އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (1)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ


ގައްދޫ މުޙައްމަދު ރަޝީދު

ޚާއްޞަ ނޯޓު: އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދަކީ، އަލަށް ފަންވަތާ ގުޅިވަޑައިގަތް ލިޔުންތެރިއެކެވެ. ރަޝީދަކީ، ވާހަކަ ލިޔުމާއި، ވާހަކަ ތަރުޖަމާ ކުރެއްވުމުގައި ދިވެހިންގެ ތެރޭގައި ނަންހިނގައިފައިވާ މަޤުބޫލު ބޭފުޅެކެވެ. ގިނަ އަދަދެއްގެ ދިގު ވާހަކަތައް އޭނާ ވަނީ ދިވެހިބަހަށްތަރުޖަމާ ކުރައްވައިފަ އެވެ. ހަމަ އެހެންމެ އޮއްޓަރުހުރި އަސަރުގަދަ އެތައް ވާހަކައެއް އޭނާ ވަނީ އަމިއްލައަށް ލިޔުއްވައިފަ އެވެ.  ރަޝީދަށް ނިހާޔަތަށް ޝުކުރާއި މަރުޙަބާ ދަންނަވަމުން، ފަންވަތުގައި ޝާއިޢުކުރަން މި ފަށަނީ، ރަޝީދުގެ މަޖުބޫރުލޯތްބެވެ. ތިޔަބޭފުޅުންގެ ހިތްޕުޅުގެ ޝައުޤާއި ލޯބި މިވާހަކައަށް ދެއްވުން މަޖުބޫރުވާނެކަމުގެ އުންމީދުގަ އެވެ. ވަރަށްބޮޑަށް ޝުކުރިއްޔާ އެވެ.

ދެއަތް ފުރެންދެން ދާއެއްޗެހި ހިފައިގެން އޭނާ ފެންވަރާ ކޮޓަރިއަށް އަތުވެއްޖެއެވެ. ދެތިން ހެދުން ވެއްޓިފައި އޮތެވެ. ހެދުންތައް އެއް ކަނެއްގައި ބަހައްޓައިފައި އޭނާ އެނބުރިލައިފި އެވެ. އަދި ވެއްޓިފައި އޮތް ތިން ހެދުން ނަގާން ގުދުވެލި އެވެ. އެ ވަގުތު އޭނާގެ އުނަގަނޑުގައި ރިހުމެއް އުފެދުނެވެ.... ފިނި އާހަކާއެކު އޭނާގެ އަތުގެ ނުފުށުން އުނަގަނޑުގައި ފިރުމައިލި އެވެ. މި ގޮތަށް ފިރުމަމުން އަނެއްކާ ވެސް އޭނާ ކޮޓަރިއަށް އަތުވެއްޖެ އެވެ.

ކުޑަކުޑަ ފެންވަރާ ކޮޓަރީގެ ކަނާތް ފަރާތުގައި ފެން އިސްކުރު ހުއްޓެވެ. އޭގެ ކައިރީގައި ފާރުގައި ސައިބޯނި ބަހައްޓަން ކުޑަ ތަންކޮޅެއް ހަދައިފައި ހުއްޓެވެ.
ތާނިޔާ ކުޑަ ގޮނޑި ކައިރިކޮށްލައިފައި އިށީނދެއްޖެ އެވެ. އަދި ހިތާ ދެކޮޅަށް، ދާ އެއްޗެހިތަކާ ދިމާ އަށް ބަލައިލި އެވެ. ދެން ހުދު އެއްޗިއްސާއި ކުލަ އެއްޗެހި ވަކިކުރަން ފަށައިފި އެވެ.
މި ހުރިހާ އެއްޗެހި އޭނާ ދޮންނަން އެބަޖެހެ އެވެ. ތެލި ތަށި ދޮވެ ނިމުނީ ހަމަ ދެންމެއަކު އެވެ. އޭނާގެ އަތްތިލައިގެ  ނާރުތަކުގައި މިލަ ހަރުލާފައި ހުއްޓެވެ. އޭނާ އަބަދު ވެސް އެއްޗެހި ދޮންނަނީ ތެލި ދޮވުމަށް ފަހުގައެވެ. މި ގޮތުން ނިޔަފަތިތަކުގެ ދަށުގައިވާ މިލަތައް ސާފުވެ އަތް ރީއްޗަށް ދޮވެވެއެވެ. ކޮންމެ ދުވަހަކު ވެސް އެއްޗެހި ދޮންނަން ޖެހެއެވެ. ގޭގައި އެންމެ ރަނގަޅަށް މީހުން އުޅެއެވެ. އެއްބަނޑު އެއްބަފާ ހަތަރު ފިރިހިނުންނާއި ފަސް އަންހެނުންގެ އިތުރުން މަންމަ އާއި ބައްޕަގެ އެއްޗެހި ދޮންނަންޖެހެއެވެ. އަދި އޭނާގެ ދެ ކުދިން ވެސް ތިބެއެވެ. އެ މީހުން ކޮންމެ ދުވަހަކު ހެދުމެއް ހަޑިކުރެއެވެ.

