އަދުގެ ޚާއްސަ

Print

ދެވަނަ ފަހަރު

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ ވާހަކަ


 

އިބްރާހީމް ޙުސައިން މަނިކު (1998)


ސާރިޔާ އޭނާގެ އަނދާ ހުލިވި ކައިވެނީގެ އަޅިކޮޅުގެ ތެރެއިން ސަލާމަތް ކުރެވުނު އަމިއްލަ ތަކެތި ތަރުތީބުން ފޮއްޓަށް އަޅަނީއެވެ. އޭނާގެ ރީތި ކަޅު ކަޅިރަވައިން ބަންޑުންވެގެން ކޯތާފަތް މައްޗަށް ކޯރު ދެމެމުންދާ ކަރުނަތައް ހިނދުހިނދުކޮޅުން އަތުގެ ފުށަތުން ފޮހެލައެވެ. އޭނާގެ ދުޅަވެ ބަޑި އަރާފައިވާ ކޯތާފަތްމަތިން ފިރިމީހާގެ އަނިޔާވެރި އަތުގެ ފަސްއިނގިލި، ޖެއްސި ދޮންދަނގަޑެއްހެން ފެންނަން ހުއްޓެވެ.

އެބިރުވެރި ހުވަފެނެއްފަދަ ކައިވެނި ނިމުމަކަށް އައިސްގެން އޭނާ ކުޑަކޮށްވެސް ދެރައެއް ނުވެއެވެ. މިލޯތްބެއް އޯގާވެރިކަމެއްނެތް ހަމަ އެކަނި ޖިންސީ ގުޅުމުގެ މައްޗަށް ބިނާވެފައިވާ ކައިވެނި ރޫޅުނުކަންވީ ހަޤީޤަތުގައި އޭނާޔަށް ލިބުނު ލުޔަކަށެވެ. ދެން ވަސީމުގެ އިންތިޒާރުގައި ރޭތަކުގެ ނިދި ނަގާލާކަށް ނުޖެހޭނެއެވެ. ކޮންމެރެއަކު މުނާޖާ ގޮވަންދެން އޭނާ ބޭރުގައި އުޅެނީ ކޮންތާކުތޯ، ކުރަނީ ކީއްތޯ ސުވާލުކޮށް ދެމަފިރިންގެ ދެބަސްވުން އަރާރުމަކަށްވެ ބައެއް ރޭރޭ ތަޅާފޮޅުމަކުން ނިމޭކަށްވެސް ނުޖެހޭނެއެވެ.

އަމިއްލަ ގެއަށް ބަދަލުވެ މަންމައާއި ބައްޕަގެ ލޯބީގެ ހިޔަލުގައި އުޅެން ފެއްޓިޔަސް ސާރިޔާގެ ސުންޕާ ކައިވެނިން ވާރުތަކުރި ނަފްސާނީ ރޯފާރުތައް ހިކި ކުރަމަގާލި ލާގެތޮއް ނުވިއެވެ. އެހެންކަމުން ރައްޓެއްސެއްގެވެސް ލަފަޔާއެކު އޭނާ ސަރުކާރުގެ ވަޒީފާއެއް ހޯދިއެވެ. އަދި އޮފީހުގައި އަވަދިނެތި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ފެށިއެވެ. އޮފީހުގެ އެކުވެރި ޖައްވުވީ އޭނާގެ ބައްޔާ ގުޅޭ ބޭހަކަށެވެ. ހަތްދުވަސް ވީއިރު އޭނާއަށް އިހުސާސް ކުރެވެނީ ހަތް އަހަރު މިތާ ވޭތުކޮއްލެވުނު ހެންނެވެ. އާ ރައްޓެހިން ލިބި އާގުޅުންތަކެއް ބަދަހިވެ އާ ދިރިއުޅުމެއްގެ ފަތިސް ފެންނަން ފެށިހެންނެވެ. ފަޖުރު ތަރިއަކީ އޮފީހުގެ ހިންގުންތެރި ހުރިހާ އުމުރެއްގެ މީހުންނާ ގުޅޭ ވަކީލް، ސަލީމެވެ.

ޖެހިގެން އައި ހުކުރުދުވަހު އޮފީހުގެ އެންމެންނާއެކު ސާރިޔާ ކުޑަބަނޑޮހަށް ދަތުރު ދިޔައެވެ. މިދަތުރުގައި ސަލީމާ އޭނާގެ ދެ ކުދިންވެސް ބައިވެރި ވިއެވެ. އިރުވައިގެ އެނަލަ ރީތި ދުވަހުގެ ކުޑަބަނޑޮސް ފުރިފައިވަނީ ޗުއްޓީ ހޭދަކޮށްލަން މާލެއިން އައި ބިސީތަކުންނެވެ. ސާރިޔާމެންގެ ބައިގަނޑުވެސް އެ ބިއްލޫރިކޮޅެއްކަހަލަ ސާފު މޫދުގައި ބަޑިތަޅާން ތިއްބެވެ.

ސަލީމު ހޭޅިމަތީ ރުކެއްގެ ހިޔަލުގައި ހިނދުކޮޅަކު ވަރުބަލި ފިލުވާލަން މަޑުކޮއްލިއެވެ. އޭނާގެ ކަޅި ހުއްޓިފައިވަނީ މޫދުގައި ދާދި އައްދޮށުގައި ބަކައަޅައަޅާ ތިބި އޭނާގެ ދެ ކުދިންނާ ދިމާއަށެވެ. ސާރިޔާވެސް މި ދެބޭންނާއެކު އިރުގަނޑެއް ހޭދަކުރުމަށްފަހު ވީވަރުބަލީގައި މޫދުން އަރައިގެން އައިސް ސަލީމް ގާތުގައި ޖައްސައިލިއެވެ.

"ސަލީމުގެ ދެ ކުދިން ވަރަށް ލޯބި. މިހާ އަވަހަށް އަޅުގަނޑާ ރައްޓެހިވެއްޖެ." ސާރިޔާ މާނޭވާއެއްލަމުން ބުންޏެވެ. ސަލީމުގެ މޫނުމައްޗަށް ހިނިތުންވުމެއް ފެތުރިގެން ދިޔައެވެ.

"ސާރިޔާވެސް ވަރުބަލިވެ ލެއްވީތޯ؟ ސަލީމު އަހާލިއެވެ.

"ލައްބަ. ސަލީމުގެ އަނބިކަނބަލުންވެސް ގެންނެވިނަމަ."

"ދިރި ދުނިޔޭގައި ހުރިނަމަތާ" ސަލީމު ހިތި ގޮތަކަށް ހީނލިއެވެ.

މި ޖަވާބުން ސާރިޔާ ސިހިގެން ދިޔައެވެ. އަދި ލޯ ބޮޑުކޮއްލުމަށްފަހު އަހާލިއެވެ. " ތިޔަ ބުނުއްވީ އަނބިކަނބަލުން އަވަހާރަވެފައިވާ ކަމަށްތޯ؟"

ސަލީމު ބޯ ޖަހާލިއެވެ. "މިހާރު އަހަރުވެސް ވެއްޖެ. ދެކުދީންނަކީ އަޅުގަނޑާ ވަހީދާގެ ދެކުދިން. މުހައްމަދަށް މިމަހު އެގާރަ އަހަރު ފުރޭނެ. އައިމިނަތަށް މިއޮތީ ނުވަ އަހަރަށް."

"އެހެންވިއްޔާ އަނބިކަނބަލުން އަވަހާރަވީ ޒުވާން ފުރައިގަތާ؟"

"އުމުރުން ބައްތިރީހުގަ." ސަލީމު ދުރުބަލަހައްޓައިގެން އިނދެ ތުރުތުރުލާ އަޑަކުން ބުންޏެވެ.

"އެއީ ކިހިނެއްވީ މަރެއްތާ؟"

"ލޭގެ ކެންސަރުގާ ދޮޅު އަހަރު ބަލިވެ އުޅެފާ."

