Print

މި ފޮނި ދިވެހިބަސް ހިތިވަމުން ދާތީ..

ޝާޢިއުކުރީ ދާރީ . ހިމެނޭބަޔަކީ މާދަރީބަސް

          
ކަނީރު ޢަބްދުއްރަޙީމު
                     
މިނިވަން ކަމަކީ ކޮބައިހެއްޔެވެ.   އެއްވެސް ހިފެހެއްޓުމެއްނެތުމޭ ބުނެފިނަމަ އެއީ ރަނގަޅުޖަވާބެއް ހެއްޔެވެ.  އެކަމަކު އެއީ މިނިވަންކަމޭ ބުނާ ގިނަބަޔަކު މިތިބަ އުޅެނީއެވެ. ގާނޫނުގައިވެސް އޮންނަންވާގޮތަކީ ކުރެވޭގޮތަށެވެ. ގަވައިދުތައް ހަދަންވާނީ ހުއްދަވާ ގޮތަށެވެ. އެނޫންގޮތަކަށް އެމީހަކަށްދިމާވާފަހަރު ގާނޫނުވެސް ގަވައިދުތައްވެސް އެހުންނަނީ ހުންނަންވީ ގޮތަކަށްނޫނޯލައެވެ. އެއެއްޗެތި ހެދިމީހުންނާއި ހަދަންތިބޭމީހުން ވަކިފަރާތަކަށްޖެހި، ނުވަތަ މާލޫމާތު ނެތިގެން އެގޮތަށް އެތަކެތި ހެދިފައިހުރީކަމަށް " އަޑުންއަޑުނަގައި " ގޮވަން ފަށަނީ އެހެންވެތާއެވެ.
   
އަހަރެމެންގެ މި ދިވެހިބަހާ ބެހޭގޮތުންވެސް އެއްބަޔަކު މިތިބަ އެގޮތަށް ވާހަކަދައްކަނީއެވެ. ގަވައިދު މާބޮޑު ކޮށްގަނެގެން އުޅުމަކީ ބޮޑުގޯހެއްކަން ސާބިތު ކުރެވޭތޯ ވަކާލާތު ކުރަނީއެވެ. އެމީހަކު ހިތަށްއެރިގޮތަކަށް ހިތަށް އެރި އުސޫލަކުން ވާހަކަދައްކާ ލިއެހެދުމަކީ މިނިވަންކަމޭ ނުވަތަ މިނިވަންވުމޭ ކިޔަނީއެވެ. ނުފޫޒުހުރި ބާރުހުރި ފަރާތްތަކުން އަނެކުންނަށް މިނަމޫނާ ދައްކާ އެގޮތުގައި ކުރިޔަށް ދިއުމުގެ ހިއްވަރު ދެމުން ގެންދާކަމީ މިއަދުގެ އެއްމެ އަޅައިގަނެވޭ އެއްކަންތަކެވެ. ސުވާލު އުފެދިފައިވާ ބޮޑުމައްސަލައެކެވެ.
   
