އަދުގެ ޚާއްސަ

Print

ދީނީ އެއްބައިވަންތަކަމުގެ މުހިންމުކަން

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



އަޙުމަދު ޖަދުޢާން

ދުނިޔޭގެ ހަފަރާތް ދައްކަނީ ކެހިވެރިކަމުގެ ހާ ފުސްތަކޭ
             އަނިޔާގެ އެކި   ޠޫފާނުތައް  އެކުލައި ހެދޭ  ފައްތަރުތަކޭ
އަނެކުންގެ ނިޢުމަތްތައް ލޮލަށް ފެނިގެން އަސަރުގައި ނުނިދިގެން
              ބަނަކޮށް ހިތާއި ނިޔަތް އެއަށް އަތްދިއްކުރާ ހަތުރުން ތަކޭ
ނަފުރަތުގެ ހުޅުގަނޑު މިކަމުގައި ޚާއްޞަވެ ހިފައިލި  އަމާޒަކީ
               ނަފްސާއި ރޫޙު، ހިދާޔަތުން ދިއްލައިލި މުސްލިމު ހިތްތަކޭ
އުފެދޭ ފިތުނަތައް މަޒުހަބީ/އަހްލީ، އެ ނިމެނީ ކިހިނަކުން...؟
              ކަފުނާވެ، މިނިވަންކަން ބިމާ،  ވެއްޔާ  މޮޑެވިގެން ދާލެކޭ
މި ހަޤީޤަތަށް ވިސްނައިލުމުން ދުނިޔޭގެ އެކި ކަންކޮޅުތަކުން
                    މިހިރީ ދިމައަށް ހާމަވާން ހުރި،  ސާފު، ސީދާ  ހެކިތަކޭ
އަފްޣާން، ފަލަސްޠީން، ބޮސްނިޔާ، ޝީޝާން، އިރާޤާ، ލީބިޔާ
                    އެ ފަނާކުރީ ކުށަކާ ނުލައި، އިޔަހޫދި ހުޅަނގުގެ ވަކިތަކޭ
މި ޢަޒާބުގައި އުންމަތް ދިވެހި މި ގޮތުން ހަނާވެ، ފަނާވެދާން!
                    ނިޔާތާއި ޤަސްދު ރުހޭނެހޭ..؟  ނޫނޭ! ޔަޤީނޭ،  ނޫނެކޭ!


ތާރީޚު ދިވެހި ބަޔާން ކުރާ، އެކިއެކި ފިލާވަޅުތައް  ކިޔައި،
                    މާ ރީތިކޮށް ވިސްނައިލުމުން ފެނުނީ ހިނގާންވީ މަގުތަކޭ
ނުވަވަނަ ހަސަން "ކީރިތި" ރަދުން، ދީނުން ބަރީއަވެލެއްވުމުން
                   ހުވަ، އަހުވައަށްވެ  ފުރެތިކާލުން އައިސް ދިނީ އަނިޔާތަކޭ
އެފަހުން ހޮޅިން އައިސް ގަނޑުވަރާ، ތިން މިސްކިތާ ގިނަ ގޭގެޔާާ
                   އުފަލާ އެކީގައި ހުޅުޖެހީ! މީ  ވެސް  ލިބޭ  ޢިބްރަތްތަކޭ
އަށްޑިހަ އަށެއްގެ ނޮވެމްބަރުން ތިނަވަނަ ދުވަސް އެހަނދާނުގައި
                  ދައްކައިދެނީ ހަމަ މިއަދުވެސް ކަތިލެވުނު ގިނަ  ދިވެހިންތަކޭ
"ޓާކީ" އެކަކު ކާހިތްވުމުން، ރާފޮދުވަރެއް ބޯހިތްވުމުން
                 ބާކީ، ދިވެހި މުޅި ރައްޔިތަށް، ލިބުނީ އަސަރު ގަދަ ވޭންތަކޭ
               

ދެން ވިސްނަވާށެ މިކަންކަމ،ާ ދީނާއި ހުރި ގުޅުމާ މެދަށް،
                ފެންނާނެނީ ރަޙްމަތުގެ  ދީން،  ދޫކޮށްލުމުން  ހުރި ދެރަތަކޭ
ތިޔަ ޕޯޗުގީޒުންނާ ހޮޅިން، ޓެރަރިސްޓް ޕްލޮޓުންވެސް ގެނައި،
                ނިޔަތާ،  އަޤީދާ  ފާސިދުވެފައި  ވީ  ޚާއިނުންގެ  ގްރޫޕެކޭ
 
              
ކީރިތި އުތީމު މަހާރަދުން، މޫރިތިވި ދޮން ބަންޑާރައިން
                "ކީރިތި ޢަލީ" ގެ މި ޚިދުމަތީ،  ދީނަށްޓަކައި  ވި މިސާލެކޭ
ވިސްނާށެ "حبل الله " މީ ރައްކާވެ ތިބުމަށް އުފަލުގައި،
                އިސްލާމް ދިވެހި ލޮބުވެތި މި ޤައުމަށް ހާދަހާ  މޮޅު މުގުލެކޭ
ދިވެހިންގެ ނަލަ ދިވެހިއްޔަތާ، ދިވެހިންގެ ފަހި ޤައުމިއްޔަތާ،
                ދިވެހިންގެ ފަރި ޙުއްރިއްޔަތާ، ފެވެނީ މި ދީނުން. އާނއެކޭ!

            -----------------------
                (ނިމުނީ)
މިޅެން

ފޮނުވުން:     އަލްފާޟިލު އަޙުމަދު ޖަދުޢާން
އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

ވާހަކަ