އަދުގެ ޚާއްސަ

Print

މަދިރީގެ ވާހަކަ

ޝާޢިއުކުރީ ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު . ހިމެނޭބަޔަކީ އެނގޭތަ



މުޙައްމަދު ޢަބުދުއްޞަމަދު، ފެހިވިލާގެ، ހއ. އިހަވަންދޫ

މާތްﷲ ސުބުހާނަހޫ ވަތައާލާވަނީ އެކަލާނގެ ކުޅަދުންވަންތަކަމާއި ، އެކަލާނގެ ވޮޑިގެންވާކަމުގެ، ގުނައި ޢަދަދު ނުކުރެވޭހާ ހެކިތައް އިންސާނާގެ ވަށައިގެން ލައްވާފައެވެ. އިންސާނާ އާއި އޭނާގެ މާހައުލުގައެވެ.  އިންސާނާގެ ލޮލުގެ ކުރިމަތީގައި ކޮންމެ ވަގުތަކުމެ ތަކުރާރުވާނެ ހެންނެވެ. އެކަލާނގެ ނިމުމެއްނެތް ރަޙުމަތުން އިންސާނުންނާއި އަދި ކިއެއްތަ ވިސްނުމެއް ނެތް ދިރޭތަކެއްޗަށް؛ ގަބޫލުކުރަންދަތި، ޚިލާޔަށް ނުގެނޭފަދަ މަސްއޫލިއްޔަތުތައް އެކަލާނގެ މަތިކުރައްވައިފައި ވެއެވެ. އެހެންކަމުން ގިނަ ދިރޭތަކެތި، ކުދިކުދިތަކެއްޗާއި ބިޔަ ބޮޑެތިތަކެތީގެ ތެރެއިން، ދޫނިސޫފާސޫތްޕާއި، ބޭރިއާއި ކަހަނބާއި ވެލަޔާއި މައިކަށިލީ ބޮޑެތި މަސްމަހާމެއްސާއި، ކުދި ފަނިފަކުސާތަކުގައި އިންސާނުން ބަލައި ފޫހިނުވާ ފަދަ އަޖައިބުކުރުވަނިވި ހަރަކާތްތަކާއި ހުނަރުތައް މާތްﷲ ސުބުހާނަހޫ ވަތަޢާލާ ލައްވައިފައިވެއެވެ.

އެ ގޮތުން މިމަޒުމޫނުގައި އަޅުގަނޑު އަލިއަޅުވައިލެވޭތޯ މަސައްކަތްކުރާނީ މި ދެންނެވި ފަދަ ސޫތްޕަކަށެވެ. އާދެ! މަދިރި އަށެވެ. މިސޫފީގެ ހައިރާންކުރުވަނިވި ސިފަތަކަށެވެ. މަދިރީގެ ސަބަބުން ފެތުރޭ ނުރައްކާތެރި ބަލިތައް ވެސް ހުރެއެވެ. މެލޭރިޔާ އާއި ފައިލޭރިޔާ އެވެ. ޑެންގޫހުމާއި ޗިކަންގުންޏާއެވެ. މި ދުވަސްވަރަކީ ޑެންގީހުމުން މުޅި ގައުމު ފިހެމުންދާ ދުވަސްވަރެކެވެ. ނަމަވެސް އެކަމުގެ މައްޗަށް މި ވަގުތު އެއްޗެއް ދަންނަވާކަށް ނެތީމެވެ.

