Print

ކަރުނައިގެ މުތީ (1)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ


ތަރުޖަމާ ކުރީ: މުޙަންމަދު ޝާހިދު ޙަލީމު (2002)

    
ދެ ބައިކުޅަ އެއް ބަޔަށް ފަރުދާކޮށްފައި ވާ، ރީތި އަންހެން ކުދީންތަކުގެ އުޖާލާ ނިތްކުރިތަކާއި، ކަޅު ކުލައިގެ ފުއްލާ ލޯތައް ހުރީ ހާމައަށެވެ. މޫނުގެ އަނެއް ބައިގެ ފިނިފެންމާ ކުލަ، ނިޤާބުގެ ކުދިކުދި ގޮޅިތަކުގެ ތެރެއިން ވިދަވިދައި ހުއްޓެވެ. އަންހެނުންގެ މި ބާޒާރުގައި ދެ ބައިކުޅަ އެއް ބަޔަށް ވެސް ފަރުދާކުރުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. އެކަމަކު ޝެހެންޝާހު ނޫރުއްދީން ޖަހާންގީރް، އެމަނިކުފާނުގެ ރާޙަތެ ޖާން މަލިކާ ނޫރު ޖަހާންގެ އަރިހުގައި އެހެން އެ ވަޑައިގަތީ ހަމަ ދެންމެއެވެ. މިހާރު މިއީ ރަސްދަރިދަރިކަލުންގެ ބުރެވެ. އެ ޝެހެޒާދާއިންގެ ފާޑުވެރި ލޯފުޅުތައް ރީތި މޫނުތަކަށް ހުއްޓޭނެއެވެ. އެހެންކަމުން އާދަކާދައަށް ތަބާވުމުގެ ގޮތުން ދެ ބައިކުޅަ އެއް ބަޔަށް ފަރުދާކުރުން ލާޒިމުވަނީއެވެ. އެހެން ނޫނަސް، މީނާ ބާޒާރު ކަމަށް ވިޔަސް، ރަސްގެފާނުގެ ގަނޑުވަރު ކަމަށް ވިޔަސް، ރަސްގެފާނުގެ އަނބިއަނބިކަނބަލުންނާއި އަނބިއަނބިކަނބަލުންގެ ދަރިދަރިކަނބަލުންނާއި، ރަސްދަރިދަރިކަނބަލުން، ހޯޖާއިންނަށާއި، ރަސްދަރިދަރިކަލުންނަށް ފަރުދާކުރައްވަނީ ހަމަ އެކަނި ނަމަކަށެވެ.

ޝެހެޒާދާ ޝެހެރިޔާރަކީ އުޅުއްވުން ވިޔާނުދާ ބޭފުޅެކެވެ. އެމަނިކުފާނުގެ ލޯފުޅު، އިރު ފަދަ އަދި ހަނދު ފަދަ މޫނުތަކަށް ހުއްޓެމުން ދެއެވެ. ފަރިފަރި، ދޮންދޮން އަންހެން ކުދީންތައް، އެ ކުދީންގެ ޒުވާންކަމާއިގެން އެކި ކޮޅުކޮޅުމައްޗަށް ހިނގާ ބިނގާ ވަމުން ދެއެވެ. ޝެހެޒާދާ ޝެހެރިޔާރު ހިތްޕުޅާ ހިތްޕުޅުން ވިދާޅުވަމުން ގެންދަވައެވެ.

އެއް ކުއްޖަކީ ނަރުގިސްމަލެއް، ދެން ތޯ ހުރީ ފިނިފެންމަލެއް،
އެއް ކުއްޖަކީ އަލި އަލި އިރެއް، ދެން ތޯ ހުރީ ނަލަ ނަލަ ހަނދެއް

ފަރިފަރި ކުދިން އެކިބައިބަޔަށް އަދި ވަކި ވަކިން ހިނގަނީ ހެމުން
ތަރިތައް އުޑުން ހެން ފިޔަޖަހާ ނަލަކަން ޒުވާންކަން ދައްކަމުން