މި އަދަކީ ތަންކޮޅެއް އެއްޗެހި ގިނަ ދުވަހެކެވެ. ހުރިހާ އެނދެއްގެ ބެޑްޝީޓްތަކާއި ބާލީހު އުރަތައް ވެސް މިއަދު ދޮންނަން ޖެހެއެވެ. ކޮއްކޮމެންގެ ޔުނީފޯމްތަކުގެ އިތުރުން ނާޖިޔާގެ ދެ ހެދުންވެސް މިއަދު ދޮންނަން އެބަޖެހެއެވެ.

އެއްބައި ހެދުން ބަހައްޓައިފައި ދޮވެ ނިންމައިލާން އޭނާގެ ހިތަށް އެރިއެވެ. މާދަމާ ވެސް ދޮންނަން ޖެހޭނީ ހަމަ އޭނާއާ އެވެ. އެހީވެދޭން އަންނާނީ ކާކު ހެއްޔެވެ؟
އޭނާ ފިރިމީހާގެ ގެއިން އައިފަހުން އުޅެންޖެހެނީ މި ކަހަލަ ޙާލެއްގައެވެ. އޭނާ ގޭގައި އުޅެނީ ނޯކަރެއްގެ ގޮތުގައެވެ. ތެލި ދޮވުމާއި އެއްޗެހި ދޮވުން އޭނާގެ ފަރުޟުތަކުގައި ހިމެނިއްޖެ އެވެ. ބަދިގޭގައި ގިނަ ވަގުތު ހޭދަކުރަނީ އޭނާ އެވެ. މަންމައަށް ލުއިކުރުމުގެ ގޮތުން އެހީވާން ކޮންމެހެން ޖެހެއެވެ. މިހާ ބޮޑު ޢާއިލާއަކަށް ކައްކައިފައި ކާންދިނުމަކީ ފަސޭހަ ކަމެއް ވެސް ނޫނެވެ.

އެންމެންގެ ތެރޭން އެންމެ ދޮށީ ތާނިޔާ އެވެ. އޭނާގެ ހަގަށް ތިބީ ރައިޙާނާ އާއި އަމްޖަދެވެ. ދެން ނާޖިޔާ އެވެ. އަސަދުއާއި ސުލައިމާނު ނާޖިޔާއަށް ވުރެ ހަގެވެ. ސުލައިމާނުގެ ހަގަށް ހަތަރު އަންހެނުން ތިބެއެވެ... ޢަތީޤާ ކިޔަވަނީ ނުވަ ވަނަ ކްލާހުގައެވެ. ރަބީޢާ، އަށް ވަނަ ކްލާހުގައެވެ. ޘާނިޔާ ހައެއްގައެވެ. އަދި މާނޫ ހަތަރެއްގައެވެ. މެދުފަންތީގެ މި ޢާއިލާ ދިރިއުޅެމުން ދަނީ މުސްކުޅިގޮތަށް ހަދައިފައިވާ ގެއެއްގައެވެ. ގޭގައިވާ ތިންކޮޓަރިން އެއް ކޮޓަރީގައި ނިދަނީ ރައިޙާނާއާއި އަމްޖަދެވެ. އަނެއް ކޮޓަރީގައި މަންމައާއި ބައްޕަ އެވެ. އެންމެ ހަގު ދެ ކުދިން ވެސް ނިދަނީ އެ ކޮޓަރީގައެވެ. ދެން ތިބި ހުރިހާ ކުދިން ނިދަނީ ތިން ވަނައަށް ހުރި ކޮޓަރީގައެވެ. ތާނިޔާ ކުދިން ގޮވައިގެން ނިދަނީ ގުދަނެއްގެ ގޮތުގައި ބޭނުންކުރާ ތަންކޮޅެއްގައެވެ. މަންމަ ކިތަންމެ ފަހަރަކު އޭނާ ގާތުގައި ނާޖިޔާމެން ނިދާކޮޓަރީގައި ނިދާށޭ ވެސް ބުނެފިއެވެ. ނާޖިޔާއާ ޢަތީޤާ ވެސް މި ވާހަކަ ދައްތަ ގާތުގައި ދައްކައިފި އެވެ. އެހެންނަމަވެސް ތާނިޔާއަށް ފެނުނީ މި ކުޑަކުޑަ ތަންކޮޅު މާރަނގަޅު ކަމުގައެވެ. މިއީ މުޅިން ވަކިން ހުރި ތަންކޮޅެކެވެ. މި ތާނގައި ހިމޭންކަމާއެކު އަމިއްލަ ބަދުނަސީބާމެދު ކަރުނަ އޮހޮރަން އޮވެވިދާނެ އެވެ. ވޭތުވެ ދިޔަ ދުވަސްތަކުގެ ހިތިކަން ތަޞައްވުރު ކުރެވިދާނެ އެވެ..... މާޒީގެ ކިޑިކީތަކުން ބެލުމަށްޓަކައި މަޑުމައިތިރިކަމާއި ހިމޭންކަން ވެސް އޭނާއަށް ބޭނުމެވެ. މިހާރުގެ ޙާލަތާއި އަދި މުސްތަޤްބަލަށް ވިސްނުމަށްޓަކައި އޭނާ އަށް މި ކަހަލަ އެކަހެރި ތަނެއް ބޭނުމެވެ. އޭނާގެ ކޮއްކޮމެންގެ ތެރެއިން ޚާއްޞަކޮށް ނާޖިޔާ ވަރަށް ގިނައިން ބުނެއެވެ.