ދުނިޔޭގެ ދިރިއުޅުމުގައި ކަމެއްކުރެވުމަށް ބޭނުންވާ މައިދެޝަރުތަކީ ބާރާއި ފައިސާއޭ ބުނެވެއެވެ. ފައިސާ ހުރީމާ އެއީވެސް ބާރު ކަމުގައި ދެކޭބަޔަކު ބުނާގޮތުގައި މައި ޝަރުތަކީ ބާރެވެ. ގަދަފަދަ ކަމެވެ. ވެރިކަމެވެ. ކޮންމެނަމެއްކިޔަސް އެމީހަކަށް ދެންތިބީންނަށް ނުފޫޒުފޯރުވޭ ފޯރުވުމަކީ އޭގެނަތީޖާއެވެ. ދިވެހިބަހުގެ ފަސްމަގަށް ބަލައިލާއިރު އެއްގޮތަކުން މިވާހަކައިގެ ތެދުކަން ފެންނަންއެބައޮތެވެ. ގާތުން ދުރަށް ނަމަ، ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ދިވެހިބަހަށް މައުމޫން ލޯބިކުރެއްވި ވަރާއި އެގޮތުން ކުރެއްވި މަސައްކަތްޕުޅު ތަކުގެ ނަތީޖާ ހަލުއިކަމާއެކު ފެނި ބަހަށް އެދެވޭ ކުރިއެރުމެއް ލިބުމުގެ ކޮޅުމަތި ދައްކާލިކަމާމެދު އޮޅުންފިލުވައިގެންހުރި މީހަކު ދެބަހެއް ނުވާނެކަން ގައިމެވެ. ފަހުބަސް ގެ ނަމުގައި ލިއުއްވަމުން ގެންދެވި ލިއުއްވުންތަކުގެ ސަބަބުން ބަހުގެ ތަފާތު ދިރާސާ ތަކަށް އަލި އެޅުނުކަން ކަށަވަރެވެ. އޭގެ ފަހުން އެމަސައްކަތްޕުޅު ކޮންމެވެސް ސަބަބަކާ ހެދި ހުއްޓަވާލައްވާ " ބެލެނިވެރިކަމުން " ވަކިވެވަޑައިގެން ދުރަށްޖެހިވަޑައިގަތުމަށްފަހު ދެން އެ ފަޅިން ފެނިގެން އައީ ބަސްކުރި އެރުވުމުގެ ނަން އެކަނިކަމުގައި ނިންމޭވަރުވިއެވެ. ކުރެވެންހުރެ އެކަށީގެންވާ އެއްވެސް ކަމެއް ނުކުރެވުނުކަމުގައި ފަސޭހަކަމާއިއެކު ބުނެލެވޭވަރު ވިއެވެ. އެއްބަސްވާން ބޭނުންނޫން ފަރާތެއް ނުވަތަ ފަރާތް ތަކެއް ވާނަމަ ހަމައެކަނި ތިއީ ދޮގެކޭ ނުބުނެ ކުރެވިފައި ހުރި ފައިދާކުރަނިވި ކަންކަމުގެ އަޅާކިއުމެއް ހުށަ ހަޅާލަދިނުން ބޭނުމެވެ. ސާބިތާއެކު އެވެނި މިވެނި ކަންކަން ކިޔާލަދެވެން ވާނެއެވެ. މުސްކުޅި ވާހަކަ ފޮތެއް ޗާޕުކޮށްނެރެ ވިއްކާވިޔަފާރި ކުރުމާއި ދެއްކުންތެރިކަމުގެ އިންތިހާގައި މުބާރާތްތަކާއި ޖަލްސާތައް ހަމައެކަނި މަޝްހޫރުކުރުމުގެ އަމާޒުގައި ބާއްވަމުންދިޔަ ދިއުމަކީ ދިވެހިބަހުގެ ކުރިއެރުވުމަށް އެހީ ލިބުނުކަންކަން ކަން ވެސް ހެއްކާއި ދަލީލާއި އެކު ދައްކާލަ ދޭންވާނެއެވެ.
   
އޭގެ ކުރީ ދުވަސްވަރަކީ ފާހަގަކޮށްލަންޖެހޭ ދައުރެކެވެ. ދިވެހިބަސް ކަމުނުދާތީ، ނުފުދޭތީ، އަޅާނުލައި އެއްލާލެވި ހިރަފުސްބުރާ ވަޅުޖެހުނު އިރުވެސް އެގޮތްރަނގަޅު ކަމުގައި ވީ އެވެ. އިނގިރޭސި ބަހުންކިޔަވާ ދޭންފެށި ފެށުމަކީ ނުބައި ކަމެކޭ ނޫނެވެ. އެބަދަލަކީ ގެންނަންޖެހޭ ބަދަލެއްނޫނޭ ބުނެވޭކަށްނުވެސް ނެތެވެ. ބުނަންޖެހެނީ ދިވެހިބަސް އެހިސާބުން އަތުކޮޅަށްހޫރާލައި އަކުރުތައްވެސް ނަގާލަން ބާރުއެޅުނު ވާހަކައެވެ. އަދިއަދަށްވެސް އަހަރެމެންނަށް އަހަރެމެންގެ މިރީތި ދިވެހިބަހުގެ އަގު އޭރުވައްޓާލި ވައްޓާލުމުގެ ސަބަބުން މިތިބީ " ދިވެހިބަހަކީ އިޝާރާތެކޭ " ބުނެލަ ބުނެލައެވެ.
   