"އެހެންތޯ؟ ހާދަ ދެރައޭދޯ؟" ސާރިޔާގެ ހިތުގެ އެންމެ ފުންމިނުން ސަލީމަށް ހަމްދަރުދީ އަދާކުރިއެވެ. އަދި ޖެހިލުންވެ އިނދެ އަހާލިއެވެ. "ދެން އެހެން ކައިވެންޏެއް ނުކުރައްވަނީތޯ؟"

"އަދި އަޅުގަނޑު މިހިރީ މާލީގޮތުންނާއި ޖަޒުބާތީ ގޮތުންވެސް މީހަކާ އިނދެވޭ ހާލެއްގައެއް ނޫން."

"ތިޔަ ބުނުއްވީ؟"

"އަޅުގަނޑާ ވަހީދާއަކީ ވަރަށް ލޯބިން އުޅުނު ދެމަފިރިން. އޭނާގެ ދިގު މަރުބަލިން އަޅުގަނޑުގެ ހިތް ފަޅައިގެންދިޔަ. އެދޮޅު އަހަރު އަޅުގަނޑު އުޅުނީ ހޭލާ ކަހަލަ ގޮތަކަށް. ވަހީދާއަށް ބޭސްކުރުމާ އުފާވާނެހާ ގޮތަކަށް ގެންގުޅުމުގައި އަޅުގަނޑުގެ އަތްމަތި ހުސްވެ ދަރަނިވެރިވި." ސަލީމުގެ އަރު ބެދޭގޮތް ވިއެވެ. ހިނދުކޮޅަކު މަޑުކޮށްލުމަށްފަހު އަނެއްކާވެސް އޭނާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ. "އަމާނާތްތެރި ސަރުކާރުގެ ޚާދިމުންނަކީ އާއްމު ގޮތެއްގައި މުއްސަދި ބައެއް ނޫން. އުމުރުން ސާޅީހަށްއަރާ ޅަދަރި ބަފައިވީމާ ލަފާ އަނތްބަކު ހޯދުމަކީވެސް ފަސޭހަކަމެއްނޫން."

ސާރިޔާއެބުރި ސަލީމާ ދިމާއަށް ބަލައިލިއެވެ. ސަލީމުގެ ހިނދި ބަނޑާ ރުލެއްގެ އަސަރުވެސް ނެތް މޫނު ސާޅީސް ވީކަމަކަށް ނުބުނެއެވެ. އޭނާގެ ކަންހުޅީގައި ޖަހާފައިވަ ބައެއް ނުރަ ނޫނީ އެހާ ދުވަސްވީކަމުގެ ފާޅު ހެއްކެއް ފެންނާކަށް ނެތެވެ.

"ސާޅީހޭތޯ؟ އަޅުގަނޑު ހީކުރަނީ ސަލީމަށް ވާނީ ގިނަވެގެންވެސް ތިރީސް ކަމަށް."

"ނޫން. މިހިނގަނީ ސާޅީހަށް." ސަލީމް ޔަގީންކޮށް ދިނެވެ.

ސާރިޔާގެ ޚިޔާލުގެ ދުރުމީއަށް އެރީ ވަހީދާގެ މަރުބަލީގެ އެނދުގައި އުއްޑުން އޮށޯވެގެން އޮތް މަންޒަރެވެ. އޭނާގެ މަގަތުގައި އިށީނދެލައިގެން އަތުގައި ހިފަހައްޓާލައިގެން ފެންކަޅިވެފައި ސަލީމު އިނެވެ. އެމީހުކު ލޯބިވާ މީހަކަށްޓަކައި ހޭދަވެ ހުސްވުމަކީ ކޮންފަދަ މަތިވެރި ކަމެއްހެއްޔެވެ؟ ސާރިޔާގެ ހިތަށް އެރިއެވެ. އޭނަޔަށްވެސް އެފަދަ ފިރިޔަކު ލިބުނުނަމަ ކޮންފަދަހެއްޔެވެ؟ ދުނިޔޭގައިވާހާ ރަނަކާއި ރިއްސަށްވުރެ ސާރިޔާގެ ކުރިމަތީގައި ސަލީމުގެ ދަރަނިވެރިކަމުގެ ޝަރަފުގެ އަގު އުފުލިގެން ދިޔައެވެ. އޭނާގެ ހިތުގައި ސަލީމަށްޓަކައި އިހްތިރާމުގެ ޝުއޫރުތަކެއް އުފަންވިއެވެ. އޭނާގެ އަމިއްލަ ޙަޔާތުގެ އަބާއްޖަވެރި ފތްފުށުން ފަށަމުން ސާރިޔާ ބުންޏެވެ.