ޝެހެޒާދާ ޚުއްރަމަކީ އުޅުއްވުން ވިޔާނުދާ ބޭފުޅެއް ނޫނެވެ. އެކަމަކު ރީއްޗަށް ލޯބިކުރައްވާ ބޭފުޅެކެވެ. ރީތިކަން އެކުލެވިފައިވަނީ މަލެއްގައި ކަމަށް ވިޔަސް، ނުވަތަ މަލުގެ ހަށިގަނޑެއްގައި ކަމަށް ވިޔަސް، ޤުދުރަތުގެ އުފެއްދުންތެރިކަމަކުން އެމަނިކުފާނު، މޫނުފުޅު އަނބުރައެއް ނުލައްވައެވެ. މި ވަގުތު ވެސް އެމަނިކުފާނު ހުންނެވީ ރީތި ހަނދަކަށް ކަޅިފުޅު ހުއްޓަވައި ލައްވައިގެންނެވެ. އެ ހަނދު، ޝެހެޒާދާގެ ލޯފުޅުގެ ޚަބަރެއް ނެތި، މާ ވިއްކާ ފިހާރައިގައި ހުއްޓެވެ. މާ ވިއްކާ މީހާ ދެ ވައްތަރުގެ ހުވަނދުމަލުގެ މާފައްޗެއް ހިފައިގެން ހުރެ އެ ކުއްޖާ ގާތު ބުނަމުން ގެންދެއެވެ.

"މި މާފަތި ގެތީ އަޅުގަނޑުގެ ލޯ ފަން ދަރިފުޅު. އޭނާ އިރުއަރާ މަންޒަރެއް ދުވަހަކު ވެސް ނުދެކެ. މި ދުނިޔޭގަ ރީތީގެ މިންގަނޑަކީ ކޮބައިކަމެއް އޭނާ އަކަށް ނޭނގެ. އެކަމަކު މި މާފަތި ނިކަން ބައްލަވާލައްވަ ބައްލަވަ. މި މާފަތީގަ މާތައް ތަރުތީބު ކޮށްފަ ހުރި ގޮތް ނިކަން ދެކެ ވަޑައިގެން ބައްލަވަ. ހުވަނދުމަލުގެ ދެ ވައްތަރު ގުޅުވާލާފަ ހުރި ގޮތުން އެއް ވައްތަރު އަނެއް ވައްތަރުގެ ތެރެ އަށް ގެނބި، ހީވަނީ އެއް ވައްތަރެއްގެ މަލެއް ހެން. މީ ލޯ ފަން ކުއްޖެއްގެ ކުޅަދާނަކަން."

އެ ރީތި އަންހެން ކުއްޖާ މާފަތީގައި ދެ އަތުން ހިފައިފައި ތާރީފުގެ ބެލުމަކުން ބަލަމުން ބުންޏެވެ.

"މި މާފަތި ގެތީ ޙަޤީޤަތު ގައި ލޯ ފަން ކުއްޖެއް ކަމަށް ވަންޏާ މީ ޙައިރާން ވާ ފަދަ ކުޅަދާނަކަމެއް. މި މާފައްޗަށް ކި އަގެއް އަހަރެން ދޭނަން."

"ތިޔަކަށް ވަކި އަގެއް ނެތް. ތިޔަ މާފަތީގެ އަގެއް ނުކުރެވޭނެ. އެ ލޯ ފަން ކުއްޖާ ބުނީ، މި މާފަތި އަޅާ ކުއްޖަކު، ވަލީ ޢަހުދާ ގުޅިގެން ދާނެ ކަމަށް. އަދި އެ ކުއްޖަކަށް ކުރި އަށް އޮތް ތާނގަ ހިންދުސްތާނުގެ މަލިކާ އޭ ކިޔާނެ ކަމަށް."

އެ ރީތި އަންހެން ކުއްޖާގެ ދެ ލޯ ޙައިރާން ވެގެން ބޮޑު ވިއެވެ. މާފަތި އަތު ތެރޭގައި ތުރުތުރުއަޅާން ފެށްޓިއެވެ. ހިންދުސްތާނުގެ މަލިކާއަށް ވުމުގެ ހުވަފެން ނުދެކޭނީ ރީތި ކޮން އަންހެންކުއްޖެއް ހެއްޔެވެ. އެކަމަކު އެ ހުވަފެން މާފައްޗެއްގެ ސިފައިގައި ތަޢުބީރުވެގެން، ކުއްލިއަކަށް މި ވަނީ ކަރު ދޮށަށް އައިސްފައެވެ.

"ދަރިފުޅާ! ތިޔަ ވިސްނާ ވަޑައިގަންނަވަނީ ކޮން އެއްޗެއް ތޯ؟ ތިޔަ މާފަތި ކަރުފުޅު ގަ އަޅުއްވާ! އަދި އެ ލޯ ފަން ކުއްޖާގެ ވާހަކައިގެ އަޖުމަ ބައްލަވާލައްވާ!"

