އިއްޔެގެ މާލެ - މާލޭގެ ނަރުދަމާ ނިޒާމު
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
މާލޭގެ ނަރުދަމާގެ ނިޒާމުގެ ވާހަކައަކީ މިއަދު ބައެއްމީހުންގެ ވިސްނުމުގައި ފަހަރެއްގައި ލަދުވާހަކަޔަކަށް ވެދާނެއެވެ. ސަބަބަކީ އެޒަމާނުގައި ޙާލަތު ހުރި ގޮތެވެ. އޭގެ ސަބަބުން ދިމާވީ ޞިއްޙީ އަޚުލާޤީ އަދި އިޖުތިމާޢީ މައްސަލަތަކެވެ. އެންމެ މަތީ ފަންތީގައިވެސް މިކަންއޮތީ މިހެނެވެ.
ރާއްޖޭގެ ރަސްރަސްކަލުންގެ ގަނޑުވަރުގައި އަވަހާރަގަނޑުވަރު ކިޔާތަނެއް ހުންނަކަމަށްވެއެވެ. އަވަހާރަގަނޑުވަރަކީ، ގިފިއްޔެވެ. ''ފާޚާނާ''އެވެ. މިތަންތަނުގައި ޙާޖަތްފުއްދެނީ ބިމުގައި ވަޅުޖަހައިގެންނެވެ. އަވަހާރަގަނޑުވަރުގައި ''ގުންތުރަކޮޅު'' ކިޔާ ދަނގަޑެއް އޮންނަކަމަށްވެއެވެ. ރަސްރަސްކަލުން އަވަހާރަގަނޑުވަރަށް ވެދެވަޑައިގަންނަވަންބޭނުންފުޅުވުމުން، މީހަކު އެދަގަނޑުން ބިމުގައި ވަޅުޖަހައިދެނީއެވެ.
ރަސްކަމުގެ ކޮއިލުތެރޭގެ ހާލަތު މިފަދައިން އޮތް އިރު ޢާންމު ރައްޔިތުންގެ ހާލަތު އޮންނާނީ ކޮންފަދަޔަކުންތޯ ހިތަށް ގެންނަވާށެވެ! މާލޭގައިވެސް އެދުވަސްވަރު ގިނަމީހުން ޙާޖިތަށްދާން ގޮސް އުޅެނީ އަތިރިމައްޗަށެވެ. ނޫނީ ދުނގެތިވާފަދަ ވާވަލަށެވެ. ''ފާޚާނާ ކުރުން'' މިނަންވެސް އުފެެދިފައިވަނީ މާފަހުންނެވެ. ކުރިން ކިޔައިއުޅުނު ނަންތަކަކީ ''އަތިރިޔަށް ދިޔުން'' ''ވަލަށްވަނުން'' ގިފިއްޔަށްދިޔުން'' މި ފަދަ ނަންނަމެވެ.
ގިފިއްޔަކީ ގޯތިގޯތީގައި ގޭގެމީހުން، ފެންވަރާ ވަޅު ބަހައްޓާފައި ހުންނަ ބައެވެ. މިއީ ހިޔާކޮށްފައި އޮންނަ ތަނެއްނޫނެވެ. މަތި ހާމަތަނެކެވެ. ވަށައިގެން ލެވިފައިވާނީ ދަނޑިފަނުގެ ފުޅަށްގަނޑެކެވެ. ނުވަތަ ދަނޑިން ކޮށިގަނޑެއް އަޅައި ގޯންޏާއި ބޯކަރުދާސްޖަހާފައެވެ. ފޯރާމީހެއްނަމަ މި ކޮށިގަނޑުގެ ވަށައިގެން ބާޓިނު ޖަހާފައި ހުރެދާނެއެވެ. އެތެރެ އޮންނާނީ ތަޅުމެއް ނެތި، ހުސްވެލިގަނޑަށެވެ. ތަންކޮޅެއް ތާހިރު މީހުން ދިރިއުޅޭ ތަންތާނގައި ގިފިއްޔަށް ދިޔުމަށްޓަކައި، (ފާޚާނާކުރުމަށްޓަކައި) ފާހަގަ ކޮށްލެވިފައިވާ ވަކިބައެއް އޮވެއެވެ. އެހެންނަމަވެސް ތަނުގެ ސާފުކަމެއް ނުދެމެހެއްޓެއެވެ. ބައެއްފަހަރަށް ބުޅާ ކުކުޅުހާ ފަދަ އެއްޗެހި އައިސް އެފަދަ ވަޅުތައް ހާވައި ތަން ނަޖިސްކުރެއެވެ. ވާރޭ ފެންފޮދެއްވެހި ވިއްސާރަ ވެއްޖެއްނަމަ، ފިޔަވަޅެއް އަޅައިފިއްޔާ ގަނބައިގަންނަވަރަށް، މުޅި އެ ހިސާބުގެ ފަސްގަނޑު މަޑުވެ، ނަޖިސްފެންހިލި، މެހިބުރައި މުޅި ގޯތިތެރެ ވަސްނުބައިކުރެއެވެ. ރަށުތެރޭގެ ވާވަލާއި އަތިރިމަތިވެސް މިފަދައެވެ.
މާލޭގެ ގޮނޑުދޮށުން ހިނގާލާއިރު ރާޅާ ގިރިގެންދާ ނަޖިސްތަކާ އޮޔާދެމޭ ނަޖިސްތައް ރާޅުޖަހާފަށުން އެކިދިމަދިމާއިން ފެންނާނެއެވެ. ގިނަ ދިރާސާތަކަކާއި މަސައްކަތްތަކަކަށްފަހު މި މައްސަލަ ޙައްލުވީ، 9ޖުލައި، 1985ން ފެށިގެން، 1 އޯގަސްޓް 1988 އަށް ސަރުކާރުން ހިންގެވި ''މާލޭގެ ބޯފެނާއި ފާޚާނާހޮޅިލުމުގެ މަޝްރޫޢު'' ނިމުމާގުޅިގެންނެވެ.