އަދުގެ ޚާއްސަ

Print

މިޔުޒިކު އާދެއެވެ. . .

ޝާޢިއުކުރީ naseema muhammadh . ހިމެނޭބަޔަކީ މާދަރީބަސް


ނަސީމާ މުޙައްމަދު

މިޔުޒިކު އާދެއެވެ. އަންނަނީ މަޑުމަޑުން، ސިއްރުސިއްރުން، ލުއިލުއި ފިޔަވަޅުތަކެއް މަތީގައެވެ. ހުވަފެން ދެކޭ މީހެއްގެ ނިދީގައެވެ. ހަމަހިމޭން ކަމުގައިވާ އިންސާނާގެ ނަފުސަށް ފިނިކަމާއި އަރާމު ގެނެސްދެމުންނެވެ. ޒަމާންތަކުގެ ހަނދާންތައް ހިފައިގެން، ވައިރޯޅިއާ އެކީގައެވެ.

މި ފުރިހަމަވީ ކާއިނާތަށް ވަނީ، ޤުދުރަތުގެ މިޔުޒިކުން ދިރުން ލިބިފައެވެ. ކޮންމެ އެއްޗަކަށްވެސް އެއެއްޗެއްގެ އަމިއްލަ ރާގާއި ހަމައިންނެވެ. ކަނޑުގެ ރާޅުތައް ގޮނޑުދޮށަށް ބީއްސާލަނީ އޭގެ މިޔުޒިކުގައެވެ. އެކި ފަހަރު އެކި ރާގުގައެވެ. ވައިގަދަވެ، ވިއްސާރަވުމުންނާއި ހިމޭން ވަގުތުތަކުގައި ކުޅެވެނީ ތަފާތު ރާގުތަކެކެވެ. ތަފާތު ހަމައެއްގައެވެ. ވަޔާއެކީގައި ގަސްތައް ހެލިލަނީވެސް އޭގެ އަމިއްލަ ވަޒަނަކަށެވެ.
        
ފަރުބަދަތައް މަތިން ދުންފިނީގެ ތެރެއިން، ވައިރޯޅިއާ އެކީގައި އަންނަ ހިމޭން ރާގުތަކަކީ މަދު ބަޔަކަށް ނަމަވެސް، ބަލައިގަނެވޭ ރާގުތަކެކެވެ. އާދެ! ނަފުސަށް ހިމޭންކަން ގެނައުމުން، ހުޅުވިފައިވާ ޙިއްސުތަކަށް އެރާގުތައް އިވިދާނެއެވެ. ހަމަ އެހެންމެ، ވަޔާއެކީގައި މާމެލާމެއްޔާއި ގަސްތައް ކުޅެމުންދާ މިޔުޒިކަކީވެސް ޤުދުރަތީ ކަންތައްތަކަށް ލޯބިކުރާ މީހުންނަށް އިވޭ އަޑުތަކެކެވެ.
        
ޤަދީމީ ޒަމާނުއްސުރެ އިންސާނާއާއި މިޔުޒިކު ވަނީ ގުޅިފައިކަން އަޅުގަނޑުމެން ދަންނަމުއެވެ. އެކި ރަށްރަށުގައި، ދުނިޔޭގެ އެކި ހިސާބުތަކުގައި ތަފާތު ވައްތަރުގެ މިޔުޒިކު އުފެދެމުން ތަރައްޤީވަމުން ފެތުރެމުން ދިޔައެވެ. މިފަދަ ރާގުތަކާއި ހަމަތަކުގައި، އެބަޔަކު އުޅޭ މާޙައުލެއްގެ އަސަރުތައް އެކުލެވިފައިވިއެވެ. ކަނޑުގެ އައްސޭރީގައި ޖަޒީރާ ޤައުމުތަކުގައި އުޅޭ މީހުންގެ ލަވައާއި ރާގުތަކަށް އެ މާޙައުލުގެ ރަހަ ފޯރާފައި ވެއެވެ. ކަނޑުގެ ރާޅުތަކުގެ އަޑާއި، ހަމައާއި ވަޒަންތައް، އެލަވަތަކުގައި އެކުލެވިފައި ވެއެވެ. ފަރުބަދަމަތީ ރަށްރަށުގެ މީހުންގެ ރާގުތަކާއި މިޔުޒިކުގައި، ލަވަކިޔާ ކޯރުތަކާއި، ފަރުބަދައިގެ ތާޒާ ވަޔާއި، އަތްފޯރާ ފަށުން ދަތުރުކުރަމުންދާ ވިލާތަކުގެ ތަޞައްވަރު ހިމެނިފައިވެއެވެ. އަދި މިއިން ކޮންމެ މިޔުޒިކަކަށްވެސް ފުރާނަދެމުން، އިންސާނާއާއި ގުޅުވަމުންދާ ވިންދު ކަމުގައިވާ އެކި ބެރުގެ ތަފާތު ހަމަތައް ހަމަގައިމުވެސް ވެއެވެ.
        
