އަދުގެ ޚާއްސަ

Print

ފަރުބަދަމަތީގެ ސިންގާ (4)

ޝާޢިއުކުރީ މުޙަންމަދު ޝާހިދު ޙަލީމް . ހިމެނޭބަޔަކީ ވާހަކަ

މުޙަންމަދު ޝާހިދު ޙަލީމް (1983)

(20 މާޗު 2011 އާދީއްތަދުވަހުގެ ބަޔާ ގުޅޭ)

ޢުމަރުލް މުޚްތާރު ހުންނެވީ ކުފުރާގައެވެ. ޖިހާދުކުރުމަށް ބޮޑު ލަސްކަރެއް ތައްޔާރުކުރައްވަނީއެވެ. ދުރުދުރުން ޒުވާން މުޖާހިދުން އައިސް އޭނާގެ ދިދަ ދަށަށް ޖަމާވަމުންދެއެވެ.
 
އެއީ ދުވާލުގެ ވަގުތެވެ. ޢުމަރުލް މުޚްތާރު އެ ވަގުތު އިންނެވީ އޭނާގެ ކޮޓަރީގައެވެ. އޭނާގެ ވަށައިގެން ތިބި މީހުންގެ ތެރޭގައި ކުޑަކުދީން ވެސް ތިއްބެވެ. ޖެހިގެން ހުރި ކޮޓަރީގައި އަންހެނުން އެއްވެފައި ތިއްބެވެ. ޢުމަރުލް މުޚްތާރު އެބައިމީހުންނާ ވާހަކަފުޅުދައްކަވަނީއެވެ.
 
"ޢިލްމު ހޯދަން އިސްލާންދީން ނަސޭހަތްތެރިވަނީ ޢިލްމާ ނުލާ އިންސާނާއަށް ތިމާ ވެސް އަދި ތިމާގެ ހައްގު ވެސް ދެނެގަންނަން ނޭނގޭނެތީ. ޢިލްމާ ނުލާ އަހަރެމެނަށް އަހަރެމެންގެ ދީނާ އެ ދީނުގެ ފަރުޟުތަކެއް ވެސް ނޭނގޭނެ. އިންސާނާ ހައްދަވައި އޭނާގައި ޝުޢޫރުލައްވައި ސިކުނޑިއާ ވިސްނުން ދެއްވި. އެއަށްފަހު އެ ސިކުނޑީގަ ބުއްދިއާ ފިކުރުކުރުން ލެއްވި. އެއީ އިލާހީ ނިޢުމަތްތަކުގެ ބޭނުންހިފައިގެން ކާމިޔާބު ދިރިއުޅުމެއް ވޭތިކުރުމަށް. ރަނގަޅާ ނުބައި، ފައިދާއާ ގެއްލުން ދެނެގަތުމަށް. ހައްގާ ބާތިލު ވަކިކުރުމަށް. މާތްރަސްކަލާނގެ އިންސާނުންނަށް ބިން ދެއްވި. އެ ބިމުގަ އާރޯ ގަސްތައް ފެޅުއްވި. އެކަލާނގެ އިންސާނާ އުފެއްދެވީ މިނިވަނެއްގެ ގޮތުގަ. އަދި މިނިވަންކަން ރައްކާތެރިކުރުމުގެ އުސޫލު އަންގަވާދެއްވި. އެ އުސޫލުތައް ހިފާއްޓާ މީހުންނަށް މާތްރަސްކަލާނގެ އެހީތެރިވެވޮޑިގަންނަވާ. އެ އުސޫލުތަކަށް ތަބާނުވާ މީހުންގެ ކިބައިން އެ ނިޢުމަތްތައް މަޙުރޫމުކުރައްވާ. މާތްރަސްކަލާނގެ މިއަދާ ހަމައަށް އެއްވެސް ގައުމެއްގެ ހާލަތެއް އެ ގައުމުގައި ހާލަތު ބަދަލުކުރުމުގެ ޚިޔާލު ނެތީހެއް ބަދަލެއް ނުކުރައްވާ. އަހަރެމެން އިޓަލީ ޖަނަވާރުތަކުގެ ކުރިމަތީގަ ބޯލަނބާލައިފިއްޔާ ނިކަމެތިކަމާ އަޅުވެތިކަން އަހަރެމެންގެ ތަޤުދީރަށް ވެދާނެ. އަހަރެމެން އަހަރެމެންގެ މި މިނިވަންކަމުގެ ނިޢުމަތުން މަޙުރޫމުވެދާނެ. އެ މިނިވަންކަމަކީ އިއްޒަތްތެރިވަންތަ މާތްރަސްކަލާނގެ އަހަރެމެންނަށް ދެއްވި މިނިވަންކަން. އެ އަޅުވެތިކަމަށްވުރެ މަރުވުންވެސް އެތައް ތަނެއް ރަނގަޅު. މާތްރަސްކަލާނގެ މަގުގަ ހަނގުރާމަކުރާ މީހުން ދުވަހަކު ވެސް މަރެއްނުވޭ. މަރުދެކެ ބިރުން މިނިވަންކަން ވިއްކާލާ މީހުން ނިކަމެތިކަމާ ނޭނގުމުގެ އަނދިރީގެތެރެއަށް ގެއްލިގެންދޭ. އަހަރެމެންނަކީ އިސްލާމުން. އަހަރެމެން އީމާންވާ ގޮތުގަ ހައްގުގެ މަގުގަ ޝަހީދުވާ މީހުންނަކީ އަބަދު ދިރިތިބޭ ބައެއް. އިޓަލީން ބޭނުންވަނީ ޠަރާބުލުހުގެ ބިމުން އިސްލާންދީނުގެ އަލިގަދަ ބައްތި ނިވާލަން. އެކަމަކު އިސްލާންދީނުގެ ބައްތި މާތްރަސްކަލާނގެ ރައްކާތެރިކޮށްދެއްވާނެކަމަށް ވަނީ އެކަލާނގެ ފޮތުގައި ވައުދުކުރައްވާފަ. ވީއިރު އޭ ޠަރާބުލުހުގެ މުޖާހިދުންނޭ! ތިޔަބައިމީހުން ބޭނުމީ އިއްޒަތުގެ މަރެއްތަ؟ ނޫނީ އަޅުވެތިކަމުގެ ދިރިއުޅުމެއްތަ؟ ތިޔަބައިމީހުނަށް އިޚުތިޔާރު އެބައޮތް؛ ތިޔަބައިމީހުން ބޭނުން ގޮތެއް ޚިޔާރުކުރުމަށް. އަހަރެން ޠަރާބުލުހުގެ ކުޑަކުދީންނަށް ދަންދެން ވަޒަނުގެ މިނިވަންކަމަށްޓަކާ ގުރުބާންވާތަން ދެކޭހިތްވޭ. ދެންއޮތީ ތިޔަބައިމީހުން ބޭނުންވާ ގޮތެއް."