ބަލާބެލުމަށް މަދިރިއަކީ ވަރަށްކުޑަ ސޫތްޕެކެވެ. ނަމަވެސް މަދިރިން މާތްﷲ ވަނީ މިސާލު ޖައްސަވައިފައެވެ. މި ކުޑަ ސޫފީގައި ވެސް އާދަޔާ ޚިލާފު ހުނަރުތަކާއި ސިފަތައް ލައްވައިފައި ވެއެވެ. މިސިފަތަކާއި ހުނަރުތައް ބަޔާންކޮށް ހާމަކުރާން ދައްޗެވެ. ކީރިތި ޤުރުއާނުގެ ބަޤަރާސޫރަތުގެ 26 ވަނަ އާޔަތުގެ މާނާގައި ވެއެވެ. ''ހަމަކަށަވަރުންމަދިރިއަކުން، ނުވަތަ އެއަށްވުރެ ބޮޑު އެއްޗަކުންވިޔަސް، އެއްވެސް ކަހަލަ މިސާލެއް ޖެއްސެވުމަކަށް اللَّه ލަދުވެތިވެވޮޑިގެނެއް ނުވެތެވެ. ފަހެ، އީމާންވި މީހުން، އެ މިސާލަކީ، އެއުރެންގެ ވެރިރަސްކަލާނގެ ޙަޟުރަތުން ޙައްޤު ގޮތުގައި ޖެއްސެވި މިސާލެއްކަން ހަމަކަށަވަރުން ދަނެތެވެ. އަދި ކާފިރުވިމީހުން ބުނެތެވެ. ތިޔަ މިސާލުން، اللَّهއިރާދަކުރެއްވީ ކޮންކަމެއްބާވައެވެ؟ އެ މިސާލުން، އެކަލާނގެ ގިނަބަޔަކު މަގުފުރައްދަވަތެވެ. އަދިހަމަ އެ މިސާލުން، އެކަލާނގެ ގިނަބަޔަކަށް ތެދުމަގު ދައްކަވަތެވެ. ފާސިޤުންމެނުވީ، އެއިން އެކަލާނގެ މަގެއް ނުފުރައްދަވަތެވެ. ''إِنَّ اللَّـهَ لَا يَسْتَحْيِي أَن يَضْرِبَ مَثَلًا مَّا بَعُوضَةً فَمَا فَوْقَهَا ۚ فَأَمَّا الَّذِينَ آمَنُوا فَيَعْلَمُونَ أَنَّهُ الْحَقُّ مِن رَّبِّهِمْ ۖ وَأَمَّا الَّذِينَ كَفَرُوا فَيَقُولُونَ مَاذَا أَرَادَ اللَّـهُ بِهَـٰذَا مَثَلًا ۘ يُضِلُّ بِهِ كَثِيرًا وَيَهْدِي بِهِ كَثِيرًا ۚ وَمَا يُضِلُّ بِهِ إِلَّا الْفَاسِقِينَ﴿٢٦﴾

މަދިރިއާބެހޭގޮތުން އާއްމުކޮށް ހީކުރެވެނީ މަދިރި ދިރިއުޅެނީ ލޭ ބޮއިގެން ކަމަށެވެ. ނަމަވެސް މިހީއަކީ މުޅިއަކުން ރަގަޅު ހީއެއް ނޫނެވެ. އަންހެން މަދިރިވެސް ފިރިހެން މަދިރިވެސް މާމަލުގެ މީރުކަން ހޯދައެވެ. މާމަލުން ފޮނި ބޮއެވެ.  އެހެނަމަވެސް ލެއިބޮއިގެން ދިރިއުޅެނީ ހަމައެކަނި އަންހެން މަދިރިއެވެ. އަންހެން މަދިރިއަށް ލޭ ބޭނުންވަނީ ހަމައެކަނި ދިރިހުންނާކަށް ނޫނެވެ. މަދިރީގެ ބިސް އުފެއްދުމަށެވެ. ޕްރޮޓީންސް މުއްސަނދި ލޭ ބިސްއުފެއްދުމަށް ބޭނުންވެއެވެ. ކުރުކޮށް ބުނާނަމަ އަންހެންމަދިރިއަށް ލޭބޭނުންވަނީ މަދިރީގެ ނަސްލު ދަމަހައްޓާށެވެ.

ޢިލްމުވެރިން ދެކެވަޑައިގަންނަވާގޮތުގައި ، ކީރިތި ޤުރުއާނުގައި ބަޔާނކުރައްވައިފައިވާ، އިސްވެ ދެންނެވުނު އާޔަތުގައި އެވަނީ އަންހެން މަދިރީގެ ވާހަކަ އެވެ. އަންހެން މަދިރިއަށް ޙާއްޞާ ކުޅަދާނަކަމާއި ގާބިލްކަމެއް ގުދުރަތުން ދެއްވާފައި ވެއެވެ. އެކަންތައް އަންނަނިވި ޕެރެގްރާފްތަކުގައި ބަޔާންކޮށްދެވޭތޯ ބަލާނަމެވެ. އަންހެން މަދިރިއަށް ލިބިފައިވާ މިޙާއްޞަ ސިފަތަކާއި ގާބިލްކަން ގުރުއާން ބާއްވާލެއްވުނު އިރު، އިންސާނުންނަށް ފާހަގަކުރެވިފައި ނެތީ އެވެ.

