އަދުގެ ޚާއްސަ

Print

ދިވެހިބަހުގެ ދުވަސް

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

މިއަދަކީ ދިވެހިބަހުގެ ދުވަހުގެ ގޮތުގައި ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރެވޭ ދުވަހެވެ. ދިވެހިރާއްޖޭގެ ލިޔުންތެރީންތަކެއް އުފައްދަވައިފައިވާ "ލިޔުންތެރިންގެ ގުޅުން"(ޖަމްޢިއްޔާ) އާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި، ދިވެހިރާއްޖޭގެ ޤައުމީ ކުތުބުޚާނާ އާއި، މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން (އެމް.އެން.ބީ.ސީ)އާ، ގުޅިގެން މި ދުވަސް ފާހަގަކުރެވޭ ކަމީ އުފާކުރުން ޙައްޤުކަމެކެވެ. އަދި "ދިވެހިބަހުގެ ދުވަސް" ފާހަގަކުރުމުގައި ވީޓީވީ ފަދަ އަމިއްލަ މީޑިއާތަކާއި ދައުލަތުގެ ބައެއް މުއައްސަސާތަކުގެ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިފައިވާކަމީ ދިވެހިބަހަށް މި ފަރާތްތަކުން ދޭ ސަމާލުކަން ރަމްޒުކޮށްދޭ ކަމެއްކަން ކަށަވަރެވެ. މި ތާރީޚީ ދުވަހުގެ މުނާސަބާގައި ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށާއި ދިވެހިސަރުކާރަށް އަދި ވަކީން ޚާއްޞަކޮށް ދިވެހިބަހަށާއި ދިވެހި ލިޔުންތެރިކަމަށާއި ފޮތްތެރިކަމަށް ލޯބިކުރައްވާ އެންމެހައި ފަރާތްތަކަށް ތަހުނިޔާ އާއި މުބާރިކުބާދީ އަރިސްކުރަމެވެ. ހެޔޮ އެދުންތައް ރައްދުކުރަމެވެ.

ދުނިޔޭގައި 6000 ބަހަށްވުރެ ގިނަ ބަހުން މިއަދު ވެސް އިންސާނުން ވާހަކަދައްކާ އިރު،  ކޮންމެ ބަޔަކު ވެސް، އެ ބަޔެއްގެ ޚިޔާލުތަކާއި ޝުޢޫރުތައް އުފެދި ސިކުނޑީގައި ޕްރޮގްރާމްކުރެވޭނީ އެ ބަޔެއްގެ މާދަރީބަހުންކަމަށް ދުނިޔޭގެ ހުރިހާ ބަސްވާރުން ވެސް އިއްތިފާޤުވެވަޑައިގަންނަވައެވެ. އެއްވެސް ބަޔެއްގެ މާދަރީ ބަސް ނެތި ހިނގައްޖެ ނަމަ، އެ ގެއްލިގެންދަނީ ވަރަށް އަގުހުރި ތަރިކައެކެވެ. މުޖުތަމަޢެއްގެ ސަގާފަތެވެ. އެ ބަޔެއްގެ ތާރީޚުގެ އަޞްލެވެ. އެބަޔަކު ގެންގުޅުނު ވިސްނުންތަކާއި ފިކުރުތަކުގެ އަސަރެވެ. އެހެންކަމުން ދުނިޔޭގެ ކޮންމެ މުޖުތަމަޢެއްގައި ވެސް އެ ބަޔެއްގެ މާދަރީބަހަށް ޚާއްޞަ ވަކި ދުވަހެއް ފާހަގަކުރެއެވެ. ބައެއް ޤައުމުތަކުގައި އެ ބައިމީހުންގެ ޤައުމީބަހުގެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްކަމުގައި ވެސް ކަނޑައަޅައިފައި އޮވެ އެވެ. މިސާލަކަށް  ރުމޭނިއާގެ ޤައުމީ ބަހުގެ ދުވަސް ކަމުގައި ފާހަގަކުރާ، އޮގަސްޓް މަހުގެ 31 ވަނަ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.