މިޔުޒިކަކީ އިންސާނުންނަށްޓަކައި ޤުދުރަތުގައި ލައްވާފައިވާ ކޮންފަދަ ނިޢުމަތެއްތޯއެވެ. ދިރިހުރިހާ ހިނދެއްގައި އޭގެ އަސަރު އޭނާއަށް ފޯރައެވެ. ހިތުގެ ވިންދު ޖެހުމުގައެވެ. ކުޑަ ދަރިފުޅު ނިންދަވާލަން މަންމަ ކިޔައިދޭ ނާނާގައެވެ. ލޯބިވެރިންގެ ވަޢުދުތަކުގައި ޖަޒުބާތުން ފުރިފައިވާ ހިމޭން ރާގުތަކުގައެވެ. ފަރިއްސާއި ޅެމުގައެވެ. މަސްވެރިން ދޯނިއެހެލައި ބާލާއިރު ހިތްވަރުދޭން އެކިޔާ ލަވައާއި އަންބާގައެވެ. ހަނގުރާމައިގެ މައިދާނުގައި ޢަޒުމު އާކޮށް ވަރުގަދަކުރުމަށް ކިޔާ ޤައުމީ ލަވަތަކުގައެވެ. ސިފައިންގެ ބޭންތަކުގައެވެ.
        
އިންސާނާއާއި މިޔުޒިކާ ދެމެދުގައި ހުރި ގާތްކަމާމެދު ވިސްނައިލުމުން، ޚިޔާލުކުރެވިފައިނުވާ އެތައް ކަމެއް ހަނދާނަށް އާދެއެވެ. ވަރަށް ކައިރިން މިސާލެއް ނަގާނަމަ، ދިވެހި ބޮޑުބެރުގެ އަޑަށް ވިސްނަވާލައްވާށެވެ. ބެރުގެ ހަމަތަކާ ގުޅޭގޮތުން، އެއަޑު އަހާމީހުންގެ ވިންދާއި ލޭ އަވަސްވާކަން އަޅުގަނޑުމެންނަށް އިޙުސާސްކުރެވެއެވެ. ހަމަ އެފަދައިން، ހިމޭން ރާގުތަކާއި މަޑުމައިތިރި މިޔުޒިކު، އަރާމާއި ހަމަޖެހުން ގެނެސްދިނުމުގެ ވަޞީލަތަކަށް ވެއެވެ. ބައެއް ބަލީގެ ފަރުވާގައި މިޔުޒިކު ހިމެނޭކަންވެސް ފާހަގަކުރެވެއެވެ.
        
މައިމީހާގެ ބަނޑުގައި އޮންނަ ތުއްތު ކުއްޖާއަށް މިޔުޒިކުގެ އަޑު އިވޭކަމަށް ބައެއް ތަޙުލީލުތަކުން ދައްކާފައިވެއެވެ. އަދި މާބަނޑު ދުވަސްވަރުގައި ގިނައިން އަހަން މައިމީހާއަށް އާދަކުރެވިފައިވާ ރާގު، ވިހެއުމަށް ފަހު ކުޑަ ދަރިފުޅަށް އެނގޭ ކަމަށްވެސް ބުނެއެވެ. ވަކި ހަމައަކަށް އުފައްދާފައިވާ މިޔުޒިކުގެ ސަބަބުން، ފިލާވަޅު ދަސްކުރުމުގައި ކުދީންނަށް ފަސޭހަކޮށްދޭ ކަމަށްވެސް ބުނެއެވެ.
        
