އަދުގެ ޚާއްސަ

Print

ގިޔާމަތު ނާމާ (31އިން 38އަށް)

ޝާޢިއުކުރީ އާދަމް ނަޞީރު އިބްރާހީމް . ހިމެނޭބަޔަކީ ވަޒަންބަހުރުވަ


ފޮތް ލިޔުއްވީ: ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީން
ދޭހަ:       އާދަމް ނަޞީރު އިބްރާހީމް/ތޮއްޑޫ


މި ފޮތުގައި ބަޔާން ކޮށްދެއްވާފައިވަނީ،  ދުނިޔޭގެ ނިމުން ކައިރިވަމުން އަންނަ އިރު، ފެންނަމުންދާނެ އެކަމުގެ ޚާއްޞަ ޢަލާމާތްތަކެވެ. ޤިޔާމަތުގެ ޢަލާމާތްތަކެވެ. ފޮތުގެ ފުރަތަމަ ޗާޕު ނެރުއްވާފައިވަނީ، 1967 ވަނަ އަހަރުއެވެ. 


.....ކުރީގެ ބަޔާގުޅޭ...

31- ނުރައްކައު ވަބާޔާ ނުބައި ގިނަ ބަލާތައް
                    ދުރަށް  މާ ނުބައިގޮތްމަތީން   ފެތުރިދާނޭ


އެކި ޒާތްޒާތުގެ މުޞީބާތްތައް ގިނަވެ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އާންމު ވެދާނެއެވެ.
ފަރުވާއިން ހައްލު  ނުހޯދޭ ތަފާތު ބަލިތަކާއި، އެފަދަ ބޮޑެތި އާފާތްތަކެވެ.


32- ތަދާ ހޫނު ދުއްތަައް އެކީ އެކި ސިފައިގައި،
                    އަނދާތީ އެތަން މިތަނުގައި    ޚަބަރުވާނޭ


އަނެއްކަމަކީ ތަދުމަޑުކަަން އާންމުވުމެވެ. ކާބޯ ތަކެތި ނުލިބުމުގެ ދަތިކަން އިޙްސާސް ކުރަންޖެހުމެވެ.
އެތައްބަޔަކު ހައިހޫނުކަމުގައި އުޅެންޖެހި، އެކަމުގެ ހިތްދަތި އުނދގުލާއި،
ދުއްތުރާތައް ތަޙަންމަލު ކުރަންޖެހުމެވެ. ދުނިޔޭގެ އިޤުތިޞާދު ފުނޑުފުނޑުވުމެވެ.


33- އުޅެންވީ ގޮތާ ހެޔޮ ޢަމަލުތައް އެ ފިޔަވައި،
                    ކުޅޭ ކުޅިވަރަށް ބޮޑެތި  ސާބަސް  ކިޔޭނޭ


ކަން މިހެން އޮތަސް އިސްލާމްދީނުގެ ސާފު ސީދާ ތެދުމަގުގައި ސާބިތުވެ ތިބޭ މީހުންނަކީ މަދުބައެކެވެ.
އިންސާނީ މުޖުތަމަޢު އޮންނާނީ  ކުޅިވަރާއި، ވިޔަޔާނުދާ މަޖަލުގައި އަވަދިނެތިފައެވެ.


34- މިކަން ދެކޮޅުވިދި މެދުނަގައި އަންނަ އިރުގާ
                    ނިކަން ގާތުގައި ކޭތަ އިރު ހަނދު ހިފާނޭ


މި ކަންކަން ކައިވަމުން އަންނާނީ ވަރަށް ބާރަށެވެ.  ވިހަލުމަށްޓަކައި،  ބޯކޮޅާއި ނިގޫކޮޅު ބިމުގައި ވިއްދައި، މެދު ހަށި އުފުލަމުން އަންނަ ނުރައްކާތެރި ހަރުފައެއް އަންނަހައި، ހަލުއިކަންމަތީގައެވެ.  މި ގޮތުގައި ދުނިޔެއަށް ބަދަލުތައް އަންނަމުންދާއިރު،  ކޭތަ ހިފުމުގެ ނިޒާމަށްވެސް ބަދަލު އަންނާނެއެވެ. އަންޒަމާނުއްސުރެ އިރުހަނދުގައި ކޭތަ ހިފަމުން އައި ނިޒާމު ފިޔަވައި، ގާތްގާތުގައި ކޭތަ ހިފަމުންދާނެ އެވެ.


35- އަރަންހުރި ހިސާބަށް މިކަންކަން އެރީމާ،
                    ވަރަށް ބޮޑުވި ހަނގުރާމައެއް އެބަ ފޮށޭނޭ


ކޮންމެއަކަސް، ދާންވީ ހިސާބަށް މިކަންކަން ދިޔައިމައި، ދެން ވަރަށް ނުރައްކާތެރި ބިރުވެރި ހަނގުރާމައެއް ފެށިދާނެއެވެ.


36- ލެޔަށް ހޫނުކަން ލިބި މި ނައުޢުގެ އެކީގާ،
                     އެޔަށް އިޝްތިރާކެއް މި މުޅި ދުނިޔަ ދޭނޭ


އިންސާނީ ދަރިފަސްކޮޅުގެ އެންމެންހެން މި ކަމުގެ ޖޯޝުގައި ތެދުވެދާނެއެވެ. މުޅި ދުނިޔެ މި ހަނގުރާމައިގައި ބައިވެރިވާނެއެވެ.
 

37- ޒުވާނުންނެ މަގުވެސް ތިޖާރީ ހުރަސްވެވި،
                      މުވާޞަލަތުވެސް      ރަށްތަކާ   ވެކިވެދާނޭ


ޒުވާން ކުދީންނެވެ! ބުނަންހެއްޔެވެ! މި ހަނގުރާމައިގެ ސަބަބުން ވިޔާފާރީގެ މަގުތައްވެސް ބަންދުވެދާނެއެވެ. އެފަދަ ހުރިހާ މުޢާމަލާތްތަކަށް ހުރަސްތައް ކުރިމަތިވެ ހުއްޓުން އަރާނެއެވެ. ވަކި ހިސާބަކުން، ރަށްރަށާއި، ޤައުމުތަކުގެ މެދުގައި ހިނގަމުންމިދާ  މުވާޞަލާތީ  ޚިދުމަތްވެސް ކެނޑިގެން ދާނެއެވެ.


38- މަރަށް ތަކެތި ދުނިޔޭގެ ދެން ތެޅިގަތީމާ، 
                       ވަރަށް ތަކެތީ ކާބޯ އިނގޭ    އަގުއަރާނޭ 


އެހާރުން އެދެން،  ދުނިޔޭގެ ރޯ މުދަލަށް ދަންދެން އޭގެ އަޖަލު ގާތްވީއެވެ. އެހެނީ ހަނގުރާމައިގެ ސަބަބުން ދަނޑުފަނގުތަކާއި، އެހެނިހެން ވަސީލަތްތައް ފަނާވެގެންދާނެއެވެ. ނަތީޖާއެއްގެ ގޮތުން ކާބޯތަކެތީގެ އަގުތައް ފިސާރިޔަކަށް  މައްޗަށް ޖެހިލާނެއެވެ. ކޭންބުއިމަށް ބޭނުންވާ ތަކެތީގެ އަގުތައް އިންތިހާޔަށް ބޮޑުވާނެއެވެ. 


ނުނިމޭ.. ބާކީ  195 ބައިތު..

ހަމަމިގަލަމުން

އިދާރާ

ވާހަކަ