އަދުގެ ޚާއްސަ

Print

މަޖުބޫރު ލޯބި (7)

ޝާޢިއުކުރީ މުހައްމަދު ރަޝީދު ގައްދޫ . ހިމެނޭބަޔަކީ ވާހަކަ

30 އޭޕްރީލް (ހޮނިހިރު) އާ ގުޅޭ..

ގައްދޫ މުޙަންމަދު ރަޝީދު

ޖަޔާ ސިހިފައި ނަވީދުގެ މޫނަށް ބަލާލިއެވެ. އޭނާގެ މޫނުމަތީގައި ހަރުކަށިކަން އެކުލެވިފާވެއެވެ. ލޮލުގައި ރުޅިވެރިކަމެވެ. އަދި ބުންޏެވެ. [ޖަޔާ ތިޔަހެން ހަދާފާނެކަމަކަށް ފަހަރެއްގައިވެސް އަހަރެން އުއްމީދެއް ނުކުރަމެވެ. ތިޔަ ދެއްކި ރުޅިއާމެދު އަހަރެން...........]

އޭނާގެ ވާހަކަ ހުއްޓާލިއެވެ. ދެން ކާރު ސްޓާޓް ކުރަމުން ބުންޏެވެ. [އަހަންނަށް ކިޔަވައިގެން ހުރި ރަނގަޅު ކުއްޖަކުވެސް ލިބިދާނެއެވެ. ކަލޭ..........] ޖަޔާ ރުއްސުމަށްޓަކާ އެންމެ ފަހުގެ ޙަމަލާދީފިއެވެ.

އެކަމަކު ޖަޔާގެ މޫނު ރުޅިއައިސްގެންގޮސް ރަތްވެއްޖެއެވެ. ހުޅުވިފައިވާ ކާރުގެ ދޮރުފަތް ވަރަށް ބާރަށް ޖަހައިފިއެވެ. އެއަޑު އެތައް ހިސާބު ދުރަކަށް އިވޭނެއެވެ. އޭނާ ރުޅިއައިސް ތުރުތުރު އަޅަމުން ބުންޏެވެ. [ކަލޭވެސް ތިޔަގޭގެ އެހެން މީހުނެކޭ އެއްވެސް ތަފާތެއް ނެތެވެ. ކިޔަވައިގެން ހުރި ރަނގަޅު ކުއްޖަކު ހޯދާށެވެ. މަރްޙަބާއެވެ. އަހަރެމެންނާމެދު ފިކުރު ނުކުރާށެވެ.]

އޭނާ އެނބުރިލިއެވެ.

[ޖަޔާއެވެ.......] ނަވީދު ދެރަވެލާފައި އޭނާއަށް ގޮވާލިއެވެ.

އެކަމަކު އޭނާ އެނބުރި ބަލާވެސް ނުލިއެވެ. ހަލުވި ފިޔަވަޅު އަޅަމުން އެތެރެއަށް ވަދެގެން ހިނގައްޖެއެވެ.

އާނއެކެވެ. އެތައް ފަހަރަކު އޭނާގެ އަތްމައްޗަށް އުފުލުނެވެ. އޭނާ ލޮލުން ކަރުނަ ފޮހުނީ ކަންނޭނގެއެވެ.]

*************************

ކިހާ ނަސީބުގަދަ ހެއްޔެވެ. ފައުޒިއްޔާ މިއަހަރުވެސް ޕާކިސްތާނަށް ދަނީއެވެ.]

މިސިޒް ތާބުޝް ގޮނޑިދަމާލާފައި ބިއްލޫރި ކުޑަދޮރުން އެތެރެއަށް އެޅިފައިވާ އަވިރޮނގުގައި އިށީންނަމުން ބުންޏެވެ...........

[ހަމަތެދެއް ހެއްޔެވެ؟] ޝަވާލީ ބުންޏެވެ. [މިތަނަށް އައިސް ކޮންމެ އަހަރަކު އެއްފަހަރު އަމިއްލަ ވަޒަނަށް ދިއުމުގެ ފުރުޞަތު ލިބެންޏާ އެއީ ވަރަށްބޮޑު ނަސީބެކެވެ.]
[މިތަނުން ދުނިޔޭގެ ހުރިހާ އުފަލެއް ލިބެއެވެ. ހުރިހާ ފަސޭތަކެއް ލިބެއެވެ.] ނީތޫ ބުންޏެވެ.

