އަދުގެ ޚާއްސަ

Print

އެ ޤަތުލުގެ ސިއްރު (17)

ޝާޢިއުކުރީ SaIbNa . ހިމެނޭބަޔަކީ ވާހަކަ



ސައިކުރާ އިބްރާހީމް ނަޢީމް
                                                      (2 މެއި 2011 އާ ގުޅޭ...)

އަޙުމަދު:- ސަމާސާ ނުކުރާށެވެ! އޭނާ އަތުލައިގަތީ ކިހިނެއްހެއްޔެވެ؟

އަންވަރު:- އަހާށެވެ! އަހަރެން އޮތީ މަރުވެފައެވެ. އަހަރެން މަރުވަމުން ވަޞިއްޔަތްކުރީ  އޭގެ އެއް ގަޑި އިރު ފަހުން ހިލްބާންސް ރޯޑްގެ 14 ނަންބަރު ގެޔަށް އަހަރެންގެ މަރުގެ ޚަބަރު ދިނުމަށެވެ. އެހެންކަމުން ބޭކަރ އެ ގަޑިޔަށް ގެއިން ނުކުމެގެން ހިނގައްޖެ އެވެ. އަދި އޭނާޔާ އެކުގައި އަނެއް މީހާވެސް ދިޔައެވެ.

ހިލްބާންސް ރޯޑްއަކީ، ގާތްގަޑަކަށް 60 މޭލުގެ ބާރުމިނުގައި ކާރުދުއްވިނަމަ ވެސް ދޮޅުގަޑިއެއްހައި އިރުން
މެނުވީ ނުދެވޭފަދަ ދުރުގައިވާ މަގެކެވެ. އެހެންކަމުން އޭނާ ދިޔަތާ ވިއްސަކަށް މިނިޓްއިރު ވުމަށްފަހު ތެދުވެގެން މަޑުމަޑުން ނުކުމެ ފިލައިފީމެވެ.

ތަންކޮޅަކަށް ގޮސްފައި މަގުމަތީގައިހުރި ތެލިފޯން ކޮޓަރިއަކަށްވަދެފައި ބޭކަރްގެ ގެޔަށް ފޯނުކޮށްފީމެވެ. ވާހަކަ ދެއްކީ މިސްޓަރ ނާޒިމްއެވެ.

ތިޔައީ ނާޒިމްތޯއެވެ؟ ސިފަބަދަލު ކުރި ސާމާނު ރައްކާކޮށްފިންތޯ އަހާލިއިރު، އަހަންނަކީ މިސްޓަރ ބޭކަރް ކަމާމެދަކު އެއްވެސް ޝައްކެއް އެނާގެ ހިތަކުނެތެވެ. އެކަން އޭނާގެ ލަފްޒުތަކުގެ ދީލަތިކަމާ ބިރުކުޑަކަމުން އަހަންނަށް ތަރުޖަމާ ކުރެވުނެވެ.   އަދި އަހަރެން ފޮނުވާމީހަކު ގޭދޮށަށް ކާރެއްގައި ދާނެއެވެ. އޭނާގެ އަތުގައި ކަލެއަށް އޮތް ސިޓީއެއް އޮންނާނެއެވެ
އެސިޓީގައިވާ ގޮތަށް ހަމަމިހާރު  ކަންތައް ކުރާށެވެ. . . .. . . . . .

ފޯނު ބޭއްވުމަށްފަހު، އަހަރެން އެސިޓީވެސް އަމިއްލައަށް ތައްޔާރުކޮށްލައިފީމެވެ. އޭގައި ލިޔުނީމެވެ. " ނާޒިމްއަށް . . . . . . !  ހަމަމިހާރު މީނާއާއި އެކުގައި ހިލްބާންސް ރޯޑަށް އަންނާށެވެ! ކަލޭ ހޯދުމަށް އެންގި އާފުރޭމީހާ  އަހަރުމެން އަތުލައިފިމެވެ. ލަސްނުކޮށް މީނާއާއި އެކުގައި އަންނާށެވެ! ނަމަވެސް އަންނަ މަގުމަތީގައި މީނާ ފިސްތޯލައެއް ބަލައި ގެއަށް ވަންނާނެއެވެ. ފަރުވާތެރި ކަމާއެކު ކަލޭމީނާއަށްވެސް ފާރަލާށެވެ. ކޮޓަރިން ބޭރުގައި ނުހުރެ ފަހަތުން އޭނާގެ ކޮޓަރިއަށް ވަންނާށެވެ. ވަނުމާއެކު އެތެރޭން ދޮރުވެސް ތަންޑުއަޅަން ވާނެއެވެ."

މިސިޓީ ލިޔުމަށްފަހު ދުރުގައި ރައްކާކޮށްފައި އޮތް އަހަރެންގެ ކާރުގައި ގޮސް  ބޭކަރްގެ ގޭ ކައިރިއަށް ހުއްޓި  ދެފަހަރަކު ބަރުގޮނު އަޅައިލައިފިއެވެ. ހަމަ އެ ވަގުތު  ނާޒިމް ނުކުމެއްޖެ އެވެ. ސިޓީ ދިގުކޮށްލުމުން  ކިޔައިލުމާއެކު  އަހަރެންގެ ކާރަށް އަރައިފި އެވެ. ހިލްބާންސްރޯޑަށް ގެންގޮސްދޭށޭ ބުނެފި އެވެ. އަދި ބާރަށް ކާރު ދުއްވާން ވެސް ބުންޏެވެ. އެއީ ކީއްކުރަންތޯ  އަހަރެން އަހާލުމުން ދެބަހެއް ދިރުވާލާފައި ކުޑަކޮށް އާގެންފައިބުނީ "ކުއްޖަކު މަރުވެގެންނެވެ." ހިލްބާންސް ރޯޑްއަށް ދިޔުމަށްޓަކައި ކާރުދުއްވަމުން އައިސް މިގެއާއި ހަމައަށް އައިސްފައި އަހަރެން ބުނީމެވެ. ރަނގަޅު ފިސްތޯލައެއް ގެނެސްދޭށޭ ބުނުއްވިއެވެ. ވީމާ އަހަރެންގެ ކޮޓަރިއަށް ވަދެލައިފައި އަންނަން ދެން ކާރުގައި އިނދެލާށެވެ.! މިހެންބުނެފައި ފޭބުމުން އޭނާ ވެސް މަށަށް ފާރަލުމުގެ ބޭނުމުގައި އަހަންނާއެކު ހެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އަހަރެން ކުޑަކޮށް ރުޅިއައިސްފައި ކަލޭތިޔަދަނީ ކީއްކުރަންތޯ އެހީމެވެ. މި ސުވާލުގެ ޖަވާބަށް އޭނާބުނީ، މިހާފަތިހު ބޭރުގައި އިނީމާ ހީކަރުވާތީ  ކަމަށެވެ. . . . . . .  ކޮންމެއަކަސް އޭރު އަހަރެން ގާތަށް ހިނިއައިސްގެން ހުރެވެނީ އެއް ވެސް ނޫނެވެ.

