އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (13)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް
                                                       (4 އޭޕްރިލް 2011 އާ ގުޅޭ....)

މިހާރު ކޮޓަރިތެރޭން ފެންނާން ހުރި ބަޔަށް އެ މީހުން ފައިބާ ކަހަލަ އެވެ. ބޫޓުތަކުގެ އަޑު އިހަށްވުރެ ވެސް ގަދައެވެ. ވިސްނުންތެރި އަންވަރު އޭނާގެ ފައިދަށުގައިވާ ކަށްވަޅަށް ފުރޮޅައިނުލައި ވޭތޯ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެ ފަދަ ނާމާން ދަނޑިވަޅުގައި އަޙުމަދު ހަމައެކަނި ވަހުތާނެއް ފަދަ ގޮތަކަށް މުޅި ކޮޓަރިތެރޭގައި އެނބުރެނީ އެވެ. އާދެ! ވަންނާނެ އެއްވެސް ތަނެއް ހަދާނެ އެއްވެސް ގޮތެއް ނެތިގެންނެވެ.

އަޙުމަދުގެ އެއް އަތުގައި ހިފައިގެން ހުޅުވައިފައިވާ ސިއްރު އަލަމާރީގެ ވަތްގަނޑުތައް ފަހަތަށް ކޮށްޕައިލުމަށްފަހު އަންވަރު އަލަމާރީގެ ތެރެއަށް ވަދެއްޖެ އެވެ. ދެ އަތުން ދެ ދޮރުފަތް ގެނެސް ކައިރިކޮށްފައި، ހުޅުވިފައި ހުރި ތަޅުގެ ދޫ، އަނެއް ދޮރުފަތުގެ ތެރެއަށް ލެއްވުމަށްފަހު ދެ ދޮރުފަތް ލައްޕައި އެތެރޭން ތަންޑުއަޅައިފި އެވެ. ދެ މީހުންނަށް ހަމަ ކިރިޔާ ކޮޅަށް ތިބެވޭ ވަރުގެ އަލަމާރިއެކެވެ. އާދެ! އަލަމާރިއެކޭ ދެންނެވި ނަމަވެސް މިއީ އާދަޔާ ޚިލާފު ސިއްރު އަލަމާރިއެއްކަމުން ކުރިން ވެސް ދެންނެވި ފަދަ އިން އޭގެ ވަތްތައް ހުންނަނީ ފަހަތުން ދެމޭ ގޮތަށެވެ. އެހެންކަމުން އެ ދެ މީހުންނަށް އެތެރޭގައި ކޮޅަށް ތިބެވޭނޭ ގޮތް ކިތަންމެހާ ވެސް ތަނަވަސްކޮށް ވަނީ ލިބިފައެވެ.