[އެކަމަކު ޢާއިލާގެ މަތިން ވަރަށް ބޮޑަށް ހަނދާންވެއެވެ. ބައެއް ފަހަރު އުދުހިލާފައި އަމިއްލަ ރަށަށް ދެވޭނެ ނަމައޭ ހިތަށް އަރައެވެ.

[ފައުޒިއްޔާއެވެ. ދަނީ ކޮންއިރަކުން ހެއްޔެވެ؟] ޖައްގޫ ސުވާލުކުރިއެވެ.

ކޮކާލެއްހެން އުފަލުން އެނބުރި އެނބުރި ހުރި ފައުޒިއްޔާ ގޮނޑީގެ ފުރަގަހުގައި ހުރެފައި ޖައްގޫގެ ކޮނޑުގައި އަތްއަޅާ އޮބާލަމުން ބުންޏެވެ.
 [ސައުވީހުގައެވެ..........]

[މިހަފްތާގައި ދޯއެވެ.]

[އާއެކެވެ..........] ފައުޒިއްޔާ ޝަވާލީގެ ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން ބުންޏެވެ.

މިއީ ފައުޒިއްޔާ ރަފީޤުގެ ގޭގައިއޮތް ކޮފީ ޕާޓީއެކެވެ. ހުރިހާ އަންހެނުންވެސް ކަންތައްތަކުން ނިމިގެން އަވަސް އަވަހަށް އައީއެވެ. ކޮފީ ޕާޓީ ބޭއްވުމަކީ އެމީހުންގެ އާދައެކެވެ. ވަގުތު ހޭދަކޮށްލުމަށްޓަކައި މިއަށްވުރެ ރަނގަޅު ގޮތެއްނެތެވެ. ހަފްތާއަކު އެއްފަހަރު ދެފަހަރު ބައްދަލުވުމުން ވަރަށްބޮޑު ހަމަޖެހުމެއް ލިބެއެވެ. ފައުޒިއްޔާ ޕާކިސްތާނަށް މިދަނީ އޭނާގެ އަންހެން ކޮއްކޮއާ ފަހަރީގެ ކާވެންޏަށެވެ. ވޭތުވެދިޔަ އަހަރު އޭނާ މައިދައިތަ މަރުވުމާ ގުޅިގެން ޕާކިސްތާނަށް ދިޔައެވެ. ކޮންމެ އަހަރަކުވެސް ކޮންމެވެސް ކަމަކު އޭނާ ޕާކިސްތަނަށް ދެއެވެ.

ފިރިމީހާއަށް އެހާވަރަށް ޚަދަރުކުރާނެ ފައިސާވެސް ލިބެއެވެ. އޭނާއަކީވެސް ވަރަށް ޚަރަދަށް ބަލާ އަންހެނެކެވެ. ކޮންމެ އަހަރަކު އެކިގޮތްގޮތުން ފައިސާ ޖަމާކޮށްގެން ޓިކެޓް ގަންނާނެ ފައިސާ ހޯދައެވެ. އޭނާގެ ރަޙްމަތްތެރިން އޭނާގެ ކުޅަދާނަ ކަމާމެދު އުފާކުރެއެވެ. މިސިޒް ތާބުޝް މިތާނގައި ހުންނަތާ ފަނަރަ އަހަރުވެއްޖެއެވެ. އޭނާ ޕާކިސްތާނަށް ދިޔައީ ތިން ފަހަރުއެވެ. އަނެއްކޮޅުން ބަލާއިރު ޕާކިސްތާނުގައި އޭނާގެ އެއްވެސް މީހަކު ނެތެވެ. އަމައެއް ބަފައެއް ނެތެވެ. ތިމާގެ މީހަކުވެސް ނެތެވެ.

އެމީހުންގެ އަތުގައި އެގޮތަށް ޚަރަދުކުރާނެ ފައިސާއެއް ނުހުރެއެވެ. ޖައްގޫއާއި ނީތޫގެ ޙާލަކީވެސް މިއެވެ. ޕްރާން އަދިވެސް ކިޔަވަނީއެވެ. ނީތޫ ފައިސާ ހޯދުމަށްޓަކައި ހަވީރުގަނޑީގައި ފިހާރައަކަށް މަސައްކަތު ދެއެވެ.

