އަދުގެ ޚާއްސަ

Print

ކުޑައިރުގެ ޚާއްޞަ ހަނދާންތަކެއް

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ތާރީޚް

''މެދު ޒިޔާރަތުގެ ދިދަތައް ފެނުމުން މޭ ތެޅެންފަށައެވެ.''

ނަސީމާ މުޙައްމަދު

މިއީ ވަރަށް ދުރު ހަނދާންތަކެއްގެ ތެރެއަށް ކުރެވޭ ދަތުރެކެވެ.  ކުޑައިރުގެ ހަނދާންތަކެކެވެ. އަޅުގަނޑަށް ހީވާ ގޮތުގައި އެއީ 1946މ ވަނަ އަހަރުގެ ކުރީކޮޅެވެ. އޭރު އަޅުގަނޑުގެ އުމުރުން އޮތީ ހަތަރު އަހަރު ފުރިގެން ފަސް އަހަރަށެވެ.

އެއްރެޔަކު އަޅުގަނޑު ހުމާ އޮއްވައި، މުޙައްމަދު އަމީން އަޅުގަނޑުމެންގެ ގެޔަށް ވަޑައިގަތެވެ. އަދި އަޅުގަނޑު އުނދޯލީގައި އޮއްވައި ފެނިވަޑައިގަތުމުން، މަންމަމެން ކުރެން ޙާލު އައްސަވާފައި ވިދާޅުވިއެވެ. "މިއުޅެނީ މި އަހަރު އަމީނާ (މުޙައްމަދު އަމީންގެ ދަރިކަނބަލުން އަމީނާ މުޙައްމަދު އަމީން) މެން ކޮޅުނބަށް ކިޔަވަން ފޮނުވާށެވެ. ނަސީމާ ވެސް ފޮނުވާނަމެވެ. އެކަމަކު އަދި މާކުޑައެވެ. ރަނގަޅުވާނީ ދެއަހަރެއްވަންދެން މާލޭގެ މަދަރުސާގައި ތަޅުވާލާފައި ފޮނުވިއްޔާއެވެ."

ކޮޅުނބަށް ދިޔުމަކީ ކޮންތާކަށް ދިޔުމެއް ކަމެއް އެއިރު އަޅުގަނޑަކަށް ނޭނގެ އެވެ. އަޅުގަނޑުގެ ޚިޔާލުގައި ކޮޅުނބާއި ނޫރަލީ (ސްރީލަންކާގައި އޮންނަ ފަރުބަދަމަތީ ރަށް، ނުވަރައެލިޔަ) އޮންނަނީ ގުޅިފައެވެ. އިވިފައިވާ ކޮންމެވެސް ވާހަކައަކުން އެނގިފައިވަނީ، ނޫރަލީ އޮންނަނީ ވިލާތަކުގެ ތެރޭގައި ކަމެވެ. އެހެންކަމުން، ކޮޅުނބު ވެސް އޮންނާނީ ވިލާތަކުގެ ތެރޭގައި އުޑުގެ ކޮންމެވެސް ހިސާބެއްގައި ކަމަށް އަޅުގަނޑު ހުންނަނީ ލަފާކޮށްގެންނެވެ. އާދެ! އެނގިވަޑައިގަންނަވާނޭ ފަދައިން، އެ ދުވަސްވަރަކީ ޓެލެވިޜަންގެ ދުވަސްވަރު ނޫންކަމުން، މިފަދަ ކަންކަމާބެހޭ ގޮތުން އެއިރުގެ ކުޑަކުދީންގެ ހޭލުންތެރިކަން ވަރަށް ނުހުރެއެވެ.

