އަދުގެ ޚާއްސަ

Print

ހުޅުލޭ އެއަރޕޯޓް: ރައްޔިތުން ގުޅިގެން ކުރި ޤައުމީ މަސައްކަތެއް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ތާރީޚް


ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (މާޒީ)

ދިވެހީންނާއި މަތިންދާ ބޯޓު:

1939 ގައި ދުނިޔޭގެ ދެވަނަ ބޮޑު ހަނގުރާމަ ފެށިގެން އޭގެ އަސަރު އެތެރިވަރިއަށް ކުރަން ފެށުމުގެ ކުރިން މަތިންދާ ބޯޓުގެ ވާހަކަ ގިނަ ދިވެހިން އަޑެއްވެސް ނާހައެވެ. ރާއްޖޭން ބޭރަށް ދިޔުމުގެ ފުރުޞަތު ލިބިފައިވި މަދު ބަޔަކަށް އެއީ ޖެހިލުންވާ އެއްޗަކަށް ނުވިޔަސް ގިނަ ދިވެހިންނަށް މަތިންދާ ބޯޓުގެ ވާހަކަ ވީ ބިރުން ފިތްކެނޑޭފަދަ ނުރައްކާތެރި ޚަބަރަކަށެވެ. އެކުން އެކަން އެ ގޮތަށް މެދުވެރިވީ އެ ޚަބަރު ރައްޔިތުންނަށް ފުރަތަމަ އިވުނު ގޮތުންވެސް މެއެވެ. 9  ޝަޢުބާން 1357 ގައި، ވަޒީރުއްދާޚިލިއްޔާގެ ނާއިބު މުޙައްމަދު ބިން ވެލާނާ މަނިކުފާނު ސޮއިކުރައްވައި ރާއްޖޭގެ އަތޮޅުތަކުގެ އަތޮޅުވެރިންނަށް ފޮނުއްވި "ބަހު"ގައި (ސިޓީގައި) މަތީންދާ ބޯޓުގެ ވާހަކަ ގެންނަވައިފައިވަނީ "...އަދި އަންގަމެވެ. ރޭގަނޑުގައި މަތިންދާ ބޯޓެއް އަންނަކަން އެނގިއްޖެ ނަމަ ހުރިހާ ބައްތިއެއް ވެސް ކުޑަކޮށް، ބޭރަށް އަލި ނުފެންނާނޭހެން ހެދުމަށާއި ......" މި ޢިބާރާތުންނެވެ. އަދި ދުވާލުގެ ވަގުތުގައިވެސް މަތީންދާ ބޯޓެއް އަންނަކަން އެނގިއްޖެ ނަމަ މީހުން ތަންތަނަށް ބޮނޑި ނުވުމަށް ވެސް ދައުލަތުން ވަނީ ރައްޔިތުންނަށް އަންގަވައިފައެވެ. ނަތީޖާއެއްގެ ގޮތުން ރައްޔިތުންނަށް މަތީންދާ ބޯޓު ތަޞައްވުރު ވެފައި ވަނީ ބިރުވެރި އެއްޗެއްގެ ގޮތުގައެވެ. 1940 ގައިވެސް މަތީންދާ ބޯޓަކީ ދިވެހީންނާ ރައްޓެހި އެއްޗެއް ނޫނެވެ.

ރާއްޖެއަށް މަތިންދާ ބޯޓު އަންނަން ފެށުން:

މާލޭގައި ދިރިއުޅޭ ދިވެހީންނަށް މަތީންދާ ބޯޓު ފެންނަންފެށީ ހިޖުރައިން 1350 ގެ ތެރޭގައެވެ. އެއީ އިނގިރޭސި އެއަރފޯސްގެ ބޯޓްފަހަރެވެ. މޫދަށް ޖައްސާ ބޯޓުފަހެރެވެ. މިފަދަ ބޯޓުފަހަރު މާލެއަށް ޖައްސައި ބަނދަރުކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައެއް ވެސް ނޯވެއެވެ. މިކަމަށް ޙައްލެއް ހޯދުމަށްޓަކައި މަތިންދާ ބޯޓު އަޅައިފައި ބާއްވާނެ ބޮޔެއް ލުމާ ބެހޭ ގޮތުން އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު މަޝްވަރާކުރެވުނީ 1358 ހ. ރަމަޟާން މަހުގެތެރޭގައެވެ. މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން މާލޭ އުތުރު ފަރާތު ކަނޑިންމައިގެ ބޭރުން ފައިކަށީގެ އިރުމަތީ ފަރާތުގައި ބޮއިގަނޑެއް ލުމަށް ހަމަޖެހުނެވެ. މި ބޮއިގަނޑު ލުމުގެ މަސައްކަތް ނިމި ބޯޓު ތިރިކުރުމުގައި ފަސޭހަތަކެއް ލިބިގެން ދިޔަ ދަނޑިވަޅަކީ ދުނިޔޭގެ 2 ވަނަ ބޮޑު ހަނގުރާމައިގެ އަސަރުތައް އެތެރެވަރީގެ ޤައުމުތަކަށް ފޯރާން ފެށި ވަގުތެވެ. އެހެންކަމުން ދިވެހިރާއްޖެއާއި ސިލޯން ދިފާޢުކުރުމަށްޓަކައި ރާއްޖޭގައި ޢަޝްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ ވާހަކަދައްކަން އިނގިރޭސި އޮފިޝަލަކު، މީލާދީން 1941 ވަނަ އަހަރު ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު މާލެ އައެވެ. އެއީ އިސްޓް އިންޑީޒް މަނަވަރުތަކުގެ ސިފައިންގެ ވެރިޔާ ކާނަލް ސީޓީ ބްރައުން އޯބީއީ އެވެ. މި ދަތުރުގެ ނަތީޖާއަކަށް ވެގެން ދިޔައީ އައްޑު އަތޮޅުގައި އިނގިރޭސި ޢަޝްކަރީ މަރުކަޒެއް ޤާއިމުކުރުމުގެ ހުއްދަ ލިބުމެވެ. މި ހުއްދައިގެ ދަށުން 150 އިނގިރޭސީންގެ މައްޗަށް އެކުލެވޭ ފައުޖެއް އައްޑު އަތޮޅު ވިލިގިއްޔަށް ފޭބީ 20 ސެޕްޓެމްބަރ 1941 ގައެވެ. 
މި ދުވަސްވަރު އިނގިރޭސީންގެ ބޯޓު ފަހަރު މޫދުގައި ޖެއްސުމަށް ހިތަދޫ ފަޅުތެރެ ޚާއްޞަކުރެވުނެވެ. އަދި މަތީންދާ ބޯޓު ތިރިކުރާނޭ ރަންވޭއެއް ވެސް އައްޑުއަތޮޅު ގަމުގައި ތައްޔާރުކުރެވުނެވެ. ވީމާ ރާއްޖޭގައި ފުރަތަމަ ޤާއިމްކުރެވުމު ވައިގެ ބަނދަރަކީ ގަން އެއަރޕޯޓް ކަމުގައި ތާރީޚުގެ ތެރެއަށް ވަދެގެން ދެއެވެ.
ހުޅުލޭގައި ވައިގެ ބަނދަރެއް ހެދުމުގެ ޚިޔާލު:

