އަދުގެ ޚާއްސަ

Print

އިސްލާމީ ތަހުޒީބުގެ ނާރެހަކީ މުޙަންމަދީ ރިސާލާތެވެ. (4)

ޝާޢިއުކުރީ ޢަބްދުﷲ ފާރޫޤު ޙަސަން . ހިމެނޭބަޔަކީ ދިރާސާ

ނަޞްރާއި ކާމިޔާބީގެ މަގު

ޢަބްދުﷲ ފާރޫޤު ޙަސަން

އާދޭހެވެ! މިޒަމާނުގެ ތަހްޒީބުގެ ހަނގުރާމައިގައި މުޙައްމަދީ ރިސާލަތަށް ލިބިފައިވާ ހަޤީޤީ ޙައިޘިއްޔަތު އިސްލާމްދީނަށް ލޯބިކުރާ އެންމެންނަށް ފުރިހަމަޔަށް ވަޒަންކުރެވެން ޖެހޭނެއެވެ. އިސްލާމްދީނަށް ނަޞްރާއި ކާމިޔާބީ ލިބުން އެދޭ އެންމެންނަށް އިޙުސާސްވާން ޖެހޭނެއެވެ. ދީނަށް ނަޞްރުހޯދަން މަސައްކަތްކުރާ އެންމެން އެކަމަށް ހޭލުންތެރިވާން ޖެހޭނެއެވެ. މިދެންނެވި ދަނެގަތުމާ އެއްގޮތަށް ތިމާމެންގެ ޙިކުމަތުޢަމަލީއަށާއި ތިމާމެން ތަރުޖީޙުދޭ ގޮތްތަކަށް ވިސްނުންތެރިކަމާއެކު ގެންނަންޖެހޭ ބަދަލުތައް ގެންނާން ޖެހެއެވެ.

އަޅުގަނޑުމެން ވިސްނަންޖެހޭ ނުކުތާއަކީ އަޅުގަނޑުމެންގެ މިޒަމާނާއި ނަބަވީ ދުވަސްވަރާ ދެމެދު ޒަމާނުގެގޮތުން ބަލާއިރު ސާދަ ސައްތަ އަހަރުގެ ރާސްތާއެއް އޮތްކަމުގައި ވިޔަސް، އަޅުގަނޑުމެން އިސްލާމްދީނަށް ނަސްރުހޯދަން މަސައްކަތްކުރާ ދުވަސްވަރާއި އިސްލާމްދީނުގެ ނަބިއްޔާ އެމަސައްކަތްޕުޅުކުރެއްވި ދުވަސްވަރުގެ ތަމައްދުނީ ޙާލަތާއި ސިޔާސީ އިޤްތިޞާދީ އަދި އިޖްތިމާޢީ ޙާލަތު ތަފާތުވިކަމުގައި ވިޔަސް މިމަސައްކަތަކީ އެއް މަސައްކަތެއް ކަމެވެ. އެއް މަސައްކަތެއްގެ ސިލްސިލާވުމެއް ކަމެވެ. އެހެނީ އިސްލާމްދީނުގެ ނަބިއްޔާ ރަސޫލުކަމާއިގެން ފޮނުއްވީ ވަކިދުވަސްވަރެއްގެ ވަކިބަޔެއްގެ ގާތަކަށް ނޫނެވެ. އެކަލޭގެފާނު ފޮނުއްވީ މުޅި އިންސާނިއްޔަތަށް މަގުދެއްކެވުމަށެވެ. އެކަލޭގެފާނަށްފަހު އެހެން ނަބީބޭކަލަކު ވަޑައެއްނުގަންނަވާނެއެވެ. އެހެންކަމުން އިސްލާމްދީނުގެ ނަބިއްޔާއަކީ މީލާދީން ހަވަނަ ޤަރްނުގެ ރަސޫލާކަމުގައި ހިމެނިވަޑައިގެންނެވިފަދައިން އެކާވީސްވަނަ ޤަރްނުގެވެސް ރަސޫލާއެވެ. ޤިޔާމަތާ ޖެހެންދެންވެސް މިޙަޤީޤަތް އޮންނާނީ މިގޮތަށެވެ. އެކަލޭގެފާނުގެ ޒަމާނުގައި އެކަލޭގެފާނުގެ ޤައުމަށާއި މުޅި އިންސާނިއްޔަތަށް އެކަލޭގެފާނު މުޚާޠަބުކުރެއްވިފަދައިން މިހާރުގެ މީސްތަކުންނާއި އަންނާން އޮތް ޖީލުތަކުގެ މީސްތަކުންނީ އެކަލޭގެފާނުގެ "ޤައުމެވެ." މިދެންނެވި އާދައިގެ ވާހަކަކޮޅަކީ ވަރަށްދުރަށް އޭގެނަތީޖާގެ އަސަރުފޯރާނެ ވާހަކަކޮޅެކެވެ. އިތުރުސާހިބާ އެކަލޭގެފާނުގެ ދައުރުގައި އެޒަމާނުގެ މީހުންގެ ގާތަށް އެކަލޭގެފާނުގެ ދަޢުވަތު ފޮނުއްވިފަދައިން މިހާރުގެ މީހުންނަށާއި އަންނަނިވި ޖީލުތަކުގެ މީހުންނާހަމަޔަށް އެކަލޭގެފާނުގެ ދަޢުވަތު ރައްދުވުމަކީ އެމީސްތަކުންގެ ޙައްޤެކެވެ.