މި ހެން ބުނެފައި އޭނާ އެ ކުއްޖާގެ އަތުން މާފަތި އަތުލިއެވެ. އަދި އެ ކުއްޖާގެ ކަރުގައި އަޅުވައި ދޭން ފެށްޓިއެވެ. އެ މާފަތި އެ ކުއްޖާގެ މާނޭވާ ލަމުން ދާ މެއާ ހަމައިގައި ހުއްޓުނެވެ. ކަނދުރާ އާ ހަމައަކަށް ނުފޯރިއެވެ. އެހެނީ މޫނުގެ ދެ ބައިކުޅަ އެއް ބައި ފޮރުވައިފައި ވާ ނިޤާބު ކަނދުރާ އާއި މެއާ ހަމައަށް އާދެއެވެ. އެ ނިޤާބު އޭނާގެ އިހި ކަނދުރާގެ ރީތިކަން ފޮރުވައެވެ. މާ ވިއްކާ ކަނބުލޭގެ ބުންޏެވެ.

"ދަރިފުޅާ މި ތާނގަ ތިޔަ ފަރުދާ ކުރައްވަނީ ކާކަށް ތޯ؟ މި ތާނ މި ތިބީ ހުސް އަންހެނުން. ތިޔަ ނިޤާބު މޫނުފުޅުން ނަންގަވަ ބައްލަވަ! ލޯ ފަން ކުއްޖެއްގެ މާފައްޗާއި ހިންދުސްތާނުގެ ތާޖު ވަނީ ކަމަނާގެ އިންތިޒާރުގަ!"

އެ ރީތި ކުއްޖާ ހުއްޓުން އަރައިފައި ހުއްޓެވެ. އޭނާ ދުވަސްވީ މުސްކުޅީންގެ ވާހަކަތައް ހަނދާން ކުރަމުން ގެންދިޔައެވެ. އެ މީހުން ބުނެ އުޅެއެވެ. ލޯ ފަން މީހުންނަށް ދުވާލުގެ އިރެއް ނުފެނެއެވެ. އެކަމަކު އަންނަން އޮތް ވަގުތުގެ މޫނު ފެނެއެވެ. ވީ އިރު ހުވަނދުމަލާ އެކު އޭނާގެ ނަސީބު ގަތައިފައި ފޮނުވި މި ލޯ ފަން ކުއްޖާގެ ވާހަކަ ޔަޤީން ނުކުރާންވީ ކީއްވެގެން ހެއްޔެވެ؟

އޭނާ އިސްޖަހައިލައިގެން ހުށްޓެވެ. އެ މާފަތި އަޅާން ހިތްއެދެއެވެ. އެކަމަކު ލަދު އެ ކަމަށް ހުރަސްއަޅަނީއެވެ. ދެކޮޅު ހެދުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެއްބަސްވުމަކީ ވެވޭނޭ ކަމެއް ނޫނެވެ. މާ ވިއްކާ ކަނބުލޭގެއަށް އެ ކުއްޖާ ދެފުށުއެޅިފައި ހުރި ތަން ފެނިފައި، އޭނާގެ މޫނުން ނިޤާބު ނެގިއެވެ. މޫނުން ކަޅު ނިޤާބު ނެގިގެން ދިޔައީ ފަތިހުގެ މޫނުން ރޭގަނޑު ނެގިގެން ދިޔަ ހެންނެވެ. ޝެހެޒާދާ ޚުއްރަމު ހުންނެވީ މާ ޓުކުރިތަކުގެ ބިއްދޮށުން ބައްލަވާށެވެ. މާ ވިއްކާ ފިހާރައިގެ ތެރޭގައި ފިނިފެންމަލެއް ފަދަ މޫނު ފޮޅޭ ތަން ފެނިވަޑައިގަތުމުން އެމަނިކުފާނު ވަށައިގެން ވާ މުޅި ދުނިޔޭގެ މަތިން ހަނދުމަފުޅު ނެތުނެވެ. އެ ދަގަތްފާނީ ރީތިކަން، އެ ރީތިކަމާ ދިމާއަށް އެމަނިކުފާނު ދަމަމުން ގެންދިޔައެވެ. އެމަނިކުފާނަށް މާ ގިނަ އިރަކު ފިލާވަޑައިގެންނެއް ނުހުންނެވުނެވެ. އެ ކުއްޖާ، ކައިރިން ބޮޑަށް ކައިރިން ދެކެވަޑައިގަތުމަށް، އިޚުތިޔާރެއް ނެތި އެ ކުއްޖާގެ ކުރިމައްޗަށް ނުކުމެވަޑައިގަތެވެ.