މުޙައްމަދު އަމީނަކީ އަޅުގަނޑު އެއިރުވެސް ދެކޭގޮތުގައި ވަރަށް ޚާއްޞަ ބޭފުޅެކެވެ. ގެއަށް ވަޑައިގެންފިނަމަ ޗޮކްލެޓާއި މެޓާ ލިބެއެވެ. "އަތިރީގެ" އަށް އަޅުގަނޑު ގެންދިޔަޔަސް ހަމަ އެހެންނެވެ. އަދި ހަވީރު ފެންވަރުވާ ނަލަހައްދާފައި ދޫކޮށްލުމުން، މުޙައްމަދު އަމީނުގެ ކާރުކޮޅު ފެނިދާނެކަމުގެ އުންމީދުގައި ދޮރޯށިދޮށުގައި ހުންނަމެވެ. އެހެން ހުއްޓައި އެމަގުން ވަޑައިގެންފިނަމަ، ކާރުކޮޅު ހުއްޓަވައިލައްވައިފައި "ނަސީމާ ދުއްވާލަން ދާން ބޭނުމިއްޔާ އަވަހަށް އަރާށޭ" ވިދާޅުވާނެއެވެ. ދެން އަޅުގަނޑަށް "ހަތްވަނަ އުޑަށް" އެރުނީއެވެ. ކާރުކޮޅުގެ ދޮރު ހުޅުއްވައިލެއްވީމާ އަޅުގަނޑު ފަހަތަށް އަރާ ހުންނަނީ ކޮޅަށެވެ. ވަރަށް ގިނަ ދުވަސްދުވަހު، އަޅުގަނޑު ކަހަލަ ދެތިން ކުއްޖަކު އެކާރުކޮޅުގައި ތިބޭނެއެވެ. އެންމެ ކުޑަކުދިންނަށް ޖެހެނީ ކޮޅަށް ތިބޭށެވެ. ނޫންނަމަ ބޭރެއް ނުފެނެއެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އެދުވަސްވަރު މާލޭގައި އޮންނަނީ ދެކާރެވެ. އެހެންކަމުން ކާރުކޮޅަށް އެރުމުގެ ފުރުޞަތު ލިބުމަކީ ވަރަށް ޚާއްޞަ ކަމެކެވެ. މާލޭގެ މަގުތަކުގައި ބުރެއް ޖައްސަވާލައްވާފައި ގެއަށް ގެނެސްދެއްވާނެއެވެ.

ދެން އައީ މަދަރުސާއަށް ވެއްދެވި ދުވަހެވެ. ހަނދާންވާ ގޮތުގައި އެދުވަހު ދާންޖެހުނީ "އެއްގަމުގެ" އަށެވެ. މުޙައްމަދު އަމީނާއި އެހެން ކޮންމެވެސް ދެބޭފުޅަކު ތިއްބެވި އެވެ. އެ ތާނގައި އުޅޭ ކުއްޖަކު ގާތުގައި ވިދާޅުވުމުން ގެނައީ ހަތަރު ކުލައިގެ ހަތަރު ފޮތިގަނޑެވެ. ފެއްސާއި، ނުލާއި، ފިޔާތޮށްޓާއި، އަޅިކުލައެވެ. މަދަރުސާގެ ހަތަރުބަޔަށް ނިސްބަތްވާ ހަތަރު ކުލައެވެ. އަޅުގަނޑާއެކީގައި ހުންނެވި މުއުމިނާ ޙަލީމާއި އަޅުގަނޑަށް ޖެހުނީ، އެ ކުއްޖަކަށް ރީތި ފޮތިގަނޑެއް އެތަނުން ނަގާށެވެ. މުއުމިނާ ނެންގެވީ ނޫ ކުލައެވެ. އަޅުގަނޑަށް ރީތިވީ ފިޔާތޮށި ކުލައެވެ. މުއުމިނާއަށް ވަދެވަޑައިގެންނެވުނީ ނޫކުލައަށް ނިސްބަތްވާ ޗާންދަނީ ބަޔަށެވެ. އަޅުގަނޑަށް ވަދެވުނީ ފިޔާތޮށި ކުލައިން ފާހަގަވާ ކަރަންކާ ބަޔަށެވެ.
           
