އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (6)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

23 އޭޕްރީލް (ހޮނިހިރު)އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

[ނާޖިޔާއެވެ.......]

[ކީކޭތޯއެވެ.]

[ކޮންމެވެސް މީހަކު ބައްދަލުކުރަން އައިސް އެބަހުއްޓެވެ.]

[އަޅުގަނޑާތޯއެވެ؟]

[އާނއެކެވެ.]

[ކާކުތޯއެވެ؟]

[ނޭނގެއެވެ. ގެއިން މީހަކު އައީ ކަންނޭގެއެވެ. ގޭޓްގެ ބޭރުގައި ކާރު އެބައޮތެވެ.]

[ކާރެކޭތޯއެވެ.]

[އާނއެކެވެ. ރަތްކާރެކެވެ. ރަޙްމޫ ބާބާ އޭނާ ގާތުގައި އެތެރެއަށް ކާރު ވައްދާށޭވެސް ބުންޏެވެ. އެކަމަކު އޭނާ އަވަސް އަރުވާލާފައި ހުރިވަރުން ބޭރުގައި ކާރު ބާއްވާފައި ނާޖިޔާއަށް ގޮވަނީއެވެ.]

ޖަޔާ ޙައިރާން ކަމާއެކު ސޯފިޔާ އަރްޝަދަށް ބަލާލަމުން ގޮނޑިން ތެދުވެއްޖެއެވެ. މިވަގުތު އޭނާ އަމްބަރު އާއި ޗީކޫއަށް ކިޔަވައި ދެނީއެވެ. ދެކުދިން މޭޒުގެ އަނެއް ފަރާތުގައި ތިއްބެވެ. ފޮތްތަކާ ކަރުދާސްތައް މޭޒުމަތީގައި ހުއްޓެވެ. ޗީކޫއަކީ ވާހަކަ ގިނަ ކުއްޖެކެވެ. ކިޔެވުމަށްވުރެ އިތުރަށް އޭނާ ޖަޔާ އާންޓީއާ ވާހަކަ އަޅުވާލާފައި އިނދެއެވެ. އަމްބަރު މަޑުމަޑުން ފޮތުގެ ތެރެއަށް ގެއްލިފައި އިދެއެވެ.

ސޯފިޔާ ޖަޔާއަށް މެސެޖްދީފައި ހިނގައްޖެއެވެ. އެވަގުތު އޭނާ އުޅެނީ ބަދިގޭގެ މަސައްކަތުގައެވެ. މެހްމާނުން ކޮޅަކަށް ދަޢުވަތުދީފައި އޮތުމާވެސް އެކުގައެވެ. އެހެންކަމުން ޖަޔާގެ ޙައިރާން ކަމާމެދު ވަކި އެއްޗެކޭ ނުބުނެ ދިޔައީއެވެ.

އަނެއްކާ ކާކުބާވައެވެ. ޖަޔާ ވިސްނާލިއެވެ. ބޭބެއަކު ނާންނާނެއެވެ. އޭނާ އައީވެސް ދެންމެއަކުއެވެ. އަމްޖަދު ބޭބެ އާއި ރައިޙާން ބޭބެ އަދި ސުލައިމާން ދިޔައީ ފިލްމަށެވެ. އަސަދު ހުންނާނީ ގޭގައެވެ. އެކަމަކު ކޮން ރަތް ކާރެއް ބާވައެވެ؟.......... އޭނާ ވިސްނަމުން ދޮރާދިމާއަށް ހިނގައިގަތެވެ.

[ފޮތްތައް ބަހައްޓަން ވީތޯއެވެ؟] ޗީކޫ އަވަސް އަވަހަށް ބުންޏެވެ.

[ނޫނެކެވެ. ފިލާވަޅު ކިޔާށެވެ. އަހަރެން މިއަންނަނީއެވެ.] ޖަޔާ ބުންޏެވެ.

