އަދުގެ ޚާއްސަ

Print

ޓްރެފިކް ލައިޓް އެކަހެރިކޮށްނުލާ އޭގެ ބޭނުން ހިފަމާ!

ޝާޢިއުކުރީ އެޑްމިނިސްޓްރޭޓަރ(ދާރީ) . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު ބ.ދަރަވަންދޫ

މާލޭގެ މަގުތަކަކީ މިއަދު ކާރޫ ބާރޫ ބޮޑު ތަނެކެވެ. ދުވަހަކަށްވުރެ ދުވަހެއް ދަނީ މާލޭގެ މަގުތަކުގައި ދުއްވާ އެއްޗެހި ގިނަވަމުންނެވެ. ކާރާއި ސައިކަލްތަކުންނެވެ. ޕިކަޕާއި ލޮރީފަދަ ތަކެއްޗެވެ. ބައިސްކަލެއްގައި އުޅޭ މީހަކު މިއަދު ވަރަށް މަދެވެ. އަވަހަށް ތަނަކަށްދާން ބަލާއިރު ސައިކަލެއް ނުވަތަ ކާރަކަށް ނާރާ އެތަނަކަށް މިއަދު ނުދެވެ އެވެ. ގަޑިޖެހިދާނެތީ އެވެ. ނުވަތަ ގަޑިއަކަށް ކިޔާ އެގަޑިއަށް ނުދެވިއްޖެނަމަ އިންތިޒާރުގައި ހުރި މީހާ ރުޅި އައިސްފާނެތީ އެވެ.  ނަމަވެސް  ގިނަ ފަހަރަށް ސައިކަލްގައި ދުއްވާފާދާ މީހާ ނުވަތަ ކާރުގައި ދުއްވާފައިދާ މީހާއަށްވުރެ ހިނގާފައި ފައިމަގުގައިދާ މީހާއަށް އެތަނަކަށް ދެވޭލެއް މިއަދު މިވަނީ އަވަސްވެފަ އެވެ. ސަބަބަކަށް ވެފައިވަނީ އެއްކަލަ ހިނގާފައިދާ މީހާ ކުރިން ދުރާލާ އެތަނަކަށް ދިއުމަށް ހިނގައިގަތުމެވެ. ތަނުގެ ދުރުމިނަށް ބަލާފަ އެވެ. ނަމަވެސް ސައިކަލްގައި ނުވަތަ ކާރުގައިދާ މީހާއަށް ވަނި އެހެނެއްނޫނެވެ. ވަގުތު ކައިރިވުމުންވެސް ދެވިދާނެއޭ ހިތަށް އަރާ ވަގުތު ޖެހުމުން ނައްޓާލަނީ އެވެ. މިހެންވުމުން ގިިނަ ފަހަރަށް ވާގޮތަކީ އެމީހާއަށް މަޑުން ސައިކަލެއް ނުދުއްވެއެވެ. ހެދިފައި އޮންނަ ޤަވާޢިދަށް ބަލާލުމެއްނެތި އަވަހަށް ދިއުމުގެ ބޭނުމުގައި ބާރު ސްޕީޑްގައި ދުއްވާލެވެނީއެވެ. މަގުމަތީގައި ހެދިފައިވާ ޓްރެފިކް ލައިޓްތަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. މަގުތަކުގައި ދުއްވާ މީހުންނާއި ހިނގާ މީހުންނަށް އެއްވެސް ބެލުމެއް ނެތިއެވެ. މިހެންވުމުން ގިނަ ފަހަރަށް އޮންނަނީ ނުރައްކާތެރި ހާދިސާއެއް ހިނގާފައެވެ.