ދެން އޮތީ މަދަރުސާއަށް ދިޔުމެވެ. މަދަރުސަތުއްސަނިއްޔާގައި އަންހެންކުދިންގެ ގޮފި އުފެއްދެވިތާ އެއިރު އަދި ވާނީ ތިން ހަތަރު އަހަރެއް ކަމުން، އިމާރާތުގެ ތަނަވަސްކަން ވެސް ނެތުމާއެކު، މަދަރުސާގައި ދުވާލު ކިޔަވައިދެނީ ފިރހެންކުދިންނަށެވެ. އަންހެންކުދިންގެ ގޮފީގެ ކިޔެވުން އޮންނަނީ ރޭގަނޑު 7.30 އިން 10.30 އަށެވެ. އަޅުގަނޑު މަދަރުސާއަށް ފޮނުވަން ގޭގައި ތައްޔާރީތަކެއް ކުރިއެވެ. ހެދުމާއި ބޮލުގައިއަޅާ ރޫޖެއްސި ތާކިހާ ތައްޔާރުކުރެވުނެވެ. ދެންއައީ މަދަރުސާއަށް ދިޔަ ފުރަތަމަ ރެއެވެ. ކޮންމެވެސް ބޮޑު މީހަކާއެކީގައި އަޅުގަނޑު މަދަރުސާއަށް ފޮނުވައިފިއެވެ. އެތެރެއަށް ވަނުމުން، އެތާނގެ އިދާރާގައި ތިއްބެވި ބައެއް އަންހެން ބޭފުޅުން އަޅުގަނޑު ގެންދަވާ ފުރަތަމަ ހުރި ކްލާހަށް ވެއްދެވިއެވެ. އެތާގައި ހުއްޓައި ކޮންމެވެސް މީހަކު އަޅުގަނޑުގެ ކަނާތުގައި ވިކައިލީމާ ބަލައިލިއިރު، މި ހުންނެވީ އަޅުގަނޑާ ހަމަ އެއް ޙާލުކޮޅެއް ޖެހިވަޑައިގެން ހުންނެވި މުއުމިނާ ޙަލީމެވެ.
            
ކަންދިމާވި ގޮތުން އަޅުގަނޑުމެން ދެކުދިންނަށް ވަދެވުނީ އެއް ކްލާހަކަށެވެ. އެއްވަނަ ކްލާހެވެ. އެ ކްލާހުގައި ވަރަށް ބޮޑެތި ކުދިންވެސް ތިއްބެވެ. ދިވެހި ލިބާހުގައި ތބި ކުދިން އަޅުގަނޑު ހަނދާން އެބަހުއްޓެވެ. އަޅުގަނޑުމެން ބޭތިއްބެވީ އެއްވަނައާއި ދެވަނަ ގޮނޑީގައެވެ. މިހެން ބައިތިއްބަވާފައި އެތާނގައި ހުންނެވި ބޭފުޅަކު ވިދާޅުވިއެވެ:  "މިހާރު ތިޔަ ތިބީ އެއްވަނަ ގޮނޑިއާ ދެވަނަ ގޮނޑީގައެވެ. ފުރަތަމަ އިމްތިޙާނުގެ ފަހުން ވާނީ ކިހިނެއްބާވައެވެ؟"    އޭރު ކްލާހުގައި ކުދިންނަށް ތިބެންޖެހެނީ އިމްތިޙާނުގެ ނަތީޖާގައި ލިބޭ ވަނައަކާ އެއްގޮތަށެވެ. އެއްވަނައަށް އައި ކުއްޖަކު ފުރަތަމަ ގޮނޑީގައެވެ. ދެވަނަ ކުއްޖާ ދެވަނަ ގޮނޑީގައެވެ. މިހެންގޮސް އެންމެ ފަހަތަށް އައި ކުއްޖާ، ކްލާހުގެ އެންމެ ފަހަތުގައެވެ.
           