[ތާނޫ ދައްތާ އެވެ. މިހާ ތިރި ތަނެއްގައި އުޅޭއިރު ބޯ އަނބުރާ ގޮތެއްނުވޭ ހެއްޔެވެ؟ ހާސްވާގޮތެއްނުވޭ ހެއްޔެވެ؟]

[ޖަޔާއެވެ. ހާސްވިޔަސް ނުވިޔަސް ދުނިޔޭގާ އުޅެން އެބަޖެހޭ ނޫން ހެއްޔެވެ؟ ރޭދުވާ ކަޑައްތުކުރަން އެބަޖެހެއެވެ.]

[އަހަރެމެންގެ ކޮޓަރީގައި ވެސް ނިދިދާނެ ނޫންހެއްޔެވެ؟]

[ނޫނެކެވެ. ޖަޔާއެވެ.]

[އެއީ ކީއްވެގެން ހެއްޔެވެ؟]

[އަހަރެންގެ ކުދިން އަދި ވަރަށް ކުޑައެވެ.  އިރުއިރުކޮޅުން ހޭލައެވެ. ބައެއް ފަހަރަށް ރޮއި ވެސް ހަދައެވެ. އަހަންނަކީ އަރާމެއް ނެތް މީހެކެވެ. ކަލޭމެން ކުދިންނަށް އުނދަގޫޖައްސަންވީ ކީއްކުރަން ހެއްޔެވެ؟]

[ތިޔަބުނީ ތެދެކެވެ. ދައްތަގެ ރާނޫ ރޮއިގަންނަ އިރު ހީވަނީ އެހެންފަދަ ކަމެއް ހެންނެވެ.]

ތާނިޔާ އަނދައަނދައި ހުރި ހިނިތުން ވުމަކާއެކު ކޮއްކޮއާ ދިމާއަށް ބަލައިލި އެވެ. އޭނާގެ ލޮލުގައިވާ ހިތްދަތިކަމުގެ އިޙްސާސް އަދިވެސް ބޮޑަށް ފުންވެއްޖެ އެވެ. ނާޖިޔާ މިހާ ކުޑަކުޑަ އެއްޗެއް ބުނެލުމުން ވެސް ތާނިޔާ އަށް ހީވީ ކަނޑިއެއްގެ މިޔަ މައްޗަށް އެރުނުހެންނެވެ. އަދި ހަމަ އެ ވަގުތު އޭނާގެ އަރާމެއްނެތް ފިރިމީހާގެ މަތިން ހަދާން ވެއްޖެއެވެ. ކޮންމެ ފަދަ ޙާލެއްގައި އުޅެންޖެހުނު ކަމުގައި ވިޔަސް ކުދިން ރުއިމަކުން އަދި ހަޅޭއްލެވުމަކުން އެއްވެސް މީހަކަށް އުނދަގުލެއް ނުވެއެވެ.

ތާނިޔާގެ ކާވެނިކުރެވުނީ ހަތަރު އަހަރު ކުރީގައެވެ. ކޮންޓްރޯލަރ މިލިޓްރީ އެކައުންޓްސްގެ އޮފީހުގެ ކާތިބެކެވެ. މެދުފަންތީގެ ގެއެއްގެ ކުއްޖެކެވެ.