އެހައި ތަނަށް ދިޔަ އިރު މާ ވިއްކާ ކަނބުލޭގެ އެ ކުއްޖާގެ ކަރުގައި މާފަތި އަޅުވައިފިއެވެ. އެ ކުއްޖާ އިސް ޖަހައިގެން ހުށްޓެވެ. އެ ކުއްޖާގެ ފިނިފެންމާ ކުލައިގެ ކޯތާފަތް ލަދުން ރަތްވަމުން ދެއެވެ. މީހެއްގެ ފިޔަވަޅުގެ އަޑު އިވުމުން އޭނާ އިސް އުފުލައިލިއެވެ. މޭގަނޑު އަނގައަށް އައި ކަހަލައެވެ. ދިމާ ކުރިމަތީގައި އަތް ފޯރާ ފަށުގައި ހުންނެވީ ޝެހެޒާދާ ޚުއްރަމެވެ. ހިނދުކޮޅެއް ވަންދެން ޔަޤީންކަމާއި ޔަޤީން ނޫންކަމުގެ ޙާލަތުގައި ހުށްޓެވެ. ހުޅުވިފައި ވާ ލޮލަށް ފެނުމުން ވެސް، މާފަތި ކަރުގައި އަޅާ އިރަށް، ލޯފަން ކުއްޖެއްގެ ބުނުން، ފިޔަވަޅު އަޅަމުން ހިނގައިފައި ވަލީޢަހުދުގެ ސޫރައިގައި ކުރިމައްޗަށް އަތުވެއްޖެކަން ޔަޤީނެއް ނުކުރެވެއެވެ.

ޝެހެޒާދާ ޚުއްރަމްގެ ޙާލުކޮޅަކީ، މި ޙަޤީޤީ ދުނިޔެއާ އެމަނިކުފާނުގެ ގުޅުން ވަނީ ކެނޑިފައެވެ. ރީތިކަމާއި ފުރިހަމަކަމުގެ ވަނާތަކުގެ ތެރެއަށް އެމަނިކުފާނު ދަނީ ގެނބި ވަޑައިގަންނަވަމުންނެވެ. އަޖާއިބެއް ފަދަ ޖާދުވީ ރީތިކަމެކެވެ. ދެ ލޮލުގައި ފުއްލާއެއް ފަދައިން ސިހުން ވެސް ހުށްޓެވެ. ސުވާލު ވެސް ހުށްޓެވެ. ކޯތާފަތުގައި ހުރީ ލަދުވެތިކަމުގެ ރަތް ކުލައެވެ. ތުންފަތުގައި ލުއިލުއި ތުރުތުރުއެޅުމެކެވެ. ނިތްކުރިން ދަލުގެ ވިދަވިދައި ހުރި މުތީތައް ވިހުރުވެނީއެވެ. އެ ދޮންދޮން ހަށިގަނޑުގެ ދިގު އިސްކޮޅު ހީވަނީ ބިންމަތީގައި ހުރެގެން ހަނދުގައި ބީހޭ ހެންނެވެ. ޝެހެޒާދާ ޚުއްރަމް ނޭވާފުޅު ލައްވަމުން ތާޖުގެ ފުރަތަމަ ހުވަފެންފުޅު ދެކެވަޑައިގަންނަވަމުން ގެންދެވިއެވެ.

ދެން އެ ހުވަފެންފުޅު ފުނޑުފުނޑުވެއްޖެއެވެ. އެ ރީތި އަންހެން ކުއްޖާއަށް، އޭނާގެ ހުވަފެންތަކުގެ ތަޢުބީރުގެ ކުރިމަތީގައި ހުރެވުނުކަން އެނގުނެވެ. އޭނާ އަވަހަށް އެނބުރިލަމުން، ނިޤާބުން މޫނު ފޮރުވިއެވެ. ދެން މުޅިން ފިލުމަށް މާތަކުގެ ފަހަތަށް ވަނެވެ. އެ ތަނުން އަތަރު ވިއްކާ ފިހާރައިގެ ނިވަލުން، މީރުވަހުން ހުވަނދުވަމުން، އަމިއްލަ ވުޖޫދުގެ މީރުވަސް ދުއްވަމުން، ހިސާބަކަށް ތުރުތުރުއަޅަމުން، ހިސާބަކަށް އަރިއަޅަމުން، ލޯ މަތިން ގެއްލުނެވެ.

އެ ރީތި ހަނދަކީ ޝާހް އަރްޖަމަންދު ބާނޫއެވެ. ނަވާބު އާޞިފު ޚާންގެ ދަރިކަނބަލުންނެވެ. މަލިކާ ނޫރު ޖަހާންގެ ބޮޑުދައިތަކޮއްކޯފުޅެވެ. ޝާހް ބާނޫ ހަމަ ވަޑައިގަތުމާ އެކު، މާ ވިއްކާ ކަނބުލޭގެ އަދަބުވެރިކަމާ އެކު ދެންނެވިއެވެ.