ދެން މަދަރުސާގެ ރޭތައް ފެށުނީއެވެ. ކޮންމެ ރެޔަކު 7.30 ވާއިރަށް މަދަރުސާއަށް ދިޔުމަކީ ވަރަށް ބޮޑު ކަމަކަށް ވިއެވެ. ހިނގަންޖެހޭ މަގުމަގު އަނދިރިކަމުންނެވެ. އެއިރު މާލޭގައި ކަރަންޓު ލިބޭން ނުހުންނާތީ، މިހާރު ފަދައިން އިލެކްޓްރިކް ހޮޅިބުރީގެ އަލިކަމެއް ނުހުރެއެވެ. ބައެއް ބޮޑެތި މަގުގައި ހުންނަ ލަންޓަންގެ އައްޔާއި، ގޭގެއިން ފޭދިގެން އަންނަ އަލިކަމެއް ނޫނީ ނުފެނެއެވެ. އަޅުގަނޑަށް މަދަރުސާއަށް ދިޔުމުގެ މަގުމަތީގައި ބިރުވެރި އެތައް ތަނެއް ކަޑައްތު ކުރަންޖެހެއެވެ. ފުރަތަމަ ބޮކަރުމާ ދެގޯޅިއެވެ. މިއީ އަޅުގަނޑުމެން އެއިރު އުޅުނު ގޭގެ ކުރިމަތީގައި އޮންނަ، ދެފަރާތުގައި ބޮޑެތި ބިޔަ ގަސްތައް ހެދިފައިވާ، ވަރަށް އަނދިރި ގޯޅިއެކެވެ. އެ ގޯޅި ތެރޭގައި، ޖިންނިއާއި ހަންޑި އުޅޭކަމާމެދަކު، އޭރަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ. ދެން ހުންނަނީ މެދު ޒިޔާރަތާއި ހުކުރު މިސްކިތެވެ. މެދު ޒިޔާރަތުގެ ދިދަތައް ފެނުމުން މޭ ތެޅެންފަށައެވެ. އަދި، އަޅުގަނޑު ގޮވައިގެންދާ މީހާގެ އަނެއް ފަރާތަށް އަރާ ނިވާވަމެވެ. އެތާނގައި އޮންނަވާ މާތް ބޭކަލަކު ނިކުމެވަޑައިގެންފި ނަމަ އަޅުގަނޑު ފެނިވަޑައިނުގަންނަވާނޭ ހެންނެވެ. މުންނާރާ ހަމައިން އެވީ އަނެއް ފަރާތަށް އަރާށެވެ. އާދެ! ހުކުރު މިސްކިތުގައި ހުރި މަހާނަފުޅުތައް ދެކެ އެހައިމެ ބިރުގަނެއެވެ. މި ހިސާބުން ދާއިރު އަޅުގަނޑު ހުންނަނީ، އެކީގައިދާ މީހާގެ ވައަތްފަރާތަށް އަވަހަށް ގޮސް، އެއަތުގައި ބާރަށް ހިފަހައްޓައިގެންނެވެ. ގުޅަކުޅޭ ފަސްގަނޑުން ގޮސް، ބޮޑުކިބާފާލަމު ދޮރޯށިން ނިކުމެވުމުން ތަންކޮޅެއް ހިތްހަމަޖެހެއެވެ. މަދަރުސާ އެއިރު ހުންނަނީ، މާފަންނު ބަގީޗާގޭ ކުރިމަތީގައި އޮތް ގޯތި ތެރޭގައެވެ. އެތާނގެ ބިގަރުތަކުގެ އަލިތައް ފެނުމުން ހާދަ އުފާވެއެވެ.
           
މަދަރުސާގައި އަޅުގަނޑަށް ހޭދަކުރަން މެދުވެރިވި ތިން އަހަރު ދިޔައީ ވަރަށް އަވަހަށެވެ. ކުރީކޮޅުގައި ކޮންމެ ރެއަކު މަދަރުސާ ނިމެންވާއިރު އަޅުގަނޑު އިންނަނީ މޭޒުގައި ބޯއަޅައިގެން ނިދާފައެވެ. ނަމަވެސް ފަހުން އައިސް "ރޭގަނޑު ހޭލާހުންނަން" އާދަވެއްޖެއެވެ.
           
މަދަރުސާތެރޭގައި މަޖާ ކަންތައްތައް ހުރެއެވެ. އަޅުގަނޑުމެންނަށް އެންމެ މަޖާ އެއްކަމަކަށް ވެފައި އޮންނަނީ "އިދާރާފައި" ގެ ކަންތަކެވެ. އޭރު މަދަރުސާގެ އިދާރާ ހުންނަނީ، ވަށައިގެން ތިރި ފާރުބުރިއެއްހެން ޓިނުޖަހައިފައި ހަދާފައެވެ. އަޅުގަނޑުމެން ކުޑަކަމުން އެތެރެއެއް ނުފެނެއެވެ.  އަދި ބޭފުޅަކު ގެންދެވިއްޔާ ނޫނީ ކައިރިވާކަށްވެސް ނުކެރެއެވެ. މިހެން އުޅެނިކޮށް ގަޑިޖެހޭއިރު ފެންނަނީ، ކޮންމެވެސް މީހެއްގެ ދޮންދޮން ފަޔެއް އުފުއްލާލާފައި އެތާ ކަނުގައި އެލުވާފައި ހުންނަ ބޮޑު ރަނގަބީލުގެ ވާކޮޅުގައި ހިފައި ރަނގަބީލު ޖަހާތަނެވެ. މި ތަނަކީ ގާތްގަނޑަކަށް ކޮންމެ ރެޔަކު އަޅުގަނޑުމެން ބަލާ ތަނެކެވެ. ރަނގަބީލުގެ ދަށުގައި އޮފީސްތެރޭގައި ދިގުގޮނޑިއެއް ހުރެއެވެ. އަދި ވަރަށް ގިނަ ރޭރޭ މުޙައްމަދު އަމީން އެ ދިގުގޮނޑީގައި އޮންނަވައެވެ. އާދެ! އަޅުގަނޑުމެންނަށް މިފެންނަނީ އޭނާގެ ފައިންޕުޅުން ރަނގަބީލު ޖައްސަވާ ތަނެވެ. އިދާރީ ކަންތަކުގައި އޮފީސް ތެރޭގައި ދެތިން ބޭފުޅަކު އުޅުއްވާނެއެވެ. މިހާރު ވިސްނާލުމުން އެނގެނީ، މުޙައްމަދު އަމީން ދުވާލުގެ ހަތަރުދަމު އަވަދިނެތި މަސައްކަތްޕުޅުގައި އުޅުއްވާފައި، މަދަރުސާއަށް ވަޑައިގަންނަވާ ވަގުތު، ވެފައިވާ ވަރުބަލިފުޅު ފިލުއްވާލައްވަން އެ ގޮނޑީގައި އޮންނަވައިލައްވަނީ ކަމެވެ. އާދެ! މަސައްކަތްޕުޅު ކިތަންމެ ބުރަ ނަމަވެސް، އެމަނިކުފާނު ކޮންމެ ރެޔަކު މަދަރުސާގެ ކަންތައް ހިނގަމުންދާ ގޮތް ބެއްލެވުމަށް، އެތަނަށް ވެސް ވަޑައިގަންނަވައެވެ.
           