[އާންޓީއެވެ. ރަތްކާރު އައީ އާންޓީ ބަލާތޯއެވެ؟] ޗީކޫ ސުވާލުކުރިއެވެ.

[ހިމޭނުން އިނދެބަލާށެވެ.] ޖަޔާ އިތުރު އެއްޔެކޭ ބުނުމުގެ ކުރީގައި އަމްބަރު ބުނެފިއެވެ.

[އަހަރެން އެބަ އަންނަމެވެ.] ޖަޔާ ދޯޕައްޓާ ރަނގަޅު ކޮށްލަމުން ކޮޓަރިން ނުކުމެއްޖެއެވެ. މަގުމަތީގައި އޮތް ރަތްކާރަށް ނަޒަރު ހުއްޓުމާއެކު އެކުވެރި ސާއިރާގެ މަތިން ހަނދާން ވެއްޖެއެވެ. އެކަމަކު ސާއިރާ މިތަނަށް އައީ ކީއްކުރަން ބާވައެވެ.

ހިތާހިތުން ސުވާލުކޮށް ޖަވާބުދެމުން އޭނާ ގޭޓާ ހަމައަށް އަތުވެއްޖެއެވެ.

[ގެއިން ކޮންމެވެސް މީހަކު ބަލާ އަތުވެއްޖެއެވެ............] ރަޙްމޫ ބާބާ ގަސްތަކަށް ފެންދޭން ހުރެފައި ޖަޔާ ފެނުމާއެކު ބުންޏެވެ.

[ނަމެއް ނުބުނޭތޯއެވެ؟]

[ނަވީދު ސާހަބެވެ.] ރަޙްމޫ ބުންޏެވެ.

]ނަވީދު.......] ޖަޔާގެ ހިތް ހުއްޓިއްޖެއެވެ. އޭނާގެފައި އެހުރިތާގައި ހަރުލައިފިއެވެ.

ނަވީދު އައީ ކީއްކުރަން ބާވައެވެ.........؟؟؟

އޭނާގެ ސިކުނޑީގައި ހަލަބޮލިކަމެއް އުފެދުނެވެ.

އޭނާ ރަޙްމޫބާބާގެ ކައިރީގައި ހުއްޓާ ނަވީދަށް ފެނުނީ ކަންނޭގެއެވެ. ކާރުގެ ބަރުގޮނު އަޅާލައިފިއެވެ.

ޖަޔާ ސިހިއްޖެއެވެ...... އިސްއުފުލާ ގޭޓާ ދިމާއަށް ބަލާލައިފިއެވެ. ކާރުގައި އިނީ ހަމަ ނަވީދެވެ.

އޭނާ ދާންވީ ހެއްޔެވެ. ނުދާންވީ ހެއްޔެވެ؟....... ސިކުނޑީގައި އެނބުރެމުންދާ މިސުވާލަށް ދޭނެ ޖަވާބެއް ނޭގުނެވެ. އޭނާ ހަމަ އެހުރިގޮތަށް ހުރީއެވެ....... އަނެއްކާވެސް ބަރުގޮނު އަޅާލައިފިއެވެ.

[ކިހިނެތްވީ ހެއްޔެވެ؟] ރަޙްމޫބާބާ ފެންހޮޅި ބާއްވާފައި އުނަގަނޑު ސީދާކޮށްލަމުން ބުންޏެވެ. [ކަމެއް ނުވެއެވެ.]

ދެން ބޭއިޚްތިޔާރުގައި އޭނާގެ ފިޔަވަޅުތައް ގޭޓާ ދިމާއަށް އެޅެން ފަށައިފިއެވެ.

ނަވީދު ކުރީ ސީޓުގ ދޮރު ހުޅުވާލިއެވެ. އޭނާގެ ރީތި މޫނުގައި ހާސްކަމާ ފިކުރުބޮޑުވުމުގެ އަސަރުތައް ފެންނަން ހުއްޓެވެ. ނޫކުލައިގެ ފުން ލޮލުގައި އުދާސްކަމުގެ އަނދިރިކަން އެކުލެވިފާވެއެވެ.

