އަދުގެ ޚާއްސަ

Print

ޤައުމީ ދަރިއެއްގެ އާދޭސް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


މުޙައްމަދު ނާއިފް

ކާކުތޯ ހިނިތުންވެ އަޚަކަށް ހެޔޮ ސަލާމެއް ކޮށްލަނީ
    ކާކުތޯ އަނެކާގެ އިޙްސާސަށް މިއަދު ވިސްނާލަނީ
ލާރިޔާ ފައިސާގެ އިތުރުން ދުނިޔަވީ އުފަލާ އަރާމް
    ފޭރިގެން ނަމަވެސް ނުހޯދާ ކާކުތޯ "ހިފި ހުންނަނީ"

ޤަޞްދުގައި ބަޢިއަތު ހިފައިގެންތިބެ ދިވެހި ޅަޒުވާން ދަރިން
    މަސްތުވާ ތަކެތީގެ ދަލުގައި ކޮން ބައެއްތޯ ޖައްސަނީ
ވައްކަމާ ޓެކުމާއި ފޭރުން ގިނަވެ މުޅި މުޖްތަމަޢުގައި
    ހުއްޓުމެއް ނައުމުން މިކަމުގައި ކާކުތޯ ޒިންމާވަނީ

އަންހެނުންނާ ކުޑަކުދިންނަށް އަދު ލިބޭ ގޯނާތަކުން
    މިންޖުވެވުމަށް އެދި ދެއަތްތިލަ ކާކުތޯ އުފުލާލަނީ
ފަސްގަނޑުން ލޮބުވެތި މިވަޠަނީ ފެންނަ މީ ހިތި މަންޒަރޭ
    ވިސްނުނީމާ މިހިރަ ކަންކަން ކަރުނަ ދެލޮލުން އޮހޮރެނީ

ދިވެހި ޤައުމިއްޔަތުގެ ޖޯޝާ ދިވެހި މިނިވަން ހިޔަލުގައި
    ރިވެތި ގޮތުގައި ދިރިއުޅެން ފަހެ ކާކުތޯ ބޭނުންވަނީ
ޤައުމުދެކެ ވާ ލޯތްބަކުން ވަޠަނަށް ވެވޭ އުންމީދަކުން
    ޤައުމުވަންތަކަމަށްޓަކައި ރޮއެފާ މިއާދޭސް ކުރެވެނީ



އިދާރާ

އެނގޭތަ؟

ވާހަކަ