އަލަމާރީގެ ތެރެއަށް ވަދެވުނު ނަމަވެސް މަރުން ސަލާމަތްވާނެ ކަމުގެ އެއްވެސް އުންމީދެއް އަންވަރުގެ ހިތަށް ލިބިފައެއް ނުވެއެވެ. ކޮޓަރިތެރެއަށް އައި ބަޔަކު އެ އަލަމާރި ހުޅުވައިލައިފި ނަމަ، ނުވަތަ އަޙުމަދުގެ މޮޔަ ކަމުން އޭގެތެރެއިން އަޑެ އިވިއްޖެ ނަމަ . . . . . . . . . . . . ލީލާގެ ޤަތުލަށްވުރެން ވެސް ހެއްވާ ޤަތުލެއް އެ ބިންގަރާހުގެ ތެރޭގައި ހިނގައިފާނެ ކަމުގެ ޔަޤީންކަން އަންވަރަށް ލިބެއެވެ. އެހެންކަމުން އަންވަރު އެ އަނދިރި "ޖަލުގައި" ހުރެގެން މަސައްކަތްކުރަމުން ގެންދިޔައީ އަލަމާރީގެ ތަޅުދަނޑިން ވެސް ފަސް ހަ ގޮތަކަށް، ހުޅުވައިނުލެވޭނެ ގޮޮތެއް ހެދުމަށެވެ. އަލިފާން ފޮށީގެ ދެތިން ދަނޑިއެއް ނެގުމަށްފަހު، ތަޅުވަޅުގެ އެތެރެ ފަރާތުން ތަޅުދަނޑިޖަހާތަނަށް ހަރައި ބާރުކޮށްފި އެވެ. ދެން ތިޔަ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނޭ ފަދައިން އެ އަލަމާރި ހުޅުވާކަށް މާ ފަސޭހައެއް ނުވާނެ އެވެ. ދެން އޮތީ އެ ދެ މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި ނޭވާލުމެވެ. ކޮންމެ މީހަކަށް ވެސް އެނގޭނޭ ފަދައިން އޭގެ ތެރޭގައި ހައެއްކަ މިނިޓް ހޭދަކޮށްލަން ޖެހިއްޖެ ނަމަ، ފުރާނައަށް ދެމި ހުރެވޭނޭ ގޮތެއް އޮންނާނީ ނެތިފައެވެ. އެހެންކަމުން ސިކުންތުކޮޅެއްގެ ވިސްނުމަކަށް ފަހު، ވަރަށް މަޑުމަޑުން އަލަމާރީގެ ބިއްދޮށުގެ މެދުގައި ހުރި ވަތްގަނޑު ދަމައިގެންފި އެވެ. މުޅީން ބޭރަށް ނެރެ އަލަމާރިތެރޭގައި ބަހައްޓައިފި އެވެ. އާދެ! މި ހުސްވި ގޮޅީގެ ތެރެއިން ވަރަށް ކުޑަކުޑަކޮށް ދުނިޔޭގެ ވައި ލިބޭފަދަ ނަރުދަލުން ބައްދައިފައިވާ ލޯވަޅެއް އޭގެ ފުރަގަހުގައި ހުއްޓެވެ. އެހެންކަމުން ދާހިއްލައި ފޯވެގެން ނަމަވެސް މަރު ނުވެ ސަލާމަތްވާނެ ފުރުޞަތު ލިބިއްޖެ އެވެ.

މިސްޓަރ އަންވަރާއި އަޙުމަދަށް އަލަމާރީގެ ތެރެއަށް ވަދެވުނީ ހަމަ ކިރިޔާ އެވެ. ސިޑިން ފޭބި ދެ މީހުން ކޮޓަރި ތެރެއަށް އަތުވެއްޖެ އެވެ. އަލަމާރީގެ ވަރަށް ކައިރީގައި ހުރި ގޮނޑިއެއް ދަމައިގަތް އަޑު އިވިއްޖެ އެވެ. ދެން ކުޑަކުޑަ އިރުކޮޅެއް ވަންދެން، އެއްވެސް އަޑެއް ނީވެ ދިޔުމަށް ފަހު އަނެއްކާ ވެސް ވާހަކަދައްކާން ފަށައިފި އެވެ.

އަޑުގެ ވެރިޔަކީ އެ މީހެއްގެ ސިއްރުތައް ކުޑަކޮށް ވެސް އަތުލައި ނުގަނެވިގެން މި އުޅޭ މިސްޓަަރ ބޭކަރުކަމާމެދު އަންވަރަށް އެއްވެސް ޝައްކެއް ނެތެވެ. އެހެންވެ އެންމެ އަަކުރެއް ވެސް ނަގައިނުލައި ވާހަކަތައް އަތުލައިގަތުމަށްޓަކައި އަޙުމަދާއި އަންވަރު ކަންފަތް ހުޅުވައިގެން އެބަ ތިއްބެވެ. ނަމަވެސް ހިތާމައަކީ ކޮޓަރިތެރޭގައި ދެން އިން އަނެއް މީހަކީ ކާކުކަން އެއް ގޮތަކަށް ވެސް ނޭނގޭ ކަމެވެ. . . . . . . . . . .

