އަދުގެ ޚާއްސަ

Print

މަޒުމޫނު ލިޔުމުގެ މަގު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވަޒަންބަހުރުވަ



ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


މަޒުމޫނުގެ މައިގަނޑު ބައިތައް
1- ނިމުމާ ފެށުން އަދި މައިގަނޑެއް މަޒުމޫނުގައި އޮންނާނެޔޭ
               ނިމުނީ ކަމަށް ނުބަލާށެ މީ، މިވަރުން މުޅިން ނުފުދޭނެޔޭ
ލިޔުމުގެ މަގު
2- ލިޔަމުން ބަޔާނެއް ގެންދިޔަސް މަޒުމޫނަކަށް ނުފުދޭނެޔޭ
              ކިޔުމަށް އެދޭ ގޮތް ހުންނަހެން އަތުރަން ޢިބާރާތް، ވާނެޔޭ
3- އެކިއެކި ޕެރިގުރާފުގެ ގުޅުން، ކުރަމުން ޢިބާރާތްތައް މޮޅަށް
              ވަކިވުން ނުވާ ފަދަ ގޮތް ގޮތަށް އަތުރައިލެވެންވެސް ވާނެޔޭ
4- އަތުލަން ޖެހޭނެ ސަމާލުކަން، ޝައުޤާ، ކިޔާ މީހުން ކުރެން
              އަތުރައިލެވޭ ގޮތަކުން  މިކަން ފުރިހަމަކުރަންވެސް ވާނެޔޭ

5- ބޭކާރު ވާހަކަ، ލިޔުމުގައި  ބޭނުންކުރާ  ނަމަ ކަށަވަރުން
                                ރޭކައި ނުލީމާ  ބަސްމަގަށް  އުނިކަން  ތެދޭ  އަންނާނެޔޭ

ގުޅުވުން
6- މައިގަނޑު ނަމަށް އިންސާފުކޮށް ވާހަކަތަކެއް ފަށްފަށް ނުކޮށް
                                އައިމާ  ގުޅައިލެވި  ޖުމުލަތައް، ފުރިހަމަކަމެއް  އަންނާނެޔޭ

7- ގުޅުވައިލިހެން އެކި ޖުމުލަތައް ދޭދޭ ޕެރިގުރާފުގެ ގުޅުން
                               އޮޅުވައިނުލައި  ތަރުތީބުކޮށް، ލިޔުމަށް  ބަލަންވެސް  ވާނެޔޭ

އިންސާފުކުރުން
8-  ނުކުތާތަކެއްގެ މުހިއްމުކަން ހުރި މިންވަރުން ތަރުތީބަކުން
                              ވަގުތާއި  ޙާލަށް  ވިސްނަމުން  އިންސާފު  ކުރެވެން  ވާނެޔޭ

9-  ތަފުޞީލުތައް މާދިގު ނުކޮށް، އެ ގޮތުން އެހައި ކުރުވެސް ނުކޮށް
                             ޞަފުޙާގެ  ދިގުމިން  ވިސްނަމުން  ތަރުތީބު ކުރެވެން   ވާނެޔޭ

ފެންވަރު ވަޒަންކުރުން:
10- ލިޔެވިއްޖެތޯ ކަނޑައެޅިވަރަށް، އެކި ޕެރެގްރާފަށް ވަކިވަކީން-
                            ކިޔަމުން ވަކީން ބަސްތައް ގުނައި ހެދުމެއް ރަނގަޅު ނުމެ ވާނެޔޭ
11- ކެރުމާއެކީގައި ޝައުޤުގައި، އެކި ޖުމުލަޔަށް އިންސާފުކޮށް
                            މި ރޮނގުން  ލިޔާ  މަޒުމޫނަކީ   މޮޅު އެއްޗަކަށް  ހެދިދާނެޔޭ

މައިގަނޑު ނަން:
12- އެކަށޭނަހެން މައިގަނޑު ނަމެއް މަޒުމޫނަކަށް ހޯދަން ޖެހޭ!
                           އެކަމަކު  އެހައި  ތަފުޞީލުތައް  މި ނަމަށް  ލިބޭކަށް  ނުޖެހެޔޭ
13- ބިޔަ ދިގު ނަމެއް މައިގަނޑު ނަމަށް ދިނުމެއް ނުވާނޭ ބޭނުމެއް
                           ލިޔެވުނު  ބަޔާނާ  ގުޅުމަކުން  ގުޅިފައި  ވަނީ  ނަމަ  ފުދިދެޔޭ

އަލުން ކިޔައިލުން:
14- މަޒުމޫނު ލިޔެ ނިންމައިލުމަށް ފަހުގައި ޖެހޭނޭ ކުށް ކަނޑަން
                           މަޒުމޫނުގައި  ކުށް  ހުރި  ކަމެއް  ނުބެލިއްޔަކާ     ނޭނގޭނެޔޭ
                              ------------
                               (ނިމުނީ)

މި ޅެން:
    ފޮނުވުން:    ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    އަލުން ބެލުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

އެނގޭތަ؟

ވާހަކަ