"އަޅުގަނޑަކީވެސް ސަލީމުހެން ހުވަފަތް ވެފައިއިން މީހެއް. އެކަމަކު އެއީ މަރަކުން ނޫން. ވަރިއަކުން. އަޅުގަނޑު އިދެގެން އުޅުނީ ހަނދޭގިރި ވަސީމާ."

"ވަސީމް ދަންނަން." ސަލީމް ހީނލިއެވެ.

"އެއީ އަޅުގަނޑު އިން މީހެއްނޫން. ބައަޕަމެން ދެވި މީހެއް. ވަސީމްގެ ބައްޕަޔާއި އަޅުގަނޑުގެ ބައްޕަޔަކީ ދެމިތުރުން. ވަސީމުގެ މަންމަޔާ އަޅުގަނޑުގެ މަންމަޔަކީވެސް، މަންމަމެންގެ މަދުރަސީ ދައުރުއްސުރެ ދެ އެކުވެރިން. މި ދެ ގޭގެ ޒަމާންވީ ރަށްޓެހިކަން ލޭގެ ގުޅުމަކަށް ބަދަލު ކޮށްލުމީ ދެފަރާތުގެވެސް އެދުމެއް." ސާރިޔާ މަލާމާތުގެ ހިނިގަޑެއް ޖަހާލިއެވެ. "ވަސީމަކީ އޭނާގެ ބައްޕަމެންގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު. އަޅުގަނޑަކީ އަޅުގަނޑުގެ ބައްޕަމެންގެ އިން ހަމައެކަނި އަންހެން ދަރިފުޅު. ދެމީހުންގެ އުމުރާ ރުފަޔާ ރީތިކަންވެސް ދާދި ހަމަހަމ. ދެމީހުންވެސް ތިބީ ކިޔަވައިގެން. ދެފަރާތްވެސް މުއްސަނދި. ބައްޕަމެން ދެކިލެއްވި ގޮތުގާ އަޅުގަނޑުމެން ދެމީހުންނަކީ ކާއްޓާއި ނާށި."

"ކާއްޓާއި ނާށި އާޚިރުގައި މިވީ ބުޅަލާއި މީދަލަށްތާ."

ސާރިޔާ ރަކިގޮތަކަށް ހީލިއެވެ. "ވަސީމަކީ ވަރަށް ވިޔާނުދާ މީހެއް. އޭނަޔަށް ރީތިނޫން އަންހެނަކު ނޭނގެ ހެއްދެވި ކަމެއް. އޭނާ ލޯބިނުވާ ފުރާވަރު އަންހެން ކުއްޖަކު ރަށުތެރޭގައި އުޅޭ ކަމަކަށް ނުވޭ. ރޭގަނޑު ހަތަރުދަން އޭނާ ހޭދަކުރަނީ ގެއިން ބޭރުގަ. ކެޔޮޅު ކަމުގައި. އަޅުގަނޑަށް އޭނަގެ އެހެން ކޮންމެ އުނި ސިފައެއްވެސް ގަބޫލު ކުރެވިއްޖައީސްކަން ނޭނގެ. އެކަމަކު އަޅުގަނޑުގެ ފިރިޔަކު ދެވަނަ އަންހެނާކާއެކު ހިއްސާ ކުރުމަކީ އަޅުގަނޑުގެ ހިތަށް ކުޅަދާނަ ނުވިކަމެއް."

އެކެއްގެ ހިތި ތަޖުރިބާ އަނެކަކަށް އެނގި ދަސްވުމުން ދެމީހުންގެ މެދުގައި އިތުރު ގާތްކަމާއި އެކުވެރިކަމެއް އުފެދުނެވެ. ސަލީމާއެކު ގިނަދުވަހު އުޅެ ސަލީމު ބޮޑަށް ދަސްވީވީހެން މިގުޅުން ދިޔައީ ބަދަހި ވަމުންނެވެ.