ބޭކަރ:- އަހަރެން އިއްޔެގައި ވެސް ސަން ބޭރިން ކްލަބްގައި އެ އަންހެން ކުއްޖާ އުޅެނިކޮށް ދުށީމެވެ. އެ ތަނުން އޭނާ އެނބުރި ދިޔައީ ގެޔަށެވެ. ދެން އަނެއްކާ ވެސް ދިޔައީ އޭނާ އާދަވެގެން ގޮސް އުޅޭ ޑޯރެންސީ ހޮޓަލަށެވެ. ވަރަށް ގިނަ އިރު އޭނާގެ ފަހަތުން އަހަރެން ފާރަލީމެވެ. ނަމަވެސް ހިތާމައަކީ މި ރޭ އިރާކޮޅު އޭނާ ވަން ތަނެއް އަހަންނަށް ނޭނގުނު ކަމެވެ. އެހެން ނޫންނަމަ . . . .

ބޭކަރ ގެ މި ޖުމުލަ ނިންމައިދިނީ އަނެއް މީހާ އެވެ. .." އެހެން ނޫންނަމަ ޑިއަރެސްޓޯ ހޮޓަލުގައި ލީލާ ޤަތުލުކޮށްލި ފަދަ ގޮތަކަށް އޭނާ ވެސް މަރައިލީމުސް ދޯ އެވެ؟" ............. މި ސުވާލަށް ފަހު ދެ މީހުން ވެސް ހީނގަތީ ވަރަށް ވެސް މަޖާ ހުނުންގަނޑެކެވެ.

އާދެ! ޑިއަރެސްޓޯ ހޮޓަލުގެ ނުރައްކާތެރި ޤަތުލު، އެހެން ޢިބާރާތަކުން ދަންނަވާނަމަ، ލީލާގެ މަޝްހޫރު ޤަތުލު ގުޅިފައިވާ ތަނަކީ  މި ސިއްރު ބިންގަރާސްކަމާއި އޭނާ ޤަތުލުކުރި މީހަކީ މިސްޓަރ ބޭކަރގެ ކައިރީގައި މިހާޜު ކޮޓަރިތެރޭގައި އިން ނުލަފާ މީހާކަން ތިޔައިން އެއްވެސް ބޭފުޅަކަށް އޮޅިވަޑައެއް ނުގަންނަވާނެ އެވެ.  ނަމަވެސް އެ ސިއްރު ހޯދުމަށްޓަކައި ރެޔެއް ދުވާލެއް ނުބަލައި މަސައްކަތްކުރާ ދެ މީހުންނަށް  ނުރައްކާތެރިކަން ދެއްކި ވަރުގަދަ ނާމާންކަމެއްގެ ސަބަބުން މިހާރު އެ ތިބީ، ވަށައިގެން ތަނެއް ނުފެންނަ ގޮތެއްގައި ޖެހިގެން ހރުި އަލމާރީގެ ތެރޭގައެވެ. . . . . . . . . . އެ މީހާ ފަޚުރުވެރި އަޑުން "އަހަރެން އަތުން ލީލާ ޤަތުލުކުރިހެންނޭ" ބުނުމާއެކު މިސްޓަރ އަޙުމަދަށް ވެގެން ދިޔަ ގޮތް އަޅުގަނޑު ސިފަކުރާކަށް ނެތީމެވެ. އާދެ! ވާހަކަ ލިޔާ މީހެއްގެ ގޮތުން އަޅުގަނޑަށް ދެ ފަރާތް ފެންނަކަމުގެ ސަބަބުން، އެ ވަގުތު އޭނާއަށް ކުރި އަސަރުތައް އިޙުސާސްކުރުމަށް ޓަކައި ދޫކޮށްލާނީ ތިޔަބޭފުޅުންގެ ކެތްތެރި އަރިހަށެވެ.