އޭނާ އަހަންނާ އެކުގައި ކޮޓަރިއަށް ވަނުމާއެކު ދޮރުލައްޕައިފިއެވެ. އެތެރޭން ތަންޑު އަޅުވައިފި އެވެ.  އަހަރެން ވެސް ފުރުޞަތު ލިބިގެން ރަނގަޅަށް ދޮރު ތަޅުލުމަށްފަހު ތަޅުދަނޑި ނަގައިފައި ޖީބަށް ލައިފީމެވެ.

ލަސްކުރަންވީ ކީއްކުރަން ހެއްޔެވެ؟  އަހަރެންގެ ހިތާއި ސިކުޑި، އެ ދަނޑިވަޅުގައި ހަތިޔާރު ބަހައްޓާކަށް ޤަބޫލެއް ނުވިއެވެ. އަދި އަހަރެމެން ދެމީހުންގެ ފުރާނަ އަތުލައި  ގަތުމަށްޓަކައި ނުކުމެ ހުރި، ސިފަ ބަދަލުކުރި ކަލޭގެ، ދޫކޮށްލާކަށް ބުއްދިއަކަށް ނުފެނުނެވެ. އެހެންކަމުން އަވަސްއަވަހަށް ޖީބުން ފިސްތޯލަ ނަގައިފީމެވެ.

ނަމަވެސް މަރައިލުމުގެ ކުރިން އަހަރެން ގަސްތުކުރީ އޭނާ ހިތުގައި ޖައްސައިލުމަށެވެ. އަހަންނަށް ކިޔައިދެވުނު ވަރަކަށް އަހަރުމެންގެ ވާހަކަތައް ކިޔައިދިނުމަށެވެ. ގޭގެ އަމާންކަމާއި ވަގުތު މޮޅުކަމާއި ދަނޑިވަޅުގެ ބާއްޖަވެރިކަން އެ ވަގުތު ހާދަ ބޮޑެވެ. އެ ކޮޓަރީގައި އަހަރެމެން ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. އަދި ގޭގައި ވެސް އެހެންމީހަކު ނެތެވެ.

ފިސްތޯލަ ނަގައިފައި ދިއްކޮށްލީ އޭނާގެ މެޔަށެވެ. ދެއަތް މައްޗަށް ނަގާށޭ ބުނެފީމެވެ.  . . . . . . . އެ ވަގުތު އޭނާ އަށް ލިބުނު ކަހަލަ ވަރުގަދަ ޙައިރާންކަމެއް ދުވަހަކު ވެސް މީހަކަށް ލިބިފައި ވަނިކޮށެއް އަހަރެން ނުދެކެމެވެ. ކުއްލިއަކަށް ސިހިގެންގޮސްފައި ތިޔަ އުޅެނީ ކީއްކުރަންތޯ އަހައިފި އެވެ. އަހަރެން ބުނީމެވެ. މި އުޅެނީ ކަލޭ މަރައިލާށެވެ. ތިޔައީ މިސްޓަރ ބޭކަރްގެ ޚާއްސަ ޖާސޫސް ނާޒިމް ނޫންހެއްޔެވެ؟ ދެންމެއަކު ސިފަބަދަލުކޮށްފައި ކަލެޔާ ސުވާލުކުރީ އާފުރޭ މީހަކު ހޯދައިގެން ހިފުމަށް ނޫންހެއްޔެވެ؟ ބަލަ! އެ އާފުރޭމީހާ އެއީ އަހަރެންގެ އެއް އަތެވެ. އޭނާ މިގޭގެ ކޮޓަރިއެއްގައި ނިދައިފައި އެބަ އޮތެވެ. ކަލޭމެންގެ ނައިޓްކުލަބްގެ ސިޓީތައް ވަގަށްނަގައި އެތަން ލޫޓުމާރުކޮށްލީ އަހަރެމެން ދެމީހުންނެވެ. ދެންމެ ހިލްބާންސް ރޯޑަށް  އައުމަށްޓަކައި ފޯނުން ވާހަކަދައްކައި އަދި ސިޓީފޮނުވީ ވެސް ހަމަ އަހަރެންނެވެ. މި ގެއަށް ފިސްތޯލަބަލައި އަހަރެން ވަންނަ އިރު ފާރަލުމަށްޓަކައި ވަނުމަށް އެ ސިޓީގައި ލިޔުނީ ކަލޭ މަރައިލާންވެގެންނެވެ.

ކަލޭމެންގެ ކުރިމަތީގައި މަރުވެގެން ދިޔަ ފުލުސް އިންސްޕެކްޓަރ އަންވަރަކީ، އަހަންނެވެ. ދެން ވެސް ކަލޭ މަރުން  ސަލާމަތްވާނެ އޮތީ އެންމެ ގޮތެކެވެ. މިސްޓަރ ބޭކަރާާ އެކުގައި އުޅޭ އަނެއް މީހާގެ ނަން ބުނާށެވެ! ރަތްތަރި އަކީ ކާކުހެއްޔެވެ؟

މި ސުވާލު ދިހަބާރަ ފަހަރު ކުރީމާ ވެސް އޭނާ ވަކި ޖަވާބެއް ނުދިނެވެ. ދެން ދިމާކުރީ އަހަރެން ބޭޒާރުކޮށްލުމަށްޓަކައި ހަޅޭއްލަވައިގަތުމަށެވެ. ނަމަވެސް އޭގެކުރިން އޭނާގެ ކަންކަށީގައި އެތިފަހަރެއް އަޅައި ވައްޓައިލައިފިމެވެ. އަދި ފިސްތޯލަ ގޮއްވައިލާ އަޑު އެހެން މީހަކަށް އިވިދާނެ ކަމަށްޓަކައި ސައި ގެންނަ ޒާތުގެ ތަބަކެއްގައި އެއްއަތުން ތަޅައިގަތުމާއެކު އެއަޑުތެރެއިން ފިސތޯލަ ގޮއްވައިލައި އޭނާ މަރައިލައިފީމެވެ. އޭނާގެ ސިފަ ބަދަލުކޮށްފައިވަނީ ވަރަށް ވެސް ނުރައްކާތެރި ގޮތަކަށެވެ. އިންޑިޔާގެ އެންމެ ނިކަމެތި ފަގީރަކާ އެއްވެސް ތަފާތެއް ނެތެވެ.