އޭނާ ހިތާމަވެރި ހިނިތުންވުމަކާއެކު ޖަޔާއާ ދިމާއަށް ބަލާލަމުން ބުންޏެވެ. [އަންނާށެވެ.]

ޖަޔާ ފުން ނަޒަރަކުން އޭނާއާ ދިމާއަށް ބަލާލިއެވެ. އޭނާހުރީ ކާރުގެ ހުޅުވާފައިވާ ދޮރުކައިރީގައެވެ. ފިނިފެންމާ ކުލައިގެ ހެދުން އަޅާފައި ހުރުމާއެކުގައިވެސް އޭނާގެ މޫނުގެ ކުލަ ފަނޑުވެއްޖެއެވެ. ހިތް ބާރަށް ތެޅެއެވެ. މުޅިގައިން ހިނިހިރުވާ ކަހަލައެވެ.

[އަންނާށެވެ.........] ނަވީދުގެހިތާމަވެރި އަޑުގައި އާދޭހުގެ ރާގު އެކުލެވިފާވެއެވެ.

[ކީއްކުރަންވަންތޯއެވެ؟] ޖަޔާގެ އަނގައިން އަޑުނުކުތެވެ.

ނަވީދު ފުންނޭވާއެއް ދޫކޮށްލިއެވެ. ކަތިލެވިފައިވާ ހިނިތުންވުމެއް ތުންފަތް މައްޗަށް ގެންނަމުން ޖަޔާ ގާތުގައި ބުންޏެވެ........ [އަހަރެން ވާހަކައެއް ބުނެލަން ބޭނުމެވެ.]

[ބުނާނެ އެއްޗެއް ބާކީވެފައި އެބައޮތްތޯއެވެ. ވާހަކަދައްކަން ތިބިމީހުން ހުރިހާވާހަކައެއް ދައްކާ ނިންމައިފިއެވެ.

[ޖަޔާއެވެ. ކަލާނގެ ރަސްކަންފުޅަށް ޓަކައެވެ.] އޭނާ އުދާސްކަމުގެ އިޙްސާސުން އަނދަމުން ބުންޏެވެ. [އަހަރެންގެ ވާހަކަވެސް އަހާބަލާށެވެ.]

[ނަވީދު ބުނުއްވާނީ ވަކިކީކޭތޯއެވެ.] ޖަޔާ އެއްވެސް ޖެހިލުމެއްނެތި ބުންޏެވެ. [އަޅުގަނޑުމެންގެ ޙާލުހުރީ އެއްޗެއް ބުނެވޭހާ ފެންވަރުގައި ނޫންކަން ނަވީދަށްވެސް އެނގިލައްވާނެއެވެ.]

[އަހަރެމެން ދެމީހުންނަށް ތިޔަކަމުގައި ގޮތެއް ނިންމިދާނެއެވެ. އަހަރެމެންގެ މައިންބަފައިންނަކީ އެއްބަނޑު މީހުންނެވެ. އަހަރެމެންގެ ގާތްކަމަކީ ލޭގެ ތިމާގެކަމެވެ. މިކަންވެސް ކެނޑިގެން ހިނގައްޖެއްޔާ އެމީހެއްގެ ގޮތުގައި އެމީހަކަށް ހުރެވިދާނެއެވެ. އަހަރެމެން ދެމީހުން ވިސްނައިފިއްޔާ.........]

އޭނާ މަލާމާތުގެ ފާޑަކަށް ހީލިއެވެ.

[ޖަޔާއެވެ. ކުޑައިރުކޮޅަކަށް އަހަންނާ އެކުގައި ހިނގާށެވެ.]

[ކޮންތާކަށް ތޯއެވެ.]

[ކޮންމެވެސް ތާކަށެވެ.]