ދިވެހިބަހަކީ ދިގު ތާރީޚެއް އޮތް، އަދި އެބަސް ލިޔާނެ އަމިއްލަ އަކުރެއް އޮތް ފަޚުރުވެރި ބަހަކަށް ވީހިނދު، ދިވެހީން "ދިވެހިބަހުގެ ދުވަސް" ފާހަގަކުރުމަކީ މުހިއްމު ކަމެއް ކަމަށް ބެލެވެއެވެ. ދިވެހީންގެ މި ފަޚުރުވެރި މާދަރީބަސް ލިޔުމަށް ބޭނުންކުރަނީ އެ ބަހުގެ އަހުލުވެރީންގެ އުފެއްދުމެކެވެ. އާދެ! ދިވެހީން އުފެއްދި ތާނަ އަކުރެވެ. ތާނަ އަކުރަނީ މި ސަރަޙައްދުގައި ބޭނުންކުރާ ބަސްތައް ލިޔެކިޔުމަށް ބޭނުންކުރާ އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އަކުރަކީ ތާނަ އަކުރުކަމަށް މިފަދަކަންކަން ދިރާސާކުރެއްވި ބަސްވާރުން ވިދާޅުވެފައިވާކަމީ ވަކި ކުޑަ ޝަރަފެއް ނޫނެވެ.

ބަވަނަވަމުން އަންނަ މި ދުނިޔޭގައި "ކުދި" ބަސްތަކަށް ނުރައްކަލާ ކުރިމަތިވެފައިވާކަމަށް އދ. ގެ ތަޢުލީމާއި ސައެންސާއި ސަގާފަތާ ބެހޭ ޖަމްޢިއްޔާ (ޔުނެސްކޯ)އިން ކަންބޮޑުވުން ފާޅުކޮށް ދުނިޔޭގެ ފެންވަރުގައި "ބައިނަލްއަޤްވާމީ މާދަރީބަހުގެ ދުވަސް" ފާހަގަކުރަނީ ކޮންމެ ބަޔަކަށްވެސް އެ ބަޔެއްގެ މާދަރީބަހުގެ މުހިއްމުކަން ދުނިޔޭގެ ފެންވަރުގައި ފާހަގަކުރުމަށްޓަކައެވެ. އެއީ ކުރީގެ އިރުމަތީ ޕާކިސްތާން އަދި މިހާރުގެ ބަންގްލާދޭޝްގައި އެމީހުންގެ މާދަރީ ބަހަށް ޓަކައި ބަޔަކު ވެގެންދިޔަ ޤުރުބާނީގެ ހަނދާންތައް ވެސް އައުކޮށްދޭ ދުވަހެކެވެ.

ބައިނަލްއަޤްވާމީ މާދަރީ ބަހުގެ ދުވަހަކީ މުޅި ދުނިޔޭގައި ފާހަގަކުރެވޭ ދުވަހެކެވެ. މީގެ އިތުރުން އެކި ބަސްބަހަށް ޚާއްޞަ ވަކި ދުވަސްތައް ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި ފާހަގަކުރެއެވެ. މި ގޮތުން މި އަހަރު ދިވެހިރާއްޖޭގައި "ހިންދީ ބަހުގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން އިންޑިޔާ ކުލަބުން އިސްކަންދަރު ސްކޫލުގައި، ވަރަށް ވެސް ފުރިހަމަ ޕްރޮގުރާމްތަކެއް ހިންގައިފައިވާކަން ފާހަގަކުރެވެއެވެ.

ދިވެހީންގެ ފަޚުރު ކަމުގައިވާ ދިވެހިބަހުގެ ދުވަސް ފާހަގަކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެކެވެ. މި ހިސާބުން އުފެދޭ ސުވާލަކީ، ދިވެހިބަހުގެ ދުވަހުގެ ގޮތުގައި އޭޕްރީލް 14 ކަނޑައެޅުނީ ކޮން ގޮތަކަށްތޯ އެވެ؟ ވަރަށް ވެސް މުނާސަބު ސުވާލެކެވެ.

ގޮތް ހުރި ދިވެހި ކާބަފައިންގެ އިހުގެ ތާރީޚުން އެނގެން އޮތް ގޮތުގައި ދިވެހިންގެ ސަގާފީ އައު އަހަރާއި އެއްގަމުރޯދީގެ ދުވަސް ފާހަގަކޮށް އުޅުނު ދުވަސް ދިމާވަނީ އޭޕްރީލް މަހު 14 ވަނަ ދުވަހާއެވެ. މިއީ ޞަލަވާތް ފާތިޙާ ކިޔަވައި ދަނޑަށް ފެންޖަހައި ދަނޑުވެރިކަމުގެ މޫސުމް ފަށާ ދުވަހެވެ.

އޭޕްރީލް މަހު 14 ވަނަ ދުވަހަކީ، ދިވެހި އަދަބީ އުދަރެހުން އެރި "ފަތިހުގެ ތަރި"، އެ އުދަރެހުން ފާޅުވީ ދުވަހެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ދިވެހި ރާއްޖެ އުފެއްދި އެންމެ ކުޅަދާނަ، އަދި އެންމެ އުފެއްދުންތެރި އަދީބު، ފަޟީލަތުއްޝައިޚު ޙުސައިން ޞަލާޙުއްދީން، ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ދުވަހެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ފާހަގަކުރާ މިފަދަ ދުވަސްތައް ކަނޑައެޅުމުގައި ބަލާ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދިވެހިބަހުގެ ދުވަހެއް ފާހަގަކުރަން މިއަށްވުރެން ވަކީން މުނާސަބު ދުވަހެއް ނެތް ކަން ކަށަވަރެވެ.

ރާއްޖޭގައި މަޝްހޫރު ކިތަންމެ އަދީބުންނެއް އުފެދި ނެތިވެ ގޮސްފައިވާއިރު، އަދީބުންގެ ތެރެއިން ޞަލާޙުއްދީނަށް މިހާ ބޮޑު އިސްކަމެއް ދޭންވީ ކީއްވެގެންތޯ ބަޔަކު ސުވާލުކޮށްފާނެ އެވެ. ދެނެވަޑައިގަތުންހުއްޓެވެ! ޞަލާޙުއްދީނަކީ ދިވެހި އަދީބުންގެ އުސްތާޒެވެ. ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީނާއި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، އަލްއުސްތާޛު އަޙުމަދު ކާމިލް ދީދީ އާއި އައްސައްޔިދު ބޮޑުފެންވަޅުގޭ ސީދީ އާއި އައްސައްޔިދު އަބުދުލް ޤައްޔޫމު ދޮންސީދީ އާއި އައްނަބީލު މަލިން މުޙައްމަދު ދީދީ އާއި އައްޝައިޚު މަލިން މޫސާ މާފަތްކަލޭފާނާއި އަލްއުސްތާޒު މުޙައްމަދު ޖަމީލުދީދީގެ ދިވެހި އުސްތާޒަކީ ޞަލާޙުއްދީނެވެ. މި ބޭބޭފުޅުން ދިވެހިބަހަށާއި ދިވެހިއަދަބަށް ކުރެއްވި ޚިދުމަތްތަކަކީ ފާޅުކަން ބޮޑު އަދި އެހައިމެ އަގުހުރި ޚިދުމަތްތަކެވެ.

މީގެ އިތުރުން ޞަލާޙުއްދީނަކީ ޢިބާރާތްކުރެއްވުމުގައި އާދަޔާ ޚިލާފަށް މޮޅު އަދި ތަފާތު ލިޔުއްވުންތަކުގައި ތަފާތު އަސަރު އެކުލަވައިލެއްވުމުގައި ދިވެހީން މިހައިތަނަށް ދުށް އެންމެ ކުޅަދާނަ އަދީބެވެ. އެ މަނިކުފާނުގެ އާދަޔާ ޚިލާފު ޢިބާރާތްތަކުން ހިތުގެ އެންމެ ފުންމިނަށް އަސަރު ފޯރުވައެވެ. އެ ފަދަ ޢިބާރާތްތައް ޒަމާނަވުމަކުން މުސްކުޅިއެއް ނުވެއެވެ. އަންނަނިވި ޢިބާރާތްކޮޅު ވިދާޅުވެބައްލަވާށެވެ! މިއީ މީހުން މުއްސަނދިވުމަށް ކުރާ، ނާޖާއިޒުކަންކަން ސިފަކުރައްވާފައިވާ ޢިބާރާތްކޮޅެކެވެ. "...... އަޅުގަނޑު މި މުދައު އެއްކުޅަ ގޮތް ދެނެ ހުންނެވީމު ތޯއެވެ؟ އެ އެއްކުޅައީ އަރާމެއްނެތި މަސައްކަތް ކޮށްގެން، ވަރުބަލިވާހައި ތަދުބީރުކޮށްގެން، އަބުރު ދާހައި މަކަރުހަދައިގެން، ކަށްވަޅު އަނދިރި ވާހައި ދޮގުހަދައިގެން، ބަނޑުފެޅޭހައި ސޫދުކައިގެން، ކުޅުހިކި ލަގޮނޑީގައި ނާށިލާހައި ދަހިވެގެން، ހަލާކުވާހައި ޚަރަދު ކުޑަކޮށްގެންނެވެ. އެ މުދައު ގިނަވިގިނަވިހެން އަޅުގަނޑުގެ ހިތުން ދިޔައީ މައިބަފައިކަމުގެ ކުލުނުވެރިކަމާއި، ގާތްތިމާގެ ކަމުގެ އޯގާވެރިކަމާއި، އިންސާންކަމުގެ އަބުރުވެރިކަމާ މަރުވަމުންނެވެ. ދެން މުދައު ގިނަވެ ތަނަވަސްވެ މީހުންގެ ލޯތައް މަށާ ދިމާޔަށް ހުއްޓި މީހުން އަދަބުވެ އެބަހަރަވެއެވެ. އެހެން ވީވީހެން އަޅުގަނޑުގެ ހިތްދަނީ މީހުންގެ މައްޗަށް ކުޑައިވަމުން ފައުނުގެ މައްޗަށް ބޮޑާވަމުންނެވެ. މި ކަހަލަ މުއްސަނދިކަމަކުން ސުވަރުގެއާއި ބާއްޖަވެރިކަން ލިބޭނޭ ކަމަށްހޭ؟ އީމާންކަމަކާއި ލަފާކަމެއް އަންނާނޭ ކަމަށްހޭ؟ ތިޔަހެން ނަމަވާ ޤާރޫނުގެ ތަޅުދަނޑިފަތި މޫސާގެފާނުންގެ ޢަޞާކޮޅަށްވުރެ މޮޅުވީސްތާއެވެ...." މި ޢިބާރާތަކީ މިހާރަށް ވެސް ކަމުދާ ވާހަކަފުޅުތައް ނޫންތޯ އެވެ؟ ކިހާ އަސަރުގަދަތޯއެވެ! ކިހާ މާނަ ފުން ތޯއެވެ! ހައްތާ ވެސް މިފަދަ މިސާލުތަކެވެ. ދެން އެ މަނިކުފާނު ތަރުޖަމާކުރެއްވި ކީރިތި ރަސޫލާގެ ސީރަތުގެ ޢިބާރާތްތަކާމެދު ފުން ނަޒަރެއް ދެއްވަބައްލަވާށެވެ! މިފަދަ ތަރުޖަމާއެއް، މިއަދާ ހަމަޔަށް ވެސް އެހެން އަދީބަކަށް ނުގެންނެވެނީ ކީއްވެގެންތޯ ވިސްނައިލާން ޖެހެއެވެ. މިއީ އަޅުގަނޑުމެން ވަރަށް ޢާއްމުކޮށް އަހައި ކިޔައި ހަދާ ފޮތަކަށް ވާތީ، އެ ފޮތުން އަޅުގަނޑު ވަކި ޢިބާރާތެއް ނަކަލެއް ނުކުރާނަމެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ރަސްމީ ތަޢުލީމުގެ ދަންމަރުކަމުގައިވާ "މަޖީދިއްޔާ"ގެ އަޞްލު ފެށުމަކީ އެ މަނިކުފާނު އަމިއްލަފުޅަށް އުފެއްދެވި "މަދްރަސަތުއްޞަލާހިއްޔާ" ކަމަށް ވީކަމީ އެ މަނިކުފާނު ދިވެހި ބަހަށާއި ދިވެހިރާއްޖޭގެ ތަޢުލީމަށް ކުރެއްވި އަގުހުރި ޚިދުމަތުގެ ފުޅާކަން ހާމަވާ ކަމެކެވެ. އަދި ސަރުކާރުން އުފެއްދެވި މަދްރަސަތުއްސަނިއްޔާ (ފަހުން އަދި މިހާރު) މަޖީދިއްޔާ ގެ ފުރަތަމަ ނާޒިރަކީ ޞަލާޙުއްދީނެވެ.

އާދެ! މި ފަދަ އެތައް ސަބަބުތަކަކަށް ޓަކައި ދިވެހިރާއްޖޭގައި "ދިވެހިބަހުގެ ދުވަސް" ފާހަގަކުރާ ނަމަ އެ ދުވަސް ނިސްބަތްކުރުން އެންމެ ޙައްޤު ޝަޚުޞިއްޔަތަކީ ފަޟީލަތުއްޝައިޚު ޙުޞައިން ޞަލާހުއްދީން ކަމީ މި ކަމާ މެދު ފުންކޮށް ވިސްނައިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު އިޢުތިރާޟްކުރައްވާނެ ކަމެއް ނޫންކަން ކަށަވަރެވެ.

ދިވެހިބަހުގެ ދުވަސް ފާހަގަކުރުން، އަހަރުން އަހަރަށް ކުލަގަދަވެ، މި ދުވަހު ހިންގޭ ޙަރަކާތްތަކުގެ ސަބަބުން ދިވެހިބަހާމެދު މީހުންގެ ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވެ، ދިވެހިބަހަށް ކުރިއެރުން ލިބުމަކީ އަޅުގަނޑުމެންގެ އިޚުލާޞްތެރި ދުޢާއެވެ.
_____________
(ނިމުނީ)

މި ލިޔުން
     ފޮނުވުން:      ލިޔުންތެރީންގެ ގުޅުން
     އަލުންބެލުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ މެންބަރެއް)
     ޝާއިޢުކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ މެންބަރެއް)

 

ހަމަމިގަލަމުން

އިދާރާ

ވާހަކަ