މިހާރު އަހަރުމެންގެ ހުރިހާ ސިއްރެއް މަޙުޝަރުބިމުގައި  ކިޔައިދިނުމަށްޓަކައި އޭނާގެ ފުރާނަޔާއި ހަވާލުކޮށްފީމެވެ. އޭނާ އަދިވެސް ކޮޓަރީގައި އެބައޮތެވެ.

އަންވަރު ވަގުންގެ އަތްދަށުވުން

ނާޒިމްގެ މަސްގަޑު އެވަރބްލޫގެ ގޯތި ތެރޭގައި ވަރަށް ސިއްރުން ވަޅުލުމަށްފަހު، އަންވަރުއާއި އަހުމަދު ހެދުން ބަދަލުކޮށް ހަދައިގެން މެންދުރުގެ ކެއުމުގައި މަޝްޣޫލްވެއްޖެއެވެ. ކެއުމުގެ ވަގުތުކޮޅުގެ ތެރޭގައި ދެކެވުނީ ޑޯރެންސީ ހޮޓަލްގައި ހިގާނެ ޙާދިސާތަކުގެ ވާހަކައެވެ. އެތާގެ ބިރުވެރިކަން އެއްގޮތެއް  ވެއްޖެނަމަ ވަރަށް ވެސް ކުޑަވާނެކަމުގައި އަންވަރު ޚިޔާލު ފާޅުކުރިއެވެ. އެއްގޮތެއްވެއްޖެނަމަ ޤަތުލުގެ ހުރިހާ ސިއްރެއް އެތާގެ ތެރެއިން މުޅިން ހިފޭނެކަމަށް ވެސް އަންވަރަށް ޔަޤީނާއި ގާތަށް ހީވެފައިވެއެވެ. ނަމަވެސް މިސްޓަރ އަހުމަދުގެ ޚިޔާލު އެއާ މުޅިން ތަފާތެވެ. އޭނާ ބުނާގޮތުގައި މިރޭ އެ ހޮޓަލްގައި ލިބުން އެންމެގާތީ ކާމިޔާބީއަށް ވުރެ ލަނޑެކެވެ.

ކައި އަވަދިވެގެން އަންވަރު ފޯންކައިރިއަށް ގޮސް ނަންބަރުފޮތުން ހޮޓަލުގެ ނަންބަރު ހޯދާލުމަށްފަހު އެތާގެ މެނޭޖަރާއި ގުޅާލައިފިއެވެ.

". . . . . . . . . . . . .  ހަލޯ! ވާހަކަދައްކަނީ ޑޯރެންސީ ހޮޓަލުން."
 
އަންވަރު:- ކާކު؟ . . . . . .

މެނޭޖަރ:- ކޮރޮސްޓް

އަންވަރު:- މިސް އޮފީލިޔާއަކީ، ތިޔަ ހޮޓަލަށް ވަރަށް ގިނައިން އައިސްއުޅޭ ކުއްޖެއްތަ؟

މެނޭޖަރ:- އެހެން.

އަންވަރު:- އޭނާ މިއަދު ކިހާއިރަކު އަންނާނެތޯ؟

މެނޭޖަރ:- އަދު 2 ޖަހާއިރު އަންނާނެ.

އަންވަރު:- ޝުކުރިއްޔާ!

ފޯން ކަނޑައިލުމާއެކުގައި އަޙުމަދާ ދިމާއަށް ބަލައިލުމެކެވެ. އަދި އަޑުގައިނެތް ތަނަށް ހީނގަތުމެކެވެ. ހުނުންގަނޑާއި، ބަލައިލުމުން އަޙުމަދުއައީ ރުޅިއެވެ. . . . . . . . .  " އޮފީލިޔާ  ޤަތުލުކުރިއްޔާ ނުކުރިއްޔާ އަހަރުމެން، ދެމީހުންނަށް ކޮންކަމެއް ހެއްޔެވެ؟ ރަތްތަރިއަކީ އެނގޭނެ މީހެއް ނޫނެވެ. ބޭކަރް މިހާރުވެސް އެނގެއެވެ. ވީއިރު، ބޮނޑިއެއް ބޯން މެނުވީ އެތަނަށް ދާނެކަމެއް ނެތެވެ. އެހެންނޫނަސް  ތިޔަ ތަނުން ވެސް ހިފާނީ އަހަންނެވެ. އަހަރެންގެ އަނގަ ހަމަ ހުޅުވައިލާ އިރަށް، މަގޭ ދުވަސް ހިނގައިދާނެއެވެ. ކަލޭ ތިޔަ އުޅެނީ އަހަރެން އަހަރެން ހަލާކުކޮށްލާށެވެ."

އަންވަރު:- ޞިއްހަތު ސަލާމަތުން  ހުރިނަމަ ކަލެއަކީ އަހަރެން ހާދަބޭނުން މީހެކެވެ. ނަމަވެސް މިހާރު ކަލެއަކީ ފިނިބަލީގެ ބައްޕަކަމުން އަހަރެން ހާދަ ހިތާމަކުރަމެވެ.

އެންމެ ރަނގަޅެވެ. ގަޑިން އެހެރަ އުޅެނި 2 ޖަހާށެވެ. އަހަރެން މިދަނީ ޑޯރެންސީ ހޮޓަލަށެވެ. އެ ތަނަށް ގޮސް އޮފީލިޔާ އާ ބައްދަލުކޮށްގެން ޚަބަރުތައް އޮޅުންފިލުވައި ހެދުމަށްފަހު، ލަހެއްނުވެ އެބަ އަންނަމެވެ.