ތާނިޔާއާ އޭނާގެ އެއްބަނޑު އެއްބަފާ ހުރިހާ ކުދިންނަކީ ވެސް ރީތީގެ ޚަޒާނާތަކެކެވެ. ފިރިހެން ކުދިންގެ ހަށިތައް ވަރަށް ވަރުގަދަވެފައި ރީއްޗެވެ. ސުލައިމާނާއި އަމްޖަދު ބަލައިލާ އިރު ހީވަނީ ފިނި ގައުމެއްގެ ބަޔެއް ހެންނެވެ. ގައިގެ ކުލަ ދޮންވެފައި އިސްތަށިތައް ވަރުގަދަ އެވެ. އާދައިގެ ހެދުމުގައި ތިބޭއިރު ވެސް ހީވަނީ މާ ޝަޚްޞިއްޔަތު ވަރުގަދަ ބަޔެއްހެންނެވެ.
އަވަށްޓެރިންގެ މީހުން ރިޔާޟް އަޙްމަދުގެ ކުދިންގެ ރީތިކަމާ މެދު ތަޢުރީފުކުރެއެވެ. އަންހެން ކުދިން ވެސް އެހާމެ ރީއްޗެވެ. ސުކޫލްގައި ތާނިޔާ އަށް ކިޔަނީ ޝަހެޒާދީއެވެ. ނާޖިޔާ އަކީ ވެސް އެ ދުވަސްވަރު ކަލާނގެ ދެއްވި ރީތިކަމުގެ ސަބަބުން ކޮލެޖްގެ އަންހެން ކުދިންގެ މެދުގައި މުހިންމު ޖިންސުއްލަޠީފެކެވެ. ޢަތީޤާގެ ދިހުންއަރާ ކަޅު އިސްތަށިގަނޑެއް އޮވެއެވެ. އަދި ނީކުނޑިކުލައިގެ ލޮލުގެ ވާހަކަ ހެވީ ނުދެއްކިއްޔާއެވެ. މުނާއާއި ސާނީ ވެސް އެހާމެ ރީއްޗެވެ. ޤުދްރަތީ ރަތްކަން އެކުލެވިފައިވާ ތުންފަތާއި ރީތި ލޯ އެ ދެކުދިންނަށްމެ ލިބިފައިވެއެވެ.

ރިޔާޟް އަޙްމަދު އޭނާގެ ރީތި ކުދިންކޮޅަށް ބަލައިލައިފައި ބުނެއެވެ. [ދަރިންނަކީ ޙަޔާތުގެ ބަގީޗާގައި ފޮޅިފައިވާ މަލޭ ބުނެވެއެވެ. އަހަރެމެންގެ ދަރިންނަކީ ޙަޤީޤަތުގައި ވެސް ޤުދަރުތުން ފޮޅުއްވައިފައިވާ މަލެވެ.]

ޙާމިދާ ފުންނޭވާއެއް ދޫކޮށްލާފައި ބުނެއެވެ.

[ޝައްކެއްނެތެވެ. އަޅުގަނޑުމެންނަށް މީރު ކާ އެއްޗެއްސެއް ނުދެވެއެވެ. ރީތި އަންނައުނެއް ނުދެވެއެވެ. އެކަމަކު ވެސް ﷲގެ ރަޙްމަތްފުޅުން އެއް ކުއްޖަކަށްވުރެ އަނެއް ކުއްޖަކު ރީއްޗެވެ.]

ރިޔާޟް ހިނިތުންވެފައި ބުނެއެވެ. [ހުރިހާ ކުދިން ވެސް ވައްތަރީ އަހަންނާއެވެ.]

ކަލާނގެ ދެއްވައިފައިވާ ރީތި ދަރިންގެ ސަބަބުން ދެ މީހުން ތިބެނީ ވަރަށް ހިތްހަމަ ޖެހިފައެވެ. ޚާއްޞަކޮށް އަންހެން ކުދިންގެ ފަރާތުން އެ މީހުންނަށް އެއްވެސް ހިތާމައެއްނެތެވެ. އެ ކުދިންގެ ކާވެންޏާމެދު ފަހަރެއްގައި ވެސް މައްސަލައެއްގެ ގޮތުގައި ނުވިސްނައެވެ. އެމީހުންގެ ޚިޔާލަކީ މިހާ ރީތި އަންހެން ކުދިން ކޮޅަކާމެދު ކަންބޮޑުވާން ނުޖެހޭ ކަމުގައެވެ. ގޭގައި ތިއްބައި އަމިއްލައަށް އައިސް އެ ކުދިންގެ ކާވެންޏަށް އެދޭނެ އެވެ.