ފައުޒިއްޔާ ކޮފީ ތައްޔާރުކޮށްފިއެވެ. އެއާއެކު އޭނާ ތައްޔާރުކޮށްފައިހުރި ހަލްވާވެސް ނެރެފިއެވެ. ޝާމީކަވާބުވެސް ހުއްޓެވެ......... ވާހަކައާއެކު ކެއުމާ ބުއިން ކުރިޔަށް ހިނގައިގަތެވެ.
[އާނ ހަނދާން ވެއްޖެއެވެ.] ޝަވާލީ ކަވާބު ތަށްޓަށް ސޯސް އަޅާލަމުން ބުންޏެވެ.

[ކޮންކަމެއް ހެއްޔެވެ؟]

[ޖަލާލީގެ ވާހަކައެވެ.]

[ތިޔަކަމާމެދު ވަރަށް ފުރިހަމައަށް މަސައްކަތް ކުރާނަމެވެ.] ފައުޒިއްޔާ ބުންޏެވެ. [ޖަލާލީ މީހަކާ އިންނަން ޤަބޫލުވި ކަމަށްޓަކައި ޝުކުރު ކުރަމެވެ.]

[އަހަރެމެން ދެމަފިރިން ވަރަށްބޮޑަށް ތިޔަކަމާމެދު އެބަ ވިސްނަމެވެ.] މިސިޒް ތާބުޝް ބުންޏެވެ.

[ޖަލާލީ ހަމައަކަށް އެޅުވުމުގައި އަހަރެންގެ ބައެއްވެސް ހިމެނެއެވެ.] ޝަވާލީ ހީނގަތެވެ.

[ދެން މިކަން ކާމިޔާބު ވެއްޖެއްޔާ ކޮންފަދަ ހެއްޔެވެ؟] ފައުޒިއްޔާ ދުޢާކުރުމުގެ ރާގުގައި ބުންޏެވެ.

]ނުވާންވީ ކީއްވެގެން ހެއްޔެވެ........ ޕާކިސްތާނު އަންހެން ކުދިން އެމެރިކާއަށް އައުމަށްޓަކައި ތިބެނީ ފެން ބޮވައިގެންފައެވެ. އެކޮޅަށްގޮސް ނިކަން މަސައްކަތް ކޮށްލަބަލާށެވެ. އެކެއް ކީއްކުރަން ހެއްޔެވެ. ދިހަ ކުދިންވެސް މިކާވެންޏާމެދު އާނބަސް ބުނެފާނެއެވެ.]

[ޝަވާލީ އެބުނީ ރަނގަޅު ވާހަކައެކެވެ.] ޖައްގޫ ބުންޏެވެ. [މިދިޔަ އަހަރު އަހަރެން ޕާކިސްތާނަށް ދިޔައީމެވެ. އެދިޔަ ދިއުމުގައި އަހަރެންގެ ތިމާގެ ތިން އަންހެން ކުއްޖަކު އެމެރިކާއަށް އަންނަ ހިތުން އަހަންނާ ވާހަކަ ދެއްކިއެވެ. ވަޒީފާ އެއްގައި އަހަރެމެން އެމެރިކާއަށް ގެންގޮސްދޭށޭ އަހަރެންގެ ގާތު އެމީހުން ބުންޏެވެ.]

[އެމީހުންގެ އެޑްރެސްވެސްދޭށެވެ.] ފައުޒިއްޔާ ބުންޏެވެ. [އޭގެތެރޭން އެއްކުއްޖަކު ޖަލާލީއާ އިންނަން އެއްބަސް ވެދާނެ ކަންނޭގެއެވެ.]

[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ. ކޮންމެހެންވެސް އެކުދިންނާ ބައްދަލުކުރަން ޖެހޭނެއެވެ. އެކަމަކު ފައުޒިއްޔާ ފައިޞަލު އާބާދަށް ދާން ޖެހޭނެއެވެ.]

[އަހަރެންގެ ފަހަރީގެ ކާވަނި ކުރެވެނީ ފައިސަލް އާބާދުގައެވެ.]