[އަޅުގަނޑަކަށް ނުވިސްނުނެވެ.]

[ވަކިތާކަށް ނޫނެވެ. ދެމީހުން އެއްބައިވެގެން ވިސްނާލަން ވެގެންނެވެ. ފަހަރެއްގައި ގޮތެއް ފެނިދާނެއެވެ.]

[ތިޔަކަންތައް ނަވީދު އަމިއްލައަށްވެސް ކޮށްލެވިދާނެއެވެ.]

[ނޫނެކެވެ. ޖަޔާއެވެ.... އަހަރެންގެ ސިކުނޑި ކަންނެތް ވެއްޖެއެވެ. އަހަންނަށް އެކައްޗެއްވެސް ނުވިސްނެއެވެ. އަހަރެންގެމީހުން އަހަރެން މީހަކާ ދެވަން އުޅެނީއެވެ.]

ޖަޔާ ރުޅިވެރި ނަޒަރަކުން ބަލާލިއެވެ. އަދި މަލާމާތުގެ ރާގުގައި ބުންޏެވެ. [މީހަކާ ދެވަން އުޅެނީއެވެ. އަދި ނަވީދަށް އެކަން ޤަބޫލުކުރަން މަޖުބޫރުވީއެވެ.]

[ތިޔަހެން ނުބުނާށެވެ.] ނަވީދު ކާރުގެ ހުންގާނުގައި ބާރަށް ހިފަހައްޓާފައި ލޯމަރާލިއެވެ.

[ނަވީދުއެވެ. މިތަނުން ދުރުވާށެވެ.] ޖަޔާ ދުރަށް ޖެހިލިއެވެ.

[ނޫނެކެވެ. ޖަޔާއެވެ...........]

[އަޅުގަނޑަކަށް ނަވީދަކާއެކު ނުދެވޭނެއެވެ.]

[ކަލާނގެ ރަސްކަންފުޅަށްޓަކާ ތިޔަހެން ނަހަދާށެވެ. މިއީ އަހަރެމެންގެ ޙަޔާތާބެހޭ މުޢާމަލާއެކެވެ. އަހަރެމެންގެ އުފަލެވެ.]

[ތިޔަކަހަލަ އުފާތަކެއް ބަހާކަށް އަޅުގަނޑު ބޭމުނެއްނޫނެވެ. ތިޔަ އުފަލަކީ ޢާއިލާއާއި އާދަކާދަ ފުނޑުކޮށްލަން ޖެހޭފަދަ އުފަލެކެވެ........]

[ޖަޔާއެވެ.... ތިހިރީ ކިހިނެއްވެފާ ހެއްޔެވެ. ނިކަން ވިސްނާލަބަލާށެވެ. އަހަރެން މިއުޅެނީ ޖަޔާ ޖަހައިގަނެގެން ގެންދާކަށް ނޫނެވެ. ޖަޔާގެ މައިން ބަފައިންނަށް ސިއްރުން ގެންދާކަށް ނޫނެވެ. އަހަރެން ބޭނުންވަނީ ހަމައެކަނި މިކަމާ ބެހޭގޮތުން ހިމޭންކަމާއެކު ވިސްނާލުމަށެވެ. އޭރުން އަހަރެމެންނަށް ގޮތެއް ނިންމިދާނެއެވެ. ހާލާތުގެ މިޞްރާބު ބަދަލުކޮށްލެވި ދާނެއެވެ.]
[ތިޔަކަންތައް އަމިއްލައަށްވެސް ކޮށްލެވިދާނެއެވެ.]

[ކިހިނެއް ހެއްޔެވެ؟]

[އަމިއްލަ އެދުމާ އަމިއްލަ އުފާ އަދި ތިމާ ރުހޭގޮތެއް މައިންބަފައިންނަށް ހުށަހަޅުއްވާށެވެ. ދެން އެގޮތުގައި ދަގަނޑު ފަރުބަދައެއް ފަދައިން ގާއިމުވެ ހުންނަވާށެވެ.] ނާޖިޔާ ބުންޏެވެ.
ނަވީދު ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުއްޓެވެ.