ފުރަތަމަ ޖުމްހޫރިއްޔާގެ ބަޠަލު އަމީންދީދީގެ ކުރުމުއްދަތަކީ ދިވެހިބަހުގެ ތާރީހުދުށް ރަންޒަމާނެވެ. ބަހަށްލިބުނު ކާނާއާއި އަޅާލުމާ އޯގާތެރިކަމުގެ ސަބަބުން އާކުރިތައްފަޅައި ހެދި ބޮޑުވަމުން އައީ ބަލާމީހާ ވެސް އުފަލުން ފުރި އުތުރިއަރާ ވަރަށެވެ.  ދިވެހި ލިޔުންތެރި ކަމަށް ބޮޑުބަދަލެއް އައި ކަމާއި ، ޅެންވެރިން އެބައިމީހުންގައި ހުރިވަރެއްދައްކާލިކަން އެއީ އޮޅުމެއްނެތް ތާރީހުކަމުގައިވެގެން ދިޔައެވެ. " ޒަމާނަށް ހޭނުލައިތިބެގެން " ނުވާނެކަން ކަންކަންކުރަންތިބި މީހުންނަށާއި ކުރުވަން ހުންނެވި ދިވެހިބަސް ދެކެ އިންތިހާ ދަރަޖައަށް ލޯބިފުޅު ވެވަޑައިގެންނެވި އަމީންދީދީ އިހުސާސްކުރެއްވީ މަތިމައްޗަކުން ނޫންކަން ފެންނަންހުރި ހެކިތަކުން ސާބިތުވެ އެނގިގެންދިޔަމެއެވެ.
      
ވެދިޔަ ފަސްމަގުގައި  ކަންކަން ހިނގާދިޔަގޮތުގެ ތަފުސީލެއް އެކަށީގެންވާ ގޮތެއްގައި ފަސޭހައިން ލިބެން ނެތްކަމުގައި ވިޔަސް ތާނައަކުރުގެ އުފެދުމާއި ދިވެހިބަހުގެ ބައެއް ގަވައިދުތައް ލިއެފައިވަނީ މާދުރު ނޫން ފަސްމަގެއްގައި ކަން އެނގެއެވެ. އެ ޒަމާނަކީ ކަމެއް ކޮށްލެވޭފެންވަރުގެ އެކިދެތިންމީހުންނާއި ކުރުވަން ބާރު އަޅާނެ ނުވަތަކުރުވާނެ ގައުމުދެކެ ލޯބިވާ މީހުން އިސްސަފުގައި އުޅުނު ދުވަސްތަކެއްކަން ޔަގީންކުރެވެއެވެ. އަތުން (އޮނުގަލަމުން ދެލިދަވާދުން) ލިޔުނުދުވަސްވަރެވެ. ފަސްލޭނުބައްތީގެ ނުވަތަ ވޮށްވޮށުގެ އަލީގައި ނުހެއޮވަރު ތަންތާނގައި އެކިއަރިއަށް އޮރިޔަށް އިނދެގެން ލިޔަމުން ގެންދިޔަ ޒަމާން މެއެވެ. ކޮންމެއަކަސް އައިބަދަލުތަކެއް އަންނަމުން އައިސް ދިވެސް އަކުރު އެވޭލާ އަކުރަށް ވެފައި މިހާރު މިހިރަ ތާނައަކުރަށް ބަދަލުކުރެވުނު ކަމަށް ބުނެވެނީ މަޝްހޫރު ބޮޑުތަކުރުފާނުގެ ދުވަސްވަރުގައެވެ.
    