ދެވަނަ ބޮޑު ހަނގުރާމަ ނިމުނުއިރު އައްޑު އަތޮޅުގެ ގަން ހިމެނޭ ސަރަޙައްދުގައި ވަނީ އިނގިރޭސީންގެ އަސަރުތަކެވެ. ހަނގުރާމަ ނިމުމުންވެސް އެ މީހުން ބޭނުންވީ ގަމަކީ ރާއްޖޭގައި އޮންނަ އިނގިރޭސި ޢަޝްކަރީ މަރުކަޒު ކަމުގައި ހަދާށެވެ. މިކަމަށް މަގު ފަހިކުރުމުގެ ގޮތުން ދިވެހި ސަރުކާރާ ވާހަކަ ދައްކައިގެން 100 އަހަރުގެ މުއްދަތަށް އެ މީހުން ގަން ކުއްޔަށް ހިފިއެވެ. އެއީ 1957 މ. ވަނަ އަހަރެވެ. މި ދުވަސްވަރު ރާއްޖޭގައި ބޮޑުވަޒީރެއްގެ ގޮތުން ސަރުކާރު ހިންގަވަން ހުންނެވީ އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ. މި އަހަރު ނިމެމުންދަނިކޮށް (ޑިސެމްބަރު މަހުގެ ތެރޭގައި) ބޮޑުވަޒީރު ކަމުގެ މަގާމު އިބްރާހީމް ނާޞިރަށް ލިބިވަޑައިގަތެވެ. މާލެއަތޮޅު ހުޅުލޭގައި އެއަރޕޯޓެއް ޤާއިމުކުރުމުގެ ޚިޔާލު މި ހިސާބުން އުފެދިގެން އައިސް އިނގިރޭސީން ރާއްޖޭގެ ބޮޑު ވަޒީރަށް މި ޚިޔާލު ހުށަހެޅީ 1960 ވަނަ އަހަރުގެ ތެރޭގައެވެ. އިނގިރޭސީންގެ މި އިސްނެގުމަށް ދިވެހި ދައުލަތުން ދެއްވީ ފަހި ޖަވާބެކެވެ. ބޮޑުވަޒީރު އިބްރާހީމް ނާޞިރު ސިލޯނަށް ކުރެއްވި ދަތުރުފުޅެއްގައި ދިވެހިސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު ކުރެވުނު މަޝްވަރާއަކަށްފަހު ހުޅުލޭގައި އެއަރޕޯޓެއް ހެދުމުގެ ހުއްދަ ދެވިއްޖެއެވެ.

ހުޅުލޭގައި ހެދި ފުރަތަމަ އެއަރޕޯޓް:

ހުޅުލޭގައި ވައިގެ ބަނދަރެއް ހެދުމުގެ ހުއްދަ ލިބުމާއެކު، އިނގިރޭސި ޓީމެއް ރާއްޖެ އައިސް ހުޅުލޭގައި ރަންވޭ އެއް ހެދުމަށް ޓަކައި ސާރވޭ ކުރުމަށްފަހު ރަންވޭ ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިގެންފިއެވެ. ރަންވޭ ހަދާ ސަރަޙައްދުގައި ހުރި ރުއްގަސް ކަނޑައި ސާފުކޮށް ބިން ރަހަކޮށް އެއްވަރުކުރުމަށްފަހު ބިންގަނޑު ހަރުކޮށް ހެދުމަށްފަހު ރަންވޭ ހަދައި ނިންމައިލެވިއްޖެ އެވެ. މިއީ ދިހަވަރަކަށް ފޫޓު ދިގު 2 ފޫޓް ފުޅާ މިނުގެ ދަގަނޑު ފިލާ އަޅާއިގެން ތައްޔާރުކުރެވުނު ވަގުތީ އިސްޓޭޝަނެކެވެ. ހައެއްކަ މަސްދުވަހުގެ މަސައްކަތުން ނިންމައިލެވުނު މި އިސްޓޭޝަނުގެ ދިގު މިނަކީ ތިންހާސް ފޫޓެވެ. ފުޅާމިނަކީ ހަތްދިހަ ފަސް ފޫޓެވެ.

ހުޅުލޭގައި ޤާއިމުކުރެވުނު ރަންވޭ ބޭނުންކުރަންފެށުން:

ދަގަނޑުފިލާ އަޅައިގެން ވަރަށް ވަގުތީ ގޮތެއްގައި ހުޅުލޭގައި ތައްޔާރުކުރެވުނު ރަންވޭ އަށް ފުރަތަމަ ޖެއްސީ ނިއުޒީލޭންޑް އެއަރފޯސް ގެ ދެ ބުރަފަތިލީ ބޯޓެކެވެ. މި ބޯޓު ހުޅުލޭގައި ޖެއްސި ތާރީޚީ ވަގުތަކީ 1960 ވަނަ އަހަރު އޮކްޓޯބަރ މަހު 19 ވަނަ ދުވަހު މެންދުރުން އަނބުރައި 1:55 އެވެ. މި ބޯޓުގެ ކެޕްޓަނާ ރާއްޖެއިން ފުރަތަމަ އިސްތިޤްބާލުކުރީ ރާއްޖޭގައި ހުންނެވި އިނގިރޭސި ސަފީރު މރ. އާރތިންގޓަން ޑޭވީ އެވެ. އެއަށްފަހު ދިވެހި ދައުލަތުގެ ފަރާތުން ވަޑައިގެން ތިއްބެވި ޢިއްޒަތްތެރީން ކެޕްޓަނަށް ތަޢާރަފުކޮށްދެއްވިއެވެ. މި ނަންބަރު ފުރިހަމަކުރެއްވީ މރ. ޑޭވީ އެވެ. ދިވެހި ދައުލަތުގެ ޢިއްޒަތްތެރީންނަށް ބޯޓްތެރެ ދައްކައިލުމަށްފަހު ކެޕްޓަން ދިޔައީ މރ. ޑޭވީ އާއެކު ދޫނިދޫއަށެވެ. ބޯޓު ފުރަންވަންދެން އޭނާ މަޑުކުރީ އެރަށުގައެވެ.