 ފުލުހުންގެ ރެކޯރޑްތަކުން ދައްކާގޮތުގައި މިހާތަނަށް މާލޭގަ އާއި އަތޮޅުތެރޭގައި ހިނގާފައިވާ ގިނަ އެކްސިޑެންޓްތައް ހިނގާފައި ވަނީ މަގުމަތީގެ ޤަވާއިދުތަކަށް ތަބާ ނުވުމުގެ ސަބަބުންނެވެ.  ބައެއްފަހަރަށް ހިނގާ މީހުންނަށް ސަމާލުކަން ނުދީ ދުއްވާ އެއްޗެހި ދުއްވުުމުގެ ސަބަބުން ހިނގާ ބިނގާވެ އުޅޭ މީހުންނަށްވެސް ދަތިތައް ދިމާވެ އެވެ. ސައިކަލް ނުވަތަ ކާރު ދުއްވާލެއް ބާރުކަމުން މަގުމަތީގައި ހިނގާ މީހުންނަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާންޖެހޭތަން އާދެ އެވެ. މިއީ މިއަދު އަޅުގަނޑުމެން ވިސްނަންވެއްޖެ ކަމެކެވެ. މިކަންކަންކަން ހުއްޓުވަން މަސައްކަތް ކުރުމަކީ އަޅުގަނޑުމެން ކޮންމެ ދިވެހި ފަރުދެއްގެވެސް ޒިންމާއެކެވެ. މިކަންކުރާ ކޮންމެ މީހަކު ފުލުސް އޮފީހަށް ނުވަތަ ކަމާބެހޭ ފަރާތްތަކާ ޙަވާލުކުރިނަމަވެސް މިކަންކަމަށް މިއަދު ޙައްލެއް އައުން އޮތީ ހަމަ އަޅުގަނޑުމެން ރައްޔިތުންގެ އަތްމަތީގަ އެވެ. މިފަދަ ކަންކަން ޙައްލުކުރެވޭނީ މިއަދު އަޅުގަނޑުމެން އެންމެން އެއްބާރުލައި އެއްވަލެއްގައި ހިފާ އެއްލަވައެއް ކިޔައިގެންނެވެ. މުޖުުތަމަޢު އިސްލާޙްކުރެވޭނީ ފަރުދުން އިސްލާޙްވެގެންނޭ ބުނާ ފަދައިންނެވެ.

ކާރާާއި ސައިކަލް ދުއްވާ މީހުން ފަދައިން މަގުމަތީ ހިނގާ އުޅޭ މީހުންވެސް މިއަދު ވިސްނަންޖެހޭކަމެއް އެބައޮތެވެ. މަގުހުރަސްކުރަން ހަދާފައި އޮންނަ ކަފިހުރަސްތައް ފިޔަވައި އެހެންތަންތަނުން މަގު ހުރަސް  ކުރާމީހުން ފެންނަމުންދެ އެވެ. ކުއްލިއަކަށް ހަތަރު އަނގޮޅިން ނިކުންނަ ދުއްވާ އެއްޗަކުން ކުރިމަތިވެދާނެ ނުރައްކަލަކަށް އެއްވެސް ބެލުމެއް ނެތި އެވެ. ޓްރެފިކް ލައިޓަށް ނުބަލާ މަގު ހުރަސްކުރާ މީހުން މަދުން ނަމަވެސް ދަނީ ފެންނަމުންނެވެ. މިހެން ކަންތައްތައްވުމުން މިއަދު މިވަނީ ޓްރެފިކް ލައިޓްތައް ފަޤީރުވެ ބޭނުންނުހިފޭ އެއްޗަކަށްވެފަ އެވެ. ކޮންމެ މީހަކަށްވެސް އޭގެ މުހިންމުކަން ފެންނަނީ ނުރައްކާތެރިކަމެއް ނުވަތަ ހާދިސާއެއް ދިމާވުމުންނެވެ. އޭގެ ބަދަލުގައި މިއަދު ޓްރެފިކް ލައިޓްތަކުގެ ބޭނުން އެންމެ ފުރިހަމައަށް ހިފުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ފަށަމާ ހިނގާށެވެ.

(ނިމުނީ)
މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް
އަޙްމަދު ނާފިޢު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން: ''          ''

އިދާރާ

ވާހަކަ