އަދުގެ ޚާއްސަ

Print

ކުށްވެރިއަކީ ކާކު؟

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އިޖުތިމާޢީ



ކުށްވެރިޔަކީ މަނާ ސަރަޙައްދުގައި ޕާކުކުރި މީހުންހެއްޔެވެ؟ ސައިކަލް އެކްސިޑެންޓްވި ދެމީހުންހެއްޔެވެ؟ މާލެ ތޮއްޖެހުމާއި ވަދި ދިރިއުޅުންހެއްޔެވެ؟


އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ

ހެނދުނުގެ ނާސްތާއަށްފަހު އަހަރެން އޮފީހަށް ދާން ނިކުތީ ގަޑިޖެހެން ކުޑަތަން ވެފައި ވަނިކޮށެވެ. ގެއިން ނިކުތުމާއެކު އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ ގެއާ އިންވެގެން އޮންނަ މަގުގެ ގޯޅި ކަންމަތީގައި ސައިކަލުތަކެއް އެކްސިޑެންޓްވެފައި ވަނިކޮށެވެ. އޭރު ވެއްޓިފައިވާ ސައިކަލެއް ކައިރީ އަންހެނަކާއި ސްކޫލް ޔުނީފޯރމްގައި ކުޑަވަރެއްގެ އަންހެން ކުއްޖަކުވެސް ހުއްޓެވެ. އަދި އެތަނަށް މީހުން ޖަމާވަމުން ދިޔައެވެ. އަހަރެންނަކަށްވެސް ކެތެއް ނުކުރެވުނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަހަރެން ވެސް އެ ތަނަށް ދިޔައިމެވެ. ގަޑިއަކަށް ނުބަލައެވެ.

އަހަރެން އެ ތަނަށް ގޮސް އިންވެސްޓިގޭޝަން އޮފިސަރެއް ފަދައިން ވެގެން އުޅޭ ގޮތް ސާފުކުރުމަށް އެ އަންހެން މީހާއާ ސުވާލުކޮށްލީމެވެ. އެ މީހާ ގާތު އަހައިލުމުން ބުނީ "ދަރިފުޅު ސްކޫލަށް ދާން ގަޑި ކައިރިވުމުން ދަރިފުޅު ގޮވައިގެން އަވަސްއަވަހަށް ސްކޫލަށް ދިއުމަށް ސައިކަލްގައި ނުކުތީކަމަށް ބުންޏެވެ. ނަމަވެސް އެ ގޯޅި ކަންމައްޗާއި ހަމައަށް އެރި ތަނާ ވަރަށް ބާރަށް ދުއްވައިފައި އައި ސައިކަލެއް އޭނާގެ ސައިކަލްގެ ފަހަތުގައި ޖެހި އެ ސައިކަލް ކޮންޓްރޯލް ނުކުރެވިގެން ގޮސް އެ ގޯޅި އެޅުމަށް ދިޔަ އެހެން ސައިކަލެއްގައި ޖެހި ކޮންޓްރޯލް ނުކުރެވި، އެ ގޯޅި ކަންމަތީގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ޖެހި އެކްސިޑެންޓް ވީ'' ކަމަށެވެ. އޭރު އެ އަންހެން މީހާ ދުއްވަން އިން ސައިކަލާއި އެކްސިޑެންޓްވި ސައިކަލާއި އެތާހުރި އިތުރު ސައިކަލްތަކަށް ވެސް އެކިވަރުގެ ގެއްލުންތައް ލިބިފައި ހުރިތަން އަޅުގަނޑަށް ފެނުނެވެ. އެ ވަގުތު އޭނާގެ ގާތުގައި ފުލުހުންނަށް އެންގިންތޯ އަޅުގަނޑު އަހައިލީމެވެ. ނަމަވެސް އަދި ނާންގާކަމަށްބުނުމުން އަޅުގަނޑު އެކަން ފުލުހުންނަށް އެންގީމެވެ.

