އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (14)

ޝާޢިއުކުރީ ސައިކެރާ އިބްރާޙިމް ނަޢީމު . ހިމެނޭބަޔަކީ ވާހަކަ


ސައިކުރާ އިބްރާހީމް ނަޢީމް

                                                     (11 އޭޕްރިލް 2011 އާ ގުޅޭ ...)
އަޙުމަދުގެ މެޔަށް ފިސްތޯލައިގެ ދެތިން ހަތަރު އުންޑަ ގޮއްވައިލައިފި އެވެ. . . . . . . އާދެ! އަޙުމަދުގެ އަނގައިން ނާމާން ހަޅޭއްލަވައިގަތުމެކެވެ. . . . މަރުވެގެން ވެއްޓިއްޖެ އެވެ.

ހަމަ އެވަގުތު ކޮޓަރީގެ ބޭރުން އަޑެއް އިވޭން ފަށައިފި އެވެ. " ފިލައި އޮތީ ކޮންތާކުހެއްޔެވެ؟ އަހަރެމެންގެ ނައިޓް ކްލަބުން ރައްކާވެވިދާނެ ކަމަށްހެއްޔެވެ؟ . . . . . " ކުކުރަމުން ބުނާ އަޑު އިވުނެވެ. އަހަރެންގެ ނަމަ . . . ނަމަކީ . . . . ކެލެރޓް އެވެ.

"ތިޔައީ ކަލޭގެ ނަމެއް ނޫނެވެ. މަކަރުވެރިކަލޭގެ ބަލައިބަލާށެވެ!  ކަލެޔާ އެކު އުޅުނު އަނެއް މީހާ ކޮބައިހެއްޔެވެ؟"

"ވީތަނެއް ނޭނގެއެވެ."

". . . . .  ވީ ތަނެއް ނޭނގެޔޭ. . . . . ؟" . . . . . . . . . . .

އެ އިވުނީ ފިސްތޯލައެއް ގޮއްވައިލި އަޑެވެ. އެ އިވުނީ އެ މީހަކު މަރުވެގެން ވެއްޓުނު އަޑެވެ.

ކޮޓަރިތެރޭގައި އަޙުމަދު މަރައިލި މީހާ، އޭނާ އެއީ ކޮންފަދަ ވަގެއްތޯ ބަލަން އުޅެނިކޮށް މި އަޑެއް އިވިގެން ހުރީ ސަމާލުކަން ދީގެންނެވެ. ބޭރުން ފިސްތޯލަ ޖެހި މީހަކު ދޮރުގައި ޓަކިތަޅައިގެންފައި ބުންޏެވެ. "ވަގުންގެ އެކަކު މަރައިލައިފީމެވެ. ތިޔަ ކޮޓަރިތެރޭގައި އެކަކު ވާނެ އެވެ."

ހުސްޖަނގިޔާ ލައިގެން ހުރި މީހަކު އުފަލާއެކު ދޮރު ހުޅުވައިލައިފި އެވެ. (މި ފަހަރު ދޮރު ހުޅުވައިލީ އެތެރެއަށެވެ. އެ ދޮރަކީ ޙިކުމަތަކަށްޓަކައި އެއް ފަހަރު އެތެރެއަށް އަނެއްފަހަރު ބޭރަށް ހުޅުވޭނޭހެން ހަދައިފައިވާ ދޮރެކެވެ.)

ދޮރު ހުޅުވައިލައިފައި އެ މީހަކު ނުކުތުމާއެކު ބޭރުގައި ހުރި މީހާ އޭނާޔާ ޙަމަލަދީފިއެވެ. ފުރަތަމަވެސް ހިފީ ކަރުގައެވެ. ވައްޓައިލުމާއެކު ތަޅައި ބަލިކޮށްފި އެވެ. އޭނާ ވައްޓައިލުމަށްފަހު ފުރަތަމަ ބޮނޑި އެޅީ އެތެރޭގައި "މަރުވެފައި" އޮތް އަޙުމަދެވެ.

އަންވަރު:-  ކަލޭ ހެދީ ކިހިނެއްތަ؟

އަޙުމަދު:-  އަހަރެން ޕްލާސްޓިކް ވަޒަން ލީ ފިސްތޯލަ އޭނާ އަތަށް ދީގެން މަށާ ދިމާއަށް ގޮއްވައިލީ އެވެ. ބޭރުގައި ހަޅޭއްލެވީ ކަލޭދޯއެވެ؟

އަންވަރު:-  އާނއެކެވެ. އަވަހަށް ނުކުންނަމާ ހިނގާށެވެ!

