އަދުގެ ޚާއްސަ

Print

ދަރަވަންދޫ

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ އިޖުތިމާޢީ


އަޙްމަދު ނާފިޢު، ބ.ދަރަވަންދޫ

ބ.ދަރަވަންދުއަކީ ބ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން އާބާދީގެ ގޮތުން އެންމެ ބޮޑު ފަސް ރަށުގެ ތެރޭގައި ހިމެނޭ ރަށެކެވެ. އަދި މިރަށަކީ ބ.އަތޮޅުގައި އެންމެ ފުރަތަމަ އަތޮޅުވެރިކަން ކުރި ރަށެވެ. ދަރަވަންދޫން އަތޮޅުވެރިކަން ބަދަލުކުރީ 1962 ވަނަ އަހަރު ޖޫން 4 ގައި، އޭދަފުށްޓަށެވެ. އާބާދީގައި 1003  މީހުން ހިމެނޭ މިރަށް އޮންނަނީ އަތޮޅުގެ މެދުތެރޭގައި އިރުން ހުޅަނގަށް ހަނި ދިގުކޮށް އޮންނަ ރަށެއްގެ ގޮތުގައެވެ.  ދަރަވަންދުއަށް ލަފާފުރުމަށް ބޭނުން ކުރާ ބަނދަރު އޮންނަނީ ރަށުގެ އިރު އުތުރު ކަނާ ދިމާގައެވެ. ދިވެހިރާއްޖޭގެ އެހެން ރަށްރަށެކޭ އެއްފަދައިން މި ރަށަކީ ވެސް މުރަކައިގެ ދޮންވެލިން އުފެދިފައިވާ ވަރަށް ރީތި ރަށެކެވެ. ދަރަވަންދުއަކީ މަލަމަތި އެއްވަރު ރަށުގެ މެދުން ބޮޑު ނިކަގަހެއް ފެންނަ ރަށެކެވެ. އަދި މިރަށަކީ ރަށްގިރުމުގެ މައްސަލަ ދިމާވެފައި ވާ ރަށެކެވެ.

ރަށުގައި މީހުން ދިރިއުޅޭ ސަރަހައްދަށްވުރެ ބޮޑީ މީހުން ދިރިނޫޅޭ ވަލުގެ ސަރަހައްދެވެ. ދަރަވަންދޫގެ އެންމެ ބޮޑު މަގަކީ ދިގުމަގެވެ. އެ މަގަށް ''ބޮޑުމަގު''އޭ ވެސް އެ ރަށުގެ މީހުން ކިޔައެވެ. އަދި ދަރަވަންދޫގެ މަގުތަކަކީ ޕްލޭން ކުރެވިގެން ހެދިފައިވާ މަގުތަކެކެވެ. 1950ގެ ތެރޭގައި މަލަން ދޮހުއްތުގެ އަތޮޅުވެރިކަމުގައި ދަރަވަންދޫގެ މަގުތައް ކޮށައި މަގުތަކަށް އަރާ ގެތައް ބަދަލުކޮށް މަގުތައް ސީދާކުރިއެވެ. ދަރަވަންދޫގައި އޮންނަ މަގުތަކުގެ ތެރެއިން ކުރިން ފެށިގެން މަޝްހޫރު މަގުތަކަކީ މަލަންމަގު، ބަނޑަހަމާމަގު، ހުވަނދުމާމަގު، ދޭލިޔާމަގު، ކޯރުކެނޑިމަގު، ވަށާހިނގާމަގު (ވަލުތެރޭގެ މަގެއް) އެވެ. އަދި ފަހުގެ މަގުތަކުގެ ތެރެއިން އާބާދުމަގު، އަމީނީމަގު ހިމެނެއެވެ.