[އެހެންވީއިރު ތިޔަކަން ތިއޮތީ ނިމިފާ ނޫން ހެއްޔެވެ؟]

[އެކަމަކު.......]

[ކިހިނެއްވީ ހެއްޔެވެ؟]

[ވާހަކައެއް ބުނެފާނަމެވެ. އެންމެންވެސް ޚިޔާލުދޭށެވެ.] ފައުޒިއްޔާ އެންމެންނާ މުޚާތަބު ކުރިއެވެ. މިސިޒް ތާބުޝް މޭޒުމަތީގައި ތަށި ބަހައްޓައިފިއެވެ. ޝަވާލީވެސް އޭނާއާ ކުރިމަތި ލައިފިއެވެ. ނީތޫ އޭނާގެ ކޮށާލައިފައިވާ އިސްތަށިގަނޑު ކުއްލި ޙަރަކާތަކާއިއެކު ފުރަގަހަށް ލާފައި ހަމަޖެހިލިއެވެ. ޖައްގޫ ކައިރީގައި ހުރި ހުސްގޮނޑީގައި އިށީނދެފައި ބުންޏެވެ........ [އަވަހަށް ބުނާށެވެ]

[ޖަލާލީ ކާވެންޏާމެދު އެއްބަސް ކުރުވާފައި އަހަރެމެން މިތިބެނީ ވަރަށްބޮޑު ޒިންމާއެއް ބޮލުގާ އަޅައިގެންނެވެ.] ފައުޒިއްޔާ ބުންޏެވެ.

[ރަނގަޅެވެ........]

[ޖަލާލީ އަހަރެން ގާތު ބުނެފާއޮތީ އޭނާއާ ބެހޭގޮތުން ތެދުވެރިކަމާއެކު ހުރިހާ ވާހަކައެއް އަންހެން ކުއްޖާއަށާއި އެގޭގެ އެހެން މީހުންނަށް ކިޔާދިނުމަށެވެ. ކާވެނީގެ މުޢާމަލާގައި އެއްވެސް ކަމެއް އެމީހުނަށް ފޮރުވާފައި ބާއްވާކަށް އޭނާ ނޭދެއެވެ.]

[އަމިއްލަ ސިފަނޫން އެހެން ކަންތައްތައް ފޮރުވުމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟]

[ތިޔަ ހުރިހާ ކަމެއްވެސް ސާފުކޮށް ތިޔާދިނުމަށް އޭނާ އެދެއެވެ.] ފައުޒިއްޔާ ބުންޏެވެ.

[އާނއެކެވެ. އަހަރެން ގާތުގައިވެސް ޖަލާލީ ތިޔަ ވާހަކަ ބުންޏެވެ.]

[އެންމެބޮޑު މައްސަލައަކީ ތިޔައީއެވެ.] ޝަވާލީ ވިސްނާލަމުން ބުންޏެވެ. [އަހަރެން ވިސްނާ ގޮތުގައި ފައުޒިއްޔާ ޖަލާލީގެ ފޮޓޯ ދައްކައިފިއްޔާ.............]

ޝަވާލީ މާޔޫސްކަމުގެ ދުނިޔޭގައި އިނދެ ބޯހޫރާލިއެވެ.

[އަންހެން ކުދިންނަކީ ތިޔަކަހަލަ ކަންތައްތަކާ މާބޮޑަށް ފިކުރުކުރާ ބައެކެވެ. ޚާއްޞަކޮށް ޕާކިސްތާނު އަންހެން ކުދިންނަކީ ރީއްޗަށް ލޯބިކުރާ ބައެކެވެ.]

[ބޮޑު މައްސަލައެކެވެ.] ފައުޒިއްޔާ އެހެން ތައްޓަކަށް ކޮފީ އަޅަމުން ބޯހޫރާލިއެވެ.

[ކަމަކީ ވަރަށްބޮޑު ކަމެކެވެ. އުނގަދޫ ކަމެކެވެ.] މިސިޒް ތާބުޝް ބުންޏެވެ.