"މާތް ޝެހެޒާދާ! މަނިކުފާނުގެ އަމުރުފުޅާ އެއް ގޮތަށް ޝާހް ބާނޫގެ ނިޤާބު ނެގުމަކީ ވެވޭނެ ކަމެއް ނޫން. އެކަމަކު މި އަޅު އެ އަމުރުފުޅު ފުރިހަމަ ކުރުމަށް ނުފުރޮޅާ އެންމެ ގާ ކޮޅެއް ވެސް ނުބާއްވަން. އަޅުގަނޑު ޚިޔާލީ ވާހަކަ އެއް ދަންނަވައި ދިނިން. ހިންދުސްތާނުގެ މަލިކާގެ ހުވަފެން ދެއްކިން. މި ގޮތުން އެ ކަމަނާގެ މޫނުފުޅު ހާމަ ކުރިން. އެކަމަކު އަޅުގަނޑު ޝާހް ބާނޫ ދުށީ އަންހެނެއްގެ ލޮލުން. އެ ކަމަނާގެ ލޯފުޅުގައި ހިންދުސްތާނުގެ މަލިކާއަށް ވެ ވަޑައިގަތުމުގެ ހުވަފެންފުޅު ވަނީ ނަމަކަށް. އެކަމަކު މަނިކުފާނާ ގުޅިވަޑައިގަތުމުގެ ލަދުފުޅު އިސްތަށިފުޅު އުފުއްލަވައިލެއްވިޔަކަ ނުދިން. ތުންފަތްޕުޅުގައި ވާ ލަދުވެތި ހިނިތުންވެ ވަޑައިގަތުން، އެކަމަނާ މަނިކުފާނު ދެކެ ވެވަޑައިގަންނަވާ ލޯބިފުޅު ހާމަކޮށްދޭ."

ޝެހެޒާދާ ޚުއްރަމްގެ މޫނުފުޅު އުފާފުޅުން ފޮޅެމުން ދިޔައެވެ. އެމަނިކުފާނު މާވިއްކާ ކަނބުލޭގެގެ ޚިދްމަތާ މެދު އުފާފުޅުކުރައްވައި، ކަރުފުޅުގައި އޮތް މުތީގެ ހާރެއް ބާލުއްވައި، އެ ކަނބުލޭގެ އަތަށް ލައްވަމުން ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ އެ ޚިޔާލީ ލޯ ފަން ކުއްޖާގެ ބުނުން ތެދުވާނެ. އަހަރެން އެ ކަމަނާ ހަދާނީ ހަމަ އެކަނި ހިންދުސްތާނުގެ މަލިކާ އަކަށް ނޫން. އަހަރެންގެ ހިތުގެ މަލިކާއަށް ވެސް ހަދާނަން."

މާ ވިއްކާ ކަނބުލޭގެ، އިނާމު ލިބުމުން އަދަބުވެރިވުމުގެ ގޮތުން ގުދުވެލަމުން އެއް ފަރާތަށް އެރިއެވެ. ޝެހެޒާދާ އެ ރީތިކަމުގެ ތަޞައްވުރަށް ގެއްލިވަޑައިގެން ހުންނަވައިގެން މާ ވިއްކާ ފިހާރައިން ބޭރަށް ނުކުމެވަޑައިގަތެވެ. ބޭރުގައި އޮތީ ރީތި އަންހެން ކުދީންގެ އީދެވެ. މި މީނާ ބާޒާރުގައި ހުރިހައި ސަރަހައްދަކާއި ހުރިހައި ސަހަރުތަކުގެ މޮޅެތި އަންހެން ކުދީންތައް އުޅެއެވެ. އެއް މޫނަށް ވުރެން ހިނިތުންވެފައި ވާ، ވިދުން ހުރި އަނެއް މޫނެވެ. ކަރުހިއްކައިގެންފައި ވާ ލޯތަކަށް އެ މޫނުތައް ވަދެއެވެ. އަދި ހިތަށް ވެރިވެއެވެ. އެކަމަކު އެ ފަދަ ފުރިހަމަ މޫނަކަށް ވެސް ޝެހެޒާދާގެ ސަމާލުކަމެއް ނާތުލެވުނެވެ. އެ ވަގުތު އެ މަނިކުފާނުގެ ކުރިފުޅު މައްޗަށް އަންހެން ކުއްޖަކު ހުއްޓުނެވެ.