ދެވަނަ ކަމަކީ އިސްލާމްދީނުގެ ނަބިއްޔާއަށް ލިބިވަޑައިގެންފައިވާ މާތްﷲގެ ރަސޫލާކަމުގެ ޙައިޘިއްޔަތު މިހާރުވެސް އަޅުގަނޑުމެންގެ މެދުގައި ދިރިދެމި އެބައޮތްކަމެވެ. އެހެނީ އެކަލޭގެފާނު ގެންނެވި ފޮތް އަޅުގަނޑުމެންގެ މެދުގައި އެބައޮތެވެ. އެކަލޭގެފާނުގެ ސީރަތާއި އުސްވަތު ދެމި އެބައޮތެވެ. އެކަލޭގެފާނު ގެންނެވި ދީން އެބައޮތެވެ. އެއަމާނާތްތަކާ ޙަވާލުކުރައްވައިފައިވާ އެކަލޭގެފާނުގެ އުއްމަތް އެބައޮތެވެ. އެހެންކަމުން މާތްﷲގެ ރަސޫލާގެ ޙައިޘިއްޔަތުން އިތުރުސާހިބާ އެކަލޭގެފާނުގެ ރަސޫލުކަމަށް ދަޢުވަތުދެއްވުމުގައި އަދާކުރެއްވި މިޝަން ކުރިޔަށް ގެންދިޔުމަކީ އެކަލޭގެފާނަށްފަހު އެކަލޭގެފާނުގެ އުއްމަތުގެ ޒިންމާއެކެވެ.