އެކަމަކު ފުރަތަމަ ތަޖުރިބާ ވެސް ފެނިގެން މި ދިޔައީ ހިތި ގޮތުގައެވެ. އެ މީހުން ތާނިޔާގެ ކާވެނިކުރުވީ އާދައިގެ ދިރިއުޅުމެއްގައި އުޅޭ ޢާއިލާއެއްގެ ކުއްޖަކާ އެވެ. ޢާޞިފަކީ ހުތުރު ކުއްޖެއް ވެސް ނޫނެވެ. އަމިއްލަ ޙައިސިއްޔަތަށް ވުރެ ވެސް އިތުރަށް އެމީހުން ކާވަންޏަށް ޚަދަރު ކުރިއެވެ. އެކަމަކު ތާނިޔާގެ ނަސީބު އޭނާ އަށް ފުރަގަސްދީފިއެވެ. ޢާޞިފަށް އަމިއްލަ ނަފްސަށް ވެސް އިތުބާރު ނުކުރެވުނީކަން ނޭނގެއެވެ. ނޫނީ އެހެން ކޮންމެވެސް ކަމެކެވެ. ތާނިޔާއަށް އޭނާ ހިތްދަތިކަން ދެމުން ގެންދާތާ އެތައް ދުވަހެއް ވެއްޖެ އެވެ. ތާނިޔާ ފިރިމީހާގެ ރުހުން ހޯދުމަށްޓަކައި ކުރެވެން އޮތްހާ ކަމެއް ކުރިއެވެ. އޭނާ މައިން ބަފައިނަށްޓަކައި ރޭދުވާ އެއްކުރި އެވެ. ފިރިމީހާގެ އަންހެން ކޮއްކޮއަށް ޚިދްމަތްކުރި އެވެ.

އެހެންނަމަވެސް އޭނާއަކަށް ހަމަޖެހުމެއް ނުލިބުނެވެ. ޢާޞިފްގެ މައިންބަފައިން ވެސް ޢާޞިފާ އެއްބައިވެ އޭނާ އަށް ހިތްދަތިކަން ދޭން ފަށައިފި އެވެ. މައިދައިތަގެ އޮތީ އެންމެ ހިތާމައެކެވެ. ޅީ ދަރިއެއްގެ ގޮތުގައި މުއްސަނދި ޢާއިލާއެއްގެ ދަރިއަކު ނުލިބުމުގެ ހިތާމައެވެ. އަދި މި ހިތާމަ ރުޅިއަށް ބަދަލުވެގެން ތާނިޔާއާ ދިމާއަށް އެއްޗެހި ކިޔަމުން ގެންދަނީއެވެ.
ތާނިޔާ ހަތަރު އަހަރު ވަންދެން ޙާލާތުގެ އުޑި އަނބުރަމުން ދިޔައެވެ. އޭނާގެ ނާޒުކް ހަށިގަނޑު ދަނގަޑަށް ވެއްޖެއެވެ. ގައިގެ ކުލަ ކަޅުވެއްޖެއެވެ. ލޮލުގެ އަލިކަމާ ވިދުވަރު ފަނޑުވެއްޖެއެވެ. އޭނާގެ ތާޒާ ތުންފަތް ކަޅުވެއްޖެއެވެ.

އެހެންނަމަވެސް އޭނާ ޞުލްޙަ ހޯދުމަށްޓަކައި ގަދައަޅައި މަސައްކަތް ކުރިޔަށް ގެންދިޔަ އެވެ. މި މީހުންގެ އަނިޔާވެރިކަމުގެ ޚަބަރު ގޭ މީހުންނަށް އެނގުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ. އެހެންނަމަވެސް ކޮންމެވެސް ގޮތަކުން މި ވާހަކަތައް ނުކުމެގެން ގޮސް އޭނާގެ މުޅި ޢާއިލާތެރޭގައި ފެތުރިއްޖެއެވެ.

[އަންހެން ކުއްޖާގެ ދުވަސް ދުއްވައިލައިފި އެވެ.]

 [ކޮންކަހަލަ މައިންބަފައިންނެއް ހެއްޔެވެ. އެފަކީރުގެ ޙާލަކީ ކޮބައިކަމެއްވެސް ބަލައެއް ނުލެވެއެވެ.]

ރެޔާދުވާލު މީސްމީހުންގެ ހުތުރު ބަސްތައް ތާނިޔާ އަހަމުން ދިޔައެވެ. އަނެއްކޮޅުން މިހާރު ޢާޞިފް އޭނާގެ ގައިގައި ތަޅަން ވެސް ފަށައިފި އެވެ.

ކުޑަކުޑަ ދެކުދިން އެބަ ތިއްބެވެ. މީގެ އިތުރުން އޭނާގެ ބޮލުގައި މުޅި ގޭގެ ހުރިހާ މަސައްކަތެއްގެ ޒިއްމާ އެޅިފައިވެއެވެ. މި ހުރިހާ ކަމެއް ތާނިޔާ ތަޙައްމަލުކުރަމުން ގެންދިޔަ އެވެ.
އެންމެފަހުން ގޮސް ގޭގެ ޙާލަތު އެންމެ ނުބައި ސިފަ އިޚްތިޔާރު ކޮށްފި އެވެ. ޢާޞިފް މިހާރު ތާނިޔާގެ ބައްޕަ ރިޔާޟް އަޙްމަދާއި ބެހޭގޮތުން ވެސް ޒާތްޒާތުގެ ވާހަކަތައް ދައްކަން ފަށައިފިއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ތާނިޔާ ވެސް ކެތްތެރިކަން ދޫކޮށްލައިފި އެވެ. ކޮންމެ ކަމަކާމެދު ރުއިމާއި އިސްޖެހުމުގެ ބަދަލުގައި ހަރުކަށި ޖަވާބު ދޭން ފަށައިފި އެވެ.
ގަދައަށް އަރައިރުންވުން ފެށިއްޖެ އެވެ. ކޮންމެ ދުވަހަކު އަރައިރުންވެ ތަޅައިފޮޅުމަކީ އާދައަކަށް ވެއްޖެ އެވެ.

އަދި މި ހުރިހާ ކަމެއްގެ ނަތީޖާ އަކީ ތާނިޔާ ގޭން ނެރެ ފޮނުވައިލުމެވެ. ތާނިޔާ ކުދިންކޮޅު ގޮވައިގެން ރޮމުން ގެއަށް އައި ދުވަހު ހީވީ ޤިޔާމަތްވެގެން އުޅެނީހެންނެވެ. ރިޔާޟް އަޙްމަދު ރުޅިއައިސް ރަތްވެއްޖެ އެވެ. މަންމަ ރޮއިރޮއި ވަރުބަލިވެއްޖެ އެވެ. ފިރިހެން ކޮއްކޮމެން ވެސް ތިބީ ރުޅިއައިސްގެން ވިރިވިރި އެވެ.

ތާނިޔާއަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބިއްޖެއެވެ. ބައްޕަގެ ގެއިން ހަމްދަރުދީ އާއި ލޯބި ލިބެން ފެށުމުން ހިތާމައިން ވަރަށްބޮޑު ބައެއް ލުއިވެއްޖެ އެވެ. އޭނާގެ ބައްޕަ ލޯތްބާއެކު ބުންޏެވެ.

[އަހަރެން ދިރިހުރިހާ ހިނދަކު ދަރިފުޅު ފިކުރުކުރާކަށް ނުޖެހޭނެ އެވެ. ދޭއް ކީއްކުރަން ހެއްޔެވެ. ދިހަކުދިން ތިބިކަމުގައި ވިޔަސް ފަރުވާލެއް ނެތެވެ. އެއް ގޮތަކަށް ވެސް ހިތާމަނުކުރާށެވެ. މިއީ ނަސީބުގައި ލިޔެވިފައިވާ ގޮތެވެ.]

ފިރިހެން ކޮއްކޮ ބުންޏެވެ. [އަހަރެމެން ދައްތަގެ ކުދިންނަށް ހުރިހާކަމެއް ކޮށްދޭނަމެވެ. ހުރިހާ ޒިންމާއެއް އަހަރެމެންނަށް ދޫކޮށްލާށެވެ.]

ހުރިހާ ކުދިންވެގެން ތާނިޔާގެ ދެދަރިން ގެންގުޅެން ފަށައިފިއެވެ. ތާނިޔާގެ ހިތްފުރިގެން އަރާ ވަރަށް ލޯބިދޭން ފަށައިފިއެވެ.... އަންހެން ކުއްޖެއްގެ ކާވެންޏަށްފަހު އެ ކުއްޖެއްގެ މައިންބަފައިންގެ ގެއަކީ ބީރައްޓެހި ގެއަކަށް ވެދެއެވެ. އެހެންކަމުން ތާނިޔާ ހުންނަނީ ޖެހިލުންވެފައެވެ. އެހެންނަމަވެސް އެންމެންގެ ފަރާތުން ލޯބި ލިބެން ފެށުމުން އެ ބީރައްޓެހިކަމުގެ އިޙްސާސް ވަޅުޖަހައިފި އެވެ. މަންމަ އިރުއިރުކޮޅާ އޭނާގެ ހިތާމައިގެ ވާހަކަ އަޑުއަހާފައި ރޮއެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ.