ކްލާސްތައް ހަދާފައިވަނީ ވަރަށް ވަގުތީ ގޮތަކަށް ކަމުން، އެއް ކްލާސް އަނެއް ކްލާހާ ވަކިކޮށްފައި ހުންނަނީ ހުދުފޮތީގެ ބޯ ފަރުދާއަކުންނެވެ. ބިންމައްޗަށް އޮންނަނީ ކަށިވެލިލާފައެވެ. ބޭނުންވެއްޖެނަމަ، ފަރުދާގެ ދަށުން އަނެއް ކްލާހަށް ދެވިދާނެއެވެ. އަދި ކްލާހުގައި އަޑުގަދަ ވެއްޖެނަމަ، ޖެހިގެންހުރި ކްލާސްތަކަށް ލިބޭ އުނދަގޫ ވަރަށް ބޮޑެވެ. އަޅުގަނޑުމެންގެ ކްލާހާ ޖެހިގެން ހުރި ކްލާހުގައި ވަރަށް ރައްޓެހި ބޭފުޅުންކޮޅެއް ތިއްބަވައެވެ. އެހެންކަމުން، ފަރުދާގެ ދަށުން އެ ކްލާހުން އަޅުގަނޑުމެންގެ ކްލާހަށް ކުދިކުދި ނޯޓާއި ޕާރުސަލް އާދެއެވެ. މި ކުދި ޕާރުސަލުގައި މުޅިންވެސް ހުންނަނީ އެކި ކަހަލަ ސޫތްޕެވެ. މަރާފައި ހުންނަ ތަންމަކުނާއި، ކޮކާލާއި، ބަރަވައްޔާއި، ކުރަފި ކަހަލަ އެއްޗިއްސެވެ. މިފަދަ ޕާރުސަލް އައުމުން ކްލާހުގައި ވަރަށް އަޑުގަދަވެއެވެ.
           
އެއިރު މަދަރުސާގައި ހުރި އެންމެ ކުޑަކުއްޖާއަށް އަޅުގަނޑުވީތީ، ބައެއް ފަހަރު އޮފީހަށް ގެންދަވައި ބޮޑެތިބޭފުޅުން ސަމާސާކުރައްވާތަން އާދެއެވެ. "ނަސީމާއަށް ކިތަށް އަހަރުހޭ؟" މިއީ ވަރަށް ގިނައިން ކުރައްވާ ސުވާލެކެވެ. "ފަސްއަހަރެވެ" އަޅުގަނޑު ކޮންމެ ފަހަރަކުވެސް ދަންނަވަމެވެ. މިހެން ދެންނެވުމާއެކު ހުރިހާ ބޭފުޅުން ވަރަށް މަޖާކޮށް ހިނިފުޅުވަޑުއްވައެވެ. އެހާ ގިނައިން އެސުވާލު ކުރައްވަނީ ކީއްވެގެންބާވައޭ އެއިރުވެސް ހިތަށް އަރައެވެ. އެކަން އެނގުނީ މާފަހުންނެވެ. އާދެ! އެއިރު އަޅުގަނޑުގެ އެންމެބޮޑު ހިތާމައަކީ މެދުދެދަތް ވެއްޓިފައިވާ ކަމެވެ. އަދި މިދެދަތް ފަޅާނޭ ކަމުގެ ކުޑަވެސް ޔަޤީންކަމެއް އަޅުގަނޑުގެ ނެތެވެ. މެދުދެދަތް ނެތްއިރު، "ފަސްއަހަރު" މިހެން ދަންނަވާއިރު "ސ" ކިޔެނީ ވަރަށް ހެއްވާ ގޮތަކަށެވެ.  އުމުރު އައްސަވަނީ މިހެންވެގެންނެވެ.
           