ތިންވަނަޔަށް ވިސްނައިލާންޖެހޭ ކަމަކީ ދަރަޖައިގެ ގޮތުން ބަލާއިރު މާތްﷲގެ އެއްކައުވަންތަކަން ޤަބޫލުކުރުމަކީ އިސްލާމީ ދިރިއުޅުމުގެ މަރުކަޒު ކަމުގައިވިޔަސް އެކަމުގެ ރޫޙު ކަމުގައިވިޔަސް ޙަޤީޤަތުގައި އެހިސާބަށް ފޯރަނީ ރަސޫލުކަމުގެ ދަޢުވަތުގެތެރެއިން ލައިފައި ކަމެވެ. އިތުރުސާހިބާގެ ޒަމާނުގައި އެކަލޭގެފާނު ދެއްވި ދަޢުވަތާ ވިދިގެން އިސްލާމްދީނާއި ޖާހިލިއްޔަތާ ދެމެދު އުފެދުނު "ތަހްޒީބުގެ އަރައިރުމުގައި" ވެސް އެންމެ ފުރަތަމަ އަދި އެންމެ ފަހުގެ ނިޔާކަނޑައެޅޭ ކަމަކަށް ވެފައިއޮތީ ރަސޫލުކަމުގެ ދަޢުވަތުގެ ޞައްޙަ ނުޞައްޙަކަމެވެ. އިސްލާމްދީނުގައި ހިމެނޭ އީމާންވާންޖެހޭ ހުރިހާ ކަމަކާ ހަމަޔަށް ވާޞިލުވެވެނީ އެކަންކަމަށް ދަޢުވަތުދޭ ފަރާތަކީ އެކަމުގެ ޙައްޤުއޮތް ފަރާތަކަށް ވެގެންނެވެ. އެދަޢުވަތުގައި ތެދުވެރި ފަރާތެއްކަމުގައި ވެގެންނެވެ. މާތްﷲއަށް އީމާންވުމުގެ ދަޢުވަތު ޙައްޤު ދަޢުވަތަކަށްވީ އެކަމަށް ދަޢުވަތުދެއްވި ރަސޫލާއަކީ ދޮގުވެރިޔަކަށް ނުވާތީއެވެ. ކީރިތި ޤުރްއާނަކީ ކުޑަވެސް ޝައްކެއްނެތި މާތްﷲގެ ކަލާމުފުޅު ކަމުގައިވީ މުޙައްމަދީ ރިސާލަތަކީ އެއްވެސް ޝައްކެއްނެތް ތެދުވެރި ރިސާލަތަކަށް ވާތީއެވެ. ޙަރާމާއި، ޙަލާލާއި، ވާޖިބާއި، ނަހީއާއި، ޢަޛާބާއި، ޘަވާބާއި، މިއިން ކޮންމެކަމެއްގެވެސް ނަޤުލީ ދަލީލަކީ ނަބަވީ ދޫފުޅުން ދެއްވައިފައިވާ ސަނަދެވެ. ޢަމަލުގެގޮތުން ބަލާއިރުވެސް ރިސާލަތަށް އީމާންވުމާއި، ރިސާލަތަށް ތަބާވުމަކީ މާތްﷲއަށް ތަބާވުމާއި އެކަލާނގެ ރަސްކަންފުޅާ ކުއްތަންވުމެވެ.

ހަތަރުވަނަޔަށް ވިސްނަންޖެހެނީ ދީނީ ދަޢުވަތާއި ޖިހާދުގެ ދަޢުވަތުގައިވެސް ރިސާލަތުގެ ދަޢުވަތަށް އޭގެ ޙައްޤު މަޤާމު ދިނުމަށެވެ. އެހެނީ ރަސޫލުކަމުގެ ދަޢުވަތު ޤަބޫލުނުކޮށް މާތްﷲއަށް އިޤްރާރުވި ކަމުގައިވިޔަސް އެއީ އެއްވެސް މާނައެއް އޮތްކަމެއް ނޫނެވެ. ޖުމްހޫރިއްޔަތާއި އިންސާނީ ޙައްޤުތަކުގެ ދަޢުވާ ޤަބޫލުކުރުމާ ދާދި އެއްކަހަލަ ކަމެކެވެ. ޔަހޫދީންނަކީ ﷲގެ އެއްކައުވަންތަކަމުގެ ޢަޤީދާ ގެންގުޅޭ ބައެކެވެ. ޢީސާއީންނަކީ ޓްރިނިޓީގެ "މަސްހުނި ރުނބަޔާ" އެކުވެސް މުވައްޙިދުންކަމުގައި ދަޢުވާކުރާ ބައެކެވެ. ނަމަވެސް އެބައިމީހުން މުޙައްމަދީ ރިސާލަތަށް އީމާންނުވާތީ އެބައިމީހުން ވެފައިވަނީ މަގުފުރެދިފައިވާ އަދި ކޯފާ ޙައްޤުވެފައިވާ ބަޔަކުކަމުގައެވެ.

ފަސްވަނަ ކަމަކީ މާތްﷲގެ ޙަޟުރަތުން ނަސުރުދެއްވުމާއި، ސަލާމަތްދެއްވުމާއި، މަތިވެރިކުރެއްވުމުގެ ވަޢުދުފުޅު އައިސްފައިވަނީވެސް ރަސޫލުންނާއި ރިސާލަތަށް އީމާންވާ މީހުންނަށްކަން ހަނދާންބެހެއްޓުމެވެ. އެބޭކަލުންގެ ފަހަތްޕުޅުން ހިނގާ މީހުންނަށްކަން ހަނދާންބެހެއްޓުމެވެ.