ދިވެހީންގެ އަމިއްލަ މަދަނީ ވައިގެ ބަނދަރެއްގެ ޚިޔާލު:

ދިވެހި ރާއްޖޭގައި ދިވެހީންގެ ހުއްދަޔާއެކު އިގިރޭސިން ޤާއިމުކުރި ދަގަނޑު ފިލާ އެޅި ރަންވޭ ބޭނުންކުރަން ފެށިތާ އެންމެ 4 އަހަރު ދުވަހުގެ ތެރޭގައި އެތަނުގެ ބޭނުންކުރުން ހުއްޓައިލައި އެތަން ބަންދުކުރަން ޖެހިއްޖެ އެވެ. ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު ޖެހުނު މައްސަލަތަކެއް ގެ ސަބަބުންނެވެ. އައްޑޫ ގަޑުބަޑާއި USI (ޔުނައިޓެޑް ސުވައިދީބް އައިލެންޑްސް) ގެ ރައީސަކަށް ހުންނެވި ޢަބްދުﷲ ޢަފީފު އިނގިރޭސީންގެ ޙިމާޔަތުގައި ސީޝެލްސަށް ގެންދިޔުމާއި މި ކަންކަމާ ގުޅިގެން މިނިވަންކަމަށްޓަކައި ދިވެހީންގެ ހިތްތަކުގައި ކެކެން ފެށި މިނިވަންކަން ހޯދުމުގެ ވަރުގަދަ ރޫޙަކީ މި ދެންނެވި މައްސަލަތަކުގެ ބައެއް ސަބަބުތަކެވެ.
ހުޅުލޭގައި ހެދި ދަގަނޑު ފިލާއެޅި ރަންވޭ އަކީ ރާއްޖޭގައި އިނގިރޭސިން ހަދައިދިން ތަނެކެވެ. އެއީ އެތާނގެ މިލްކުވެރިކަން ދިވެހީންގެ އަތުން ނިގުޅިގެންދާ ފަދަ ގޮތަކަށް ދިވެހީންގެ އަމުރުވެރިކަމުގެ ދަށުން ދޫކޮށްލެވިފައި އޮތް ތަނެއް ނޫނެވެ. އެތަން އެއްވެސް އިރެއްގައި އެއް ވެސް ބަޔަކަށް ކުތްޔަކަށް ވެސް ނުދެއެވެ. ދިވެހި-އިނގިރޭސި ގުޅުމުގެ ރަމްޒެއްގެ ގޮތުން އެ ތާނގައި އެއަރޕޯޓެއް ހެދުމުގެ ހުއްދަ ދިވެހި ސަރުކާރުން ދެއްވީއެވެ. އެހެންވީމާ އެ ތަން ވާނީ ދިވެހި ރާއްޖޭގެ އަދި ދިވެހީންގެ ތަނަކަށެވެ.
އެހެން ނަމަވެސް އިނގިރޭސިން ދުށީ "ހުޅުލޭގައި އޮތް އެއަރޕޯޓަކީ ހަމައެކަނި އިނގިރޭސީންގެ އެއަރޕޯޓެއްގެ ގޮތުގަ"އެވެ.  "އެ ދުވަސްވަރު ކަންތައް ހުރި ގޮތުން އެއަރޕޯޓްގައި ޖައްސަމުން ދިޔައީ ހަމަ އެކަނި އިނގިރޭސީންގެ ރޮޔަލް އެއަރފޯސް (އާރ.އޭ.އެފް) ގެ މަތީންދާ ބޯޓްފަހަރެވެ. ނުވަތަ އެ މީހުންގެ ކޮންޓްރޯލުގެ ދަށުގައިވާ ބޯޓުފަހަރެވެ. ދިވެހި ސަރުކާރުގެ ބޭފުޅުން ސިލޯނަށް ވަޑައިގަންނަވަނީ ވެސް މި ބޯޓުފަހަރުގައި، އިނގިރޭސީންގެ އެހީތެރިކަންވެސް ލިބިގެންނެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ:39-40)
ދިވެހި-އިނގިރޭސި ގުޅުމަށް އައި ހީނަރުކަމުގެ ތެރޭގައި ދިވެހި ސަރުކާރުގެ ވަޒީރުއްދާޚިލިއްޔާ ސިލޯނަށް ރަސްމީ ގޮތުންކުރައްވަން ހަމަޖެހިފައި އޮތް ދަތުރުފުޅަކަށް ހުރަސްއަޅައި ދަތުރު ހަމަޖައްސަވައި ނުދިނެވެ. ދެން "ދިވެހި ސަރުކާރުން ޤަޞްދުކުރެއްވީ އިނގިރޭސީން ބޭނުންހާ ކަމެއް ކުރުމުގެ ފުރުޞަތު ދިވެހި ސަރުކާރުން ނުދެއްވުމަށާއި ވަޒީރުއްދާޚިލިއްޔާގެ މި ދަތުރުފުޅަށް ދިވެހި ސަރުކާރުން އެއަރސިލޯންގެ މަތީންދާ ބޯޓެއް ޗާޓަރުކުރައްވާށެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 40) 
މި ގޮތަށް ދިވެހި ސަރުކާރުން ނިންމެވުމާއެކު މިކަމަށް އިނގިރޭސީން ހުރަސް އަޅަން ފެށިއެވެ.  ހުޅުލޭ އެއަރޕޯޓަކީ އިނގިރޭސީންގެ އެކަނި ބޭނުމަށް އޮތް އެއަރޕޯޓެއް ކަމަށާއި އެ ތާނގައި އެއަރސިލޯންގެ ބޯޓް ޖައްސައިގެން ނުވާނެ ކަމަށް ސިލޯންގައި ހުންނަވާ އިނގިރޭސި ސަފީރު އެއަރސިލޯނަށް އެންގިއެވެ. ނަމަވެސް ރާއްޖެއަށް އިތުބާރުކޮށް، ރާއްޖެ އައުމަށް ފުރީއެވެ. ދެންވެސް އެ ބޯޓް ހުޅުލޭގައި ޖެއްސިޔަ ނުދިނުމަށް އިނގިރޭސީންނަށް ކުރެވެނުހާ މަސައްކަތެއް ކުރިއެވެ. ނަމަވެސް އިނގިރޭސިން ކުރިމަތިކުރި ހުރިހާ ހުރަސްތަކެއް ގިރާ ކުރުމަށްފަހު އެ ބޯޓު ހުޅުލޭ އެއަރޕޯޓްގައި ޖެއްސިއެވެ.
އިނގިރޭސީންގެ ފަރާތުން ދިވެހީންނަށް ކުރިމަތިވި ނޭދެވޭ ކަންތައްތަކުގެ ސަބަބުން ، "ދިވެހިންގެ ލޭ އާދަޔާ ޚިލާފަށް ހޫނުވަމުން ގޮސްފައިވެއެވެ. މައްސަލަތަކުގެ އަޑީގައި ތިބީ އިނގިރޭސީންކަން އެނގޭތީއެވެ. އެހެންކަމުން ސީދާ ކޮށާއި ނުސީދާކޮށް އެކަމާ ދެކޮޅުހެދުމުގެ ޚިޔާލުތައް ފާޅުކުރެވެމުން ދިޔައެވެ. އަދި ޢަމަލީ ގޮތުންވެސް އެކަން ފެންނަމުން ދިޔައެވެ. އިނގިރޭސިވިލާތުން ރާއްޖޭގައި އެ ދުވަސްވަރު ހުންނެވި ސަފީރު މިސްޓަރ އާރތިންތަން ޑޭވީ އަށްވެސް ތަފާތު މައްސަލަތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތެވެ. މިކަންތައްގަނޑުގެ ތެރޭގައި  އެއްދުވަހަކު އިރު އެރިއިރު ހުޅުލޭ އެއަރޕޯޓް ރަންވޭ މެދުގައި ހުރީ ދިވެހި ރުކެއް އިންދައިފައެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 42)
މި ބާވަތުގެ ތަފާތު ގެއްލުންތަކާ ކުރިމަތިވާން ފެށުމުން އިނގިރޭސި ސަފީރު ދިވެހި ސަރުކާރަށް ޝަކުވާ ހުށަހެޅުއްވިއެވެ. މި ޝަކުވާ އާ ގުޅިގެން އެކަން ބައްލަވާނެކަމަށް ޢާއްމު އިޢުލާނެއް ކުރެއްވިއެވެ. ވުޒާރަތުއްދާޚިލިއްޔާއިން މި ގޮތަށް އިޢުލާން ކުރެއްވުމުންވެސް އެއަރޕޯޓަށް ގެއްލުން ދިނުން ހުއްޓުމުގެ ބަދަލުގައި އެކަން ދޔައީ އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އެންމެ ފަހުން އިނގިރޭސީންނަށް އެއަރޕޯޓް ހިންގުމަށް ދަތިވެގެން އެތަން ދޫކޮށްލީއެވެ. (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 46)