ހަނދާންވާ ގޮތުގައި ކްލާހުގައި ކިޔަވައިދެއްވާ މާއްދާތަކުގެ ތެރޭގައި، ދިވެހި، ހިސާބު، ޢަރަބި، އަޚުލާޤު، ތާރީޚު، ދީނިއްޔާތު އަދި ޢަރަބި ތާނަ ލިޔުން ހިމެނުނެވެ. މުދައްރިސުންގެ ތެރޭގައި ޙަސަން މޫސާދީދީ، ފިހާރަ ދޮންތުއްތު، ހިމިތީ ތުއްތު ހިމެނުނެވެ. އެހެން ބޭފުޅުން ހަނދާނެއް ނެތެވެ. މަހަކު ދެރޭ ތަޤްރީރު ދެއްވުން އޮވެއެވެ. އަޅުގަނޑު ހަނދާންވާ ގޮތުގައި އަޙްމަދު ކާމިލްދީދީ، އިބްރާހީމް ރުޝްދީ، ޢަބްދުﷲ ފަހުމީދީދީ އަދި މުޙައްމަދު އަމީން ފަދަ ޢިލްމީ ބޭފުޅުންގެ މަޢުނަވީ ތަޤްރީރުތައް އޮވެއެވެ. އަޅުގަނޑު ހަނދާން ހުންނަނީ މުޙައްމަދު އަމީންގެ ތަޤްރީރުތަކެވެ. އޭނާ ތަޤްރީރު ކުރައްވާއިރު، ކުޑަކުއްޖަކުވެސް ނިދާނެ ތަންވަޅެއް ނުދެއްވައެވެ. ވާހަކަފުޅު ދައްކަވާއިރު، އަޅުގަނޑުމެން ކުޑަކުދިންގެ ޝައުޤުވެރިކަން ހޯއްދަވައެވެ. ނިދިއަންނަ ކަމަށް ހީފުޅުވާނަމަ، ކުދީންގެ ނަމުންވެސް ބައެއް ފަހަރާ ވިދާޅުވާނެއެވެ.
           
ސުމުއްވުލް އަމީރު ޢަބްދުލް މަޖީދު ރަންނަބަނޑޭރިކިލެގެފާނުގެ ހަގު ދަރިކަލުން، އިބްރާހީމް ފަރީދުދީދީ މިސުރުން ވަޑައިގެން، މަދަރުސާގެ ހޯލްގައި އެގްޒިބިޝަން ޓޭބަލް ޓެނިސް މެޗެއް ކުޅުއްވިރޭ، ވަރަށް ކުލަގަދަ ގޮތަކަށް ހަނދާން އެބަހުއްޓެވެ. އެރޭ ބޯޅަ ހޮވަން ތިބީ މަދަރުސާގެ އެންމެ ކުޑަ ހަތަރު ކުދިންނެވެ. ކުޅުއްވި ބޭފުޅުން ހަނދާނެއް ނެތެވެ. ނަމަވެސް، ވަރަށް ފޯރީގައި އަޅުގަނޑުމެން ބޯޅަހޮވި ހަނދާން އެބަހުއްޓެވެ.
           