ނުކުންނަމުން، ވައްޓައިލައިފައިވާ މީހާ ނަގައި އަންވަރުމެންތިބި އަލަމާރިއަށް ލުމަށްފަހު، އެތާނގައި ހުރި (ދެ މީހުންނަށް ހިފޭވަރުގެ) ލުއިލުއި ކުޑަކުޑަ އަލަމާރިއެއް ދޮރުގައި ލައްކޮށްފައި އެ ކޮޓަރީން ނުކުމެއްޖެ އެވެ. ކޮޓަރީން ނުކުމެވުނު ނަމަވެސް ސަލާމަތެއް ނެތެވެ.  ހަމަބިމާ ހަމަޔަށް އެރުމަށްޓަކައި ހަދައިފައި ހުރި ހަރުތަކުން އަރައި ބަލައިލި އިރު ސަރާސަރު ބިމެއް ފެންނާން ފެންނާން އޮތެވެ. ވަށައިގެން އެކިވަރުގެ ތަންތަން ފެންނާން ހުއްޓެވެ. ހަނި ގޯޅިތަކާއި ބޮޑެތި މަގުތައް ވެސް ފެނެއެވެ. ދާދި ކައިރީގައި ހުރި ކުޑަ ގެޔަކުން ވަރަށް ގިނަ ބަޔަކު ވާހަކަދައްކާ އަޑު އިވެއެވެ. ހަދާނެ އެއްވެސް ގޮތެއް ނެތިއްޖެ އެވެ. ދާނެ ދިމާއެއްވެސް ނޭނގުނެވެ.

އަޙުމަދު:- އަހަރެމެން މިއައީ ބިންގަރާސް ކޮޓަރީ އަލަމާރީގައި އެ މީހާ ބަހައްޓައިފައި އަލަމާރިތައް ތަރުތީބު އޮޅުވައިލައިފައެވެ. މިހެން ރައްކާނުވެ ގިނަ އިރު ތިބެން ހަދައިގެން ސަލާމަތެއް ނުވާނެ އެވެ. މޮޅު ގޮތެއް ވިސްނާށެވެ! ތިޔަހަރަ ގެއިން މީހުންތައް ނުކުމެއްޖެ ނަމަ ދެން ވަންނާނީ ކޮންތާކަށްހެއްޔެވެ؟

އަންވަރު:-  (ކުޑަކޮށް ވިސްނައިލައިފައި . . . . . . . ސިއްރުސިއްރުން . . . ) . . . . ކަލޭ . . . . އަހަރެން . . . . .  އެ މީހުންގެ . . . . . ދާނީއެވެ. . . . . . . އިނގޭ! . . . .  ހޫނ!. . .

އަންވަރުގެ އަތުން ޖެހިޖެހީނުން އަޙުމަދު ވައްޓައިލައިފި އެވެ. އަޙުމަދު ރޮއިގެންފި އެވެ. ރޮއިރޮއި އޮއްވައި އޭނާ ނަގައިގަނެގެން ގެންގޮސް އެގޭ ދޮރުމައްޗަށް ވައްޓައިލައިފައި ޓަކިތަޅައިނުގަންނަނީސް، އެންމެންހެން ނުކުމެއްޖެ އެވެ.

އަންވަރު:-  މިސްޓަރ ބޭކަރ އަންގަވއިގެން އޮފީލިޔާގެ ބޭބެ ހޯދަން ގޮސްގެން ވަރަށް މަސައްކަތުން މި އޮތީ އަތުލައިފައެވެ. މިހެން ބުނަމުން މާނޭވާތަކެއް ލަމުން އޭނާގެ ޖީބަށް އަޅައިފައިހުރި ތަނުން ރަތްތަރި ޖެހި ސިޓީއެއް ނަގައި ދިއްކޮށްލައިފައި، މި ސިޓީ ރަނގަޅަށް ރައްކާކޮށްފައި ބޭއްވުމަށް ބޭކަރ ބުނުއްވިއެވެ. އަދި ޖަންގައްޔަށް ނުކުންނަން ހުރި ސިއްރު ދޮރާށީގެ ކޮންމެވެސް އެއް ފަރާތެއްގެ ޖަލުގައި މީނާ ހައްޔަރުކުރާންވެސް ބޭކަރ ބުނުއްވި އެވެ.