( وَلَقَدْ سَبَقَتْ كَلِمَتُنَا لِعِبَادِنَا الْمُرْسَلِينَ . إِنَّهُمْ لَهُمُ الْمَنصُورُونَ . وَإِنَّ جُندَنَا لَهُمُ الْغَالِبُونَ )

"ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އަޅުންކަމުގައިވާ ރަސޫލުންނަށް ތިމަންރަސްކަލާނގެ (ނަޞުރުދެއްވާނެ ކަމުގެ) ބަސްފުޅުވަނީ، އިސްވެގޮސްފައެވެ. ހަމަކަށަވަރުން، އެބޭކަލުންނީ، ހަމަ ނަޞުރުލިބިގެންވާ ބޭކަލުންނެވެ. އަދި ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ހަމަ ތިމަންރަސްކަލާނގެ ލަޝްކަރުކަން ކަށަވަރެވެ."
(އައްޞާއްފާތު: 171،172،173)

ފަތަޙަކުރަންވީ ހިތްތަކެވެ.


ޝައްކެއްވެސް ނެތެވެ. ތަހްޒީބުގެ ހަނގުރާމަ ކާމިޔާބުކުރެވޭނީ ހިތްތައް ފަތަޙަކޮށްގެންނެވެ. މިޒަމާނުގައި އިސްލާމްދީނާ ދެކޮޅަށް ހުޅަނގުން ކުރަން ތައްޔާރުވަމުންދާ ތަހްޒީބުގެ ހަނގުރާމައިގައި ކާމިޔާބު ހޯދޭނީ އިންސާނުންގެ ހިތްތަކާއި ވިސްނުން ފަތަޙަކޮށްގެންނެވެ. އިންސާނުންގެ ހިތްތަކާއި ސިކުނޑިތައް ފަތަޙަކުރެވޭނެ އޮތީ އެންމެ ގޮތެކެވެ. އެއީ މުޙައްމަދީ ރިސާލަތަކީ ތެދުވެރި ރިސާލަތެއްކަމަށް އީމާންވުމެވެ. އެކަލޭގެފާނުގެ ލޯބީން ހިތްތައްފުރާލުމެވެ. އެކަލޭގެފާނަށް ހިތުގެ އަޑީން އަހައިކިޔަމަންވުމެވެ. އެކަލޭގެފާނަށް އިޢުތިމާދުކޮށް އިތުބާރުކޮށްގެން ތިބެ އެކަލޭގެފާނު ދެއްކެވި މަގުގައި ހިނގުމެވެ. ކުރީންވެސް މުސްލިމުން މީސްތަކުންގެ ހިތްތައް ފަތަޙަކުރީ އެގޮތުންނެވެ. ތަހްޒީބުގެ ހަނގުރާމަތައް ކާމިޔާބުކުރީ އެވަސީލަތުންނެވެ.

