ހަޑިބަހުން ދަތުރު ކުރައްވާނު ތޯއެވެ؟
އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ (2008)
އަޅުގަނޑުމެން ރާއްޖޭން ބޭރުގައި އެއްގަމު ދަތުރު ފަތުރު ކޮށް އުޅެމުއެވެ. ރީތި ބަހާ ހުތުރު ބަސް ދެކެމުއެވެ. ސާފުތާހިރުކަމެއް ނެތް ހަޑި ބަސް ދެކެމުއެވެ. ގައުމުތަކުގެ އެންމެ މަތީވެރީންނަށް ޚާއްޞަ ކުރެވިފައިވާ ޝާހީ ބަސްވެސް ހުރެއެވެ.
ކޮންމެ މީހަކީ، ޝާހީ ބަހެއްގައި ދަތުރު ކުރުމަށް ފުރުޞަތު އޮތް މީހެއް ކަމުގައި ނުވިނަމަވެސް، އަޅުގަނޑުމެން ކޮންމެ މީހަކުވެސް ފެންވަރު ރަނގަޅު ރީތި ބަހެއްގައި ދަތުރު ކުރާހިތްވެއެވެ. އެކަމަށް މަސައްކަތްވެސް ކުރެވެއެވެ. ސާފުތާހިރުކަމެއް ނެތް ހަޑި ބަސްބަހަށް އާރާ ހިތެއް ނުވެއެވެ. ފޫހިވެއެވެ.
އަލްއުސްތާޛު އަލްމަރުޙޫމު މުޙަންމަދު ޖަމީލު ވިދާޅުވެފައިވާ ގޮތުގައި ބަހަކީ ސަވާރީއެކެވެ. އެ މަނިކުފާނު އެވިދާޅުވަނީ ވާހަކަ ދައްކަން ބޭނުންކުރާ ބަހުގެ ވާހަކައެވެ. އެމަނިކުފާނު ގަސްތުކުރައްވާ ގޮތުގައި އަޅުގަނޑުމެން ދަތުރު ފަތުރުކުރުމަށް ބޭނުންކުރާ ބަހާއި، މުޢާމަލާތު ކުރުމަށް ބޭނުންކުރާ ބަހަކީ އޭގެ ޒާތުގައި ހަމަ އެއް ދައުރެއް އަދާ ކުރާ ދެ އެއްޗެވެ. އެ ދެ އެއްޗަކީ ވެސް ދެ ވަސީލަތެވެ. ތަފާތުވެގެންވަނީ އޭގެ ބާވަތެވެ.
ދަތުރު ފަތުރު ކުރާ ބަހުގެ ތެރޭގައި ޝާހީބަހާއި، ރީތިބަހާއި، ސާފު ތާހިރުކަމެއް ނެތް ބަސް ހުންނަގޮތަށް، ވާހަކަ ދެއްކުމުގައިވެސް މާތްބަހާއި، ރީތި ބަހާއި، އެންމެ މާތްބަހާއި، އަދި ހަޑިހުތުރު ބަސް ހުރުމުން، އުސްތާޛު ޖަމީލުގެ ޚިޔާލުފުޅަށް ތާއީދު ކުރަން މަޖުބޫރުވެއެވެ.
ކަންމިހެން އޮތް އިރު މި މަޒުމޫނުގައި އަޅުގަނޑު ބާރުލާން ގަސްތުކުރާ ނުކުތާއަކީ، މަޒުމޫނުގެ ފެށުމުގައި ބަޔާންކުރި ''ރީތި ބަސް'' މި ނުކުތާއެވެ.
އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ރީތިބަހާއި، މާތްބަހުގައި ތަފާތެއް އެބަހުއްޓެވެ. ރީތިބަސް، ނުވަތަ ރީތި ބަސްމަގަށް ވަކި ސިފަތަކެއް ލިބިގެންވެއެވެ. ވާހަކަ ދެއްކުމުގެ އަދަބާއި އަޚްލާޤެވެ. ބަހުގެ ހަމަތަކެވެ. ބަސްމަގުގެ ހިމޭންކަމާއެކު، ތަހުޒީބު ގޮތެއްގައި އަނެކުންނާ މުޢާމަލާތު ކުރުމެވެ. މި ސިފަތައް އެކުވުމުން ރީތިބަހުން ވާހަކަ ދެއްކުމޭ ބުނެވިދާނެއެވެ. އެޙާލަތުގައި އަދި ބަހުގެ ދަރަޖަތައް ބޭނުން ނުކުރި ކަމުގައި ވިޔަސްމެއެވެ. ހަމަ އެެންމެ އަޅުގަނޑުގެ ނަޒަރުގައި ބައެއް ޙާލަތްތަކުގައި މާތްބަހުން ވާހަކަ ނުދެއްކިޔަސް ފަރުވާލެއް ނެތެވެ. އެކަމުގައި އައިބެއް ނެތެވެ. އެހެން ނަމަވެސް ހުރިހާ ޙާލަތްތަކެއްގައިވެސް ރީތި ބަހުން ވާހަކަ ދެެއްކުން ވަރަށް މުހިންމެވެ. ނާތަހުޒީބު، ހުތުރު އައިބު ބަސްތައް ބޭނުން ނުކުރުން މުހިންމެވެ. އެހެނީ އެއީ ހުތުރު ބަސްމަގެވެ. ބޭނުންކުރަން ކަމުނުދާ ހަޑިބަހެވެ.
މިހާ ހިސާބުން ތިޔަ ބޭފުޅާއާއި އަޅުގަނޑާ ބައިވެރިވެގެން ކުޑަ މަސައްކަތެއް ކޮށްލަމާތޯއެވެ! ބައެއް ޙާލަތްތަކުގައި ރީތި ބަސްމަގު ބޭނުން ކޮށްގެން ބައެއް ވާހަކަ ބުނެވިދާނެ ކަމަށް އަޅުގަނޑަށް ވިސްނޭ ގޮތް މި ތާނގައި ނަކަލު ކޮށްލާނަމެވެ. ތިޔަ ބޭފުޅާ ކޮށްދެއްވަންވި ކަމަކީ، މާތްބަހުން ނުވަތަ އެންމެ މާތްބަހުން އެވާހަކަ ބުނެވޭނެ ގޮތާއި، އަދި އާންމުކޮށް މި ހާރު ބައެއް މީހުން އެފަދަ ޙާލަތްތަކުގައި ބަސް ބޭނުންކުރާ ''ހުތުރުގޮތް'' ހިތްޕުޅަށް ގެންނަވަންވީއެވެ. މާފުކުރައްވާށެވެ! އެކަމަކު އޭރުން މި ''ތިން ބަހުގެ'' ތަފާތު ވިސްނިވަޑައިގެންފާނެއެވެ.
1- ޖަމީލު ދިޔައީ ފާޚާނާއަށެވެ! ހީވަނީ ހެނދުނު ފާޚާނާ ނުކޮށް އައިމާ ތަންކޮޅެއް އަވަހަށް ދާންޖެހުނީހެންނެވެ.
2- އޭނާ ރުޅިއައިސްގެން އައިސް އަހަންނާދިމާޔަށް ވަރަށް އެއްޗެހި ގޮވާފައި ހިނގައްޖެއެވެ.
3- އަހަރެން ދުވާރު މަތިން ހިނގާފައި ދަނިކޮށް މަސްތުވާތަކެތި ބޭނުންކޮށްގެން ހުރި މީހަކު އަހަރެންގައިގައި ޖެހިގެންފިއެވެ. އަހަރެން ދެން އެތަންވަޅު އޭނާ ގައިގައި ނުޖެހީއެވެ.
4- މި އުޅެނީ އަހަރެން ރައްޓެވި ވެގެން އުޅޭ ކުއްޖާއާ އަހަންނާ ދެމެދު ކުޑަ މައްސަލަ އެއްޖެހިގެންނެވެ. ހީވަނީ މިފަހަރު ދެން އޭނާ އަހަންނާ ވަކިވާނީ ހެންނެވެ.
މި ފަދަ ޖުމުލަތައް އާންމު ކޮށް މިހާރު އިވޭގޮތާއި ވާހަކަ ދެއްކުމުގައި ގެންގުޅެވޭ ބަހުރުވަ ލިޔާކަށް އެހާ ފަސޭހައެއް ނޫނެވެ. ސަބަބު ނުދެންނެވިޔަސް އެނގިވަޑައިގަންނަވާނެއެވެ. ''އޭނާ'' މި ހެން ލިޔެވިފައި އެ އޮތް ތަންވެސް ''މިހާރުގެ ދިވެހިން'' ކިޔައި އުޅެނީ އަލިފުގެ ފިލި އެބެފިއްޔަށް ބަދަލު ކޮށްގެންނެވެ. ނޫނު ބަދަޅުވަނީ ފާދިއްޕޮޅަށެވެ. ޅަވިޔަންޏެއްގެ އަޑު އެހާ ބާރުވަނީ އެހެންވެގެންތާއެވެ. ތިޔަ ބޭފުޅާ ހިތްޕުޅުން މި ޖުމުލަތައް އެޒާތަށް ބަދަލު ކޮށްލެއްވުމުން ރީތިބަހާއި ހުތުރު ބަހާއި ޝާހީ ބަހުގައި ހުންނަ ތަފާތު، އަޅުގަނޑު މި ތަރުޖަމާ ކުރާގޮތަށް ވިސްނިވަޑައިގަންނަވާނެ ކަމަށް ހީކުރަމެވެ.
އެހެން ގޮތެއްވެސް އެބަ އޮތެވެ. މި ތާނގައި ރީތިބަހާއި، ޝާހީ ބަހާއި، ހަޑިހުތުރު ބަހަށް އިޝާރާތް ކުރެވިއްޖެއެވެ. ފޮޓޯތަކުން ތިޔަ ފެނިވަޑައިގަންނަވާ ތިން އުޅަނދަށް ބައްލަވާށެވެ. އޭގެ ފެންވަރުން މި 3 ބާވަތުގެ ބަސްމަގު ބައްސަވާލައްވާށެވެ! އުޅަނދަކަށް ބާވަތެއް ކަނޑައަޅުއްވާށެވެ! ''ޝާހީ، ރީތި، ހަޑި'' މި ތިންބާވަތުގެ ބަހެވެ. އެއަށްފަހު، ވާހަކަ ދެއްކެވުމަށް ބަސްމަގެއް އިޚްތިޔާރު ކުރައްވާށެވެ. ފޮޓޯގައިވާ ތިންބަހުންކުރެ ތިބާގެ ފެންވަރުން، ދަތުރު ފަތުރު ކުރެއްވުމަށް ބަސް އިޚްތިޔާރު ކުރައްވާނެ އުސޫލުންނެވެ. ހަޑިބަހުން ދަތުރު ކުރައްވާނު ތޯއެވެ؟