ހިނދުކޮޅެއް ވަންދެން މީސްތަކުންގެ މައްޗަށް ހިމޭންކަން ވެރިވެފައި އޮތެވެ. ދެން ކުއްލިއަކަށް ކުޑަ ދެކުދީން ތިބި ތަނުން ތެދުވެގެން ދުވަމުން ޢުމަރުލް މުޚްތާރުގެ އަރިހަށް ހިނގައްޖެއެވެ. "އުސްތާޒު! އަޅުގަނޑު ވެސް ޖިހާދުކުރާނަން. އަޅުގަނޑަށް ބަޑިޖަހަން އެނގޭ." ޖުނައިދު ބުންޏެވެ.

"ނޫން؛ އޭނަ އަދި މާ ކުޑަ. ބަޑިޖަހާނީ އަޅުގަނޑު؛ އުސްތާޒު!" ރާބިޢާ ބުންޏެވެ. "އަޅުގަނޑު ވެސް ދައްތަހެން ޝަހީދުވާނަން."

އެ ދެކުދީންނަކީ ޢުމަރުލް މުޚްތާރުގެ ދަރިވަރުންނެވެ. މަދަރުސާގައި އޭނާގެ އަރިހުން ޢިލްމު ހޯދަނީއެވެ. ރާބިޢާގެ ޢުމުރުން ވާނީ އަށެއްކަ އަހަރެވެ. އޭނާއަކީ ޙަސަނުގެ ބޮޑުބޭބެކޮއްކޮއެކެވެ.

"سبحان الله" ޢުމަރުލް މުޚްތާރު އެ ދެ ކުދީން މޭގައި ޖައްސަވައިލައްވަމުން ވިދާޅުވިއެވެ. "ޠަރާބުލުހުގެ މުސްތަގުބަލާ ދޭތެރޭ އަހަރެން މާޔޫސްވާންވީ ކީއްވެގެން." ފެންކަޅިވެވަޑައިގެންފައި އޭނާ ވިދާޅުވިއެވެ.

"ސާހިބާ!" ބަލިކަށި މީހަކު ތެދުވެފައި ދެންނެވިއެވެ. "ސާހިބާއަށް އަޅުގަނޑުމެންގެ މައްޗަށް އިތުބާރު ނެތީތޯ؟ އަޅުގަނޑުމެން މި ތިބީ ކުރިއްސުރެ ވެސް، ހައްގުގެ މަގުގަ ޝަހީދުވާން ހުވާކޮށްގެން."

"އަހަރެން އިތުބާރުކުރަން ޔަޙުޔާ!" ޢުމަރުލް މުޚްތާރު ވިދާޅުވިއެވެ. "އެކަމަކު ރަނގަޅު ގޮތަކީ ހުވާ އާކޮށްކޮށް ތިބުން."

އެ ވަގުތު އަހެއްގެ ފިޔަވަޅުގެ އަޑު އިވިއްޖެއެވެ. ހަލުއިކޮށް ދުއްވައިފައި އައި ސަވާރެއް ގޭގެ ދޮރުމައްޗަށް މަޑުކޮށްލައިފިއެވެ. އަސް ބަނދެފައި އަވަސްއަވަހަށް ކޮޓަރިތެރެއަށް ވަދެއްޖެއެވެ.
 
"އައްސަލާމު ޢަލައިކުމް ސާހިބާ." އޭނާ އަދަބުވެރިވުމުގެ ގޮތުން ގުދުވެލައިފައި ދެންނެވިއެވެ. "އަޅުގަނޑު މި އައީ ވަރަށް މުހިންމު މެސެޖެއް ހިފައިގެން." އޭނާ، ބަންދުކޮށްފައި އޮތް ސިޓީއުރައެއް ޢުމަރުލް މުޚްތާރާ ދިމާއަށް ދިއްކޮށްލަމުން ދެންނެވިއެވެ.
 
"ވަޢަލައިކުމުއް ސަލާމް، އިބްރާހީމް! އިށީނދޭ." ޢުމަރުލް މުޚްތާރު އޭނާއަށް އިށީންނާން އިސާރަތްކުރެއްވިއެވެ. އަދި ސިޓީ ކަނޑުއްވައިފައި ވިދާޅުވާން ފެއްޓެވިއެވެ. ކުއްލިއަކަށް ޢުމަރުލް މުޚްތާރުގެ ތުންފަތްޕުޅުގެ މަތިން ހިނިތުންވުން ފާޅުވެގެން ދިޔައެވެ. އޭނާ އިސް އުފުލައިލެއްވިއެވެ. "ޔަޙުޔާ! މާތްރަސްކަލާނގެ އަހަރެމެންނަށް އަނެއްކާ ވެސް ޝަހީދުވުމުގެ އިތުރު ދަނޑިވަޅެއް ދެއްވައިފި. އިޓަލީން އުޅެނީ ވަރަށްބޮޑު ހަމަލައެއް ދޭންވެގެން. މުޖާހިދުންނަށް އެހީއައިގެން އަހަރެމެން އަވަހަށް ދާންޖެހޭނެ."
 