އިސްލާމްދީނުގެ ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ، ޢާއިލީ ނިޒާމުގެ ފުރިހަމަކަން މީސްތަކުންނަށް ހާމަކޮށްދޭންވީއެވެ. ނަމަވެސް ހަނދުމަފުޅު ބަހައްޓަވާށެވެ. މިކަންކަމަކީ ހައްތާވެސް ފަސްގަނޑު ތައްޔާރުކުރުމެވެ. ބިން އެއްވަރުކުރުމެވެ. އެކަށީގެންވާ ވެއްޓެއް އުފެއްދުމެވެ. ބަޔަކު މިހުރިހާ ކަމެއް ޤަބޫލުކުރިކަމުގައިވިޔަސް މުޙައްމަދީ ރިސާލަތަށް އީމާންނުވާނަމަ ތަހްޒީބުގެ ހަނގުރާމައިގައި މުސްލިމުންނަކަށް ކާމިޔާބެއް ނުހޯދޭނެއެވެ. ހަނދުމަފުޅުކުރައްވާށެވެ. މިއަދުވެސް އިސްލާމްދީނަށް ތާރީފުކުރާ އެތައްބަޔަކު ޣައިރުމުސްލިމުންގެ ގޮތުގައިވެސް އެބަތިއްބެވެ. މުސްލިމުންގެ އާޓާއި ޢިމާރާތްކުރުމުގެ ފަންނާއި ރޫޙާނިއްޔަތަށް ސަނާކިޔާ އެތައްބަޔަކު އެބައުޅެއެވެ. ނަމަވެސް އެބައިމީހުން މުޙައްމަދީ ރިސާލަތަށް އީމާންވެ އެކަލޭގެފާނަށް ތަބާވާކަށެއް އެއްބަހެއް ނުވެއެވެ. އެހެންކަމުން އެބައިމީހުންނަކީ އިސްލާމްދީނުގެ އެހީތެރީން ކަމުގައްޔާއި ވާގިވެރީން ކަމުގައެއް ނުވެއެވެ.

އަޅުގަނޑުމެން ސާބިތުކޮށްދޭންވީއެވެ. އިސްލާމްދީނުގައިވެސް ޖުމްހޫރިއްޔަތުގެ އުސޫލުތައް އެބައޮތެވެ. އިސްލާމްދީން އެހެން މީހުންނަށްވުރެ މާބޮޑަށް އިންސާނީ ޙައްޤުތައް ކަށަވަރުކޮށްދެއެވެ. އިސްލާމްދީން އަންހެނުންނަށް ދީފައިވާ މަޤާމުގެ ބައިކުޅަބައިވެސް ހުޅަނގަކަށް ހޯދައެއްނުދެވެއެވެ. އިސްލާމްދީނުގައިވާ ޙައްދުތަކުގެ ނިޒާމަކީ އަނިޔާވެރި ނިޒާމެއް ނޫނެވެ. މާބޮޑަށްވެސް ޢަދުލުވެރި ނިޒާމެކެވެ. މިކަންކަމުން ހިތްތައް ފަތަޙަކުރުމުގެ އެކަށޭނަކަން އުފެދޭނެއެވެ. ނަމަވެސް ބައެއްގެ ބުއްދި މިކަންކަމަށް އިޢުތިރާފުވުމަށްވުރެ މުހިއްމީ އިސްލާމްދީނުގެ ނަބިއްޔާ ދެކެ ލޯބިވުމާއި އެކަލޭގެފާނަށް އިތުބާރުކުރުމެވެ.

އަޅުގަނޑުމެން ކުރާންވީ ކަމަކީ ރިސާލަތުގެ ދަޢުވަތު އަޅުގަނޑުމެންގެ އެޖެންޑާގެ އެންމެ ކުރިޔަށް ލުމެވެ. އެކަމަށްޓަކައި އެއްވެސް ޙިކުމަތު ޢަމަލީއެއް ނެތި ރަސޫލާއަށް އީމާންވާށޭ ގޮވަންވީކީ ނޫނެވެ. އެކަލޭގެފާނަކީ ތެދުވެރި ރަސޫލެއްކަން ޤަބޫލުނުކޮށްފިނަމަ ކުފުރުގެ ފަތުވާ ދޭންވީކީ ނޫނެވެ. ތިރީގައި މިދަންނަވަނީ މިރޮނގުން ކުރެވިދާނެ އބައެއް ކަންތައްތަކެވެ.

އާދެ، އަޅުގަނޑުމެން ކުރަންވީ ކަމަކީ ކައުސާހިބާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސީރަތުގެ ރީތިކަމާއި ފުރިހަމަކަން ދުނިޔެއަށް ހާމަކޮށްދިނުމެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގެ މަތިވެރިކަން ބަޔާންކޮށްދިނުމެވެ. އެކަލޭގެފާނުގެ ޚުލުޤުފުޅު ރީތިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ކޯފާމަޑުކަމާއި، ހިތްޕުޅުތިރިކަމާއި، ހިތްޕުޅުހެޔޮކަމާއި، މާފުކުރެއްވުމުގެ ބޮޑުކަން އޮޅުންފިލުވައިދިނުމެވެ. އިންސާނިއްޔަތަށްޓަކައި އެކަލޭގެފާނު ވެވަޑައިގެންނެވި ޤުރްބާނީ އަންގައިދިނުމެވެ. އެއްފަހަރަކު ދެފަހަރަކު ނޫނެވެ. ވީހާވެސް ގިނައެއްކޮށެވެ. އާއުސްލޫބުތަކާއި ޒަމާނީ ބަހުރުވަތަކުންނެވެ. ދުނިޔޭގެ ތަފާތު ބަސްބަހުންނެވެ. ޚާއްސަކޮށް މިކަންކަން ހުށަހަޅާންވީ އެކަލޭގެފާނަށް އެންމެ ބޮޑަށް އިޢުތިރާޟުކުރާ މީހުންގެ ކުރިމައްޗަށެވެ. އެކަލޭގެފާނާ އެންމެ ބޮޑަށް ދުޝްމިނުވެގެންއުޅޭ މީހުންނަށެވެ. ހަނދާންކުރަމާ ހިންގަވާށެވެ. އެކަލޭގެފާނުގެ އެކުވެރީން އެކަލޭގެފާނުގެ ދާވަނިކޮޅުގައި އެލިގެން އެތިބީ އެކަލޭގެފާނުގެ ހިތްޕުޅުމަޑުކަމާއި މީހުންދެކެ ވެވަޑައިގަންނަވާ ލޯބިފުޅުގެ ސަބަބުންނެވެ. ދުޝްމިނުންގެ ބަޔަކު އައިސް އެކަލޭގެފާނަށް އަޅުދާސްވާނީ އެކަލޭގެފާނުގެ ރީތި ޚުލުޤުފުޅު އޮޅުންފިލައިގެންނެވެ.

ދެވަނަ ކަމަކީ ޚާއްސަކޮށް އަޅުގަނޑުމެންގެ ތެރެއިން ދީނީ ދަޢުވަތާއިގެން މަޝްޣޫލުވެއުޅޭ މީހުން، ޢާއްމުކޮށް އެންމެހައި މުސްލިމުން އިތުރުސާހިބާގެ ޚުލުޤުފުޅުތަކާއި އުޅުއްވުމުގެ ނަމޫނާއަކަށްވުމެވެ. އަޅުގަނޑުމެންގެ މުޢާމަލާތަކުގައެވެ. ސުލޫކުގައްޔާއި، ބަސްމޮށުމުގައެވެ. ދިރިއުޅުމުގެ ހުރިހާ ފާޑުވެރިކަމެއްގައެވެ. އިތުރުސާހިބާގެ ޝަޚްޞިއްޔަތު ދުށުމަށްޓަކައި ހިލޭ މީހުންނަށް ހަމައެކަނި ފޮތްތަކުގެ ޞަފްޙާތަކުގެ ތެރެއަށް ދާން ނުޖެހޭ މިންވަރަށެވެ. ތަޤްރީރުތަކާއި ވީޑިއޯ/އޯޑިއޯ ޓޭޕްތައް ބަލައި އަޑުއަހަން ނުޖެހޭވަރަށެވެ. އަޅުގަނޑުމެން މުސްލިމުންކުރެ ކޮންމެމީހެއްގެ ކިބައިންވެސް އެކަލޭގެފާނުގެ ޙަޔާތްޕުޅުގެ މަލައެއް ފެންނަވަރަށެވެ. އަޅުގަނޑުމެންގެ ގޭތެރޭގެ ދިރިއުޅުމުންނާއި އިޖުތިމާޢީ ޙަރަކާތްތަކުންނެވެ. އަޅުގަނޑުމެންގެ މިސްކިތްތަކުންވެސް އެނަމޫނާތައް ތަމްސީލުކޮށްދީގެންނެވެ. އިތުރުސާހިބާގެ ދިރިއުޅުއްވުމާއި އެކަލޭގެފާނު ދެއްވި ދަޢުވަތުގެ ނޫރު ފަތުރައިގެންނެވެ.