މަދިރި އުފެދި ހެދިބޮޑުވާގޮތް މިއީވެސް މަދިރީގެ އަޖައިބުކުރުވަނިވި ސިފައެކެވެ. މަދިރި ބިސް ، ފަންޏަށްވެ، މަދިރިއަކަށް ވާގޮތާމެދު ވިސްނާލާށެވެ. މަދިރީގެ ބިހަށް ކާނާލިބެނީ ލެއިންނެވެ. މަދިރި ބިސްއަޅަނީ ސާފު ފެނަށެވެ. ނުވަތަ ތެތް ފަތަށެވެ. ނުވަތަ، ޗަކަ ބިމަށެވެ. އަންހެން މަދިރި  ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން ބޮޑުވީމައެވެ. ބިސްއެޅުމުގެ ކުރިން އަންހެން މަދިރި ބިމުގެ ފިނިހޫނުމިން ދެނެގަނެއެވެ. ބިސްއަޅާނެ ރަގަޅު ތިމާވެއްޓެއް ހޯދައެވެ. މިކަން އަންހެން މަދިރި  ދެނެގަންނަނީ އެސޮރުގެ  ބަނޑުދަށުގައިވާ ހާއްޞަ ހިއްސެއްގެ އެހީގައެވެ. މިހިއްސުގެ އެހީގައި ބިސްއަޅާނެ އެންމެ ރަގަޅުތަން އަންހެން މަދިރި ދެނެގަނެއެވެ. ބިސްއަޅާނެ ރަގަޅުތަނެއް ހޯދުމަށް އެތައްމޭލަކަށް އުދުހެއެވެ. މިހޯދުންތައް ހޯދުމަށްފަހު ނޫނީ މަދިރ ބިހެއް ނާޅައެވެ. މަދިރީގެ ބިހުގެ ހުންނަނީ ގާތްގަޑަކަށް އެއް މިލިމީޓަރެވެ. ނުވަތަ އެއަށްވުރެވެސް ކުޑައެވެ. މަދިރިބިސްއަޅަނީ ސަފެއްހެންނެވެ. ބައެއް ފަހަރުވަކިވަކިންވެސް ބިސްއަޅައެވެ. ބިސްއަޅާއިރު 300 އެއްހާ ބިސްއަޅައެވެ. މަދިރިބިސް އެޅުމާއެކު ބިހުގެ ކުލަ ބަދަލުވެއެވެ. ގަދަ ކަޅުކުލައަށެވެ. ކަޅުކުލައަށް ބިސް ބަދަލުވުމަށް ގަޑިއެއްހާއިރު ނަގައެވެ. ކަޅުކުލައަށް ބަދަލުވުމުން ދޫންޏާއި އެހެނިހެން ފަނިފަކުސާއިން މަދިރީގެ ބިސް ސަލާމަތްވެއެވެ.

މަދިރީގެ ހުނަރުވެރިކަން އަޖައިބުން ފުރިގެންވެއެވެ. މަދިރި އެސޮރުގެ ބައިވެރިޔާ ހޯދާގޮތާމެދު ވިސްނާލާށެވެ. ފިރިހެން މަދިރި ، އަންހެން މަދިރި ދެނެގަންނަނީ ، އަންހެން މަދިރީގެ ފިޔައިގެ އަޑުންނެވެ. ކޮންމެ ފަރާތެއްގައި 3 ފިޔަހުރެއެވެ. މަދިރީގެ އަޑުއެހުމުގެ ގާބިލްކަން އިންތިހާއަށް ކުޅަދާނައެވެ. މިކަންތައްތަކަށް ވިސްނާލުމުން ، މިގޮތަށް މަދިރި ހެއްދިފަރާތެއް ވާކަން ކަށަވަރުވެއެވެ. އެފަރާތަކީ ނެތުމުގެ ތެރެއިން އިންސާނުން ހެއްދި މާތްﷲ އެވެ.

މަދިރި ބިސްއެޅުމަށްފަހު ، އެބިސްތުއްވުމަށް އެންމެ ރަގަޅު މާހައުލުއަންނަންދެން ބިސްތުއްނުވެ ، ފަސްކޮށްލުމުގެ ގާބިލްކަން މަދިރި ބިހަށް ލިބިގެންވެއެވެ. އަދި ބިހުގެ ކުލަ ބަދަލުކުރުމުގެ ކުޅަދާނަކަންވެސް ލިބިގެން ވެއެވެ. ބިސް ފެންގަނޑުތެރެއަށް ގެނބި ގެއްލިދާނެކަމަށްޓަކައި، މަދިރީގެ ބިސްއޮންނަނީ ފެނުގެ މަތީގައެވެ.

އަދި މަދިރީގެ މިދަންނަވާ ސިފަތަކާދޭތެރޭވެސް ވިސްނާލައްވާށެވެ. ހަމަ އެކަނި ހަފަނީ އަންހެން މަދިރިއެވެ. މަދިރީގެ ބޮލުގައި 100 ލޯ ވެއެވެ. އަނގާގައި 48 ދަތްވެއެވެ. އެކުޑަކުޑަ ހަށިގަނޑުގެ ތެރޭގައި 3 ހިތް ވެއެވެ. ނޭފަތުގައި ތޫނު 6 ވަޅި އެވެ. ކޮންމެ ވަޅިއަކުންވެސް އަދާކުރަނީ ތަފާތު ހަ ބޭނުމެވެ. މަދިރީގެ ހަށިގަނޑަކީ ޑިޖިޓަލް އެކްސްރޭ މެޝިނެކެވެ. އެއީ އިންސާނުގެ ހަންގަނޑު އަނދިރީގައި ދެނެގަތުމެވެ. މަދިރީގެ ހަށިގަނޑުގައި ކުޑަ ވެކްސިނެއް ޒާތުގެ މާއްދާއެއް ވެއެވެ. ހޭނައްތާ ނުވަތަ ތަދުކަނޑުވަން ޑޮކްޓަރުން ގެންގުޅޭ ޒާތުގެ ވެކްސިނެކެވެ. މިމާއްދާ އިންސާނުންގެ ހަށިގަނޑަށް މަދިރިފޮނުވާލަލީ މަދިރީގެ އަނގައިންނެވެ. މިމާއްދާ އިންސާނުންގެ ހަށިގަނޑަށް ފޮނުވާލުމަށްފަހު މަދިރި ލޭބޮއި ހަފާއިރު އަހަރެމެންނަކަށް އިހުސާސްވެ ، ތަދެއް ނުވެއެވެ. އަދި ލޭޓެސްޓް ކުރުމުގެ ކުޅަދާނަކަން ލިބިގެންވެއެވެ. ހުރިހާ ވައްތަރެއް ލެއެއް މަދިރިއަކަށް މީރެއް ނޫނެވެ.
 
އަހަރެންމެންނަށް އޮތީ މާތްﷲގެ ކުޅަދުންވަންތަ ކަމާމެދު ވިސްނުމެވެ. ފިކުރުކުރުމެވެ. ތިބާވަށައިގެންވަނީ ، ތިބާހެއްދެވި ފަރާތުން ކުޅަދުންވަންތަ ކަމުގެ ހެކިތަކެވެ. މާތްﷲ ކީރިތި ޤުރުއާނުގެ މުލްކު ސޫރަތުގެ 3 ވަނަ އާޔަތާއި 4 ވަނަ އާޔަތުގައި ވަޙީކުރެއްވި އެވެ. الَّذِي خَلَقَ سَبْعَ سَمَاوَاتٍ طِبَاقًا ۖ مَّا تَرَىٰ فِي خَلْقِ الرَّحْمَـٰنِ مِن تَفَاوُتٍ ۖ فَارْجِعِ الْبَصَرَ هَلْ تَرَىٰ مِن فُطُورٍ ﴿٣﴾ ثُمَّ ارْجِعِ الْبَصَرَ كَرَّتَيْنِ يَنقَلِبْ إِلَيْكَ الْبَصَرُ خَاسِئًا وَهُوَ حَسِيرٌ ﴿٤﴾މާނައީ: " އެކަލާނގެއީ،މަތިމައްޗަށް ހަތްއުޑު ހެއްދެވި ރަސްކަލާނގެއެވެ. رحمنވަންތަ ރަސްކަލާނގެ(އެތަކެތި) ހެއްދެވުމުގައި އެއްވެސްކަހަލަ އުނިކަމެއް ތިބާޔަކަށްނުފެންނާނެތެވެ. ފަހެ، تكرارކޮށް نظرހިންގައި ބަލާށެވެ! އެއްވެސްކަހަލަخللއެއް ތިބާޔަށް ފެނޭހެއްޔެވެ؟ދެންވެސްتكرارކޮށް ދެފަހަރަށް نظرހިންގައި ބަލާށެވެ! އޭރުން ދެރަވެ،ނިކަމެތިވެގެންވާ حالގައި (ތިބާގެ) نظرއެނބުރި ތިބާގެގާތަށްއަންނަހުށްޓެވެ. "
--------------
(ނިމުނީ)

 
މި ލިޔުން:
    ފޮނުވުން:    އަލްފާޟިލް މުޙައްމަދު ޢަބުދުއްޞަމަދު/ ފެހިވިލާގެ، ހއ. އިހަވަންދޫ
    އަލުންބެލުން:  ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު
    ޝާއިޢުކުރުން: ޢަބްދުލްޢަޒީޒު ޖަމާލު އަބޫބަކުރު

ހަމަމިގަލަމުން

އިދާރާ

އެނގޭތަ؟

ވާހަކަ