އަމީންދީދީ ވިދާޅުވެފައިވާ ފަދައިން " އަސަރަކާ އަދި ފޮނިކަމެއް އެކިބަސްބަހުން " ފެނެއެވެ. އެކަމަކު "އަސަރުގަދަ އަދި އެއްމެ ފޮނި ބަހަކީ" ދިވެހިވަންތަ ހަމަކޮންމެ ދިވެއްސަކަށްމެ ދިވެހިބަސް ކަމުގައިވާނެ ކަން ޔަގީނެވެ. ވުމާއި އެކު ކޮންމެ ދުވަސްވަރެއްގައިވެސް ދިވެހިންގެ ކޮންމެވެސް ބަޔަކު ދިވެހިބަހަށް ހެޔޮއެދިގެން އެކަމުގައި ވަނީ އުޅެފައެވެ. މިހާރުވެސް އުޅޭނެއެވެ. އެބައުޅޭތަން ފެނޭވެސް މެއެވެ. އެކަމަކު ކޮންމެކަމެއްގައި ވެސް އެކަމަކާއި ގުޅޭ ޝަރުތުތަކެއް ހުންނަންޖެހޭ ދުނިޔެވީ އުސޫލުން، މިފަދަ މަސައްކަތަކަށް ބޭނުންވާ ބައެއް ޝަރުތު ތައް މިކަމުގައިވެސް ފުރިހަމަވާން ޖެހެއެވެ. ޝަރުތު ހަމަވާ ދުވަސްދުވަސްކޮޅަކީ ދިވެހިބަހަށް ވެސް އެދެވޭ ކުރިއެރުންތަކާއި ދިރުން އިތުރުވަމުން އައިސްފައިވާ ދުވަސްތަކެވެ. މިކަމުގައި ފަސްމަގާއި މިހާރާއި އަދި ކުރިމަގުގައި ވަކިތަފާތެއް ނާންނާނެ އޭ ބުނެލެވިދާނެއެވެ. ޝަރުތުހަމަނުވާ ނަމަ ވަޒީފާވެސް ނުލިބޭ ބީދައިން އެފަދަ ދުވަސްތަކުގައި ދިވެހިބަހަށް ވެސް އައިސް ފައިވަނީ ހީނަރުކަމެވެ. ގޮސްފައިވަނީ މިލަމުން މޯޅިވަމުން ހިކެމުން ނެވެ. މިއީ ވެފައިވާގޮތެވެ. ވަމުންދަނީ އަދިދާނީވެސް މިހެންނެވެ.
    
ބައެއްބައެއް ފުސްމޫނާއި ނުރުހުމުގެ ސިފަތައް ހިތުގެލޮލަށް އެބަފެނޭވެސް މެއެވެ.  އެކަމަކުވެސް..!  އިތުރުތަފުސީލަކަށް ދާނަމެވެ. އަމިއްލަ ފިކުރާވިސްނުން މިސާލެއްގެ ގޮތުގައި ހުށަހަޅާލަމުންނެވެ.
    
ދިވެބަސް ކުރިއަރުވާހިތްވާ ބަޔަކު ބައިވެރިވެގެން ޖަމިއްޔާއެއް ހެދީއެވެ. ޖަލްސާ ބޭއްވީއެވެ. ޖީބުން ހޭދަތަކެއް ކޮށްގެންނެވެ. ހިތްވަރުކޮށްފައި ދެލޯ މަރާފައެވެ. ހޭދަތަކެއް ކުރަން މަޖުބޫރުވާތީއެވެ. ހިތްވަރުހުރި މީހުންކޮޅެއް ކަމުގައި ވާނަމަ ދެތިން ހަތަރު ޖަލްސާ އެކަހަލަ ގޮތަކަށް ބާއްވާފާނެއެވެ. ބޭއްވިދާނެއެވެ. އަލަށް އުޅޭއިރު ތަރިބާލާދިނުން އެއީވެސް އިންސާނީ އާދައެއް ކަމުގައިވާތީ އެ ޖަލްސާތަކުގައި އެތައްއެތައް ކަމެއް ކުރަންރާވާ ހަމަޖައްސައެވެ. ގިނަފަހަރަށް އެހާހިސާބަށް ދާއިރުވެސް ބައެއްމީހުން ތިބެނީ "އިލިވަރުވެ" ބުރަ އެއް ކަމުގައި އިހުސާސްކުރެވި އުއްމީދު ކެނޑޭގޮތް ވެލާފައެވެ. ފޯރި ކުޑަވެފައެވެ. ކުރަންރާވާ އެއްކަމެއް ދެކަމެއް ފެންގޮތަކަށް މަދުފަހަރަކު ކުރެވުނަސް ދެން ޖައްސަންޖެހެނީ ދެބުރެކި އެކީގައެވެ. ކުރީބުރެކި ޖެއްސުމާއެކު މުޅިން ހުއްޓުމަކަށް ދެއެވެ.  ހާލަކުންފަހަރަކު އެފަދަ ބައިވެރިންގެ ތެރެއިން އެކިދެތިން މީހަކު ގަދަހިތްވަރު ލާފައި ނެތް ހިއްވަރު ނެރެގެން ފޮތެއް، މަޖައްލާއެއް ނުވަތަ ނޫހެއް ނެރެންވެސް ފަށާފައެވެ. އެ ކަމަށްދާ ހަރަދާއި އެކަމަކުން ލިބޭފައިދާ ވަރުންއަޅުވާލެވޭ ވަރުވާނީވެސް ގަދަކަމުންނެވެ. ނަތީޖާއަކަށް ވާނީ އެއްމެންމެ ވައިވުމެވެ.  އުއްމީދާއި ފޯރި މުޅިން ނެތި ވިއްސިވިހާލިވެގެން ދިއުމެވެ. ދެންނުވާނެކަން ގަބޫލުކުރެވި ތަޖުރިބާ ކުރެވުނީ މައެވެ.  މިއީ ކުރިން ދަންނަވާލެވުނު ޝަރުތު ހަމަނުވާތީ ވާ އަދި ވާނެގޮތް ކަމަށް ގަބޫލު ކުރެވޭ ގޮތެވެ.
   
ޝަރުތު ހަމަނުވުމަކީ ކޮބައިހެއްޔޭ ކުރެވޭ ސުވާލުގެ ޖަވާބަކީ ބާރުހުރި ފައިސާހުރި ފަރާތްތަކުން އަޅާ ނުލުމެވެ. ދެން އަޅާނުލާ ސަބަބު ދޮގެއްތޯއެވެ. ޖަވާބުދޭކަށް އުނދަގުލެއް ނޫނެވެ. އެމީހުންނަށް ގަބޫލުކުރެވޭ ނަފާއެއް އެކަމުގައި ނޯންނާތީއެވެ.  ތެދެކެވެ. އިންސާނާ ކުރާކޮންމެ ކަމެއް ކުރަނީ އެކަމަކުން ފައިދާއެއް ލިބުމުގެ ބޭނުން އޮވެގެންނެވެ. ކުރެވޭނީވެސް އެހެންނެވެ.   މިއީ ހަގީގަތް ކަމުގައި ވާނަމަ އަހަރެމެން ދިވެހިންގެ އަދަދު މަދުކަމާއި ކިއުންތެރިކަމުގައި ފޯރިއެއް ނެތުމުގެ ސަބަބުން ނޫސް މަޖައްލާ ފޮތްފަދަ ތަކެތީގެ ވިޔަފާރިއެއް ނުއޮވެއެވެ. އަދިވަކިން މިގޮތަށް ނެރޭ އެއްޗަކުން ފައިދާއެއް ވަރަށް ނޯވެއެވެ. މަސައްކަތާއި ޗާޕުގެ އަގުހުންނަ ގޮތުންނާއި އެކު މިއެއްޗެތީގެ ވިޔަފާރިއަކީ ގިނަދުވަސް ތަކަކުން ނޫނީ ހަމަހަމަވެސް ނުޖެހޭކަމެކެވެ. އެވަރަށް އެއްފަހަރާ ވިއްކައެއް ނުލެވެއެވެ. ވީމާ ޖީބަށް ފައިދާއެއް ނުފެންނަނީއެވެ. ކުރުވަން ހުންނަ މީހާއާއި ކުރަން ތިބޭމީހުންގައި ޖީބުލޯބި ގަދަވެފައި ވާތީ މިއީ ކުރެވޭވަރު ކަމަކަށް ނުވަނީއެވެ. (މިގޮތަށް ނޫސް މަޖައްލާ އާއި ފޮތްފޮތުގެ ވާހަކަ ގެނެސްފައި މިވަނީ ބަހެއް ކުރިއެރުވުމުގައި މައިގަނޑު ބޮޑުބައެއް މިފަދަ ތަކެތީގައި އެކުލެވިފައި ވުމާއި ޓީވީ ރޭޑިއޯ އަދި ނެޓަކީ ވެސް މީގެ ބައެއްކަމުގައި ބަލައިގެންނެވެ.)
   