ތާނިޔާގެ މައްސަލައިގައި އެންމެންގެ ހިތްހަމަ ޖެހިއްޖެ އެވެ. ތާނިޔާވެސް ހުރިހާ ހިތާމައެއް އެއްކޮށް ޙަޔާތުގެ ސީދާމަގުން ހިނގަން ފަށައިފިއެވެ.

އެކަމަކު މި މަގު ދުވަހަކު ވެސް ފަސްގަނޑު އެއްވަރު ނުވާނެކަން އޭނާ އަށް ވަރަށް އަވަހަށް އިޙްސާސް ކުރެވިއްޖެ އެވެ. އެމަގު ކަށިކުނބުރު ގަސްތަކުން ފުރިފައިވެއެވެ. ފައި އެޅި ކޮންމެ ދިމާއަކުން ކަށިހެރެމުން ދެއެވެ.

އެކަމަކު އޭނާގެ ދެކުދިން އެބަ ތިއްބެވެ. އެ ކުދިންނަށް ކާންދޭން އެބަ ޖެހެއެވެ. އަންނައުނު ބޭނުންވެއެވެ. ބައްޕަގެ މުސާރަ ވަކި ތައްގަނޑަކަށް ފެތިފައިވާކަން އޭނާއަށް އެނގެއެވެ. ދޮށްޓަށް ތިބި ދެފިރިހެން ކޮއްކޮ ވެސް މަސައްކަތް ކޮށްގެން ކޮންމެވެސް ވަރަކަށް ފައިސާ ހޯދައެވެ. އެއިން ގޭގެ ޚަދަރުތައް ހަމަޖެހެނީ ހަމަކިރިޔާ އެވެ. އެކަމަކު ތާނިޔާގެ އަމިއްލަ ބޭނުންތައް ވެސް ހުންނާނެ ނޫން ހެއްޔެވެ. ކޮންމެ ފަހަރަކު އެމީހުން ގާތުގައި ފައިސާއަށް ބުނަން އެބަޖެހެއެވެ. މިހުރިހާ ޚަރަދެއް ގޭ މީހުން ހިތާ ދެކޮޅަށް ނަމަވެސް ކުރަމުންދެއެވެ. އެކަމަކު ތާނޫ އަކީ ވަރަށް ވިސްނުންތޫނު ކުއްޖެކެވެ. ނިތްކުރިއަށް އަރާ ރޫތަކުން އެމީހެއްގެ ނުރުހުންތެރިކަން ދެނެގަނެއެވެ.

މިކަހަލަ ކޮންމެ ވަގުތަކު އޭނާ ކުދިން ގޮވައިގެން އެނދުމައްޗަށް ވެއްޓިއޮވެ ކަރުނަ އޮހޮރުވައެވެ. އޭނާއަށް އެނޫންކަމެއް ވަކި ކޮބައި ހެއްޔެވެ.

ފިރިމީހާއާ މައްސަލަ ޖެހިގެން އައިސްގެން އުޅުނުއިރު އެންމެންގެ ހަމްދަރުދީ އޭނާއަށް ލިބުނެވެ. އޭނާ މަސައްކަތެއް ކުރަން ފަށާއިރަށް އެންމެން އޭނާގެ އަތުގައި ހިފައެވެ.

އެހެންނަމަވެސް މިހާރު އޭނާ އަކީ އެ ގޭގެ ޚާދިމާއެއް ކަހަލަ ކުއްޖެކެވެ. ތަށިތެލި ދޮވުމާއި ކެއްކުން، އެއްޗެހި ދޮވުމާއި ފޮޅައި ސާފުކުރުމަކީ އޭނާގެ ޒިންމާއެކެވެ. މަސައްކަތް ކުރާކަށް އޭނާ ޖެހިލުމެއް ވެސް ނުވެއެވެ. އެންމެން އޭނާއާ މެދު ދެކެނީ ނޯކަރެއްގެ ގޮތުގައެވެ.