ނާޖިޔާ ހިނިތުންވެލިއެވެ. [މިގޮތަށް ކަންތައްތަކެއް ނުކުރެވޭނެތޯއެވެ.]

[ޖަޔާއެވެ.]

[ހާސްކަމުގެ ޖުއްބާލެއްވުމުގެ ބޭނުމެއްނެތެވެ. ނަވީދާއެކު އަޅުގަނޑަކަށް ނުދެވޭނެއެވެ. ލޯބީގެ އަދަބުތަކަކީ ކޮބައިކަމެއް ނޭގެއެވެ. އެކަމަކު މައިންބަފައިންގެ ޢިއްޒަތަކީ އަދަބުތަކަކީ ކޮބައިކަން ރަނގަޅަށް ދަންނަމެވެ. އަމިއްލަ ފުރާނައަށް ވުރެވެސް ބޮޑަށް އެމީހުނާމެދު ކަމޭހިތަން ޖެހޭނެއެވެ. ތިޔަދުރުވީ އަޅުގަނޑު ނަވީދާއެކު ހިނގައިދާނެ ކަމުގައި އުއްމީދު ކުރައްވައިގެން ތޯއެވެ. އަޅުގަނޑުގެ މައިންބަފައިންގެ ޢިއްޒަތާ ޤަދަރުގައި ކޮޅުފައިން ޖަހާފައި ނަވީދުގެ މައިންބަފައިން ގާތު ލޯތްބަށް ސަލާންޖަހާފާނެ ކަމުގައި ހީކުރައްވައިގެން ތޯއެވެ. ނޫނެކެވެ...... ތިޔައީ ކުށް ހީއެކެވެ.]

[ޖަޔާއެވެ.]

[ނަވީދަކީ ފިނޑިމީހެކެވެ. މައިންބަފައިންނާ އެއްބަނޑުމީހުންގެ ކުރިމަތީގައި ފިރިހެނަކަށްވެގެން އަނގަހުޅުވާހާ ހިތްވަރެއްނެތް މީހެކެވެ. އަމިއްލަ އެދުމަކީ ކޮބައިކަން ފާޅުކޮށްދިނުމުގެ ހިތްވަރެއްނެތެވެ. ދެން މިތަނަށް ދުރުވީ ކީއްކުރަންވަން ތޯއެވެ؟]

[ޖަޔާއެވެ. ތިޔައީ އެއްވެސް ރަޙްމެއްނެތް އަންހެނެކެވެ.]

[އަޅުގަނޑުގެ ގޮތަކީ މިއީއެވެ.]

[އަހަންނާއެކު ނުދާނަން ހެއްޔެވެ؟]

[ތިޔައީ ސުވާލެއް އުފެދެންވީ ކަމެއްނޫނެވެ.]

[ޖަޔާއެވެ. ތިޔަހަދަނީ ގޯހެކެވެ. ތިޔައުޅެނީ ނަސީބުގައި ކޮޅުފައިން ޖަހަން ވެގެންނެވެ.]

[އަޅުގަނޑު ތިޔަކަހަލަ ކަންތައްތަކާ ނުވިސްނަމެވެ. އެކަމަކު ތިޔަދައްކަވާ ވާހަކަތަކުން ކޮންމެވެސް ވަރެއްގެ އުނދަގުލެއް އެބަލިބެއެވެ.