އަންވަރުގެ  ކާރު  އިސްޓާޓުކޮށްލުމާއެކު ގޮސް  އޮބައިލައިފިއެވެ. ޑޯރެންސީ ހޮޓަލްގެ އުސް އިމާރާތުގެ ދޮރުމަތީގައި މަޑުކޮށްފައިވާ ކާރުތަކުގެ ތެރޭގައި އަންވަރުގެ މަޑު ނޫކުލައިގެ ކާރު ވެސް ބޭއްވުމަށްފަހު، ހޮޓަލުގެ ތެރެއަށް ވަދެގެން ހިނގައްޖެއެވެ. މެނޭޖަރް ކްރޮސްޓްއާ ބައްދަލުކޮށް ސަލާންކޮށްލުމަށްފަހު، އޭނާގެ މޭޒުދޮށުގައި އިށީނދެއްޖެއެވެ. އަދި އޭނާއަކީ  ދަނޑުވެރިކަމުގެ މަސައްކަތް ތަޖްރިބާ ކުރަން އައިސް ހުރި މީހެއްކަމަށާ، މިސްއޮފީލިޔާއާ ބައްދަލުކޮށް ލުމަށް އެދޭވާހަކަ  ބުނުމުން ގިނައިރު ތަކެއްނުވެ އޮފީލިޔާއާ ބައްދަލުކޮށް ދީފިއެވެ. އޮފީލިޔާއަކީ ކުރީނވެސް ދެންނެވި ފަދައިން ދަހޮޓަލުގެ ވަރަށް ގާތް ރަހުމަތްތެރިއެއް ކަމުން އޭނާ ވަގުތި ގޮތުން އައިސްއުޅޭ  އުޅުމުގައިވެސް  ޚާއްސަ ކޮޓަރިއެއް ކުއްޔަށް ހިފާފައި ހުރެއެވެ. އެކޮޓަރި ހުންނަނީ، ހޮޓަލުގެ ނެށުންތަކާއި، ބޮޑެތި ކުޅިވަރުތައް އޮންނަ ހޯލްގެ ތެރެއިން ވަދެވޭގޮތަށެވެ، އަދި ހޮޓަލުން ބޭރަށް ނުކުމެވޭނެ ހުންނަ ދޮރުވެސް ޖެހިގެންނެވެ.

މިސްއޮފީލިޔާ އިނީ އޭނާގެ ކޮޓަރީގައެވެ. ވާހަކަފޮތެއްގެ ތެރެއަށް ގެއްލިގެންނެވެ. ދުވަހަކުވެސް ނުދެކޭ އަދި ނުދަންނަ މީހަކު ކޮޓަރިތެރެއަށް  ވަނުމުން އޮފިލިޔާގެ މޫނުމަތިން ހައިރާންކަމާއި ކަންބޮޑު ވުމުގެ އެތައްކުލައެއް ފާޅުވެގްން ދިޔައެވެ. އަދި ތިޔައީ ކާކުތޯ ސުވާލުކުރުމުން އަންވަރު ވަރަށް އޯގާވެރި ކަމާއެކު ޖަވާބުދިނެވެ.

އަންވަރު:- އަހަންނަކީ ތެދުތެދަށް  ބުނާނަމަ، އިންސާނެއްގެ ސިފައިގައިހުރި ކަލޭގެ ނަސީބެވެ.

އޮފީލިޔާ:- ތިޔަބުނި އެއްޗެއް ނޭނގުނެވެ.

އަންވަރު:- އަހަރެން މިއައީ ކަލޭގެ  އެކަނިވެރި ކަމާއި ދިރިއުޅުމުގެ މަގުގައި ކުރިމަތިވެފައިވާ،
       އެތަކެއް ނުރައްކަލަކުން (އިރާދަކުރެއްވިއްޔާ) ސަލާމަތް ކޮށްދިނުމަށެވެ.

އޮފީލިޔާ:- މަޢާފްކުރާށެވެ! އަދިވެސް ތިޔަބުނާ އެއްޗެއް އަހަންނަކަށް ދެހައެއް ނުވެއެވެ.

އަންވަރު:- އަހަރެން އެތައް ގޮތަކުން އަހާފައިވާ އަޑިއެއީ ތެދެއްކަމަށް ވާނަމަ ކަލޭގެ އަތުގައި މިރަށަށް އައިއިރު 10 ލައްކަ ރުފިޔާގެ ޗެކެއް އެބައޮތެވެ. މިހިސާބަށް  ބުނާއިރަށް އޮފީލިޔާ ކަންބޮޑުވެގެން ގޮސް ރުޅިއައިސްފައި . . . . .

"ތިޔަ ބުނާ ޗެކެއް ކަލެޔަށް ދޭންވީ ހެއްޔެވެ؟ ނުވަތަ އެ ޗެކް އަހަރެންގެ އަތުން އަތުލައިގަންނަންވީ ހެއްޔެވެ؟"

އަންވަރު:- ނޫނެކެވެ. ނަމަވެސް އެ ޗެކް އަތުލުމަށް ޓަކައި ބަޔަކު މި ރަށުގައި އެބަ އުޅެއެވެ. އެ ބައި މީހުން މި ރޭ މި ކޮޓަރިއަށް އަންނާނެ އެވެ. އަދި އެބައިމީހުން ރާވައިފައިވަނީ ކަލޭ މަރައިލުމަށްފަހު އެ ޗެކް އަތުލާށެވެ.

އޮފީލިޔާ:- (ބިރުން މޫނުގައި އަތް އަޅައިފައި) ނާހަމަ ތެދެއްހެއްޔެވެ؟ ދެން އަހަރެން ހަދަންވީ ކިހިނެއްހެއްޔެވެ؟ ފަހެ، ތިޔައީ އަހަރެންގެ މައްޗަށް ކޮންފަދަ ހެޔޮ އެދޭ މީހެއްހެއްޔެވެ؟ ކަލޭގެ ހިތުގައި އަހަރެންގެ ފުރާނަ ސަލާމަތްކޮށްދިނުމުގެ މަޤްޞަދު އުފެދުނީ ކީއްވެގެންހެއްޔެވެ؟

އަންވަރު:- އެ ވާހަކަ ހުއްޓައިލާށެވެ! ތިޔަކަހަލަ މާހަކަތައް ކިޔައިދިނުމަކީ އަދި މާ ފަހުގެ ކަމެކެވެ. އިހަށް މި ރޭ ހަދާންވީ ގޮތް ބުނެދޭނަމެވެ.

މިހާތަނަށް ވާހަކަ ދިޔަތަނާ ހޮޓަލުގެ މެނޭޖަރ އަނެއްކާވެސް ކޮޓަރީގެ ދޮރު ހުޅުވައިލުމަށްފަހު މީހަކު ވައްދައިފި އެވެ. އަދި މިހިރީވެސް އޮފީލިޔާއާ ބައްދަލުކުރަން އައި މީހެކޭ ބުނެފައި މެނޭޖަރ ހިނގައްޖެ އެވެ. އެ މީހާ ކޮޓަރިއަށް ވަނުމާއެކުގައި، ޖަހައިފައި ހުރި ތުނބުޅިއާއި ބޮލުގައި އަޅައިފައި އޮތް ފަގުޑި ނަގައިފައި މޫނު ފޮހެލައިފި އެވެ. އާދެ! އެއީ މިސްޓަރ އަޙުމަދެވެ.

އަޙުމަދު:- ހުރިހާ ކަމެއް ގޯސްވެއްޖެ އެވެ. މިސްޓަރ ބޭކަރގެ ޚާދިމަކު ކަމުގައިވާ ނާޒިމު ރޭ ދަންވަރު ގެއްލިގެން ފުލުހުންގެ އޮފީހަށް އަންގައިފި އެވެ. އަދި އޭނާގެ ރިޕޯޓާ އެކުގައި ފުލުހުން ނުކުމެ ތަންތަން ހޯދަމުންގޮސް، އަހަރެމެން ތިބޭގެއަށްވެސް ވަދެއްޖެއެވެ. އެންމެފަހުން  . . .  . މިހިސާބަށް ބުނެފާ، ދެންބުނީ ސިއްރުންނެވެ. " ނާޒިމް މަރާލި ކޮޓަރީގައި އޮތް ފިސްތޯލައާއި، ބޮލުގާ އޮތް ތޮއްޕާއި ސާފުނުކުރެވި ހުރި ލޭތައްވެސް ފުލުހުންނަށް ފެނިއްޖެއެވެ. އަދި ޚަބަރު ހިފައިގެން ފުލުހުންގެ ވެރިޔާގެ ކައިރިއަށް ހިނގައްޖެއެވެ.

އަންވަރު:-   ދެނަހުރިކަމަށް ނުހަދާށެވެ! މިސިޓީ އަވަހަށް ފުލުހުންގެ  ވެރިޔާއަށް ރައްދުކޮށްދޭށެވެ! މިހެންބުނެފައި ކުރުކުރު  ސިޓީއެއް ލިއެލައިފިއެވެ.
             " ފުލުހުންގެ ވެރިޔާއަށް   
              އެވަރބްލޫގެ ކޮޓަރީގައިހުރި ލެޔާ ފިސތޯލައާއި އަދި ތޮފީގެ މައްޗަށް ތަހުޤީޤެއް  ނުކުރާށެވެ. އެކޮޓަރިއަކީ ފެނުނު ކޮޓަރިއެއްކަން އެކަކަށްވެސް ނާންގާށެވެ! "
 
                                                            " ޑާކްރެއިން "
               
ސިޓީހިފައިގެން އަޙުމަދު ގޮއްސާ އަންނަންދެން ވަކިވާހަކައެއް ނުދައްކައި އޮފީލިޔާއާއި އަންވަރާ ދެމީހުން ފޮތެއްގެ ގަނޑުތަކުގެ ތެރޭގައި ގެއްލިފައި ތިބީއެވެ.

ގިނައިރުތަކެއް ނުވެ އަޙްމަދު އަތުވެއްޖެއެވެ. އައިސް ވަނުމުން އޭނާ އޮފީލިޔާއަށް ވަރަށް ބޮޑަށް އޮޅުވައިލައިގެން ތަޢާރަފް ކޮށްދިނެވެ. އަދި އޮފީލިޔާ ވެސް އަޙްމަދަށް ތަޢާރަފް ކޮށްދިނުމަށްފަހު، ވާހަކަ ފައްޓައިފިއެވެ.

އަންވަރު:-  މިރޭ އަންނަނީ އަހަންނާއި މީނާއެވެ. ކަލޭ މިރޭ އަޅަންވާނީ .. ގަދަ ރީނދޫކުލައިގެ ސާޅިއެކެވެ. އެސާޅީ އަހަރެން ހަވީރުން ފޮނުވާނަމެވެ. މިރޭ ހޯޓަލްގައި އޮންނާނީ، ކޮން ކުޅިވަރެއް ހެއްޔެވެ؟

އޮފީލިޔާ:-   9 ޖަހާއިރު ރަޝިޔާގެ ޕާރޓީއެއްގެ ފަރާތުން ބާއްވާ ޚާއްސަ ނެށުމެއް އެބައޮތެވެ. އެ ނެށުން އޮތީ 10:15 ހިނގަން ދެންނެވެ.

އަންވަރު:-   އެންމެ ރަނގަޅެވެ. ތިޔަ ނެށުން ނިމުމުން ކަލޭ މީހުންތަކުގެ  ތެރޭން އަޅައިފައި އައިސް މިކޮޓަރިއަށް ވަންނާށެވެ! އޭރު އަހަރެން މިކޮޓަރި ތެރޭގައި އިންނާނަމެވެ. ކޮޓަރިއަށް ވަނުމަށްފަހު ލަސްނުވެ ނުކުމެގެން ދާންވާނީ، ކާރަށެވެ. ކާރުގައި މީނާ އިންނާނެއެވެ. ދެން އެބުރިލީ  އަޙްމަދުއާ ދިމާއަށެވެ.  " އޮފިލިޔާ ކާރަށް އެރުމާއިއެކު ކާރު ދުއްވައިލާށެވެ! ފަހަތުން އެބައިމީހުން އަންނާނޭ ކަމާއިމެދު  ކުޑަވެސް ޝައްކެތްނެތެވެ! ކޮންމެ ގޮތެއްގައި ވެސް ކަލޭ މަސައްކަތްކުރާނީ، އޮފީލިޔާ ސަލާމަތް ކުރެވޭތޯއެވެ. މާ ނުރައްކާތެރި ވެއްޖެނަމަ، އެމީހުންގެ އަތްތިލައަށް ފިސްތޯލަޖަހާށެވެ! ހުރިހާ ކަމެއް މި ޙަވާލުކުރަނީ ކަލެއާއެވެ. ކަލޭގެ ހުރި ހިތްވަރަކާއި ހުޝިޔާރުކަމެއް މިރޭ ދައްކަންވާނެއެވެ. އަހަރެންނަށް ނުބަލާށެވެ! ކަލޭގެ އެންމެ ޚާއްސަ މަސައްކަތަކަށް ވާންވާނީ އޮފީލިޔާ ރައްކާތެރި ކަމާއެކު ގެންގޮސް އެވަރބްލޫއަށް ލުމެވެ." އާދެ! ހަދާނެ ހުރިހާ ގޮތެއް ކިޔައިދިނުމަށްފަހު، އަޙްމަދާއެކުގައި އަންވަރު ހޮޓަލުން ނުކުމެގެން ގެއަށް އަތުވެއްޖެއެވެ.

މިސްޓަރ އަންވަރުގެ ޕްރޮގްރާމް ފެށުމުގެ ގަޑި ކުޑަތަން ވަމުން އަންނަނީއެވެ. އިރުއޮއްސިއްޖެއެވެ. އަންވަރު އާއި އަހްމަދު މިރޭ ހެދުން ބަދަލުކުރީ ވަރަށް އާދަޔާ ޚިލާފް ހެދުމަކަށެވެ. ދެމީހުންގެ ތިބި ކުރުފަޓުލޫނުގައެވެ. ނިތްގަނޑު ބޮޑު ތޮތްޕެއް  ކޮންމެ މީހެއްގެ  ބޮލުގައިއޮތެވެ. އަދި އަންވަރުގެ އަތުގައި ކޮންމެވެސް އެއްޗިހިތަކެއް އަޅައިފައިވާ ބޮޑު ދަބަހެއް ވެސް އޮތެވެ. ހެދުންއަޅައި  ނިމިގެން ދެމީހުންގެ ރޭގަނޑުގެ ކެއުމުން އަވަދިވީ އިރު  8 ޖަހަނީ އެވެ. އެހެންކަމުން  ރަނގަޅަށް ގެ ތަޅުލައިފައި ޑޯރެންސި ހޮޓަލްއަށް ދިއުމަށްޓަކައި ކާރުގައި ނުކުމެއްޖެއެވެ.

ޑޯރެންސީ ހޮޓަލްވަނީ ދިއްލާއަޅާފައެވެ. މީހުން އެއްވަމުން ދަނީ އާދަޔާ ޚިލާފަށެވެ. މިރެއަކީ ރަޝިޔާގެ ޚާއްސަ ނެށުމެއް އޮތްރެއެއް ކަމުން އެހެންރޭރެޔާ ޚިލާފަށް މީހުން އެހޮޓަލަށް  އެއްވަމުންދަނީ،  ހޮޓަލްގައި ތަންފުކެއް ނެތޭފަދަ ގިނަ އަދަދަކަށެވެ.

ހޮޓަލުގެ ތެރެއަށް ވަނުމާއެކު ވަރަށް ފަސޭހައިން ނުކުމެވެން ހުރި ދިމާއެއްގައި ހުރި މޭޒެއްގެ ކައިރީގައި ދެމީހުން މަޑުޖައްސައިލައިފި އެވެ. އޭރަކު މިސް އޮފީލިޔާއެއް ނާދެއެވެ. އެހެންކަމުން އެ ދެމީހުން ޕްރޮގްރާމްގެ މާ ޚާއްސަ ކަމެއް ނެތަތީ މަޑުމަޑުން ތިބީއެވެ.

އަދިވެސް އެހޮޓާތެރެ އަންނަނީ ފުރިބާރުވަމުންނެވެ. އެކިއެކި ޖޯޑްޖޯޑަށް އަދި އެކި ޕާރޓީތައް އަންނަނީ އޮހެމުންނެވެ. ކޮންމެ ބަޔެއްގެމެ  އެންމެ ޚާއްސަ އުފަލަކީ މިރޭ ހޮޓަލްގައި އޮންނާނެ އުފާވެރި ނެށުން ކަމާމެދަކު ޝައްކެއް ނެތެވެ. އާދެ! އެހެންކަމުން މަޢުނައެއްނެތް ކުޅިބެލުމުގެ މަޤްސަދުގައި އަންވަރާއި އަހްމަދުވެސް ތިއްބެވެ. އިވެމުންދާ މިޔްޒިކްގެ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ގެނެވޭ ޙަރަކާތްތައް ފިޔަވައި ދެންހުރި ހުރިހާ ކަމެއްމެވަނީ، ކޮންމެވެސް އިންތިޒާމަކަށްގޮސް  ހުސްވެފައެވެ.

ކުއްލިއަކަށް  ހޮޓަލްގެ ތެރެއަށް އައިސް އެވަނީ ވަރަށްތަފާތު ދެ އުމުރެއްގެ  ދެމީހެކެވެ. އެކަކީ، ފުރިހަމަ އެމެރިކާގެ ދޮން ޒުވާނެކެވެ. ދެންހުރީ އިންޑިޔާގެ ދެވަންފުރައިގެ ކަޅުމީހެކެވެ. އާދެ! ދެމީހުން މިސްރާބު އެއްވެފައި ތިބި މީހުންގެ ތެރޭގައި އެ މީހުން އެދޭ  މީހަކު ނެތްކަން  ކިތަންމެހާވެސް ފުރިހަމައެއްކޮށް ދޭހަވާކަހަލަ ކުލަތަކެއް، މޫނުމަތިން ފާޅުވެގެން ހިގައްޖެއެވެ. އާދެ! އެހެންކަމުން އެންމެ ފަހުން ކުޑަކުޑަ އެއްބަސްވެލުމަކަށްފަހު އަންވަރުމެން ތިބި މޭޒާ ވަރަށް ކައިރީގެ މޭޒެއްގެދޮށުގައި  އިށީނދެއްޖެ އެވެ. ރާތައްޓެއް ގެނުވައިގެން މަދުމަދުން ބޯލަބޯލާ އެދެމީހުންވެސް ތިބީއެވެ. ގިނައިރު ތަކެއްނުވެ ނެށުން ފެށިއްޖެއެވެ. ރަޝިޔާގެ ޕާރޓީގެ މިޔުޒިކްއާއި ނެށުން ޙައިރާން ވާފަދަ މޮޅެވެ. ހުސްއެކަނި  މޮޅިއަކީވެސް ނޫނެވެ. އަޖާއިބެއްހާ އާވެފައި ކުޅަދާނައީއެވެ.

ނެށުމުގެ ޕްރޮގްރާމް ފެށުމާއެކުގައި މުޅިހޮޓާ ތެރެދިޔައީ ހޫނުވެގެންނެވެ. ސާބަސް ދިނުމާއި، ހަޅޭއްލެވުމުން އެތާގައި ވަނީ މުޅީން އެހެން ރޫޙެއް ހިނގައިފައެވެ. މި ފަދަ ފޯރިހުރި  ވަގުތުކޮޅުގެ ތެރޭގައި ވެސް ދެންމެ މި ދެންނެވި ދެމީހުން ތިބީ މުޅީން އެހެން  ދުނިޔެއެއްގައެވެ. އެމީހުންނަށް އިރުއިރުކޮޅާ ބެލެނީ، ނެށުން ތެރީން ފިޔަވައި  އެހެން އެއްޗެކެވެ. އަތުކުރީގައި  އޮންނަގަޑި އެވެ. ދެންހޮޓަލްގެ ބޮޑުދޮރެވެ.

9:30 ވީ ތަނާ ވަރަށްފަރި  ގޮތަކަށް ހިގާލާފައި ހޮޓާތެރެއަށް ވަދެގެން  އެއަންނަނީ މިސްއޮފިލިޔާ ފިޔަވައި އެހެން މީހެއްނޫނެވެ. އެނާގެ ކޮންމެ ބަނޑިއަކާއި ކޮންމެ ޙަރަކާތަކަށް  މި ދަންނަވާ މީހުންގެ ލޮލާއި ބޮލުންވެސް ހަރަކާތްގެނެއެވެ. އާދެ! މިހިރަ ހުރިހާ  މަންޒަރެއް  ބެލުމުގައި މިސްޓަރ އަންވަރުއާއި އަޙްމަދު ފަރުވާވެ ތިއްބެވެ. ދާދި ކައިރީގައެވެ.