ދެން ހަމަ ވަގުތުން ދަތުރުގެ ތައްޔާރީތައް ފެށިއްޖެއެވެ. އެކަމަކު އެއްވެސް މޫނެއްގެމަތީގައެއް ފިކުރެއް ކަންބޮޑުވުމެއްގެ ހިޔަންޏެއްހައި ހިސާބު ވެސް ނެތެވެ.

* * * * *

ޢާއިޝާ ނަމާދުކޮށް ނިމިގެން ސަލާންދިން އިރު ކުޑަކުޑަ ޢަބްދުﷲ ރޮނީއެވެ. ރާބިޢާ އޭނާ މަސަލަސްކުރާން މަސައްކަތް ކުރެއެވެ. ލައިލާ ދޮރުމަތީގައި އިނދެގެން ކައްކަނީއެވެ. ޢާއިޝާ ގޮސް ޢަބްދުﷲ އުރިއެވެ.

"ކިހިނެއްވީ ލައިލާ؟ މިއަދު ލައިލާ ގެއްލިފަ ތި އިންނަނީ ކީއްވެގެން؟"

"މިއަދު މާ ބޮޑަށް ޒުބައިރު ހަނދާންވަނީ ކީއްވެގެން ކަމެއް ނޭނގެ. މާތްރަސްކަލާގެ އޭނާ އަބަދު ވެސް ސަލާމަތުން ލަހައްޓަވާށި!"

"އާމީން –" ޢާއިޝާ ބުންޏެވެ. "ޒުބައިރާ އެކު އަދި ކޮންމެސް އެހެން މީހެއްގެ މަތިން ހަނދާންވަނީ ކަން ނޭނގެ." ޢާއިޝާ ހިނިތުންވަމުން ބުންޏެވެ.

ލަދުން ލައިލާގެ މޫނު ރަތްވިއެވެ. އޭނާ ރުޅިއައިސްފައި ޢާއިޝާއާ ދިމާއަށް ބަލައިލިއެވެ. ދެން ހިނިތުންވެލިއެވެ. "ޢާއިޝާ ވެސް އަޅުގަނޑާ ސަމާސާ ކުރައްވަނީތޯ؟"

ޢާއިޝާ ބާރަށް ހީނގަތެވެ. "ވަގުހިފިއްޖެއެއްނު؟ ހާސްނުވޭ. އެ ދެ މީހުނަށް ދަނޑިވަޅެއް ލިބޭ އިރަށް ކުފުރާއަށް އަންނާނެކަން އަހަންނަށް ޔަގީން." އޭނާ ބުންޏެވެ. "އަނެއްކާ ޙަސަން ހުންނާނީ އަންނަ ހިތުން ކެތްނުލަވާފަކަންނޭނގެ."

ލައިލާ ހަމަހިމޭނުން އިނދެއްޖެއެވެ. އޭނާގެ ހަމަހިމޭން ލޯބި ޢާއިޝާ ނޫން އެހެން މީހަކަށް ނޭނގެއެވެ. ޙަސަނަށް ފަހަރެއްގައި އެނގުނު ނަމަވެސް އެ ކަމާ ދޭތެރޭގައި ވިސްނާލާކަށް ކަންތައްތައް އޭނާއަކަށް ދަނޑިވަޅެއް ނުދެއެވެ. ޒުބައިރާއި ޢާއިޝާގެ ކައިވެންޏަށްފަހު އެބައިމީހުންގެ އެކުވެރިކަން ވަނީ ތިމާގެކަމަށް ބަދަލުވެފައެވެ. ދެބައިމީހުންގެ އާއިލާ ވެސް ވަޒަންވެރިވެފައި ވަނީ އަލްމަރްޔާގައެވެ. އެމީހުންގެ ގެ ހުންނަނީ ޖެހިޖެހިގެންނެވެ. ޅައިރުގެ އެކުވެރިކަން، ބޮޑުވެގެން ޒުވާންވުމުން ގަބީލާގައި މިސާލަކަށް ވެފައި ވެއެވެ. ޙަސަންގެ ދައްތައަކާއި ދެ ކޮއްކޮ ތިބެއެވެ. އެންމެ ދޮށީ ޢާއިޝާއެވެ. އަލްމަރްޔާއަށް އިޓަލީ ސިފައިން ހަމަލަދިނުމުގައި ގޭގެ ހުރިހައި އެއްޗެއް އަލިފާނަށް ހަދިޔާކުރުމަށް ފަހު ފިރިހެނުން އަނިޔާވެރިކަމާ އެކު ބަޑިޖަހައި މެރީއެވެ. ޢާއިޝާގެ ކޮއްކޮ ޠާހިރަށް އޭރުވީ އަދި ކިރިޔާ ސާދަ އަހަރެވެ. އެބައިމީހުން އޭނާ ދަމައިފައި ގެންދާން ފެށުމުން މަންމައަކަށް ކެތެއް ނުވިއެވެ. އޭނާ، ފިރިމީހާގެ ޚަންޖަރު ހިފައިގެން، ބަޑީގެތިލަ ކޮއްޕައިގެން ޠާހިރު ގޮވައިގެން ދިޔަ ދެ ސިފައިންނާ ދިމާއަށް ޖެހިގަތެވެ. އަދި އެމީހުންނަށް ސަމާލު ނުވެވިގެން އުޅެނިކޮށް ޚަންޖަރު އެތަނުން އެކަކުގެ މެޔަށް ވައްދައިލިއެވެ. އެއްފަހަރާ އެތައް ވަޒަނެއް ފޮނުވައިލެވުނެވެ. ހަމަވަގުތުން ދެމައިން ވެއްޓިއްޖެއެވެ. ހަމަލައިގެ ވެރިޔަކަށް ހުރި ބުރޫނޯ ލޭބޯ ޖަނަވާރެއް ފަދައިން ގޭތެރެއަށް ވަނެވެ. ޢާއިޝާގެ ކޮއްކޮ މަރްޔަމްގެ މައްޗަށް ކަޅިހުއްޓުމާ އެކު އޭނާ ދަމައިފައި ގެންދިޔައެވެ. އެރޭ ހަތަރުދަމު އޭނާގެ އަބުރު ވިއްސިވިހާލިކުރުމަށް ފަހު މަރައިލީއެވެ. އޭރު ޢާއިޝާގެ ބަނޑުބޮޑެވެ. އެބައިމީހުން އޭނާ ދޫކޮށްލީ އެހެންވެގެން ކަން ނޭނގެއެވެ. ޒުބައިރުގެ ބައްޕަ ވެސް އެހެން މީހުންނާ އެކު މަރައިލެވުނީއެވެ. ޒުބައިރާއި ޙަސަން އޭރުވީ ކުފުރާއަށް ގޮހެވެ. ސަލާމަތްވީ އެހެން ވެގެންނެވެ. އެ މީހުން އެނބުރި އައި އިރު ގަބީލާގެ ބަރުބާދުވުމުގެ އެ މަންޒަރު ފެނުމުން، ދިރިއުޅުމުގެ އެންމެ ފަހު ވަގުތާ ޖެހެންދެން އިޓަލީގެ ޖަނަވާރުތަކާ ހަނގުރާމަކުރާން އެބައިމީހުން ހުވާކުރިއެވެ. ޢާއިޝާއާއި ލައިލާގެ އިތުރަށް، ޔަތީމު ދެ ކުދީން ކަމަށް ވާ ރާބިޢާއާއި ޖުނައިދު އެ މީހުންގެ ގާތުގައި ބައިތިއްބިއެވެ. އަދި އެބައިމީހުންގެ ސާހިބާ ޢުމަރުލް މުޚްތާރުގެ އަރިހަށް ކުފުރާއަށް ފޮނުވިއެވެ. އެ ދެ ކުދީންނަކީ ވަރަށް ވިސްނުންތެރި ދެ ކުދީންނެވެ. ޢާއިޝާ އޭނާގެ ދަރީންނެކޭ އެއްގޮތަށް އެ ކުދީން ބަލަހައްޓަމުން ގެނެއެވެ. އެ މިނިވަންކަމުގެ ހަނގުރާމައިގައި އަދިވެސް އިތުރު ގުރުބާނީތައް ވާން ޖެހޭނެކަން އޭނާއަށް އެނގެއެވެ. ޒުބޭރާއި ޙަސަން ވެސް ޝަހީދުންގެ ތަށި ބޯލާން ޖެހޭނެކަން އޭނާއަށް އެނގެއެވެ. އެކަމަކު އޭނާއަށް ފެނިފައިވާ، ވަޒަނުގެ ތެދުވެރި ދަރީން އެ މީހުންގެ ދިރިއުޅުން ހަދިޔާކުރަމުން ގެންދާ ޖޯހާއި ޖަޒުބާތުގެ ކުރިމަތީގައި މަރު ހިމެނިފައި ވަނީ އެއްވެސް ޙަޤީޤަތެއް ނެތް އެއްޗެއް ކަމުގައެވެ. ޢާއިޝާ މި ޚިޔާލުތަކުގައި ގެއްލިފައި އިންދާ ޖުނައިދު ދުވަމުން އައިސް އެތެރެއަށް ވަދެއްޖެއެވެ.