އަމިއްލަ އެއަރޕޯޓެއް ހެދުމަށް ދިވެހީންގެ ކިބައިގައި އުފެދުނު ޖޯޝާއި ފޯރި:

ދިވެހި ސަރުކާރާއި އިނގިރޭސި ދައުލަތާ ދެމެދު އުފެދުނު ނުތަނަވަސްކަމުގެ ސަބަބުން ދިވެހީންގެ ހިތްތަކުގައިވާ ވަޠަނިއްޔަތުގެރޫޙު ދިރިގެންދިޔައެވެ. މިކަންތައްތަކުގެ ތެރޭން އިނގިރޭސީންގެ އަޅުވެތިކަމުން ސަލާމަތްވުމުގެ ރޫޙު ދިވެހީންގެ ކިބައިގައި އުފެދި އިތުރުވެ އާލާވިއެވެ.
މިދަނޑިވަޅުގައި "ހުޅުލޭ މަތީންދާ ބޯޓު ތިރިކުރާ ތަން ދިވެހި ސަރުކާރުގެ ތަނެއްގެ ގޮތުގައި ހެދުމަށް ދައުލަތުން ޤަޞްދު ކުރައްވައިފިއެވެ." މިކަން ޢާއމުކޮށް އެންގުމަށްޓަކައި ވުޒާރަތުއްދާޚިލިއްޔާ (ހ) އިން 27.04.1964 ގައި ކުރެއްވި އިޢުލާންގައިވަނީ "މިކަމުގައި ދައުލަތުން ޤަޞްތުކުރައްވައިފައިވަނީ ރައްޔިތުންގެ އެހީޔާވެސް އެކު އެތަން ހެދުމަށް" ކަމަށާއި "ފައިސާގެ ގޮތުންނާއި މަސައްކަތުގެ ގޮތުން އެހީވުމުގެ ދޮރު ވަނީ ޢާއްމުކޮށް ދެ ޖިންސަށް ހުޅުވިފައި"ކަމަށެވެ. (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 47) މި އިޢުލާނާ ގުޅިގެން ފުރަތަމަ ދެދުވަހުގެ ތެރޭގައި 5447.37 ރުފިޔާ ލިބުނެވެ. ހިލޭސާބަހަށް މަސައްކަތްކުރުމަށް އެދި 80 އަށްވުރެ ގިން މީހުން ނަން ނޯޓު ކުރިއެވެ. އަދި ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިކަމުގައި ޖާނާއި މާލުން ބައިވެރިވުމަށް އެދި ނަންނޯޓުކުރަމުން ގެންދިޔައެވެ.

