ތިނެއްބައި ޤަރުނު ވެފައިވާ މާސިންގާ ފޮތެއް
އާދަމް ނަޞީރު އިބްރާހީމް
ރަޙްމަތްތެރި ކިޔުންތެރިޔާ އެވެ! އިނގިރޭސިވިލާތުގެ މަޝްހޫރު ބްރިޓިޝް ލައިބްރަރީއަށް ޒިޔާރަތް ކޮށްލަމާ ހިންގަވާށެވެ! އަޅުގަނޑުމެން ދެމީހުން އެކަންޏެއް ވެސް ނޫނެވެ. އިތުރު ހަތަރު މީހުންނާއެކު މުޅި ޖުމުލަ ހަމީހުންނެވެ. ސަބަބު ފަހުން ދަންނަވައިލާނަމެވެ.
ބްރިޓިޝް ލައިބްރަރީގައި، ވަރަށް އާދަޔާ ޚިލާފު ފޮތެއް އެބަ އޮތެވެ. މި ފޮތް އެކުލަވައިލެވިފައިވަނީ 17ވަނަ ޤަރުނުގެ ތެރޭގަ އެވެ. މީލާދުން 1660ގަ އެވެ. އެހެންކަމުން ފޮތުގެ އުމުރުން މިހާރު ތިނެއްބައި ޤަރުނު، ނުވަތަ 350 އަހަރު ވީ އެވެ. ކުލެންކް އެޓްލަސްގެ ނަމުން މަޝްހޫރުވެފައިވާ މި ފޮތަކީ ތަފުސީލީ ޗާޓުތަކެއްގެ މައްޗަށް އެކުލަވައިލެވިފައިވާ ފޮތެކެވެ. ދުނިޔޭގެ ތަންދޮރު ވަކިކޮށް އަންގައިދޭ ފޮތެކޭ ބުނިއްޔާ ގޯހަކަށް ވާނެބާ އެވެ؟
މިހާރު ތިބާ ކުރައްވަން ބޭނުންފުޅުވާ ސުވާލެއް އޮވެދާނެ އެވެ. ފޮތްބަލައިލަން ދާންވާނީ ހަ މީހުންނޭ ބުނީ ކީއްވެހެއްޔެވެ؟ މި ސުވާލު ކުރައްވާނަމަ، އޭގެ ޖަވާބަކީ، ފޮތާބެހޭ ގޮތުން ތިރީގައި މި ބަޔާންކުރާ އިތުރު ތަފުޞީލެވެ. މި ބިޔަ ފޮތް އުފުލައި ގެންގުޅުމަކީ އެކެއް ދެމީހަކަށް ލާހިކު ކުޅަދާނަ ކަމެއް ނޫނެވެ. މި ފޮތް ގުޑުވައި ވެސް ލެވޭނީ ޖާނުގައި ފިސާރި ވަރުހުރި ހައެއްކަ އަށެއްކަ މީހުންނަށެވެ. އޮލަނބަށް މިން އަޅައިލީމާ، ފޮތުގެ ދިގުމިނަކީ، 1.75 މީޓަރެވެ. އެހެންކަމުން ފޮތުގެ ދިގުމިނަކީ، ފަސްފޫޓު ނުވަ އިންޗި އެވެ. ރަހަޔަށް މިންއަޅައިލާއިރު، 1.9މީޓަރު އެބަ ދައްކަ އެވެ. ވީމާ ފޮތުގެ ފުޅާ މިނަކީ ހަ ފޫޓު ތިން އިންޗި އެވެ. ކޮންމެއަކަސް، ދެތިން ޤަރުނަށްފަހު، ބުރިޓިޝްލައިބްރަރީގެ ޚާއްޞަ ކަނެއްސެއްގައި މި ފޮތް މި ގޮތުގައި ތަޢާރުފު ކުރެވުނީ 2010ވަނަ އަހަރު އެވެ. ބްރިޓިޝް ލައިބްރަރީން ބޭއްވި ޗާޓު އެކުލަވައި އެކަށައެޅުމުގެ ފަންނު ދައްކައިދޭ ޚާއްޞަ މަޢުރަޒެއްގަ އެވެ. ރާއްޖެ ކަހަލަ، ގެދޮރުގެ ޖާގައިގެ ދަތިކަން އިންތިހާޔަށް ބޮޑުވެފައިވާ ތަނެއްގައި، މި ވަރުގެ ފޮތެއް ހަދަން ބަޔަކު ނުވިސްނިކަން ނަސީބުތާ އެވެ؟
----------------
(ނިމުނީ)
(ނިމުނީ)
މަޢުލޫމާތު:
http://www.guardian.co.uk
މި ލިޔުން:
އެކުލަވައިލުން: އާދަމް ނަޞީރު އިބްރާހީމް (އެޑިޓަރު)
އަލުންބެލުން: އާދަމް ނަޞީރު އިބްރާހީމް
ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް