އަދުގެ ޚާއްސަ

Print

ކުލަ އައިނު

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


އާދަމް ޢަބްދުއްރަޙްމާން - ހއ. އުތީމު

ދުނިޔެއެއްގައި ދާދި މެދުމިނު ދިރިއުޅެނިކޮށް ބިންމަތީ
       ދުނި ރަނުން ހުރި ކުލަ އަރާ އައިނެއް އެޅިއްޖޭ ލޯމަތީ

ހީވިޔޭ  އެބަ  ބަދަލުވީހެން   ރުއްގަހާ  ގެދޮރާއެކީ
      ރީތި އެކިއެކި ކުލަތަކަށް ފެންނަން ކުރިން ހުރި ކުރިމަތީ

ފެންނަމުން ދިޔަ އޮށް އަކިރިއާ ކުނި ބުނިން އޮތް ގޮނޑުދޮށުން
       ފެންނަނީ  ވެލިރަންތަކެއް  ފަތުރާލިހެންނޭ  ތުނޑިމަތީ

ފޫދިގެން ދިޔަވަރު އެރީމާ ހީވިޔޭ ކައިރިން ދުރަށް
       ނޫފަށުވި  ސާލެއް އޮމާން  ފަތުރާލިހެން  މުޅި ފެންމަތީ

އުދުހި އެއުޅޭ  ދޫނިސޫފާސޫފިތައް  ކާޅާ ގޮވާ
       ހުދުރިހިން  ހީވީ   ޖަރީކޮށްލައިފިހެން    ބުރަކަށިމަތީ

ރޫ ކުރިން ހުރި މޫނުމޫނާ ހުދުވެފައިހުރި ބޯބޮލާ
       ހޫރުނޭ   އޮފުދާރު   ހީވީ  ނޫރު  ބަބުޅާ   ނިތްމަތީ

ގުދު ކަމެއް ނެތި ތެދުވެފާ މުޅިހަށި ފަސޭހަވެލާ މަށް
        އުދުހެވޭހެން   ހީވިޔޭ  ހުއްޓަސް  ދެފައިގާ  ބިންމަތީ

ރަންވެގެން އައި ދުނިޔެއިން ކުލަތައް ބަދަލުވީ މިންވަރުން
       ނަންއޮޅިއްޖޭ  ދެރަ  ފަކީރުން ކައިއުޅުނު،  އެއްތަށިމަތީ

ހުދުކަޅާ އޮޅި ދޮގުތެދާވެސް ވަކިނުވާހާ ވީފަހުން
       ގުދުރަތީ  އަތަކުން  ނެގިއްޖޭ އައިނު އެޅިހުރި   ލޯމަތީ

ދެން ބަދަލުވެއްޖޭ ކުރިން ދުށް ސިފަތަކާ ކުލަ މަންޒަރާ
       ފެންނަނީ   އާދައިގެ   ދެރަވަރު    މީހުނޭ  ކުރިމަތީ

ފެންނަމުން އައި ހުވަފެނެއް ގެއްލުނުފަދައިން ހޭވެރިވުމުން
       ދެން އުޅެންޖެހުނީ   ޙަޤީޤީ  ލެއްވި އޮތް  ހަމަބިންމަތީ
----------------
   (ނިމުނީ)

މި ލިޔުން؛

  ފޮނުވުން: އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާނު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
  އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
  ޝާއިޢުކުރުން:  ''         ''





އިދާރާ

ވާހަކަ