މި ވާހަކަތައް ކައްކަން ހުއްޓައި އަޙުމަދު ފިސްތޯލަ ނަގައިފި އެވެ. ގިނަ ވަގުތުތަކެއް ނުކޮށް އަންވަރު ހިފަހިފައި އޮއްވައި އަންވަރުގެ މުލައްދަނޑިއަށް ގޮއްވައިލައިފި އެވެ. ފައިބައިގަތް ލޭތައް އަޙުމަދުގެ އަތުން ދެ މީހުންގެ މޫނުގައި އެ އަވަސް އޮޅުލުމުގެ ތެރޭގައި ހާކައިފި އެވެ. އާދެ! އޭނާގެ ހުޝިޔާރު މަޤްޞަދު ޙާޞިލުވެއްޖެ އެވެ. ވަގުންގެ އެއްވެސް މީހަކަށް ސިފަ އޮޅުން ނުފިލާނޭ ގޮތަށް ދެ މީހުންގެ މޫނު ވަނީ ލެއިން ތަތްތެޅިފައެވެ.

އެހެން މީހުންގެ ތެރެއިން ގިނަ މީހުން ތިބީ ރާބޮއިގެން ކަމުން މާ ބޮޑަކަށް ކައިރިއެއް ނުވެ އެވެ. ފޯރި ދީދީ ތިބީއެވެ.

އަންވަރު:- މީނާ ހައްޔަރުކުރާން އުޅެމާ ހިނގާށެވެ! އަހަރެންވާ މިހިރީ މީނާގެ ސަކަރާޓުގައި ލެއިން ތެމި ފޯވެފައެވެ. ދެން އޮތް  ތަނަށްވެސް އަހަރެން މީނާއާ ހިފައިފާނަމެވެ. ނަމަވެސް އެ ދޮރޯއްޓަށް ދާއިރު، އަދި ކޮންމެވެސް މީހަކު އައިސްދޭށެވެ!

އެހެންކަމުން އޮފީލިޔާގެ ބޭބެ ހައްޔަރުކުރުމަށް ޓަކައި އަންވަރާއެކު ސިއްރު ދޮރޯށި ހުރި ތަނަށް  ދިޔުމަށް އެ ތަނުން މީހަކު ހިނގައިގެންފި އެވެ. ވަރަށް ގިނަ މަގުތަކަކުން ހިނގުމަށް ފަހު ވަށް ބުރެއްގެ ވަށައިގެން އެނބުރޭން ޖެހޭ ތަނަކުން ދިޔުމަށްފަހު އެ ދޮރާއްޓެއްގެ ކައިރިއަށް ދެވިއްޖެ އެވެ. މި ހުރިހާ ތަނެއް ހުރި ގޮތް އަނަވަރާއި އަޙުމަދު ރަނގަޅަށް ބަލަމުން ގެންދިޔައެވެ. މި ތަނަކީ ނައިޓްކްލަބްގެ ތަނެއް ނަމަވެސް މިތާގެ ބޭރުން ފެންނަނީ ފަގީރުންގެ މީހުން ދިރިއުޅޭ އަވަށްގަނޑެއްގެ ގޮތުގައެވެ. ތެދެއްމެއެވެ. ވަށައިފާޜުގެ ކައިރީގައި ހުންނަ ކުދިކުދި ޖިފުޓީގައި ވަގުންގެ މީހުން ފަގީރުންގެ ސިފައިގައި ވެސް އުޅެއެވެ.

ދޮރޯށީގެ އެއް ފަރާތުން ފާޜުގައި ހުރި ދޮރެއް ހުޅުވުމަށްފަހު، އަޙުމަދު އެ ތަނަށް ލުމަށްޓަކައި އަތުގައި ބިޑިއަޅުވަނީ އެވެ.  އަންވަރާ އެކުގައި އައި އަނެއް މީހާއެވެ. ބިޑިއަޅުވަން އުޅެން ފެށުމުން އަޙުމަދު ގަދަދައްކާން ފަށައިފި އެވެ. އެހެންކަމުން އޭނާއަށް ޖެހުނީ ހިފައި އޮޅުލާށެވެ. މި ދެ މީހުން ހިފަނިކޮށް އަންވަރުގެ ފިސްތޯލަ، ފަރުވާތެރިކަމާއެކު ނެގުމަށްފަހު، އެ މީހާޣެ ފުރަގަހުގައި ހުރެފައި ބުރަކަށްޓަށް ގޮއްވައިލައިފި އެވެ. ފަސް ހަ ވަޒަން ހުސްކޮށްލި އިރު އެންމެ ނޭވާއެއްވެސް ނުލައި މަރުވެގެން އޭނާ ވެއްޓިއްޖެ އެވެ.