ބައެއް ފަހަރު އަންވަރުގެ ގައިގައި ކޮއްޓައިލައެވެ. ދެ އަތުން ދެ ފިސްތޯލަ ހިފައިގެން ހުރި އަންވަރަށް ލޮލާއި ބޮލުން، ފިސްތޯލަޖެހުމަށް ވެސް އިޝާރާތްކުރެއެވެ. ނަމަވެސް، ހަމައިން ނެއްޓިފައިވާ ސިކުނޑި މަގަށް އެޅުވޭތޯ އަންވަރު މާބޮޑު މަސައްކަތެއް ނުކުރެއެވެ. . . . . . . މިހާރު އަލަމާރި ފަޅައިލައިފައި ނުކުތުން ކީއްހެއްޔެވެ؟ ނުވަތަ ވަތްގަނޑު ފުރެންދެން އަޅައިފައި ހުރި އަތުބޮންތައް ކޮޓަރިތެރެއަށް އުކައިގަތުން ކީއްތޯ އެވެ؟ ނުވަތަ އަންވަރާއި އަޙުމަދުގެ އަތުގައިވާ އެންމެ މި ޒަމާނުގެ ފިސްތޯލައިން، އެ މަޢުޞޫމު ލީލާގެ މަރަށް މަރުހިފުމުގެ ޝަރީޢަތް ނިންްމައިލުން ފަހެ ކީއްތޯ އެވެ؟ ނަމަވެސް ވިސްނުންތެރި އަންވަރު ގަސްތުކޮށްފައިވަނީ އެފަދަ މޮޔަ ޢަމަލެއް ނުކޮށް ސިއްރުތައް އަތުލައިގަތުމަށެވެ. އެހެން ޢިބާރާތުން ދަންނަވާނަމަ، މަކަރުވެރި ބޭކަރުގެ ހިޔަނިން ހިނގައިގެން ނުވަތަ އޭނާގެ "ޙީލަތުގެ" ނަގުލުން އެޅޭ ރޮނގު ފާހަގަކޮށްގެން ޤަތުލުގެ ސިއްރު ހޯދުމަށެވެ. . . . . . .

ކޮޓަރިތެރެއަށް ވެރިވެފައިވާ ހިމޭންކަން އަނެއްކާ ވެސް މުގުރައިލުމަށްޓަކައި ބޭކަރ ވާހަކަދައްކާން ފަށައިފި އެވެ.

ބޭކަރ:-  މިސް އޮފީލިޔާގެ އަތުން އެ ދިހަ ލައްކަ ރުފިޔާގެ ޗެކު އަތުލުމަށްޓަކައި ވަރަށް އަވަހަށް ނުނިކުތިއްޔާ އެ ޗެކު ބެންކަށް ފޮނުވައިގެން ފައިސާ ނަގައިފާނެ އެވެ. އެހެން ވެއްޖެ ނަމަ އެ ގެއްލުނީ އަހަރެމެންގެ އެތަކެއް އަހަރުގެ ޚަޒާނާ އެވެ.

އަނެއް މީހާ:- މާދަމާރޭ ނުކުންނަން ހިނގާށެވެ!. ފުރަތަމަ ވެސް ދާނީ އޭނާ އާދަވެގެން ގޮސް އުޅޭ ޑޯރެންސީ ހޮޓަލަށެވެ. ރަނގަޅަށް ފުރުޞަތު ހޯދައިގެން އޭނާ މަރައިލާނީ އެވެ.

ބޭކަރ:-   "މާދަމާރޭ" . . . . . . . . .  އަދި ދެވޭކަށް ނެތެވެ.