"ދައްތާ! ދައްތާ! އަހަރެމެން މި އުޅެނީ ޒުބައިރުބޭބެ ގާތަށް ދާން!" އޭނާ އުފަލުން ހަޅޭއްލަވަމުން ބުންޏެވެ.

"ޖުނައިދު! ޖުނައިދު ތިހިރީ ހަމަހޭގަތަ؟" ޢާއިޝާ އެއްޗެހިކިޔެވެ.

"ދައްތާ، އުސްތާޒު ވިދާޅުވީ ތައްޔާރުވާށޭ. އަހަރެމެން ހަމަ މިހާރު މި އުޅެނީ ފުރަން."

"ޖުނައިދަށް އަނެއްކާ ވެފަ ތިހިރީ ކިހިނެއް!" ލައިލާ ކަންބޮޑުވެގެން ތެދުވިއެވެ. "ޖުނައިދު! އަހަންނާ އެކުގަ އާދޭ! އަހަރެން އުސްތާޒު އަރިހުގަ އަހާފަ އަންނާނަން."

"އޭގެ ބޭނުމެއް ނެތް. ދަރިފުޅާ." ޢުމަރުލް މުޚްތާރު އެތެރެއަށް ވެދެވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަހަރެން މިހިރީ އައިސް. ޖުނައިދު އެ ބުނީ ރަނގަޅު ވާހަކައެއް. އިޓަލީން އުޅެނީ ވަރަށް ބޮޑު ހަމަލައެއް ދޭން ކަމަށް ދެންމެ ޒުވާނަކު ޚަބަރުދީފި. އަހަރެން މި އުޅެނީ ހަމަ މިހާރު އެހީއައިގެން ފުރަން. އަހަރެން މި ވިސްނަނީ ޢާއިޝާމެން ޖަޣުބޫބަށް ގެންދަން. އެ ތަން މި ވަގުތު ރައްކާތެރި ވެސް މެ. އަދި އެ ތާނގަ ޒުބައިރާ ޙަސަން ވެސް ތިބޭނީ ކަލޭމެން ގާތުގަ."

"ވަރަށް ރަނގަޅު ސާހިބާ. އަޅުގަނޑުމެން ހަމަ މިހާރު މި ތައްޔާރުވަނީ." ޢާއިޝާ ޖަވާބުދިނެވެ. "ސާހިބާ އިށީނދެވަޑައިގަންނަވާ. އަޅުގަނޑު ގަހުވަ ގެންނާނަން."

"ނޫން، ދަރިފުޅާ. އަހަރެން ތައްޔާރުވާން ޖެހޭނެ." ޢުމަރުލް މުޚްތާރު ވިދާޅުވިއެވެ. "ދަރިފުޅު އުނދަގޫ ނޫފުއްލާ. ހަމައެކަނި ތައްޔާރުވޭ."

