ޚަލީފާގެ ވިސްނުންތެރިކަން
ޢަބްދުﷲ ޞާދިޤު
ޚަލީފާ މުޢުތަޟިދަކީ، ބަޣުދާދުގައި ވެރިކަން ހިންގެވި ވަރަށް ނަންހުރި ޚަލީފާއެކެވެ.
އެއްދުވަހަކު ޚަލީފާ އޭނާގެ ވަޒީރަކު، ވަރަށް މުހިންމު ކަމަކު ދަތުރަކު ފުރުވައިލެއްވި އެވެ. ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ވަޒީރު އެނބުރި ވަޑައިގެންފި އެވެ. އޭނާ އެ އެނބުރި ވަޑައިގަތީ ކީއްވެގެންތޯ އެއްސެވިއެވެ.
ވަޒީރު ދެންނެވިއެވެ. "މާތް ސާހިބާއެވެ! އަޅުގަނޑު ދަރުބާރުން ނުކުމެ ބާޒާރާ ހަމައަށް ދިޔަތަނާ މީހަކު ޢާންމުންގެ ތެރޭގައިހުރެ މި ސަރުކާރަށް ނުބައި ދުޢާކުރަނީއެވެ. އަޅުގަނޑުއެކަން އެތައްފަހަރަކު މަނާކުރީމާ ވެސް އޭނާ ބުންޏެވެ. މި ރަށް ބޮޑު ބިންހެލުމަކާއެކު ހަލާކުނުކުރައްވަނީ ކީއްވެގެން ބާއޭ. މަގޭހިތަށް އަރައެވެ. މިތާނގެ ޚަލީފާއަކީ ޣާފިލެކެވެ. ޤާޟީ އަކީ، މަކަރުވެރިއެކެވެ. އަހަރެން ރަނުގެ ދެތަށި އެ ޤާޟީއާ ހަވާލުކޮށްފައި ހުންނަތާ، ވަރަށްގިނަ އަހަރުތަކެއްވީ ފަހުން އެއަށް ބޭނުންވެގެން އެ ޢަމާނާތް އަނބުރައި ލިބިގަތުމަށް ދިޔައިމާ އަހަރެން ކޮއްޕައި ބޭރަށް ލައިފިއެވެ. ދެން ނިކަން ބުނެބަލާށެވެ! އަހަރެން މިފަދަ ވެރިކަމަކަށް ނުބައި ދުޢާ ނުކުރަންވީ ކީއްވެގެންހެއްޔެވެ؟
ޚަލީފާ މިއަޑު އައްސަވާފައި ހަމަހިމޭންވެވަޑައިގެން ފިއެވެ. "މިހާރު ތިޔަ ވިދާޅުވާ މީހަކުވީ ކޮންތާކުހެއްޔެވެ؟" ރަސްގެފާނު އެއްސެވިއެވެ.
ވަޒީރު ދެންނެވިއެވެ. އަޅުގަނޑު އޭނާ ގެނެސްދީފާނަމެވެ.
އެ ވާހަކަދެއްކި މީހާ ގެނެވިއްޖެއެވެ. ޚަލީފާ އޭނާ އެދެއްކި ހުރިހައި ވާހަކައެއް އައްސަވައިފިއެވެ. "ކަލޭ ތިޔަކަމާމެދު ހަމަޖެހިގެން ހުންނާށެވެ! ތިޔަ މަސްއަލަ ރަނގަޅަށް ބަލައި އިންސާފުކޮށްދޭނަމެވެ."
ދެން ރަސްގެފާނު ވިސްނާ ވަޑައިގަންނަވަން ފެއްޓެވިއެވެ. ހިތްޕުޅަށް އެރިއެވެ. އެ ޤާޟީ ހަމަ ހަޤީޤަތުގައި އެ އަމާނާތަށް ޚިޔާނާތްތެރިވީ ބާވައެވެ! މިކަމާ ވިސްނާވަޑައިގަންނަވަނިކޮށް އިރުކޮޅަކުން ވަރަށް ރަނގަޅު ވިސްނުންފުޅެއް އޭނާގެ ސިކުނޑިފުޅަށް އެބަ ވަނެވެ.
ރަސްގެފާނު އެ ޤާޟީއާ ވަރަށް ގާތްގުޅުމެއް ބަހައްޓަވައި އެކުވެރިވެ ވަޑައިގަތެވެ. އޭގެފަހުން ކޮންމެދެތިން ހަތަރުދުވަހަކުން އެއްފަހަރު ކަހަލަގޮތަކަށް އޭނާގެންނަވައިގެން ވާހަކަ ދައްކަވައި ހައްދަވައެވެ. މިގޮތުގައި ވަރަށްގިނަ ދުވަސް ހޭދަކުރައްވައިފިއެވެ.
އެންމެފަހުން އެއްދުވަހަކު ޤާޟީގާތުގައި ޚަލީފާ ވިދާޅުވިއެވެ. "މި ވެރިކަމަކީ ގެއްލިގެންދާ ހިޔަންޏެއްކަހަލަ އެއްޗެކެވެ. މިއަދު މި ވެރިކަން އަހަންނަށް ލިބިފައި އޮތިއްޔާ އަނެއް ދުވަހު މި ވެރިކަން ކޮންމެވެސް އެހެން މީހަކަށް ލިބިދެއެވެ. މާތް ރަސްކަލާނގެ އެހެން އިރާދަ ނުކުރައްވާށިއެވެ! އެހެންވެއްޖެ ހިނދެއްގައި އަހަރެންގެ ދުޝްމިނުން އަހަރެން މިދުނިޔެއާ ވަކިކޮށްލައިފިނަމަ އަހަރެންގެ ފަހުން އަހަރެންގެ ޚާންދާނާ ކުދިންކޮޅަށް ދެންވާނީ ކިހިނެއްހެއްޔެވެ؟ ވީމާ އެބަ ހިތަށްއަރައެވެ. މިކަމަށް ވިސްނައިގެން ފަހަށް އެތިކޮޅެއް ޖަމާކޮށް ރައްކާކުރަންވީއެވެ. އޭރުން ދަތި ވަގުތުގައި އެއިން ބޭނުން ހިފޭނެތާއެވެ! މިދެތިން ދުވަހުގެ ތެރޭގައި އަހަރެންބެލި ބެލުމުން ޤާޟީއަކީ، ވަރަށް ދީންވެރި ރަނގަޅު އަދި ތިޔަފަދަ އެހެން މީހަކުނެތްފަދަ ރަނގަޅު މީހެއްކަމަށް ފެނިއްޖެއެވެ. ވީމާ މާބޮޑު އުނދަގުލަކަށް ނުވާނަމަ އަހަރެންއަތުގައި މިހިރަ މުދާކޮޅު ތަކެއްޗާ އަމާނާތްތެރިކަމާއެކު ގާޒީގެ އަތުގައި ބަހައްޓައިދޭން ވެއްޖެއެވެ."
މި ހުރިހައި ވާހަކަފުޅެއް އަޑުއަހާފައި ޤާޟީ ހިތާހިތުން ވަރަށްބޮޑަށް އުފާކޮށްފިއެވެ. ދެން ދެންނެވިއެވެ. "މާތްﷲ މަނިކުފާނުގެ އުމުރު ދަންމަވާނެތެވެ! ނިކަމެތި އަޅުގަނޑުމެން މާތް މަނިކުފާނުގެ ވެރިކަމުގެ ހިޔަލުގައި އަބަދުގެ އަބަދަށް ލަހައްޓަވާށިއެވެ! މަނިކުފާނުތިޔަ ވިދާޅުވިކަންތައްތަކާ އަޅުގަނޑު ލޮލާއި ބޮލުންރުހި ޤަބޫލު ވެއްޖައީމެވެ. އަދި ތިޔައީ އަޅުގަނޑަށް ވަރަށްވެސް ބޮޑު ފަޚުރެއް ނޫންތޯއެވެ. އެއީ، މަނިކުފާނު އަޅުގަނޑުގެވެސް ބޭނުންފުޅެއް ހިއްޕެވީތީއެވެ. އަޅުގަނޑަކީ ތިޔަފަދަކަންތައް ކުރެވޭވަރު މީހެކޭ، ހީފުޅުކުރެއްވީތީއެވެ.
ޚަލީފާ މިއަޑު އައްސަވާފައި ވިދާޅުވިއެވެ. "އަހަރެން ޤާޟީ އަށް ފުރިހަމައަށް އިތުބާރު ކުރަމެވެ. މާދަމާ ހެނދުނު ދެލައްކަ އަސްރަފީ ފޮށީގައި ބަންދުކޮށްލާފައި ޤާޟީއަށް ފޮނުވާނަމެވެ."
ޤާޟީ ނުކުތުމާއެކު ޚަލީފާ އެއްކަލަ މީހާ ގެންނަވައިފިއެވެ. އަދި ވިދާޅުވިއެވެ. "މާދަމާ ފަތިސްނަމާދަށްފަހު، ޤާޟީ ދަރުބާރަށް ހާޒިރުވެ އިށީނީމާ ދަރުބާރަށް އައިސް ތިޔަ އަމާނާތުގެ ވާހަކަ ދައްކާށެވެ. އޭނާ އިންކާރު ނުކުރާނެކަން އަހަންނަށް ޔަޤީނެވެ.
އަނެއްދުވަހު، ޤާޟީ ދަރުބާރަށް ހާޒިރުވިތާ ކުޑައިރުކޮޅެއްގެ ފަހުން އެއްކަލަ މީހާ އައިސް ޤާޟީއާ އެ އަމާނާތުގެ ވާހަކަ ދައްކައިފިއެވެ.
ޤާޟީ ހިތަށް އެރިއެވެ. އަހަރެން މިކަމާ ދެކޮޅުހަދައިފިނަމަ ޚަލީފާގެ އެ ދެލައްކަ އަސްރަފީ އަހަންނަކާ ހަވާލެއް ނުކުރައްވާނެ އެވެ. އޭނާގެ އަމާނާތް އަނބުރައި ދީފިނަމަ، ޚަލީފާއަށް އަހަރެންގެ އީމާންތެރިކަން ޤަބޫލުފުޅު ކުރެއްވޭނެ އެވެ. މިހެން ހިތަށް އަރައިފައި ހީނލާފައި ބުންޏެވެ. "އަސްތާ އަޚާއެވެ! ކަލޭ ތިޔަ ދަތުރުގައި ވަރަށް އުނދަގޫ އުފުއްލައި ދަތުރު ވަރަށް ލަސް ވެސް ކޮށްފީމު ދޯއެވެ! ކަލޭ އަތުވެއްޖެއްޔާ އެ އަމާނާތް އަދާކުރަން ވިސްނައިގެން އިންނަތާ ދުވަސް ކޮޅެއްވެއްޖެ އެވެ. މިހާރު ތިޔަ އައީތާ އެވެ! އަވަހަށް އެ ބަލައި ދަމާ ހިނގާށެވެ."
ޚަލީފާ އެ ޤާޟީގެ އަމާނާތްތެރިކަމުގެ މައްޗަށް ތާރީފުކުރައްވައި ސާބަސް ދެއްވި އެވެ. އެކަމަކު ކޮންމެވެސް ސަބަބެއް ދައްކަވައިގެން އެ އަސްރަފީތަކެއް ޤާޟީއަކަށް ނުފޮނުއްވި އެވެ. އެއްކަލަ ވާހަކަ ދެއްކި މީހާ އަށް އޭނާގެ އަމާނާތް އަނބުރައި ލިބުނީމާ ޚަލީފާ، ޤާޟީ ގެންނަވައި ވިދާޅުވިއެވެ.
"އޭތް ތެދުވެރިކަމެއް ނެތް ޤާޟީއެވެ! ތަކެތީގެ ދަހިވެތި ކަމުގައި ކަލޭ އެ ނިކަމެތި ފަކީރުގެ އަމާނާތަށް ޚިޔާނާތްތެރިވި އެވެ. ކަލެއަށް ދޭނީ ކޮން އަދަބެއް ހެއްޔެވެ؟"
ޤާޟީއަށް މި އަޑުފުޅު އިވުމާއެކު ބިރުން ތުރުތުރުއަޅާންފެށި އެވެ. އަދި ރަސްގެފާނުގެ އަރިހުން މާފަށް އެދި އާދޭސް ދެންނެވިއެވެ. ނަމަވެސް ޚަލީފާ އެ ޤާޟީ މަޤާމުން ވަކިކުރައްވައި ޖަލަށް ފޮނުއްވައި ލެއްވިއެވެ. ޚަލީފާގެ ވިސްނުންތެރިކަމުން ކަޅަށް ކަޅު، ހުދަށް ހުދު، ދައްކަވައި ދެއްވައިފިއެވެ.
---------------------
(ނިމުނީ)
(ނިމުނީ)
މި ވާހަކައިގެ މިބައި:
ޓައިޕުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
އަލުންބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު