަ އާއި ލޯބީގެ ގޮތުން ގުޅިގެންއުޅޭ މީހާއޭ ބުނުމެވެ. ނަމަކީ ޒާހިދު އެވެ. ބައްޕަގެ މަރުގެ މައްސަލާގައި ޒާހިދުގެ އަތެއް ވާނޭކަން އަހަންނަށް ޔަގީނެވެ. އެރޭ އެތަނުން އަހަންނަށް އިވުނު ފިރިހެން އަޑަކީ ޒާހިދުގެ އަޑު ނޫންކަމެއްވެސް ނޭނގެ އެވެ.
 
އެއީ ބާރުހުރި ނުފޫޒުގަދަ މީހުން ބޭނުންވާގޮތަށް މައްސަލަތައް ނިންމި ޒަމާނެވެ. އެކަންކަމާމެދު ރައްޔިތުން ހިތްހަމަ ނުޖެހި އަޑުގަދަކޮށް ހަދާ މަންޒަރެއް ނުފެނެއެވެ. ޒާހިދު ވެރިއަކަށްހުރެ ނިންމި ކަމެއްގައި މަންމަމެން ކުށްވެރިވާގޮތަކަށް ނުނިންމާނެ އެވެ.

އަހަންނަށް އެހާދިސާ ހަމަލޮލަށް ފެނުނެވެ. ބައްޕަ ދަންޖެއްސީ މަންމަ އާއި މާމައެވެ. އެކަމަކު އެހެން މީހަކު ގާތުގައި އަހަރެން އެވާހަކަ ބުނާނީ ކިހިނެއް ހެއްޔެވެ؟ އެރޭގެ ފަހުން އަހަންނަކީ ވާހަކަ ނުދެއްކޭ މީހެކެވެ. އެންމެންވެސް ހީކުރީ ބައްޕަ މަރުވުމުން އަހަންނަށްކުރި ފުންއަސަރެއްގެ ސަބަބުން އަހަންނަށް ވާހަކަ ނުދެއްކެނީ ކަމަށެވެ. ހަޤީގަތް އެނގޭނީ ހެއްދެވި ފަރާތަށް އެކަންޏެވެ. އަހަންނަށް ވާހަކަ ނުދެއްކެންފެށީ ބައްޕަ މަރުވުމުންނެއް ނޫނެވެ. ބައްޕަ މަރާލި އިހާނެތިގޮތް އަހަރެންގެ ލޮލަށް ފެނި، އެކަންކުރީ ކޮންބައެއްކަން އެނގުމުންނެވެ. އެއީ އަހަރެންގެ މުޅިހަޔާތުގައި ވެސް އެންމެ ބިރުގަތް ރެއެވެ. އަހަންނަށް ވާހަކަ ނުދެއްކޭގޮތް މެދުވެރިވުން އެއީ މަންމަ މެންގެ ނަސީބު ކަންނޭގެ އެވެ. އެހެން ނޫންނަމަ އެމީހުން ކުރި ކުށުގެ އަދަބު އެމީހުންނަށް ލިބުނީހެވެ. ކަންހިނގިގޮތް ކިޔާނުދީ އަހަންނަކަށް ނުހުރެވުނީހެވެ.

އަހަންނަށް ލިޔަން ކިޔަން އެނގެ އެވެ. ބުނަން ބޭނުން ކޮންމެ އެއްޗެއް ލިޔުމަކުން ބުނެދެވިދާނެއެވެ. ކަންހިނގިގޮތް އަލިފުން ޔާއަށް ކިޔާދެވިދާނެއެވެ. އަހަންނަކީ ކުޑަކުއްޖެއް ނަމަވެސް އަހަރެން ދައްކާ ވާހަކަ ގަބޫލު ކުރާނެ ބަޔަކު ތިބޭނެކަން އަހަންނަށް ކަށަވަރެވެ. އެކަމަކު އެއީ އަހަރެންގެ މަންމަ އެވެ. އަހަރެންގެ މާމަ އެވެ. އަހަރެން އެވާހަކަ ދައްކައިފިނަމަ އެމީހުންނަށް އެކަމުގެ އަދަބު ލިބޭނޭކަން އަހަންނަށް އެނގެ އެވެ.