މިޔުޒިކުގެ ފަރުވާއާއި އެހީ ލިބެނީ އިންސާނުންނަށް އެކަންޏެއް ނޫނެވެ. ޖަނަވާރާއި ގަސްގަހާގެހިވެސް މީގައި ހިމެނެއެވެ. ގަސްހައްދާ ވަރަށް ގިނަ މީހުން ބުނާ ގޮތުގައި، ހިމޭން ރީތި ރާގުތައް އިއްވުމުން، ގަސްތައް ރަނގަޅަށް ހެދެއެވެ. ނަމަވެސް އަޑުގަދަ "ރޮކް" މިޔުޒިކުގެ ސަބަބުން ގެއްލުން ލިބޭ ކަމަށް ބުނެއެވެ.
        
ރީތި ރާގެއްގެ ވަރައިގެ މަތީގައި، އެސްފިޔަޖަހާލާހާ ހިނދުކޮޅެއްގެ ތެރޭގައި، އެހެން ޒަމާނަކަށް، އެހެން ދުވަސްތަކެއްގެ ތެރެއަށް ދަތުރުކުރެވެއެވެ. އެއަޑު އިވުމުން އުފެދޭ ޖަޒުބާތުގައި ނިރާލާ ކަރުނައަކީ، އުފަލުގެ ނުވަތަ ހިތާމައިގެ، ނޫނީ ހަމައެކަނި ހަނދާނުގެ ކަރުނައަށްވެސް ވެދާނެއެވެ. ލަވަކިޔުންތެރިއެއްގެ އަޑާއި، އެ ފުރިހަމަކުރާ ރާގާއި ލަވައެއް އިވުމުން، ދުރަށް ގޮސް އޮބާލާފައިވާ، ނޫ، ނޫ ފަރުބަދަތަކާއި، ވިދާ ކޯރުތަކާއި، ޢަރޫޝާއެއްގެ ތުނިތުނި ހުދު ދާވަނި ފަދަ އޮހޭކޯރުތައް ސިފަކުރެވިދެއެވެ. އަނިޔާވެރި ތޫފާނުތަކާއި، ހިމޭން ކަނޑުތައް ފެނިގެންދެއެވެ. ބަހާރު މޫސުމުގެ އުފާވެރި ދުވަސްތަކާއި، ހޫނު މޫސުމާއި، ގަސްގަހުގެ ފަތްތައް ހިކި، ރަތްކުލައާއި ރަންކުލައަށް ބަދަލުވެގެންދާ ޚަރީފް މޫސުމާއި، އަދި ސްނޯ އާއި ގަނޑުފެނުގެ ފިނި ދުވަސްތައް، ކުރިމަތިން ފެންނަ މަންޒަރުތަކެއް ފަދައިން ހިތަށް ސޫރަ ކުރެވެއެވެ. އެއަޑުގައި އެކުލެވިފައިއެވާ ޖަޒުބާތު ހިތުގެ އެންމެ ހިމަ ނާރުތަކާވެސް ކުޅެލައެވެ. އިންސާނާއާއި މިޔުޒިކާ ގުޅުމުން މި އުފެދެނީ ކޮންފަދަ ބާރެއްތޯއެވެ؟ ބައެއް ފަހަރު ހިނިތުން ކުރެއެވެ. އަނެއްބައި ފަހަރު ކަރުނަ އުފައްދައެވެ.
        
ޤުދުރަތުގައިވާ މި ޢަޖައިބުވަނިވި މިޔުޒިކު އިންސާނާއަށް ހޯދުނީ ކިހިނެއްބާވައެވެ؟ އެބާރު، އޭނާގެ ޙިއްސުތަކާ ގުޅިފައިވާ މިންވަރު އިޙުސާސް ނުކުރެވުނު ނަމަވެސް، އޭގެ ޖާދޫގައި ޖެހުމުގެ ސަބަބުން، ގެއްލިފައިވާ މާޒީގެ ކޮންމެވެސް ހިސާބެއްގައި، އޭނާ ވަނީ އެއަޑުތައް ނަކަލުކުރަން ފަށާފައެވެ. އެ ތާރީޚީ ދުވަސް، ނޫނީ ދުވަސްތަކަކީ އެނގޭނޭ ދުވަހެއް ނުވަތަ ދުވަސްތަކެއް ނޫނެވެ. ނަމަވެސް ޚިޔާލުގެ ލަގަނަށް ދުލެއްދީގެން އެމަގުން ދަތުރުކޮށްފިނަމަ، ކޮންމެވެސް މަންޒަރުތަކެއް ސިފަކުރެވެން ފަށާނެއެވެ.. . .
        