* * * * *

ރޭގަނޑުގެ ފުން އަނދިރިކަމުގެ ތެރޭގައި އޭނާ މެދުކެނޑުމެއް ނެތި ކޮންނަމުން ގެންދެއެވެ. ވަޅުގަނޑު މިހާރު ފުދޭ ވަރަށް ފުންވެއްޖެއެވެ.
 
ޒުބައިރު ވަށައިގެން ކަޅިހިންގައިލައި ބަލައިލިއެވެ. އުސްއުސް ހިލަތައް އިފުރީތުތަކެއް ހެން ބޯއުފުލައިގެން ތިއްބެވެ. އެއީ ވަރަށް ދަތި މަގެކެވެ. މަގުގެ ދެ ފަރާތުގައި ވަނީ އުސް ފަރުބަދަތަކެވެ. މި ހިލަތަކުގެ ބިތްދޮށުގައި ސަނޯސީ މުޖާހިދުން ޖާގަހަދައިގެން ތިއްބެވެ. ވަޅުގަނޑު ފުންވުމުން މަތީގައި ކަދުރުރުކުގެ ފަން އަޅައިފައި، މަތި އެއްވަރުވާ ގޮތަށް ފަންތަކުގެ މައްޗަށް ވެލިއަޅައިފިއެވެ. މިހާރު އެ ތަނުގައި ވަޅުގަނޑެއް އޮތްކަން އެނގުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. މަގުގެ ކުރިމަތީގައި އޮތީ ހާމައަށް އޮތް ސަހަރާ އެވެ. ދެތިން ފަރުލޯންގު ހައި ހިސާބުގައި ހިލަތަކުގެ އުސް ފުނިފުންޏެވެ. އޭގެ ކުރިމަތީގައި ދުރުދުރަށް ދަންދެން ފެތުރިފައި އޮތީ ވެލީގެ ސަހަރާއެވެ. ތައްޔާރުތައް ފުރިހަމަވެއްޖެއެވެ. ފަތިހުގެ އަސަރުތައް ފާޅުވެއްޖެއެވެ. އަންނާން އޮތް ހުރިހައި މަގެއްގައި ވެސް މުޖާހިދުން ތަންތަންކޮޅުގައި ޖާގަހަދައިގެން ސަމާލުވެ ތިބެއްޖެއެވެ.
 
ޒުބައިރު ހިތްހަމަޖެހިގެން މަގުން ނުކުތް އިރު ޙަސަން އޭނާގެ އިންތިޒާރުގައި ހުށްޓެވެ.
 
"އަހަރެމެން މުޅިން ތައްޔާރު." ޒުބައިރު ބުންޏެވެ.
 
"ރަނގަޅު. އަހަރެމެންނަށް ދުސްމިނުން ހަމަ ފެންނަ އިރަށް އިސާރަތްކުރާނަން." ޙަސަން ބުންޏެވެ. "އެކަމަކު ދުސްމިނުންގެ މިސްރާބު މި ދިމާއަށް ރަނގަޅަށް އަނބުރާ ނުލެވެނިސް މަގުން އެންމެ ބަޑިއެއް ވެސް ޖަހައިގެން ނުވާނެ."

"ޙަސަނު ހިތްހަމަޖައްސާ. އަހަރެން މި ތަނުގެ ވެރިކަން ޙާރިޘާ ހަވާލުކޮށްފިން. އޭނަ އެކުވެރީންނާ އެކީ މަތީގަ ތައްޔާރަށް އެބަ ތިބި." ޒުބައިރު ފަރުބަދައިގެ ކުރިއާ ދިމާއަށް އިސާރަތްކުރަމުން ބުންޏެވެ.

"ކުފުރާއިން ވެސް އެހީލިބޭނެކަން އަހަންނަށް ޔަގީން." ޙަސަން ބުންޏެވެ. "ވަގުތަށް އެމީހުންނަށް މި ހިސާބަށް އާދެވޭނެ ގޮތް މާތްރަސްކަލާނގެ މެދުވެރިކުރައްވާށި! މި ތާ ތިބި މުޖާހިދުންގެ އަދަދު ވެސް ވަރަށް މަދު."

"إنشاالله. އެހީ ލިބޭނެކަން ޔަގީން. އެކަމަކު އަހަރެމެން އިތުބާރުކުރަން ޖެހޭނީ މާތްރަސްކަލާނގެއަށާ އަހަރެމެންގެ ބައިވެރީންގެ ކެރުމާ ހިތްވަރުގެ މައްޗަށް."

"ޝަހީދުވުމުގެ އެދުމުން ފުރިފައި ނެތް ހަމަ އެކަކުވެސް އަހަރެމެންގެ ތެރެއަކު ނެތް." ޙަސަން ބުންޏެވެ. އިޓަލީންނަށް ކުރިޔަށް ދެވޭނީ އަހަރެމެންގެ މަސްގަނޑު ގިރާކޮށްފަ."

"ޝައްކެއްނެތް. އަހަރެމެންގެ ބައިވެރީން ދިރިތިބިހާ ހިނދަކު އެބައިމީހުންނަށް ކުރިޔަށްދާނެ ދަނޑިވަޅެއް ހަމަ ހިލާ ނުލިބޭނެ." ޒުބައިރު ބުންޏެވެ. "ފަތިސްވަނީ. ރަނގަޅުވާނީ ޙަސަނު ވެސް ޙަސަނުގެ ޖާގައަށް ދިޔައްޔާ."

"މާތްރަސްކަލާނގެ ރައްކާތެރިކުރައްވާށި!" ޙަސަން ސަލާންކުރުމަށް އަތްދިއްކޮށްލިއެވެ.
 
ދެ އެކުވެރީން ހޫނުކަމާ އެކު އެކެއް އަނެކެއްގެ އަތަށް ބާރުކޮށްލިއެވެ. އެބައިމީހުންގެ ކަޅި ބައްދަލުވިއެވެ. ދެން ހިނިތުންވަމުން އެކަކު އަނެކަކާ ވަކިވިއެވެ.
 