އެއަރޕޯޓްގެ ޢަމަލީ މަސައްކަތް ފެށުން:

ލަސްތަކެއް ނުވެ މަސައްކަތް ފަށައިގަނެވިއްޖެ އެވެ. 1 މެއި 1964 ގައި މިކަމުގެ ޢަމަލީ މަސައްކަތް ފަށައިގަތީ 150 މީހުންނާއެކުގައެވެ. މަސައްކަތުގެ 3 ވަނަ ދުވަހު އިތުރު 200 މީހުން މަސައްކަތާ ގުޅުނެވެ. ޖެހިގެން އައި ދުވަހު މި ޢަދަދު 400 އަށް އަރައިފިއެވެ. ރާއްޖޭގެ އަތޮޅުތަކުން މި މަސައްކަތާ ގުޅެން ފެށީއެވެ. އަދި ލަންކާގައި ކިޔަވަންތިބި ދިވެހި ކިޔަވާ ކުދީންނާއި މަޖީދިއްޔާއާއި އަމީނިއްޔާގެ ދަރިވަރުންވެސް ޢަމަލީ ގޮތުން މި މަސައްކަތުގައި ބައިވެރިވެއްޖެއެވެ.
މަސައްކަތުގެ ގޮތުން ފުރަތަމަ ކުރަންޖެހުނީ ހުޅުލޭ ރަންވޭގައި އިނގިރޭސީން އަޅައިފައި ހުރި ދަގަނޑު ފިލާތައް ނެއްޓުމުގެ މަސައްކަތެވެ. މި މަސައްކަތް ގާތްގަނޑަކަށް 5 ދުވަހުގެ ތެރޭގައި މުޅިން ނިމިއްޖެއެވެ. އެޔަށްފަހު ރަންވޭ ހެދުމަށް ބޭނުންވާ ސަރަޙައްދު ބޮޑުކޮށް ބިން ސާފުކުރުމުގެ މަސައްކަތް ފަށައިގަނެވިއްޖެއެވެ. މި މަސައްކަތް ފަށައިގަތީ ވަރަށް ފޯރިގަދަވާނެހެން ގްރޫޕްގްރޫޕަށް ބަހައިލައިގެންނެވެ. އަދި މި މަސައްކަތަކީ ސީދާ ވަޒީރުލްއަޢުޒަމުގެ އޮފީހުން ކުރައްވާ މަސައްކަތެއް ކަމުގައި ކަނޑައަޅުއްވައި މި މަސައްކަތަށް ޚާއްޞަ ކުރައްވައިގެން "ވަޒީރުލްއަޢުޒަމު އޮފީސް ޔުނިޓް 2" ގެ ނަމުގައި ޔުނިޓެއް އުފައަދަވައިފިއެވެ.
މި ޔުނިޓް އުފެދުމާއެކު މަސައްކަތުގެ ފޯރީ އިތުރުވާނޭ އިންތިޒާމުތައް ކުރެވެން ފަށައިފި އެވެ. ހުޅުލޭގައި ކުރެވޭ މަސައްކަތް އަމިއްލަޔަށް ކުރަން ބޭނުން ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލެއްވީއެވެ. މަސައްކަތް ކުރާނެ ދުވަހާއި ވަގުތާއި އެ ބަޔަކު ނުވަތަ އެ މީހަކު މަސައްކަތަށް ނަގާނެ ގޮޅީގެ ޢަދަދު ކަނޑައެޅުމަކީ އެ މީހެއްގެ ނުވަތަ އެ ބަޔެއްގެ ކަމެއް ކަމުގައި ވެސް ހަމަޖެއްސެވިއެވެ. ކޮއްތާއި އުޖޫރަ ދެއްވާ ގޮތަށެވެ. މީހަކަށް ދުވާލަކަށް 1 ލާހި ހަނޑުލާއި 1 ގައު ހަކުރާއި -/2 ރުފިޔާގެ އުޖޫރައެކެވެ. އަދި މިޔާއެކު އިތުރު ހިއްވަރެއްގެ ގޮތުން އިނާމުވެސް ހުށަހެޅިއްޖެއެވެ. އެއީ ގްރޫޕެއްގެ ގޮތުން މަސައްކަތްކޮށްގެން އެންމެ އަވަހަށް ގޮޅިއެއް ނިންމި ބަޔަކަށް -/1000 ރުފިޔާ އާއި ވަކި ފަރުދަކު މަސައްކަތްކޮށްގެން އެންމެ އަވަހަށް ގޮޅިއެއް ނިންމި މީހަކަށް -/300 ރުފިޔާގެ ފައިސާގެ އިނާމެކެވެ. ދައުލަތުން ހުށަހެޅި މި އިނާމު އެންމެ ފުރަތަމަ ހޯދީ 26 މިނިޓުން މަސައްކަތް ނިންމައިލައިގެން ހެންވޭރު ރައްޔިތުންނެވެ. އެކަނި އެކަކު މަސައްކަތް ނިންމައިލައިގެން މި އިނާމު ފުރަތަމަ ހޯދީ 3 ދުވަހުން މަސައްކަތް ނިންމައިލި ހދ. ކުޅުދުއްފުށީ އާދަމް މޫސާއެވެ. މި ދެ މަސައްކަތަކީވެސް ކަނޑައެޅިފައިވާ ވަކި މިނެއްގެ ސަރަޙައްދު ކަނޑައެޅިފައިވާ މިންވަރަށް ކޮނެ ނިންމުމެވެ. (www.airports.com.mv)

މަސައްކަތްކުރަމުން ގެންދިޔަ ގޮތް:

މި މަސައްކަތް ފެށިގެން ދިޔައިރު ފުރަތަމަ ކަމަކަށް އޮތީ ކުރިންވެސް ދެންނެވި ފަދައިން "ދަގަނޑު ފިލާ ނައްޓައި ބިން ސާފުކޮށް ވަށައިގެން ވާ ގަސްތައް ކަނޑައި، ސަރަހައްދު ބޮޑުކޮށް ރަންވޭއަށްވާ ބައި ކޮނެ، އެތަނަށް އަޅާނެ ގާ ނެގުމުގެ މަސައްކަތް ކުރުމެވެ. މި މަސައްކަތް ހިނގަމުން ދިޔައީ ވަރަށް ބާރަށެވެ. ގާ ނަގައި ވަކި ތަނެއްގައި ގާ ގޮޅިތައް ޖަހަމުން ދިޔައިރު އޭގެ ތެރެއިން ވަކި ވަރަކަށް ތަޅަން ޖެހޭ ގައު ތެޅުމުގެ މަސައްކަތް ދިޔައީ ހިނގަމުންނެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 46)
މިހާ ހިސާބުން ރަންވޭހެދުމުގެ މަސައްކަތުގެ ދެވަނަ މަރުޙަލާ ފެށުނީއެވެ. 10 އޮގަސްޓް 1965 ގައި ވަޒީރުލްއަޢުޒަމު އޮފީހުގެ ޔުނިޓް 2 ން ކުރެއްވި އިޢުލާނެއްގައި ވަނީ [ހުޅުލޭ އެއަރޕޯރޓް ނިންމުމުގެ މަސައްކަތް މިހާރުވަނީ ފެށިފައި ކަމަށާއި އަވަހަށް މަސައްކަތް ނިންމުމަށް ވީހައި ގިނަ ބަޔެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންފުޅުވާ ކަމުގައެވެ.](މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 56)
ސަރުކާރުން ކޮށްލައްވާ ކޮންމެ އިޝާރާތަކަށް ރައްޔިތުން އިޖާބަދެނީ އާދަޔާ ޚިލާފު ޖޯޝަކާއި ފޯރިއަކާ އެކީގައެވެ. 17 އޮގަސްޓް 1965 ގައި އަލުން މަސައްކަތް ފެށުނު އިރު މަސައްކަތް ރާވައިލެވިފައިވަނީ 30 މީހުންގެ 17 ގްރޫޕަކަށެވެ. ކޮންމެ ގްރޫޕެއްގައި އިސް ބޭފުޅަކު ވެރިޔަކަށް ހުންނަވައިގެންނެވެ.
އެއަރޕޯރޓްގެ މަސައްކަތުގައި ހިލޭސާބަހަށް ބައިވެރިވުމުގެ ފޯރީ އިތުރުވަމުން ދިޔައީ ޙައިރާންވުން އެކަށީގެންވާފަދަ މިންވަރަކަށެވެ. އަދި މަސައްކަތް ކުރެވެމުން އައީވެސް އާދަޔާ ޚިލާފު ބާރު ދުވެއްޔެއްގައެވެ. 1800X100 ފޫޓްގެ ގޮޅިގޮޅި 26 މިނިޓުން 27 މިނިޓުން ކޮނެ ނިންމައިލައެވެ. "1964 ވަނަ އަހަރު ޖުލައި 30 ވަނަ ދުވަހު ވިޔަފާރިވެރިން ކޮނުނު ގޮޅިއެއް 27 މިނިޓުން ނިންމައިލިއެވެ. މި ބައިގެ މަސައްކަތް ފެށީ ހަވީރު 4 ޖެހި އިރު އެވެ. ނިމުނީ 4:27 ގައެވެ."  ހެންވޭރު މީހުންވެސް ކޮނުމުގެ މަސައްކަތުގައި ބައިވެރިވިއެވެ. ފަތިހު 5:02 ގައި ފެއްޓި މަސައްކަތް 26 މިނިޓުން ނިންމައިލިއެވެ." (ނިމުނީ 5:28 ގައެވެ.) ("ވިޔަފާރިމިއަދު" ،2 ޖުލައި 1966)

މަސައްކަތުގެ ފޯރިގަދަކަން:

އެއަރޕޯޓގެ މަސައްކަތުގައި މުޅި ރާއްޖޭގެ ކުދިބޮޑު އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަންތިޔެއްގެ ހުރިހާ ގިންތިއެއްގެ އަންހެން ފިރިހެން ކުދިބޮޑު އެންމެން ބައިވެރިވަމުން މަސައްކަތުގެ ފޯރީ އިތުރުވަމުން ދިޔައެވެ. އެކި އަވަށް އަވަށުގެޒުވާނުންނާއި މުޅި މާލޭގެ ޒުވާނުންނެވެ. މި މަސައްކަތް ކުރަމުން ގެންދިޔައީ ކަށިން ހިއްވަރު ނަގައިގެންނެވެ.
އެ ދުވަސްވަރު ވުޒާރަތުއްދާޚިލިއްޔާ (ބ) ގައި ޙަރަކާތްތެރި ޒުވާނެއްގެ ގޮތުން މަސައްކަތްކުރެއްވި އފ. ޢަބްދުﷲ ޞާދިޤު އެ މަސައްކަތުގެ ބަޔެއް ތަފްޞީލުދެއްވަމުން ވިދާޅުވަނީ [އޭރު އެ ހުރި ރޫޙަކާއި އެ ހުރި ފޯރިއެއް އަޅުގަނޑަށް ބުނެދޭކަށް ވެސް ނޭނގޭނެ. މަސައްކަތުގައި އުޅޭއިރު އެހެރަ ކިޔާ އަނބާ ކިޔައިލީމާ ތިބެވޭ ތަންވެސް ނޭނގެ. ކައިރީގައި ތިބީ ކޮން ބަޔެއްތޯ ބަލާކަށްވެސް ބޭނުމެއް ނުވޭ. މީހެއްގެ މޫނަކަށް ނުބަލައި އެހެރަ ފަށާ އަންބާގައި ފޯރި ގަދަވަމުން ގަދަވަމުން ދާއިރު ހީވަނީ އެހެންފަދަ ކަމެއް ހެން. އިންޖީނުލީ އެއްވެސް އެއްޗެއް ނެތި އެހެރަ ކޮނެލާ ފުން ވަޅުގަނޑު... ކޮންނަ ގޮޅިތައް.... ފިސާރިތެދެއް ވަރުބަލީގެ ކަންފުޅެއްވެސް ނުހުރޭ] [އެހެން އުޅެއުޅެ އަޅުގަނޑުމެން މި ތިބަ ދޮންކޮށް ތިބޭ މީހުންވެސް ތިބެނީ މާބުރެއްހެން ކަޅުވެފައެވެ.] (ޢަބްދުﷲ ޞާދިޤު، 2009)
އެއް ފަހަރަކު ނައިފަރު މީހުން މަސައްކަތުގެ ފޯރީގައި ބެރެކި އަންބާ ކިޔަމުން ގެންދިޔަ ތާކަށް އަމަންޢާއްމުގެ އިސް ބޭފުޅަކު ޢާއިލާ ގޮވައިގެން ވަޑައިގަތެވެ. އެ މީހުން ކިޔާ އެއްޗެއް ހުއްޓައެއް ނުލައެވެ. ފޯރީ ގަދަކަމުންނެވެ. މިކަމާ ކޯފާވެގެން މިކަމުގެ ޝަކުވާ ދާޚިލއްޔާއަށްވެސް ހުށަހެޅުއްވިއެވެ. އެ ޝަކުވާއަށް ޖަވާބުދެއްވަމުން އޭރުގެ ވަޒީރުއްދާޚިލިއްޔާ އިބްރާހީމް ރަޝީދު ވިދާޅުވީ [މިއަދު ރައްޔިތުން އެތިބަ ފޯރީގައި މަސައްކަތްކުރަން ތިއްބައި އެއަށް އެއްވެސް ކަހަލަ ހުރަހެއް އަޅުއްވާކަށް ގަސްދެއް ނުކުރައްވަމެވެ. އެ މީހުން ކިޔާ އެއްޗެއް ކިޔަ ދޭށެވެ. އެމީހުން މެޝިނަކުން ނޫނޭ މަސައްކަތް ކުރަނީ، ހަމަ އާދަމުގެ ދަރީންކުރާ މަސައްކަތޭ، ތިޔަ ބޭފުޅުންނަށް ހުތުރުވާ ކަމަށް ވަނީ ނަމަ، ތިޔަ ބޭފުޅުން އެތަނަށް ވަޑައިނުގަންނަވާށެވެ. އަޅުގަނޑުގެ އެދުމަކީ މިއެވެ. އެ މީހުންނަކަށް އެއްވެސް އަމުރެއް މިއަދަކު ނުކުރާނަމެވެ. ހިތުން ރުހުމުން ހިލޭ ސާބަހަށް އެ މީހުން ކޮށްދޭ މަސައްކަތެކެވެ." (މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް، 2007، ޞ: 64)
މަސައްކަތުގައި ރައްޔިތުން ބައިވެރިވެ މަސައްކަތް ކުރަމުން ގެންދިޔަ ޖޯޝާއި ފޯރީ ދައްކުވައިދެއްވުމަށް އަލްފާޟިލު ޢަބްދުﷲ ޞާދިޤު ވިދާޅުވެދެއްވި ބަޔެއް ވާހަކަތައް ނަކަލުކޮށްލާނަމެވެ.
[އެ ދުވަހަކު ބިން ސާފުކޮށް ނިމުނީމާ ދެން އޮންނަނީ ކޮނުން. ވަކި ފުންމިނަކަށް ކޮނެފައި އެކި ފަށަލަޔަށް އެކި ސައިޒުގެ ގާ އެޅުމާއި ފަސް އެޅުމާ މިހެން ގޮސް އެއޮއް ބޮޑު އެއަރޕޯޓް، ހާދަ މަސައްކަތެކޭ ކޮށްފައި އެ އޮތީ. އަތޮޅުތަކުން ވެސް ހަމަ އެހާ ފޯރީގައި މަސައްކަތް ކުރޭ.  އަނެއް ކޮޅުން މަސައްކަތް ހިނގަމުން ދަނިކޮށް ކޮންމެވެސް އަވަށަކުން ފަނި ހިފައިގެން ވެސް އަތުވެދާނެ.] [އެހެރަ ދިގު ބޮޑެތި ރުއްތައްވެސް ވާނުވާއެއް ނޭނގި ބިމަށް ތިރިވަމުންދޭ. ކަނޑާ މީހުން ކަނޑަމުން ގެންދޭ. ރުއް ކަނޑައިލައިފައި އަތުންނާއި އުދެލިން ކޮނެގެން ރުކުގެ ބުޑުގަނޑުވެސް ނަގައި ސާފުކުރޭ. ރާސްލައިފައި ރުއްތައް ވެރެމުންދާއިރު ހީވަނީ ޠޫފާނެއް އަރައިގެން އުޅޭހެން. އެއޮއް ބޯކޮށް ގަހާއި ރުއް އޮތް ތަން، ފިސާރި ތެދެއް މި ބުނީ ހަވީރު 3 ޖެހިއިރު މުޅިން ސާފުވެއްޖެ...] (ޢަބްދުﷲ ޞާދިޤު، 2009)

އެއަރޕޯޓްގެ މަސައްކަތް ފުރިހަމަވުން:

އިސްވެ ބަޔާންކުރެވުނު ފަދާ ފޯރީއާއި ޖޯޝްގައި އެއަރޕޯޓްގެ ރަންވޭ ގެ މަސައްކަތް ނިމުމުން އެންމެ މުހިއްމު ދެ މަސައްކަތަށް ފެށުނީއެވެ، އެއީ ޓަރމިނަލް ގެ މަސައްކަތާއި ޓަވަރުގެ މަސައްކަތެވެ. 1966 ގައި ބިނަގާއެޅުނު ޓަރމިނަލްގެ މަސައްކަތް ޙަވާލުކުރެވުނީ ސިފައިންނާއެވެ. ޓަވަރުގެ މަސައްކަތުގައި ޝާމިލުވީ މުޅިންހެން ބިދޭސީންނެވެ. ޓަވަރުގެ ކެބް ހެދުމުގެ މަސައްކަތުގައި އެންމެ ދިވެއްސަކު ބައިވެރިވިއެވެ. އެއީ އަލްފާޟިލް ޢަބްދުﷲ ވަޙީދެވެ.

އެއަރޕޯޓް ހުޅުވުން:

1966 ވަނަ އަހަރު އޭޕްލީލުން 12 ވަނަ ދުވަހަކީ [ދިވެހީންގެ އަމިއްލަ އަތުން ތައްޔާރުކުރި ދިވެހީންގެ އަމިއްލަ ވައިގެ ބަނދަރު] ހުޅުވުނު ދުވަހެވެ. މި ދުވަހުގެ މި ޙާދިސާ ސިފަކޮށްދެއްވަމުން މަރުޙޫމް އިބްރާހީމް ޝިހާބު ވިދާޅުވެފައިވަނީ [....އިރުމަތީ ފަރާތުގެ އުދަރެހުން އައި ރަޙުމަތުގެ ވާރޭވިލާ އަކަށްފަހު އެންމެންގެ ލޯތައް އެ ދިމާއަށް ހުއްޓުވައިލި މަތީންދާބޯޓު ފެންނާން] ފަށައިފިއެވެ. [އަޅުގަނޑުމެން ކޮށްކޮށް ތިބި އިންތިޒާރު އޭގެ މަތިވެރި އުންމީދުތަކާއެކުގައި މިއޮއް ފުދެނީއެވެ. ހުޅުލެމަތިން އިޞްޠިލާޢުގެ ހަމަ އެންމެ ބުރެއް ޖަހައިލުމަށްފަހު ރަންވޭގެ އުތުރުކޮޅުން ވަރަށް ކުޑަ ތަންކޮޅެއްގެ ބޭނުންކޮށްގެން ނުހަނު އޮމާންކަމާއެކު ބިމަށް އެ ތިރިކޮށްލީ އަޅުގަނޑުމެންގެ ބިން ހުޅުވައިދިން މަތިންދާ ބޯޓެވެ. އެ ބިން އިފްތިތާޙުކޮށްދެއްވި ވެރިޔާ ދިވެހި ޤައުމުގެ ލޮބުވެތި ޒަޢީމް ދިވެހިރާއްޖެއަށް ވަޑައިގަތުމުގެ ޝަރަފު ލިބުނު އެއަރސިލޯން މަތިންދާ ބޯޓެވެ.] (މަލަސް 49، ޞ:60-61)

ކުރުކޮށް:

ހުޅުލޭ އެއަރޕޯޓް ހެދުމަށް އެޅުނު ފުރަތަމަ ބިންގާ އެޅުނީ 1964 ވަނަ އަހަރުގައެވެ. [އެކަން ފެށިގެން ދިޔައީ ދިވެހީން އިނގރޭސީންގެ އަތް ދަށުން މިނިވަންވުމަށް މަސައްކަތް ފެށުމާއި އައްޑޫ މައްސަލައިގައި އިގިރޭސީން ދެކެ ރުޅިއައުމާ މި ދެ ކަންތަކާ ގުޅިގެންނެވެ]. [ދިވެހިން އަމިއްލަޔަށް ދިވެހީންގެ ދާ އޮހޮރުވައިގެން ސްޓޭޝަން ހެދުމަށް އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރު ނިންމެވީއެވެ.] މިކަން ފެއްޓެވީ [ރާއްޖޭގެ އަމިއްލަ ފައިސާއިންނާއި ރައްޔިތުންގެ އެހީއާއި މަސައްކަތުންނެވެ.
[އެއަރޕޯޓް ހެދުމުގެ މަސައްކަތް ދިވެހީންކުރީ ވަރަށްވެސް އާދަޔާ ޚިލާފު ފޯރިޔަކާއެކުގައެވެ.] ކުދިބޮޑު އެންމެންގެ ބައިވެރިވުން އާދަޔާ ޚިލާފަށް ލިބިގެންނެވެ. [އެކި ބޭބޭފުޅުން އިސްކޮށް ތިއްބަވައިގެން ބައިބައި އުފައްދަވައިގެން ބައިބައިގެ މެދުގައި ވާދައިގެ ރޫޙާވެސް އެކުގައެވެ.] [އަތޮޅުތަކުގެ ނަމުގަޔާއި ރަށްރަށުގެ ނަމުގައިވެސް ހުޅުލޭ ސްޓޭޝަން ހެދުމުގެ މަސައްކަތް ފޯރިޔާއެކު ކޮށްފައިވެއެވެ.] މިކަމުގައި ދިވެހީންގެ ހުރިހާ ފަންތިއެއްގެ ހުރިހާ ގިންތިއެއްގެ ހުރިހާ ޖިންސެއްގެ ހުރިހާ ޢުމުރެއްގެ އެންމެންގެ ޙިއްސާ ވެއެވެ.
[ދިވެހީންގެ މި ބޮޑު ޤުރުބާނީ އެކުވެގެން ހެދުނު މަދަނީ ވައިގެ ބަނދަރު ހުޅުވުނީ  1966 އޭޕްރިލް މަހު 12 ވަނަ ދުވަހުއެވެ. އެ ދުވަހަކީ ދިވެހީންނަށް ވަރަށްވެސް އުފާވެރި އިޙުސާސްތަކެއް ކުރެވުނު ދުވަހެކެވެ. އެ ދުވަހު ދިވެހީން އުފާކުރިއެވެ. އެހެން ބަޔެއްގެ ނުފޫޒެއް ނެތި އަމިއްލަ މަސައްކަތުން ދުނިޔޭގެ ޤައުމުތަކަށް ދިވެހީން މުސްތަޤްބަލުގައި އުދުހޭނޭ ވައިގެ ބަނދަރެއް ހުޅުވުނީތީއެވެ.]
އެއްވެސް ޝައްކެއް ނެތެވެ. ހުޅުލޭ އެއަރޕޯޓްއަކީ މިހާޜުގެ ގޮތަށް ދަންނަވާނަމަ މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަކީ ދިވެހީންގެ އެންމެން ގުޅިގެން ކުރި، ވަރަށް ބޮޑު ޤައުމީ މަސައްކަތެކެވެ.
--------------------------
(ނިމުނީ)

ރުޖޫޢަވި ވަސީލަތްތައް:

އިބްރާހީމް ޝިހާބު. (1994). ޝިހާބުގެ މަޒުމޫނުތައް 17. މަލަސް 49. މާލެ: ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
ޢަބްދުﷲ ޞާދިޤު (2009)  ބަސްދީގަތުން
ޢަބްދުﷲ ޙަމީދު. (1966). ވިޔަފާރިމިއަދު. މާލެ: ސަރުކާރު ޗާޕުޚާނާ
ވިހިވަނަ ޤަރުނުގައި ދިވެހިރާއްޖެ-1.(2004). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު. މާލެ: ނޮވެލްޓީ ޕްރިންޓަރސް އެންޑް ޕަބްލިޝަރސް
މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް (2007). މާލެ: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
http:www.airports.com.mv  (ނެގީ 04.09.2009 ގައި)


މި ލިޔުން:

   ފޮނުވުން:     ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
   އަލުންބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