ކަން މިހެން ހުރި ނަމަވެސް ފުލުހުންނަށް އެކަން އެންގުމާއެކު އެ އަންހެން މީހާ ދަރިފުޅު ސްކޫލަށް ގަޑިޖެހޭކަމަށް ބުނެ އަވަހަށް ދާން ބޭނުންވާ ވާހަކަ އަޅުގަނޑުގެ ގާތު ބުންޏެވެ. އަދި އެ ތަނަށް އެއްވި މީހުން ވެސް އޭނާގެ ގާތު ގަޑިޖެހެން ވާއިރަށް ސްކޫލަށް ދާށޭ ބުނުމުން އެ އަންހެން މީހާ އަމިިއްލައަށް ވެއްޓިފައިވާ އޭނާގެ ސައިކަލް ނަގައި ކޮޅަށް ޖެހި އެވެ. އެ ވަގުތު އަނެއް ސައިކަލް ދުއްވި މީހާ ވެސް އަހަރެންގެ ގާތު އޮފީހަށް ގަޑިޖެހޭ ވާހަކަ ބުނެ، އަވަސްއަވަހަށް ސައިކަލް ނަގާ ކޮޅަށް ޖެހި އެވެ. އޭރު އެތަނުން އެކްސިޑެންޓްވިކަމަށް ބުނާ އިތުރު ސައިކަލެއްގައި އިން މީހާ ގަޑިޖެހޭތީކަމަށް ބުނެ ސައިކަލް ނަގައިގެން ބޫން ކަނޑައިފައި ދިޔަ މަންޒަރު އަޅުގަނޑު ފެނުނެވެ. އެހެންކަމުން އަހަރެން އެ އަންހެން މީހާ ގާތު މައްސަލަ ކުރިއަށް ގެންދެވޭނީ އެކްސިޑެންޓްވި ދެފަރާތް ވެސް ތިބެގެން ކަމަށް ބުނީމެވެ. ނަމަވެސް އެ އަންހެންމީހާ '' އަހަރެންނަކަށް ދެނެއް މަޑެއް ނުުރެވެނެއޭ'' ބުނެ ދާން ފެށުމުން އަނެއް ސައިކަލްގައި ޓައީ އަޅައިގެން އިން މީހާ ވެސް މައްސަލައެއް ނެތިއްޔާ މަ ވެސް ދަނިއްޔޭ ގަޑިޖެހެނީއޭ ކިޔައި އަނެއްކާ ވެސް ސައިކަލްގައި ދުމެެއް ޖަހައިފައި އޮފީހަށް ދާން ނައްޓައިލި އެވެ.

އެވަގުތު އަޅުގަނޑުގެ ހިތަށްް އެރިއެވެ. އަހަރެންވެސް ގަޑިޖެހެނީ އެވެ. މިހެން ކިޔައި ހިނގައިގަތް ތަނާ އެތާ އެއްވެފައި ތިބި މީހުން އަހަރެންނާ ދިމާ ކުރަން ފެށި އެވެ. އަދި ބުނަމުން ދިޔަ އެވެ. މިތާ ޕާކުކޮށްފައި ހުރި ސައިކަލްތަކަށް ވީ ގެއްލުމަށް ޒިންމާ ވާނީ ކާކު ހެެއްޔެވެ؟ އޭރު އެސައިކަލްތައް ޕާކުކޮށްފައި ހުރީ ޕާކިންގ ޒޯންގައި ނޫންކަން އެ މީހުންނަށް އެނގުނުހެނެއް ހިޔެއް ނުވެއެވެ. އެ މީހުންގެ ނަޒަރުގައި ކުށްވެރިޔަކީ އަހަންނެވެ. އެކްސިޑެންޓްވި ދެސައިކަލް ދުއްވި މީހުންނެއް ނޫނެވެ. އަދި މަނާ ސަރަޙައްދުގައި ޕާކުކޮށްފައިވާ ސައިކަލުތައް ޕާކުކުރި މީހުންނެއް ވެސް ނޫނެވެ. މާލެ ތޮއްޖެހިފައި ވުމުގެ ސަބަބުންނާއި، އެންމެންް އަވަދިނެތިވެ، ކަންކަމުގައި ލައިނުގަނެގެން އުޅެންޖެހުމުން، މި ފަދަ އެތައް ހާދިސާއެއް ކޮންމެ ދުވަހަކު ވެސް ހިނގާނެ އެވެ.

އަހަރެން އޮފީހާ ދިމާއަށް ހިނގައިގަތީމެވެ. މަޖީދީމަގުން މާވެޔޮ މަގާ ހިސާބަށް ދެވުނު ތަނާ މަޖީދީ މަގު މާވެޔޮމަގާ ގުޅުނު ކަންމަތިން، ބިދޭސީ މީހަކު ދުއްވާފައިދިޔަ ބައިސްކަލުން، މަގު ހުރަސް ކުރަން އުޅުނު ދެބައި އުމުރުގެ އަންހެނެއްގެ ގައިގައި ޖެހި އެމީހާ މަގުމައްޗަށް ވެއްޓުނު މަންޒަރު އަހަރެންނަށް ފެނުނެވެ.  އެމަންޒަރު އަހަރެންނަށް ހަމަ ފެނުމާއެކު ދުވެފައި ގޮސް އެ އަންހެން މީހާ އެތަނުން ނެގީމެވެ. އަދި ބައިސްކަލް ދުއްވި މީހާ މަޑު ކުރުވައި ސުވާލުކޮށްލީމެވެ. ކުށްވެރިއަކީ ކާކުތޯ ބަލައި ލީމެވެ. އަދި ބިދޭސީ މީހާގެ އަތުގައި ވޯރކް ޕާމިޓް ކާޑު އޮތްތޯ ބެލި އިރު އޭނާގެ އަތުގައި އެ ކާޑެއް ނެތެވެ. ވާހަކަދައްކަނީ ބޭރު ބަހަކުންނެވެ. ދެއްކި ވާހަކައެއް މާރަނގަޅަކަށް ނޭނގުނެވެ. އެހެންނަމަވެސް އޭނާގެ އިޝާރާތްތަކާއި، ބަސްމަގު ހުރި ގޮތުން ދޭހަވީ އޭނާގެ ނަޒަރުގައި ކުށްވެރި ވަނީ އެ އަންހެން މީހާ ކަމަށެވެ. ސަބަބެއް ކަމަށް އޭނާ ދައްކަނީ މަގު ހުރަސްކުރަން އޮންނަ ކަފިހި ހުރަހުގެ ބޭނުން އެ އަންހެން މީހާ ނުހިފައި، ބޭނުންހާ ދިމާއަކުން އެއްވެސް ބެލުމެއްނެތި މަގުހުރަސް ކުރުމެވެ. ނަމަވެސް އެ އަންހެން މީހާ ހަޅޭއްލަވަނީ ބިދޭސީ މީހާއަށެވެ. އެ ވަގުތަކީ މަގުމަތީބައްތިތައް ނިއްވައިލައިފައި ހުރި ގަޑިއެއްކަމުން އެ ކަމާ މެދު އަހަރެންގެ ހިތުގައި އެއްވެސް ސުވާލެއް ނެތެވެ. މި ކަން ފުލުހުންނަށް އަންގާނެކަމަށް އަހަރެން ބުނުމުން އެ ބިދޭސީ މީހާ ދުވެފައި ގޮސް ފިލައިފި އެވެ.

މިކަމުގައި ކުށްވެރިޔަކީ ކާކުތޯއެވެ؟ އަންހެން މީހާ ތޯއެވެ؟ ނުވަތަ ބޭރުމީހާތޯއެވެ؟ ވިސްނާކަށް ވަގުތެއްނެތެވެ. ގަޑިޖެހެނީ އެވެ. އަނެއްކާ ވެސް އަހަރެން މިސްރާބުޖެހީ އޮފީހާ ދިމާއަށެވެ. ނަމަވެސް ވަކި ހިސާބަކަށް ދެވުނު ތަނާ އަނެއްކާ ވެސް އަހަރެންނަށް ފެނުނީ ޕާކުކުރުން މަނާ ސަރަޙައްދެއްގައި ޕާކުކޮށްފައި ހުރި ސައިކަލްތަކެއްގައި ކަޓަރު އަޅައި ވަރަށް ބޮޑަށް ސައިކަލްތަކުގެ މަޑި ކަފައިލައިފައި ހުއްޓައެވެ. އެސަރަހައްދުގައި ހުރި ގާތްގަނޑަކަށް 10 ވަރަކަށް ސައިކަލްގައެވެ. ވަގުތުން އަހަރެން ފުލުހުންނަށް އެކަން އެންގީމެވެ. ސަރަހައްދުން ބޭރުގައި ސައިކަލު ޕާކުކޮށްފައި ހުއްޓެއްކަމަކު ސައިކަލުތަކަށް ގެއްލުން ދޭކަށް ނުޖެހެއެވެ. މާލޭގައި ދުއްވާ އެއްގަމު އުޅަނދުގެ ނިސްބަތުން، އެ ތަކެތި ޕާކުކުރާނެ ޕާކިން ޒޯންތަކެއް ހެދިފައެއް ވެސް ނުހުރެއެވެ. ގެތައް ދިހަ ބާރަ ބުރިއަށް މައްޗަށް ނަގާއިރުވެސް އެގޭގައި ދިރިއުޅޭ މީހުންގެ ދުއްވާ ތަކެތި ޕާކުކޮށްލާނެ ތަންކޮޅެއް ވެސް ގޯތިތެރޭގައެއް ނޯވެއެވެ. އެހެންވީއިރު ކުށްވެރިޔަކީ ކާކުތޯއެވެ؟
---------------
(ނިމުނީ)
މި ލިޔުން:
   ފޮނުވުން:     އަލްފާޟިލް އަޙުމަދު ނާފިޢު، ބ. ދަރަވަންދޫ
   އަލުން ބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު (އެޑިޓޯރިއަލްބޯޑުގެ ފަރާތުން)
   ޝާއިޢުކުރުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

އިދާރާ

ވާހަކަ