އެއީ އެބައިމީހުންގެ އެންމެ ފަހު ބައްދަލުވުމަށް ވުމަކީ ވެސް އެކަށީގެންވާ ކަމަކަށް ވެދާނެކަން އެ ދެ މީހުންނަށް ވެސް އެނގެއެވެ.

* * * * *

ހެނދުނުގެ އަލިކަން ފެތުރުމާ އެކުގައި މުސާޢިދުގެ ކައިރީގައި ވާ އާބާދީގައި މީސްތަކުން އެބައިމީހުންގެ މަސައްކަތްތަކުގައި މަޝްޣޫލުވެއްޖެއެވެ. އެ ތަނުގައި އުޅެނީ ތިރީހަކަށް ސާޅީހަކަށް އާއިލާގެ މައްޗަށް އެކުލެވިފައި ވާ ކުޑަކުޑަ އާބާދީއެކެވެ. ފިރިހެނުން ދަނޑުގައި މަސައްކަތްކުރާން ފަށައިފިއެވެ. އަންހެނުން ގޭތެރޭގެ މަސައްކަތްތަކަށް ފަށައިގެންފިއެވެ. އާބާދީގެ މެދުތެރޭގައި ހާމައަށް އޮތް މަދަރުސާގައި ކުޑަކުދީން އަޑުންއަޑުނަގައި ފިލާވަޅު ކިޔަނީއެވެ. އަވަށުގެ އަންހެންކުދީންތައް ވަޅުން ފެންފުރަނީއެވެ. އެބައިމީހުންގެ ބޯމަތީގައި މަރު ބުރުއަޅަމުން ގެންދާ ކަމެއް އެއްވެސް މީހަކު ނުދެނަހުއްޓެވެ.

ކުއްލިއަކަށް މަތިންދާބޯޓެއް ތިރިތިރީން އުދުހެމުން އާބާދީގެ މަތިން ހިނގައްޖެއެވެ. ވަށައިގެން ހަމަހިމޭންކަން ވެރިވެއްޖެއެވެ. މީސްތަކުންގެ ލޯތައް މަތިންދާބޯޓަށް ހުއްޓުނެވެ. އެންމެން ވެސް ތިބީ ބޮންއެޅުމުގެ އިންތިޒާރުގައެވެ. އެކަމަކު މަތިންދާބޯޓު ބުރެއްއަޅައިފައި އަނބުރައި ދިޔައީއެވެ. އެންމެން ވެސް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. މަތިންދާބޯޓު އައުމުގެ ހަމައެކަނި ބޭނުމަކީ ކަންތައްތައް ހުރި ގޮތް އޮޅުންފިލުވައި މުޖާހިދުން އެ ތަނުގައިތިބިތޯ ނުވަތަ ނޫންތޯ ބެލުންކަމެއް އެކަކަށް ވެސް ލަފާކުރާކަށް ނޭނގުނެވެ. ބައިގަޑިއިރު ވެސް ނުވަނީސް ޓޭންކުގެ އިންޖީނުގެ އަޑާއި އަހުގެ ފިޔަވަޅުގެ އަޑުން ފަޒާ ގުގުމައިލައިފިއެވެ. ބަލަބަލައިތިއްބައި އިޓަލީސިފައިން މުޅި އާބާދީ ވަށައިލައިފިއެވެ. ދެން ހަތިޔާރުއެޅި ދެތިން ސަވާރުންގެ ވެރިކަމުގައި ކެޕްޓަން ސޭފާލޯ އާބާދީގެ ތެރެއަށް ވަދެއްޖެއެވެ.
 
އަންހެންކުދީންތައް ދުވެފައިގޮސް ގޭގޭގެ އެތެރެއަށް ވަދެއްޖެއެވެ. ކޮންމެ މީހަކު ވެސް އެ މީހަކު ހުރި ތަނެއްގައި ހަމަހިމޭނުން ހުށްޓެވެ. މަދަރުސާގައި ކިޔަވާން ތިބި ކުދީން ވެސް ހަމަހިމޭނުން ތިއްބެވެ. އެ ކުދީން ތިބީ ރުޅިވެރިކަމާ އެކު އިޓަލީސިފައިންނަށް ބަލާށެވެ. އެބައިމީހުންގެ އުސްތާޒު އަބޫ ދާއޫދަކީ ހަށިގަނޑު ނިކަމެތި މީހެކެވެ. އޭނާ ތެދުވެގެން ބޭރަށް ނުކުތެވެ. ދަނޑުތަކުގައި މަސައްކަތްކުރާން ތިބި މީހުން އެ މީހަކު ހުރި ތަނެއްގައި އެމީހަކު ހުށްޓެވެ. ކުއްލިއަކަށް ހަމަހިމޭންކަން ފުނޑުފުނޑުކޮށްލަމުން ސޭފާލޯ ހަޅޭއްލަވައިގެންފައި ސިފައިންނަށް އަމުރެއް ކުރިއެވެ. އިޓަލީސިފައިން ހަލުއިކަމާ އެކު އެ އަމުރަށް ޢަމަލުކުރާން ފެށްޓެވެ. އެ މީހުން އެ އަވަށުގެ ހުރިހައި ފިރިހެނުން ވަށައިލައިގެން އާބާދީގެ މެދުގައިވާ މައިދާނަކަށް އެއްކުރާން ފެށްޓެވެ. ސިފައިންގެ މީހަކު މުސްކުޅި އަބޫދާއޫދު ކޮއްޕައިލައިފައި އޭނާއަށް ކުރިއަށް ދާން އެންގުމުން ހުރިހައި ކުދީން އެއްއަޑުން ހަޅޭއްލަވައިގަތެވެ. ސޭފާލޯގެ ސައިތާނީ ކަޅި އަނިޔާވެރިކަމާ އެކު އެ ކުދީންނާ ދިމާއަށް ހުއްޓުނެވެ. ދެން ކޮންމެވެސް އެއްޗެއް ވިސްނައިފައި އޭނާގެ ތުންފަތްމައްޗަށް ހިނިތުންވުން ވެރިވިއެވެ. ކުޑަ އިރުކޮޅެއްގެ ތެރޭގައި މުސްކުޅީންނާއި ޒުވާނުންގެ ހުރިހައި ފިރިހެނުން މައިދާނަށް ޖަމާވުމުން ސޭފާލޯ ކުރިޔަށް ޖެހިލިއެވެ.
 
"ސައިރޭނޭކާގެ ކުއްތާތަކާ! އިޓަލީސަރުކާރާ ބަޣާވަތްކޮށްގެން ކަލޭމެންނަށް ދިރިތިބެވިދާނެ ކަމަށް ކަލޭމެން ހީކުރަނީތަ؟ ކަލޭމެންގެ ގެރިއްލާއިންގެ މައްޗަށް ކަލޭމެންގެ ވަރަށް އިތުބާރު އެބައޮތްދޯ! ގޮވާބަލަ؛ އެ މީހުނަށް! ކަލޭމެން މަރުން ސަލާމަތްކުރަނީ ކާކުތޯ؛ އަހަރެން ބަލާނަން."

"މަރާއި ދިރިހުރުން ވަނީ ހަމައެކަނި މާތްރަސްކަލާނގެ މިންވަރުފުޅުގަ. ކެޕްޓަން." މުސްކުޅި އަބޫ ދާއޫދު ބުންޏެވެ. "ތަޤުދީރުގަ އޮތީ މަރު ކަމުގަ ވަންޏާ މިނިވަންކަމުގެ މަރުން މަރުވެވޭތީ އަހަރެމެން އިއްޒަތްތެރިވަންތަ ކަލާނގެއަށް ޝުކުރުކުރަން."

ސޭފާލޯ ބިރުވެރި ހުނުމެއް ހީނގަތެވެ. "މުސްކުޅި ސައިތާނު! ކަލޭގެ ކަލާނގެއަށް ގޮވާ ބަލަ! އަދި ދިރިހުރުން އެދި ސަލާންޖަހާ ބަލަ!" އޭނާ ފިސްތޯލަ ނަގަމުން ބުންޏެވެ.
 
"އަހަރެންގެ ކަލާނގެ ހުރިހާ ތަނެއްގަ ވެސް ވޮޑިގެންވޭ. ގޮވާ ގެންނާކަށް ނުޖެހޭނެ، ކެޕްޓަން!"

ކެޕްޓަން ސޭފާލޯގެ ފިސްތޯލައިން ހުޅުކޮޅެއް ނުކުތެވެ. މުސްކުޅި އަބޫ ދާއޫދުގެ މޭ ރަތްވިއެވެ. އޭނާ ކެޕްޓަންގެ ލޮލަށް ބަލަމުން ޝަހާދަތްކިޔެވެ. ދެން ބިންމައްޗަށް ވެއްޓުނެވެ.
 
ކުޑަކުދީންތައް ހިފެހެއްޓުމެއް ނެތި ތަކުބީރުގެ އަޑު އުފުލައިލިއެވެ. އެ ކުދީންގެ ކުށެއް ނެތް އަޑުން الله اكبر ގެ އަޑު ފަޒާގައި ގުގުމައިލިއެވެ.
 
ސޭފާލޯ ރުޅިވެރިކަމުގެ ލޮލަކުން އެ ކުދީންނަށް ކަޅިއަޅައިލިއެވެ. ދެން ހަޅޭއްލަވައިގެންފައި ސިފައިންނަށް އަމުރެއް ކުރިއެވެ. ވަށައިގެން އުންޑަތައް އޮހޭން ފެށްޓެވެ. މައިދާނުގައި އިންސާނުންގެ ކަށްތައް ފުނިޖެހުނެވެ. ސޭފާލޯ ބޮޑާ ގޮތަކަށް ހިނިތުންވަމުން ކުދީންނާ ދިމާއަށް އެނބުރުނެވެ. އޭނާގެ އަނިޔާވެރިކަމަށް ސާބަސްހޯދާން ބޭނުންވާ ކަހަލައެވެ.
 
ދިހަ އަހަރުގެ ކުއްޖަކު ކުއްލިއަކަށް ކުރިއަށް ޖެހިލިއެވެ. "ކާފަރު، ކުއްތާ!" އެ ކުއްޖާ ރުޅިވެރިކަމާ އެކު ބުންޏެވެ. އަދި ކެޕްޓަންގެ މޫނަށް ކުޅުޖެއްސެވެ.
 
"الله اكبر" ހުރިހައި ކުދީން އަޑުގައިނެތްތަނަށް ގޮވައިލިއެވެ.
 
ކެޕްޓަން ސޭފާލޯ ރުޅިއައިސްގެން މޮޔަވިއެވެ. އޭނާ ހަލުއިކަމާ އެކު ފިސްތޯލަ ނަގައިފައި އެ ކުއްޖާގެ ބޮލާ އަމާޒުކުރިއެވެ. ވަޒަން ފޮނުވައިލިއެވެ. އެ ކުއްޖާ ތެޅިގެންފައި ދުރަށް ގޮސް ވެއްޓުނެވެ.
 
"ނިންމާލާ؛ މި ހަރުފައިގެ ދަރީންތައް!" ސޭފާލޯ ހަޅޭއްލަވައިގަތެވެ.
 
ދެވަނަ ސިކުންތުގައި ކުށެއް ނެތް ހަތާވީސް ކުދީންގެ ތުއްތުތުއްތު ހަށިތައް ބިންމަތީގައި ތެޅިތެޅި ތިއްބެވެ. ޠަރާބުލުހުގެ ބިން އެ ބިމުގެ ޅަދަރީންގެ ލެއިން ފެވެނީއެވެ. ރަޙުމުކުޑަކަމާއި އަނިޔާވެރިކަމުގެ އިފުރީތުގެ ކުރިމަތީގައި، މިނިވަންކަމުގެ މަސްތުގައިވާ ތުއްތުތުއްތު މުޖާހިދުން ވެސް ޝަހީދުންގެ ތަށިބޮއިލައިފިއެވެ.
 
އަންހެނުންނަށް އެ އަނިޔާވެރި މަންޒަރު ދެކޭކަށް ކެތެއް ނުކުރެވުނެވެ. އެބައިމީހުން ގޭގެއިން ނުކުމެގެން މޮޔައިންތަކެއް ހެން ދުވަމުން މަދަރުސާއާ ދިމާއަށް ދިޔައެވެ. އެކަމަކު ސޭފާލޯގެ އިސާރަތަށް އިޓަލީސިފައިން މިނިކާ ޖަނަވާރުތަކެއް ފަދައިން އެބައިމީހުންގެ މައްޗަށް ޖެހިގަތެވެ. އެބައިމީހުން އެބައިމީހުންގެ މޭގެއެތިކޮޅާ ހަމައަށް ދިޔަޔަކަ ނުދިނެވެ. ގަދަހެދި މީހަކު ވިއްޔާ ބަޑީގެ ތިލައިން ހިމޭންކޮށްލިއެވެ. ދެން ތިބި މީހުން ދަމައިފައި ގެން ގޮސް ސިފައިންގެ އުޅަނދުތަކުގައި ބަންދުކުރިއެވެ. ހުރިހައި ތަކެއްޗެއް ލޫޓުވައިލުމަށް ފަހު ގެތަކުގައި އަލިފާންޖެއްސެވެ. ކުޑައިރުކޮޅެއްގެ ފަހުން ގާތިލުންގެ އެ ބައިގަނޑު ކުރިއަށް ދިޔައިރު އަވަށުން ހުޅުއަރައެވެ. އިޓަލީވެރިކަމުގެ މަކުރޫހަ އަނިޔާތަކުގެ އެއީ ފުރަތަމަ މަންޒިލެވެ.

އެއީ މައިދާނީ ހިސާބުގަނޑެވެ. އެ ތަނުގައި މުޖާހިދުންނަށް އިޓަލީސިފައިންނާ ކުރިމަތިލައި ހަނގުރާމައެއް ނުކުރެވޭނެއެވެ. އެބައިމީހުންގެ އަދަދު އެހައި ގިނައެއް ނޫނެވެ. އަދި ދިމާއަށް ކުރިމަތިލައި ހަނގުރާމަކުރާހައި ހަތިޔާރެއް ވެސް އެބައިމީހުންގެ އަތުގައެއް ނެތެވެ.
 
 އެއް ފަރާތުން ކެޕްޓަން ސޭފާލޯ އަނެއް ފަރާތުން ބުރޫނޯ މީހުންތައް މަރައި އަޅަމުން ޖަބަލުލް ޚިޟްރާ ދިމާއަށް ކުރިއަށް ދިޔައެވެ. މަގުމަތީން ދިމާވިހައި އާބާދީއެއްގެ ނިމުމަކީ އެއީއެވެ. ޖަބަލުލް ޚިޟްރުގެ އާރޯ ފަރުބަދަތަކުގެ ސިލްސިލާ ސަހަރާގައި ދުރުދުރަށް ދާންދެން ފެތުރިފައި އޮތެވެ. އޭގެ ކުރީގައި ވަނީ ކުދިކުދި ފަރުބަދަތަކެވެ. އެ ފަރުބަދަތަކުގެ މެދުގައި ވަނީ މުޖާހިދުން ދުސްމިނުންގެ އިންތިޒާރުގައި ތިބި މަގެވެ.

އިޓަލީސިފައިން އަދި ސަހަރާގެ ހިސާބުގަނޑުގައި ތިއްބައި އެބައިމީހުންގެ މަތިންދާބޯޓުތައް ވަށައިގެންވާ ސަރަހައްދުގެ މަތިން ތިރިތިރިން ދަތުރުކޮށް އަނެއްކާ ވެސް އެއް ފަހަރު ބަލައި ހޯދިއެވެ. އެކަމަކު އެބައިމީހުންނަށް މުޖާހިދުންގެ އެއްވެސް ހިލަމެއް ނުތްވެވެ. އެ ކަމާ އެ މީހުން ހަމައެކަނި ހައިރާންވީއަކީ ނޫނެވެ. އެ ކަން ވީ އެ މީހުންނަށް ޔަގީންކުރާން ވެސް ދަތިވި ކަމަކަށެވެ. މިހާރު ސޭފާލޯ އާއި ބުރޫނޯއާ ދެ މީހުންގެ ސިފައިންގެ ލަސްކަރު ކުރިއަށް ދަނީ އެކުއެކީގައެވެ. މަތިންދާބޯޓު މަތިން ބަލައިފައި އަނބުރައި އަންނަނިކޮށް މެދުތެރެއިން ވެލީގެ ފަރުބަދަތަކުން ހަރަކާތެއް ވީ ތަން އެބައިމީހުންނަށް ފެނިއްޖެއެވެ. އެބައިމީހުން އަދިވެސް ބޮޑަށް ތިރިކޮށްލުމުން ކުއްލިއަކަށް ފަސްފުންޏަކުން އެއަށް ބަޑިޖަހައިފިއެވެ. ބޯޓު ދިޔަލެއް ތިރިކަމުން ވަޒަން އަމާޒުވިއެވެ. ދެ ވަނަ ސިކުންތުގައި އެއިން ދުންއަރާން ފެށްޓެވެ. ޕައިލެޓު ވަރަށް މަސައްކަތްކުރިއެވެ. އެހެންނަމަވެސް އޭނާއަށް ބޯޓު ސަލާމަތެއް ނުކުރެވުނެވެ.

--------------------------

(ނުނިމޭ)

ފޮޓޯ: ޢުމަރުލް މުޚްތާރުގެ ހޮހަޅަ (ޓެމެހު.ކޮމް)

މި ލިޔުން:

ފޮނުވުން:    މުޙަންމަދު ޝާހިދު ޙަލީމް
އަލުންބެލުން:  މުޙަންމަދު ޝާހިދު ޙަލީމް
ޝާއިޢުކުރުން: މުޙަންމަދު ޝާހިދު ޙަލީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