އަދުގެ ޚާއްސަ

Print

"މުސްކުޅިވަނީ"

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


(ތަޝްޠީރެއް)

އަޙްމަދު ޝާހިދު ޙަލީމް (ޝާމް)

"މަޑުމަޑުން  ނަމަވެސް  ދަނީ ހަމަކަށަވަރުން  މުސްކުޅިވަމުން"
    އަޑުގަ ހުރި ނަލަގޮތް މުޅިން ކެނޑި ކުރެހިގެން ގޮސް ބަރުވަމުން

ފަނޑުނުވާ  ގަދަ  ކަޅުކުލައިގާ  ހުރި  މި އިސްތަށިގަނޑު ދަނީ
    "ފަނޑުވަމުން  އިސްތަށިތަކަށް  ލިބިފައިވި ކަޅުކުލަ ހުދުވަމުން"

"މޫނުގައި  ހުރި  އަސަރަކާ  ހުރި  ނަމަ  އެ ހުރި  ޗާލޫކަމާ"
    ހޫނުގައި   އުޅެގެންނަކުން   ނޫނޭ  ދަނީ   ނެތި ގެއްލެމުން

ދޫނުކޮށް  ގޮންޖެހުމުގައި  ވިސްނުމުގެ  ރޮނގުގައި  އުޅުނަކަސް
    "ތޫނުފިލިކަން  ގެއްލިފައި  އެ  ދަނީއެ  ރޫތައް  ގިނަވަމުން"

"ބޮލުގެ   ހުރި   ތާޒާކަމާ   ޒިހުނާ   ޚިޔާލުގެ   ތޫނުކަން"
    ކޮލުގެ  ވަޅުކޮޅު  ފާޅުވާހެން   މަޑުމަޑުން   ދޭ   ކޮށިވަމުން

މަލުގެ  ފިޔަތައް  މޯޅިވާ  ހެން  ވެރި  އެކީ  ހުސްވާ  ގޮތަށް
    "ލޮލުގެ  ބާރާ  އަލިކަމާ އެކުގައި  ދަނީ  ވެސް  ކުޑަވަމުން"

"އަތްފަޔަށް  ލިބިފައި  އެ ވީ  ގަދަފަދަކަމެއް  ވެސް ނެތިދަނީ"
    ބަތްކޮޅެއް  އަނގަޔަށް  ލެވޭހާ  ވެސް  ނުވާހާ  ވަރު  ވެގެން

ހަތްދިހައިން  މަތި ނުވިޔަކަސް  ދާ ތަން  މިއޮތްގެން ފެންނަނީ
    "ދަތްތަކާ ހިރު ބަލިވެގެން  ދާ އިރު އެ ދަތް ވެރި ހުސްވަމުން"

"ނާރުތައް ވެސް  ދެރަވެ ދުވަހެއް  ދުވަހަކަށް  ދާ ނިސްބަތުން"
    ފާރުފާރަށް   ގަސްގަހަށް   ވެސް   ނޭރެނީ   ވަރުދެރަކަމުން

ކާރުގައި  ނޫނީ   ދަތުރުތައް   ކޮށްއުޅެން   ނުކެރޭ   ވަރަށް
    "ބާރު ހަށިގަނޑުގައި ދަނީ ވެސް  ދެރަވަމުން އަދި،އުނިވަމުން"

"އުޅުމުގައި   ހުރި  ދަތިކަމާ   އުނދަގޫކަމާ   އިތުރޭ  ވަނީ"
    ކުޅުމުގައި  އުޅެފައި  ނެތީތީ،   ކަސްރަތަށް ހިމެނޭ   ގޮތުން

އުޅުމުގައި    ކަންބޮޑުވެފައި     ފަރުވާކުރާނަމެ،    ހީކުރީ
    "ހުޅުހުޅުން ވެސް  ނުލެނބިފައި ދާތީ ރިހުންތައް  ގަދަވަމުން"

"ބަސްބުނާ އިރުގައި  ކުރިން އަޑު ހުންނަ ލުއިގޮތް  ބަރުގޮތަށް"
    ގަސްދުގައި  ބަދަލެއް  ކުރީކީ  ނޫނެ!  ތިޔަ  ހީކުރި  ގޮތުން

ދަސްވެފައި  ވިޔަކަސް  ކުރަން ހިތްވަރު ޒުވާން  އުމުރުގެ ތެރޭ
    "ލަސްލަހުން  ނަމަވެސް  ބަދަލުވާކަން  ދަނީ  ކަށަވަރުވަމުން"

"ރޫވެ  މޫނާ   އަތްފަޔާ   ދިއުމާ   އެކީގައި   ހަށިގަނޑުން"
    ދޫވެ ހަންގަނޑު މަސްގަނޑުން މި ދަނީ މުޅިން ދެން ވަކިވެގެން

ރޯވެ  ހެދެމުން  ދިޔަ  ގަހެއް  ހެން  މާކުރީގައި  ހުއްޓަކަސް
    "ދޫވެ މަސްތައް  އެލި  މުޅިން މީހާ  ދަނީ އެ  ބަދަލުވަމުން"

"ކައި އުޅެން ދަތިވާ ވަރަށް ދަތް ވެރި އެ ހުރި ދަތް ބަލިވެފައި"
    ގައިމު ވެސް  އަދު ވާ ކަމުން ނުކެރޭ  ހަފާލަން  ދަތްޕިލައިން

ގައިމު ވެސް  މި ވަނީ ގޮތެއް ނޫންހޭ؟  ކުރިން  ދުވަހަކު ނުވާ
    "އައިބުވާ  ގޮތަކަށް  ދެ  ކޯ  ވަޅުވަދެ  މި  ލޯބޯކޮށިވަމުން"

"ކުރިޔަކަސް  މޭކަޕް  ތިމާ  މުސްކުޅިނުވާ  ގޮތް  ދެއްކުމަށް"
    ފުރި  ފެނަށް  ނޫންހޭ  ވަނީ  ފޫނެތް  ފަޔަށް  ވަރުބަލިވަމުން

ކުރިޔަކަސް  ފެންދީ   އަޅާލާ   ނޫޅެނީ   ނަމަ   ކަށަވަރުން
    "ހުރި  ގޮތޭ  ދާނީ  ކަމެއްގައި  ނޭދުނަސް އެދުނަސް ވަމުން"

"އާކުރަން  ހަށިގަނޑުގެ  ބާކަން   ކުރިއަކަސް  ތަދުބީރުތައް"
    ކާކު  އެ ކަމަށް  ކެރި ހުރީ؟  ނުވެވޭނެ  މަށަކަށް  ކަށަވަރުން

ތާކު  އެތަކެއް   މީހުނެއް   މުސްކުޅި  ނުވާނަމެ  ބުންޏަކަސް
    "ކާކު  އެދިގެން  ހުރި  ގޮތެއްހޭ މި  ކަމުގައި ދިޔައީ ވެގެން"

                    (ނިމުނީ)
                  --------------

ހަމަމިގަލަމުން

އިދާރާ

ވާހަކަ