އަނެއް މީހާ:- އެއީ ކީއްވެގެންހެއްޔެވެ؟

ބޭކަރ:    ދާންވާނީ ސިފަ ބަދަލުކޮށްގެންނެވެ. ނަމަވެސް ސިފަ ބަދަލުކުރާ ބޭސް މިހާރު ވަނީ ހުސްވެފައެވެ. އިހަކަށް ރޭ ވެސް އަހަރެން ގޭގައި ބޭސް ތައްޔާރުކުރަން އުޅޭނިކޮށް ފެންޑާމަތީން މީހަކު މަރައިލި އަޑު އިވިގެން ނުކުމެ އުޅެން ހަދައިގެން ބޭސް، ރަނގަޅަކަށް ތައްޔާރެއް ނުކުރެވުނެވެ. ވީމާ މާދަމާ ރޭ ދާންވީ ސެވެން އެންޑް ބީގެ ފުރަގަހުގައި އޮންނަ ޤަބުރުސްތާނަށެވެ. އިއްޔެ ހަވީރު އެ ތާނގައި އިސްލާމުންގެ މީހަކު ވަޅުލައިފި އެވެ. އޭނާ ކޮނެގެން ނަގަނިކޮށް ސާމާނު ލިބިދާނެ އެވެ. އަހަރެންގެ އަތުގައި ހުރި ލާފުޅިއާއި ބޮލުގެ ނާށިގަނޑު އަދިވެސް ކަމުދާވަރުވެއެވެ. ވީމާ މާދަމާ ރޭ ނުކުންނާނީ ގަބުރު ކޮނުމަށެވެ.

އަނެއް މީހާ:- އަހަރެމެންގެ މަސައްކަތުގައި އަދި އެއްވެސް މީހެއްގެ ނުރައްކަލެއް މެދުވެރިއެއް ނުވޭދޯ އެވެ؟ . . . . . . . އަހަންނަށް ހީވާ ގޮތުގައި ހުރިހާ ވެސް ކާމިޔާބީއެއްގެ ސިއްރަކީ އަހަރެމެންނަށް އީޖާދުކުރެވުނު ސިފަބަދަލުކުރާ ބޭހުގެ މޮޅުކަމެވެ.

ބޭކަރ:    އާނއެކެވެ! ބޭޒާރެއް ނުވެއެވެ. ކިރިޔާވެސް ޝައްކެއް ހިނގަނީ އެންމެ ދެ މީހަކާ މެދުގައެވެ.

އަނެއް މީހާ:- އެއީ ކޮން ދެ މީހެއް ހެއްޔެވެ؟

ބޭކަރ:-   ދާދިފަހުން އެއްރެޔަކު އަހަރެން ގޭގައި އުޅެނިކޮށް ދިޔަ ދެ މީހެކެވެ. ޕާކިސްތާނުގެ ފޭރާންކުރާ މީހަކާއި އޭނާގެ ކޮއްކޮއެކެވެ. އެކަކަށް ކިޔަނީ ޢާޞިފެވެ. އޭނާގެ ކޮއްކޮގެ ނަމަކަށް ކީ ހަނދާން ވަނީ ރޮލެންސީ އެވެ. ނުވަތަ ރޮކްސީއެވެ. އެ ދެ މީހުން ދިޔައީ ކުއްޖަކަށް ހިސާބު ކިޔަވައިދޭތޯ އެހުމަށެވެ. ނަމަވެސް އެ ރޭގެ ފަހަކުން އެ ދެ މީހުންނެއް ނާދެއެވެ. މިހާރު އެ ދެ މީހުން ނައުމުން އެ ރޭ ހިނގި ކަމެއް ވެސް ހަނދާން އެބަހުއްޓެވެ. އެއީ އިލެކްޓްރިކް ބޯޑާ އަރައި ހަމަވެފައި ދެ މީހުން ގުޅައަކަށް ވެއްޓިގަތީ އެވެ. އެއްް ގޮތަކަށް ވެސް އޭގެ ކުރިމަތީން ދާ ގޮތެއް ނުހެދި އެވެ. . . . . . އެޑްމަންޑް ގެންދިޔުމުގެ ބިރުވެރި ހާދިސާ އަހަރެންގެ ގޭގައި ހިނގީ ވެސް އެ ރޭގެ އެ ވަގުތުގެ ފަހުންނެވެ. . . . . . މި ނޫން މީހަކާ މެދު ޒާތެއްގެ ޒާތެއްގެ ވެސް ޝައްކެއް ނުވެއެވެ. ނަމަވެސް އެއީ ކޮންކޮން ބަޔެއް ކަމެއް ނޭނގެއެވެ.

އަނެއް މީހާ:- ނައިޓްކްލަބްގެ ޢާއްމުންނަށް ފެންނަ ކޮޓަރިތަކުގެ ކަންތައް މިހާރު ކިހިނެއްހެއްޔެވެ؟

ބޭކަރ:    އަހަރެންގެ ރޭވުން ވަރަށް މޮޅަށް ހިނގަހިނގައި އެބަހުއްޓެވެ. އަހަރެން ވެސް ބޭރަށް ދާ ގޮތް ދައްކައިގެން ނުކުމެގެން ދިޔަތާ ކިތަންމެ އިރެކެވެ. މިހާރު އެ ފަރާތުގައި ތިބީ ވަރަށް މަދުބަޔެކެވެ. ބަލަހައްޓަން ތިބޭނީ ވެސް އެކަކު ދެ މީހެކެވެ. އެ މީހުންނަށް ވެސް ތިބޭނީ ނިދިފައެވެ. ނަމަވެސް އަހަރެން ހަނދާންނެތި، މި ފަރާތަށް އަންނަން ހުރި ދޮރުތައް ހުންނާނީ ތަންޑް ނާޅައެވެ. ނަމަވެސް އެ ކަމަކުން ކަމެއް ނުވާނެ އެވެ.

އަނެއް މީހާ:- ހުރިހާ ކަމެއް ވެސް ރަނގަޅު ނޫންހެއްޔެވެ؟ އަހަރެން ވެސް މިދަނީ ކުޑަކޮށް ރާ ބޮއިލުމަށެވެ. ޕާޓީގެ އެހެން މީހުން ވެސް މިހާރު ތިބޭނީ ރާގެ ޕްރޮގްރާމް ފަށައިގެންނެވެ. އަހަންނަށް ހީވަނީ މާދަމާ ރެޔަށް ޓަކައި ކަލޭ ވެސް ގެޔަށް ގޮސް ރަނގަޅަށް ނިދައިލާންވީހެންނެވެ.

ބޭކަރ:- އެންމެ ރަނގަޅެވެ. ދަމާ ހިނގާށެވެ. ދެން ހުންނާނީ ޖަންގައްޔަށް ނުކުމެވެން ހުރި ސިއްރު ދޮރާއްޓެވެ. އެތާގެ ފާރުގެ ދެ ފަރާތުގައިވާ ދެ ޖަލުގެ ކަންތައް ވެސް މިހާރު ރަނގަޅެވެ. އަހަރެން ވެސް މި އައީ އޮފީލިޔާގެ ބޭބެ އަތުލެވޭތޯ މިތާނގެ މީހަކު ފޮނުވައިފައެވެ. އޭނާ ގެނެސްފި ނަމަ އެ ދޮރޯށީގެ ޖަލުގައި ހައްޔަރުކުރަން ވެސް އޮންނާނީ އަނގައިފައެވެ. ދެން އޮތީ . . . . .  މާދަމާ ރޭ ޤަބުރުސަތާންު ކޮނުމެވެ. އަނެއް ރޭ . . . . . .  އޮފީލިޔާ ޤަތުލުކުރުންދޯ އެވެ؟ . . . . ގުޑްބައި . . ގުޑްބައި !!

އެ ދެ މީހުން ނުކުންނަމުން ކޮންމެ ވެސް އެކަކު، އަންވަރުމެން ތިބި އަލަމާރީގެ ދޮރުފަތުގައި ހިފައި ވަރަށް ބާރަށް ތަޅުވައިލައިފި އެވެ.

"ކީއްތަ ވީ؟"

"ރޭ އިރާކޮޅު އަވަސް އަވަހަށް ދާން އުޅެން ހަދައިގެން ތަންޑު ނޭޅި ހުރި ހަނދާން، ބަލި ގޮތަކަށް ވެގެންނެވެ. . . .  އެކަމަކު އެއީ ކުށް ހީއެކެވެ.. . . . . . . . . . . . .

ކޮޓަރިތެރެ މުޅީން އަމާންވެއްޖެ ކަހަލަ އެވެ. ބޭކަރާއި އޭނާގެ އެކުވެރިޔާ ދިޔަތާ 10 ވަރަކަށް މިނިޓްއިރުވެއްޖެ އެވެ. އަލަމާރި ތެރޭގައި ތިބި ދެ މީހުން މަޑުމަޑުން ޙަރަކާތްތެރިވާން ފަށައިފި އެވެ.

އަންވަރު:-  ތިޔަ ލިޔަނީ ކޮން އެއްޗެއްހެއްޔެވެ؟

އަޙުމަދު:- އެ މީހުން ދެއްކި ވާހަކަ އެވެ.

އަންވަރު:- ކޮޓަރި އަމާންވެއްޖެ އެވެ. އަވަހަށް ނުކުންނަމާ ހިނގާށެވެ! އިތުރު އެއްޗެއް ފެނުނު ނަމަވެސް ދަހިވެތިކަމާއެކު ގެންދަން ނޫޅޭށެވެ.

މިހާރު ފިސްތޯލަ ކުރިމައްޗަށް ދިއްކޮށްގެން އަލަމާރީގެ ތެރެއިން އަންވަރު ނުކުމެއްޖެ އެވެ. ފަހަތުން އަޙުމަދު ވެސް ދެމިގެންފި އެވެ. ކޮޓަރި މުޅީން ހުހެވެ. ސިޑި ފިޔަވައި އެހެން ދޮރެއް ވެސް ބޭރަށް ނުކުތުމަށް ހުއްޓެވެ.  ހުރީ ލައްޕައިފައެވެ. އަންވަރު މަޑުމަޑުން އެ ދޮރުގެ ކައިރިއަށް ގޮސްފައި . . . . . . . . . . . . " އަމާންތޯ ބަލަން އަހަރެން ނުކުންނާނަމެވެ. މި ކޮޓަރިއަކީ ބިންގަރާސް ކޮޓަރިއެކެވެ. މި ދޮރަކީ ހަމަ ބިމަށް ދިޔުމަށްޓަކައި، ހަދައިފައިވާ ދޮރެކެވެ." މިހެން ބުނެފައި އަންވަރު ބޭރަށް ނުކުމެއްޖެ އެވެ. ދޮރުލައްޕައިލުމުން ބައި މިނިޓެއްހައި އިރު ލަސްވެލުމަށްފަހު ނިކުތުމަށްޓަކައި ދޮރު ހުޅުވައިލާން ހިފައިފި އެވެ. ނަމަވެސް . . . ހިތާމަހުއްޓެވެ! ދޮރެއް ނުހުޅުވުނެވެ. ގޮތްގޮތަށް ތަޅުވައި ވެސް ދޮރު ހުޅުވޭ ގޮތެއް ނުވި އެވެ. އަބަދުވެސް އަވަހަށް ހާސްވާ އަޙުމަދު ކުއްލިޔަކަށް ހާސްވެއްޖެ އެވެ. ނަމަވެސް އަންވަރަށް އިވޭ ވަރަށް ގޮވައިލާކަށް ނުކެރުނެވެ. ދޮރުގައި ބާރަށް ތަޅައިގަންނާކަށް ވެސް ނުކެރުނެވެ. އެހެންކަމުން ދޮރުފަތުގެ އެތެރޭން ހަރުކޮށްފައިވާ ތަންތަނަށް އޮބައި ތަޅުވައި ހަދާން ފަށައިފި އެވެ. ކުއްލިޔަކަށް އޮބައިލެވުނު ތަނެއްގެ ސަބަބުން ޖެހިގެން ހުރި ކޮޓަރީގެ ރަނގަބީލުވާންފަށައިފި އެވެ. އޭގެ އަޑާއެކު، އެ ކޮޓަރީގެ ތެރޭން ހުޅުވޭން ހުރި (ނަމަވެސް ކުރީން ނޭނގޭ) ދޮރަކުން ބޮޑު މީހަކު ބަލައިލައިފި އެވެ. ބަލައިލުމާއެކު އަޙުމަދާ ދިމާއަށް އަތުވެއްޖެ އެވެ. ހުސް ޖަނގިޔާއެއް ލައިގެން ހުރި ދޮން މީހެކެވެ. ގިނަ އިރުތަކެއް ނުވެ، ގިނަ ވިސްނުންތަކެއްގެ ބޭނުން ނުކޮށް އެ މީހާ އަޙުމަދާ ޙަމަލާދީފި އެވެ. ކަނަކަށިމަތީގައި ދެ ބޮނޑިއެއް އަޅައިފައި ކޮއްޕައިލައިފި އެވެ. ބިރުން ރޫރޫއަޅައަޅައި ހުރި އަޙުމަދު ޑަގަޑަގައަޅައިފައި ތަޅުންގަނޑުމައްޗަށް ވެއްޓިއްޖެ އެވެ. ވެއްޓުމާއެކު ގަދަ އަޑުން "ކީއްކުރަން، ކޮން އިރަކު އައި މީހެއް ހެއްޔޭ" ސުވާލުކޮށްފިއެވެ. ނަމަވެސް އަޙުމަދު ޖަވާބެއް ނުދެއެވެ. އެހެންކަމުން އަނެއްކާ ވެސް ކޮޅުފައިން ތަޅައިގެންފިއެވެ. . . . .  ކައިރީގައި ހުރި ކޮޓަރީން، އަތުގައި އަޅާ ކަހަލަ ބިޑިއެއް ގެނެސް އަޙުމަދުގެ އަތުގައި އަޅަންފަށައިފި އެވެ. އެއް އަތުގައި ހަރުކޮށްލެވުނުތަނާ އަޙުމަދުގެ ޖީބުން ފިސްތޯލައެއް ނަގައިފި އެވެ. އޭނާ އަށްވެސް ލެވުނުހާ ބާރެއް ލައިފައި މަސައްކަތްކުރީ އެ މީހާގެ ގަޔަށް ފިސްތޯލަޖެހޭތޯއެވެ. ނަމަވެސް އެތަކެއް  ހިފައި އޮޅުލުމަކަށްފަހު، އެ މީހާ ފިސްތޯލަ އަތުލައިފި އެވެ. ވަރަށް ސީދާކޮށް އަޙުމަދުގެ މެޔަށް ފިސތޯލައިގެ ދެތިން ހަތަރު އުންޑަ ގޮއްވައިލައިފި އެވެ. . . . . . . އާދެ! އަޙުމަދުގެ އަނގައިން ނާމާން ހަޅޭއްލަވައިގަތުމެކެވެ. . . . މަރުވެގެން ވެއްޓިއްޖެ އެވެ.

ހަމަ އެވަގުތު ކޮޓަރީގެ ބޭރުން އަޑެއް އިވޭން ފަށައިފި އެވެ. " ފިލައި އޮތީ ކޮންތާކުހެއްޔެވެ؟ އަހަރެމެންގެ ނައިޓް ކްލަބުން ރައްކާވެވިދާނެ ކަމަށްހެއްޔެވެ؟ . . . . . " ކުކުރަމުން ބުނާ އަޑު އިވުނެވެ. އަހަރެންގެ ނަމަ . . . ނަމަކީ . . . .
______________
(ނުނިމޭ)
މި ވާހަކައިގެ މި ބައި:

    ޓައިޕުކުރުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ މެންބަރެއް)
    އަލުން ބެލުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ މެންބަރެއް)
    ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ މެންބަރެއް)

އިދާރާ

ވާހަކަ