މަތީ ކްލާސްތަކުގެ ކެއްކުމުގެ އިމްތިޙާން އޮންނަ ރޭރެއަކީ ވަރަށް ޚާއްޞަ ރޭރެއެވެ. އެފަދަ ރޭރޭ މަދަރުސާ ތެރޭގައި އަލިގަދަވެ ކާނިވަލްގެ ރޫޙެއް ހުންނަ ކަމަށް ދެންނެވިދާނެއެވެ. މަދަރުސާގެ ގޯތީގައި އޮންނަ ހުސްތަނުގައި ހުންނަނީ ވަގުތީ ބަދިގެތަކެއް ހަދާފައެވެ. ބިގަރު ދިއްލާފައެވެ. މިދެންނެވި ކްލާސްތަކުގެ ކުދިން އެކި ވައްތަރުގެ ބަތާއި ރިހައާއި އަދި އެހެން ކާއެއްޗެތި ތައްޔާރުކުރަން ހިތްވަރު ކުރާތަން އަޅުގަނޑުމެންނަށް ދުރުން ފެނެއެވެ. އަދި ވަރަށް މީރު ވަސްވަސް ކްލާހާ ހަމައަށް އަންނާތީ އަޅުގަނޑުމެންވެސް ތިބެނީ ރަހަބަލާ ހިތުންނެވެ. އިމްތިޙާނަށް ކަނޑައެޅުނު ވަގުތު ހަމަވުމުން، ފަނޑިޔާރުން އެކި ކުދިންގެ މަސައްކަތަށް މާކްސް ދެއްވަން ވަޑައިގަންނަވާތަން ފެންނާނެއެވެ. ތައްޔާރުކޮށްފައިވާ މީރު ކާއެއްޗެތީގެ ރަހަބައްލަވާތަން ވެސް ފެނެއެވެ.
           
މަދަރުސާގެ ދެވަނަ ތަމްސީލުގައި އަޅުގަނޑަށް ބައިވެރިވެވުނެވެ. ފަރިތަކުރުން އޮތީ ނާދީގެ ޢިމާރާތުގައެވެ. މީޢީ ބޮޑެތިބޭފުޅުން ވަރަށް ސީރިއަސް ގޮތަކަށް މަސައްކަތް ކުރެއްވި ތަމްސީލެކެވެ. އަޅުގަނޑުމެން ކުޑަކުދިން، ބޭރުގައި ހުރި ހިރުނދު ގަސްތަކުން ދޮންމޫސަދޫނި ހިފަނީއެވެ. މަންޒަރަކަށް ގޮވާލެއްވީމާ އެވިދާޅުވި ގޮތެއް ހަދާލާފައި އަނެއްކާ ބޭރަށް ނިކުންނަނީއެވެ. އެހެންނަމަވެސް ހަމަ ކޮންމެ ދުވަހަކު ތަމްސީލު ފަރިތަކުރަން އަޅުގަނޑުމެން ދަމުއެވެ.
            
މަދަރުސާގެ ޖަމުޢިއްޔާ "އެކުވެރިކަމުގެ ޗޭނު" ގެ ދަތުރުތަކުގައި ދިޔުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބެއެވެ. މި ދަތުރުތަކުގައި، ފަރުކޮޅުފުށްޓަށާއި ދޫނިދުއަށް ދިޔަ ހަނދާން އެބަހުއްޓެވެ. ފަރުކޮޅުފުށީގައި މޫދަށް އެރި، ހިއްތަލަ ކޮނެ، ޖޭމުގަހަށް އަރާ ހެދި ހަނދާން އެބަހުއްޓެވެ. ކޮންމެއަކަސް އެއީ ވަރަށް ޚާއްޞަ ދުވަސްތަކެކެވެ.
           