ބަރުބާދުވުމުގެ ހިތި ތަޖްރިބާ އޭނާ އަށް ކުރީގައި ވެސް ލިބިފައިވެއެވެ. ފިރިމީހާގެ ގޭގައި އެކަނިވެރި ޙާލުގައި އުޅުމުގެ ތަޖްރިބާ މިއަށްވުރެ މާ ހިތްޗެވެ. އޭނާ ވަރަށް ގިނައިން މުސްކުޅިން ބުނެފައިވާ މުސްކުޅި ހަރު ބަސްބަހާމެދު ވިސްނައެވެ. "އަންހެން ކުއްޖަކު ކާވެނިކޮށްގެން ހިނގައްޖެއްޔާ އެ ކުއްޖެއްގެ ސަންދޯއް ނިކުންނަންވާނީ ފިރިމީހާގެ ގެއިންނެވެ.." ކިހާބޮޑު ތެދެއް ހެއްޔެވެ. ކިހާ ސާފު ޙަޤީޤަތެއް ހެއްޔެވެ؟

އެކަމަކު...........

އެކަމަކު އެގޭގައި ވެސް ހަމަޖެހުމެއް ނެތެވެ.

ތާނިޔާ އެއްޗެހި ދޮންނަން އިނދެ ޙަޔާތުގެ ހަލަބޮލި ކަމާމެދު ވިސްނަމުން ދިޔައެވެ. އަމިއްލަ ނަސީބާމެދު ރުޔެވެ. ދެން ތިބި އަންހެން ކުދިންގެ އުފާވެރި ޙަޔާތާމެދު ހިތުގައި ވާދަވެރި ކަމެއް އުފެދުނެވެ. އޭނާގެ ކާވެނި މިހާ ޅަޢުމުގައި ނުކުރެވުނުނަމަ ކޮންފަދަ ހެއްޔެވެ؟ ނާޖިޔާއަށް ވެސް އެކާވީސް އަހަރު ފުރެނީއެވެ. އެކަމަކު އެއްވެސް ފިކުރެއްނެތި އެއޮއް އުޅެނީ ނޫން ހެއްޔެވެ؟
* * * * * * * * * *


[ޖަޔާއެވެ.] ފާރުގެ ނިވަލުން ސިއްރުން މީހަކު ގޮވައިލި އަޑު އިވުނެވެ. މި އަޑަށް ނާޖިޔާ ދޯޕައްޓާ ހިއްކަން އަޅަން ހުރެފައި ސިހިއްޖެ އެވެ. އޭނާގެ އަތަށް ހުއްޓުން އަރައިފިއެވެ. އަދި ހިތަށް ވެސް އެ ވަގުތު ހުއްޓުންއެރި ކަހަލައެވެ.

[ޖަޔާއެވެ......] އަނެއްކާ ވެސް އަޑު އަތުވެއްޖެއެވެ.

ޖަޔާ ފިނި ނޭވާއެއް ދޫކޮށްލިއެވެ. އަދި އަވަސްވެފައިވާ ނޭވާހަމައަކަށް އެޅުމުން އެނބުރި ބަލައިވެސްނުލައި ކާކުހޭ ބުނެފިއެވެ.

މިއަޑު އޭނާ ނުވެސް ދަންނަ ކަހަލައެވެ. ފާރުގެ ނިވަލުގައި ހުރި މީހާ ސިހިއްޖެއެވެ. އޭނާ ތަންކޮޅެއް ބާރަށް ބުންޏެވެ..... [އަހަންނަށް ހުރިހާކަމެއް އެނގެއެވެ. ޖަޔާއެވެ...... މިރޭ މަތީބުރިއަށް އައިސް ދީބަލާށެވެ. މިތަނަށެވެ. އަހަރެން ވާހަކައެއް ބުނެލަންވެފައި އެބައޮތެވެ. އަންނާނަންދޯއެވެ.....]

ޖަޔާ ރޯނުގައި ދޯޕައްޓާ ހިއްކަން އަޅާފައި މަޑުމަޑުން ދޫކޮށްލިއެވެ. އަދި ވައިގެ ތެރެއަށް ދޫކޮށްލާފައިވާ އިސްތަށިގަނޑު އެއްކޮށްލިއެވެ. ދެން މަޑުމަޑުން އެނބުރި ބަލައިލި އެވެ. ފާރު ކައިރީގައި މީހަކު ނެތެވެ. އޭނާ އެތައް އިރެއް ވަންދެން ފާރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެ އަޑު މެސެޖްދީފައި ހިނގައްޖެއެވެ. ހަމަގައިމުވެސް މިހާރު އެތާނގައި އެއްވެސް މީހަކު ނެތެވެ.
-----------------
 (ނުނިމޭ)

މި ލިޔުން:

    ފޮނުވުން:   އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން: އަލްފާޟިލް ޢަބްދުލްޢަޒީޒުޖަމާލު އަބޫބަކުރު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

ވާހަކަ