ނަވީދު ރުޅި އަތުވެއްޖެއެވެ. އޭނާ ޖަޔާގެ ކައިރިއަށް މިއައީ ކިހާބޮޑު އުންމީދަކާ އެކުގައި ހެއްޔެވެ. ކުރީދުވަހަކު ފާރުގެ ފުރަގަހުގައި ހުރެގެންވެސް އޭނާ ނާޖިޔާއަށް ގޮވިއެވެ. އެރޭ ބައްދަލުވުމަށްވެސް އޭނާ އެދުނެވެ. އެއީވެސް ހަމަ މިހަމަނުޖެހުން ގަނޑުން ހައްލެއް ގެނައުމަށްޓަކައެވެ. އެކަމަކު އެރޭވެސް އޭނާ ބައްދަލެއް ނުކުރިއެވެ. މިއަދު އޭނާ މިއައީ ރައްޓެއްސެއްގެ ކާރު އަތުލައިގެން ހިމޭން ޖައްވެއްގައި ވާހަކަ ދައްކާލަން ވެގެންނެވެ. އެހެން ނަމަވެސް ޖަޔާ މިކަމަށް އިންކާރު ކުރީއެވެ. ހަމައެކަނި އިންކާރު ކުރީވެސް ނޫނެވެ. ހިތައް އެރިހާ ވާހަކައެއްވެސް ދެއްކީއެވެ. އޭނާ ނާޖިޔާމެދު އިންތިހާއަށް ޢިއްޒަތްތެރިކޮށް ނުހިތާނަމަ މިތަނުން ދިޔަތާ ކިތަންމެ އިރެކެވެ. އެކަމަކު އޭނާއަކަށް ނުދެވުނެވެ. އޭނާ ޖަޔާގެ ގާތުގައި އާދޭސް ކުރަނީއެވެ.

[ހަމަ ނުދާނަން ހެއްޔެވެ؟] ހިނދުކޮޅަކަށްފަހު ނަވީދު އަނެއްކާވެސް ރުޅިވެރި ރާގައަށް ސުވާލުކުރިއެވެ.

ޖަޔާ ބޯޖަހާލިއެވެ. އޭނާގެ ލޯތެމިއްޖެއެވެ.

[އަހަންނަކީ ދުރުހިލޭ މީހެއްވެސް ނޫނެވެ. ދެބޭންގެ ދެދަރި މީހެކެވެ.] ނަވީދު ބުންޏެވެ.

[ނަވީދުއެވެ. ބީރައްޓެހިކަމުގެ ފާރުތައް ވަރަށް މައްޗަށް އުފުލިއްޖެއެވެ. އަޅުގަނޑުގެ މައިންބަފައިންނަށް މޮޅިވެރިކަން ލިބޭފަދަ އެއްވެސް ފިޔަވަޅެއް އަޅުގަނޑު ނާޅާނަމެވެ.]
[އެހެންވީއިރު ޙާލަތުގެ ކުރިމަތީގައި ޖަޔާ ހަތިޔާރު ބެހެއްޓީތާއެވެ.]

[ހަތިޔާރު ބެހެއްޓުން ނޫންގޮތެއް......] އޭނާގެ އަޑު ބެދިއްޖެއެވެ. އެކަމަކު މާނޭވާއެއްލާފައި ބުންޏެވެ. [އަޅުގަނޑަށް ކުރެވޭނެ އެއްވެސްކަމެއް ނެތެވެ. ނަވީދުއާ އެކުގައި ދިއުމަކުންވެސް މި މައްސަލަ ޙައްލެއް ނުކުރެވޭނެއެވެ.]

[ދެން....... އެހެންވީއިރު ދެންވާނީ ކިހިނެއް ހެއްޔެވެ؟]

[ހަމަ އެގޮތެވެ. ނަވީދުގެ މައިންބަފައިން އެދިލައްވާ ގޮތެވެ. އެހެން ވާންޖެހޭ އެންމެބޮޑު ސަބަބަކީ ނަވީދުގެ ކިބައިގައި އެމީހުންނާއި ދެކޮޅަށް ބަސްބުނުމުގެ ހިތްވަރެއް ނެތުމެވެ. ހިތްވަރު ހުއްޓަސް ކުރެވޭނެކަމެއް ނެތެވެ.]