ދަރަވަންދޫގައި އޮންނަ އާސާރީ ތަނެއް ކަމުގައި ވާ ތަރާގަނޑެއްގެ ވާހަކައަކީ އެ ރަށުގެ މީހުންދައްކާ ވާހަކައެކެވެ. އެ ތަނަކީ ގާފުންޏެއް ހުރި ތަނެކެވެ. ފަހުން އެ ތަނުގައި އެ ރަށުގެ މީހުން ހަދައިފައިވަނީ އިންޖީނުގެއެވެ. އެ ރަށުގައި ހުންނަ ބިބީ ޒިޔާރަތަކީ އެ ރަށުގެ މީހުންނަށް ވެސް އޭގެ ހަގީގަތް ނޭނގޭ ޒިޔާރަތެކެވެ. އެ ތަނަކީ ނާމާން ތަނެއްގެ ގޮތުގައި ކުރިން އެ ރަށުގެ މީހުން ކިޔާއުޅެއެވެ. ދަރަވަންދޫގައި އޮންނަ ބޯފޮޅިކޭ އާނުގަނޑަކީ އެ ރަށުގެ މީހުން ފުރޭތަ އަރާތަނެއްކަމުގައި ބަލައިގެން ކުރީ ޒަމާނުއްސުރެ އުޅުނު ތަނެކެވެ. އެއް ފަހަރަކު ދަރަވަންދުއަށް ފުރޭތަ އަރައިގެން އެ ރަށުގެ މުދިން ކަލޭފާނު (މަޝްހޫރު ނަމުން ނަމަ މާމުދިން ޢަލިފުޅު) އެ ފުރޭތަޔާ ދިމާކޮށް ކިޔެވެލި ކިޔަވައި އަދި މަސްދަތް ފިޔޮހިޖަހައި ފުރޭތަ މައިތިރި ކުރި ވާހަކައެއް އެ ރަށުގެ މުސްކުޅިވެރިން ކިޔާ އުޅެއެވެ.

ދަރަވަންދުއަކީ ފެންމީރު އަދި ފެންތިލަ ރަށެކެވެ. ކޮންމެވެސް ވަރަކަށް ދަނޑު ގޮވާން ކޮށްލެވޭ ވަރަށް ބިންގަނޑު ރަނގަޅު ކަމުގައި ފާހަގަކުރެވެއެވެ. ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ބޭއްވުނީ ދަރަވަންދޫގައެވެ.  ދަރަވަންދޫގައި އެގްރިކަލްޗަރ މިނިސްޓްރީން ނާސަރީއެއް އަށްޑިހައިގެ އަހަރުތަކުގެ ތެރޭގައި ހިންގިއެވެ. އަދި ކާށި މުޑުވައް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ރާއްޖޭގައި ފުރަތަމަފަހަރަށް މެލޭޝިޔާކާށިގެ މުޑުވައް އާލާކުރި ރަށަކީ ދަރަވަންދުއެވެ.

ދަރަވަންދުއަކީ ބ.އަތޮޅުގައި ތަރައްޤީޤެ ގޮތުން ވަރަށް ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކޮށްލެވެއެވެ. މި ރަށުގައި ރަސްމީ ތަޢުލީމު ދިނުމުގެ ނިޒާމެއް ފެށުނީ 1979 ވަނަ އަހަރު ދަރަވަންދޫގައި އިފްތިތާޙުކުރެވުނު ދަރަވަންދޫ ޕްރައިމަރީ ސުކޫލުންނެވެ. އެ ސުކޫލް ބ.އަތޮޅު ޕްރައިމަރީ ސުކޫލްގެ ނަމަށް ބަދަލުވެ އަދި 80ގެ ކުރީކޮޅު ޖަޕާނު ސަރުކާރުގެ އެހީގައި  މި ރަށުގައި ސްކޫލެއް ވަނީ އަޅައިދީފައެވެ. މި ސްކޫލް އެޅުމަށްފަހު އެތަން ބ.އަތޮޅު މަދުރަސާގެ ނަމަށް ބަދަލުވިއެވެ. މިސްކޫލްގައި 2000 ވަނަ އަހަރުން ފެށިގެން އޯލެވެލާ ހަމައަށް ކިޔަވައިދެމުން ދެއެވެ.  އަދި މި ރަށުގައި ޞިއްޙީ ޚިދުމަތްދޭ ތަނެއް ހެލްތު ޕޯސްޓުގެ ނަމުގައި ހަދައި ޚިދުމަތް ދޭން ފަށާފައިވަނީ 2000 ވަނަ އަހަރުގެ ތެރޭގައެވެ. އެއަށްފަހު މިތަން ބ.ދަރަވަންދޫ ޞއްޙީމަރުކަޒުގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ.  މި ރަށުގައި ރަށު އޮފީހާއި ރަށު ކޯޓު ހަދައިފައި ހުންނަނީ ކުރިން އަތޮޅުވެރިކަން ކުރި އިރު އަތޮޅުގޭގެ ގޮތުގައި ބޭނުންކުރި އަތޮޅުގޭގެ އިމާރާތުގައެވެ. އަދި މިރަށުގައި ސުނާމީގެ ފަހުން ފެންޕްލާންޓެއް ބަހައްޓައިފައި ހުރެއެވެ. ނަމަވެސް އެ ތަނުން އަދި ފެން އުފެއްދުމުގެ މަސައްކަތް ފެށިފައެއް ނުވެއެވެ.