އަންވަރު:- ދެންވެސް ދާށެވެ!  މި ޖަންގަލީގެ ދިގުމަގު ހުރި ގޮތަށް ދާށެވެ!

އަޙުމަދު:-  ކަލޭ ދާނީ ކޮން އިރަކު ހެއްޔެވެ؟

އަންވަރު:-   އަހަރެން އަދި ދާނީ ކާރެއްވެސް ހޯދައިލައިގެންނެވެ. . . . . . . .

އަންވަރު ދުވެފައި ދިޔައީ އަނެއްކާވެސް އެތެރެއަށެވެ. އޭނާ މަގު ފާހަގަކުރީ އަތުން ފޭބި ލޭ ތިކިތަކުންނެވެ. ދުވަމުން ހަޅެއްލަވަމުން އެއްކަލަ ގޭ ކައިރިއަށް ހިނގައްޖެ އެވެ.  "ކަމަކު ދާކަށް ނެތެވެ. އޮފީލިޔާޣެ ބޭބެ އަހަރެމެންގެ އަނެއް މީހާގެ ގަޔަށް ފިސްތޯލަޖަހައިފައި ދުވެ ފިލައިފި އެވެ. ޖަންގަޅިގެ ތެރޭގައިވާ ދިގު މަގުން ދުވެފައި އެބަ ދެއެވެ. އަވަހަށް ކާރެއް ނެރެދޭށެވެ! އޭނާ އަތުލައިގަނެވޭނީ އަދި ދެ މީހަކު އައިސްދީގެންނެވެ. އަހަރެންވެސް ހިނގައިދާނަމެވެ.

ވަރަށް އަވަހަށް ކާރެއް ނެރެފި އެވެ. ހެދުން ބަދަލުކޮށްގެން ކާރަށް އަރައި ދެ މީހުން އިށީނދެއްޖެ އެވެ. ފަހަތު ސީޓްގައި އިނީ އަންވަރެވެ. ކުރީގައި އނެއް ދެ މީހުންނެވެ.

ޖަންގަލީގެ މަގުތަކަށް ނުކުމެވުނު އިރު "އޮފީލިޔާގެ ބޭބެ" ފެންނާން ހުރީ ހަމަ ކިރިޔާއެވެ. . . . . . ކާރު ދުވެލި ބާޜުކޮށްލައިފި އެވެ. . . . . . . . މިހާރު ވަރަށް ކައިރިއަށް ދެވިއްޖެ އެވެ. އަންވަރުގެ އަތުން ފިސްތޯލަ ހިފައިގެން ހުޝިޔާރަށް އިނެވެ. . . . . . . . . . .  "ޓަޓަސް" . . . . . . . ދެއަތުން ދެ މީހުންގެ ގަޔަށް ފިސްތޯލަ ޖަހައިފި އެވެ. ކާރުން ދަމައި ނެރެ، ބޭރަށް ވައްޓައިލުމަށްފަހު، އަޙުމަދު ކާރަށް ލައިގެން ދުއްވައިލައިފި އެވެ. ދުރުދުރު މަގުތަކުން އަޅައިފައި އެ ދެ މީހުންގެ ގެޔަށް އާދެ! އެވަރ ބްލޫ އަށް ހިނގައްޖެ އެވެ.

ބިރުވެރި ހުވަފެނެއްގައި

ނައިޓްކްލަބަށް ދިޔަ ރޭގެ އަނެއް ދުވަހެވެ. އަންވަރާއި އަޙުމަދަށް ލިބިފައިވާ ވަރުބަލިކަން ފިލުވައިލުމަށްޓަކައި އެވަރބްލޫގެ ދޮރުތައް ރަނގަޅަށް ތަންޑު އަޅައިގެން ނިދައިލުމަށްޓަކައި ތައްޔާޜުވަނީ އެވެ. ގެނައި ފިސްތޯލަތަކާއި އަތުބޮންތައް އަދި ޚާއްޞަކޮށް ރަތްތަރީގެ ސިޓީތައް ފެން ނުވަންނަ ކަހަލަ ދަގަނޑު ފީފާއެއްގައި ބަންދު ކުރުމަށްފަހު ފާޚާނާގެ ވަޅުގެ އަޑިއަށް ފައްތައިފި އެވެ. ނިދުމަށްޓަކައި ދެ މީހުން އެކުގައި އޮށޯތުމަކަށް އެކަކުވެސް ހަމައެއް ނުޖެހުނެވެ. އެހެންކަމުން ފުރަތަމަ އޮށޯތީ އަޙުމަދެވެ. އެ ވަގުތުކޮޅުގެ ތެރޭގައި އަންވަރު މަސައްކަތް ކުރީ އޭނާގެ މުލައްދަނޑީގައި ބޭސް އެޅުމަށެވެ. ދަންފަޅި ފަދަލުކުރުމަށް ފަހު އަންވަރު އޮށޯވެއްޖެ އެވެ.

އަންވަރުގެ މުޅި ހަށިގަނޑަށް ލިބިފައިވާ ވަރުބަލިކަމާއި މުލައްދަނޑީގައި ބޭސް އެޅުމުން ލިބުނު އަރާމާ އެކުވެގެން ވަރަށް ފަސޭހައިން އޭނާ އަށް ވެސް ނިދިއްޖެ އެވެ.

ދާދި ކައިރީގައި އަޙުމަދު، ފިކުރުތަކާއި ޚިޔާޅުތަކުގެ ތެރެއަށް ގެއްލިފައި އިނެވެ. ކުއްލިއަކަށް މިސްޓަރ އަންވަރު ހަޅޭއްލަވައިގެންފި އެވެ. ބިރުން ތުރުތުރު އަޅާފަދަ ޙާލެއްގައި ދެއަތުން ހޯހޯގޮވާޏް ފަށައިފި އެވެ. . . . . . . . . . އިރުކޮޅަކު ހިމޭނުން އޮތުމަށް ފަހު އަނެއްކާވެސް ރޮއިގެންފި އެވެ. ކަނާތަށް ތަދުވެގެން އުޅޭ ގޮތަކަށް ވައަތުން ހިފަހައްޓައިގެން އުޅޭން ފަށއިފި އެވެ. (ނަމަވެސް ޒަޚަމްވެފައިވަނީ އޭނާގެ ވާތެވެ.)  އެހެންކަމުން އަޙުމަދު ވަރަށް ފަރުވާތެރިކަމާއެކު މި ފެންނަ ކަންތަކަށް ބަލަހައްޓައިގެން އިނެވެ. އަނެއްކާ ކޮންފަދަ މުޞީބާޓެއް ބާވައޭ ހިތަށް އަރައެވެ. ފިސްތޯލަ އޮތީ ނުރައްކަލެއް ފެނިއްޖެ ނަމަ ގޮއްވައިލުމަށްޓަކައި ތައްޔާރުގައެވެ.

މިސްޓަރ އަންވަރުގެ ދެއަތް މޫނުގައި އަޅައިފިއެވެ. ބަންޑުން ވެއްޓިގެންފައި ބާލީސް ދޮށަށް މޫނުލައިގެން  ރޯންފަށައިފި އެވެ. ކޮންމެއަކަސް ނިދީގެ އެއްވެސް އަރާމެއް އަންވަރަށް ނުލިބުނުކަން އެނގުމުން އަޙުމަދު ގަސްތުކުރީ އޭނާ މަރުނުވަނީސް އަވަހަށް ގޮވުމަށެވެ. . . . . . . . . . .  އޭތް! ތިޔަ އުޅެނީ މީހަކު ވިހައެއް ކާންދީފައި އޮތް ކުއްތާއެއްހެންނެވެ. ތިޔަ އުޅެނީ އަމިއްލަޔަށް މަރުވާންހެއްޔެވެ؟ . . . . . . . . .

 އަންވަރު ތެދުވެ ވަށައިގެން ހޯދާންފަށައިފި އެވެ. އަދިވެސް އިނީ ނިދީގެ ތެރޭގައިހެން ހީވެގެން އަޙުމަދު އޭނާ ރަނގަޅަށް ހޭލައްވައިލައިފި އެވެ.

