އަދުގެ ޚާއްސަ

Print

އިޞްލާޙް ކުރާނީ ކިހިނެއް؟

ޝާޢިއުކުރީ އާދަމްޝަރީފު މުޙައްމަދު . ހިމެނޭބަޔަކީ އިޖުތިމާޢީ


އާދަމްޝަރީފް މުހައްމަދު،ރޯޒީ  ށ.ފުނަދޫ

ބޮޑެތި މައްސަލަ ތަކާއި ކުދި މައްސަލަ ތަކެވެ. ފައިސާގެ މައްސަލަ ތަކާއި ޞިއްޙީ މައްސަލަ ތަކެވެ. ޢާއިލީ މައްސަލަ ތަކާއި ރަހުމަތްތެރިންގެ ފުށުން ދިމާވާ ތަފާތު މައްސަލަ ތަކެވެ. މިއީ ވަރަށް ޢާއްމުކޮށް ދިމާވާ މައްސަލަ ތަކެވެ. ގިނަފަހަރަށް "ރިހުންހުރި" މައްސަލަ ތަކެކެވެ. އެކަމަކު ވިސްނާލައިފިނަމަ ވަރަށް ފަސޭހައިން ޙައްލު ކުރެވިދާނެ ފަދަ މައްސަލަ ތަކެކެވެ. ޙައްލު ކުރަން ދަތިވަނީ ޙައްލު ކުރާނެ ގޮތުގެ "ތަޅުދަނޑި" ލިބިފައި ނެތީމަ އެވެ. ބޭނުންވަނީ "ތަޅުލެވިފައިވާ" ޚިޔާލުތައް ހުޅުވާލެވޭފަދަ " ތަޅުދަނޑި" އެކެވެ.

ދެމީހެއްގެ ދެމެދުގައިވާ ގުޅުމުގެ ވާފަށް ކެނޑިފައި ވަނިކޮށް އޭގެ ތެރެއިން އެކެއްގެ ފަހަތުގައި ހުރެގެން އެވާފަށް ގުޅުވަން މަސައްކަތް ކުރާ މީހަކަށް ފަހަރުގައި ތިބާ ވެދާނެ އެވެ. އެހެން މީހުންނަށް ރަނގަޅު ބަސްބުނެ ރަނގަޅު ޚިޔާލުދޭ މީހަކަށް ފަހަރުގައި ތިބާ ވެދާނެ އެވެ. އެފަދަ ގޮތަކަށް މަސައްކަތް ކުރާނަމަ ވިސްނާލަން ޖެހޭ ކަންތައްތަކެއް ވެ އެވެ. މީހުންނާ ދޭތެރޭ ވިސްނާ ފިކުރު ކުރާށެވެ. އެމީހުން ރަނގަޅަށް ދެނެގަންނާށެވެ. އަދި އެފަދަ މީހުންގެ މައްސަލަތައް ޙައްލު ކުރާނޭ ގޮތުގެ އުފެއްދުންތެރި ޚިޔާލުދޭ މީހަކަށް ވާށެވެ.

އަހަރެމެންގެ ވަށައިގެންވަނީ ތަފާތު މީހުންނެވެ. އެކަނިވެރިންނެވެ. ހިތާމަވެރިންނެވެ. ބިރުވެރި ހާލަތްތަކުގައިވާ މީީހުންނެވެ. އުއްމީދު ކެނޑިފައިވާ މީހުންނެވެ. ރަނގަޅުގޮތަކީ ކޮބައިކަމާމެދު ޝައްކު އުފެދިފައިވާ މީހުންނެވެ. މިފަދަ މީސްމީހުން ދިރިއުޅެނީ ލިބިފައިވާ ބުއްދިން ވަރަށް ކުޑަމިންވަރެއް ބޭނުންކޮށްގެންނެވެ. އެމީހުންގެ އިތުބާރާއި ޔަޤިންކަމުގެ މިންވަރު ވަރަށް ކުޑައެވެ. ވާދަކުރުމަށް ޖެހިލުންވެ ލަދު ގަނެ އެވެ. ރޭވުންތައް ރާވައިގެން ބޭނުންވާ ލަނޑުދަނޑިއާ ވާޞިލުވުމަށް ނުކުޅެދެ އެވެ. ބައެއް ފަހަރަށް އެއީ "ބައި" މީހެއް ކަމުގައިވެސް ބެލެވެ އެވެ.
ކަންތައްތައް ކާމިޔާބު ނުކުރެވޭ މީހެއްގެ މާޒީއަށް ބަލައިފިނަމަ އޭނާގެ ކިބައިން ފެންނަ ވަރަށް ޢާއްމު ކަންތައްތަކެއް ހުންނާނެ އެވެ. އެންމެ މުހިއްމު ކަމަކީ އަމިއްލައަށް ކަންތައްތަކާމެދު ވިސްނުން ކަމުގައިވީ ނަމަވެސް އެފަދަ މީހުން ވަށައިގެންވާ މުޖުތަމަޢު ދޭތެރޭގައި އެހާބޮޑަކަށް ނުވިސްނާނެ އެވެ. އެ މާހަވްލުގައި ހިނގާ ކަންތައް ތަކާމެދު ޚިޔާލެއް ނުކުރާނެއެވެ. އެއާ ޚިލާފަށް ދެވޭނީ " ވަޅުގަނޑަކާއި"ދިމާއަށެވެ. ކޮންމެ ކަމަކުން ވެސް ނެރެދެއްކެނީ ކުޑަމިންވަރެއްގެ ކާމިޔާބީ އެކެވެ.

މީސްތަކުންގެ ތަފާތު މައްސަލަތައް ހޯދާ ދިރާސާކުރި މީހެއްކަމުގައިވާ ޑޮކްޓަރ ސްމައިލީ ބްލޭންޓަން ހޯދި ހޯދުން ތަކުން ދައްކާ ގޮތުގައި އެމީހެއްގެ މަސައްކަތަށް ތަރުހީބު ނުދީ އަބަދުވެސް ރުޅިބަސް ބުނާނަމަ އޭނާގެ ދިރިއުޅުން ކަޅު އަނދިރި ވަޅުގަނޑަކަށް ވެއްޓިދާނެ އެވެ. ބްލޭންޓަނަށް 14 އަހަރުގެ ފިރިހެން ކުއްޖެއްގެ ފަރާތުން މިކަމުގެ ހެކި ފެނިފައި ވެ އެވެ. އެކުއްޖާ ހިސާބު މި މާއްދާ ކިޔެވުމަކަށް މާކަބޮޑު ޝަވްޤުވެރިަކަމެއް ނުކުރެ އެވެ. އެކަމަކު އަލްޖިބުރާ ކިޔަވައިދެއްވާ ޓީޗަރު އޭނާ ކިލާސް ކުރިމައްޗަށް ގެންނަވައި ނަމްބަރެއް ހަދާނެގޮތް ކިލާސްކުދިންނަށް ކިޔައިދޭން އެދިލެއްވި އެވެ. އެނަމްބަރު ހަދާކަށް އޭނާއަކަށް ނޭނގުނެވެ. އެވަގުތު ޓީޗަރު އޭނާއަށް އަޑުލެއްވި އެވެ. ހިތްވަރު އެލޭކަހަލަ އެތައްް ބަހެއް ބުނުއްވި އެވެ. ޓީޗަރަށް ނޭނގި ނަމަވެސް އެކުއްޖާގެ ޚިޔާލުތަކަށް ޒަހަރުލެވުނެވެ. އެކަމުގެ އަސަރުތައް އެތައް އަހަރެއް ވަންދެން އޭނާގެ ކިބައިން ފެނުނެވެ.

ކަންތައްތަކާ ދޭތެރޭ އެހާބޮޑަށް ނުވިސްނާ މީހަކާ ދޭތެރޭ ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެމީހުންގެ އަޑުތައް އަހާށެވެ. އެމީހުންނަށް ހިތްވަރު ދޭށެވެ. އުފާކޮށްދޭށެވެ. އެފަދަ ޙާލަތަކަށް އެމީހުން ގޮސްފައިވަނީ ހިތްވަރު ނުދެވުމުގެ ސަބަބުންނެވެ. ހިތްވަރު ދޭން ޖެހޭނެ އެވެ. އެއީ ކޮންމެހެންވެސް ބޭނުން ކަމެކެވެ. ކަންތައްތައް ރަނގަޅަށް ނުކުރެވޭ މީހަކަށް ބަދުބަސް ބުނެ މަލާމާތްކޮށް ހަދާނަމަ އޭނާގެ ބަލިކަށިކަން ވާނީ އިތުރެވެ.

މީހުންގެ ފަރާތުން ފެންނަ ކުދިކުދި ކުށްތައް އިޞްލާޙު ކުރުމަށް އެންމެ ފުރަތަމަ މަސައްކަތް ފަށާށެވެ. މިއީ އެންމެ ފަސޭހަ ގޮތެވެ. ވޭޓަރަކަށް، ޓެކްސީ ޑްރައިވަރަކަށް އަދި ދަރިވަރަކަށް ވެސް މިރޮނގުން ފައިދާތަކެއް ޙާޞިލުކޮށް ދެވިދާނެ އެވެ. ދެރަވެފައިވާ މޫނުތަކުން އަލިކަން ފާޅު ކުރެވިދާނެ އެވެ. އެލިފައިވާ ކޮނޑުތައް ތެދު ކުރެވިދާނެ އެވެ. އޯގާތެރި ބަސް ބުނެގެންނެވެ. ނުވަތަ އޯގާތެރި ޢަމަލުންނެވެ. އަހަރެމެން އެންމެންނަށްވެސް މިކަންތައްތައް ކުރެވިދާނެއެވެ.

ސްކޫލަށްދާ ކުއްޖަކު އޭނާގެ މަސައްކަތަށް ޝަވްޤު ހުންނަނީ ވަރަަށް ކުޑަކޮންނެވެ. އޭނާގެ މައިންބަފައިންގެ އެތައް ސުވާލުތަކަކުން އެނގުނު ގޮތުގައި އޭނާ ފިލާވަޅު ދަސްކުރާ ހިތެއް ނުވެ އެވެ. ވަނީ ކުރަހާ ހިތެވެ. މިއިން އެނގުނީ އެކުއްޖާ ބޭނުންވަނީ އޭނާއަށް ލިބިފައިވާ ކުރެހުމުގެ ހުނަރުތައް ދައްކަލާ އެހުނަރުތައް ތަރައްޤި ކުރުން ކަމެވެ. އޭނާއަށް އެފުރުޞަތު ދެވުނެވެ. އަދި އޭނާ ކުރެހި ތަކެތި ތަޞްވީރުތައް ބެލުމަށްފަހު ތަރުޙީބުދީ ހިތްވަރު ދެވުނެވެ. އެހާ ހިސާބުން އޭނާގެ މުޅި ވިސްނުން ބަދަލުވެގެން ދިޔަ އެވެ. އެދުވަހަށްފަހު އޭނާ ވެގެންދިޔައީ މުޅި ސްކޫލުން ވެސް ކާމިޔާބުހޯދާ ކުއްޖަކަށެވެ. ދެވުނު ހިތްވަރެއްގެ ސަބަބުންނެވެ.

އެހެން ދުވަހަކު ކޮންމެވެސް ބެލެނިވެރިޔަކު އޭނާގެ ދަރިން އުޅޭގޮތާމެދު ހިތްހަމަ ނުޖެހިގެން ޝަކުވާކުރާއަޑު އިވުނެވެ. " މިއީ ހާދަ ކަންނެތް ކުދިންތަކެވެ. މި މީހުން ތިބިތަނުން ތެދުވެގެން ފޮތެއް ކިޔާކަށް ވެސް ނޫޅެ އެވެ. އެ ފިރިހެން ސޮރު ވެސް އަބަދު އުޅޭނީ ގަނބާ ކުޅީގަ އެވެ."