ފެހި ރުއްތަކުން ޒީނަތްތެރިވެފައިވާ ޖަޒީރާއެއްގެ ގޮނޑުދޮށުގައި، ރާޅުޖަހާފަށުގައި އިށީނދެ އިން މީހެކެވެ. ވަޔާ ކުޅެމުންދާ ފަންތަކަށް ވިސްނުންތެރިކަމާއެކު އޭނާ ބަލައެވެ. އޭނާގެ ތޫނު ކަންފަތަށް ވައިގެ ތެރެއިން ރާގެއް އިވެއެވެ. އައިންމަތީ އުޅޭ ދޫނިތަކުގެ ގޮވުންތައްވެސް ވަނީ އެރާގާ އެކުވެފައެވެ. . . .
        
އެހެން މަންޒަރެކެވެ. އެހެން ވާސައެކެވެ. ވާދީތެރޭގައިވާ ކޯރެއްގެ އައްސޭރީގައި އިންމީހެކެވެ. ހަށިގަނޑު ނިވާކޮށްފައިވަނީ ފުއްލާހަމަކުން ކަމުން އެނގެނީ މިއީ ވަރަށް ކުރީގެ ޒަމާނެއްކަމެވެ. މާދުރުދުރުން، ވިލާތަކުގެ ތެރެއަށްގޮސް ގެއްލިފައިވާ ނޫކުލައިގެ ފަރުބަދަތައް ފެނެއެވެ. ތަންކޮޅެއް ކައިރިން، ފެންއޮހޭ ކޯރެއް އޭގެ ބަދަލުވަމުންދާ މަންޒަރުތައް ދައކައިދެއެވެ. އެމީހާގެ ސަމާލުކަން ދީފައިވަނީ، ކޯރުގެ ދެމެމުންދާ ފެންގަނޑަށެވެ. ހިލަތަކާއި ގާތަކުގެ މަތިން، ހެނމުން ސަމާސާކުރަމުން އޮހެމުންދާ ފެންގަނޑެވެ. ހެދިފައިވާ މާމެލާމެލީގެ ތެރޭގައި، ވައިރޯޅި ކުޅެމުންދާ ރާގު އޭނާއަށް އިވެއެވެ. މަތިން އުދުހެމުން އެކި އަޑުން ގޮވަމުންދާ ދޫނިތަކުގެ އުފާވެރި އަޑުތައްވެސް އޭނާއަށް އިވެއެވެ.. . .
        
ކޯރުގެ އައްސޭރީގައި ހެދިފައިވާ އޮނުފީނިން އޮނުކޮޅެއް އޭނާ ބިންދާލިއެވެ. އަދި އެއަށް ފުމެލިއެވެ. އޭނާއަށް އިވިގެންދިޔައީ ދޫނީގެ އަޑު ފަދަ އަޑެކެވެ. އެއަށް ވުރެ ފަލަ އޮނުކޮޅަކުން އިވުނީ ތަންކޮޅެއް ބަރު އަޑެކެވެ. އާދެ! މިހެންގޮސް އޮނުގައި ރާގުފުމެން ފެށިއްޖެއެވެ. މީގެ ތެރެއަށް އެހެން އަޑުތައް އިތުރުކުރެވެމުންގޮސް، ގުޅޭ ތަފާތު އަޑުތަކެއް އެކުލަވާލެވިއްޖެއެވެ. ކޯރުގެ ފެންއޮހޭ އަޑާއި، ވައިގެ އަޑުވެސް އޭގެ ތެރެއަށް ވަދެއްޖެއެވެ. ދެން ބެރެއްގެ އަޑެވެ. ހޮއިކޮށްލާފައިވާ ލަކުޑިގަނޑެކެވެ. ދެން، ޖަނަވާރު ހަމެއް އޭގައި ވާންކޮށް އައްސާލެވިއްޖެއެވެ. މި ރޮނގުން އަޅުގަނޑުމެންގެ ކާބަފައިން ކުރަމުންދިޔައީ އާ ހޯދުންތަކުގެ ފައިދާހުރި ދަތުރެކެވެ.
        