ކުރެވޭނެ އޮތީ އެއްމެ ގޮތެކެވެ. ކުރުވަންހުންނަ ބާރުވެރިޔާ އަކީ ނުވަތަ ކުރަން އުޅޭ ކުރެވޭވަރުގެ މީހުންނަކީ އަމިއްލަ ޖީބަށްވުރެ ބޮޑަށް ދިވެހިބަސްދެކެ ލޯބިވާ މީހުންނަށްވުމެވެ. އެއީ ދިވެހިގައުމާއި ދިވެހި ވަންތަކަން ދެކެ ވާ ލޯބީގެ ތެރެއިން ކަމުގައިވިޔަސް ހެވެވެ. މިހެންކަމުގައި ވެއްޖެނަމަ އެފަދަމަސައްކަތް ކުރެވޭކަމަށްޓަކާ އެމީހަކު ނުވަތަ އެބަޔަކު ހިތްހަމަޖެހުމާއި އުފާ އިހުސާސް ކުރާނެކަން ޔަގީނެވެ. ފައިދާ ނުވަތަ މަންފާ އަކީ ހަމައެކަނި ޖީބަށް ނުވަތަ ބެންކު ހިސާބަށް އިތުރުވާއެއްޗެއްނޫންކަމުގައި އެފަދަމީހުން ގަބޫލުކުރާނެ އެވެ. އެމަސައްކަތުން ލިބޭ ފައިދާއަކީ އަގުނުކުރެވޭވަރުގެ ބޮޑު އެއްޗެއް ކަމުގައި ދެކި އެކަން ކުރުވާށާއި ކުރަން ނުހަނު ގަޔާވެ އަދިވެސް އިތުރަށް މޮޅަށް ކުރެވޭތޯ އުޅޭނެއެވެ. ކުރެވޭނީ މިހެން ވެގެންނެވެ.
   
އެކަމަކު މިއަދުގެ މި އެމީހަކާއެމީހެއް ( ނުވަތަ އެތެރެފެންނަގޮތް ) ވެފައިވާ ދުނިޔޭގައި އަހަރެމެންނަށް އެފަދަ މީހަކު ނުވަތަ ބަޔަކު ހޯދާ މަތިކުރެވިދާނެ ބާވައެވެ.!   
---------------
           (ނިމުނީ)            
          
މި ލިޔުން:

    ފޮނުވުން:    އަލްފާޟިލް ކަނީރު ޢަބްދުއްރަޙީމު (ފަންވަތުގެ އިދާރީ ލިޔުންތެރިއެއް)
    އަލުންބެލުން:  އާދަމް ނަޞީރު އިބްރާހީމް
    ޝާއިޢުކުރުން:  ''         ''

އިދާރާ

އެނގޭތަ؟

ވާހަކަ