ތިންވަނަ ކަމަކީ އިތުރުސާހިބާގެ ޝަޚްޞިއްޔަތު ދުނިޔެއަށް ހުށަހެޅުމުގައި ޙިކުމަތްތެރިކަމާއި ރިވެތި ނަޞޭޙަތުގެ މަގު ޚިޔާރުކުރުމެވެ. ބަޙުޘްކުރުމެއް ޖަދަލުކުރުމެއްނެތިއެވެ. އެކަލޭގެފާނުގެ ޝަޚްޞިއްޔަތުގައި އެޅުވޭ އިލްޒާމުތައް ފިލުވައިލުމުގައިވެސް މެއެވެ. ފަސާދައިގެ މޫތައް ފާހަގަކޮށް ބަޙުޘްކުރުމެއް ޒުވާބުކުރުމެއްނެތި އެމޫތައް އަމިއްލަޔަށް ބުރިބުރިވާގޮތަށް ވާހަކަތައް ބައްޓަންކުރުމެވެ.

ހަނދާންކުރަމާ ހިންގަވާށެވެ. އިތުރުސާހިބާ އެކިއެކި ދައުލަތްތަކަށާއި ރަށްރަށަށް އެކަލޭގެފާނުގެ ސަފީރުން ފޮނުއްވިއެވެ. މިއަދު އަޅުގަނޑުމެން އެތައް ސަތޭކަ މިލިއަން މުސްލިމުން އެކަލޭގެފާނުގެ ސަފީރުންކަމުގައި ވާންވީއެވެ. އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކީވެސް އެކަލޭގެފާނުގެ ފަތްކޮޅެއް ހިފައިގެން ހިލޭމީހުންގެ ގާތަށްދާ މީހަކަށް ވާންވީއެވެ. މިއީ އަޅުގަނޑުމެންގެ އުއްމަތާ ޙަވާލުކުރައްވައިފައިވާ އަމާނާތެކެވެ. އިތުރު ސާހިބާގެ ޙައްޖަތުލްވަދާޢުގެ ޚުޠުބާގައި އަޅުގަނޑުމެންނާ ޙަވާލުކުރައްވައިފައިވާ އަމާނާތެކެވެ. އަޅުގަނޑުމެންކުރެ ކޮންމެ މީހަކުވެސް މިރޮނގުން އަޅުގަނޑުމެންގެ ބޮލުގައި އެޅިފައިވާ މަސްއޫލިއްޔަތު އިޙްސާސްކުރަންވީއެވެ. ޒިންމާދާރުވާންވީއެވެ. އިތުރުސާހިބާ ގެންނެވި ދީން ހުށަހެޅުމަށް އަޅުގަނޑުމެން ބާރުއަޅާވަރަށް އެކަލޭގެފާނުގެ ޝަޚްޞިއްޔަތާއި، މަސައްކަތްޕުޅާއި، ރީތި އުސްވަތު ހުށަހަޅަންވެސް މަސައްކަތްކުރާންވީއެވެ.
 
ޝައްކެއްނެތެވެ. އެއަލިގަދަ ވޮށުގެ އަލިފޯރާ ކޮންމެހިތެއް އެކަލޭގެފާނުގެ ރިސާލަތު ޤަބޫލުކުރާނެއެވެ. އޭރުން ހައްތާވެސްދާނީ ތަހްޒީބުގެ ހަނގުރާމައިގައި އިތުރުސާހިބާގެ ދީނަށް ނަސުރުލިބުމުގެ އެކަށޭނަކަން ބޮޑުވަމުންނެވެ. މިއީ އަޅުގަނޑުމެން އެންމެންގެ ބޮލުގައި އެޅިފައިވާ ދަރަންޏެކެވެ. އަޅުގަނޑުމެންކުރެ ކޮންމެމީހަކުވެސް އެދަރަނީގެ ތެރެއިން އެމީހެއްގެ ޙިއްޞާ އަދާކުރަން އަވަސްވެގަންނަންވެއްޖެއެވެ.
---------
(ނިމުނީ)

ހަމަމިގަލަމުން

އިދާރާ

ވާހަކަ