ތިބާގެ ދަރިން ރަނގަޅަށް މަސައްކަތް ނުކުރާނަމަ އެކުދިން މަސައްކަތް ކުރާނެގޮތް ހެދުން އެއީ ކާކު ކުރަން ޖެހޭ ކަމެއް ހެއްޔެވެ؟ ގެއަށް ނުވަދެ އަބަދު ބޭރުގައި އުޅޭނަމަ އެކަން އިޞްލާޙުކުރުން އެއީ ކާކުގެ މަސްޢޫލިއްޔަތެއް ހެއްޔެވެ؟ އެމީހުން ހޭލައްވަލާށެވެ. އެންމެ ރަނގަޅަށް މަސައްކަތް ކުރާގޮތް ހަދާށެވެ. އެއީ ތިބާ ކުރަން ޖެހޭނެ ކަމެކެވެ. މިއީ ދޮގެއްހެއްޔެވެ؟ ދަރިންގެ ޢަމަލު ތަކާމެދު ހިތްހަމަ ނުޖެހޭނަމަ ރަނގަޅު ކުރާނެ ގޮތެއްވެސް ހޯދަން ޖެހޭނެ އެވެ. އަބަދު އަޑުލާ އެކުދިން ކުރާ ގޯސްކަންތައްތަކުގެ މަތިން ހަނދާން ކޮށްދިނުމަކުން ނުފުދޭނެ އެވެ.

މީހުންނަށް އެމީހުންގެ ރަނގަޅުގޮތް ދައްކައި ދިނުމަށް މަސައްކަތްކުރާއިރު އެންމެ ޔަޤީން ގޮތަކީ ހަނދާންކޮށް ދިނުމެވެ. ގިނަގިނައިން ރަނގަޅުގޮތް  ހަނދާން ކޮށްދޭށެވެ. އޭރުން ގޯސް ކަންތައްތައް މަދު ކުރަން ފަށާނެ އެވެ. އަދި ރައްކާކުރެވިފައިވާ ހުނަރުތައް ނެރެ ދެއްކުމަށް މަގުފަހިވާނެ އެވެ. މިކަންތައް ބުނެދޭނޭ ނަފުޞާނީ ޢިލްމު ވެރިއަކަށް ކޮންމެހެން ވާކަށް ނުޖެހޭނެ އެވެ. ރަނގަޅު ރަޙުމަތްތެރިއެއް ފަދައިން އެންމެ ކުރާހިތްވާ ކަމެއްގެ ވާހަކައިން ސުވާލު ކުރާށެވެ.
 
އެފަދަ މީހުންނަށް އެހިނުވަނީ ކީއްވެ ހެެއްޔެވެ؟ އެފަދަ މީހުންނާ ދޭތެރޭ ވިސްނާ އެމީހުންގެ ޢަމަލުތަކާ ދޭތެރޭ ފާރަލާ، ހިތްވަރުދީ ކުރާ ރަނގަޅުކަންތައްތަކަށް ހިތްވަރުދީ ހަދާނަމަ އެމީހުންނަކީވެސް" ވެވުނު އެންމެ ރަނަގަޅަކަށް މަސައްކަތްކުރާ" ބަޔަކަށް ހެދިދާނެއވެެ. އަދި ފޮރުވިފައިވާ ސިކުނޑީގެ ބާރުތައް ނެރެ ދައްކާލެވިދާނެއެވެ.
 
އުއްމީދު ގެއްލިފައިވާ، އަދި ޝައްކުން ފުރިފައިވާ މީހުންނަށާއި، އިތުބާރު ގެއްލިފައިވާ މީހުންނަށް ހިތްވަރު ދޭށެވެ. އެއީ ކުރެވޭ ވަރަށްބޮޑު ހެޔޮ ކަމެކެެވެ. އަދި މިކަމުން ވަރަށްރަނގަޅު ނަތީޖާއެއް ނެރެވިދާނެެވެ. މިހާރު މުޖުތަމަޢުން ފެންނަ ވިޔާނުދާ ކަންތައްތައް ހުއްޓުވުމަށް ވެވޭ އެހީތެރިކަމަކަށް މިކަން ވާނެ އެވެ. މިހާރު މިގޮތަށް މަސައްކަތްކުރަން ފެށުން ކިހިނެއް ހެއްޔެވެ؟

(ނިމުނީ)
މި ލިޔުން؛

   ފޮނުވުން:   އަލްފާޟިލް އާދަމް ޝަރީފު (ފަންވަތުގެ މެހުމާނު ލިޔުންތެރިއެއް)
   އަލުންބެލުން: އަޙްމަދު ސަމީޢު (އެޑިޓަރުގެ އެހީތެރިޔާ)
   ޝާއިޢުކުރުން: ''          ''

ހަމަމިގަލަމުން

އިދާރާ

ވާހަކަ