ވަލީ ޢަހުދުގެ މަގުބެއްދުމަކީ ފަސޭހަ ކަމެއް ނޫނެވެ. ނަމަވެސް އެ އަންހެން ކުއްޖަކީ ވެސް ހަމަ އަންހެން ކުއްޖެއް ނޫނެވެ. އެއީ މަލިކާ ނޫރު ޖަހާންގެ ދަރިކަނބަލުން ލާޑްލީ ބޭގަމެވެ. ހިންދުގެ މަލިކާގެ ދަރިކަނބަލުންނަށް ވުމާ އެކުގައި ވެސް އެކަމަނާ އަކަށް ޝެހެޒާދީއެކޭ ނުކިޔައެވެ. އެއީ އެކަމަނާއަކީ މެހްރުއްނިސާ ބޭގަމް (މަލިކާ ނޫރު ޖަހާން)ގެ ފުރަތަމަ ފިރިކަލުން ޝޭރް އަފްގިންގެ ބޭފުޅަކަށް ވާތީއެވެ.

"ލާޑްލީ ބޭގަމް މަންމާފުޅާ ވަކިން ގިނިކަންޏާ ބާޒާރުގަ ތި އުޅުއްވަނީ ކީއް ވެގެންތޯ؟"

ލާޑްލީ ބޭގަމް ފަރިގޮތަކަށް ވިދާޅުވިއެވެ. "ޝެހެޒާދާ ޢާލަމް އަބަދު ވެސް ހައްދަވާނީ އެނގިވަޑައި ނުގަންނަވާ ކަމަށް. އަޅުގަނޑު މަންމާފުޅާ ވަކިވީ މަނިކުފާނުގެ އަރިސްކަން ލިބޭތޯ. މަނިކުފާނުގެ އަރިސްކަމަކީ އަޅުގަނޑަށް ލިބޭ ފަޚުރަކާ ޢިއްޒަތަކަށް ވާނެ."

ޝެހެޒާދާ ކުރިއަށް ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑަށް އިޙްސާސްކުރެވެނީ ކަމަނާގެ ތިޔަ އެދުންފުޅު، އަޅުގަނޑުމެންގެ މުސްކުޅީން ވިސްނާ ވަޑައިގަންނަވާ ގޮތް ބަދަލުކުރާ ހެން. އަޅުގަނޑުގެ ޖަވާބެއް ފަހަރެއްގައި ވެސް ބޭނުންފުޅު ވެއްޖެ ނަމަ، އަޅުގަނޑު ސާފުކޮށް ދަންނަވާނަން؛ އަޅުގަނޑުމެން ދެ މީހުންގެ ދެމެދުގަ ހަމަ އެކަނި ދެ ބޭންގެ ގުޅުން ބޭއްވުމަށް ވިސްނާ ވަޑައިގަންނަވާށޭ، އެއަށް ވުރެން އިތުރު ގުޅުމެއް ނެތޭ... "

"އަޅުގަނޑުމެންގެ ދެމެދުގަ ދެ ބޭންގެ ގާތްކަމެއް ނެތް." އެކަމަނާ ބާރު އަޑުފުޅުން ވިދާޅުވިއެވެ. މާތް މަލިކާއަކީ މަނިކުފާނުގެ މަންމާފުޅެއް ނޫން. އެއީ ހަމަ އެކަނި އަޅުގަނޑުގެ މަންމަ. ރަސްގެފާނަކީ މަނިކުފާނުގެ ބައްޕާފުޅު. އަޅުގަނޑުގެ ބައްޕައެއް ނޫން."

"ތިޔަހެން ކަން ހުރުމާ އެކު ވެސް އެއީ އަޅުގަނޑުމެން ދެ މީހުންގެ މައިންބަފައިން. ކިޔަމަންތެރި ދަރީން ފަދައިން އަޅުގަނޑުމެންނަކަށް އެ ގުޅުމަކަށް އިންކާރެއް ނުކުރެވޭނެ."