ދަރަވަންދޫގައި އިޤްތިޞާދީ ގޮތުން ކުރާ މަސައްކަތްތަކަކީ ދަނޑުވެރިކަމާއި، ވަޑާންކުރުމާއި، މަސްވެރިކަމުގެ އިތުރުން  ފަތުރުވެރިކަމުގެ މަސައްކަތްތަކުގައި ވަޒީފާ އަދާކުރުމެވެ. ފަންގިވިނުމަކީ ރަށުގެ ގިނަ އަންހެނުން ކުރާ މަސައްކަތެވެ. މި ރަށުގައި މިހާރު މަހަށްދާ ދޯންޏެއް ވަރަށް މަދެވެ. އޭގެ ބަދަލުގައި ރިސޯޓުތަކުގައި ދުއްވާ ސަތަރިޖެހި ދޯނިފަހަރު މި ރަށުގައި ވަރަށް ގިނައެވެ. ރަށުގެ ގިނަ ޒުވާނުން ކުރާ މަސައްކަތަކީ ޓްވަރިޒަމްގެ މަސައްކަތެވެ. އަދި މި ރަށުގައި ގިނަ އަދަދެއްގެ ޓްވަރިސްޓް ޝޮޕްތައް ހުރިކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ދަރަވަންދޫގެ ތަރައްޤީގެ މަސްރަހަށް ބަލާއިރު މި ރަށުގައި މީގެ ދޮޅު އަހަރެއްހާ ދުވަސް ކުރިން ފެށިގެން އެއަރޕޯޓެއް އެޅުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. އެ ގޮތުން ރަށުން އެއަރޕޯރޓް ސަރަހައްދަށް ނަގައިފައިވާ ބިން ސާފުކޮށް ރަންވޭ ހެދުމުގެ މަސައްކަތް ވެސް ވަނީ ފަށައިފައެވެ. ނަމަވެސް ރަށުގެ ގިނަ މީހުން ބުނަމުން ދަނީ އެއަރޕޯރޓް މަސައްކަތް ކުރެވެމުންދާލެއް ލަސްކަމަށާއި، ރަށުގެ ފަޅުން ހިއްކުމަށް ކަނޑައަޅައިފައިވާ ސަރަހައްދު ހިއްކުމުގެ އަމަލީ މަސައްކަތް ނުފެށި ލަސްވާ ކަމަށެވެ. އަދި މި އެއަރ ޕޯޓާއެކު ދަރަވަންދޫގައި  ސިޓީ ހޮޓަލާއި ޔޮޓް މެރީނާއެއް އެޅުމަށް ވަނީ ނިންމައިފައެވެ. ނަމަވެސް މިހާރު މި ދެ ތަން އެޅުމަށް ކަނޑައަޅައިފައިވަނީ ބ.އަތޮޅު ފިނޮޅޮހުގައި ކަމަށް ވެސް ރަށުގެ ރައްޔިތުންގެ ފަރާތުން މަޢުލޫމާތު ލިބިފައި ވެއެވެ.
 
ދިވެހި ސަޤާފަތަށް ބަލާ އިރު މި ރަށަކީ ދިވެހިންގެ ޒަމާންވީ ކުޅިވަރުތައް ދިރުވައި އާލާކުރުމަށް މަސައްކަތް ކުރަމުންދާ ރަށެއްގެ ގޮތުގައި ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ބޮޑު އީދު ތެރޭގައި މި ކުޅިވަރުތައް އެ ރަށުން ފެންނަމުންދާކަން ފާހަގަކޮށްލެވެއެވެ. އެ ގޮތުން ބޮޑުމާލިނެށުމާއި، ދަފިނެގުމާއި، ބޮޑުމަހުގެ ކުޅިވަރުގެ އިތުރުން ބޮޑުބެރާއި ބަނޑިޔާ ކުރުފަލިޖެހުން ފަދަ  ތަފާތު ކުޅިވަރުތައް ހިމެނެއެވެ. އެހެންނަމަވެސް މި ރަށުން އެންމެ އާދަޔާ ޚިލާފު ކުޅިވަރެއްގެ ގޮތުގައި ބޮޑުމަހުގެ ކުޅިވަރު ފެނިގެން ގޮސްފައިވެއެވެ.  އަދި އިހުގެ މިސަޤާފަތްތައް ދިރުވައި އާލާކުރުމަށް ދަރަވަންދޫގެ އެންމެހައި ރައްޔިތުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. މިއީ ދަރަވަންދޫގެ ސަޤާފަތެވެ.

--------------------

(ނިމުނީ)

މަޢުލޫމާތު ހޯދީ: ބ.ދަރަވަންދޫ އޮފީހާއި، ދަރަވަންދޫގެ ދުވަސްވީ ހަރު މީހުންގެ ފަރާތުން.
 

އިދާރާ

އެނގޭތަ؟

ވާހަކަ