ކޮންމެ މީހަކުވެސް އެމީހެއްގެ ޚިޔާލު ދޭން ފަށައިފިއެވެ. ކޮފީގެ ދައުރު ހިނގަމުން ދިޔައެވެ. ވާހަކަ ދެކެވެމުން ދިޔައެވެ. އެހެން ނަމަވެސް ޤަބޫލުކުރެވޭ ކަހަލަ އެއްވެސް ޚިޔާލެއް ނުލިބުނެވެ. އެންމެން ދެކޭގޮތުގައިވެސް ޖަލާލީގެ ހުތުރު ސިފައާމެދު ފުރިހަމައަށް އެއްބަސް ވެއްޖެއްޔާ އެއްވެސް އަންހެން ކުއްޖަކު ތިމާގެ ޒަވާޖީ ޙަޔާތުގެ ބައިވެރިއަކަށް ޖަލާލީ ނުހޮވާނެއެވެ.

[ދެންއޮތީ ކޮންގޮތެއް ހެއްޔެވެ؟] ފައުޒިއްޔާ ވިސްނާލަމުން ބުންޏެވެ.

[ފައުޒިއްޔާ ޖަލާލީގެ ފޮޓޯއެއް ނުގެންދާށެވެ.......] މިސިޒޒް ތާބުޝް ބުންޏެވެ.

]އަންހެން ކުއްޖާގެ މައިންބަފައިން ރުއްސާނީ ކިހިނެތް ހެއްޔެވެ؟ ފޮޓޯ ދައްކަން ޖެހޭނެއެވެ.] ފައުޒިއްޔާ ބުންޏެވެ.

[ކޮންމެވެސް ކަހަލަ ޢަމަލީ ޙިކްމަތެއް ބޭނުންކުރާށެވެ..........]

[ޝަވާލީ ބުނެބަލާށެވެ.]

[ހަމައެކަނި ވާހަކައިން ފިރިހެން ކުއްޖާއަކީ ރީތިމީހެއް ނޫންކަން ބަޔާންކޮށްދޭނީއެވެ. އޭނާއަކީ މުދާވެރިއެއްކަމާ ދުނިޔޭގެ ހުރިހާ އަރާމެއް އޭނާއަށް ލިބިފައިވާކަން ހާމަކޮށްދޭށެވެ.]
[އެމީހުން ތިޔަހާ ފަސޭހައިން އެހާބޮޑު މައްސަލައެއް ނުނިންމާނެއެވެ.]

[ދެން އެންމެ ރަނގަޅެވެ. ޖަލާލީގެ އަޚްލާޤާ މުދާވެރިކަމުގެ ވާހަކައިން އެމީހުންނަށް ކިޔާދޭށެވެ. ކޮންމެވެސް ކުއްޖަކު ރުހިދާނެ ކަންނޭގެއެވެ. އަނެއްކޮޅުން ބަލާއިރު މީހާގެ ސިފައަކީވެސް ﷲ ދެއްވާ އެއްޗެކެވެ. މިފަދަ މޭރުމަކުން ވާހަކަ ދައްކާށެވެ.]

ޝަވާލީގެ ވާހަކައަށް އެންމެން ހީގަތެވެ. އެކަމަކު މިއީ ރަނގަޅު ޚިޔާލެއް ކަމުގައި ހަމަޖެހިއްޖެއެވެ. އެންމެންވެސް މިގޮތާ އެއްބަސް ވެއްޖެއެވެ.

[އަދި އެހެންގޮތެއް އެބަވިސްނެއެވެ.] ހިނދުކޮޅަކަށްފަހު ޝަވާލީ ފުންމައިގެން ބުންޏެވެ.

[ކޮބާ ހެއްޔެވެ؟] އެންމެން ސުވާލުކުރިއެވެ.

[ފައުޒިއްޔާއެވެ. ކޮންމެވެސް އެހެން މީހެއްގެ ފޮޓޯއެއް ގެންދާށެވެ.]

[މާނައަކީ ކޮބައި ހެއްޔެވެ؟]

[ކޮންމެވެސް އާދައިގެ މީހެއްގެ ފޮޓޯ ހިފައިގެން ދާށެވެ.]

[އެއިން ކުރާނީ ކޮންކަމެއް ހެއްޔެވެ؟]

[އަންހެން ކުއްޖާގެ ޢާއިލާ ގޮތްދޫނުކޮށް ހިފަހައްޓައިފިއްޔާ ފޮޓޯ ގެއްލިއްޖެއޭ ބުނާށެވެ. ދެން ހިފައިގެންދާ ފޮޓޯ ދައްކާފައި މިކަހަލަ ސިފައެކޭ ބުނެ ހަމަޖައްސާލާށެވެ.]

[ނޫނެކެވެ. ތިޔައީ ކެހިވެރި ގޮތެކެވެ.]

[ނޫނެކެވެ. އެއްގޮތަކަށްވެސް ކެއްސަކަށް ނުވާނެއެވެ. އެއީ ހަމަ ޖަލާލީއޭ ނުބުނުމުން އެކަން ނިމުނީ ނޫން ހެއްޔެވެ. އެއީ ހަމަ ޖަލާލީއާ ދާދި އެއްވައްތަރެއްގެ މީހެކޭބުނެވިދާނެ ނޫން ހެއްޔެވެ. މިއީ ކެއްސަކަށްވަނީ ކިހިނެތް ހެއްޔެވެ. އަހަރެން ފޮޓޯގަނޑެއް ދޭނަމެވެ. މަންސޫރުގެ އަލްބަމުގައި ސިފަހުތުރު ރަޙްމަތްތެރިއެއްގެ ފޮޓޯ ހުންނާނެއެވެ.]

[ސިފަހުތުރު ރަޙްމަތްތެރިއެކޭ ހެއްޔެވެ؟] އެންމެން ހޭން ފަށައިފިއެވެ.

[އަނެއްކާ ޖަލާލީއަށްވުރެ ވަކި ހުތުރެއް ނުވާނެއެވެ.] ޝަވާލީ ބުންޏެވެ. [ބޭނުންވަނީ އަންހެން ކުއްޖާގެ މައިންބަފައިންނަށް އަންދާޒާ މީހެއް ދެއްކުން ނޫން ހެއްޔެވެ. އޭނާ ޖަލާލީއާ ކޮންމެވެސް ވަރަކަށް ގުޅެއެވެ.] އެންމެންވެސް ޝަވާލީގެ ޚިޔާލާމެދު އެމީހެއްގެ ޚިޔާލު ފަޅާކުރަން ފަށައިފިއެވެ. ފުރަތަމަ އެންމެންވެސް ބުނީ ތިޔަހެން ހަދައިގެން ނުވާނެ ކަމުގައެވެ. އެހެން ނަމަވެސް ޝަވާލީ އެކަމާމެދު ދިގު ތަޤްރީރެއް ދެމުން ބުންޏެވެ.

[މިގޮތަށް ކަންތައް ނުކުރެވިއްޖެއްޔާ ޖަލާލީގެ ކާވެންޏެއްވެސް ނުކުރެވޭނެއެވެ. ދެން އެންމެ ރަނގަޅުވާނީ މިހިސާބަށް މިކަން ހުއްޓާލުމެވެ.]

[ޖަލާލީ ގާތުގައި މިވާހަކަ ދައްކާނެ ހެއްޔެވެ؟] މިސިޒް ތާބުޝް ސުވާލުކުރިއެވެ.

[އޭނާ ގާތުގައި ބުނުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ...... މަޤްޞަދަކީ އޭނާ މީހަކާ ދެވުމެވެ. މިތަނަށް ކުއްޖަކު ގެނެސް ކާވެނި ކުރުވުމެވެ....... އޭރުން ޖަލާލީގެ ގެއާ މުދަލާ އަޚްލާޤު ފެނުމުން ހުރިހާކަމެއް އަންހެން ކުއްޖާވެސް ޤަބޫލު ކޮށްފާނެއެވެ. އަމިއްލަ ނަސީބާމެދު ފަޚުރުވެރި ވާނެއެވެ.]

[ތިޔަބުނީ ރަނގަޅު ވާހަކައެކެވެ.]

[ބައެއް ފަހަރު ގޯސްވާހަކަވެސް އަހަރެން ދައްކަމެވެ.] އެންމެން ހޭންފަށައިފިއެވެ.

ވާހަކަ މިހިސާބަށް ނިމިއްޖެއެވެ. މިގޮތަށް ނިމި ކަނޑައެޅިއްޖެއެވެ. ޝަވާލީ ފައުޒިއްޔާއަށް ފޮޓޯއެއް ދޭން އެއްބަސް ވެއްޖެއެވެ. އެންމެންވެސް ޖަލާލީގެ ގެ އާބާދުކުރެވިދާނެ ކަމުގައި އުފާ ފާޅުކުރަން ފަށައިފިއެވެ.

ދެވަނައަށްވީ ދުވަހު އެންމެން ތިބީ ޖަލާލީގެ ގޭގައެވެ. މިއަދު ޖެކްޝަންގެ ދެމަފިރިންވެސް އައިސް ތިއްބެވެ. މިއަދަކީ ޖަލާލީގެ ކާވެނީގެ ހުރިހާ މުޢާމަލާއެއް ނިންމާ ދުވަހެވެ.

ފައުޒިއްޔާ ފުރަން ތިންދުވަހަށް ވެއްޖެއެވެ.

[އިންނާނެ ކުއްޖަކު ލިބިއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟] ވާހަކައިގެ ތެރޭގައި ފައުޒިއްޔާ ސުވާލުކުރިއެވެ.

ޖަލާލީ އިނީ އަޖައިބެއްފަދަ ޙާލެއްގައެވެ. ބައެއް ފަހަރު ހިނިތުންވެސް ވެލައެވެ. އަދި ބައެއް ފަހަރު އިންނަނީ މުޅިން ސީރިއަސް ވެފައެވެ.

[ފޯނުކުރާނީއެވެ.] ޝަވާލީ ކުއްލިއަކަށް ބުންޏެވެ.

[ފޯނު ކުރެވިދާނެއެވެ. އޭގެ ފަހުގައި ޢަމަލުކުރަންވީ ކިހިނެއް ހެއްޔެވެ؟]

[ފޯނުން ކައިވެނި ކުރުވާނީއެވެ.] މަންސޫރު ބުންޏެވެ.

ޖަލާލީ ހާސްވެފައި ކަހަލަ ގޮތަކަށް ގޮނޑީގައި ހަމަޖެހިލިއެވެ.

[އޭގެ ފަހުގައި ހަދާނީ ކިހިނެއް ހެއްޔެވެ؟ ފައުޒިއްޔާ ބުންޏެވެ.

[ދެން އެނގޭނީ ޖަލާލީއަށެވެ. ވިސާ ފޮނުވާނީއެވެ. ޓިކެޓް ފޮނުވާނީއެވެ. އެކުއްޖާ މިތަނަށް ގެންނާނީއެވެ.] ތާބުޝް ހެމުން ބުންޏެވެ.

ޖަލާލީ ފިކުރު ބޮޑުވެފައިވާ ޙާލެއްގައި ތެދުވެ ދެކޮޅަށް ހިނގަން ފަށައިފިއެވެ. ދެއަތް ދެއަތަށް އުނގުޅާލާފައި ބުންޏެވެ. [ކޮންމެވެސް ޣަރީބު ކުއްޖެއްގެ ނަސީބު ފުނޑުފުނޑު ކޮށްލަން ކަލޭމެން މިހާރު ނިންމީދޯއެވެ.]

[މިއޮތީ މިކަންވެފައެވެ.] ޝަވާލީ ނިތްކުރީގައި ޖަހާލަމުން ބުންޏެވެ. ދެން ބުންޏެވެ. [ޖަލާލީއެވެ. ތިޔަހާ ބޮޑަށް ޔަޤީންކަން ކުޑަކުރަނީ ކީއްވެގެން ހެއްޔެވެ. ޖަލާލީގެ ސިފަ ހުތުރެއްކަމަކު ވާނީ ކޮންކަމެއް ހެއްޔެވެ. ޖަލާލީގެ އަތުގާ އިންތިހާއަށް ފައިސާ އެބަހުއްޓެވެ.]

ޖަލާލީ ފުންނޭވާއެއް ދޫކޮށްލަމުން ހިތްދަތި ނަޒަރަކުން ޝަވާލީއަށް ބަލާލިއެވެ.

[އާނއެކެވެ. މިބުނަނީ ތެދެކެވެ. އެއްކަމެއް އުނިވާއިރު އަނެއް ކަމެއްގައި ޢަދަދު ގިނަވެފާވެސް ވެއެވެ.]
--------------
 (ނުނިމޭ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