 އަޙުމަދު:- ކަލެޔަށް ވީ ކިހިނެއް ހެއްޔެވެ؟
 
އަންވަރު:- އަހަންނަށް މިވީ . . . . . . . . . އާދަޔާ ޚިލާފު ގޮތެކެވެ.  އަނެއްކާ ވަރަށް ހެއްވާ ގޮތްތައްވެސް ހެދުނު ހެއްޔެވެ؟

 އަޙުމަދު:- ނޫނެކެވެ! ކަލޭ ޖައްސާ ވައްތަރުތައްވެސް ވާނީ ކޮންމެވެސް ތަޙުޤީޤެއްގެ ޖާސޫސީ ކަންތައްގަނޑަކަށެވެ. ނަމަވެސް އަހަންނަށް ލަދުން އިންނަން ކެރޭވަރެއް ނޫނެވެ.

 އަންވަރު:- ބުނަންހެއްޔެވެ؟ އަހަންނަށް ނިދުނުތަނާ ފެންނަނީ ހުވަފެނެކެވެ.. . . . . .  އުޅެވުނީ ފުލުހުންގެ ބަޔަކާ އެކު ޗުއްޓީއެއް ނަގައިގެން ޝިކާރަކުރާންގޮހެވެ.  އަހަރެން ވަރަށް ފިލަފިލައިގެން މިނިކާ ވަގަކަށް ބަޑިޖަހަން މަސައްކަތްކުރަނީ އެވެ. އަހަރެން އޮތީ މަރާލައިފައި އޮތް ވަގެއްގެ ހަން ލައިގެން ހަތަރެސްފައި ޖަހައިގެންނެވެ. ވަގު އައިސް ކައިރިވީމާ ގޮއްވައިލާން ބެލި އިރު އަހަރެންގެ ކަނާންތަވަނީ ނެތް އެއްޗެކޭ އެއްވަރުވެފައެވެ. އަތުގެ ބަދަލުގައި އޮތީ ދަނޑިން ހަދައިފައިވާ އެއްޗެކެވެ. އެތެރެ އޮތީ ފީވެފައެވެ. އެހެންކަމުން އަހަންނަށް އެއްވެސް ކަމެއް ނުކުރެވިގެން އުޅެނިކޮށް ވަގު އައިސް އެ އަތުގައި ހިފައިފި އެވެ. ދެން ފެންނަނީ އަހަރެންގެ ރަނގަޅު އަތް، އެކަހަލަ އެތައް ވަގެއް ވެގެން ކާން އުޅެނިކޮށެވެ. އޮތީ މާ ދުރުގައެވެ. ނަމަވެސް . . . . . . . . . ކާން ނުފަށަނީސް ކަލޭ ތިޔަ ހޭލެއްވީ އެވެ. މީ ހުވަފެނެއް ކަމަށް ވިޔަސް މަގޭ ކަނާތް ފަދަ ކޮންމެވެސް އެއްޗަކަށް . . . . . . . ނޫންބާވައެވެ!! . . . . .

އަޙުމަދު:- ހުވަފެނާއި އުކުޑިކޮއްޓުމަށް އީމާންވާ މީހާ އެވެ! އަހަރެންވެސް ރޭ ފާޚާނާގައި އިންދައި ވަރަށް ބާރަށް ކިނބިއްސެއް އެޅުނެވެ. ހީވަނީ އަހަރެންގެ މަރުވެފައިވާ މަންމަ އަލުން ދުނިޔެއަށް އަންނަނީހެންނެވެ. އެހެންޏާ ފަހެ، . . . . . .  ކަލޭ ދެން ތިޔަފަދަ ހުވަފެންތަކަށް އީމާންވާންވެއްޖިއްޔާ ސަލާމަތް ކޮބައިހެއްޔެވެ؟

 އަންވަރު:- އެންމެ ރަނގަޅެވެ. ދެން އެ ވާހަކައެއް ނުދައްކާނަމެވެ. ހަވީރުވެސް ވެއްޖެ އެވެ. އަހަރެމެންނަށް ލިބުނު ސިޓީތައް ބަލަމާ ހިނގާށެވެ! ވަގުތުކޮޅު ކުޑަކަމުން ނެގުނު ސިޓީތައް ވަރަށް މަދެވެ. ނަމަވެސް އޭގައިވެސް އަގުހުރި ތަކެތި ހުންނާނެ އެވެ. . . . . . . . . . .

 ދެ މީހުން ވެގެން ދަގަނޑު ފީފާ ވަޅުން ނަގައިފި އެވެ. ހުރިހާ ސިޓީތައް ބަލާން ފަށައިފި އެވެ.

--------------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:

     ޓައިޕްކުރުން:   ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
     ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


އިދާރާ

އެނގޭތަ؟

ވާހަކަ