މިހެން ވިދާޅުވެފައި އެމަނިކުފާނު، ލާޑްލީ ބޭގަމުގެ ޖަވާބު އެއްސެވުމަކާ ނުލައި އެކަމަނާ ދޫކޮށްލައްވައިފައި ކުރިއަށް ވަޑައިގަތެވެ. ލާޑްލީ ބޭގަމް ތައުހީނުގެ އިޙްސާސުން ނުތަނަވަސްވެ ވަޑައިގެންފައި ހުންނެވިއެވެ. ޝެހެޒާދާގެ ހިތްޕުޅާއި ސިކުނޑިފުޅަށް ވެރިވެފައި ވަނީ ޝާހު ބާނޫއެވެ. އެމަނިކުފާނު އެ ވަޑައިގަތީ ނޫރު ޖަހާންގެ ލޯބިފުޅުވާ ދަރިކަނބަލުންގެ ހިތްޕުޅު ހަލާކުކޮށްލައްވައިފައި ކަމެއް ވެސް، ލޯބީގެ ދީވާނާކަމުގައި، އެމަނިކުފާނު ވިސްނައިވަޑައެއް ނުގަންނަވައެވެ. އެމަނިކުފާނަކީ ޝެހެންޝާހް ޖަހާން ގީރްގެ ދަރިކަލުން ކަމާއި، ވަލީ ޢަހުދުގެ ގޮތުގައި ބަލަމުން އަންނަ ޝެހެޒާދާ ކަމާ މެދަކު ޝައްކެއް ނެތެވެ. އެކަމަކު ހިންދުސްތާނުގެ ސިޔާސީ ރާޒުވާގޮނޑީގެ ކުޅިތައް ކުޅުއްވަނީ ނޫރު ޖަހާން އެކަމަނާ ބާނުންފުޅު ގޮތަކަށެވެ. ޝެހެންޝާހް ޖަހާން ގީރަކީ ވެސް އެކަމަނާގެ އަތްޕުޅުގައި ވާ ދިރުމެއް ނެތް ކުޅިއެކެވެ. އެކަމަނާއަށް، ބޭނުންފުޅު ކޮންމެ ވަގުތެއްގައި ވެސް، ޝެހެޒާދާ ޚުއްރަމް ނަންގަވައި، ސިޔާސީ ރާޒުވާގޮނޑިން ބޭރަށް އެއްލަވައި ލެއްވިދާނެއެވެ.

ވެރިކަމުގެ މަސްތު ތިމާގެކަން ކަނޑައިލައެވެ. ލޯބީގެ މަސްތު އާ ތިމާގެކަން އުފައްދައެވެ. ޝެހެޒާދާ ހުންނެވީ އާ ތިމާގެކަމަކަށް ގެއްލިވަޑައިގެންފައެވެ. ދުވާލު ފާއިތު ވެއްޖެއެވެ. ރޭގަނޑު އަތުވެއްޖެއެވެ. ދެވަނަ ފަހަރު ބައްދަލުވާނޭ ގޮތެއް ފެނިވަޑައެއް ނުގަނެއެވެ. އިރެއް ފަދަ މޫނެކެވެ. އިރެއް ފަދަ ނިތްކުރިއެކެވެ. ތިރިކޮށްލައިފައި ވާ ކަނދުރާއެކެވެ. ލަދުގެންފައި ވާ ހިނިތުންވުމެކެވެ. މި ކަންކަން އެމަނިކުފާނުގެ ހިތްޕުޅު ތަޅުވަމުން ގެންދެއެވެ. ނިދި ލޯފުޅާ ހަމައަށް އަންނާކަށް ބޭނުމެއް ނުވެއެވެ. އެންމެ ފަހުން ވަރަށް ވިސްނައިވަޑައިގަތުމުން ފެނިވަޑައިގަތީ އެންމެ ގޮތެކެވެ. ސިޓީބިޓީގެ އެހީ ހޯއްދެވުމެވެ. އޭރުން ފަހަރެއްގައި އުންމީދު ފުރިހަމަވާ ގޮތް ވެދާނެއެވެ.

އެމަނިކުފާނު ރޭގަނޑު ހަތަރު ދަން ވޭތިކޮށްލެއްވީ ހޭފުޅުލައްވައި ހުންނަވައިގެންނެވެ. ގަލަންކޮޅުގެ ތުނޑުން ހިތްޕުޅުގެ ޙާލު ބަޔާންކޮށްދެއްވަމުން ގެންދެވިއެވެ. ފަތިސްވީ އިރު އެމަނިކުފާނުގެ ވަށައިގެން ވަނީ ކުއްޖާއި ބޮޑެތި ކަރުދާހުގެ ފުނިވަރެކެވެ. ލޯބީގެ އެ ސިޓީތައް އުފުލާން އެންމެ ކުޑަ ވެގެން ވެސް ހިމާރެއް ބޭނުންވެއެވެ. އެކަމަކު ސިއްރު ސިޓީ ގެންދެވޭނީ ހަމަ އެކަނި ކޮތަރަށެވެ. މަޖުބޫރުން އެ މަނިކުފާނު ހިތްޕުޅުގެ ހުރިހައި އެތިކޮޅުތައް ފަރުވާތެރިކަމާ އެކު ރައްކާ ކުރެއްވިއެވެ. ދެން ކުރުކުރު ލޯބީގެ ސިޓީއެއް ލިއުއްވިއެވެ.