މިސްއޮފިލިޔާ  އޭނާގެ ކޮޓަރިއަށް ވަދެލައިފައި ނުކުމެ މޭޒެއްގެ  ކައިރިގައި އިށީނދެއްޖެއެވެ. . . . . . . . . . .

ނެށުން އަދިވެސް ދަނީ ހޫނުވަމުންނެވެ. އިރުކޮޅަކުން މިސްޓަރ އަންވަރު މަޑުމަޑުން ތެދުވެއްޖެއެވެ. އަދި އަޙްމަދުގެ ކައިރިއަށް  ގުދުވެލާފައި ބުންޏެވެ. ރަހުމަތްތެރިޔާއެވެ. ދެންއޮތީ  ކަލޭގެ ޕްރޮގްރާމްއެވެ. އަހަރެން މިދަނީއެވެ. މިރޭ މިތާގައި ކޮންމެވެސް ނުރައްކަލެއް  ނުހިގައެއް ނުދާނެއެވެ.  އަހަރެން މިތާގައި ފަރުވާވެ ފިލައި ހުންނާނަމެވެ. ކަލެ ރައްކާތެރިވެ ހުރެ އޮފީލިޔާ ގޮވައިގެން ގެއަށްދާށެވެ! ހުޝިޔާރުވާން ހަނދާންކުރާށެވެ! އަހަންނަށް ހީވަނީ، މިހާރު ކަލޭގޮސް ކާރުގައި އިނުމަށްވުރެ ޝައްކުކުޑަވާނެ ގޮތެއް ނެތްހެނެވެ. ގްޑްނައިޓް . . . . . . .  އަތަށް ފިސްތޯލަ . . . . . . .  އެވަރބްލޫ . . . . . . . .  މިސްއޮފީލިޔާ! އިނގޭ!

އާދެ! މިސްޓަރ އަންވަރު ވަކިވުމުން އަޙްމަދުގެ މުޅިހަށިގަނޑުން ހިއްލުވައިލި މިސާލުކުރަންދަތި މިނެއްގެ އޮށްދާތަކެކެވެ. ޖަހައިގަތީ ގުނާ ޢަދަދު ނުކުރެވޭފަދަ އަވަސް ވިންދުތަކެކެވެ. ވާނީވެސް އެހެންނެވެ. މި މައްސަލަ ތަހުޤީޤު ކުރުމަށް ނުވަތަ މި ސިއްރު  ހޯދުމަށް ނުކުތީއްސުރެ  އައި އެންމެ ނުރައްކާތެރި ދަޑިވަޅުގައި ހުރިހާ ކަމެއް ކުރަން މިޖެހުނީ މިސްޓަރ އަޙްމަދު އެކަނިމާ އެކަންޏެވެ. ނަމަވެސް އޭނާއަށްއައި "މަރުގެ އޯޑަރ"  ހިތުގެ އަޑީން ޤަބޫލުކޮށްގެން  ކާރުގެ ކައިރިއަށް ގޮސް އޭގާ އިށީދެއްޖެއެވެ. . . . . . . . . . . . . . . . . .  މިސްޓަރ އަންވަރު ހޮޓާ ތެރެއަށް ވަދެގެންގޮސް ވަން ނުވަންތަނެއް ވެސް ނެގެއެވެ. . . . . . . .. . . .. . . ..  .

ނެށުން ނިމިއްޖެއެވެ. މީހުންތައް ފަރާތްފަރާތަށް ރޫޅިގެންފިއެވެ. ގޮޑިތައްދަނީ ހުސްވަމުންނެވެ. ނަމަވެސް އެއްކަލަ ދެމީހުން އެމީހުންގެ މެޒުދޮށުން ދުރަށް ދިއުމަށްޓަކަށް އަދި ގަސްދެއް ނުކުރެއެވެ. އެކަކު "ސިއްހަތު ވަރުގަދަ" ސުއްޓާއެއް، އަނެކަކު ސިނގިރެޓެއް  ރޯކޮށްގެން ތިބީއެވެ. މިސް އޮފީލިޔާ މަޑުމަޑުން ތެދުވެ ހެދުން ރަނގަޅުކޮށްލުމަށްފަހު، އެނާގެ ކޮޓަރިއަށް ދިއުމަށްޓަކައި ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާއާ އެކުގައި އަނެއް ދެމީހުން ވެސް ތެދުވެއްޖެ އެވެ. މަޑުމަޑުން އޮފީލިޔާގެ ކޮޓަރިއާ  ދިމާއަށް ހިނގައިގެންފިއެވެ. އާދެ! އެނާ ހުރީ މަޑުމަޑުން އިސްޖަހައިލައިގެންނެވެ. ކޮޓރިއަށް ވަނުމަށް ފަހު ވަރަށް އަވަހަށް ނުކުމެއްޖެ އެވެ. ކޮޓަރިއަށް ވަން އިރު، އަތުގައި އޮތް ދަބަސްވެސް އަތުގައި އަޅުވައިލައިގެންނެވެ. ވަރަށް އަވަސް ފިޔަވަޅުތަކެއް އަޅަމުން ހޮޓަލުގެ ބޮޑުދޮރުން ނުކުތުމަށްޓަކައި  ހިނގައިގެންފިއެވެ. އާދެ! އޭނާގެ ފަސްފަހަތުން  އަނެއް ދެމީހުންވެސް ހިނގައިގެންފިއެވެ.

އާދެ! ބިރުގެންފައި ހުރި އޮފީލިޔާގެ ފިޔަވަޅުތައް އަވަސް ވީވީހެން ފަހަތުން އަންނަ ކުރު ފަޓުލޫނު ލީ ދެ މީހުންގެ ހިނގުންވެސް އަވަސްކުރަމުން ގެންދެ އެވެ. އޮފީލިޔާ ބޭރަށް ނުކުތުމާ އެކު ދޮރު ހުޅުވައިލައިފައި އެރީ އަޙުމަދު އިން ކާރަށެވެ. ކާރަށް އެރުމާއެކު މިސްޓަރ އަޙުމަދު، އޮފީލިޔާ ގޮވައިގެން ކާރު ދުއްވައިލައިފި އެވެ. ކާރުގެ ގިޔަރުތައް ބަދަލުކޮށްލައިފައި ފަހަތް ބަލައިލި އިރު ފަންސާހަކަށް ފޫޓުގެ ފަހަތުން އެހެން ކާރެއްވެސް އަންނަތަން ފެނިއްޖެ އެވެ.