[ޖަޔާ އަހަންނާ އެއްކޮޅަށް ފިޔަވަޅު އަޅާކަށް ނެތީމުއެވެ. އަހަންނަށް ކުރެވުނީ ކުށްހީއެއް ކަންނޭގެއެވެ.]

އެކަށީގެންވެއެވެ........ ނާޖިޔާ ހިތްވަރުކޮށްފައި ބުންޏެވެ. އޭނާގެ ތެމިފައިވާ ލޯފެނިފައި ނަވީދަކަށް ކެތެއް ނުކުރެވުނެވެ.

[ޖަޔާއަކީ ވަރަށް ނުވިސްނޭ ކުއްޖެކެވެ.] އޭނާ ހަޅޭއްލަވައި ގެންފިއެވެ.

ނާޖިޔާ ނަވީދާ ދިމާއަށް ބަލާލަމުން ހިނިތުންވެލިއެވެ.

[ޖަޔާއެވެ. ރުޅި ނުދައްކާށެވެ. ތިޔަކަމުން ދެމީހުންނަށްމެ ގެއްލުން ލިބޭނެއެވެ.]

[އަދިވެސް އުއްމީދު ދުލެއް ނުކުރަމުތޯއެވެ.] ޖަޔާ ހީނލިއެވެ. [ދެގެދޭތެރޭގައި ދަގަނޑު ފާރެއްލެވުމުންވެސް ގޮތެއް ދުލެއް ނުކުރައްވަމުތޯއެވެ. ދުލުގެ އެތިފަހަރު ތަކުންޖެހި ޒަޚަމްވަމުންގޮސް ސިފަ ވަކިނުވާ ވަރަށް ޒަޚަމް ވެއްޖެއެވެ. ކަންތައްތައް ވާންވީގޮތަށް ވަނީއެވެ. ހުރިހާކަމެއް ހަމަޖެހިއްޖެއެވެ.

[ދެން އަހަރެން ކީއްކުރާނީ ހެއްޔެވެ.]

[ތަޤްދީރު ދިމާކުރި ގޮތާމެދު ޝުކުރު ކުރައްވާށެވެ.]

[ތިހިރީ ހިތްހަމަ ޖައްސާލައިގެން ހެއްޔެވެ؟]

[ލައްބައެވެ..........]

[އަބަދުވެސް ޖަޔާއާއިމެދު އަހަންނަށް ކުރެވެމުން އައީ ކުށްހީތަކެއް ނޫންކަމެއް ނޭގެއެވެ.]

[ހީކުރެވުނަސް ނުކުރެވުނަސް އެކަމުންވާނީ ކޮންކަމެއްތޯއެވެ؟]

[އަހަންނާ އެކުގައި ހަމަނުދާނަން ހެއްޔެވެ؟]

[ނުދާނަމެވެ.]

[ތިޔައީ ހަމަ އެންމެފަހުގެ ނިންމުން ހެއްޔެވެ؟]

[ކަށަވަރެވެ.]

[ޖަޔާ ތިޔައުޅެނީ ޖަޔާގެ ޙަޔާތުން އަހަރެން ބީކޮށްލަން ވެގެންނެވެ. ކުޑަކޮށްވެސް ދެރައެއް ނުވަމުއެވެ.]

އޭނާ ނަވީދުގެ ވާހަކައަށް ހީނގަތެވެ. އެކަމަކު ލޮލުގެ ތެތްކަން އިތުރުވެގެން ދިޔައެވެ.

[އަހަރެން ދާންވީ ހެއްޔެވެ؟]

[ލައްބައެވެ. ދުރުވާށެވެ.]

[ވިސްނާށެވެ. ދަންޏާދާނީ އަބަދަށެވެ.]
---------------
(ނުނިމޭ)

މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އަލްފާޟިލް ގައްދޫ މުޙަންމަދު ރަޝީދު
    ޝާއިޢުކުރުން: އާދަމް ނަޞީރު އިބްރާހީމް

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