މިހާރަކަށް އައިސް ގަދައޮއިވަރެއްގައި އޭނާ ސަލީމާ ދިމަޔަށް ދަމަމުންދާކަން ސާރިޔާއަށް އިހުސާސް ކުރެވެން ފަށައިފިއެވެ. މިކަމަށް ދޭނެ ނަމެއް ފުރަތަމަ އޭނާޔަކަށް ނޭނގުނެއެވެ. އެނަމަކީ ލޯބިކަން އެއްދުވަހަކު ވިސްނުނީ ލިބުނު އިލްހާމެއް ހެންނެވެ. ނަމަވެސް މިލޯބީގެ ޝައްކެއްވެސް އެހެން މީހަކަށް ވެދާނެތީވެ، އޭނާ ލަދު ގަތެވެ. ސަލީމާ އޭނާގެ އުމުރު ތަފާތު ކަމުންނެވެ. އެހެންނޫނަސް ލޯބިވާކަން ސަލީމަށް އަންގާނީ ފަހެ ކިހިނެއް ހެއްޔެވެ؟ އަންގައިފިނަމަ އޭނާ އެކަން ގަބޫލު ކޮއްފާނެ ބާވައެވެ؟
އެއްދުވަހެއްގެ އިރު އޮއްސި މޫނު އަދިރިވަމުން ދިޔަ ވަގުތު ސާރިޔާ ފެންވަރާ ނަލަހެދިލައިގެން އޭނާގެ މިހާރުގެ އާދަމަތިން ސަލީމުގެ ގޯތިވަށާ "ތަވާފް" ކޮއްލުމަށްޓަކައި ބައިސްކަލުގައި ލޮނުޒިޔާރަތް ކޮޅާ ދިމަޔަށް ބެހެއްޓިއެވެ. އެގެ ހުންނަނީ ޕާކާ ދާދި ކައިރީގައި މެރިންޑުރައިވްގައެވެ. ސަލީމާ އެކަނި ކޮންމެވެސް ތަނަކުން ބައްދަލުވުމީ ސާރިޔާގެ އަބަދުގެ ދުޢާއެވެ.

ސަލީމުގެ ގެ ފަސްދީ ދުއްވަމުން އައިސް ލޮނުޒިޔާރަތްކޮޅު ދެކުނުކަނާ ހަމަވުމާއެކު އެއްލުނު ކަޅިއަކުން ސާރިޔާ ސިހިގެން ދިޔައެވެ. އުފަލުން ނަށާލެވުނެވެ. އޭނާޔަށް ފުރަގަސް ދީގެން ފަޓްލޫނުގެ ޖީބަށް އަތްމަހާލައިގެން ހުރި ހިމަތޮޅި އިސްކޮޅުން ދުގު ފިރިހެނަކީ ސަލީމުކަން ގައިމުވެއްޖެއެވެ. ސާރިޔާ ބައިސްކަލް ބަހައްޓާފައި މަޑުމަޑުން ހިނގާފައިގޮސް ސަލީމު ސިއްސުވާލިއެވެ.
"އެކަނިމާއެކަނި ޚިޔާލުގެ ތެރެއަށް ގެއްލިފައި ކޮންވަޑާމެއްތޯ؟"

"ދެކަނި ހަމަކުރާނެ ގޮތަކާމެދު ފިކުރު ކުރަނީ" ސަލީމު ހިނިތުން ވެލިއެވެ.

"ދެކަނި ހަމަކުރަން އަޅުގަނޑު އެންމެ ރަގަޅުތޯ؟" ސާރިޔާ ލޯ މަރާލިއެވެ.

"ސަމާސާ ނުކުރައްވާ"

"އަސްލުވެސް. ގަބޫލު ނުކުރެއްވިޔަސް ބޭޒާރު ނުކުރައްވާނެކަމުގައި ވަންޏާ ސިއްރެއް ނަންގަނެފާނަން."

އެސިއްރު ސަލީމު ދެނެގަތް ކަހަލައެވެ. އޭނާ ޝައްކުގެ ކަޅިއެއް ސާރިޔާގެ މޫނަށް އެއްލިއެވެ. ދެމީހުންގެ ހަތަރުކަޅި ގުޅުނެވެ.

"ބޭޒާރެއް ނުކުރާނަން." ސަލީމް ޔަޤީން ކޮށްދިނެވެ.

"އެއީ އަޅުގަނޑު ސަލީމުދެކެ ލޯބިވާ ވާހަކަ." ސާރިޔާ އިސްޖަހާލައިގެން ހުރެ ރަކި ރާގަކަށް ބުންޏެވެ. ސަލީމުގެ މޫނުމަތިން އިންކާރުގެ ކުލަވަރު ފާޅުވެދާނެތީ ގަންނާކުރެއްވި ލަދުން އޭނާ އިސްއުފުލާލަން ނުކެރިފައި ހުއްޓެވެ.

"ތިޔައީ ތެދެއްކަމަށް ގަބޫލު ކުރަން ދަތި. ތެދެއް ކަމަށް ވަންޏާ ތިޔަ ނަސީބު ޝުކުރާއެކު ޤަބޫލު ކުރުމީ އަޅުގަނޑަށް ލިބޭ އުފަލެއް. އަޅުގަނޑުގެ އެދުމަކީ ސާރިޔާ ތިޔަ ބުނުއްވާ ލޯތްބާއިމެދު ފުންކޮށް ވިސްނެވުން. މިކަމަށް އަޅުގަނޑު މަސްދުވަހުގެ މުއްދަތު އަރުވައިފިން"

"އަޅުގަނޑުގެ ހިތަކީ ވަހުތާނެއްނޫން. ސަމުގާއެއް. އަންތިޒާރުކުރަން ނުޖައްސަވާ."

ސާރިޔާއާއި ސަލީމު ތޮށިގަނޑު މަތީގައި އިށީނދެ ކަނޑަށް ކުރިމަތި ލައިގެން ތިބެ ތުންތަޅުވައިލިއެވެ. ރޭގެ މަޑު ފިނި ރޯޅިއާއި ފެންނަ ރީތި މަންޒަރުތައް ދެ މީހުންގެ އުއްމީދީ އުފާވެރިކަން އިތުރުކުރިއެވެ. ހުޅަނގު ފަރާތު އުޑުމަތީގައި ރަތްވިލާގެ ރީތި ކުރެހުންތައް އެތުރިފައިވެއެވެ. ގާދޫ ކޮލުގެ އަނެއްފަރާތުގައި ހުޅުލެ، ކައިވެންޏަކަށް ހުޅުދާންކޮށްފައި އޮތް ގަނޑުވަރެއްހެން ހަނާއަޅަމުން ދެއެވެ. ސާރިޔާގެ ދިގު ފަން އިސްތަށިގަނޑު ވަޔާ ފިރުކެމުން  ސަލީމުގެ ކޮލާއި ކޮނޑުގައި ބޮސްދެމުން ދެއެވެ. އެއިސްތަށިގަނޑުގެ މީރުވަސް ސަލީމުގެ މަރުވެފައިވާ ހިތށް އަލުން ފުރާނަ އެޅުވިއެވެ. ސާރިޔާ ސަލީމުގެ ކޮނޑުގައި ބޯ އަޅާލިއެވެ. ސަލީމުގެ ކަނާތް ސާރިޔާ ވަށާލިއެވެ. އެރޭ އެތޮށިގަނޑުމަތީގައި ގެއްލިފައި ތިބެވުނީ ކިހާއިރަކުކަން އެމީހުންނަށް ރޭކާލީ ދިހައެއް ޖަހާ ބޮޑުވީފަހުންނެވެ.

ސާރިޔާ ގެއަށް އާދެވުމާއިއެކު މަންމަ ގާތުގައި އޭނަޔާއި ސަލީމު އިންނަން ނިންމިކަމަށް ބުންޏެވެ. މި ޚަބަރު އިސާހިތަކު ބައްޕަގެ ކަންފަތަށް އެރިއެވެ. ދެނަކާ ދެނެއް ނެތެވެ. ހީވީ ގޭތެރެއަށް ތޫފާނެއް އައިހެންނެވެ.