އާދެ! މި ރެޔަކީ އަޙުމަދުގެ ޙަޔާތުގައި ދުށް ބިރުވެރި ރޭތަކުގެ ފުރަތަމަ ރެޔެވެ. އަދި ކީއްތޯ އެވެ؟ އޭނާގެ އަމިއްލަ ވިސްނުމާއި އަމިއްލަ ޙިކުމަތުން މަރުން ސަލާމަތްވާން ޖެހޭ ފުރަތަމަ ރެޔެވެ. އެންމެ ފުރަތަމަ ކާރު އިސްޓާޓުކޮށްލުމާއެކު އޭނާގެ މުޅި ގައިން އެތަކެއް ހީބިހި ނެގިއެވެ. މުޅި ހަށިގަނޑުން އޮށްދާތަކެއް ހިއްލައިގަތެވެ. ހަތަރެސްފައި ތުރުތުރު އަޅައިގަތެވެ. އޭނާގެ "ޠަބީޢީ ބަލި" ކަމަށްވާ އާފުރުން އޭގެ ހައްދުން ނެއްޓުނެވެ. މިހިރަ ހުރިހާ ބިރެއްގެ ސަބަބުން އޭނާ އަށް ފަހަތް ބަލާލެވުނީ  ދެން އެންމެ ފަހަރަކު އެވެ. އޭރު އޭނާއަށް ފެނުނީ އެންމެ މަންޒަރެކެވެ. އޮފީލިޔާ ފަހަތުސީޓްގައި އިސްޖަހާލައިގެން އިންތަނާ ފަހަތުން އަންނަކާރުގެ ޑައިނަމޯގެ އައްޔެވެ. މިނޫން އެއްވެސް އެއްޗެއް އޭނާއަކަށް ނުފެނުނެވެ.

ޑޯރެންސީ ހޮޓަލްއިނ ނުކުމެގެން ދެތިން ހަތަރު މަގެއް ކަޑައްތު ކޮށްލުމަށްފަހު، ވަރަށްދިގު މަގަކުން އަޙްމަދުގެ ކާރު އަޅުވާލައިފިއެވެ. އާދެ! މިސްޓަރ އަންވަރުގެ އޯޑަރއާއި އެއްގޮތްވާ ގޮތުގެ މަތިން އެބައިމީހުން ގެއަށް ދިއުމަށެވެ. ކުރިމަތީގައި ވަރަށްފުޅާ ހަތަރު އަގޮޅިއެއް  އެބައޮތެވެ. އެއްކަނެއްގާ ފުލުހުމީހަކު އެބަހުއްޓެވެ. އެހެންކަމުން އަޙްމަދު ދެތިން ފަހަރު ބަރުގޮނު އެޅުމަށްފަހު ހަތަރުއަގޮޅި ހުރަސްކޮށްފިއެވެ. . . . .  . . ނޫން މިދެންނެވުނީ މުޅީން ތެދެއް ނޫނެވެ. ހަތަރުއަނގޮޅި ތެރެއަށް ނުކުތުމާއެކު ކުރިމަތިން ހުރަސްވެގެން ދިޔައީ ވަރަށް ބޮޑު ކާރެކެވެ. ކޮންމެއަކަސް މިސްޓަރ އަހްމަދުގެ ކާރުގެ ކުރިމަތީގައި އެކާރު މަދުކޮށް ހުރަސކޮށްލައިފިއެވެ. އެހެން ކަމުންއެރި ކުއްލި ލޮޅުމަކުން އަހްމަދަށް ކާރު މަޑުކޮށް. ގެއަރުތަކާއި ބްރެކްއިން އަތްފައި ދުކޮށްލެވުނީ އެތައް އިރަކުންނެވެ. ހިސާބަކަށް ރުޅިވެސް އާދެވުމަށް ފަހުގައެވެ. އެދަޑިވަޅުގައި އަޙްމަދަށް ސަލާމަތް ނުވެވިގެން އުޅެނިކޮށް، އެކާރުން ފޭބި ދެމީހުން އައިސް އހްމަދުގެ ކާރުގެ އެއްދޮރުފަތް ހިފަހައްޓާ  އަނެއްދޮރުފަތުން  އަޙްމަދު ދަމާ ނެރެފިއެވެ. ހަތަރު އަގޮޅީގައި ހުރި ފުލުސްމީހާ މިއެކްސިޑެންޓްގެ ތެރޭގައި ހޯހޯއޭ  ގޮވަމުން ތަންކޮޅަކަށް އައެވެ. ދެންއިވުނީ އެނާގެ ގަޔަށް މީހަކު ފިސްތޯލަޖެހި އަޑެވެ. އާދެ! އަޙްމަދު ބަލަންއިންދާ އޭނާވެސް މަރުވެގެން ވެއްޓިއްޖެއެވެ.

މިސްޓަރ އަހްމަދު ކާރުންދަމާ ނެރުމަށްފަހު ބޮލުގާ ވަރުހުރި އެތިފަހަރެއް  އަޅާ މަގުމައްޗަށް ވައްޓާލައިފިއެވެ. އަދި ކާރުތެރޭގައި ބަންދުކޮށްފާއިން މިސް އޮފިލިޔާ ނަގައި އަނެއް ކާރަށް ލައިގެން އެދެމީހުން ފިލައިފިއެވެ. . . . . . .  . . .  .

އިރުގަނޑެއް ވަންދެން އަޙްމަދު ހޭނިތިފައި މަގުމަތީގައި އޮތުމަށްފަހު. ދުނިޔޭގެ މަންޒަރުތައް ލޮލަށް ފެންނަމުން ކުލަޖެހުމުން ހިޔަނިވަމުން އަންނަން ފަށައިފިއެވެ. އޭރު އޭނާގެ ވަށައިގެން ފުލުހުންގެ ތިންމީހުން ތިއްބެވެ. އޭނާގެ އަތުތެރޭގައި  ފިސްތޯލައެއް އޮތެވެ.  ދާދި ކައިރީގައި އެއްކަލަ ފުލުހުމީހާ މަރުވެގެން ވެއްޓިފައި އޮތެވެ. ކާރު ތަންކޮޅެއް ދުރުގައި އޮތެވެ. އާދެ! މިސްޓަރ އަޙްމަދު އެވަގުތު އޮތީ ކިތަންމެ ރީއްޗެއްކޮށްވެސް ފުލުހުމީހާ މެރިކަމުގެ ތުހުމަތުން އެތަކެއް ހެތްކާއެކު ބެނދެވިފައެވެ.
-------------
(ނުނިމޭ)

މި ވާހަކައިގެ މި ބައި:
    ޓައިޕްކުރުން:   ޢާއިޝަތު ރުޝްދީ (ލިޔުންތެރީންގެ ގުޅުން)
    އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑްގެ ފަރާތުން)
    ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