އަހަރެންގެ ގައިގައި މަންމަ އަތްލިޔަސް، ނުވަތަ ލޯބިކޮށްލިޔަސް ގައިން ހީބިހި ނަގައިގަނެ އެވެ. "ތިޔައަނިޔާވެރި އަތުން އަތްނުލާށޭ" ބުނެފާނަމޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އެކަމަކު އެހެން ބުނާނީ ކިހިނެއް ހެއްޔެވެ؟ އެއީ އަހަރެންގެ ހަށިގަނޑުގައި އާރެއް ބާރެއް ނެތްދުވަހުން ފެށިގެން އަހަރެންބަލާ ބޮޑުކުރި މަންމަ އެވެ. މިހާރު އަހަރެން މަންމަދެކެ ލޯބިވެއޭ ބުނާހިތެއް ނުވެއެވެ. ނަމަވެސް ލޯތްބެއް ނުވެއޭ ބުނެފިނަމަ ވާނީ ދޮގެއް ހެދީކަމަށެވެ. ލޯބިނުވާނަމަ މަންމަކުރި ނުބައި އަމަލު ސިއްރުކުރާކަށް އަހަރެންގެ ހިތެއް ނޭދޭނެ އެވެ. އަހަރެން ކަންތައް މިކުރީ އެންމެ ރަނގަޅަށް ނޫންކަން އަހަންނަށް ގަބޫލުކުރެވެ އެވެ. ކުށްވެރިންނަށް އަދަބު ލިބެންޖެހޭނެއެވެ. އެކަމަކު އެއީ އަހަރެންގެ މަންމަ ނޫން ކަމަކަށް ނުވާނެ އެވެ. ކޮންމެވެސް ދުވަހަކުން މަންމަމެން ކުރި ކުށުގެ ސަޒާ މަންމަމެންނަށް ލިބޭނެ އެވެ.

ފިރިމީހާ މަރުވެ ހުވަފަތްވެފައިތިބޭ އަނބިންނާއި، ބައްޕަ މަރުވެ ޔަތީމްވެފައިވާ ދަރީންގެ އިހްސާސްތައް މަންމައަށް ނޭނގެނީ ހެއްޔެވެ؟ ބައްޕަ ލޯބިން މަހުރޫމްވުމުން އަހަރެމެންނަށް ކުރާނެ އަސަރު މަންމައަށް ނުވިސްނެނީ ހެއްޔެވެ؟ މަންމަ ކުރިކުށުގެ ނުބައިކަން އިހްސާސްކުރެވި، އަމިއްލައަށް އެކުށަށް އިއުތިރާފުވެ، ތަޢުބާ ވާނޭ ދުވަހެއް މަންމައަށް ދައްކަވާތޯ އަހަރެން ކޮންމެ ދުވަހަކު ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ.

ބައްޕަ މަރުވިފަހުން އަހަރުތަކެއް ފާއިތު ވެއްޖެ އެވެ. މަޑުމަޑުން އެންމެންގެ ހިތްތަކުން ބައްޕަގެ ހަނދާންތައް ފުހެވިއްޖެ އެވެ. ބައްޕަ މަރުވި ގޮތުގެ ވާހަކަ ދެއްކުން ހުއްޓިއްޖެ އެވެ. އެކަމަކު އަހަރެންގެ ހިތުން އެހަނދާންތައް ފުހެވޭނެ ހެއްޔެވެ؟ މަންމަގެ މޫނު ފެންނަ ކޮންމެފަހަރަކު، އަހަންނަކީ ވާހަކަ ނުދެއްކޭ މީހެއްކަން އިހުސާސް ކުރެވޭ ކޮންމެ ފަހަރަކު ބައްޕަމަތިން ހަނދާންވެ އެވެ. ބައްޕަ ދަންޖައްސާފައި އިންގޮތް ސިފަކުރެވޭ ކޮންމެފަހަރަހު ބިރުން ތުރުތުރުއަޅަ އެވެ. އެ ބިރުވެރި ހަނދާންތަކާއި، އެވޭނީ އަސަރުތައް ދުވަހަކުވެސް އަހަރެންގެ ހިތަކުން ނުފިލާނެއެވެ.

(ނިމުނީ)

މި ލިޔުން:

 ފޮނުވުން:    އަލްފާޟިލާ މަރިޔަމް ސަނާ (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
 އަލުންބެލުން: 
އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
 ޝާއިޢުކުރުން:   "            "

އިދާރާ

އެނގޭތަ؟

ވާހަކަ