ހިތާއި ފުރާނައިގެ މީރުކަމަށް،

ހިންދުސްތާނުގެ ތާޖުގެ ޝަރަފަށް،

އިއްޔެ މާ ވިއްކާ ފިހާރައިން ފިނިފެންމަލެއް ނިޤާބެއް ނެތި ފެނުނެވެ. އެ ފިނިފެންމަލުގެ ނަން ލިއުމަކީ މަޞްލަޙަތު ހުރި ކަމެއް ނޫނެވެ. މި ސިޓީ ފަހަރެއް ގައި ދުޝްމަނެއްގެ އަތުގައި ވެސް ޖެހިދާނެއެވެ. ޙާލު ހުރި ގޮތަކީ އެ ފިނިފެންމާ އެއް ފަހަރު ފެނުމުން މިހާރު މި ވަނީ ދެވަނަ ފަހަރު ދުށުމަށް ބޭނުން ވެފައެވެ. މިރޭ ސާދަ ވިލޭރޭގެ ހަނދު ހުންނާނެއެވެ. ޖަމްނާގެ އައްސޭރި އޮންނާނެއެވެ. މެންދަން ވާނެއެވެ. އަޅުގަނޑު ބާރާދަރީގައި އިންތިޒާރު ކުރާނަމެވެ. ކަލާނގެ ރަސްކަންފުޅަށް ޓަކައި ވަޑައިގެން ބައްލަވާށެވެ. ލޯ ފަން ކުއްޖެއްގެ ބުނުން އެއީ ޙަޤީޤަތަކަށް އަޅުގަނޑު ހަދާނަމެވެ.

ދުށުމުގެ އެދުމުގައި ވާ
ޝިހާބުއްދީން ޚުއްރަމް

އެމަނިކުފާނު ސިޓީ ފަށްޖެއްސެވިއެވެ. އެ އަށް ފަހު ކޮތަރުގެ ފައިގައި ހަރު ކުރެއްވިއެވެ. ދެން ވަރަށް އުންމީދާ އެކު އެ ސިޓީގައި ބޮސްދެއްވައިފައި ކޮތަރު ފަޒާގެ ތެރެއަށް ދޫކޮށްލެއްވިއެވެ. ކޮތަރުކޮށީގައި ތިބެނީ ތަފާތު މިންވަރަށް ތަރުބިއްޔަތު ދެވިފައި ވާ ކޮތަރެވެ. އެއީ ތަފާތު ތަންތަނަށް ސިޓީ ފޮނުވުމުގައި ބޭނުން ހިފޭ ގޮތަށެވެ. ލޯބީގެ ސިޓީ ހިފައިގެން އުދުއްސައިގަތް ކޮތަރަކީ ޔަމީނުއްދައުލާ އާޞިފު ޚާންގެ ގަނޑުވަރާ ހަމައަށް އުދުހުމުގެ ތަރުބިއްޔަތު ދެވިފައި ވާ ކޮތަރެކެވެ.

ޝާހީ ގަނޑުވަރުގެ މަތީބުރީގައި ހަތަރު ފަރާތް ފެންނަ ގޮތަށް ހުންނަ ކޮޓަރީގައި ހުރި ހޯޖާއަކަށް އެ ކޮތަރު ޝެހެޒާދާ ޚުއްރަމްގެ ގަނޑުވަރުން އާޞިފު ޚާންގެ ގެކޮޅާ ދިމާއަށް ދާ ތަން ފެނުނެވެ. އޭނާ އެ ޚަބަރު ލާޑްލީ ބޭގަމަށް އެރުވިއެވެ. ލާޑްލީ ބޭގަމް އެކަމަނާގެ މަންމާފުޅު ނޫރު ޖަހާންގެ އަރިހަށް އެ މައްސަލަ ހުށަހެޅުއްވިއެވެ. ބޮޑުބޭބޭފުޅު އާޞިފު ޚާންގެ އަރިހަށް ކޮތަރަކާ ޙަވާލު ކުރައްވައިފައި ޝެހެޒާދާ އެ ފޮނުއްވީ ކޮން މެސެޖެއް ބާވައެވެ؟ އެ މެސެޖު ފޮނުއްވީ ނަވާބު އާޞިފު ޚާނަށް ބާވައެވެ؟ ނުވަތަ ނަވާބުޒާދީ ޝާހު ބާނޫއަށް ބާވައެވެ؟ އާޞިފު ޚާނަށް ފޮނުއްވި ނަމަ އެ މެސެޖަކީ ސިޔާސީ ސިއްރު ރޭވުމަކަށް ވެސް ވެދާނެއެވެ. ޝާހު ބާނޫ އަށް ފޮނުއްވި ނަމަ ބޮޑުބޭބޭފުޅު އޭނާގެ ދަރިކަނބަލުން އެންގަނޑެއްގެ ގޮތުގައި ވަލީޢަހުދާ ދިމާއަށް އެއްލަވަނީއެވެ!

(ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