"ތިޔައީ ބޮޑު ގޯހެއް." ބައްޕަ ސާރިޔާއާ ދިމާޔަށް ނުރުހުމުގެ ކަޅިއެއް އެއްލަމުން ބުންޏެވެ. "ބައްޕަ ސަލީމު ރަނގަޅަށް ދަންނަން. ސާރިޔާ އަކީ ސަލީމުގެ ދަރިއަކަށް ފުދޭހާ ހަގު ކުއްޖެއް. ދެމީހުންގެ އުމުރު ސާދަ ފަނަރަ އަހަރު ތަފާތުވާނެ. އަވަހަށް ތިކަން ހުއްޓާލާ. ބައްޕަމެން މާ ރަނގަޅު މީހަކު ވެސް ހޯދައި ދީފާނަން."

"ހޯހޯ. އެއްފަހަރުން ފުދިއްޖެ. އަޅުގަނޑުގެ ހުރިހާ ކަމެއް މީގެ ކުރިން ނިންމެވީ ބައްޕަ. އަޅުގަނޑު ލާނެ ހެދުމުގެ ވައްތަރާ ކުލަޔަށް ދަންދެން ޚިޔާރުކުރެއްވީ މަންމައާއި ބައްޕަ. އަޅުގަނޑު އިންނާނެ މީހަކުވެސް ޚިޔާރުކުރެއްވީ ބައްޕަމެން. މިއަދާ ޖެހެންދެން އަޅުގަނޑުގެ ދިރިއުޅުން ހަފުސްވެފައި އޮތީ ބައްޕަގެ ގަދަ ނުފޫޒުގެ ތެރޭގައި. މީގެ ފަހުން އަޅުގަނޑުގެ ދިރިއުޅުމުގެ މައްޗަށް ހިނގާނީ ޚުދު އަޅުގަނޑުގެ ބާރު."

ސާރިޔާގެ ލޮލުގައިވާ ރުޅިވެރިކަމާއި މޫނުމަތީގައިވާ ސާބިތުކަން ފެނުމުން ބައްޕަ ހައިރާންވުމާއެކު މޮޅިވެރި ރާގަކަށް ބުންޏެވެ. "ބައްޕަމެން ދަރިފުޅުދެކެ ލޯބިވޭ. ބައްޕަމެން ދަރިފުޅުގެ ކަންކަމަށް ވެރިވެގެން އުޅެނީ ދަރިފުޅަށް ދެރަ އެއްވެސް ގޮތެއް ނޭދޭތީ. ބައްޕަމެންގެ ހުރިހާ ވެސް އެދުމަކީ ދަރިފުޅަށް އުފާވެރި ކައިވެނީގެ ޙަޔާތެއްލިބުން."

"އަޅުގަނޑަށް ސަލީމާއެކު އުފާވެރި ހަޔާތެއް ވޭތުކުރެވިދާނެ." ސާރިޔާ ކަށަވަރުކޮށް ދިނެވެ.

އިތުރު އިއުތިރާޟެއްނެތި މަންމަޔާއި ބައްޕަގެ ހިތް ހެޔޮކޮށް ސާރިޔާގެ ކައިވެންޏަށް އިޒުނަ ދިނެވެ. އެރޭ ސާރިޔާ އަރާމުގައި ނިދީ އާފަތިހަކަށް އިންތިޒާރު ކުރަމުންނެވެ. އާ ދިރިއުޅުމެއްގެ ފޮނި ހުވަފެން ދެކެމުންނެވެ.
--------------
(ނިމުނީ)

(އިބްރާހީމް ޙުސައިން މަނިކު(1998). އިބްރާހީމް ޙުސައިން މަނިކުގެ ކުރުވާހަކަތައް(މަލަސް؛ 62). ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު، މާލެ.)


މި ވާހަކަ:
     ޓައިޕްކޮށް ފޮނުވުން:     އަލްފާޟިލް އަލީ ނިޝާން
     އަލުން ބެލުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
     ޝާއިޢުކުރުން:        ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު


ހަމަމިގަލަމުން

އިދާރާ

ވާހަކަ