ކޮޅުނބަށް ކިޔަވަން ދާންވީ ދުވަސް ކައިރިވުމުން، މުއުމިނާއާއި އަޅުގަނޑާ ދެކުދިންނަށް އިނގިރޭސި ކިޔަވަން ޖެހިއްޖެއެވެ. މުޙައްމަދު އަމީން މިކަން ހަމަޖައްސަވައިދެއްވީ އެއްގަމުގޭގައެވެ. ކޮންމެ ދުވަހެއްގެ ހެނދުނު އެތާނގައި އަޅުގަނޑުމެންނަށް ކްލާސް އޮވެއެވެ. އެއީ ކޮން ގަޑިއެއްގައި ކަމެއް އަޅުގަނޑު މިހާރަކު ހަނދާނެއް ނެތެވެ. ކިޔަވައިދެއްވަނީ އެދުރު ދޮންތުއްތުދީދީ އެވެ. ހަނދާންކޮށްލާ އިރު، މާބޮޑު އެއްޗެއް އެއިރު ދަސްވިހެނެއް ހިޔެއް ނުވެއެވެ. މުދައްރިސު ވަޑައިގަތުން ކުޑަކޮށްވެސް ލަސްވެއްޖެ ނަމަ، އަޅުގަނޑުމެން ދެކުދިން އެއްގަމުގޭ ދޮރޯށީގެ އެތެރޭގައި ދެފަރާތުގައި ތިބެގެން، އެ ދުވަހު މުދައްރިސު ވަޑައިނުގަންނަވާނޭ ގޮތެއްވޭތޯ އެދި، އަތްއުފުލާ ވަރަށް ގަދައަށް ދުޢާކުރަމެވެ. އެހެން ނަމަވެސް، ވަރަށް މަދު ދުވަހަކު މެނުވީ މިގޮތަކަށް ދިމައެއްނުވެއެވެ. އަޅުގަނޑުމެން ކިޔަވަން ތިބެނީ، ޕިންގޕޮންގ ގޭގައި ހުރި ބޮޑު މޭޒުދޮށުގައެވެ. ސިޔާސަކޮށް އުޅެފިނަމަ، ދެ ގެއަށްމެ ވަރަށް އަވަހަށް ރިޕޯޓު ދެއެވެ. ޓެލެފޯނު ނެތް ދުވަސްވަރެއްގައި އެހާ އަވަހަށް ޚަބަރުތައް ދަތުރުކުރި ގޮތެއް އަދިވެސް ނޭނގެއެވެ. ކޮންމެއަކަސް، ވަރަށް ގިނަ މައްސަލަތަކުގެ ޚަބަރު ގެއާހަމައަށް އާދެއެވެ. ޕިންގޕޮންގ މޭޒުމައްޗަށް އެރުމާއި، ގޯތިތެރޭގައި ދުވުމާއި، ތާރުކު ފޯއް (އެއްގަމުގޭގައި އެއިރު ތާރުއް ހުރެއެވެ.) ދުފުމާއި، މިކަހަލަ ކަންތައް ރިޕޯޓުވަމުން ދިޔައެވެ.
           
މާލޭގައި އަޅުގަނޑުގެ މަދުރަސީ ދައުރު ނިމުނީ އަޅުގަނޑަށް ހަތް އަހަރު ފުރި، އަށް އަހަރަށް އޮއްވައެވެ. 1949މ ވަނަ އަހަރުގެ މެދެއްހައި ހިސާބުގައެވެ. މަދަރުސަތުއްސަނިއްޔާގައި ހޭދަކުރި ދުވަސްކޮޅަކީ، އަޅުގަނޑުގެ ކިޔެވުމުގެ ފެށުމެވެ. އެއީ އަޅުގަނޑުމެން ކުޑަކުދިން، ބައްޕައެއް ފަދައިން ލޯބިވާ މުޙައްމަދު އަމީންގެ ޚާއްޞަ ބެއްލެވުމުގެ ދަށުން ކިޔެވުނު އަގުހުރި ދުވަސްކޮޅެކެވެ. މިހާރު ހަނދާންކޮށްލުމުން، އެންމެ ފާހަގަކޮށްލެވެނީ، އެމަނިކުފާނު އެކިފަހަރުމަތިން ތަކުރާރުކޮށް ދެއްވައިފައިވާ ނަސޭހަތްތަކެވެ. ދަސްކޮށްދެއްވި ފިލާވަޅުތަކެވެ. ޤައުމު ދެކެ ލޯބިވާށެވެ. ތެދުވެރިވާށެވެ. ދީނަށް ޙުރުމަތްތެރިކޮށް ހިތާށެވެ. ޤައުމަށް ޚިދުމަތްކުރާށެވެ. ހިންމަތާއެކު މަސައްކަތްކުރާށެވެ. އާދެ! މިއަށްވުރެ އަގުހުރި ނަސޭހަތެއް އޮންނާނޭތޯއެވެ؟
          
ކީރިތިވަންތަ މާތް ﷲ މުޙައްމަދު އަމީންގެ ފުރާނަފުޅަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލައްވާށިއެވެ. އާމީން! 
----------------------
   (ނިމުނީ)

ފޮޓޯގެ ތަޢާރުފު؛

        މުޙަންމަދު އަމީން، ނަސީމާ މުޙަންމަދު


މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް ނަސީމާ މުޙަންމަދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް


އިދާރާ