ދެން، އާދެ! ދެން އިންސާނާއަށް އެނގުނީ، އެރާގުތަކާއި އަޑުތަކަކީ، ޚުދް އޭނާގެ އަޑުންވެސް އިއްވައިދެވިދާނޭ ރާގުތަކާއި އަޑުތަކެއް ކަމެވެ. އިންސާނާގެ ތަރައްޤީއަށް ކުރިއެރުން އައިއައިހެން، މިޔުޒިކުގެ ރޮނގުންވެސް ކުރިއަރަމުން ދިޔަކަމަށް ލަފާކުރެވެއެވެ. މަޢުދަންގެ ބޭނުންތައް އެނގި، އެއިން ތަކެތި އުފައްދަން ދަސްވުމުން، އެޒަމާނުގެ މިޔުޒިކަށް ތަފާތު އާ އަޑުތަކެއް ތަޢާރަފުވެފައި ވާނެއެވެ. މުއާޞަލާތުގެ ގުޅުންތައް ކުރިއަށް ދިޔަ މިންވަރަކުން، އެއްރަށުން އަނެއް ރަށަށް ދަތުރުކޮށް، އެހެން ހިސާބުތަކުގެ ދިރިއުޅުމާއި، އުފެދެމުންދިޔަ ސަޤާފަތް ފެތުރެމުން ގޮސްފައިވާނެއެވެ. ފެންމަތީގައި ދަތުރުކުރެވޭނޭ ގޮތް ހޯދުމާއި، އެއްގަމުގައި ފަސޭހައިން ދަތުރުކުރެވެނޭ ގޮތްތައް މެދުވެރިވުމުން، ދުރު ހިސާބުތަކުގެ އާދަކާދަތައް ފެންނަމުން، ލިބެމުން، އެއްކުރަމުން ގޮސްފައިވެސް ވާނެއެވެ. އާދެ! ޒަމާންތައް ވޭތިވަމުން ދިޔައިރު، އެކި ހުނަރުތައް އެކި މީހުން ހޯދަމުން، އަދި އެބައިމީހުން އެކަންކަމަށް ކުޅަދާނަވަމުން ދިޔަ ފަދައިން، މިޔުޒިކާއި މުނިފޫހިފިލުވުމަކީ ވަކި ބަޔެއްގެ ޚާއްޞަ ފަންނަކަށް ވެގެންދިޔަކަން ޔަޤީނެވެ.    
        
އަޅުގަނޑުމެންގެ އެންމެ އެވޭލާ ޒަމާނުގެ ކާބަފައިންގެ ޚިޔާލަށްވެސް ނުގެނެވޭފަދަ ކުރިއެރުންތަކެއް، މިޔުޒިކު އުފެއްދުމާއި ކުޅުމުގައި މިހާރު ފެންނަމުން އެބަދެއެވެ. ބަދަލު އައިސްފައިވާ ކަންތައް ގިނަގުނައެވެ. ނަމަވެސް ބަދަލެއްނުވާ، އަދި މުސްތަޤްބަލުގައިވެސް ހަމައެފަދައިން ހުންނާނެ ބައެއް ކަންތައް އެބަހުއްޓެވެ. އެންމެ މުހިންމު އެއްކަމަކީ އިންސާނުންނާއި މިޔުޒިކާއި ދެމެދުގައިވާ ގުޅުމެވެ. ކާއިނާތުގެ ދިރުމުގައި މިޔުޒިކުވާ ފަދައިން، އިންސާނާގެ ދިރިހުރުމުގައިވެސް މިޔުޒިކުވެއެވެ. އާދެ! މިއީ އެންމެހާ އިންސާނީ ނަސްލުތަކުގެ ޢާއްމު ބަހުރުވައެވެ. ބާރުގަދަ ގުޅުމެވެ. އެންމެ ރުޅިވެރި ހިތަށްވެސް ހިމޭންކަން ގެނެސްދޭ ބާރެވެ. . . .
        
އެ ޖާދޫގަރުގެ އިނގިލިތަކުން ފިރުމާލީމާ، ހަނދާންތައް އިއާދަކުރަމުންދާ މާޙައުލުގެ ތެރެއިން، ޒަމާންވީ ރީތި ރާގުތައް ރޯޅީގެ ސިފައިގައި އާދެއެވެ. ނިދީގައިވާ އިންސާނާގެ ހިތުގައި އަމާންކަމާއި ހަމަޖެހުމުގެ އަތަކުން ބީހިލަމުންނެވެ. . .
--------------
(ނިމުނީ)

މި ލިޔުން:

   ފޮނުވުން:    އަލްފާޟިލާ ނަސީމާ މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު / ޙަސަން ޝާކިރު މުޙަންމަދު
   ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


އިދާރާ

އެނގޭތަ؟

ވާހަކަ